ރާބެ

އިހުޒަމާނުގާ ރުކުރާއެޅުމަކީ އާމްދަނީއަށް މީހުންކޮށްއުޅޭ މަސައްކަތެކެވެ. ކޮންމެ ރަށެއްގެ މަގަކުންވެސް ރާބެއެއް ފެނިނުލާނުދާނެއެވެ. އެމީހުންނަކީ އަބަދުވެސް މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީގެން އުޅޭ ބައެކެވެ. އެމީހުން ކޮށްއުޅޭ ބުރަ މަސައްކަތަކީ ވަރަށް ހިތްވަރާއެކު ހުނަރުހުރި މީހަކަށް ކުރެވޭނެ މަސައްކަތެކެވެ.

މޫސަބެއަކީ އޭނާގެ ޅަ އުމުރުން ފަށާގެން ރާވެރިކަންކޮށް އާމްދަނީ ހޯދައިގެން އުޅޭ މީހެކެވެ. އަދި މަސައްކަތުގާ ކިތަންމެ ބުރަވިޔަސް ގަވައިދުން ވަގުތަށް ނަމާދަށްވެސްދާ މީހުން ދަންނަ ހެޔޮލާފާ މަޖާވެސް މީހެކެވެ. މޫސަބޭގެ އެ ޖަހާލާ ހިނިގަނޑަކުން އެންމެންވެސް އަބަދުވެސް ހެއްވާލާނެއެވެ. އެ އާދަޔާ ޙިލާފު ހިނިގަނޑު ޖަހާނުލާ އޭނާގެ އުޖޫރާގަވެސް އޭނާ ނުހިފާނެއެވެ. މޫސަބޭ އާއްމުކޮށް ރުކަށް ރާވެރިކަމު އަރާނީ ފަތިހުއެވެ. އަދި އޭނާގެ މަސައްކަތް އެއްކޮށް ނިންމަނީ މައްގްރިބް ނަމާދުވަގުތައްށެވެ.

ފަތިސްވުމުން މޫސަބޭ ރުކަށްއަރަންދިޔައެވެ. ބޯ ޖަންގަލިތެރޭގަ އެތައް ރުކެއްގާ މޫސަބެ އަޅާފާވާ ރާބަނދިތައްނަގާ ދުވަހުގެ މަސައްކަތްފެށުމަށް ހިތްވަރާ ޖޯޝާއެކު ކުރިޔަށްދިޔައެވެ. ތަންކޮޅަކަށް ދެވުންތަނާ މޫސަބޭއަށް ކުއްޖަކު ގޮވާލިއެވެ. ނަމަވެސް ފަހެތް އެނބުރި ބަލާލުމުން އެކަކުވެސް ނުފެނުނެވެ. އަނެއްކާވެސް ކުރިޔަށް ހިނގާގަތެވެ. އަނެއްކާވެސް އެކުއްޖަކު ގޮވާލިއެވެ. މޫސަބެ ހުރެލާފަ ބުނެލިއެވެ.

" އަޅޭ މިއޮދަފަ ފަތިހު މިއެއްޗެހިތައް ވަލަށްވަދެ ކޮންސަކަރާތެއް ގަންނާކަށްތައް. ކައްދާދިގޭ އާމިނާ އާ ރުއްފާން ".

މިހެންބުނުމުން އެ ދެކުދިން ނުކުމެ ހެމުން ބުނެލިއެވެ.

" މޫސަބޭއަށް ފިލާން ނޫޅެވޭނެ "

މުސަބޭ ހިނިތުންވުމާއެކު ރާބަނދިން ރާފޮދެއް ނަގާ ދެކުދިންނަށް ދިއްކޮލިއެވެ. އެ ބުއިމުގެ ބަދަލުގާވެސް ފުރުތަމަވެސް އެކުދިން މޫސަބޭގާ ބައްދާލާފާ ބުންޏެވެ.

" ތީ އަހަރެމެންގެ ދެވަނަ ބަފާ "

އެހެން ބުނުމުން މޫސަބޭގެ މަޖާ ހިނިގަނޑު ޖަހާލާފަ ބުންޏެވެ.

" ދެވަނަ ބަފާ ދުނިޔޭގާ ހުރިހާދުވަހު ތިކުދިންނަށް ހިލޭ ރާ ލިބޭނެ ".

އެއަށް ފަހު އެކުދިންނަށް ކުރުސި ކިޔާދިނުމަށް ފަހު ގެއަށް ފޮނުވާލާފައި މޫސަބެ ރާއެޅުމާގެން ކުރިޔަށްދިޔައެވެ. އެދުވަހު މަސައްކަތް ނިންމާފަ މަސްގަނެގެން ގެއަށް އައެވެ. ނަމަވެސް ދޮރުން ވަންނަން ދިމާކޮލިގަޑީ މިއޮތީ ބޮޑު ބުޅަލެކެވެ. މޫސަބޭ އަކީ ކިތަންމެ ހިއްވަރުގަދަ މީހަކަސް ބުޅާދެވެ ވަރަށް ބިރުގަންނަ މީހެކެވެ. މުސަބެ އެއްއަތުން މަސް ހިފާންހުރެ ބުޅާލާ ދިމާލަށް ބުންޏެވެ.

" ކަންތަކާޖެހުނީޔޭ މި މިއެއްޗަކާހެދި ނޯންނާނެ ގެއަށް ވަދެވޭކަށް ދާންއުލޭ މިތަނުން ދޭ "

ނަމަވެސް ބުޅާ މޫސަބެ ފަހަތުން ދުއްވާގެންފިއެވެ. މުނޑު ކޮޅަށްޖަހާން އެއްއަތުން މަސް ހިފާން އަޑުގެ ނެތްކޮޅަށް

" ދޭދޭ "

މިހެން ކިޔަމުން މުޅި ހިސާބު ދުވުމަށްފަހު އެހެން ގެޔެއްގެ ފާރުމަތިން އަރާން އައިސް ގެއަށް ވަނެވެ.

ކައްކާ ނިންމާފާ ކާން އިށީތަނުން މީހަކު އައިސް ދޮރުގާ ޓަކިދިނެވެ. ދޮރުހުޅުވާލިއިރު ކައްދާދި ދޮރުކުރިމަތީ ކަންބޮޑިވެފާ ހުރި މޫނަކާގެން ހުރިއެވެ. މޫސަބޭ ކިހިނެއްވީތޯ އަހާލުމުން ކައްދާދީ ރޮއެ ގަނެފަ ބުންޏެވެ.

" މަގޭ ދެދަރިން މޫސަބޭ ހޯދާށޯ ކިޔާފަ ވަލަށް ދިޔަގޮތައް ނާދޭ "

މޫސަބެ ކަތްދާދި ހަމަޔަކަށް އެޅުވުމަށް ފަހު ވަލުތެރެ ބަލަން ދިޔައެވެ. އަދި ވަކި ހިސާބަކަށް ދެވުނު ތަނާ ދެކުއްޖަކު މޫސަބޭ ރާ އަޅާ ރުކެއްކައިރި ތިއްބާ ފެނުނެވެ. އަރާ ހަމަވިތަނުން އެއީ ކައްދާދިގެ ދެކުދިންކަން އެނގުނެވެ. އެދެކުދިން ކައިރިއަށް ގޮސް މަންމަ ކަންބޮޑުވެގެން އުޅޭވާހަކަ ބުންޏެވެ. ނަމަވެސް އެދެކުދިން ޖަވާބެއް ނުދިނެވެ. ރުކުގާ އަތްވިއްދާލާފަ މޫސަބޭ ދެންޖަހާލީ އެއްކަލަ މަޖާ ހިނިގަނޑެވެ. ޖަހާލުމާއެކު އެދެކުދިން ހިނިފަޅާން ދިޔައެވެ.

" ކޮބާ ތާހިރުވެއްޖެނު ކާކު ބިރުގަންނާނެކަމަށް ތިއުޅެނީ "

އެކުދިން ގޮވާން މޫސަބޭ ވަލުން ނުކުމެގެން ގޮސް ކައްދާދިއާ ހަވާލު ކުރިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މޫސަބޭ އާދަޔާ ޙިލާފަށް ބަލިވިއެވެ. މިކަމާ ކަންބޮޑުވެ މީހެއް ކައިރިއަށް ދިޔުމުން އެނގުނީ މޫސަބޭއަށް މީހަކު ސިހުރުހަދާފަ ހުރިކަމެވެ. އެދުވަހު ވަރަށް ވިސްނިއެވެ. ނަމަވެސް ސިކުނޑިއަށް ހަމަ އެކައްޗެއްވެސް ނައެވެ. މޫސަބޭ ބަލިވެ ނުތެދުވެވޭވަރުވުމުން މޫސަބޭ ކަންތަކާ ހަވާލުވީ ކައްދާދީއެވެ. ކާންދީ ބޯންދީ ހުރިހާ ކަމެއް ކޮއްދީހަދައެވެ. ނަމަވެސް މޫސަބޭ އެއްވެސް ވަރަކަށް ރަނގަޅެނުވިއެވެ. މަރުބަލި އައިސް ލައިގަތްކަން އެނގިޖެއެވެ. ފަހުނޭވާ މައްޗަށް ޖެހިފާ އޮތްހާލު ކައްދާދީއަށް ބުނެލިއެވެ.

" މަ މިދުނިޔެއިން ވަކިވެގެން ދިޔުމުން ކައްދާދީގެ ދެދަރިންނަށް ރާ ފޮދެއްވެސް ދެންދޭނީ ފަހެ ކާކު "

ކައްދާދީ މޫސަބޭ އަތުގަ ހިފާން އިނދެ ރުޔެވެ.

" ކައްދާދީ އަހަރެން މަރުވުމުން އަހަރެން ރާއެޅީ ކޮންމެ ރުކެއް އެއީ ކައްދާދީއާ ކައްދާދީ ދަރިންގެ ހައްގެއް. އަދި މި ގޯތިވެސް ކައްދާދީއާ ދަރިންނަށް ހިބަކޮށް ދީފިން "

ކައްދާދީ މޫސަބޭ އަތުން މޫނު ނަގާލާފަ ނުބައި ހިނިގަނޑެއް ޖަހާލިމަށްފަހު ބުންޏެވެ.

" އޭ މޫސާ ކަލެއަށް ފަންޑިތަ ހެދީ އަހަރެން. އަހަރެން ގެ ދެ ދަރިން އެރުއްކައިރިއަށް ފޮނުވީވެސް އެހެންވެ. ނަމަވެސް މިއަދު ކަލޭ މަރުވަމުން އަހަންނަށް ހިބަކޮށް ދީފި ހުރިހާ އެއްޗެއް "

މޫސަބެ ފަހުނޭވާ ދޫކޮށްލަމުން ކައްދާދީއާ ދިމާލަށް ބުންޏެވެ.

"އަހަރެން ކަލެއަށް މާފު ދީފިން މި ދުނިޔެއަށްވުރެ އަހަންނަށް ސުވަރުގެ މާ މުހިއްމު "

މިހެން ބުނުމަށްފަހު ޝަހާދަތް ކީތަނުން މޫސަބޭގެ ފުރާނަ މިދުނިޔެއާ ވަކިވެގެން ހިނގައްޖެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

ނޯޓް : މޫސަބެ އަކީ އަޅުގަނޑު ކުޑައިރުއްސުރެ އަޅުގަނޑު ގޭގާ އުޅުން ރާވެރިބެއެކެވެ. މިވާހަކަ އަކީ އޭނާއަށް ބިނާކޮށް ލިޔެލި ވާހަކައެކެވެ. ﷲ سُبْحَانَهُ وَ تَعَالَى ލޯބިވާ މޫސަބެގެ ފުރާނައަށް ބަރަކާތް ލައްވާށެވެ.

މޫސަބޭދެކެ އަބަދުވެސް ލޯބިވާ އަބްދު ﷲ

    Please log in or register to bookmark.
    7k

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published.