ދެހާސް ތޭރަ ވަނަ އަހަރުއްސުރެ އާލިމް އާއި އަހަރެންނަކީ ގާތް ދެ އެކުވެރިންނެެވެ. ވަޒީފާގެ މަޤާމަށް ބަލާނަމަ އޭނާ އަކީ އަހަރެންގެ ޖޫނިއަރ އެކެވެ. ނަމަވެސް އަހަރެމެން ދެމީހުންގެ މެދުގައިވާ ގާތް އެކުވެރިކަމުގެ ގުޅުމުަކީ ވަޒީފާގެ މަސްރަޙުގެ ބޭރުގައިވެސް އެހާމެ ވަރުގަދަ ގުޅުމެކެވެ. އާލިމް އަކީ ސަކަ މިޒާޖެއްގެ ވެރިއެއް ކަމުން އޭނާ އާ އެކު އުޅޭ މީހުންގެ އަބަދުގެ ހާލަކީ ކޮންމެވެސް ކަމަކާ ހުނުން ކޮންޓްރޯލް ނުވެ ތިބެން ޖެހުމެވެ. އަހަރެމެންގެ ކޮފީ ތަކާއި މަސްދަތުރު ތަކުގެ ދިރުމަކީ އާލިމްއެވެ.
އާލިމް އާއި ސަނާ ލޯބީގެ ގޮތުން ގުޅުނުތާ މިވީ ހަތަރު އަހަރެވެ. ސަނާ ގެ ފަރާތުން އާނ ބަސް ލިބުމުން އުފަލުން އެންމެ ފުރަތަމަ އެވާހަކަ ހިއްސާކުރީ އަހަރެންނާއެވެ. އެކުވެރިޔާގެ އުފަލުގައި އަހަރެންވެސް ބައިވެރިވީމެވެ. ނަމަވެސް އޭނާގެ މޫނުމަތިން ކޮންމެވެސް ކަމެއްގެ ހާސްކަމެއް ފެނިގެން ދިޔުމުން އެކަމާ ސުވާލުކުރީމެވެ. އާލިމް އަކީ އޭނާގެ އިހުސާސްތައް ކަޝްފުކުރުމަށް މާ މޮޅުމީހެއް ނޫނެވެ. ހުޅުވާލާފައިވާ އޮތް ފޮތެކޭ އޭނާއެކޭ އެއްވަރެވެ. އޭނާގެ ސާދާ ކަމަށް އަހަރެން އަބަދުވެސް ތަޢުރީފު ކުރަމެވެ. ނަމަވެސް ބައެއް ފަހަރު ބޯ ހަރުކަމުން ރުޅި އަންނަ ފަހަރުވެސް ދިމާވެއެވެ. މިއީ އެކަހަލަ ދުވަހެއްގެ ތެރެއިން ދުވަހެކެވެ.
ހާ ހަކަށް ފަހަރު ސުވާލުކޮށްގެން އެންމެ ފަހުން އާލިމްގެ ހިތުގައި ކިލަނބުއަރުވަމުން ދާ ޚިޔާލުތައް ހިއްސާކޮށްފިއެވެ. ސަނާ އާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނުމުން ޗޮކެއް ކަނޑާލާފައި އަހަރެން ތި ދެން ހާސްވާން ވީ ވަރު ކަމެއްހެއްޔޭ އަހަރެން އެހީމެވެ. އާާލިމް ވިސްނަނީ ވަޒީފާއިން ކުރިއެރުމެއް ހޯދާށެވެ. ލިބޭ މުސާރަކޮޅު ބޮޑު ވެގެން ނޫނީ އާއިލާއެއް ނުފެށޭނެއެވެ. ކަންދިމާކުރި ގޮތުން އޮފީހުގައި އެދުވަސްކޮޅު ހުޅުވާލެވިފައިވާ މަޤާމަކަށް އޭނާ ކުރިމަތި ލިއެވެ. އިންޓަވިއު އަށް ވާންޖެހޭ ތައްޔާރީތަކުގައި އަހަރެން ވަރަށް އެހީވެދިނީމެވެ. ޕެނަލްގައި ތިބި ބައެއް މީހުންނަކީ އަހަރެންނާ އެއް ފަންތިއެއްގެ ބައެއް ކަމުން އެމީހުން ހޯދަން ބޭނުންވަނީ ކޮންކަހަލަ މީހެއްކަމާއި، ވަޒީފާއަށް ބޭނުންވަނީ ކޮން ކަހަލަ ޝަރުތުތަކެއް ކަން ހޯދީމެވެ. މިއީ އާލިމް ގާތު އަހަރެން ނުބުނާ ވާހަކައެކެވެ.
އިންޓަވިއު އިން ހޮވި އާލިމް އަށް ވަޒީފާގެ ކުރިއެެރުން ލިބިއްޖެއެވެ. ކުލަގަދަ ހަފްލާއަކާ އެކު ސަނާ އާއި އާލިމްގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ހުރިހާ ކަމެއްވެސް ހިނގަމުންދިޔައީ ވަރަށް އަމާން އޮމާން ކޮށެވެ. މިހެން ހުއްޓާ، އާލިމްގެ ރަށުގައި އޮތް އޭނާގެ ނަން މައްޗަށް ރަޖިސްޓްރީ ކުރެވިފައިވާ މުސްކުޅި ގޯއްޗެއް ވިއްކާލަން މީނާ ނިންމައިފިއެވެ. އެއާއިލާގެ ދެން ތިބި މެންބަރުންނާ ބޮޑު އަރާރުން ގަނޑަކަށް ގޮސް އެންމެ ފަހުން ގޮތް ނިންމީ ހަމަ އާލިމެވެ. ގެއަކީ އޭނާގެ ތަނަކަށް ވެފައި އޭނާ ބޭނުން ގޮތަކަށް ހެދުމުގެ އިޚްތިޔާރު ލިބިގެންވާކަަން އާއިލާ ކޯޅޭ މީހުންނަށް ހަނދުމަކޮށްދިނެވެ. މި ހާޖާންގަނޑު ތެރޭ އާއިލާ ބައިބައިވެ، އާލިމްގެ މައްޗަށް ހަސަދަވެރިވާ މީހުން ގިނަވެއްޖެއެވެ.
އެއްވެސް އިރެއްގައި އަހަރެންނަކީ ފަންޑިތައިގެ ކަންކަން ގަބޫލުކޮށް އުޅުނު މީހެއް ނޫނެވެ. ޖިންނިން ލައްވާ އިންސާންކު ކަންތައް ކުރަންވީ ވަކި ކޮންކަމެއް ހާސިލްކުރަން ހެއްޔެވެ؟ ނަމަވެސް ޖެހިގެން އައި ހަފްތާ ތެރޭ ފެންނަން ފެށި މަންޒަރުތަކުން އަހަރެންގެ މި ވިސްނުން މުޅިންހެން ބަދަލުކޮށްލައިފިއެވެ.
އާލިމް އޮފީހަށް ނައިސް ފޯނަށް ޖަވާބު ނުދީ ދުވަސްތަކެއް ވާތީ ކަންބޮޑުވެ ހުރެ ސަނާއަށް އަހަރެން ގުޅާލީމެވެ. ދެތިން ފަހަރު ގުޅުމުންވެސް ޖަވާބެއް ނުލިބުމުން އަހަރެންގެ ހާސްކަން އިތުރުވެ އެ ގެއަށް ޒިއާރަތެއްކޮށްލަން ނިންމީމެވެ. އަހަރެންނަކީ އަންގާނުލާ އެގެއަށް ދާ މީހެއްްވެސް ނޫނެވެ. ނަމަވެސް އާލިމްއަކީ ހަބަެރެއް ނުވެ ތިން ހަތަރު ދުވަސް ދުއްވާލާ މީހެއް ނޫންކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަރެންނަށް ޔަގީންވިއެވެ.
ގޭގެ ގޭޓުން ވަދެގެން އައި އިރު އެންމެ ފުރަތަމަ ފާހަގަވީ ގޭގައި އިންދާފައި ހުރި ހުރިހާ ގަސްތަކެއް ހިކި މުރަނަ ވެފައިވާ ކަމެވެ. އަހަރެން އަޖައިބުވިއެވެ. މީގެ ތިން ދުވަސް ކުރިން އަހަރެން މިގެއަށް އައީމެވެ. ނުލާހިކު ރީތި ކޮށް މި ގަސްތައް ހެދިފައިހުއްޓާ ދުށީމެވެ. ދެތިން ދުވަހު ފެން ނުދިނެކޭ ކިޔާ މިހާ އަވަހަށް މިލާ މޯޅިވޭ ހެއްޔެވެ؟ އެކަމާ އިތުރަށް ވިސްނަން ނުހުރެ އަހަރެން ހިނގައިގަތީ ގޭ ތެރެއަށެވެ.
ދެތިން ފަހަރު ދޮރުގައި ތެޅުމުންވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ހަތިޔާރު ބަހައްޓާ ގެއިން ނިކުންނަން އެޅި ފިޔަވަޅަށް ހުއްޓުމެއް އެރީ ދޮރު ހުޅުވުނު އަޑަށެވެ. ސަނާ މަޑުމަޑުން ދޮރުގެ ނިވަލުގައި ހުރެ ބޯ ދިއްކޮށްލިއެވެ. އެތެރެއަށް ވަންނަން ދަޢުވަތު ނުދިނުމުން އަހަރެން އާލިމް ކޮބައިތޯ ސުވާލުކުރީމެވެ. އެއާކު ސަނާގެ ތިރީ ތުންފަތް ތުރުތުރު އަޅަން ފެށިގޮތުން އަހަރެންނަށް ހީވީ ދެންމެ ދެންމެ ހޭރިގަނެފާނެހެންނެވެ. ވެގެން އުޅޭ ގޮތެއް އެނގެން ބޭނުންވާ ވާހަކަ ވަރަށް ކެތްތެރި ކަމާއެކު އަހަރެން ސަނާ ގާތު ބުނީމެވެ. އިރުކޮޅަކަށް ވިސްނަން ހުރެފައި އެއްވެސް ބަހެއް ނުބުނެ ގޭގެ ދޮރު ހުޅުވާލައިފިއެވެ.
މަޑުމަޑުން އަހަރެން އެތެރެއަށް ފިޔަވަޅެއް އެޅީމެވެ. އެއާއެކު ފުރަތަމަ ވެސް ދުވަން ފެށީ އެއްޗެއްް ފުޅަ އަޅާފައިވާ ވަހެވެ. ސަނާ ކައިރީ އެ ކޮން ވަހެއްތޯ އަހާކަށް އަހަރެންނަކަށް ނުކެރުނެވެ. އަހަރެންނަކީ ގެއަށް އައިސް އުޅޭ މެހެމާނެކެވެ. އާލިމާއި ކިތަންމެ ގާތަސް ސަނާ އަހަރެންނާ އަދި އެހާ ގާތެއް ނުވެެއެވެ. ހިނގަމުން ގޮސް އާލިމް މެންގެ ކޮޓަރި ދޮރާ ހަމައަށް ދެވިއްޖެއެވެ. ސަނާ ހުއްޓުން އަރާފައި ހުރުމުން ދޮރު ހުޅުވަން ގަސްތުކުރީ އަހަރެންނެވެ.
ދޮރުހުޅުވުމާއެކު އެންމެ ފުރަތަމަ އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ކަނަކަށް ވަދެ އިން އާލިމެވެ. އަމިއްލަ ނަޖިހުން ތަތްތެޅިފައެވެ. ސަނާ ބުނާ ގޮތުން ވިއްޔާ އޭނާ ގައިގައި މީހަކު އަތްލިޔަކަ ނުދެއެވެ. ކާ އެއްޗެއް ނުކައި ތިން ދުވަސް ވަންދެން އެ އިނީ ހަމަ އެ ކަނަށް ވަދެއެވެ. އަހަރެން އާލިމާއި ވާހަކަ ދެއްކޭތޯޯ ބެލީމެވެ. ނަމަވެސް އޭނާއަށް އަހަރެން ހުރިކަންވެސް ނޭނގޭ ކަހަލައެވެ. މުޅި ކޮޓަރިތެރެއިން ދުވާ ވަހުން ނޯއްދަމާލަން ނުކެރެއެވެ. އެންމެފަހުން ސަނާ އާއި އަހަރެން ކޮޓަރިތެރެއިން ނިކުމެއްޖައިމެވެ.
އާލިމް ގެ އާއިލާ މީހުންނާ އެ ކޯޅުން ގަނޑެއް ހިނގި ފަހުން ކަންތައް ގޯސްވާން ފެށި ވާހަކަ ސަނާ ކިޔައިދިނެވެ. ބިރުވެރި ހުވަފެންތަކެއް ފެނި ފެށި މިކަންތައްގަނޑު މިހާ ހިސާބަށް އައި އިރު އެ ގޭގެ އެއްވެސް މީހަކު ސަނާ ގެ އެއްވެސް ކޯލަކަށް ޖަވާބު ނުދޭ ވާހަކަވެސް ބުނެލިއެވެ. ވަރަށް ވިސްނާފައި އަަހަރެމެން ނިންމީ ފަންޑިތަ ހަދާ މީހަކާއި ވާހަކަދައްކާށެވެ. މިގޮތުން ހުކުރު ދުވަހަށް މީހަކު ހަމަޖައްސާފައި އަހަރެން ދިޔައީ ގެއަށެވެ.
ޖެހިގެން އައި ދުވަހު އަރައިގެން އައި އިރާއަކު ލިބުނު ޚަބަރަކުން އަހަރެން މުޅިން މާޔޫސްކޮށްލިއެވެ. އާލިމް ދަންޖެހުނު ޚަބަރެވެ. އަވަސް އަރުވާލާަފައި އެގެއަށް ދިޔައިރު ހިނެވުމުގެ ކަންތައް ކުރިއަށް ދަނީއެވެ. ސަނާ ހުރީ ގަބުކައިފައެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. މުޅި މީހާ ހުރީ އެހެން ދުނިޔެއެއްގައި ކަހަލައެވެ. އެތަނަށް އައިސް އުޅުނު ގިނަ ބައެއްގެ ފަރާތުން އަހަރެންނަށް އަޑުއިވުނު ގޮތުން އާލިމަށް ވަނީ ސިހުރުގެ ކަމަކާއި ކުރިމަތިލާން ޖެހިފައެވެ. އަައިސް ހުރި ރުޅީގައި އަހަރެން ފަންޑިތަ ހަދަން ގަސްތުކުރި މީހާ އަށް ގުޅާ މިކަމުގެ ހަގީގަތެއް ބަލައިދޭން ބުނީމެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް މިފަދަ ހާލެއް ޖެއްސި ބަޔަކު ހޯދައިގެން ނަމަވެސް ހައްގު އަދަބު ދޭނަމޭ ހިތާ ހިިތުން ކީމެވެ.
ހުރިހާ މައުލޫމާތެއް ހޯދުމަށްފަހު އޭނާ އަހަރެންނަށް ގުޅިއެވެ. އޭރު އަހަރެން އާލިމްގެ ކަށު ކަމާ ކެމީގެ ކަންތަކުން އަވަދިވެގެން އައިސް ގެއަށް ހަމަ ވަނީއެެވެ. އާލިމް އަށް ހުރީ ނުލަފާ ސިހުރެއް ޖެހިފަޔޯލައެވެ. އޭނާގެ އާއިލާމީހުންގެ ތެރެއިން މީހެއްގެ ކަމަކަށް ޝައްކުވާކަމާއި ވަކި މީހެއް ޔަގީނުން ބުނަން ދަތި ވާހަކަ އޭނާ ބުންޏެވެ. އަދި ސަނާ އަށް މިކަމުގެ ރޯޅި އެއް އައިސްދާނެ ވާހަކަ ވެސް އަހަރެން ގާތު ބުންޏެވެ.
އޭގެ ފަހުން، އެކުވެރިޔާ އަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައި އަހަރެން އޭނާގެ ހުވަފަތް ވި އަނބިމީހާގެ ކަންތައް ބަރާބަރަށް ބަލާ ހެދީމެވެ. ސިހުރުގެ ކަންތަކުން އޭނާ ރައްކާތެރިކުރުމަށް ކިޔެވެން އޮތް އެއްޗެއް ކިޔެވަދިނީމެވެ. އަދިވެސް ގަބޫލު ނުކުރެވޭ ކަމަކީ، މުދަލަށް ބަޔަކު މީހެއްގެ ފުރާނަ ނަގާލަފާނޭ ކަމެވެ. ބައެއް މީހުންގެ ހަމަ އިންސާނިއްޔަތު ކަން އެހާ ކުޑައީ ހެއްޔެވެ؟
- ނިމުނީ -
Vara reeti MI story
މީ ދައުވަތު ފިލްމުގެ ކޮޕީއެއް ތަ؟؟
ރޭ އެޅުވި ފިލްމުތަ؟ މި ވާހަކަ މިއޮތީ މިދިޔަ ހަފްތާގަ ޕޯސްޓްކޮށްފަ. ދައުވަތު މިއޮތީ ކޮޕީކޮށްފައެްނު އެހެންވީމަ
Varah aammu kameh
Mee hama sathey kaige vaahaka eh ?
Varah reethi assari bahaa saabas
Dhe vana bai beynun ??