Views: 12722 93

ހޭވިފައިވާ ލައިބާގެ އިސްތަށިގަނޑާއި ރަތްދެލޯ ފެނުން މީހެއްގެ ހިތަށް އަސަރު ނުކޮށް ނުދާނެއެވެ.. ހިތާމަޔާއި ހިތްދަތިކަމުން ލައިބާގެ ހިތްވަނީ ފުނޑުފުނޑުވެފައެވެ. މީ ލައިބާއަށް ބަރުދާސްތުކުރަން ކެތްވާވަރުގެ ކަމެއް ނޫނެވެ. ފާތުން ފެނުމުން ލައިބާ ފާތުން ގައިގާ އޮޅުލައިގަތެވެ. ހިތްފުރޭންދެން ފާތުންގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޯންބޭނުންވިއެވެ.

"ނުރޮއެ ހުއްޓާލާ.....! ތިހެން އުޅުނީމަ މަންމަ ކިހާ ކަންބޮޑުވާނެ....."

ތުއްތު ކުއްޖަކު މަސަލަސްކުރާހެން ފާތުން ލައިބާ ހަމައަކަށް އަޅުވަން ވާހަކަ ދެއްކިއެވެ. ލައިބާގެ ދެލޯ ފޮހެދެމުންނެވެ.

"އެނގޭ ލައިބާ ދެރަވާނެ ވަރު އެކަމަކު ހިތްވަރުކުރަން ވާންނު......"

ފާތުންގެ ނަސޭހަތް އިވިފައި ލައިބާއަށް އަނެއްކާވެސް މާބޮޑަށް ރޮއެގަނެވުނެވެ.

"ނަވީންވެސް މިހާ އަވަހަށް އެދިޔައީ ބައްޕަ ބަލިވެގެންނު..... ބައްޕަ ރަނގަޅުވީމަ އަންނާނުން...."

ފާތުން ލައިބާގެ ކިޔަމަންތެރިކަން ގެއްލިފައިވާ އިސްތަށިގަނޑުގައި އަތްހާކަމުން ވާހަކަ ދެއްކިއެވެ. ނަވީންގެ ނަން އިވުމުން ލައިބާއަށް އެވީ ގޮތެއް ނޭގުނެވެ. ނަވީނާއި މެދު ނަފްރަތު ނޫނީ މިހާރު އޭނާގެ ހިތުގައި ނެތެވެ.

"ދެން އެއްވެސް މީހަކު އަހަރެން ކައިރީ ނަވީންގެ ވާހަކަ ދައްކައިގެން ނުވާނެ......"

ލައިބާގެ އަޑުގައިވީ ހަރުކަށިކަމެވެ. ފާތުން ހައިރާންވެފައި ލައިބާގެ މޫނަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. އެމޫނުމަތިން ފެނުނު ނުރުހުމާއި ރުޅިވެރިކަން ފާތުންގެ ހިތްވެސް ބިރުގަންނަހާވެއެވެ.

"އެއީ މަކަރުވެރިއެއް އޭނަ އަހަންނަށް އޮޅުވާލީ މަކަރުހެދީ......"

ލައިބާގެ އަޑު ތުރުތުރު އަޅައެވެ. ނަފްރަތާއި ރުޅިވެރިކަން އުފެދިއްޖެ ކޮންމެ ހިތެއްގައި އެފަދަ އަސަރުތަކެއް ވާނޭކަން ގައިމެވެ.

"ކީ...ކީކޭ ލައިބާ ތިކިޔަނީ...."

ފާތުންގެ ނިތަށް ގިނަވެފައިވާ ކުދި ރޫތަކުން ހެކިދެނީ ލައިބާ އެދެއްކި ވާހަކަ އޭނާއަށް ނޭގޭކަމެވެ. އަމުދުން އެހާ ލޯބިން ލައިބާ ކައިވެނި ކުރި މީހެއް އޭނާއަށް އޮޅުވާލަފާނެކަމަށް ގަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

"ނަވީން ކޮންކަމެއްތަ އޮޅުވާލީ....ތަންކޮޅެއް ސާފުކޮން ބުނެބަލަ....."

 

އެކުވެރިޔާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން ފާތުން ބުނެލިއެވެ.

"ނަވީން ކޮންކަމެއް އަހަންނަށް އޮޅުވާނުލަނީ........"

" ނަވީން އެހެން އަންބެއް ހުރޭ....."

ފާތުންގެ ކޮނޑުމައްޗަށް ވެއްޓި ލައިބާ ރޮއެގަތެވެ. ފާތުންގެ ބޮޑުވެފައިވާ ދެލޮލާއި ހުޅެވިފައިވާ އަނގައިން އެޙަބަރުން އޭނާއަށް ލިބުނު ހައިރާންކަން ކިތަންމެ ރަނގަޅަކަށްވެސް ފެންނަން ހުއްޓެވެ. ފާތުންނަށް ބުނާނެ އެއްޗެއް ނޭގިފައި އެތަށް އިރަކު ހުއްޓުން އަރާފައި ހުރެވުނެވެ.

"މަ އޭރުވެސް ހިތަށް އެރިއޭ މާ އަވަސް އަރުވާލާފަ ކައިވެނިކުރާތީ މީގަ ގޯހެއް އެބައުޅެޔޭ........"

ފާތުން އޭނާއަށް މާކުރިން ހީވި ހީވުމެއްގެ ވާހަކަ ބުންޏެވެ.

"ނުރޮއެ ހުއްޓާލާ......"

ލައިބާ ފާތުންގެ ކޮނޑުމަތިން ނަގާ އޭނާގެ މޫނު ފޮހެދެމުން ފާތުން ވާހަކަ ދެއްކިއެވެ. މިހާރު އެމޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ފާތުންގެ ހިތުގައިވެސް މިހާރު ނަވީނާއި މެދުވަނީ ނަފްރަތެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް އޮޅުވާލީތީ އެހިތުގައިވެސް ވަނީ ރުޅިވެރިކަން އުފެދިފައެވެ.

"ނުރޮއެ.....އެކަހަލަ މީހަކަށްޓަކާ ތިދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް އޮހޮރުވާލައިގެން ނުވާނެ......"

ފާތުން ލައިބާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.

"އެކަމަކު އަހަންނަކަށް ދެން ނަވީން މަތިން ހަނދާން ނައްތައެއް ނުލެވޭނެ......"

ލައިބާގެ އަޑު އިވިއްޖެ ކޮންމެ މީހެއްގެ ހިތް ރޮއްވާލާފަދަ އެތަށް އަސަރެއް އެފަކީރުގެ އަޑުގައިވިއެވެ.

ފާތުންގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ. ފާތުންނަށްވެސް ލައިބާ ނަވީންމަތިން ހަނދާން ނައްތާލުމަކީ ދެން ކުރަން އެހާ ފަސޭހަކަމެއް ނޫންކަން އެނގެއެވެ. އެހެނަސް ނަވީން އެނބުރި ދެން ލައިބާ ގާތަށް އައިސްދާނެހެން ފާތުންނަކަށް ހިއެއް ނުވެއެވެ.

ފާތުން ގިނަ ވާހަކަތަކެއް ނުދައްކާ އެނބުރި ގެއަށް ދިޔައީ ލައިބާ ކުޑަކޮން ހަމައަކަށް އެޅުނީމައެވެ. އެއްޗެއް ކާން ގަބޫލު ނުވިޔަސް ނުރޯނެކަމަށް ލައިބާ، ފާތުން ކައިރީ ވަޢުދުވިއެވެ.

ލައިބާ އާއި ފާތުން ނަވީންގެ ވާޙަކަ ދެއްކިއިރު ބަޝީރާވީ ފާތުންގެ މަންމަޔާއެކު ފިހާރަޔަކަށް ގޮހެވެ.އެހެންވެ އޭނާއަކަށް ކަމުގެ ހަގީގަތެއް ނޭގެއެވެ. އޭނާ ހީކޮށްގެން ހުރީ ނަވީން ދިއުމުން ލައިބާ މާބޮޑަށް ދެރަވީ ކަމުގައެވެ. ބަޝީރާ އާދޭސްކޮށްވެސް ލައިބާ އެކަށްޗެއްވެސް ނުކެއެވެ. ހަމައެކަނި ބޯލީ ބަޝީރާ ގިރާފައި ދިން ލުނބޯހުތުފަނި ތައްޓެކެވެ. އެބޮއެގެން ލައިބާ އެނދަށް އަރާ ބިތްދޮށަށް އެނބުރި އޮތީއެވެ. އެދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވެއެވެ. ދެލޮލުން އޮހެމުންދިޔަ ހިތިކަރުނަ ލައިބާގެ އެކަނިވެރިކަން ފިލުވާލަދޭނެ މިތުރެއް ކަމުގައިވިއެވެ.

******

މާހިލް އެކޭ އެއްގޮތަށް ސަޖާވެސް އުޅެނީ އޮފީހުގައި ނިކަން ބުރަކޮންނެވެ. ދެމީހުންނަށް އެކީ ވަގުތު ހޭދަކޮށްލަން ލިބެނީ ހަމަ އެކަނި ރޭގަނޑުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަޖާ މާހިލްގެ އިންތިޒާރުގައި ކޮންމެ ރެއަކު އޭނާ ގެއަށް އަންނަދެން އިންތިޒާރުކުރެއެވެ. އެހެނަސް މާޙިލްވެސް ހުންނަނީ ގެއަށް އަންނަން ވާއިރަށް ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. ނިދަން ބޭނުންވެފައެވެ. ސަޖާއަށް ވަގުތުކޮޅެއް ދިނުމުގެ ބަދަލުގައި އެބަހަނާގައި އޭނާ ނިކަން އަވަހަށް ނިދައެވެ. ސަޖާހީކޮށްގެން ހުރީ ނަވީން ރަށުގައި ނެތުމުން މާހިލަށް ކުރަން ޖެހޭ މަސައްކަތް ގިނައީ ކަމަށެވެ.

ފަރުދާގެ ފުރަގަހުގައި މާހިލް ކުޅެމުންދާ ޑުރާމާގެ ހިލަމެއް ސަޖާއަކަށް ކުޑަކޮންވެސް ނޭގެއެވެ. އޮފީހުން ނިމޭ ގޮތަށް މާހިލް ދަނީ އާޝާ ކައިރިއަށެވެ. ކިތަންމެ ފަސްއަޅާ ފޮރުވާފައި އޮތަސް އަދިވެސް އަލަތުލޯބީގެ ބާރުގަދައީއެވެ. އާޝާގެ އުނގުގައި ބޯއަޅާލައިގެން އޮތްއިރު މާހިލްގެ ދެލޯވަނީ މެރިފައެވެ. އާޝާގެ އަތުގެ އިނގިލިތަކުން މާޙިލްގެ ބޮލުގައި ފިރުމަމުން ދިޔައިރު އޭނާއަށް ލިބެމުންދާ އަރާމު ތުންފަތްމަތީ ދުވަމުންދިޔަ ހިނިތުންވުން ހެކިވާނެއެވެ.

"އާ....އާޝާ....."

މާހިލްގެ ދުލުގައި އަނގައިން ބުނާނެހާ ބާރެއްނެތެވެ. އެއަޑުގައިވީ މަސްތީކަމެވެ.

"ކީކޭ....؟"

ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިން އާޝާ މާހިލްގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ.

"އަހަރެން ގެއަށް ނުފޮނުވަންތަ މިރޭ ތިއުޅެނީ....."

އާޝާގެ ލޮލަށް ބަލަން އޮވެފައި މާހިލް ބުނެލިއެވެ.

"ވައިފަށް ވުރެން އަހަރެން އަދިވެސް މާ ކުޅަދާނަދޯ "

ފަހުރުވެރިވެލާފައި އާޝާ ބުނެލިއެވެ.

"ހޫން.....މާބޮޑަށްވެސް...."

އާޝާގެ މޫނުގައި ފިރުމާލަމުން މާޙިލް ބުނެލިއެވެ. އާޝާގެ ތުންފަތްމައްޗަށް ހިނިތުންވުން ގެނުވީ އެކުރު ޖުމްލައިންވެސް މާހިލަށް އާޝާ މުހިއްމުވަރު އިޙްސާސްވުމުންނެވެ. އަދިވެސް މާހިލްގެ ހިތުގައި އާޝާއަށް ހުސްމަގާމެއް އޮތްކަން ޔަގީންވާތީއެވެ.

މާޙިލްގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ވަރަށް އުނދަގުލުން ފޯނުނަގާ ބަލާލިއިރު ސްކުރީނަށް " ވައިފް" އަރާފައި އިނުމުން މާހިލަށް ތެޅިގަނެވުނެވެ. އެކޯލަށް ޖަވާބު ދިނުމުގެ ބަދަލުގައި ފޯނު ސައިލެންޓްކޮށްލިއެވެ.

"ދާންތަ ތިއުޅެނީ....."

އަތުގައި އަޅާފައިވާ ގަޑިއަށް ބަލާލައި މާހިލް ތެދުވެ ސޯފާގައި ހަމަޖެހިލި ވަގުތު އާޝާ ސުވާލުކުރިއެވެ.

"އާން މަޑެއް ނުކުރެވޭންނު...."

މާހިލްގެ ނިންމުން އިވިފައި އާޝާގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލުނެވެ. އާޝާއަށް އޮންނަނީ މާހިލް އޭނާއާއެކު ހޭދަކުރާ ވަގުތު މަދުވެފައެވެ. މާހިލް ލޯގަނޑު ކުރިމައްޗަށް ހުއްޓި ނެއްޓިފައިވާ ގަމީހުގެ ގޮށްތައް އަޅުވާލައި ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލިއެވެ.

"މަށަށް ހީވާ އެއްޗެއް ބުނަންތަ؟"

އާޝާގެ އަޑަށް މާހިލް ހުއްޓެވުނެވެ. ލޯގަނޑަށް ބަލައިގެން ހުރިއިރު މާހިލަށް އާޝާގެ މޫނުމަތިން އަރާފައިބާ ކުލަތައް ކިތަންމެ ރަނގަޅަކަށްވެސް ފެންނަން ހުއްޓެވެ.

"މަށަށް ހީވަނީ މާހިލް މަގޭ ކައިރިއަށް އަންނަނީ ލޯތްބަކުން ނޫންހެން.....ޓައިމް ޕާސްކޮށްލަން ހެން....."

ހިތްހަމަނުޖެހިފައި އިނދެވެސް އާޝާ ވާހަކަ ދެއްކީ އާދައިގެ ރާގެއްގައެވެ. މާހިލަށް އޭނާ ހިތްހަމަ ނުޖެހިފައިވާ ވަރު އަންގަން ބޭނުން ނުވާ ކަހަލައެވެ.

"ކީއްވެ ތިހެން ތިބުނީ.....؟"

މާހިލް އާޝާގެ މޫނަށް ބަލާލަމުން ސުވާލުކުރިއެވެ.

"މިހެން ބުނާންނު ވައިފް ގުޅާއިރަށް ދާންތެޅިގަންނައިރު ހީވަނީ ދެފަޔަށް ހިނިއަރާތި އުޅޭހެން ވިއްޔާ......"

ސޯފާއިން ތެދުވެ މާހިލް ކައިރިއަށް ޖެހިލަމުން އާޝާ ބުނެލިއެވެ. އާޝާ ހިތްހަމަ ނުޖެހިފައިވާކަން މާހިލަށް ކިތަންމެ ރަނގަޅަކަށްވެސް އޭނާ ބުނެލާ ބަސްތަކުން އެނގެއެވެ.

"އަހަރެން ދެކެ ތިހާ ލޯތްބެއް ވާނަމަ ކީއްތަ ވާނީ ހަމަ އެންމެ ރެއަކު މަގޭ ކައިރީ މަޑުކޮށްލަން....."

އާޝާގެ އުނަގަނޑުގައި ހިފާ މާހިލާ ކައިރިކޮށްލިއެވެ. މާހިލްގެ ދެއަތުގެ ތެރޭގައި އާޝާ ބޮނޑިކޮށްލިއެވެ. އިތުރަށް އާޝާވެސް ޝަކުވާކުރާކަށް ބޭނުމެއް ނުވިއެވެ. މާހިލްގެ ކޮންމެ ހަރަކާތަކަށް އާޝާ އިޖާބަދިނީ ހިތުންރުހުމުންނެވެ. އެއީ އާޝާވެސް ބޭނުންވާ ގޮތެވެ. މީހެއްގެ ފިރިއެއްކަން އެނގޭއިރުވެސް އާޝާއަށް އެއީ މައްސަލައަކަށް ނޫނެވެ. މާހިލަށް މައްސަލައަކަށް ނުވަންޏާ އޭނާއަށް މައްސަލައަކަށް ވާންވީ ކީއްވެގެން ހެއްޔެވެ.

******

ނިޒާރަށް ލޯހުޅުވާލެވުނީ ވަރަށް ބޮޑަށް ފިނިވާތީއެވެ. ކޮޓަރިތެރޭގައި ނިޒާރަށް ފުރަގަސްދީގެން ނަވީންހުރީ ފަތިސްނަމާދުކުރާށެވެ. އެމަންޒަރު ފެނުމުން ނިޒާރަށް ހިތްހަމަޖެހުން ލިބުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާގެ ދެލޯތެންމާލިއެވެ. ނިޒާރުގެ ހާލު މިހާބޮޑުވީ ޖޫލީ ދެއްކި ވާހަކައެއް ނިޒާރަށް އަޑުއިވުމުންނެވެ.

ނަވީނަކީ ނިޒާރުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނަވީންގެ މަންމަ ނިޔާވީ ނަވީން ވިހަން އުޅުމުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަންމަޔަކާނުލާ ނަވީން ބެލީ އޭނާއެވެ. އިތުރު ކައިވެންޏެއް ނުކުރީވެސް އެކަމުން ނަވީނަށް ހިތާމައެއް ލިބިދާނެތީއެވެ. އެދަރިފުޅަކީ ދަރިއެއް ލިބުމުން މުޅި އުމުރަށް މަހްރޫމްވެފައިވާ މީހެއްކަން އެނގުމުން ނިޒާރުގެ ހަތަރު އުދަރެސް ފެނުޖެހުނީއެވެ. ކާފަ ދަރިއަކު އިންތިހާއަށް ބޭނުންވެފައިވާ ނިޒާރުގެ އެއުއްމީދު ހާސިލްވާންނެތީމައެވެ.

"ބައްޕާ....." ނަމާދުކޮށް ނިމިގެން ނަވީން ނިޒާރު އޮތް އެނދުކައިރިއަށް ހުއްޓެމުން ގޮވާލިއެވެ. އެހެނަސް ނިޒާރަކަށް ޖަވާބެއް ނުދެވުނެވެ. ހިތަށްކޮށްފައިވާ ފުން އަސަރަކުން އޭނާގެ ދޫހަރަކާތެއް ނުކުރިއެވެ. ނަވީންގެ ކަންފަތުގައި ޖެހުނީ ނިޒާރުގެ ގިސްލުމުގެ އަޑެވެ.

"ބައްޕާ.....ބައްޕާ ކިހިނެތްވީ.....؟"

ނަވީންގެ އަޑުގައިވީ ހައިރާންކަމެވެ. ކަންބޮޑުވުމެވެ. ބައްޕަ އެރޮނީ ތާކަށް ތަދުވާތީކަމަށް ނަވީނަށް ހީވިއެވެ.

"އަންނާނަން ނަރުސްކުއްޖަކަށް ގޮވާލާފަ....."

ނަވީން ހިނގާގަންނަން އުޅުނު ވަގުތު ނިޒާރު ނަވީންގެ އަތުގައި ހިފެހެއްޓިއެވެ. ނަވީނަށް ބައްޕަގެ މޫނަށް ބަލާލެވުނެވެ. ނިޒާރު ދެފަރާތަށް ބޯހޫރާލީ ނުދާށޭ ބުނާފަދައިންނެވެ. ނިޒާރުގެ ފެންކަޅިވެފައިވާ ދެލޯ ނަވީންވެސް ރޮއްވާލާހާ ވެއެވެ.

"ދަރިފުޅާ.....ކީއްވެ ބައްޕަ އެހާ ދުރުކޮށްލީ......."

ނިޒާރަށް ވާހަކަދައްކަން ވަރަށް އުނދަގުލެވެ. ނިޒާރު އެދައްކާ ވާހަކައެއް ނަގާ ނުގަނެވިފައި ނަވީން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"އަނެއްކާ ބައްޕައަށް ލައިބާ އާ މެރީކުރިކަން އެނގުނީބާ....."

ނަވީންގެ ހިތަށް އެރިއެވެ. އެހެނަސް ޗުއްޕުވެސް ބުނެލަން ނަވީނަކަށް ނުކެރުނެވެ. ނަވީން ހުރީ ބިރުން ވިރިވިރިއެވެ.

"ބޭސްކޮށްގެންވެސް ދެން ދަރިފުޅަށް ކުއްޖަކު ނުލިބޭނެތަ؟"

ނިޒާރުގެ އަޑުގައި އިންތިޙާ މާޔޫސްކަންވިއެވެ. ނިޒާރުގެ އަޑުއިވިއްޖެ ކޮންމެ މީހެއްގެ ހިތް ފުނޑުފުނޑުވާހާވެއެވެ. ނިޒާރުގެ އަޑުއިވިފައި ނަވީންގެ ދެލޯބޮޑުވިއެވެ. ބޭރަށްލާން އުޅުނު ނޭވާވެސް ހީވީ އެތެރެހަށީގައި ތާށިވިހެންނެވެ.

"ބައްޕައަށް ކިހިނެތް އެނގުނީ......"

ނަވީނަށް އަނގައިން ބުނެވުނީ އިރުކޮޅެއް ފަހުންނެވެ.

"ޖޫލީ ޒީނިޔާ ކައިރީ އެވާހަކަ ދައްކަނިކޮން ބައްޕައަށް އަޑުއިވުނީ......"

ނިޒާރުގެ ހިކިފައިވާ ތުންފަތާއި ކަރުނައިން ބަރުވެފައިވާ ދެލޮލުން ހެކިދެނީ އޭނާ އެކަމާ ހިތްދަތިވެފައިވާވަރެވެ. އަބަދުވެސް އުޖާލާކޮންފެންނަ ނިޒާރުގެ އެމޫނުން ފެންނަނީ މިހާރު ހިތާމަޔާ ހިތްދަތިކަމުގެ ކުލަވަރެވެ.

"ބައްޕާ މަށަކަށް ނޫން ކުދިން ނުލިބެނީ.....ޖޫލީއަށް...."

ނިޒާރުގެ ބަލިހާލު ހުރިގޮތުން ހަގީގަތް ހާމަކުރުމަކީ މުހިއްމުކަމެއްކަމަށް ނަވީން ދެކުނެވެ. ނަވީން އިސްޖަހާލީ ކަޅިޖަހާނުލާ ނަވީނަށް ބަލަން އޮތް ނިޒާރުގެ މޫނަށް ބަލާލާނެ ހިތްވަރުނެތުމުންނެވެ.

"ކީކޭ.....؟"

ދެފަހަރު ދެގޮތަކަށް އަޑުއިވިފައި ވުމުން ނިޒާރަށްވެސް ގަބޫލުކުރަންވީ ކާކު ދައްކާ ވާހަކައެއްކަމެއް ނޭގުނެވެ. ނަވީން ދޫކޮށްލީ ފުންނޭވާއެކެވެ. ނަވީން ގޮސް ހުއްޓުނީ ކުޑަދޮރުކައިރީގައެވެ. ނަވީން، ނިޒާރަށް ފުރަގަސްދިނީ އެދެލޮލުގައި ގިނަވެފައިވާ ކަރުނަތައް އެހާލުގައި އޮއްވާ ދައްކަން ބޭނުން ނުވާތީއެވެ.

"ބައްޕައަށް އަޑުތިއިވުނީ ރަނގަޅަށް......ކުދިން ނުލިބެނީ އަހަންނަކަށްނޫން....ޖޫލީއަށް...."

ނިޒާރުގެ ދެލޯފުރުނީ ހިތާމައިގެ ކަރުނުންކަމެއް އުފަލުން ކަމެއް ނޭގެއެވެ. ލޮލުގައި ގިނަވެފައިވާ ކަރުނަތައް އޮހިގަތީ އަމިއްލަ އިހްތިޔާރަކު ނޫނެވެ.

"ޖޫލީއަކަށް ނޭގޭނެ ކުދިން ނުލިބެނީ އޭނަޔަށް ކަމެއް.......އަހަރެން ހަށީގަ ނޭވާ ހުރިހާ ހިނދަކު އެކަން ޖޫލީއަށް އެނގިގެން ނުވާނެ...." ނަވީން ރޮވިފައިޥާ އަޑަކުން ބުނެލިއެވެ.
"ނަވީން.....ބުނޭތީ ދޮގެކޭ....."

ދޮރާދިމާއިން އިވުނު އަޑުން ނަވީންގެ ހަތަރެސްފައި ރޫރޫ އަޅާއިގެންދިޔައެވެ. އެއަޑުގައިވަނީ ވޭނީ އާދޭހެވެ. ނަޥީންގެ ދުލުން އެބުނިބަސްތަކަކީ ދޮގަކަށްވާން އޭނާ ނުހަނު ބޭނުންކަން ފިލިތަކަށް ދަމާލިގޮތުން ޔަގީންކުރެވެއެވެ. ކޮޓަރީގެ ދޮރުހުޅުވިކަން އޭނާއަކަށް ނޭގެއެވެ. ނިކަން ނުކެރި ހުރެފައި ނަވީން ދޮރާދިމާއަށް ބަލާލިއެވެ. ކޮންމެ ގޮތެއްވިޔަސް ދެން ނަވީނަށް ޖެހޭނީ މިހަގީގަތާއި ކުރިމަތިލާށެވެ.

~ނުނިމޭ~

 

ނޯޓް: 23ވަނަ ބައިކުރުކޮށް ގެނެސްދެވުނީތީ އެންމެހާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށްއެދެން
އިންޝާﷲ 24ވަނަބައި ދިގުކޮށްގެންނަން މަސައްކަތްކުރާނަން
މިބައިވެސް ތިއެންމެ ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުއްމީދުކުރަން ތިދެއްވާ
ސަޕޯޓަށް ލޯތްބާއެކު ޝުކުރިއްޔާ (:

 1. Avatar

  ހަފްތާ އަކު ކިތަށް ދުވަހުތަ ގެނެސްދެނީ……..އަޅެ އަވަހަށް އަޕް ކޮއްބަލަ ޕުލީސް…..

  10
 2. Avatar

  ކޮންމެ ޕާރޓެއްގައި ވެސް ކުރީ ބައިގެ ނިމޭ ހިސާބު މާބޮޑަށް ގެނެސްދީފައި ގެންނަނީ… މިފަހަރުވެސް 22 ވަނަ ބައިގެ އެންމެ ފަހު 17 ސެންޓެންސް ގެނެސް ދީފައި.. އެހެންވީމަ އަސްލު ކިޔާލަން ލިބެނީ ވަރަށް ކުޑަ ތަންކޮޅެއް… އެބައި ގިނަވެގެން 4-5 ސެންޓެންސް ވަރު ގެނެސްދިނީމަ ކުރީބައި ހަނދާނަށް އަންނާނެ… މިކަން އިސްލާޙް ކޮށްލާނޭ ކަމަށް އުއްމީދުކުރަން…. މިއީ މިހާތަނަށް ކިޔޭ އެންމެ ރީތި އެއް ވާހަކަ….

  22
 3. Avatar

  އަސްލުވެސް މާބޮޑަށް ލަހީ. ކޮންމެފަހަރަކު 2- 3 ޕާރޓް އަޕްކޮށްލާފަ 2 ހަފްތާވަރު އެބަ ނަގާ އިތުރުބައެއް އަޕްވާން. ދެން ކޮންމެފަހަރަކު އެކްސްކިއުޒް ވީމަ ކިއުންތެރިން ފޫހިވާނެ. ކުޑަމިނުން ބިޒީވަނީ ކީއްވެކަމާއި ވާހަކަ އަޕްކޮށްދެވިދާނެ ހެން ހީވާ ޑޭޓެއްވެސް ކޮމެންޓްއަކުން ބުނެލާނަމަ ކިއުންތެރިން މިހާބޮޑަށް މާޔޫސްނުވާނެ. މިކަމަށް ވިސްނާނޭ ކަމަށް އުއްމީދުކުރަން.

  15
  1. Avatar

   ރަނގަޅު ވާހަކައެއް. މި ލިޔުންތެރިޔާގެ ހިޔާލު އަސްލުވަރަށް ތަނަވަސް. ވާހަކަ ލިޔުމުގެ ހުނަރުވެސް އެބަހުރި. އެކަމް ކިޔުންތެރިންގެ އިޙްސާސް ދެނެގަންނާކަށް ނޭނގޭ.

   14
 4. Avatar

  މިވާހަކައިން ކުޑަތަންކޮޅެއް އަޕްވާން އަދި ކިހާ ދުވަހެއް ނަގާނެތަ؟ މިހާރު ތިހަދާ ގޮތުން މަހަކު ގިނަވެގެން 3 ބައި ލިބެނީ ކިޔާލަން އެވެސް އެހާ ކުޑަތަންކޮޅެއް ލިޔެފައި އޮންނާނީ. ދެން މުޅިއުމުރު ދުވަހު މިވާހަކަ ނިމޭނޭ ގޮތުގެ އިންތިޒާރުގައި ދޯވް ހުންނަންވީ. ތިވަރުން ދަންޏާ ލިޔުންތެރިޔާގެ މަޤްބޫލްކަން ވެސް ދާނީ ކުޑަވަމުން.

 5. Avatar

  މިކަން ކުރަން ބޭނުން ނުވަންޏާ ވެސް ކޮމެންޓަކުން އެކަން އަންގާލަދީބަލަ. އޭރަކުން އަހަރުން ދުވާލަކު 5-6 ފަހަރު ވާހަކަ އަޕްވިތޯވް ޗެކްކުރާކަށް ނުޖެހޭނެ. ތި ލިޔުންތެރިޔާގެ ވާހަކަތައް ކިޔުން މިހާހިސާބުން ސަލާމް.

  12

ޚިޔާލު ފޮނުއްވާ