Views: 8552 104

"ނަވީން.....ބުނޭތީ ދޮގެކޭ....." ދޮރާދިމާއިން އިވުނު އަޑުން ނަވީންގެ ހަތަރެސްފައި ރޫރޫ އަޅާއިގެންދިޔައެވެ. އެއަޑުގައިވަނީ ވޭނީ އާދޭހެވެ. ނަވީންގެ ދުލުން އެބުނިބަސްތަކަކީ ދޮގަކަށްވާން އޭނާ ނުހަނު ބޭނުންކަން ފިލިތަކަށް ދަމާލިގޮތުން ޔަގީންކުރެވެއެވެ. ކޮޓަރީގެ ދޮރުހުޅުވިކަން އޭނާއަކަށް ނޭގެއެވެ. ނިކަން ނުކެރި ހުރެފައި ނަވީން ދޮރާދިމާއަށް ބަލާލިއެވެ. ކޮންމެ ގޮތެއްވިޔަސް ދެން ނަވީނަށް ޖެހޭނީ މިހަގީގަތާއި ކުރިމަތިލާށެވެ.

"އެކަމަކު ނަވީނަކަށް ނޫންތަ ކުދިން ނުލިބެނީ......" ސަރުމީލާގެ އަޑުން އޭނާ ހައިރާންވެފައިވާވަރު އެނގެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ޖޫލީ ބުނިގޮތުން ކުދިން ނުލިބެނީ ނަވީނަށެވެ.

"ހޫން....ޖޫލީއަށް އެނގިފަ އޮންނާނީ އަހަންނަށް ކުދިން ނުލިބޭކަމަށް....އެކަމަކު އެއީ ހަގީގަތެއް ނޫން....." ނަވީންގެ ކުރިމަތިން ފެންނަން ހުރި ޖަލީލާއި ސަރުމީލާގެ މޫނަށް ބަލަން ނަވީނަށް އުނދަގޫވިއެވެ. ހަޤީގަތް އެދެމަފިރިން އަޑުއަހަން އުނދަގޫވާނެވަރު ނަވީނަށް ކިތަންމެ ރަނގަޅަކަށްވެސް އިހްސާސްކުރެވެއެވެ. އެހެނަސް އެމީހުންނަށް އޮޅުވާލުމަކީ ރަނގަޅު ގޮތަކަށް ނުވާތީ ނަވީން އެވާހަކަ ބުނީއެވެ.

ސަރުމީލާ މޫނުމަތީގައި ދެއަތް އަޅާއިގެން އަޑުން އަޑުނަގާ ރޯންފެށިއެވެ. ރޯންފެށުމުން ޖަލީލް ސަރުމީލާ ގޮނޑިއެއްގައި ބޭންދިއެވެ. ނަވީނަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ނުކެރުނެވެ. ޖަލީލްގެ މޫނުމަތީގައި އެހުރި ކުލަވަރު ނަވީނަށް ތަރުޖަމާކުރާކަށްނޭގުނެވެ. ޖަލީލް އަވަސްވީ ސަރުމީލާ ހަމައަކަށް އަޅުވާށެވެ. ހޮސްޕިޓަލަށް މިހާ ފަތިހުފަތިހާ އެދެމަފިރިން އެވަނީ ފަހަރެއްގައިވެސް މިފަދަ ހިތްދަތި ޙަބަރެއް ލިބިދާނެ ކަމަކަށްނޫނެވެ. ނިޒާރަކީ ޖަލީލްގެ އެންމެގާތް އެކުވެރިޔާއަށްވެފައި އޭނާގެ ހާލުބަލާލަން ހޮސްޕިޓަލަށް އައީ އެއަރޕޯޓުން ގެއަށް ދިޔަ މަގުމަތީގައެވެ.

"ނަ....ވީން...." ސަރުމީލާގެ އަޑުކުރެހުނެވެ. ހިތްދަތިވެފައިވާވަރުން ވާހަކަދައްކަން އޭނާއަށް އުނދަގޫވިއެވެ. އިރުއިރުކޮޅާ ކުޑަރުމާލުން ލޯފޮހެލިއަސް ހުއްޓުމެއްނެތި ކަރުނަތައް ދިޔައީ އެދެލޮލުން ފައިބަމުންނެވެ.

"މަންމާ....ބައްޕާ....ދުވެހެއްގައިވެސް މިހަގީގަތް ޖޫލީއަށް ނާންގާތި....." ފަޓްލޫނުގެ ދެޖީބަށް އަތްކޮއްޕާލަމުން ހަށިފުރާނޭވާއެއް ނަވީން ދޫކޮށްލިއެވެ. ޖޫލީއަށް މިހަގީގަތާއި ކުރިމަތިލާނެހާ ހިތްވަރެއް ނުހުންނާނެއެވެ. ޖޫލީއަށް އޭނާއަށް ކުދިން ނުލިބޭކަން އެނގިއްޖެއްޔާ ވާނެގޮތް ނަވީނަށް އަންދާޒާކޮށްލަންވެސް ނޭގެއެވެ.

"ޖޫލީއަށް ކުދިން ނުލިބެޔޭ ކިޔާފަ އަހަރެން ޖޫލީ ބާކީއެއް ނުކުރާންނަން....މުޅި އުމުރުގައިވެސް ޖޫލީ ހުންނާނީ އަހަރެންގެ އަންބެއްގެ ގޮތުގައި....." ޖަލީލް މޫނުމަތިން ހިނިތުންވުން ނުފެނުނަސް ނަވީނަށް ބަލާލިގޮތުން ނަވީން އެބުނި ޖުމްލައިން ޖަލީލް ހިތްހަމަޖެހިފައިވާކަން އެނގުނެވެ. ހަމަ އެހެންމެ ސަރުމީލާވެސް ދެލޯފޮހެލަމުން ޖަލީލްގެ މޫނަށް ބަލާލިއެވެ.

ނަވީން ޖޫލީ ދެކެ ލޯބިވާވަރު ފެނިފައި ޖަލީލް ހިތްއުފަލުން ފުރުނެވެ. އޭނާގެ ދަރިފުޅަށް މަޔަކަށްވުމުގެ ނަސީބު ނުލިބުނަސް މުޅިއުމުރުގައި ލޯބިދީ އަޅާލާނެ ފިރިއަކު ހުރީތީ ޖަލީލް ހިތާހިތުން މާތް ކަލާނގެއަށް ޝުކުރުކުރިއެވެ.

އެހެނަސް ސަރުމީލާއަށް އަދިވެސް ރޮވެނީއެވެ. ނަވީނަށް ކުދިން ނުލިބޭ ވާހަކަ ޖޫލީ ބުނީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އެދުވަހު ސަރުމީލާ ބުނި ޖުމްލަ މިހާރުވެސް ވަރަށް ރަނގަޅަށް އޭނާ ހަނދާން އެބަހުއްޓެވެ.

"ނަވީނަށް ކުދިން ނުލިބޭއިރު ނަވީނާއި އެކު ދިރިއުޅުމުގެ ބޭނުމެއް ކޮބާ؟ ދަރިފުޅަށް އެހެން މީހަކާ އެކު މާއުފާވެރި ދިރިއުޅުމެއް އުޅެވިދާނެ..."

އެކަމަކު ނަވީން ކަންތައް ކުރަން އެހެރީ އެދުވަހު ސަރުމީލާ ވިސްނުންހުރި ގޮތާ ދިމާ އިދިކޮޅަށެވެ. ނަވީން ބޭނުންނަމަ ޖޫލީ ދޫކޮށްލެވިދާނެއެވެ. ނަވީނަށް އެހެން ދިރިއުޅުމެއްފަށާ މާތް ރަސްކަލާނގެ އިރާދަފުޅުން ދަރިއަކުވެސް ހޯދިދާނެއެވެ. އެންމެން ކުރިމަތީ ދަރިން ނުލިބޭމީހެއްގެ ލޭބަލް އަޅުވައި ޖޫލީގެ ދިރިއުޅުން އަނދިރިކޮށްލެވިދާނެއެވެ. އެހެނަސް ނަވީންގެ ފަރާތުން ސަރުމީލާއަށް ފެނުނީ ލޯބީގެ އިންތިޙާއެވެ.

"ޖަލީލް.....ސަރުމީލާ....." ނިޒާރު ޖަލީލްމެން ދެމަފިރިންނަށް ގޮވާލުމުން ޖަލީލް ކުރިއަށް ހިނގައިގަތެވެ. ނިޒާރު ބާއްވާފައި އޮތް އެނދުކައިރީ ޖަލީލް ހުއްޓުނެވެ.

" ޖޫލީ އެއީ އަހަރެމެން ކުއްޖެއް އެކަން ބަދަލެއް ނުވާނެ އިނގޭ....." ނިޒާރުވެސް ޖޫލީ އާ މެދު ރުހޭވަރު ޖަލީލަށް އިހްސާސްކުރެވުނެވެ. ޖަލީލްގެ ދުލާއިހަމައަށް ބުނާނެ ލަފްޒެއްވެސް ނައެވެ. ހިނިތުންވެލާފައި ނިޒާރު އަތުގައި ޖަލީލް ހިފާލިއެވެ. އެމީހުން ވާހަކަދައްކަން ފުރުސަތު ދީފައި ނަވީން ޖެހިލީ ބޭރަށެވެ. އެހެން މީހުންނާއި ދުރުވެލައި އެކަނިވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ.

****

އަރާއިގެން އައި އިރާއެކުހެން ފާތުން ލައިބާ ގޮވައިގެން އައީ މޫދުކައިރިއަށެވެ. ލައިބާ އާއި ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. ލައިބާ ފެނިއްޖެ ކޮންމެ މީހަކު މިހާރު ބިރުގަންނާނެއެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ ލައިބާގެ މޫނުމަތިން ފެންނަނީ ހިމޭންކަމެވެ. މިލާމޯޅިވެފައިވާ މޫނުން ފެންނަނީ މާޔޫސްކަމެވެ. ރަތްވެފައިވާ ދެލޮލުން ހެކިދެނީ ރޭހަތަރުދަމު އެންމެ ލޮލު ފިޔައެއްވެސް ނުޖަހާކަމެވެ.
މޫދަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް ލައިބާގެ ދެލޮލަށް ސިފަވަނީ ނަވީނެވެ. ކަންފަތުގައި ހަރުލާފައިވަނީ ނަވީންގެ އަޑެވެ. މަކާރާއި އޮޅުވާލުމުގެ ހިތިރަހަ ލައިބާގެ އަރުގައިލީ ނަމަވެސް ނަވީން މަތިން ހަނދާން ނުވާ އެންމެ ސިކުންތެއްވެސް ނުދެއެވެ.

"ލައިބާ....." ފާތުން ގޮވާލުމުން ލައިބާ ދިޔައީ ސިހިގެންނެވެ. ފާތުންނަށް ބަލާލާފައިވެސް ލައިބާ ކުރިން ބަލަން އިންދިމާއަށް މޫނު އަނބުރާލިއެވެ.

"ލައިބާއަށް ހީވޭތަ ނަވީން އަންނާނެހެން....." އަހަން ނާހަން ހުރެފައި ފާތުން އެސުވާލުކުރީ ފާތުންނަށް ދެން ނަވީން އައިސްދާނެހެން ހީނުވާތީއެވެ.

ލައިބާ ދެލޯމަރާ ބާރުކޮށްލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ލައިބާއަށް ވެސް ދެން ނަވީން އަންނާނެހެން ހިޔެއް ނުވެއެވެ.

"ދެން ލައި....ލައިބާ ނަވީން ކައިރިން ވަރިވާން ވީނުން...." ނަވީން ކައިރިން ލައިބާ ވަރިވިޔަސް ދެން ލައިބާގެ ހަޔާތަށް އުފާވެރިކަމެއް ނާންނާނެއެވެ. ލައިބާ ލޯބިވީ ނަވީން ދެކެއެވެ. ހަމައެކަނި ނަވީން ދެކެއެވެ. ވީއިރު ވަރިވިޔަސް ނަވީން މަތިން ލައިބާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ފާތުންނާއި ދިމާއަށް ލައިބާ ބަލާލިއިރު އެދެލޮލުންވަނީ ކަރުނަ ހިލިފައެވެ.

"ނުވާނެ ތިކަމެއް....." ލައިބާއަށް އިންތަނުން ތެދުވެވުނެވެ. ލައިބާ އަޑުގައިވީ ހަރުކަށިކަމުން ފާތުންގެ ދެލޯބޮޑުވިއެވެ. ލައިބާ ފަހަރެއްގައިވެސް އެކަމާ އެހާ ނުރުހުންވެދާނެއެކޭ ފާތުން ހިޔެއްނުކުރެއެވެ.

"ކީއްވެ ނުވާންވީ....އެކަހަލަ މަކަރުވެރިއަކަށްޓަކާ ލައިބާގެ އުމުރު ބޭކާރުކުރާނެ ކަމެއްނެތް....." ފާތުން މަސައްކަތްކުރީ ލައިބާއަށް ވިސްނައިދެވޭތޯއެވެ. އެކުވެރިޔާގެ ކުރީގެ ހިނިތުންވުން އަނބުރާ އެމޫނުމަތިން ފެންނަން ފާތުން ބޭނުންވާތީއެވެ.

"ފާތުން......"

"ފަހަރެއްގަ ނަވީން އަހަންނާ ކައިވެނިކުރުމުގެ ކޮންމެވެސް މުހިއްމުކަމެއް އޮވެދާނެދޯ...." ލައިބާ ބޭނުންވީ އޭނާ ހިތުގައި ވި ހުރިހާ ކަމެއް ފާތުންނާ ހިއްސާކުރާށެވެ.

"ތިބުނީ......." ލައިބާ އެދައްކާ ވާޙަކައެއް ފާތުންނަކަށް ނަގައެއް ނުގަނެވުނެވެ.

"މިބުނީ އެހެން މީހަކާ އިނދެހުރެ އަހަރެން ކަހަލަ ނިކަމެއްޗަކާ އިންނާނީ އަހަންނަށް ހީވާ ގޮތުން ކޮންމެވެސް ކަމެއް ވީމައޭ...." ފާތުން ހުރީ ލައިބާގެ މޫނަށް ބަލަހައްޓައިގެން އޭނާ ދައްކާވާހަކަ އަޑުއަހާށެވެ.

"ވެދާނެދޯ ވައިފް ނަވީނަށް ގޯސްވީމަ ކަމަށްވެސް....." ލައިބާ ހިތަށް އަރާ އެއްޗެއް ބުނެލިއެވެ. ފާތުން އިހްތިޔާރުކުރީ ހިމޭންކަމެވެ. ފަހަރެއްގައި ފާތުންނަށް ބުނެވޭ އެއްޗަކުން ފާތުންނަށް ހިތްބަރުކުރާކަށް އޭނާ ނޭދެއެވެ.

"އަހަރެން ބޭނުން ނަވީން އަހަންނަށް އޮޅުވާލީ ކީއްވެގެންތޯ ބަލަން......އެހެން އަންބަކު ހުރެ އަހަންނާ އިނުމުގެ ކުރިން އެވާހަކަ ކިޔާ ނުދިނީ ކީއްވެތޯ އޮޅުން ފިލުވަން......" ނަވީން އެހެން އަންބަކު ހުންނަ ވާހަކަ ބުނި ވަގުތު ނަވީން ލައިބާއަށް ހުރިހާ ކަމެއް އޮޅުން ފިލުވައިދޭން ބޭނުންވިއެވެ. އެހެން ނަމަވެސް ނަވީނަށް އެފުރުސަތު ނުދިނީ ލައިބާއެވެ. ނަވީންގެ ފުރަތަމަ ޖުމްލަޔާއި އެކު ލައިބާ ހަމައިންނެއްޓީއެވެ. ރުޅި އިސްކުރެވުނީއެވެ.

ލައިބާ ދެއްކިވާހަކައަށް ތާއީދުކުރުމުގެ ގޮތުން ލައިބާ ކޮނޑުގައި ފާތުން އަތް ބާއްވާލިއެވެ. އަދި ލައިބާގެ މޫނަށް ބަލާލައި ފާތުން ބޯޖަހާލީ ލައިބާގެ ނިންމިމަށް ފާތުންވެސް ރުހޭކަން އަންގާލަދިނުމުގެ ގޮތުންނެވެ.

"ނަވީންގެ ނަންބަރު އެނގޭތަ؟" ފާތުންގެ ޖީބުން ފޯނުނަގަމުން އަހާލިއެވެ. ފާތުން ބޭނުންވީ އެވަގުތުވެސް ލައިބާ ނަވީނަށް ގުޅާ އޮޅުން ފިލުވާށެވެ.

"ނޭގެ....." ދެކޮނޑު އަރުވާލަމުން ލައިބާ އެހެން ބުނެލިއިރު ދެލޮލުން ފެންނަނީ ގޮތް ހުސްވެފައިވާ ކަމެވެ.

"އުހޫން...." ނަވީން ފުރަމުން ހަވާލުކުރި ސިޓީ އުރަމަތިން ހަނދާންވީ ލައިބާ އެވަގުތުއެވެ.

"ނަވީން ފުރަމުން ދިން ސިޓީ އުރައެއް ބުނި އޭގެތެރޭގައި އޮންނާނޭ ފޯނެއް ......އަހަރެން ހިތްހެޔޮވި ދުވަހަކުން ނަވީނަށް ގުޅާތިވޭ...." އެހެން ބުނެވުނުއިރު ލައިބާގެ އަޑުންވެސް އޭނާ ހިތް އަވަސްވެފައި ހުރިވަރު އެނގެއެވެ.

"ފަހަރެއްގަ އެފޯނުގަ އިނދެދާނެ ނަވީނާ ގުޅޭނެ ނަންބަރެއް....." ލައިބާ ގެއާދިމާއަށް ދާން އުޅުމުން ލައިބާގެ އަތުގައި ހިފާ ހުއްޓުވީ ފާތުންނެވެ.

"އުހޫން އެފޯނުން ގުޅާނެ ކަމެއްނެތް....." ފާތުންގެ އަޑުގައިވީ ސީރިޔަސްކަމެވެ. ލައިބާ ދެލޯހަނިކޮށްލަމުން ފާތުންގެ މޫނަށް ބަލާލީ ފާތުން އެބުނި ޖުމްލަޔާއި މެދު ވިސްނާލަމުންނެވެ.

"ކީއްވެ؟" ސުވާލުން ފުރިގެންވީ ނަޒަރަކުން ލައިބާ ފާތުންގެ މޫނަށް ބަލާލިއެވެ.

"ނަވީން ބުނީ ލައިބާ ހިތްހެޔޮވީ ދުވަހަކުން ގުޅާށޭނުން....މިހާ އަވަހަށް ލައިބާގެ ހިތް ހެޔޮވީތަ....؟" ފާތުން ކޮއްލި ސުވާލުން ލައިބާގެ ހިތަށް އުނދަގޫވިއެވެ. ފާތުން އެބުނީވެސް ރަނގަޅު ވާހަކައެކެވެ.

މިހާ އަވަހަށް ނަވީނަށް ގުޅާފިއްޔާ ނަވީންވެސް ގަބޫލުކުރާނީ ލައިބާގެ ހިތް ނަވީނާއިމެދު ސާފުވީކަމަށެވެ.

"އަހަރެން އަތުގަ އެބައިން އެ އައްފާނުގެ ނަންބަރު.....އަހަރެން ގުޅަންތަ އޭނައަށް...." ހުއްޓުން އަރާފައި ހުރި ލައިބާގެ މޫނަށް ބަލަހައްޓާއިގެން ހުރެ ފާތުން ބުނެލިއެވެ.

"ކީއް.....ކީއްކުރަން އައްފާނަށް.....؟" ލައިބާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

"ގޭމެއް ޖައްސަން މިއުޅެނީ......." ފޯނުގެ ސްކުރީނަށް ބަލަހައްޓާއިގެން ހުރެ ފާތުން ކުރިއަށް ހިނގައިގަތެވެ. ލައިބާއަށް ހުއްޓުން އަރާފައި ހުރެވުނީ ހުރިފިޔަވަޅުމަތީ ގުޑާލާންވެސް ނޭނގިފައެވެ. ފާތުން ކަންތައްކުރާނެ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލައިގެން ލައިބާ ބޭނުންވީ ހިމޭނުން ހުންނާށެވެ. ފާތުން ކޮންމެކަމެއް ކުރާނީވެސް ލައިބާއަށް ރަނގަޅުވާނެހެންކަން ލައިބާ ގަބޫލުކުރެއެވެ.

*****

ނަވީނާއި އައްފާން އިށިއިނީ ހިތްފަސޭހަ ހިސާބެއްގައި ހުރި މޭޒެއްދޮށުގައެވެ. މާހައުލު ކިތަންމެ ހިތްފަސޭހަޔަސް ނަވީންގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމެވެ. ކަންބޮޑުވުމާއި ގޮތް ހުސްވެފައިވާ ކަމެވެ. އައްފާނަށް ގުޅާއިގެން ނަވީން ކޮފީއަކަށް ގެނައީ ވާހަކަދައްކާލާށެވެ. ކޮފީއަށް އޯޑަރދީފައިވެސް ނަވީން އިނީ މަޑުންނެވެ. ވާހަކަ ފަށަން ނަވީން ފަސްޖެހެނީއެވެ.

"ކޮން ވާހަކައެއް ދައްކަންތަ މިތަނަށް ތިގެނައީ....."ދެމީހުންގެ ދެމެދަށްވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލީ އައްފާނެވެ. ނަވީން ބުނެގެން އައްފާން އެތަނަށް އައީ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފައި އޮތް ވާހަކަ ނަވީން ބުނުމުންނެވެ.

"ލައިބާ ކައިރީ އަހަންނަށް ބުނެވިއްޖެ އިތުރު އަންބަކު ހުންނަ ވާހަކަ...." ފުންނޭވާއެއް ބޭރުކޮށްލަމުން ނަވީން އިސްޖަހާލީ ކުރިމަތީގައި އިން އައްފާންގެ މޫނަށް ބަލަން ނުކެރިގެންނެވެ. އައްފާން ، ނަވީން ކައިރީ އެތަށް ފަހަރަކު ކައިވެނީގެ ފަހުން ލައިބާއަށް އެކަން ނޭނގުމަށް އެދުނެވެ.

"ވަޓް....." އައްފާނަށް ގަބޫލުކުރަން އުނދަގޫވިއެވެ. ނަވީން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

"ލައިބާ އާ ކައިވެނިކުރި ސަބަބު ބުނެދިނިންތަ؟ " އައްފާނަށް ޖަވާބެއް ނުދީ މަޑުކޮށްލީ ވެއިޓަރ އެމީހުން ތިބި މޭޒުކައިރީ ހުއްޓުމުންނެވެ. އޯޑަރކުރި ދެތަށިކޮފީ ގެނެސް މޭޒުމަތީ ބަހައްޓާފައި އެތަނުނުން ދުރަށް ވެއިޓަރ ދިއުމުން ނަވީން އައްފާންގެ މޫނަށް ވަރަށް ފަރުވާތެރިކޮން ބަލާލިއެވެ.

"ލައިބާ ހުރީ ހިތްހަމަ ނުޖެހިފަ....އަހަރެން ކިޔާދޭން ވަރަށް މަސައްކަތްކރިން...... އެކަމަކު ލައިބާ ބޭނުމެއްނުވި އަހަރެން ދައްކާ ވާހަކަ އަޑުއަހާކަށް......" ނަވީންގެ ވާހަކަ އަޑުއިވިފައި އައްފާންގެ މޫނުމަތިން ފެނުނީ ނާއުއްމީދުގެ ކުލަވަރެވެ.

"ދެން އަހަރެން ކިހިނެތް ހަދަންވީ......" އައްފާން އަނގައިން ނުބުނުމުން ނަވީން މާޔޫސްވާ ގޮތްވިއެވެ.

"ދެން ކިޔެއްވަކި ކުރެވޭނީ.......ތިބުނީ ލައިބާވެސް ހުރީ ހިތްހަމަ ނުޖެހިފައޭ ....." އައްފާނަށް އެވަގުތު ކަންތައްކުރަންވީ ގޮތެއް ބުނަން އުނދަގޫވިއެވެ. އައްފާންގެ މޯބައިލް ރިންގުވީ އެވަގުތުއެވެ. ފޯނުގެ ސްކުރީނަށް އަރާފައި އިނީ ފާތުންގެ ނަމެވެ. ދެބުމަ ކައިރިކޮށްލާފައި ނަވީނަށް ފޯނުގެ ސްކުރީން ދައްކާލިއެވެ.

"ލައިބާގެ ބެސްޓްފުރެންޑް...." ނަވީން ބަލަހައްޓާއިގެން އިން ގޮތުން ޔަގީންކޮށްދިނުމުގެ ގޮތުން އައްފާން އިތުރަށް ބުނެލިއެވެ. ނަވީންގެ ދެލޯބޮޑުވިއެވެ. އަތުގެ އިޝާރާތުން ފޯނުނެގުމަށް ނަވީން ބުނެލިއެވެ.
"ހަލޯ...!" ފާތުންގެ އަޑުކަންފަތުގައި ޖެހުމުން އައްފާން ނަވީނަށް ނިތްއަރުވާލިއެވެ.

"ހަ.....ހަލޯ...." ފާތުންކަން އެނގޭއިރުވެސް ނަވީން އެނގޭކަމަށް ހަދާކަށް ބޭނުމެއްނުވިއެވެ. އައްފާންވެސް ފާތުން ބުނި ޖުމްލަ ތަކްރާރުކޮށްލިއެވެ.

"ކޮބާ ނަވީން؟" ފާތުންގެ އަޑުގައި އެއްވެސް ކަހަލަ ގާތްކަމެއްނެތެވެ. އެއާ ހިލާފަށް އައްފާނަށް ފާހަގަވީ ހަރުކަށިކަމެވެ.

"އަނެއް....މީ.... .މީ...މީ ނަވީންވީ ހޮސްޕިޓަލްގަ...." އައްފާނަށް ވާހަކަދައްކަން އުނދަގުވިއެވެ.

"ޖަވާބުދޭން އުނދަގޫވީ ކީއްވެޔޯ....ދޮގެއް ހަދަން ޖެހޭތީތަ؟" ފާތުންގެ ކޮންމެ ސުވާލެއް ހީވަނީކޮށްލާ މަލާމާތެއް ހެންނެވެ.

"ނޫނޭ....ކީއްވެ ފާތުންނަށް ދޮގު ހަދަންވީ....." އައްފާން ނިކަން ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ. އަދި އެއަށްފަހު ހިނގަނޑެއް ޖަހާލިއެވެ. ނަވީން އިނީ ކަނުލާ އައްފާން ދައްކާވާހަކަ އަޑުއަހާށެވެ.
"ތިކަމެއް ނޭގެ ތިދެމީހުންވެގެން ލައިބާ ފަކީރަށް ދިން ހިތާމަ ނިކަން ދެކެބަލަ....." ފާތުންގެ ރާގުބަދަލުވިއެވެ. ލައިބާއަށްޓަކާ ފާތުންގެ ހިތުގައި އޮތް ހަމްދަރުދީ އާއި ކުލުނު ފާތުންގެ ހިތަށްވެސް އަސަރުކުރުވީއެވެ.

"ހިތާމައޭ....ކޮން ހިތާމައެއް....." އައްފާން އިނީ އެފަދަ ސުވާލަކަށް ތައްޔާރުވެގެނެއް ނޫނެވެ.

"ހިތާމައެއްވާ ނުދޭ ...ތިދެމީހުން ވެގެން ލައިބާއަށް އޮޅުވާލީ ....މަކަރުހެދީ......" ފާތުންގެ ހިތުގައި ނަވީނާއި އައްފާނަށް ނަފްރަތާއި ރުޅިވެރިކަން ނޫނީ ނުވެއެވެ.

"ނަވީން ކައިރީ ބުނޭ ލައިބާ ދެކެން ބޭނުމިއްޔާ ވީ އެންމެ އަވަހަކަށް އަންނާށޭ......"

"ލައި....ލައިބާއަށް ކިހިނެތްވީ....ކޮބާ ލައިބާ؟" ކުރިމަތީގައި އިން ނަވީނަށް ބަލާލަމުން އިށިއިނދެއިން ގޮނޑީގައި ހަމަޖެހެވޭތޯ އައްފާންގެ ހަށިގަނޑު ތެދުކޮށްލިއެވެ. ލައިބާގެ ނަން އިވުމުން ނަވީނަށްވެސް ތެޅިގަނެވުނެވެ. އެއްޗެއް ބުނަން ނަވީން އުޅުމުން އެކަން މަނާކުރީ އަތުގެ އިޝާރާތުން އައްފާނެވެ.

"އަދި ފުރާނަ ހުރީތީ ފަސްގަނޑުމަތީގަ އެބައޮތް.....ބައްދަލުކުރަން ބޭނުމިއްޔާ ބުނޭ އަންނާށޭ....." އައްފާން ވާޙަކަދައްކަ ދައްކާ އޮށްވާ ފާތުން ފޯނުކަނޑާލީއެވެ. ފާތުން ބޭނުންވީ ނަވީން ލައިބާ ދެކެ ލޯބިވޭތޯ ބަލާލާށެވެ. ނަވީން އެނބުރި އައިސްފިނަމަ ނަވީންގެ ކުރިމަތީ ހުރެ ލައިބާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

"ހަލޯ....ހަލޯ...." ފޯނުގެ ސްކުރީނަށް ބަލާލަމުން މާޔޫސީ ލޮލަކުން ނަވީނަށް އައްފާން ބަލާލިއެވެ.

"ލައިބާއަށް ކިހިނެތްވީ....." އައްފާންގެ މޫނުމަތިން ފެނުނު މޮޅިވެރިކަން ނަވީންގެ ހިތް ބިރުގަންނަވާލިއެވެ.

"ނޭނގެ" ދެކޮނޑު އަރުވާލަމުން އައްފާން ބުނެލިއެވެ.

"ފާތުން ނުބުނި.....ބުނީ ލައިބާ ދެކެން ބޭނުމިއްޔާ އަންނާށޭ....." ނަވީނަށް އައްފާންގެ ވާހަކަ އަޑުއަހަން އުނދަގޫވިއެވެ.

"ލައިބާއަށް ކިހިނެތްވީބާ؟" ނަވީންގެ ހިތްތެޅިލިއެވެ. ލައިބާއަކީވެސް މިހާރު ނަވީންގެ އަންބެކެވެ. މިހާރު އަމުދުން ލައިބާއަށް ދެރައެއް، ހިތާމައެއް ލިބުމަކީ ނަވީންގެ ހިތަށްވެސް ކުޅަދާނަވާނޭކަމެއް ނޫނެވެ.
"މަށަށް ފެންނަނީ ނަވީން އަވަހަށް ލައިބާ ކައިރިއަށް ދާން......" އައްފާން ވާހަކަދެއްކީ މާބޮޑުވިސްނުމެއްވެސް ނެތިއެވެ.

" އެކަމަކު ކިހިނެތް....ބައްޕަ ހޮސްޕިޓަލްގަ އޮށްވާ ދާނީވެސް....." ނަވީން ވިސްނީ ބައްޕަޔާމެދުއެވެ. ލައިބާ ކައިރިއަށްދާންވެސް ނަވީން ބޭނުމެވެ. އެހެނަސް ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައި އޮއްވާދާނީ ކިހިނެއްހެއްޔެވެ؟

"ތިކަމަކާ ނުވިސްނާ އަހަރެން މިހިރީނުން ބޮޑުބެ ކައިރީ....."

"ނަވީންދާން ތައްޔާރުވޭ...." އައްފާން އެހެން ބުންޏަސް ނަވީން ދާނީ ކީކޭ ކިޔާފަ ހެއްޔެވެ؟ މިދަނޑިވަޅުގައި ނަވީން ދިއުމަކީ އެންމެ ރަނގަޅު ގޮތް ބާވައެވެ؟ ގޮތެއް ނިންމަން ހުދު ނަވީނަށްވެސް ނުހަނު އުނދަގުލެވެ.

*****

އޮފީހުގައި ނުނިމި ގިނަ މަސައްކަތްތައް ހުއްޓަސް ސަޖާގެ ޝައުގުވެރިކަމެއް އެއިން ކަމަކަށްނެތެވެ. މީހާގެ މޫޑް ގޯސްވެފައިވަނީ އޮފީހުގެ މަސައްކަތްތައް ކުރެވޭވަރަށް ވުރެން މާބޮޑަށެވެ. ކުރިމަތީގައި ހުރި ކޮމްޕިއުޓަރގެ ސްކުރީނަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް ސަޖާގެ ހިތާ ސިކުނޑީގައި ވަނީ ގަދަފަދަ ތޫފާނެއް އުފެދިފައެވެ. ސަޖާ އާ އެކު އެއްއޮފީހެއްގައި މަސައްކަތްކުރާ ހަނާ ދިޔައީ ސަޖާއަށް އަންނަމުން ދިޔަ ބަދަލުތައް ދާދި ކައިރިން ފެންނަމުންނެވެ.

" ސަޖާ....." ފައިލެއް ހިފައިގެން ހަނާ އައިސް ސަޖާއިން މޭޒުކައިރީ ހުންނަތާ ކިތަންމެ އިރެކެވެ.

"ސަޖާ......" ތަންކޮޅެއް ބާރަށް ހަނާ ގޮވާލީ ސަޖާއަށް ނީވުނީމައެވެ. ސަޖާ ސިހުނުވަރުން މަޑު އާހެއްގެ އަޑު ބޭރުވިއެވެ. ދެން އަނގައިން ބުނާނެ ބަހެއް ނޭގިފައި ހަމައެކަނި ގަދަކަމުން މަސްނުއީ ހިނިތުންވުމެއް ތުންފަތްމައްޗަށް ގެނައެވެ.

"އަހަރެން މިހާރު މިތާ ހުންނަތާ ކޮންއިރެއް؟ ކިހިނެތް ވެފައި ތިއިނީ...." ހަނާ ވާހަކަ ދެއްކީ ސަޖާގެ މޫނަށް ބަލަންހުރެއެވެ.

" އުހް.....ކަ....ކަ.ކަމެއް ނުވޭ...." ހަމަޖެހޭގޮތް ދައްކަން ސަޖާ މަސައްކަތްކުރިއެވެ. ހަމަޖެހެން ކުރަންވީ ނުކުރަންވީ ކަމެއް އޭނާއަކަށް ނޭގުނެވެ. އެއްފަހަރު ފޮތެއް ހުޅުވާލާނެއެވެ. އަނެއް ފަހަރު ކީބޯޑާ ކުޅެލާނެއެވެ. ހަނާ ހުރީ ފަރުވާތެރިކަމާއެކު ސަޖާގެ ހަރަކާތްތަކަށް ބަލާށެވެ.

"ނޫން...ކޮންމެވެސް ކަމެއް ސަޖާއަށް އެބަވޭ.....މަށަކަށް ނޭނގެ ވާގޮތެއް...." ތަންކޮޅެއް ދުރުގައި ހުރި ހަނާގެ ގޮނޑި ދަމާލާފައި ގެނެސް ސަޖާ އިށިއިނދެއިން މޭޒު ކުރިމަތީ ހަނާ އިށިއިނެވެ. ސަޖާއަށް ދޭނެ ޖަވާބެއް ނޭގުނެވެ.

"ކިހިނެތްތަ ވެގެން ތިއުޅެނީ....." ހަނާގެ އަޑުގައިވީ ގާތްކަމެވެ.

"ބުނެބަލަ....އެހީ އެއްވާންވެސް އެނގޭނީ ބުނީމައޭނުން....." ސަޖާގެ މާގިނަ އެކުވެރިންތަކެއް ނުހުރެއެވެ. އަމިއްލަ ވާހަކަތައް ހިއްސާކުރާ ވަކި ހާއްސަ ރަހްމަތްތެރިއެއްވެސް ނުހުރެއެވެ.

"އެންމެ ސިކުނޑިއަކުން ވިސްނީމަށްވުރެން އިތުރު މީހަކާ ހިއްސާކުރީމަ ގައިމު ބޮލަށްވެސް ފަސޭހަވާނެ....." ސަޖާ ހަނާއާ ދިމާއަށް ބަލާލިއެވެ. ހަނާ އެބުނީ ތެދަކަށް ވުންވެސްވަރަށް ގާތެވެ. ސަޖާއަށް ވިސްނާލަން އިރުކޮޅެއް ބޭނުންވިއެވެ.

"އަސްލު....ދެމީހުނަށް އެކީ ޓައިމް ސްޕެންޑް ނުކުރެވެނީ...." ދެއަތް ޖޯޑުކޮށްލާފައި ގެނެސް ދަތްދޮޅީގެ ކޮޅުގައި ވިއްދާލަމުން ސަޖާ ދެލޯމަރާލިއެވެ.

" މިހާރު މާހިލަށް އެއްވެސް ވަގުތެއް ނުވޭ .....ހެނދުނު އޮފީހަށް ދާގޮތަށް ރޭގަނޑު ނިދަން ގެއަށް އަންނަނީ........." ސަޖާ ހަނާގެ މޫނަށް ބަލާލިއިރު އެމޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ. އެދެލޮލުން ހީވަނީ އޭނާއަށް އެހީވެދޭށޭ ބުނާހެންނެވެ.

"ދެމީހުން ވާހަކަދައްކައިގެން ޗުއްޓީއެއް ނަގަން ވީނުން" ހަނާގެ ހިޔާލަށް ސަޖާ ބޯޖަހާލީ ތާއީދުކުރުމުގެ ގޮތުންނެވެ. މިހާރު ސަޖާއަށްވެސް އޮފީހުގައި އެހާބުރައެވެ. މަސައްކަތް ބުރަކަމުން ސަޖާ ހުންނަނީ ކޮންމެ ދުވަހަކު ބޮލަށްބަރުވެ ވަރުބަލިވެފައެވެ.

މެންދުރު ބާރައިން އެކަކަށްލިބޭ 'ލަންޗު ބުރޭކަށް' އޮފީހުގެ އެންމެން ބޭރަށް ނިކުތުމުން ސަޖާ އާއި ހަނާވެސް ވާހަކަ މެދުކަނޑާލާފައި ނިކުތީ ބޭރަށެވެ. މިހާރު މާހިލަށް ވަގުތު ނުވާތީއާ ސަޖާގެ މަންމަ މާލޭގައި ނޫޅިމިވީ ދެހަފްތާއެއްހާ ދުވަހު ސަޖާވެސް ބުރޭކަށް ދަނީ އޮފީހުގެ ކޮންމެވެސް ކުއްޖަކާއެކު ކައިރި ރެސްޓޯރެންޓަކަށެވެ. އެކަމަކު މިއަދު ސަޖާގެ ހިޔާލު ބަދަލުވެގެން އެމީހުންނާ ވަކިވެގެން ދާން ނިންމީ މާހިލް މަސައްކަތްކުރާ އޮފީހަށެވެ. މިވޭތުވެދިޔަ ހަފްތާގައި މަންމަމެންވެސް މާލޭގައި ނޫޅޭތީ އާއެކު މާހިލް އެކީ ބުރޭކަށް ދެވޭތޯ ސަޖާ ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް ކޮންމެ ދުވަހަކު އެގަޑީގައި ގުޅާއިރުވެސް މާޙިލަށް މަސައްކަތާއި ހެދި އޮފީހުން ނިކުމެވޭގޮތެއް ނުވެއެވެ. މިއަދު އެހެންވެ ސަޖާ ބޭނުންވީ ސީދާ އޮފީހަށްގޮސްގެން ވެސް މާހިލާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

މެންދުރުގެ ހޫނުގަދަ ގަޑީގައިވެސް މަގުތަކުގެ ކާރޫބާރޫ ވަކިކުޑައެއް ނޫނެވެ. ހިނގާމީހުންނާއި ދުއްވާ އެއްޗެހިން މުޅިމަގުވަނީ ހަލަބޮލި ކުރުވާފައެވެ. ދުއްވާ އެއްޗެއްސާއި ހެދި މަގުހުރަސް ނުކުރެވިފައި ހުއްޓާ ސަޖާގެ ދެލޮލުގައި އަޅާއިގަތީ ނިކަން ހިނިއައިސްފައި ހުރެ މާހިލް އޮފީހުން ނިކުތްތަނެވެ. ސަޖާވެސް ފުޅާ ހިނިތުންވުމަކާއި އެކު މަގުހުރަސްކުރަން އަވަސްވިއެވެ. ނަމަވެސް ސަޖާއަށް މާހިލާ ހަމައަށް ނުދެވެނީސް މާހިލް ކުރިމައްޗަށް އައިސް ހުއްޓުނީ އެހެން އަންހެންކުއްޖެކެވެ. އެވަގުތު ސަޖާގެ ތުންފަތްމަތީގައި ހުރި ހިނިތުންވުން ފިލައިގެން ދިއައެވެ. ކުރިއަށް އަޅަން އުޅުނު ފިޔަވަޅު މަޑުޖައްސާލެވުނެވެ. ސަޖާ އެފިޔަވަޅުމަތީގައި ހުއްޓާ ދެމީހުންވެސް ޕާކްކޮށްފައި އޮތް ކާރަކަށް އަރައިގެން އޭނާގެ ލޯކުރިމަތިން ގެއްލުނެވެ. ސަޖާ އަވަސް އަވަހަށް އަތްދަބަހުން ފޯނުނަގާގެ މާހިލްގެ ނަންބަރަށް ޑައެލްކޮއްލިއެވެ. އޭރު އޭނާގެ ހިތުގެ ތެޅުން އިންތިޙާއަށްވަނީ އަވަސްވެފައެވެ. މާހިލް ފޯނުނެގީ ސަޖާ ތިންވަނަފަހަރަށް ގުޅަނިކޮންނެވެ.

"ހަލޯ....ބިޒީ އޮފީހުގަ....ބުރޭކަށް ނުދެވޭނެ މިގަޑީގަ....." ސަޖާ އެއްޗެއް ބުނަން ފުރުސަތު ނުދީ ފޯނުނެގިގޮތަށް މާހިލް ފައްޗަކަށް އަމުނާލާފައި ފޯނު ކަނޑާލީ ސަޖާ ބުނާ އެއްޗެއް ބެލުމެއްވެސް ނެތިއެވެ. ސަޖާ ކަންފަތާއި ފޯނު ވަކިކޮށްލިއިރު އެދެލޮލުގައި ވިދަވިދާހުރީ ކަރުނައެވެ.

މާހިލް ކޮންމެ ދުވަހަކުވެސް އޮފީހުގައި ކަމަށް ބުނެ އެހަދަނީ ދޮގުކަން މިއަދު އޭނާއަށް އެވަނީ ފަޅާއަރާފައެވެ. ޓެކްސީއެއް ނަގާއިގެން އައިކޮޅަށްދާން ސަޖާ ދަތުރުފެށީ ކަރުނަތައް އެތެރެއަށް ހިންދާލައިގެންނެވެ.

*****

ބަޝީރާ، ލައިބާ ކައިރީ ރޭގަނޑު ކާން އާދޭސްކުރެވުނު ވަރެއްގެ އަދަދު ނޭގެއެވެ. ކާހިތެއް ނުވެއޭ ކިޔާފައި އެނދަށް އަރާ އޮންނަތާ މިހާރު އެތަށް އިރެއް ވެއްޖެއެވެ. ލައިބާ އުޅޭގޮތުން ބަޝީރާ ހުންނަނީ ނިކަން ކަންތައް ބޮޑުވެފައެވެ. މިފާއިތުވެދިޔަ ތިންދުވަހު ލައިބާ އޮށްޓަރުހުރި އެއްވެސް އެއްޗެއް ނުކައެވެ. ފާތުންވެސް އައިސް އެގެއަށްވަނީ ބަޝީރާ ލައިބާ ކައިރީ ކާން ހިނގާށޭ ކިޔަނިކޮށެވެ.
"ހެދެ ލައިބާ މިރޭވެސް ނުކަނީ ....... (ޕިސްޕިސް) ތިހެން އުޅޭކަށް ނުވާންނުން...." ބަޝީރާ ބަދިގެއަށް ދިޔައީ ފާތުން އައިސް ލައިބާ ކައިރީ އިށިއިނުމުންނެވެ.
"ފާތުން އެއްޗެއް ކާކަށް ނުކެރެޔޭ ހީވަނީ މެއާ ހިސާބުގައި ތާށިވެފަ ހުންނަހެން......" ލައިބާ ވާހަކަދެއްކީ ނިކަން މަޑުންނެވެ. ފާތުން ފެނުމުން ތެދުވެ އެނދުގައި އިށިއިނެވެ.
"ފާތުން .....ނަވީނެއް ނައޭނުން......ފާތުން އައްފާނަށް ފޯނުކުރިފަހުން މިހާރު މިއަދަށް މީ ތިންވަނަ ދުވަސް.......އަންނަން ބޭނުންނަމަ އަންނާނެދޯ...." ވާހަކަދައްކަން އުނދަގޫކަމުން ލައިބާ ވާޙަކަ ދެއްކީ ހުއްޓަހުއްޓާފައެވެ.

" ލައިބާ ކާން ނުބުނީމަ މަންމަ މި ތަށިތައް ނެގީ.........އަންނާނަން ގާދިރު ފިހާރާގަ ލުނބޯހުރިތޯ ބަލާލާފަ......." ބަޝީރާ ދޮރުމައްޗަށް އަރާފައި އެހެން ބުނެފައި ހިނގައިގަތީ ދޮރާއްޓާ ދިމާލަށެވެ.
"ކޮންމެވެސް އެއްޗެއް ޖެހޭނީކާން......އަހަރެމެން ގޭގަ އެބަހުރި ބަތްޕެން ގެނެސްދެންތަ؟" ލައިބާ އެއްބަސްވީ ފާތުން ދެތިން ފަހަރު އެހެން ބުނިފަހުންނެވެ. ފާތުން ލައިބާއަށް ބަތްޕެން ފޮދު ބަލައި ދިއުމުން ލައިބާ ކޮޓަރީގެ ދޮރުތަޅުލިއެވެ. ފާތުން އަންނަންވާއިރަށް ލައިގެންހުރި އަންނައުނު ބަދަލުކޮށްލިއެވެ. ނިދަންލާ ޓީޝާޓާއި ހަރުވާޅަށް ބަދަލުކޮއްލިއެވެ. ހޭވިފައި އޮތް އިސްތަށިގަނޑު ފުނާއަޅާ އޮމާންކޮއްލިއެވެ. ބޮލު އިސްތަށިގަނޑު އޮޅާލާފައި ހުޅިއެއްޖަހަން އުޅެނިކޮން ދޮރުގައި ބޭރުން ޓަކިދިނެވެ. އިސްތަށިގަނޑު ދޫކޮއްލާފައި ލައިބާ ބެލީ އަވަހަށް ދޮރުހުޅުވޭތޯއެވެ. ލައިބާ ހީކުރީ ފާތުން އޭނާއަށް ބަތްޕެން ފޮދު ހިފައިގެން އައީ ކަމަށެވެ. އެހެނަސް ދޮރުހުޅުވާލުމާއެކު ލައިބާގެ މޫނުމަތިން ފެނުނީ ސިހުމެވެ. އިންތިހާ ހައިރާންކަމެވެ.

~~~ ނުނިމޭ ~~~

 

ނޯޓް: ވާހަކަ ލަސްވި ކަމަށްޓަކާ އެންމެހާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށްއެދެން.

  1. Avatar

    ވާހަކަ ކިތައްމެ ސަޅިއަސް އަވަހަށް ނުގެނެސް ދެންޏާމު އޭތީ ސަޅިއެއް ނުވާނެ ދޯ.މިހާރު ވާހަކަ ގެނަސް ދޭލެއް ވވވ ލަސް މިކަން ރަގަނޅު ކުރުން ވވ އެދެން.
    .ސަލާމް.

    35
  2. Avatar

    ޒަމާންތަކެއްފަހުން އަޕްވީ ދޯ؟ އެނީވޭ ވ ރީތިމިބައިވެސް. ދެންއޮތް ބާ އަޕް ތަންކޮޅެއްއަވަހަށް އަޕްކޮށްލަދޭނެކަމަށް އުއްމީދުކުރަން.

  3. Avatar

    ސަޖާ އާއި ޖޫލީގެ މަންމައަކީ އެކަކު……އޭނީނުން ސަރުމީލާ އާއި ޖަލީލް އެއަރޕޯޓުން އައި މަގުމަތީ ހޮސްޕިތަލަށް ދިޔަ ވާހަކަ….ކުރިން ޕާޓަކު އެމީހުން ބޭރަށް ދިޔައީ….ސަން އަށް ގެޓްވެއްޖެ.

  4. Avatar

    ރިޕްލައި ވެސް ކުރާނަމަ ރަނގަޅު ކޮމެއްޓުތަކަށް…….ވަރަށް ފޫހި ލިޔުއްތެރިޔެއް މިއީ…ހަފްތާއަކު އެއް ދުވަހުވެސް ވާހަކަ އަޕްޑޭޓް ނުވޭ ބޮޑުވަރު…………………………………………………………………

  5. Avatar

    މި ވާހަކަ އެންމެ ފުރަތަމަކޮޅު ގެނެސްދިން އިރު ބުނި ހަފްތާއަކު 2 ދުވަހު (އޭގެ ތެރެއިން 1 ދުވަހަކީ ހުކުރު ކަން ޔަގީން) ވާހަކަ އަޕްވާނޭ ކަމަށް. އެކަމް މިހާރު 2 ހަފްތާއިން 1 ފަހަރު މި ލިބެނީ ވާހަކައިގެ އެންމެ އެޕިސޯޑެއް. ވާހަކަ ކިތަންމެހާވެސް ރީތި.. އެކަމް ވާހަކަ މިހާ ލަސްވެ ކުޑަމިނުން ކޮމެންޓަކަށް ރިޕްލައިވެސް ކޮށްނުލާ އުޅެންޏާ ލިޔުންތެރިޔާއާއި މެދު ކިޔުންތެރިންގެ ހިތުގައި ފޫހިކަން އުފެދޭނެ. އަދި ކޮންމެ ބަޔަކާއި އެކު މާފަށް އެދުމަށްވުރެ ވެގެން އުޅޭ ގޮތެއް ކުޑަގޮތަކަށް ( ޕްރައިވެސީ އުނިކޮށްފައި) ކިޔުންތެރިންނާ ހިއްސާކޮށްލާ ވާހަކަ އަޕްކޮށްދެވޭނޭ ތާރީޙެއް ބުނެލާނަމަވެސް މިހާ މާޔޫސް ނުވާނެ ކިޔުންތެރިން. ކުރިން މިވާހަކައަށް މޯރ ދެން 10000 ވިއުސް ލިބިފައިވެސް އެބަހުރި 2-3 ދުވަސް ތެރޭ. އެކަމް މިހާރު ވާހަކަ އަށް ހަފްތާއެއް ވާއިރު 2500 ވިއު ވެސް ނުލިބޭ. މިކަމުން ލިޔުންތެރިޔާއަށް ކޮންމެވެސް އެއްޗެއް ވިސްނޭނޭ ކަމަށް އުއްމީދުކުރަން.

    12
  6. މަރިޔަމް ހުސައިން

    އެންމެހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް މައާފަށް އެދެން އަޅުގަނޑު ބިޒީވެ ވާހަކަ ދުވަހުން ދުވަހަށް އަޕްނުކުރެވެނީ……ވަރަށް މަސައްކަތް ކުރަން ހަފްތާގެ އަންގާރަ އަދި ހޮނިހިރުގަ ވާހަކަ ގެނެސްދެވޭތޯ ….ގަބޫލުކުރުަން ކިޔުންތެރިން ދެރަވާނެވަރު ވާހަކަ ބުނާދުވަހު އަޕްނުވަންޏާ…..އިންޝާﷲ ކުރިއަށް އޮތްތާ ވަރަށް މަސައްކަތް ކުރާނަން ދުވަހުން ދުވަހަށް ވާހަކަ ގެނެސްދެވޭތޯ……..ތިދެއްވާ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

    2
    3

ޚިޔާލު ފޮނުއްވާ