[simplicity-likes]
މިއީ ”ވާހަކަ މަންތްލީ ޗެލެންޖް“ގެ ފެބްރުއަރީ މަހުގެ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެވެ. މި ވާހަކަ ގަދަ ފަހެއްގައި ހިމަނަން ބޭނުންވާނަމަ ލަވްރިއެކްޓް ކޮށްލުން އެދެމެވެ. ވޯޓްލުމަށް ހުޅުވާލެވިފައިވަނީ މާރޗް 03 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
މެންދަމުން އަލިވެ ދޭއް ޖެހީއެވެ. އަދިވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ސިކުނޑީގައި ޖަމާވެފައިވާ ޚިޔާލުތަކުގެ ސަބަބުން ބޮލަށް ބަރުކަމެއް އިޙުސާސްކުރެވެއެވެ. ދޭތެރެއަކުން މޭގައި ދައުރުވެލާ ރިހުމެއްގެ ސަބަބުން ލޮލުން ކަރުނަ ފާއްދާލައެވެ. އަހަންނަށް އެހެން އޮވެވުނީ އިރުކޮޅަކުއެވެ. ބާލީސް މޫނުގައި އަޅައި ރޮއެގަނެވުނެވެ. ހިތުގެ އުދާސްތައް ބޭރުކޮށްލުމަށެވެ. ހުރިހާ ޝަކުވާއެއް ބަންޑުން ކޮށްލުމަށެވެ.
ގަޑިއިރެއްހާއިރު މިގޮތުގައި ވޭތުވުމަށްފަހު އަހަރެން ތެދުވެ ހަމަޖެހިލީމެވެ. މޫނު ފުހެލައި، ބާލީހަށް ނަޒަރު ހިންގާލީމެވެ. ގިނަ އިރުގަނޑަކު ރުއިމުގެ ސަބަބުން ބާލީސް ވަނީ ހިސާބަކަށް ތެމިފައެވެ. ނަމަވެސް..... މިތަން ބަލަން ހުރީ ވަކި ކާކު ހެއްޔެވެ؟ އަހަރެން މިގޮތަށް އިރު އަރަންދެން ރުޔަސް، އެނގޭނީ ކާކަށް ހެއްޔެވެ؟ އަމިއްލައަށް، ހަމައަކަށް އެޅުމަށްފަހު އަނެއްކާ ވެސް އޮށޯވެލީމެވެ. ރަނގަޅަށް ވިސްނާލާށެވެ. މި ނެގެން އުޅެނީ އެންމެ ރަނގަޅު ފިޔަވަޅުތޯ ޔަގީންކޮށްލާށެވެ. އެހިނދު އަހަރެންގެ ހަނދާނަށް އަންނަން ފެށީ، އަހަރެންގެ މާޒީއެވެ. އުފަލާ ހިތާމައިން އެކުވެފައިވާ، ހަޔާތުގެ ކުލަތަކެވެ.
****************
އުމުރުން އެންމެ 18 އަހަރުގައި އަހަރެން މާޒިން އާ ކައިވެނި ކުރީ ލޯބިންނެވެ. އުފާވެރި، ފާގަތި ހަޔާތެއް ވޭތުކުރުމުގެ ފޮނި އުންމީދުގައެވެ. އުމުރު ދުވަހަށް ޖަހާލެވުނު ގޮށެއް ފަދައިންނެވެ. ހަޔާތުގައި ދިމާވެދާނެ އެތަކެއް އަޑިގުޑަންތަކަކާމެދު ނުވިސްނޭ ހާލުއެވެ. ދިރިއުޅުމުގެ މައިދާނުގައި ދިމާވެދާނެ ހިތްދަތި ހާދިސާތަކުގެ ހިލަމެއް ނެތިއެވެ.
އަހަރެން ކައިވެނީގެ ހަޔާތް ވޭތުކުރަމުން ދިޔައީ ނުހަނު އުފަލާއެކުގައެވެ. މާޒިން އަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ރަނގަޅު ފިރިއޭ ބުނެ އަހަރެން އަބަދު ވެސް މާޒިންއަށް ހުޝާމަދުކުރަމެވެ. އަދި މާޒިންއަށް ޓަކައި ފަޚުރުވެރިވަމެވެ. މިއޮއްފަދަ ޒަމާނުގައި، މާޒިން ފަދަ "ކަށި ނުޖެހޭ ދޮން ލުނބޮލެއް" ލިބުނީމައެވެ. ނަމަވެސް އަހަންނަށް ނުވިސްނުނު ކަމަކީ، އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫންކަމެވެ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަނދިރި ފަރާތެއް ވާނެކަމެވެ. އަހަރެމެންނަށް ނޭނގުނު ކަމުގައިވިޔަސް ކަން އޮތީ މިފަދައިންނެވެ.
މާޒިން އަކީ، އަހަރެން އެންމެ ކުޑައިރުން ފެށިގެން ދަންނަ މޫނެކެވެ. އުޅެ ބޮޑުވީ އެއް ހިސާބެއްގައި ކަމުން، އަހަންނަށް ނޭނގޭ ކަމެއް މާޒިންގެ ނޯންނާނެއެވެ. އިތުރު ކަމަކާ އަހަރެން ހާސް ނުވަނީ އެހެންވެއެވެ.
މާމުއި ހަނދުގެ ދުވަސްތަކަށް ފަހު އަހަރެން އޮފީހަށް ނުކުތީ އެއް މަސް ފަހުންނެވެ. އޮފީހަށް ނުކުތް ފުރަތަމަ ދުވަސްކަމުން، މަސައްކަތްތައް ފުނިޖެހިފައި ހުއްޓެވެ. އެހެން ނަމަވެސް މަސައްކަތުގައި އަވަދިނެތި އުޅެން ފެށީ ހިނިތުންވެ ހުރެއެވެ. މަސައްކަތަކަށް ފަހު މަސައްކަތެއް ނިންމަމުން ދިއުމަށް ގަސްތުކޮށްގެންނެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންކަމުން، އަޅާނުލާ އަނެއްކާ ވެސް މަސައްކަތުގައި މަސްއޫލުވެލީމެވެ. ނަމަވެސް ވައިބަރުން ފުލުފުލުގައި މެސެޖްތަކެއް އައުމުން، މަސައްކަތް މަޑުޖައްސާލުމަށް ފަހު ފޯނަށް ސަމާލުކަން ދިނީމެވެ. ހުރހާ މެސެޖްތަކެއް ކިޔާ ނިމުނުއިރު އަހަރެންގެ ދެލޯ ބޮޑުވެއްޖެއެވެ. މިއީ ހަމަ ރަނގަޅަށް ވެސް ހަޤީޤަތެއް ބާވައޭ ހިތަށް އެރިއެވެ. އިންތަނުން ތެދުވެ، މެސެޖްގައިވާ ރެސްޓޯރެންޓާ ދިމާލަށް ދާން އަހަންނަށް މިސްރާބު ޖެހުނީ، ފެނުނު ތަސްވީރެއްގެ ސަބަބުންނެވެ. އެއީ އިތުރަށް މީހެއް އޮޅުންފިލުވައިދޭން ޖެހޭނެ ތަސްވީރެއް ނޫނެވެ.
'ސޭންޑްވިޗް ބަރ' އަށް އަހަރެން ވަނީ، އަހަންނަށް މެސެޖް ކުރި ފަރާތުން އެ ތާނގައި ބައްދަލު ކޮށްލަން އެދުނީމައެވެ. އޭނަޔާ ބައްދަލުކޮށްލަން އަހަރެން ވެސް ބޭނުންވެފައިވާލެއް ބޮޑުކަމުން މެއެވެ. ދޮރުން އެތެރެއަށް ވަން ތަނުން، ނޫކަށި ޒުވާން އަންހެންކުއްޖެއް އަހަންނަށް ހަނާ އަޅާލިއެވެ. މަޑު ހިނގުމެއްގައި އަހަރެން އެ ދިމާއަށް ގޮސް އިށީނދެ ހަމަޖެހިލީމެވެ. އެ ހިސާބުން އެ އަންހެން ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ހަމަ އިނީއެވެ. އޭނާގެ ދުލުން ނުކުންނަ ކޮންމެ ޖުމްލައަކީ އަހަރެންގެ ހިތް ޒަޚަމް ކޮށްލާ ފަދަ ބަސްތަކެކެވެ. ވަރަށް ގިނަ ވާހަކަ ދެއްކުމަށް ފަހު އަހަންނަށް ފޮޓޯތަކެއް ވެސް ދެއްކިއެވެ. އެ ހިސާބުން އޯޑަރު ދިން ސޭންޑްވިޗް ނިމުނުކަމުގައި ވިޔަސް އަހަންނަށް ކާނެ ހިތްވަރެއް ނުލިބުނެވެ. އަރު ބެދިފައިވާ ކަހަލައެވެ. ކުޑަމިނުން ފެން ފޮދެއް ވެސް ނުދިރުނެވެ. ގެއަށް ދާން ނިކުންނަމުން މާޒިންއަށް ގުޅުނު އަދަދެއް ވެސް ނޭނގެއެވެ. މާޒިން އޮންނާނީ ނިދާފައިކަން އެނގިހުރެއެވެ. އައިސްފައިވާ ރުޅިއާއި ވެފައިވާ ދެރައިން، ގެއަށް ދިއުމުގެ ބަދަލުގައި ހެދި ގޮނޑުދޮށާ ދިމާއަށް މިސްރާބު ޖެހީމެވެ. އަހަރެންގެ ފޯނުގައިވާ ފޮޓޯތައް މާޒިންއަށް ފޮނުވުމަށް ފަހު، ފޯނު ވެސް ނިއްވާލާފައެވެ.
އޮއްސެމުން ދިޔަ އިރަށް ބަލަން އިންއިރު، އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ. މެންދުރުން ފެށިގެން ނުކައި ހުރުމުގެ ސަބަބުން ބަނޑުހައިވެފައި ވަނީ އިންތިހާއަށެވެ. ނަމަވެސް އެ ވޭނަށްވުރެ ހިތުގައި އަޅާ ވޭން ގަދައެވެ. އަހަރެން ގެއަށް ނުދިޔަޔަސް، އަހަރެން ހޯދަން މާޒިންއެއް ނުނިކުންނާނެއެވެ. އާދޭސް ކުރުން އެއީ މާޒިންގެ ވައްތަރެއް ނޫނެވެ. އަހަރެން ގެއަށްދާން ހިނގައިގަތީ، ކުދިކުދިވެފައިވާ ހިތަކާއިގެންނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު، ޑްރެސިންގް ޓޭބަލް ކައިރީ ހުރި މާޒިން އަހަންނާ ދިމާއަށް ބަލައިލިއެވެ. މާޒިން އަހަރެން ދެކެ ވާ ލޯބި އެ ލޮލުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަން ހުއްޓެވެ. އަދި ވެފައިވާ ދެރައާއި، ގޮތް ހުސްވެފައިވާ އެ މޫނު ފެނުނު ކޮންމެ މީހެއްގެ ދީލަތިކަމުގެ ފިޔަ ވެސް ރިތިކޮށްލާނެއެވެ. ނަމަވެސް އަހަންނަށް މި ވަގުތު އެއިން އެއް ކަމަކުން ވެސް އަސަރެއް ނުކުރިއެވެ. "ކީއްވެ އަހަންނަށް އޮޅުވާލީ؟ ދޮގުހެދީ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަންނަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލިއިރު، އަހަރެންގެ ހިތަށް ކުރާނެ އަސަރަކާމެދު އެއް ފަހަރު ވެސް ވިސްނާލިންތަ؟ ތީ އަހަރެން ކުރި ކޮން ކުށެއްގެ އަދަބެއް؟" އަހަރެންގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް އެއްފަހަރާ މާޒިންގެ ކުރިމައްޗަށް ބަންޑުން ކޮށްލީމެވެ. މާޒިން ހަމަ އަނގައިން ވެސް ނުބުނެ ހުރީއެވެ. މި ހިސާބުން އަހަރެން ކަންތައް ކުރާނެގޮތް ވަރަށް ރަނގަޅަށް މާޒިންއަށް އެނގޭނެއެވެ. އެއީ އަހަރެންގެ ގޮތް އެނގޭތީއެވެ.
އަހަރެން ކޮންމެހެން ބޭނުންކުރާ ތަކެތި ހިފައިގެން މަންމަ ކައިރިއަށް ދިޔައީ މާޒިން އާއެކު އުޅެން ބޭނުން ނުވާތީއެވެ. މަޑުކުރުމަށް މާޒިން ކުރި އާދޭހަށް ބީރު ކަންފަތެއް ދެމުންނެވެ. އަހަންނާ އިނދެގެންހުރެ އެހެން އަންހެން ކުއްޖެއް ކައިރިއަށް ދިޔައީތީއެވެ. އަދި އެކަން ސިއްރު ކުރީތީއެވެ. ދޮގުހަދާ އޮޅުވާލާ މީހުންނާއެކު އުޅެން އަހަރެން ބޭނުމެއް ނޫނެވެ. ސަބަބަކީ އަހަރެންވެސް މީހުނަށް އޮޅުވާ ނުލާތީއެވެ.
**************
މާޒީގެ ތެރެއަށް ގެއްލިފައި އޮތް އަހަރެން ސިއްސައިގެން ދިޔައީ ގުގުރާލީމައެވެ. އެކަން މާބޮޑު ކަމަކަށް ނަހަދާ އަހަރެންނަށް ވިސްނާލެވުނީ، ދެން ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ. މާޒިން އަހަންނަށް ބޭވަފާތެރި ވީއެވެ. ނަމަވެސް އަހަންނަށް މާޒިން މަތިން އެހާ ފަސޭހައިން ހަނދާން ނައްތާލާނީ ކިހިނެތް ހެއްޔެވެ؟ އެއީ އަހަރެންގެ އަލަތު ފިރިމީހާއެވެ. އެކުގައި އުޅުމަށްފަހު ވަކިވާން ޖެހުމުން ކުރެވޭނެ އިހުސާސް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އަހަރެން ކަހަލަ، ވަރިވެފައިވާ އަންބަކަށެވެ. އެންމެ ސިކުންތެއް ވެސް މާޒިން އާ ނުލާ ވޭތު ކުރުމަކީ އަހަންނަށް ތަހައްމަލް ކުރަން ދަތި ވޭނެކެވެ. އެކަމަކުން އަރައި ނުގަނެވޭނެފަދަ އަޑިގަނޑެކެވެ.
އަހަރެންގެ ހިތާ އަހަންނަށް ސުވާލުކުރެވުނެވެ. މާޒިންއަށް ދެވަނަ ފުރުސަތެއް ދޭންވީ ހެއްޔެވެ؟ އޭނައަށް ދެވަނަ ފުރުސަތެއް ހައްގު ބާވައެވެ؟ ނުވާންވީ ކީއްވެ ހެއްޔެވެ؟ މާޒިންއަކީ ވެސް އިންސާނެކެވެ. ކުށް ކުރެވޭނީ އިންސާނުންނަށެވެ. އަހަރެމެން އެތައް ހާސް ކުށެއް ކުރުމަށްފަހު ތައުބާ ވުމުން ވެސް، ﷲގެ އޯގާވަންތަކަމުން އެ ފާފަތައް ފުއްސަވައެވެ. ދެން އަހަރެން ކަހަލަ ނިކަމެތި އިންސާނެއް އަހަރެން ކައިރިން މާފަށް އެދުމުން، މާފު ނުކޮށް ބޮޑާ ވާންވީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟
އަހަރެން މާޒިންއަށް މާފު ކުރީމެވެ. އަދި އަލުން އާ ހަޔާތެއް ފެށީމެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. ހީނުކުރާ ކިތަންމެކަމެއް ދުނިޔޭގައި އަހަރެމެންނަށް ކުރިމަތިވާނެއެވެ. އެކަންކަން ހައްލުކޮށް، ކުރިއަށް ދިއުމަކީ އެންމެ ބުއްދިވެރިގޮތެވެ. މާޒިން ވެސް ކަންތައް ކުރީ އެގޮތަށެވެ. ދެވަނަ ފުރުސަތެއްގެ ދަށުންނެވެ.
-ނިމުނީ-
ވަރަށް އިބްރަތްތެރި ވާހަކައެއް 🙂
ޝުކުރިއްޔާ!
ހާދާހާ ފުރިހަމައޭ........😊
އަޅުގަނޑަށް ވަރަށް ކަމުދޭ
ވަރަށް ރީތި ވާހަކައެއް.... މާޝާ ﷲ ވަރަށް ފުރިހަމަ 🖤
ވަރަށް ރީތި 🙂މާޝާ އަލޯހު