15731 66

ކޮޓަރީގެ ދޮރު ހުޅުވައި ކޮއްޕާލެވުނީ އަތުގައި ހުރި ބާރެއް ލައިފައެވެ. ދޮރު ފާރުގައި ޖެހުނުލެއް ބާރުކަމުން ދަބަހަށް އެއްޗެހި އަޅަން ދޮރަށް ފުރަގަސްދީގެން ހުރި ނަވީނަށްވެސް ބަލައިނުލާ ނުހުރެވުނެވެ. ކިތަންމެ ހިތްއަވަސްވެފައި ހުރި ނަމަވެސް ދޮރުމަތީގައި ހުރި ލައިބާ ފެނިފައި ނަވީންގެ ހަރަކާތްތައް މަޑުޖެހުނެވެ. ލައިބާގެ ދެލޯފެންކަޅިވެފައިވާއިރު މީހާވަނީ ދާހިތްލާ ފޯވެފައެވެ.

“ހަމަ ދަނީތަ….؟”

ބުނެލަން ކިތަންމެ ކުރު ސުވާލެއް ނަމަވެސް ލައިބާގެ އަޑުގައިވީ ހިތާމައިގެ އަސަރުން ނަވީންގެ ހިތަށްވެސް އަސަރުކުރުވިއެވެ. ނަވީންވެސް ހުރީ މިހާ އަވަހަށް ލައިބާ އާ ވަކިވާކަށް ނޫނެވެ. ލައިބާގެ ހިތަށް ކުރާނެ އަސަރު ނަވީނަށް ކިތަންމެ ރަނގަޅަކަށްވެސް އިޙްސާސްކުރެވުނެވެ. ހަމަ އެކަނި ލައިބާ ކުރި ސުވާލަށް ބޯޖަހާލުން ނޫންކަމެއް ނަވީނަކަށް ނުކުރެވުނެވެ.

“އަހަރެންވެސް ދާނަން އަހަރެން ގެންދޭ ނަވީނާއެކު”

ލައިބާ އައިގޮތަށް އައިސް ނަވީންގެ މޭތެރޭގައި މޫނުފޮރުވާލިއެވެ. ޝަކުވާކޮށްލިއެވެ. ނަވީނާއި ދުރަށްދާން ބޭނުންނުވާކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.

ނަވީންގެ ދެއަތުން ލައިބާގެ ދެކޮނޑުގައި ހިފާ ގަޔާލައި ބޮނޑިކޮށްލިއެވެ. ދެވަނަ ސިކުންތުގައި ނަވީން ލައިބާގެ ބޮލުގައި ފިރުމާލިއެވެ.

“އަހަރެން ގެންދޭ ނަވީނާއެކު….”

ލައިބާ ނިކަން ހިތްވަރުކޮށްފައި ނަވީންގެ މޫނަށް ބަލާލިއެވެ. ނަވީނަށްވެސް ލައިބާގެ މޫނަށް ބަލާއިނުލާ ނުހުރެވުނެވެ. ލައިބާގެ ދެލޮލުން ފައިބަމުންދިޔަ ކޮންމެ ކަރުނަ ތިއްކެއްގައި ނަވީންގެ ނަން ފެވިގެންދާފަދައެވެ. ހައިރާންވެފައިވާ ދެލޮލުން ނަވީނަށް ބަލަން ހުރެވުނީ މަންމަނެއް ފަދައިންނެވެ. ލައިބާ އޭނާދެކެ ލޯބިވާވަރު ލައިބާގެ ކޮންމެ ހަރަކާތަކުންވެސް ހެކިދެއެވެ.

“އަހަންނަށް….ނަވީނާ ނުލާ ދެން ނޫޅެވޭނެ…..”

ލައިބާގެ ކޮންމެ ޖުމްލައެއްގައި އެތަށް ހާސް ރިހުންވިއެވެ. ގުނާ އަދަދު ނުކުރެވޭހާ އަސަރުވިއެވެ. އިވެމުންދާ ކޮންމެ ޖުމްލައަކުން ނަވީނަށް އިޙްސާސްކުރެވުނީ ލައިބާ ލޯބިވާވަރެވެ. އެފަކީރަށްދެން ނަވީނާއި ނުލާ އުޅެން އުނދަގޫވާނެވަރެވެ.

“ދެން ނުރޮއެ….ބައްޕަ ރަނގަޅުވެލީމަ ލައިބާ ކައިރިއަށް އަހަރެން އަންނާނަން…..”

ގޮތް ހުސްވެފައިވާ މީހަކު ފަދައިން ނަވީން ބުނެލިއެވެ. މިވަގުތު ލައިބާ ހިތްހަމަޖައްސައިދިނުން ނަވީނަށް މުހިއްމެވެ. ނަވީންގެ ދެއަތުން ލައިބާގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަދިނެވެ.

“އަހަރެންވެސް ބޭނުން ނަވީނާއެކު ނަވީން ބައްޕަ ކައިރިއަށްދާން…..”

ލައިބާ ބޭނުންވާގޮތް އެއްވެސް ޖެހިލުމެއްނެތި ހާމަކުރުމުން ނަވީނަށް ލިބުނީ ސިހުމެކެވެ.

“އެއްގޮތަކަށްވެސް ތިގޮތެއް ކަމަކު ނުދާނެ…..އަހަރެން ލައިބާގެ މަންމައަށް ވަޢުދުވެފަވާނީ ލައިބާ ބަހައްޓާނީ ލައިބާ މަންމަ ކައިރީގައި ކަމަށް މަންމަވެސް ބޭނުންވަނީ އެގޮތް…..މިހާ ކުއްލިއަކަށް ލައިބާ މަންމަ ދޫކޮއް ހިނގައްޖެޔާ މަންމަ ކިހާ ދެރަވާނެ…..ކިހާ އެކަނިވާނެ….”

ނަވީން ބޭނުންވީ ލައިބާއަށް ވިސްނައިދޭށެވެ.

ލައިބާ ގޮވައިގެން ނަވީން ހިނގައްޖެނަމަ އެތަށްހާސް މައްސަލަޔަކާއި ކުރިމަތިލާން ޖެހޭނެއެވެ. ނަވީނަށް ވިސްނުނީ ލައިބާއަށް ހުރިހާ ހަގީގަތެއް ކިޔާ ދިނުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމުގައެވެ. އޭރުން ލައިބާވެސް އިތުރަށް ޝަކުވާނުކޮށް ހުރެދާނެކަމަށް ވިސްނާފައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އައްފާން ކަރުކެހިލުމުން ދެމީހުން ދުރަށްޖެހިލިއެވެ. ލައިބާ އިސްޖަހާލީ އެއްވެސް މީހަކާ މިވަގުތު ކުރިމަތިލާނެ ހިތްވަރުނެތުމުންނެވެ.

“އޭ ދެން ލަސްކުރެވޭކަށްނެތް ފުރަން ނިކުންނަންވީ……”

އައްފާން އިތުރަށް އެތަނުގައި މަޑުނުކޮށް ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. އައްފާންގެ ޖުމްލަ އިވިފައި ލައިބާގެ ހިތުގެތެޅުންވީ އަވަހެވެ. ވަކިވުމުގެ ވަގުތު ކުޑަތަންވެއްޖެކަން އެނގުމުން ނޭގޭ ބިރުވެރިކަމެއް ހިތުގައި އުފެދުނެވެ. ނޭވާއަވަސްވެ މީހާ ދާހިތްލަންފެށިއެވެ.

ނަވީން އަވަސްވީ ބޭރަށް ނިކުންނާށެވެ.ތައްޔާރުކޮށްފައިވާ ދަބަސް ކޮނޑުގައި އަޅުވައިގެން އަވިއައިނުން ދެލޯ ފޮރުވާލައިގެން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.

“ލައިބާ..”

ދޮރާ ހަމައަށްގޮސް ނަވީން ލައިބާއަށް ގޮވާލީ އޭނާ ކޮޓަރިން ނިކުންނަން ނޫޅުމުންނެވެ. ނަވީންގެ އަޑަށް ލައިބާ ބަލާލިއިރު ލައިބާގެ ދެލޮލުން ނަވީނަށް ބޭނުންވާވަރު ކިތަންމެ ރަނގަޅަކަށްވެސް ފެންނަން ހުއްޓެވެ. ފެންކަޅިވެފައިވާ ދެލޮލުން އެތަށް ވާހަކަތަކެއް ބުނެދޭ ފަދައެވެ.

ނޭގޭ ދަމާބާރަކުން ލައިބާއާ ދިމާއަށް ނަވީން ދަމައިގަތީ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ. ނަވީން ދުވެފައި ގޮސް ލައިބާގެ ގައިގާ ނިކަން ބާރަށް ބައްދައިގަތެވެ. ލައިބާވެސް ހުރީ ނަވީންގެ ފަރާތުން އެފަދަ ކަމެއް ވެދާނެކަމަށް ވިސްނައިގެންނެއް ނޫނެވެ. ލައިބާއަށް ލިބުނު ސިހުމުގައި އޭނާގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވިއެވެ.އެހެނަސް ލައިބާވެސް އޭނާގެ ދެއަތް ނަވީންގެ ގައިގާ ވަށާލީ ވަކިވުމުގެ ސަލާމްގެ ގޮތުންނެވެ.

**** **** **** **** ****

ވަގުތަކީ މެންދުރުގެ އެންމެ ހޫނުގަދަ ގަޑިކަމުން އަތިރިމަތީގައި ވަނީ ފަޅުކަމާއި ހިމޭންކަމެވެ. ނަވީނާއި ލައިބާ އަތިރި މައްޗަށް ނިކުތްއިރު އައްފާން ފެންނާކަށް ނެތެވެ. ފުރަންހަމަޖެހިފައިވާ ލޯންޗުގައި މީހަކު ނެތުމުން އަދި އެމީހުންވެސް ނާންނަކަން ޔަގީންވިއެވެ. އެމީހުން އަންނަދެން ނަވީންމެން މަޑުކޮށްލީ ފަނުން ހިޔާކޮށްފައިވާ އަވިކުޑައެއްގެ ދަށުގައެވެ. އަވިކުޑައިގެ ދަށުގައި ވަށައިގެން އިށިއިނދެވޭނޭހެންވަނީ ސިމެންތި އަށްޓެއް އަޅާފައެވެ. ނަވީންގެ ކޮނޑުގައި އަޅުވާފައިވާ ދަބަސް ނައްޓާލާފައި އެއަށިމަތީ ބޭއްވިއެވެ. ބަރުދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރުން ތަކުލީފަކަށްވެގެންނެވެ.

ހިތްނުތަނަވަސްވެފައިވާ ހާލު ލައިބާ އަށީގައި އިށިއިނެވެ. ޖެހޭ ނަލަނަލަ ރޯޅިން އެހިތަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ނަވީންގެ ހިތްވެސް ތެޅެމުންދަނީ އިންތިޙާ ބާރުމިނުގައެވެ.

“ލައިބާ….”

ނަވީންގެ އަޑަށް ފުން ހިޔާލެއް ތެރެއަށް ގެނބިފައިއިން ލައިބާ ދިޔައީ ސިއްސައިގެންނެވެ.

“އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ…..”

ލައިބާއަށް ފުރަގަސްދެމުން ނަވީން ވާހަކަދެއްކިއެވެ. އެދައްކަން އުޅޭ ވާހަކައަކީ ލައިބާ އާ ކުރިމަތިލައިގެން ނަވީނަށް ދައްކަން ފަސޭހަ ވާހަކައެއް ނޫނެވެ. އެހެނަސް މިހާރު ލައިބާއަށް ހަގީގަތް އެނގުމަކީ މުހިއްމެވެ.

“އުއްމީދުކުރަން މިވާހަކަ ދެއްކީމަށްފަހު ލައިބާ އަހަންނަށް ހިތްބަރު ނުކުރާނެކަމަށް…..”

ފަޓްލޫނުގެ ޖީބަށް އަތްޖަހާލަމުން ނަވީން ދޫކޮށްލީ ފުންނޭވާއެކެވެ.

“އަހަންނަށް މާފުކުރޭ ލައިބާ…..”

ނަވީންގެ އަޑުގައިވީ މީގެކުރިން ލައިބާއަށް އިވިފައި ނުވާފަދަ ވޭނީ ރިހުމެކެވެ. އެއްޗެއް ބުނެލަން ލައިބާގެ ދޫހަރަކާތެއް ނުކުރިއެވެ.

“ލައިބާ ނޫނަސް އަހަރެންގެ އެހެން އަންބަކު ހުރޭ……..”

ދެލޯމަރާ ބާރުކޮށްގެން ނަވީން އެހެން ބުނެލީ ވަރަށް އުނދަގުލުންނެވެ.

ނަވީންގެ ޖުމްލަ އިވިފައި ލައިބާއަށް ތެޅިގަނެވުނެވެ. ތޫނުވަކިތަކަކުން ހިތުގައި ވަކިދަމާލިޔަސް އެހާ ތަދެއް ނުވާނެއެވެ. ބަޑިފަޅާއިގެންދިޔައީ ހިތަށްކުރި އަސަރެއްގެ ބޮޑުމަކުންނެވެ. ނަވީން އޭނާއަށް އޮޅުވާލީއެވެ. އޭނާގެ ފަގީރުކަމާއި ނިކަމެތިކަމުގެ ފައިދާނެގީއެވެ. ކައިވެނީގެ ކުރިން ހާމަނުކުރެވުނު ކަމެއް މިހާރު ބުނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހަމަ އެންމެ ރެއަކު ބޭނުންކޮއްލާފައި އެއްލާލަން ހެއްޔެވެ؟ ޝަކުވާއިން ލައިބާގެ ހިތް ކިލަނބުކޮށްލިއެވެ. ހައިޖާނުން އޭނާގެ ސިކުނޑި ތަޣައްޔަރުކޮށްލިއެވެ.

“ކީއްކުރަން މިހާރު ތިހުރިހާ ވާހަކައެއް ތި ދައްކަނީ…..”

ތަނަށްވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލީ ލައިބާއެވެ. ދެރައަށްވުރެން އޭނާ ގާތަށް އައީ ރުޅިއެވެ. ރުޅި އައިސްގެން ލައިބާ ތުރުތުރު އަޅާއިގަތެވެ.

” ކުރިންވެސް މިވާހަކަދައްކަން ވަރަށް މަސައްކަތްކުރިން…….”

ނަވީން ވާހަކަދެއްކީ އިސްޖަހާލައިގެން ހުރެ ކުށްވެރިއެއް ފަދައިންނެވެ. އަދިވެސް އޭނާހުރީ ލައިބާއަށް ފުރަގަސްދީގެންނެވެ.

“ބީރަށްޓެހިރަށަކަށް އަރާ ނިކަނެތި އަންހެންކުއްޖެއްގެ އިޙްސާސްތަކާ ކުޅެލެވުނު އިރު ހަނދާނެއްނެތްދޯ އިތުރު އަންބަކު ހުރިކަމެއް….މިފަސްގަނޑުން ފުރާންދާންވީމަދޯ އޭނަ މަތިން ތި ހަނދާންވީ ……”

ލައިބާގެ ކޮންމެ ޖުމްލައެއް ހީވަނީ ދުނިދަނޑީގައި ލައި ދޫކޮށްލާ ތީރެއްހެންނެވެ. ރުޅިވެރިކަމުގެ އެބަސްތައް ނަވީން އަޑުއެހީ ކެތްތެރިކަމާއެކުއެވެ. ލައިބާ ރުޅިއައުން ޙައްޤުކަމުގައި ނަވީން ގަބޫލުކުރިއެވެ.

“އަހަރެން ހިޔެއް ނުކުރަން ނަވީންތީ ތިކަހަލަ މީހެއް ކަމަކަށް……”

ލައިބާ ރުޅި އައިސްފައިވާލެއް ބޮޑުކަމުން މީހާ ހީވަނީ ހަމައިން ނައްޓާފައިވާހެންނެވެ.

“ލައިބާ! އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ”

އެހެނަސް މިވަގުތު ލައިބާ ނަވީން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫނެވެ.

“ނަވީން ދައްކާވާހަކައެއް ދެން މިލައިބާއެއް ނާހާނެ….. އަދިވެސް އަހަންނަށް ދަޅަ ދައްކާނަމޭ ހިތާދޯ ތިއުޅެނީ ދެން މަށެއް ތި މަޅިއަކު ނުޖެހޭނެ….”

ލައިބާގެ ކޮންމެ ޖުމްލައެއްގައިވީ ރުޅިވެރިކަމުގެ ބަސްތަކުން ގަތާލާފައެވެ. ލައިބާގެ ކޮންމެ ޖުމްލައެއް ނަވީންގެ ހިތް ތޮރުފާލާހާ ބާރުގަދައެވެ. ތޫނެވެ.

މިވަގުތު ހުރިހާ ވާހަކައެއް ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ނަވީނަށް ވިސްނުނެވެ. ލައިބާ އެހުރީ އޭނާ ދައްކާ ވާހަކަ އަޑުއަހާ ކަހަލަ މޫޑެއްގައި ނޫނެވެ. ނަވީންގެ ދަބަސް ހުޅުވާ ހުދުކުލައިގެ ބޮޑު ސިޓީއުރައެއް ލައިބާގެ އަތަށް ލައިދިނެވެ.

“އެނގޭ އަހަންނާމެދު ހިތް ހެޔޮނުވާނެކަން……ހިތްހެޔޮވި ދުވަހަކުން މަށަށް ގުޅާލާތި ……ތި ސިޓީ އުރަތެރޭގައި އޮންނާނެ ސިމްލައްވާފަ އޮތް ފޯނެއް…..”

ލައިބާ ދިރުމެއްނެތް މީހެއް ފަދައިން ހުރީއެވެ. ނަވީނާ ދިމާއަށް ބަލާލަންވެސް ލައިބާ ބޭނުމެއް ނޫނެވެ. ނިކަމެތި އަންހެންކުއްޖަކަށް ދެވޭނެ އެއަށްވުރެން ވަކި ހިތްދަތިކަމެއް އޮންނާނެ ހެއްޔެވެ؟ ލައިބާ ދެކޭ ގޮތުގައި އޮޅުވާލުމާއި މަކަރުވެރިކަމުގެ ރޭހުން ނަވީނަށް ވަނަ ލިބުން ހައްޤެވެ.

” އޭ ލޯންޗަށް އަރަން ހިނގާ….”

ކޯކްދަޅެއް ބޮމުން އައި އައްފާންގެ އެޖުމްލަވީ ލައިބާގެ ހިތުގައި އަޅާލި ރޮނގަކަށެވެ. ނަވީން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެހިތުގައި ނަވީނަށް ދެވިފައިވާ މަގާމްއެހެން މީހަކަށް ނުދެވޭނެއެވެ.

“ފަހަރީ…..ދަނީ ހިތްހެޔޮކުރާތި ބޮޑުބެ ރަނގަޅުވީމަ ނަވީން ފޮނުވާނަން މިކޮޅަށް……”

އަވަސްއަވަހަށް ދެލޯފުހެލަމުން އައްފާނާއި ލައިބާ ސަލާންކޮށްލިއެވެ. އައްފާން ހިނިތުންވެފައި ހުރި ނަމަވެސް ލައިބާ ހިނިތުންވާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އޮޅުވާލީ ނަވީން އެކަންޏެއް ނޫނެވެ. އައްފާނުވެސް ހުރިހާ ހަގީގަތެއް އެނގި ލައިބާ ވަޅުގަނޑަކަށް ވައްޓާލީއެވެ. އައްފާންގެ ފުރަގަހުގައި ނަވީން ހުރީ ލައިބާ އާ ދިމާއަށް ކަޅިޖަހާނުލާ ބަލާށެވެ. ލައިބާގެ ކޮންމެ ޖުމްލައެއްވީ ނަވީންގެ ހިތުގައި ރައްކާކޮށްފައި އާރު ލަކުޑިގަނޑެއްގައި ބިންވަޅުނަގާހާ ފުންކޮށެވެ.

އެދެމަފިރިންނަށް ފުރުސަތުދީފައި އައްފާން ހިނގައިގަތީ ލޯންޗާ ދިމާއަށެވެ. ނަވީން ސަލާމަށް ދިއްކޮށްލި އަތުގައި ލައިބާ ހިފާލުމުގެ ބަދަލުގައި އޭނާ ދިނީ ފުރަގަހެވެ.

“އަހަރެން ދާ ހިތަކުންނޫން މިދަނީ…….ވަރަށް ހަނދާންވާނެ….”

ލައިބާގެ ފެންކަޅިވެފައިވާ ދެލޮލުން ކަރުނަ އޮހިގަންނަން މިނެއްޓެއްވެސް ބޭނުމެއް ނުވިއެވެ. ލައިބާގެ ހަޔާތަށްދެން ނަވީނެއް ނާންނާނެއެވެ. ނަވީން ކަންތައް ކުރިގޮތުން ލައިބާގެ ހިތްކުދި ކުދިވިއެވެ.

ނާއުއްމީދުން ފުރިގެންވީ ހާލު ނަވީން ޖެޓީއާ ދިމާއަށް ހިނގައިގަތެވެ. ލައިބާގެ ހިތް ހިތާމައިން ރޮއްވާލާފައެވެ. ލައިބާ ފަސްދީ ނަވީން ދިއުމުން އެތަނުގައި ހުރުމަކީ ލައިބާއަށް ކެތްވާވަރުކަމަކަށް ނުވިއެވެ.

އަޅާއިތިކޮށް ގެއާ ދިމާއަށް ދުއްވައިގަތީ ރޮމުންނެވެ. އިންތިހާއަށް ލޯބިވާ މީހަކު އޮޅުވާލުމުން ކުރެވޭނެ ހުރިހާ އިޙްސާސެއް އޭނާއަށް މިއަދު ކުރެވޭނެކަން ޔަގީނެވެ. އަމިއްލައަށް ތަޖްރިބާކުރެވުމުން ނޫނީ އެއީ ކިހާ ވޭންދެނިވި އިޙްސާސެއްކަމެއް މީހަކަށް ނޭގޭނެއެވެ.

**** **** **** **** ****

ނިޒާރު އޮތީ ހޮސްޕިޓަލްގެ ޕުރައިވެޓް ރޫމެއްގައެވެ. މިވަގުތު ނިޒާރަށް އޮތީ ލޯމެރިފައެވެ. ކައިރީގައި އިނީ ޖޫލީ އާއި ޒީނިޔާއެވެ. އާދިލާވެސް ތެޅެމުން ފޮޅެމުން ހޮސްޕިޓަލަށް އައީ ނިޒާރު އެޑްމިޓްކުރި ޙަބަރު ލިބިގެންނެވެ. ހުރިހާ މީހުންގެ މޫނުމަތިންވެސް ފެންނަނީ މޮޅިވެރިކަމެވެ. އެތަނަށްވެރިވެފައިވަނީ މެންދަންފަދަ ހިމޭންކަމެވެ. ފޯނުގެ ސްކުރީނަށް ނަޒަރު ހުއްޓާލައިގެން އިން ޖޫލީ އިނީ ހިތްހަމަނުޖެހިފައެވެ. ނަވީނަށް ނުގުޅިގެން އޭނާ އުޅުނީ ފެންނެތްތާކު ރޯމަހެއް ތެޅޭނެފަދައިންނެވެ. އައްފާން އެކީގައިވީކަން ނަސީބެވެ. އެހެންނޫންނަމަ ގުޅޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އާދިލާ ބުނާ އެއްޗަކަށް ނޫނީ ޖޫލީ ބަހެއްނުބުނެއެވެ. ދެން އިނީ ޒީނިޔާއެވެ. އާދިލާ އެތަނުގައި އިނުމުން އަނގަހުޅުވާލަން ނުކެރިގެން ޒީނިޔާ ހުރީ ކުޑަދޮރުކައިރީގައެވެ. ކުޑަދޮރުގައި ދަމާފައިވާ ބޯފަރުދާތައް ދަމާލައިގެން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ.

ކޮޓަރީގެދޮރު ހުޅުވުނު އަޑަށް އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. މޮޅިސާލާއިގެން ހުރި ނަވީން ފެނިފައި ޖޫލީއަށް އިށިއިނދެއިން ގޮނޑިން ތެދުވެވުނެވެ. ވަގުތުން ހީވީ އެތެރެއަށް ހިންދާލައިގެން އިން ރުޅިވެސް ފިނިވިހެންނެވެ. ޖޫލީއަށް ނަވީންގެ މޫނުމަތިން ފެނުނު ހިތާމައިގެ ކުލަވަރުން ހީކުރެވުނީ އޭނާ ދެރަވެފައި އެހެރީ ބައްޕަ ބަލިވެގެން ކަމަށެވެ. އެހެނަސް ނަވީނަށް ޖޫލީއާ ސިއްރުން ލައިބާއާ ކައިވެނި ކުރެވުނީތީ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ކަންބޮޑުވެފައިވާ ޖޫލީގެ މޫނުފެނިފައި ނަވީންގެ ހަތަރެސްފައިގައި ކަސްދޮޅެއް އެޅުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުންވެސްވީ ދަތިކަމަކަށެވެ. އަނެއް ކޮޅުން ލައިބާގެ ހިތް ނަވީންގެ މައްޗަށް ބަރުވެފައިވާކަން އެނގި ހިތަށް އުނދަގޫވަނީ މާވަރަކަށެވެ.

“ވަދޭ ވަދޭ……މިހާރު ބައްޕަ ރަނގަޅޭ….” ނަވީނަށް ވެފައި ހުރިގޮތް ފެނިފައި އާދިލާ ވާހަކަ ދެއްކީ ނަވީން ހަމައަކަށް އެޅުވުމުގެ ބޭނުމުގައެވެ. އިސްޖަހާލައިގެން ނަވީން އައިސް ހުއްޓުނީ ނިޒާރު އޮތް އެނދުކައިރިއަށެވެ. ކުށްވެރިއަކު ފަދައިންނެވެ. ހީވަނީ ޝަރީއަތުގެ މައިދާނަށް ގެނެވިފައިވާ ކުށްވެރިއެއް ހެންނެވެ.

އައްފާނުވެސް އައިސް ކޮޓަރިއަށްވަނީ އެވަގުތުއެވެ. ނިކަން ހާސްވެފައި ހުއްޓާވެސް ޒީނިޔާ ފެނުމުން އައްފާނަށް ހީވީ މީހަކު ފިނިއަތަކުން ހިތުގައި ފިރުމާލަދިންހެނެވެ. ޒީނިޔާ މާ ނޫންކަމަށް ހަދައިގެން ހުރީ އައްފާނަށް ބަލާށެވެ.

“މަންމާ….!”

އާދިލާ ކައިރިއަށް ހުއްޓެމުން އައްފާން އަހާލިއެވެ. ނިޒާރު ބަލިވެއްޖެއްޔާ އައްފާން ކަންބޮޑުވާވަރު އާދިލާއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

“ނިދިފަދޯ….ކިހިނެތް މިހާރު ބޮޑުބެ؟”

އެއްފަހަރު ޒީނިޔާއަށް އަނެއްފަހަރު ޖޫލީއަށް ބަލާލަމުން އައްފާން އަހާލިއެވެ.

“ގެނައި އިރަށްވުރެން ކިތަންމެ ތަނެއް ރަނގަޅު ހަކުރު މާމަތިވީ…..ނަސީބެއް އަވަހަށް ގެނެވުނުކަން….”

ޖޫލީ އަޑުގައިވީ އިންތިހާ ހިތާމައެވެ.

“ނަވީން……………..! ދާންވިއޭނުން ފެންވަރާލައިގެން ފުރެޝްވެލައިން އަންނަން އަހަރެން މަޑުކުރާނަން ބޮޑުބެ ކައިރީ ……”

އައްފާން ބޭނުންވީ ނިޒާރު ކައިރީ މަޑުކުރާށެވެ. ދަތުރުވަރުބަލި ކަމެއްވެސް އޭނާއަށް އިޙްސާސް ނުވާފަދައެވެ. އެއަށްވުރެން އޭނާ ހުރީ ނިޒާރު ބަލިވުމުން ނިޒާރަށް އެހީތެރިކަންދޭށެވެ. ދެލޯފަދަ ލޯބިވާ ބޮޑުބެއަށް ހުރިހާ ވަގުތެއް ހުސްކޮށްލަން ތައްޔާރަށެވެ.

އެއްވެސް ދެކޮޅު ހެދުމެއްނެތި ނަވީން ގެއަށްދާން އެއްބަސްވިއެވެ. ނަވީނާ އެކު އާދިލާ އާއި ޖޫލީ ދިޔައީ ގެއަށެވެ. މަޑުކުރީ ޒީނިޔާ އާއި އައްފާނެވެ. ޒީނިޔާ އާއި އައްފާންގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމާއި ހިތްހަމަޖެހުމުގެ ކުލަވަރެވެ. ހީވަނީ ދެމީހުންވެސް އެކަނިވެލަން ބޭނުންވެފައި ތިބިހެންނެވެ.

“އަހަރެން އައިމަ ވަރަށް އުފަލުންދޯ ތިހިރީ……”

އެއްވެސް ޖެހިލުންވުމެއް ނެތި އައްފާން ވާހަކަދެއްކިއެވެ. ނިޒާރަށް ނިދިފައި އޮތުމުން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފަން އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.

“ޕިސް…..ކީއްވެ އަހަރެން އުފާވާންވީ……”

ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމުގެ އަސަރު ފޮރުވޭތޯ މަސައްކަތްކުރަމުން ޒީނިޔާ ބުނެލިއެވެ.

“ކީއްވެ ނުވާންވީ…..މީހުން ބުނޭ ލޯބިވާ މީހަ ފެނުނީމަ ހިތްހަމަ ޖެހުން ލިބެޔޭ…..ގައިމު ބިއުޓިފުލް ފެނުނީމަ އަހަރެން ވަރަށް ހިތްހަމަޖެހޭ…..”

އައްފާންގެ ކިބައިން ޒީނިޔާއަށް ފެނުނީ ކެރޭކަމެވެ.

“އެކަމަކު އަހަރެންނަކަށް ތިބުނާ ގޮތެއް ނުވޭ އައްފާން ފެނުނީމައެއް……”

އައްފާނަށް ފުރަގަސްދީގެން ބޭރަށް ބަލަހައްޓައިގެން ހުރެ ޒީނިޔާ ބުނެލިއެވެ.

“ތިބުނީ……ކޮން ގޮތެއް ނުވާވާހަކައެއް؟”

އައްފާން ނޭގޭކަމަށް ހަދާފައި އަހާލިއެވެ.

“މިބުނީ އައްފާން ފެނުނީމަ ހިތްހަމައެއްވެސް ނުޖެހެއޭ ލޯތްބެއްވެސް ނުވެއޭ…..”

އައްފާން ތަޅުވާލުމުގެ މަގްސަދުގައި ޒީނިޔާ ވާހަކަދެއްކީ ވަރަށް ރުންކުރުކޮންނެވެ.

“ނިކަން އަހަރެންގެ ދެލޮލަށް ބަލާލާފަ ބުނެބަލަ ލޯތްބެއް ނުވެޔޭ….” އައްފާން ޒީނިޔާ އާ ދިމާއަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ.

“ކީ……ކީ ކުރަން ނޫޅެން…..”

އައްފާން ޒީނިޔާ އާ ކައިރީއަށް އައިކަން އެނގި ޒީނިޔާ ކަންބޮޑުވިއެވެ. ތެޅިގަނެވުނެވެ.

“ދެން ބުނެބަލަ….”

އައްފާން ޒީނިޔާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް ޒީނިޔާ އަނބުރާލިއެވެ.

“ހަމަ އެއްފަހަރު މަގޭ މޫނަށް ބަލާލަބަލަ……”

ޒީނިޔާ އައްފާނާ ދިމާއަށް އެނބުރިފައި އިސްޖަހާލިގޮތަށް ހުރީއެވެ. މިރޭ ޔަގީނުންވެސް އައްފާންގެ ކުރިމަތީ ޒީނިޔާގެ ހިތް ބޭޒާރުވާނެއެވެ. ޒީނިޔާ ހުރީ އައްފާން އެފަދައިން ކަމެއް ކޮށްދާނެ ކަމަށް ވިސްނައިގެންނެއް ނޫނެވެ.

“ބަލާލާފަ ލޯބިވިޔަސް ނުވިޔަސް ބުނޭ އޭރުން މިހެން އާވާރާއެއް ހެން ނުދުވާނަން…..ދީވާނާއެއްހެން އާދޭހެއް ނުކުރާނަން……”

ޒީނިޔާގެ ދެކޮނޑުގައި ހިފާ އައްފާން އުޅުނީ އޭނާއާ ކައިރިކޮށްލާށެވެ. ޒީނިޔާ ސިހުނުވަރުން އައްފާންގެ މޫނަށް ބަލާލިއެވެ. އެމޫނުން އެފެނުނު އަސަރުތައް ޒީނިޔާގެ ހިތާކުޅެލިއެވެ. އައްފާންގެ ދެލޮލުން ލޯބި ނޫން އެއްޗެއް ޒީނިޔާއަކަށް ނުފެނުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ހީވީ އެކަކު އަނެއްކެއްގެ ހިތުގެ ތެރެއަށް ވާސިލްވެވުނުހެންނެވެ.

“އައި….ލަވް…..ޔޫ……” އައްފާންގެ ދުލުން ލޯބިވާވަރު ހާމަކޮށްދިނީ މާނަފުން ތިންބަހުގެ ލަފުޒަކުންނެވެ.

“އައި….ލަވް….ޔޫ….ޓޫ….” ޒީނިޔާގެ ދުލުން އެބަސްތައް ނިކުތީ އަމިއްލަ ބާރަކު ނޫނެވެ.

“ޔޭސް…..” އައްފާންގެ ހުރިޙާ ދަތެއް ފެންނަ ވަރަށް ހިނިތުންވެވުނެވެ. ޒީނިޔާ ލަދުން މޫނުގައި އަތްއަޅާއިގެން ދުއްވައިގަތީ އެކޮޓަރިން ބޭރަށް ނިކުންނާށެވެ. އެވަގުތު ނިޒާރު އުނދަގޫ ގޮތަށް ކެއްސާލާފައި ފެންފޮދެއް ދިނުމަށް އެދުމުން އައްފާންވެސް ޒީނިޔާގެ ފަހަތުން ދިއުމުގެ ބަދަލުގައި އަވަސްވީ ނިޒާރަށް އެހީވާށެވެ.

***** ***** *****

ނަވީންގެ ވަކިވެ ދިއުން ލައިބާއަށް ބައްޔަކަށްވިއެވެ. އޭނާގެ އަރުން އެންމެ ފެންތިކެއްވެސް ނުދިރުނެވެ. ނަވީން ފުރުވާފައި އައިންސުރެން އެފަކީރުގެ ދެލޮލުން ކަރުނަ ހިކޭ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ. ބަޝީރާ ހީކުރީ ނަވީން ދިއުމުން ދެރަވެގެން ރޮނީކަމަށެވެ. އެހެނަސް ލައިބާ އެރޮނީ ނަވީން އޮޅުވާލީތީއެވެ. މަކަރު ހެދީތީއެވެ. ބަޝީރާ އެތަށް އެތަށް ނަސޭހަތެއް ދީފިއެވެ. އެހެނަސް ބަޝީރާގެ ނަސޭހަތްވީ ފޫނެތްފަޔަށް ފެންފުރުން ކަމުގައެވެ. ގޮތްހުސްވެގެން ބަޝީރާ ގޮސް ފާތުންނަށް ލައިބާގެ ޙާލަތު އޮޅުން ފިލުވައިދިނެވެ. ކުރަންހުރި މަސައްކަތްތައް ދޫކޮށްލާފައި ފާތުން އައީ އެކުވެރިޔާ ގާތަށެވެ.
ހޭވިފައިވާ ލައިބާގެ އިސްތަށިގަނޑާއި ރަތްދެލޯ ފެނުން މީހެއްގެ ހިތަށް އަސަރު ނުކޮށް ނުދާނެއެވެ.. ހިތާމަޔާއި ހިތްދަތިކަމުން ލައިބާގެ ހިތްވަނީ ފުނޑުފުނޑުވެފައެވެ. މީ ލައިބާއަށް ބަރުދާސްތުކުރަން ކެތްވާވަރުގެ ކަމެއް ނޫނެވެ. ފާތުން ފެނުމުން ލައިބާ ފާތުން ގައިގާ އޮޅުލައިގަތެވެ. ހިތްފުރޭންދެން ފާތުންގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޯންބޭނުންވިއެވެ.

“ނުރޮއެ ހުއްޓާލާ…..! ތިހެން އުޅުނީމަ މަންމަ ކިހާ ކަންބޮޑުވާނެ…..”

ތުއްތު ކުއްޖަކު މަސަލަސްކުރާހެން ފާތުން ލައިބާ ހަމައަކަށް އަޅުވަން ވާހަކަ ދެއްކިއެވެ. ލައިބާގެ ދެލޯ ފޮހެދެމުންނެވެ.

“އެނގޭ ލައިބާ ދެރަވާނެ ވަރު އެކަމަކު ހިތްވަރުކުރަން ވާންނު……”

ފާތުންގެ ނަސޭހަތް އިވިފައި ލައިބާއަށް އަނެއްކާވެސް މާބޮޑަށް ރޮއެގަނެވުނެވެ.

“ނަވީންވެސް މިހާ އަވަހަށް އެދިޔައީ ބައްޕަ ބަލިވެގެންނު….. ބައްޕަ ރަނގަޅުވީމަ އަންނާނުން….”

ފާތުން ލައިބާގެ ކިޔަމަންތެރިކަން ގެއްލިފައިވާ އިސްތަށިގަނޑުގައި އަތްހާކަމުން ވާހަކަ ދެއްކިއެވެ. ނަވީންގެ ނަން އިވުމުން ލައިބާއަށް އެވީ ގޮތެއް ނޭގުނެވެ. ނަވީނާއި މެދު ނަފްރަތު ނޫނީ މިހާރު އޭނާގެ ހިތުގައި ނެތެވެ.

“ދެން އެއްވެސް މީހަކު އަހަރެން ކައިރީ ނަވީންގެ ވާހަކަ ދައްކައިގެން ނުވާނެ……”

ލައިބާގެ އަޑުގައިވީ ހަރުކަށިކަމެވެ. ފާތުން ހައިރާންވެފައި ލައިބާގެ މޫނަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. އެމޫނުމަތިން ފެނުނު ނުރުހުމާއި ރުޅިވެރިކަން ފާތުންގެ ހިތްވެސް ބިރުގަންނަހާވެއެވެ.

~ ނުނިމޭ ~

  1. Avatar

    ޕްލީޒް…………….. ނެކްސްޓް ޕާރޓް ވަރަށް އަވަހަސް އަޕްކޮށްލަ ދީބަ….. މިހާރު ވަރަށް ކިޔާ ހިތްވެއްޖެ މި ވާހަކަ…

    12
  2. Avatar

    ވަރަށް ވަރަށް ރީތި ވާހަކައެއް،،،،،،،،،އަވަހައް ދެންއޮތްބައި ގެނެސްދިނުން އެދެން .،،،،،

ޚިޔާލު ފޮނުއްވާ