Views: 18770 95

ފާތުން އަންނަންވާއިރަށް ލައިގެންހުރި އަންނައުނު ބަދަލުކޮށްލިއެވެ. ނިދަންލާ ޓީޝާޓާއި ހަރުވާޅަށް ބަދަލުކޮއްލިއެވެ. ހޭވިފައި އޮތް އިސްތަށިގަނޑު ފުނާއަޅާ އޮމާންކޮއްލިއެވެ. ބޮލު އިސްތަށިގަނޑު އޮޅާލާފައި ހުޅިއެއްޖަހަން އުޅެނިކޮން ދޮރުގައި ބޭރުން ޓަކިދިނެވެ. އިސްތަށިގަނޑު ދޫކޮއްލާފައި ލައިބާ ބެލީ އަވަހަށް ދޮރުހުޅުވޭތޯއެވެ. ލައިބާ ހީކުރީ ފާތުން އޭނާއަށް ބަތްޕެން ފޮދު ހިފައިގެން އައީ ކަމަށެވެ. އެހެނަސް ދޮރުހުޅުވާލުމާއެކު ލައިބާގެ މޫނުމަތިން ފެނުނީ ސިހުމެވެ. އިންތިހާ ހައިރާންކަމެވެ.

"ނަ...ނަވީން.." ލައިބާއަށް ނަވީންގެ ނަން ބުނެވުނީ ބޭއިޙްތިޔާރުގައެވެ. ލައިބާގެ މޫނަށް ބަލަހައްޓައިގެން ނަވީން ހުރީ ކަޅިވެސްޖަހާނުލައެވެ. ތުންފަތްމަތީގައި ހިނިތުންވުމެއްނެތަސް ނަވީންގެ ދެލޮލުން އެތަށް އެތަށް ސިގްނަލެއް ލައިބާއަށް ދިޔައީ ފޮނުވަމުންނެވެ. ލައިބާ އަވަސްއަވަހަށް ނަވީނަށް ފުރަގަސްދިނެވެ. ނިދަންލާ ބާޓީޝާޓްގައި ހުއްޓާ ފެނުމުން އޭނާ ރަކިވާގޮތްވިއެވެ.
"ލައިބާ ކިހިނެތް؟" ނަވީން ލައިބާގެ ހާލު އޮޅުން ފިލުވާލި ވަގުތު ލައިބާ ދެލޯމަރާ ބާރުކޮއްލިއެވެ.

"ކީއްކުރަން ތިއައީ...." ލައިބާ ލޮލުން ވެއްޓުނު ކަރުނަ ތިކި އަތުގެ ނުފުށުން ފޮހެލަމުން ބުނެލިއެވެ. ނަވީން ކުރި ސުވާލު ލައިބާ އިވުނު ކަމަކަށް ނުހަދައެވެ. ލައިބާއަށް މިހާރު ނަވީން ފެންނަނީ ވަރަށް ގޯސްމީހެއްގެ ސިފައިގައެވެ. ނަވީންގެ މަކަރުވެރިކަން ލައިބާ ނަވީން ދެކެވާ ލޯބި ކިލަނބުކޮއްލާފައިވާ ފަދައެވެ.

"ލައިބާ ކައިރިއަކަށް ނު....." ނަވީން ބެލީ ވީހާވެސް ފިނިކޮން ޖަވާބު ދެވޭތޯއެވެ.

" އަހަރެން އައިމަވެސް ލައިބާ އުފަލެއް ނުވޭތަ؟ ކީއްވެ ފުރަގަސްދީގެން ތިހިރީ......." ކޮނޑުގައި އަޅުވާފައިވާ ބަރުދަބަސް ނައްޓާލައި ބިންމަތީގައި ބެހެއްޓިއެވެ. ލައިބާ އާ ދިމާއަށް ދެ ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. ނަވީންގެ ނޭވާގެ ހޫނުކަން ލައިބާއަށް ފޯރާހާ ގާތުގައި ނަވީން މަޑުކޮށްލިއެވެ. ލައިބާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އިތުރު ހަރަކާތެއް ނުގެނެސް ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ލައިބާ ހުރީއެވެ.

" އަހަންނަށް ކަންތައް ކުރެވުނު ގޮތުން އަހަންނަށް އެނގޭ ލައިބާ އަހަންނާމެދު ހިތް ހެޔޮ ނުވާނެކަން........." ފަޓްލޫނު ޖީބަށް އަތްޖަހާލަމުން ނަވީން ދޫކޮއްލީ ފުންނޭވާއެކެވެ.

" އަހަންނަށް ރަނގަޅީ........ދެން ނަވީން އަހަރެން ފެންނަ ހިސާބުން ދުރަށް ދިޔައްޔާ......" ލައިބާގެ އަޑުގައި ހަރުކަށިކަމެއް ނެތެވެ. އެއަޑުގައިވަނީ އެހިތަށް ކޮއްފައިވާ ވޭނީ ހިތާމައިގެ އަސަރެވެ.

ނަވީނާއި ކުރިމަތިލާން ލައިބާގެ ނަފްސު ތައްޔާރެއް ނޫނެވެ. އެހެންވެ ލައިބާ ބޭނުންވީ ނަވީން އޭނާއަށް ނުފެންނަ ހިސާބުގައި ހުރުމަށެވެ.

"އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ އޭރުން......" ނަވީން މަސައްކަތްކުރީ ލައިބާއަށް ހަޤީޤަތް އޮޅުން ފިލުވައިދޭށެވެ.

"ޕްލީޒް.............އިހަށް ނަވީން މިތަނުން ގޮސްދީ ......." ލައިބާ އާދޭސްކުރިއެވެ. ކުރިން ލައިބާވެސް އުޅުނީ ނަވީން ނައިސްގެންނެވެ. ނަވީން ފެނުމުން މިހާރު އެއުޅެނީ ނަވީން ނުގޮސްގެންނެވެ. ލައިބާގެ އަމިއްލަ ހިތަށްވެސް އޭނާއާ ބާރު ނުފޯރުވެއެވެ. ކަންތައްކުރަންވީ ގޮތެއް އޭނާއަކަށް ނޭގެއެވެ.

މީހެއްގެ ފިޔަވަޅު އަޑަށް ނަވީން އެއްޗެއް ބުނަން އުޅެފައި ހިމޭންވެލިއެވެ. ދޮރާދިމާއަށް ނަވީން އެނބުރުނު އިރު ފާތުން އައިސް ދޮރުމަތީ ހުއްޓެނީއެވެ. ނަވީން ފެނިފައި ފާތުންނަށްވެސް ހައިރާންކަން ލިބުނެވެ. ފަހަރެއްގައިވެސް ނަވީން މިގޮތަށް ފެނިދާނެކަމަށް ޙުދު ފާތުންވެސް އުއްމީދެއް ނުކުރެއެވެ. ބިންމަތީގައި ބަހައްޓާފައި ހުރި ދަބަސް ނަގާގެން ނަވީން ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ނަވީން ނިކުތުމުން ފާތުން އުޅުނީ އެތެރެއަށް ވަންނާށެވެ.

"ފާތުން....." ނަވީންގެ އަޑަށް ފާތުން ހުރި ފިޔަވަޅުމަތީ މަޑުކޮއްލިއެވެ.

"ލައިބާ ކައިރީ ބުނެދީ އަހަރެން ލައިބާގެ އިންތިޒާރުގައި ބޭރުގަ....އެބައިނީމޭ....." ލައިބާއަށް އިވޭވަރަށް ފާތުން ކައިރީ ނަވީން އެހެން ބުނެފައި އެދެމީހުންނަށް ފުރުސަތު ދީފައި ނަވީން ނިކުތީ ބޭރަށެވެ. ލައިބާއަށް ނަވީން ދިޔަކަން ޔަގީން ވުމުން ދޮރާދިމާއަށް ބަލާލެވުނެވެ. އަދި ނަވީން ފެންނަން ނެތުމުން ދޮރާހަމައަށް ގޮސް ލައިބާއަށް ބޭރުވެސް ބަލާލެވުނެވެ. ފެންޑާގައި ފަނޑުފަނޑު އަލިކަމެއް ނޫނީ ނުވެއެވެ.

" ލައިބާ........." ފާތުންގެ އަޑަށް ލައިބާ ފާތުންގެ މޫނަށް ބަލާލިއެވެ. ކިހިނެތްހޭ ބުނާ ފަދައިން ފާތުން ލައިބާ ނިތް އެއްލިއެވެ.

"އަހަރެންނެތް ނަވީން ދައްކާ ވާހާކަ އަޑުއަހާ ހިތެއް؟" ލައިބާ އެހެން ބުނެލި ރާގުން ލައިބާ ނަވީނަށް އިތުބާރު ނުކުރާވަރު ފާތުންނަށް ޔަގީންވިއެވެ.

"އެކަމަކު އަޑުއެހީމަދޯ އެނގޭނީ......."

"ލައިބާދޯ ބުނީ ނަވީނަށް ކޮންމެވެސް މަޖްބޫރުކަމެއް އޮވެގެންވެސް ލައިބާއާ ކައިވެނިކޮއްދާނޭ...." ފާތުން ބޭނުންވީ ލައިބާއަށް ވިސްނައިދޭށެވެ. ލައިބާ ވަނީ ފާތުން ކައިރީ ނަވީނާ ނުލާ ނޫޅެވޭނެކަމަށް ބުނެފައެވެ. ވީއިރު ލައިބާވެސް ނަވީން އައުމުން އެގޮތަށްކަންތައް ކުރުމަކީ ފާތުންވެސް ރުހޭކަމެއް ނޫނެވެ.

"މިހިރީ ބަތްޕެންފޮދު....އުޅޭ ފިނި ނުވަނީސް ބަތްޕެން ފޮދެއް ބޯލަމާ...." ފާތުން ގެނައި ދެތަށި މޭޒުމަތީ ބަހައްޓަމުން އޭނާ ވާހަކަދެއްކިއެވެ. ފާތުން އިތުރަށް އެވާހަކަ ނުދައްކާ މަޑުޖެހިލީ ލައިބާ ކެވެންދެނެވެ. ލައިބާ ކާހިތްނެތް ނަމަވެސް ފާތުން ބުނީތީވެ ބަތްޕެން ފޮދެއް ބޮވޭތޯ އިށިއިނެވެ.

ނަވީން އޮތީ ބުލްބުލާގޭ ބޭރު ޖޯލީގައެވެ. ނިތްކުރިމަތީ އެއްއަތް ބާއްވައިގެން އޮތްއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުޑަށެވެ. ތަރިތަކުން ފުރާލާފައިވާ އުޑުމަތި ބަލާ ފޫހިނުވާނެއެވެ. ދޮރާށި ހުޅުވުން އަޑަށް އޭނާގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. އެތެރެއަށް ވަދެގެން އައީ ބަޝީރާއެވެ. ލައިބާގެ މަންމައެވެ.

"މަންމާ.......!" ނަވީން ބަޝީރާއަށް ގޮވާލިއެވެ. ބޭރު އަނދިރިކަމުން މީހަކު ޖޯލީގައި އޮތްކަން ބަޝީރާއަށް އެނގުނީ ނަވީން ގޮވާލުމުންނެވެ.

"އަ.....ނަވީނު" ބަޝީރާ ހުއްޓުނީ ނަވީން ކަމާމެދު ޔަޤީން ނުވެގެނެވެ.

"އާން މަންމާ ނަވީންއޭމި....." އޮށޯވެއޮތް ނަވީން ބޯހިތްލާލައި ޖޯލީގައި ހަމަޖެހިލިއެވެ.

"ލައިބާ އާ ދިމާވެއްޖެތަ؟" ބަޝީރާ ހިތް އުފަލުން ނަށާލިއެވެ. ނަވީން އައިތީއެވެ. މިވޭތުވެދިޔަ ތިން ދުވަހު ލައިބާ އުޅުނު ގޮތް އެންމެ ގާތުން ފެނުނު މީހަކީ ބަޝީރާއެވެ. ނުކައި ނުބޮއެ އުޅުނު ގޮތް ފެނުނީ އޭނާއަށެވެ. ނަވީން ފުރައިގެން ދިއުމުން ލައިބާގެ ލޮލުން ކަރުނަ ހިކޭ އެންމެ ވަގުތު ކޮޅެއްވެސް ބަޝީރާ ނުދެކެއެވެ.

"އާން ކޮޓަރީގަ އެބަ އުޅޭ ފާތުންނާ ދެމީހުން........." ނަވީން ޖަވާބު ދިނެވެ. ނަވީން އިނީ ކަންބޮޑުވެފައެވެ. ނަވީން އިތުރު އަންބަކު ހުންނަކަން ލައިބާ އޭނާގެ މަންމަޔަށް ކިޔާ ދީފައި އޮވެދާނެތީއެވެ.
"މަންމަ މިހިރީ ވަރަށް ކަންތައް ބޮޑުވެފަ ނަވީނަށް ލައިބާގެ ހާލު އަންގާނެ ގޮތެއް ނޭނގިފަ........" ބަޝީރާ ވާހަކަ ދެއްކީ ކޮޅަށް ހުރެއެވެ. ހުސްކޮން ހުރި ޖޯލީގައި އިށިއިނުމުގެ ހިޔާލެއް އޭނާގެ ނެތެވެ.
"ލައިބާއަށް ކިހިނެތްވީ......." ނަވީން އަހާލިއެވެ.

"ނަވީން ދިޔަފަހުން ލައިބާ އެއްޗެއް ކަނީކީ ނޫން......ކަމަކީ އަބަދު ރުއިން.......އަހަރެން ހުރީ ވަރަށް ކަންތައް ބޮޑުވެފަ ލައިބާ ހޮސްޕިޓަލްގަ ބާއްވަން ޖެހިދާނެތީ............" ބަޝީރާ ވާހަކަ ދެއްކި ގޮތުން އޭނާ ކަންބޮޑުވެފައިވާވަރު ނަވީނަށް އިހްސާސްކުރެވުނެވެ. އެހެނަސް ބުނަންވީ އެއްޗެއް ނަވީންގެ ދުލާ ހަމައަކަށް ނައެވެ.

"ބައްޕަ ކިހިނެތް މިހާރު.............." ބަޝީރާ އެތެރެއަށް ވަންނަން ހިނގައިގަންނަމުން އަހާލިއެވެ.

"ރަނގަޅު ރަނގަޅެއް ނޫން އަދިވެސް ހޮސްޕިޓަލްގަ އޮތީ......." ބަޝީރާ އެބަ އަންނަމޭ ބުނެވަނީ ގަނެގެން ގެނައި ލުނބޯ ކޮތަޅު އެތެރެއަށް ލާށެވެ.

ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނު ބަޝީރާ އާ ދިމާއަށް ލައިބާ އާއި ފާތުންނަށް ބަލާލެވުނީ އެކު އެކީގައެވެ.. އެހެނަސް ދެވަނަ ސިކުންތުގައި ލައިބާ އިސްޖަހާލީ އޭނާގެ މޫނު މަންމައަށް ނުދެއްކުމަށެވެ.
"ލުނބޯފަނިތައްޓެއް ހަދައިދެންތަ؟" އެއިން ގޮތަށް އިނދެ ލައިބާ ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

" ލައިބާ މިހާރު އަހަރެން ގެނައި ބަތްޕެންފޮދެއް ބޮނީއެ......" ލައިބާގެ ބޮލުގައި ފިރުމާލަމުން ފާތުން ބުނެލިއެވެ. ފާތުން ހުރީ ލައިބާ ކައިރީ ކޮޅަށެވެ.

"ދަރިފުޅާ ލައިބާ.........! ނަވީން އެބައޮތް ޖޯލީގަ........" ލައިބާ އަނގައަށް ލާން ނެގި ބަތްޕެން ސުވާވެސް ތަށިތެރެއަށް ދޫކޮށްލެވުނީ ބަޝީރާ ނަވީންގެ ވާހަކަ ފެށީމައެވެ.

"އަވަސްކޮއްލައިގެން ނަވީން ކައިރިއަށް ނިކުމޭ....އަދިވެސް ނަވީން ބައްޕަ އޮތީ ހޮސްޕިޓަލުގަޔޯ ލައިބާ ބަލައިކަންނޭގެ ދޯ އެއައީ........" އެއްފަހަރު ލައިބާއަށް އަނެއްފަހަރު ފާތުންނަށް ބަލާލަމުން ބަޝީރާ ބުނެލިއެވެ. އަދި އެހެން ބުނެފައި އޭނާ އެތަނުން ދުރަށްޖެހިލިއެވެ.

"ލައިބާ......" ފާތުން ލައިބާގެ ކޮނޑުގައި އަތްބާއްވަމުން ގޮވާލީ ލައިބާ އިސްޖަހާލައިގެން ފުންހިޔާލެއްތެރެއަށް ގެއްލިފައި އިންހެން ފާތުންނަށް ހީވެގެންނެވެ.

"ހޫން.....ކީކޭ؟" އެއިން ގޮތަށް އިނދެ، ލައިބާ ބުނެލިއެވެ.

"އަނެއް.........މީ މީ މީ.....ނަ.....ނަ............ނަ...ވީ.....ން ކައިރިއަށް..........." ފާތުންނަށް އެއްކޮން އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

"ހޫން އެއްޗެހި ބަދަލުކޮށްގެން މިދަނީ............"ލައިބާއަށް ފާތުން ބުނަން އުޅުނީ ކީކޭކަން އެނގުނެވެ. އެހެންވެ ލައިބާ ޖަވާބުދިނީ ނިކަން އަވަހަށެވެ. ކޮންމެ ގޮތެއްވިޔަސް ނަވީނަކީ މިހާރު ލައިބާގެ ފިރިމީހާއެވެ. އިތުރު އަންބަކު ހުރުމަކީ ފިރިމީހާ ކައިރިއަށް ނުދާން ދެއްކޭނެ އުޛުރެއް ނޫނެވެ. އަނެއްކޮޅުން ނަވީނާއި ލައިބާ ދެމެދު މައްސަލައެއް ޖެހިގެން އުޅޭކަން ބަޝީރާއަށް އަންގާކަށް ލައިބާއެއް ގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ފާތުން ގެނައި ތަށިތަކުގައި ލައިބާ މަތިޖަހާލުމުން ފާތުން އެތަށިތައް ހިފައިގެން އެކޮޓަރިން ނިކުތީ ހިތްހަމަޖެހިގެން ހުރެއެވެ.

***

އެދުވަހަށްފަހު ވޭތުވެގެން މިދާ ދެދުވަހުވެސް މާހިލް ކަންތައް ކުރީ ހަމައެހެންނެވެ. މަސައްކަތް ބުރަކަމުން އޮފީހުން ނުނިކުންނަމޭ ބުނިމީހާ ކޮންމެވެސް އަންހެންކުއްޖަކާއެކު އެގަޑީގައި ކޮންމެވެސް ރެސްޓޯރެންޓަކަށް ކާންދެއެވެ. އެތަން އަމިއްލަ ލޮލުން ދެކެފައިވެސް އެކަމާ ބެހޭގޮތުން ޗުއްޕުވެސް ބުނެލަން ނުކެރިފައި ސަޖާ ހުރީ މާހިލް ދެކެވާ ލޯތްބެއްގެ ސަބަބަންނެވެ. ނޫނީ ކޮންމެ ގޮތެއް ވަށިހަމަވެފައި މާހިލް ހެދިހައިގޮތެއް ހެދިގެން އޭނާ ހުންނަން ބޭނުންވަނީއެވެ. މާހިލާއި އެކަމާ ސުވާލު ނުކެރިޔަސް ސަޖާގެ އުޅުމަށް އައީ އެކަމުގެ ނޭދެވޭ އަސަރުކުރަމުންނެވެ. ކެއުމާއި ދުރުވެ އެކަނިހޭދަކުރާ ވަގުތުވަނީ މާބޮޑަށް އިތުރުވެފައެވެ.

"ސަޖާ....ސަޖާ....!" މަމްދޫހާގެ އަޑަށް ސަޖާ ދިޔައީ ސިއްސައިގެންނެވެ. މަމްދޫހާ އެތާހުންނަތާ ކިތަންމެ އިރެކެވެ. ޖޫސްތައްޓެއް ގިރައިގެން ސަޖާ ކާމޭޒުދޮށުގައި އިންނަތާ ކިތަންމެ އިރެކެވެ.
"ކިހިނެތް ވެފަ ތިއިނީ...........މިހާރު ސަޖާ އެއްރޭވެސް ނުކައި .....ކިހިނެތްތަ ތިހަދަނީ......." ސަޖާ އެއްގަޑިއަކުވެސް މިހާރު ރަނގަޅަކަށް ނުކެވެއެވެ. އެކަމަކު މަމްދޫހާއަށް އެނގޭނީ އޭނާ ރޭގަނޑު ނުކާކަމެވެ. އެހެން ކާގަޑިތަކުގައި ސަޖާ ގޭގައި އުޅޭނަމަ އެގަޑިތަކުގައިވެސް ކެއިންބުއިން ހުންނަ ގޮތުން މަމްދޫހާ ކަންބޮޑުވީސްކަން ޔަގީނެވެ.

"ކަމެއް ނުވޭ........ހަމަ އިނީ....." ގަދަކަމުން ހިނިތުންވެލާފައި ސަޖާ ޖޫސްތަށި ތުނބުގައި ޖެހިއެވެ. ބޭނުންވީ އަވަހަށް ޖޫސްތަށި ބޮއެގެން ކޮޓަރިއަށް ވަންނާށެވެ. އެހެނަސް ޖޫސްތަށި މެދާހަމައަށް ބޮވުންތަނާ އޯކަށްދެމެން ފެށުމުން ސަޖާ އަވަހަށް ޖެހިލީ އަތްދޮންނަތަށި ކައިރިއަށެވެ. ސަޖާއަށް ހޮޑުލެވުނުއިރު ދެލޮލުން ވަނީ ފެން އައިސްފައެވެ. ބަނޑަށް ތަދުވާންދެން އޯކަށްދެމުނުއިރު މީހާވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.

"އަވަހަށް ފެންފޮދެއް ބޯލާ.......ކިހިނެތްތަ ތިހެދީ..........." މަމްދޫހާ ސަޖާގެ ބުރަކަށީގައި އަތްހާކާލަމުން ބުނެލިއެވެ. އެފަދަ އަޅާލުމެއް މަމްދޫހާގެ ފަރާތުން އެގަޑީގައި ލިބުމުން ސަޖާ މަމްދޫހާއަށް ބަލާލީ ޝުކުރުވެރި ލޮލަކުންނެވެ. ފެންތަށީގައި ހިފާ އޭނާއަށް ބޯލެވުނީ ފެން ކޯވަރެކެވެ. އަނގަނުބައި ކަމުން އެފެންތަށި ހުސްކޮށްލާކަށް ނުކެރުނެވެ. ސަޖާ ވެފައިވާ ވަރުބަލިކަމުގައި ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ. ކެއުމާމެދު ފަރުވާ ކުޑަކުރެވިފައިވާވަރު ސަޖާއަށް އިޙްސާސްކޮށްލެވުނީ ހޮޑުލެވުމުން ހަށިގަނޑަށް ލިބުނު ވަރުބަލިކަމުންނެވެ.

******

ލައިބާ ކޮޓަރިން ނިކުތީ ކުރިން ލައިގެން ހުރި ވިލުނޫކުލައިގެ ހަރުވާޅު ހެދުމުގައެވެ. މޫނުމަތީގައި އެއްވެސް ކަހަލަ ދިރުމެއްނެތެވެ. ހީވަނީ ތާޒާމަލެއް ގަހުން ވަކިކޮށްލުމުން މޯޅިވެފައި އިން ހެނެވެ. ނަވީން އިށިއިނދެއިން ޖޯއްޔާ ހަމައަށް ލައިބާ ހިނގާފައި ދިޔައީ ލަސް ހިނގުމެކެވެ. ހީވަނީ ފިޔަވަޅު ގުނަމުން ދިޔަހެންނެވެ. ލައިބާގޮސް ނަވީން ކުރިމަތީ ހުއްޓުމުން ނަވީނަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. އެހެނަސް ނަވީންވެސް ހިމޭންކަން އިހްތިޔާރުކޮއް އޮތީ ލައިބާ އިސްވެ އަނގައިން ބުނޭތޯއެވެ. އެހެނަސް ލައިބާވެސް ހުރީ ދޫދޭކަހަލަ ގޮތަކަށް ނޫނެވެ. އޭނާގެ ކޮޅު ބަލިވާކަށް އޭނާ ނޭދެއެވެ. އިސްވެ ވާހަކަ ނުދައްކަން އަޒުމް ކަނޑައަޅާއިގެން ހުރީ ހުރިފިޔަވަޅުމަތިން ގުޑިވެސް ނުލައި ނިކަން ސާބިތުކަންމަތީގައެވެ.

"ހިނގާ ގެސްޓުހައުސްއަށް ދާން........." ނަވީން ކޮޅަށް ތެދުވެ ހިނގައިގަތީ ލައިބާ ބުނާ އެއްޗަކަށް ބަލައިވެސް ނުލައެވެ. ދިގުދަތުރެއް ކޮއްފައި އައުމުން ވެފައިވާ ވަރުބަލިކަމާއި ބަނޑުހައި ހޫނުކަމުން ނަވީނަށް މަޖްބޫރުވީ ހަތިޔާރު ބަހައްޓާށެވެ.

ނަވީންގެ ފަހަތުން ލައިބާ ހިނގައިގަތީ އަމިއްލަ ބާރަކުން ނޫނެވެ. ދަގައްފާނީ ބާރަކުންނެވެ. ހިތުގެ އެއްކަމެއްގައި ޝަކުވާއާއި ރުޅިވެރިކަން ވީނަމަވެސް ހަމަ އެހިތުގެ ނިކަންފޮނުގައި ލައިބާވަނީ ނަވީންގެ ލޯބި ރައްކާކޮއްފައެވެ. ގެސްޓުހައުސްއަށް ދެވެންދެންވެސް ދެމީހުންގެ ދެމެދުގައިވަނީ މަރުގެ ހިމޭންކަމެވެ. އެކަކުވެސް ބަސްބުނަން ބޭނުން ނުވާކަހަލައެވެ.

ނަވީން ގެސްޓްހައުސްއިން ހިފާފައިވަނީ ކުރިންވެސް އޭނާ އުޅުނު ރޫމެވެ. އެކޮޓަރިއަށް ވަދެވުމުން ލައިބާގެ ހަފަރާތުން ކައިވެނީގެ ފުރަތަމަރޭގެ ހަނދާންތައް އުނދަގޫކޮއްލިއެވެ. ހިތާ ދެކޮޅަށް ލައިބާ ގޮސް އެނދުގައި ފޫޖައްސާލީ އެއުފާވެރި ރޭ ހަނދާން އާކުރަން ބޭނުން ނުވާ ހާލުއެވެ.

ނަވީންގެ ދަބަހުން ނެގި ރަތްފިނިފެންމަލަށް ބަލާލާފައި އެނދުމަތީގައި އިށިއިނދެއިން ލައިބާއަށް ނަވީން ބަލާލިއެވެ. ލައިބާ ނަވީނަށް ފުރަގަސްދީގެން އިނުމުން ލައިބާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތަކެއް އޭނާއަކަށް ނުފެނެއެވެ. ނަވީންގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ. އެމާދިނުމުން ލައިބާގެ ރުޅިގަނޑު ފިނިވެދާނެކަމަށް ނަވީނަށް ހީވިއެވެ.

ލައިބާގެ ކުރިމައްޗަށް ނަވީން ހުއްޓުނީ އަތުގައި އޮތް ތާޒާ މަލަށް ބަލަން ހުރެއެވެ. ކުޑަކަކުމައްޗަށް ތިރިވި ނަވީން ލައިބާއަށް މާދިއްކޮށްލިއެވެ. ނަވީންގެ މޫނު ލައިބާގެ މޫނާއި ސީދާވިއިރު ލައިބާ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދެއެވެ. ލައިބާ ވަރަށް މަސައްކަތުން ދެލޯފޮހެމުން ދިޔައިރުވެސް ކަރުނަތައް ނަވީނަކަށް ސިއްރެއްނުކުރެވުނެވެ.

"އައިއޭމް ........ރިއަލީ ސޮރީ......" ނަވީންގެ ހިތްވެސް ވިރިގެންދާހާވެއެވެ. ކޮޅަށްތެދުވެ ލައިބާއަށް ފުރަގަސްދެވުނީ އަމިއްލަ ޖަޒްބާތުތައް ކޮންޓުރޯލް ނުވެދާނެތީއެވެ.

"ކީއްވެ އަހަންނަށް އޮޅުވާލީ............ކީއްވެ؟" ލައިބާއަށް ވާހަކަ ދައްކަން އުނދަގުވިއެވެ. ލައިބާގެ އަޑުއަހަން ނަވީނަށް އުނދަގޫވީއެވެ. އެފަކީރު ހިތަށްކޮށްފައިވާ އަސަރު ނަވީނަށް މާބޮޑަށްވެސް އިޙްސާސްކުރެވިއްޖެއެވެ.

"އަހަރެން ވަރަށް މަސައްކަތްކުރިން އެވާހަކަ ބުނަން އެކަމަކު ހިތްވަރެއް ނުލިބުނު........." ނަވީންގެ ވާހަކަތައް ގަބޫލުކުރުމަކީ މިހާރު ލައިބާއަށް ފަސޭހަކަމެއް ނޫނެވެ. ތުންފަތުގައި އަތްއަޅާލައިގެން ދެފަރާތަށް ބޯހޫރާލެވުނީ ނަވީން ދައްކާވާހަކަ ގަބޫލު ނުކުރަމޭ ބުނާ ފަދައިންނެވެ.

"އަހަ.....އަހަރެން ކުރާ ހަމަ އެންމެ ސުވާލެއްގެ ޖަވާބުދީ ..........." ދެލޯ މަރާ ބާރުކޮއްލަމުން ލައިބާ އެހެން ބުނެލީ ކޮޅަށްތެދުވަނުންނެވެ. ނަވީން ލައިބާއާ ކައިވެނިކުރީ ކޮން މަޤްސަދެއް އޮވެގެންތޯ ލައިބާ ބަލަން ބޭނުމެވެ.

" ހޫމް..........ކޮން ސުވާލެއް އަވަހަށް ބުނޭ......" ނަވީން ލައިބާގެ މޫނަށް ބަލާލަމުން އަހާލިއެވެ. ބޭރުފުށުން އޭނާ ހާސްވެފައި ހުރިހެން ހީނުވިޔަސް ނޭގޭ ބާރުމިނެއްގައި ނަވީންގެ ހިތްދިޔައީ ތެޅެމުންނެވެ.

"ނަވީން އަހަންނާ ދެއަންބަށް އިނީ ކޮން ބޭނުމެއް އޮވެގެން................؟" ލައިބާގެ އަޑުގައިވީ މޮޅިވެރިކަމެވެ. ނަވީން ވަރަށް ފުން ނަޒަރަކުން ލައިބާއަށް ބަލާލިއެވެ. އެސުވާލު ލައިބާ ކުރީތީ ނަވީން އުފާވިއެވެ.

"ވަރަށް ބޮޑު ބޭނުމަކު........"

"ދަރިއަކު ބޭނުން ވެގެން..............." ނަވީންގެ ދުލުން އިވުނީ ލައިބާ އިވިދާނެކަމަށް ފަހަރެއްގައިވެސް ހިތަށްވެސް އަރުވާފައި ނުވާ ޖަވާބެކެވެ. ލައިބާގެ އަނގަހުޅުވުނު ގޮތަށް ލައްޕާލަންވެސް ނޭގިފައި ހުރެވުނީ ލިބުނު ހައިރާން ކަމުންނެވެ.

~ ނުނިމޭ ~

ޚިޔާލު ފޮނުއްވާ