ބަރުބާދު - 5

އަހަރެންނަށް ހީވީ އަހަރެންގެ ކަންކަށިމަތީ ވިހެލިހެންނެވެ. މޫނު މަތިން ދިލައަރައިގެން ދިޔަހެން ހީވިއެވެ. އެހިނދު އަހަރެންނަށް މަންމައާ ދިމާއަށް ބާރަށް ފިޔަވަޅުތައް އަޅަންފެށުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް މަންމަ އެކުރީ މަންމަގެ މަޤާމުގައި އަހަރެން ހުރި ނަމަވެސް ކުރާނެކަމެއްކަން ވިސްނުމުން ހުއްޓުނީއެވެ.

ކައިލް އެއްފަރާތަކަށް މޫނު އަނބުރާލައިގެން ހުރެފައި މަންމައާ ދިމާއަށް އެނބުރުނުއިރު އެލޮލުގެ ތެރޭގައިވަނީ ކަރުނަތައް ގިނަވެފައެވެ.

"..މަމް.. އައި އޭމް ސޮރީ.."

 

ކައިލްގެ އަޑުވެސްވަނީ ބެދިފައެވެ.

".. ހަބަރުދާރު.. މަށަށް މަންމަ ނުކިޔާތި.."

މަންމަގެ ބާރު އަޑާއެކު ކައިލްގެ ކަންކަށި މައްޗަށް އަނެއް ބޮނޑި އަރާގެންދިޔަ ހިނދު ކައިލްއަށް ދެލޯމަރާ ބާރުކޮށްލެވުނީ މޫނަށް އެރި ދިލައަށް ކެތް ނުވެގެން ކަންނޭގެއެވެ. އޭނާއަށް ވާނެ ތަދު އަހަރެންނަށް އިޙްސާސްކުރެވުން ކަމުގައި ވިޔަސް އެދެމެދަށް ނުވަނުމަށް އަހަރެންހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

"..މަމް.." ކައިލް ލޯ ހުޅުވާލަމުން އަނެއްކާވެސް ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.

"..ބުނެފީމެއްނުން.. މަށަށް މަންމަ ނުކިޔާށޭ.. މަގޭ ދަރިޔަކު ތިފާޑަކަށް ނޫޅޭނެ.."

މިފަހަރުވެސް މަންމަ ކައިލް ގައިގާ ޖެހުމަށް އަތްނެގިތަން އަހަރެންނަށް ފެނުނެވެ. ނަމަވެސް ކުއްލިއަކަށް ފެނުނީ މަންމަގެ އަތުގައި ޔުމްނު ހިފެހެއްޓިތަނެވެ. ޔުމްނު އެދޭތެރެއަށް އެވަނީ ކޮން ހައްޤެއް އޮވެގެންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހިތުގައި ފޫހިކަމެއް އުފެދުނެވެ.

"..ދައްތާ ހެޔޮ ނުވާނެ.. ދައްތަގެ ދަރިޔެކޭ އެއީ.."

މަންމަގެ އަތުން ދޫކޮށްލަމުން ޔުމްނު ބުނެލިއެވެ. މަންމަ ޔުމްނުއާ ދިމާއަށް ބަލާލީ ނަފްރަތުގެ ބެލުމަކުންނެވެ. ރުޅިވެރި ނަޒަރަކުންނެވެ.

"..ތީ އޭނަގެ ކާކުތަ؟.." މަންމަ ނުރުހިފައި ބުނެލި ޖުމްލައާއެކު ޔުމްނު އިސްދަށަށްޖަހާލިއެވެ.

"..ބުނެބަލަ.." މަންމަ ތަންކޮޅެއް ބާރަށް ބުނެލުމާއެކު ޔުމްނުއަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ.

"..ދައްތާ ރުޅިމަޑުކޮށްފަ އެއްފަހަރުވެސް ހަމަޖެހިލައިގެން މިކަމާމެދު ވިސްނާލާބަލަ.. ކައިލް ދައްކާ ވާހަކަ އަޑު އަހާބަލަ.."

ޔުމްނު މަންމަގެ މޫނަށް ބަލަމުން ވާހަކަދެއްކީ ބިރުން ހުރެއެވެ.

"..އަދިވެސް މި ދައްތައަށްތަ ނުވިސްނިގެން މިއުޅެނީ.."

މަންމަގެ އަޑު އެންމެ ތަންކޮޅެއްވެސް މަޑެއްނުވެއެވެ. މަންމަ އެހާ އަޑުގަދަކޮށް ވާހަކަދައްކަނިކޮށް މިނޫނީ އިވިފައެއް ނުވެއެވެ.

"..ބުނެބަލަ.. ޔުމްނުއަށް ތިކުރެވެނީ މާ މޮޅުކަމަކީތަ؟.."

މަންމަ ޔުމްނު ކައިރިއަށް ޖެހިލިއެވެ.

"..ކައިލް އެއީ މީހެއްގެ ފިރިއެއްކަމެއް ދަރިއެއްގެ ބަފައެއްކަމެއް ޔުމްނުއަކަށް ނޭގޭތަ؟.. ޔުމްނު މިކަމާމެދު ވިސްނާލިންތަ؟ ތިގޮތަށް ކަންތައްކޮށްގެން ކިތައްމީހުންގެ ދިރިއުޅުންތަ ހަލާކުވެގެން އެދަނީ... ދަރިޔަކު ބަފައެއްގެ ލޯބިން މަހުރޫމްކޮށްލާ އަތްބަކު ފިރިއެއްގެ ލޯބިން މަޙްރޫމްކުރާއިރު ޔުމްނުގެ ހިތައް ހަމަ އެކައްޗެއްވެސް ނާރަނީތަ؟ މާތްﷲ ހަރާމްކުރައްވާފައިވާ ފާފަތައް ކުރަމުން ދުވާއިރު ބިރެއްވެސް ނުގަންނަނީތަ؟"

މަންމަގެ ވަށްވެފައިވާ ދެލޮލުން ބަލަމުން ޔުމްނުއާ ދިމާއަށް އެހުރިހާ އެއްޗެއް ކީއިރު ޔުމްނު ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. ކައިލްވެސް ހުރި ފިޔަވަޅުމަތީ ހުއްޓި ހުރީއެވެ.

"..އެހެންވީމަ ދައްތައަށް ވިސްނާދިނުމަށްވުރެ އަމިއްލައަށް ކަންތައް ކުރެވޭ ގޮތާމެދު ވިސްނާލުން މާރަނގަޅުވާނެ.."

ޔުމްނުއަށް ބަހެއް ބުނަން ނުކެރުނުތާގައި އިސްއުފުލާލައި ބަލާލަންވެސް ނުކެރުނެވެ.

"..ދެން މިހުރީ މި ފިރިހެނާ.."

މަންމަ ކައިލްއާ ދިމާއަށް އެނބުރެމުން ބުންޏެވެ.

"..ކޮންފާޑަކަށް އުޅެން ދިމާކޮށްފަ ތިހުރީ.. އުމުރުން 26 އަހަރު ފުރިފަހުރި ބޮޑު ފިރިހެނެކޭތީ.. ދަރިއެއްގެ ބަފަޔެކޭތީ.. ލަދު ނުގަންނަ ކަމޭ ހިތަށް އަރާ.. ތީ ގައިމު ކައިލްގެ މަންމައެއް ބައްޕައެއް އުޅުނުގޮތެއްނޫން.. މިހާރު ކައިލްތީ އަހަރެން ބަނޑުއަޅާ ވިހޭ ދަރިޔެކޭ ބުނަންވެސް ލަދުގަނޭ.."

އެހެން ބުނަމުން މަންމަ ކައިލްއަށް ފުރަގަސް ދިނެވެ.

މަންމަގެ މޫނު މަތީގައިވާ އުދާސްތައް އަތުގެ ނުފުށުން ފުހެމުންދިޔައިރު ދިޔައިރު އެއަތުގައިވި ތުރުތުރުލުމާއި ތުންފަތުގައިވި ތުރުތުރުލުން އަހަރެންނަށް ވަރަށް ރީއްޗަށް ފެނުނެވެ. ދަރިޔަކު އެފަދަ ގޮތަކަށް އުޅުމުން މަޔެއްގެ ހިތަށް ކުރާނެ އަސަރު އަހަރެންނަށްވެސް އިހްސާސްވެއެވެ. މަންމަ ރުޅިއައިސްފައި ހުރިނަމަވެސް އެހިތުގެ އެންމެ ފުނަށްވެސް އަސަރުކޮށްފައިވާކަން ލޮލު ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ހެކިދެއެވެ. އެހިތް ފޮތޮފޮތި ވެފައިވާ ކަހަލައެވެ. އެކަރުނަތައް ހިންދުމަށް އަވަސްއަވަހަށް އެސްފިޔަ ޖަހަމުންދިޔަ ނަމަވެސް މަންމައަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ކަރުނަތައް ލޮލުން އޮހެމުން ދިޔަވަރަކަށް ބޮޑުވާ އިނގިލިން ފޮހެމުންދިޔައެވެ.

"..މަމް.."

ކައިލް އިސްއުފުލާލަމުން ވާހަކަދައްކަންފެށުމާއެކު މަންމަ ދެލޯ މަރާލީ އެއަޑު އިވުމުން ކުރި އަސަރެއްގެ ބޮޑުކަމުން ކަންނޭގެއެވެ.

"..ކަންތައްވީގޮތް އޮޅުން ފިލުވަދޭން އަހަރެން ބޭނުން.."

ކައިލް އެއުޅެނީ ކޮން ވާހަކައެއް ދައްކަން ހެއްޔެވެ؟ މަންމައަށް ސާފުނުވާ އިތުރުކަމެއް އެބައޮތްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެހިނދު ކައިލްގެ ޕްލޭން މަތިން ހަނދާންވުމާއެކު ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ.

މަންމަ ލޯ ހުޅުވާލަމުން ދެއަތަށް ބަލާލަމުން އަތް ތިރިކޮށްލަމުން ބޯ ހޫރުވާލިއެވެ. މަންމައަށް އަތް އިސްކުރެވުމުން އަމިއްލަނަފްސު ކުއްވެރި ކުރެވުނީހެން އަހަރެންނަށް ހީވިއެވެ.

"..މަންމާ.."

ކައިލް މަޑުމަޑުން މަންމަގެ ކޮނޑުގައި އަތްބާއްވާލި ހިނދު މަންމައަށް ދެލޯ މަރާބާރުކޮށްލަމުން ދެތުންފަތް ފިއްތާ ބާރުކޮށްލިއެވެ.

"..މަންމާ.. ޤަބޫލްކުރަން ކުއްވެރިޔަކީ އަހަރެންކަމަށް.. އަހަރެން ބޭނުން މަންމައަށް ހުރިހާ ކަމެއް ސާފުކޮށްދޭން.. މަންމާ އަހަރެން.."

މަންމަ ދެލޯ ހުޅުވާލަމުން ކަރުނަތައް ފޮހެލަމުން ކައިލްއާ ދިމާއަށް އެނބުރުނީ ކައިލްގެ ވާހަކަތައް ހުއްޓުވުމަށް އަތުން އިޝާރާތްކޮށްލަމުންނެވެ.

"..ކައިލް މަންމަ މިދައްކާ ވާހަކަ އަޑުއަހާ.."

މަންމަގެ އަޑުގައި ހަރުކަށި ކަމެއް ހުއްޓެވެ.

"..ކައިލް ސާފުކޮށްދޭންޖެހޭ ވަރުގެ ކަމެއް ނެތް.. ކައިލް ކުޅެމުން އައި ކުޅިގަނޑު މިއޮތީ ލޯ ކުރިމައްޗަށް ފެނިފަ.. ޔުންމުއާ އިންނަން ބޭނުންވެގެން އުޅޭކަންވެސް މިމަންމައަށް އެނގޭ.. ދެން ކައިލް އިތުރައް އޮޅުންފިލުވައި ދޭންޖެހޭ އެއްޗެއް ނެތް.. އެހެންވީމަ މަންމަގެ ނިންމުން މިބުނަނީ ތި ކާވެންޏެއް ލޫޝާއާ އިނދެގެންހުރެ ނުކުރެވޭނެ.. އަދި ބުނަން ލޫޝާ ވަރިކޮށްލައިފިނަމަ ނޫނީ މިހިރަ ފެންނަ ޔުމްނުއާ އިނދެފިނަމަ ކައިލްއަށް ކައިލްގެ މަންމަ މަރުވެއްޖެކަމަށް ހީކޮށްލާ.."

މަންމަގެ އެޖުމްލައާއެކު ކައިލްއަށް ހައިރާންކަމާއެކު މަންމަގެ މޫނަށް ބަލާލެވުނުއިރު ޔުމްނުވެސް އިސްއުފުލާލައި މަންމައަށް ބަލާލިއެވެ. އަދި ކައިލް ޔުމްނުގެ މޫނަށް ބަލާލަމުން މަންމަގެ މޫނަށް ބަލާލީ މޮޅިވެރިކަމާއެކުއެވެ.

"..އެދުވަހަކުން މިމަންމައާ ކައިލްއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެކަން ހަނދާންކުރާތި.."

މަންމަ އެހެންބުނަމުން ބާރު ހިނގުމުގައި ކޮޓަރިން ނުކުތުމަށް ހިނގައިގަތީ އަހަރެން ކައިރީ ގެޔަށް ދިޔުމަށް ބުނަމުންނެވެ.

ކައިލް ދެއަތުން މޫނުމަތި ފުހެލަމުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތްކޮށްޕާލަމުން އެނދުގައި އިށީނީ ހާސްވެހުރެއެވެ. އަހަރެން ކޮޓަރިން ނުކުތުމަށް ހިނގައިގަތްއިރު ހިތަށް ހަމަޖެހުމެއް ލިބިފައިވެއެވެ. ކަންތައްވެ ނިމިގެން ދިޔައީ އަހަރެން ބޭނުންވިގޮތަށެވެ. ކައިލްއާ ޔުމްނުގެ ކާވެންޏެއް ދެނެއް ނުކުރެވޭނެއެވެ. ދެން ކައިލްއަށް ޖެހޭނީ މަޖުބޫރުން ވިޔަސް އަހަރެންނާއެކު އުޅޭށެވެ. އަހަރެން އެމަޖުބުރީގެ ފައިދާނަގައި ކައިލްއަށް ކުރިޔަށްވުރެ ބޮޑަށް އަޅާލައި ވާހަކަދައްކައިގެން އެލޯބި އަނބުރާ ހޯދުމަށް މަސައްކަތްކުރާނަމެވެ.

"..ކަލެޔަށް މާމޮޅުކަމެއް ނޫން އިނގޭ ތިކުރެވުނީކީ.." އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ޔުމްނުގެ ބާރު އަޑުއިވިފައެވެ.

އަހަރެން ފަހަތަށް އެނބުރި ބަލާލުމާއެކު ޔުމްނުގެ ރުޅި އައިސް ރަތްވެފައިވާ މޫނުފެނުނެވެ. އެދޮލޮލުގައި ވަނީ ނަފްރަތުގެ އަލިފާން ގަނޑެއް ރޯކޮށްލާފައެވެ. އެދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. އަހަރެން ތުންފަތްމަތީ ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ. ޔުމްނު ބާރު ހިނގުމުގައި އަހަރެންނާ ދިމާއަށް ހިނގަމުން އައި އިރު ހީވީ ލޮލުތެރޭ އަނދަމުންދާ އަލިފާންގަނޑުން އަހަރެން ފިއްސާލަން ބޭނުންވެގެން އައި ހެންނެވެ.

"..މަންމަ މިތަނަށް ވައްދައިގެން.. މަންމަ ބޮލަށް ހުތް އަޅައިގެން ކަލެޔަށް ކާމިޔާބުވާނޭ ހީނުކުރާތި.."

ޔުމްނު އަހަރެން މޫނުގައި އިނގިލި ޖެހޭ ވަރަށް ކައިރިކޮށްލަމުން ބުނެލިއެވެ. އަހަރެން އެނދުމަތީ އިށީދެނގެން އިން ކައިލްއަށް ބަލާލަމުން ޔުމްނުގެ އިނގިލި ތިރިކޮށްލީ ހިނިތުންވެ ހުރެއެވެ. އަދި ކޮޓަރިން ނިކުންނަން ހިނގައި ގަތީ ވިހަ ހިނިތުންވުމަކާއެކުއެވެ. އެހިނިތުންވުމުން ޔުމްނުގެ ލޭތައްކެކިގެން ދާނެކަން އަހަރެންނަށް އެނގެއެވެ.

"..ބުނާނެ އެއްޗެއް ކަމަނާއަށް ނޭގުނީތަ؟.."

ޔުމްނު އަހަރެންގެ އަތުގައި ހިފަހައްޓައިލަމުން ޔުމްނުއާ ދިމާއަށް އަނބުރާލިއެވެ.

"..އަނގަ ބަންދުވީތަ؟ އެނގޭ ވިއްޔަދޯ މަންމަ އެހެން ބުންޏަސް ކަލޭ ވަރިކޮށްފަ ނަމަވެސް މި ޔުމްނުއާ އިންނާނެކަން.."

އަހަރެންނަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. ޔުމްނު ހީކުރީ ކީކޭކަމަށް ހެއްޔެވެ. އަހަރެން އަނގައިން ނުބުނަން މިހުރީ ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ބުނާނެ އެއްޗެއް ނޭގިގެނެއް ނޫނެވެ. ކައިލް މިހާރު އެއިނީ ވަރަށް ބޮޑަށް ފިކުރު ބޮޑުވެފައިކަން އަހަރެންނަށް އެނގެއެވެ. ކައިލްގެ އެހާސްކަމުގެ ތެރެއިން އަހަރެން ބުނެލާ ބަހަކުން އޭނާގެ ރުޅިއައިސް ރުޅި ކޮންޓްރޯލްއިން ނެއްޓިގެން ގޮސް ހުރިހާކަމެއް ގޯހުން ގޯހަށް ދާކަށް އަހަރެން ބޭނުމެއްނޫނެވެ.

"..ބުނެބަލަ.. ދޫހެލޭ ކަމަނާ އެއްޗެކޭ ބުނެބަލަ.."

ޔުމްނު އައިސްފައިހުރި ރުޅިއާއެކު އަހަރެންގެ މޭމަތީ އަތް ޖައްސާލަމުން ފަހަތައް މަޑުމަޑުން ކޮއްޕާލިއެވެ. އަހަރެންގެ ލޭތަށް ކެކިގެންދިޔަ ހިނދު ލޯ ވައްކޮށްލަމުން ޔުމްނުއަށް ބަލާލެވުނެވެ. ހަމައެސިކުންތުގައި އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވަން މަސައްކަތްކޮށްލީމެވެ. މިވަގުތު ޔުމްނުއާ ކުރިމަތި ނުލުމަށް ސިކުނޑިއަށް ވިސްނާދިނީމެވެ.

"..ނޭގުނު ދޯ ބުނާނެ އެއްޗެއް.. ތީ ކަލޭގެ ފެންވަރަކީ އަހަރުމެންގެ ކުރިމަތީ ކަލެޔަށް ނުކެރޭނެ ޗުއްޕްވެސް ބުނަން.. ކަލޭ ތިހެން އަނގަ ބައްދައިގެން ހުއްޓާ މި ޔުމްނު ޝަޢުޤަތު ކަލޭގެ ފިރިމީހާ އަޙްމަދު ކައިލްއާ އިންނާނީވެސް.. އެވެސް ދެއަތްބަށް.. ކަލޭ އިންނަންޖެހޭނީ ކޮޓަރި ކަނަކަށްވަދެ ރޯލަ ރޯލާ.. އަޑު އިވިއްޖެތަ؟.. މިދުވަސް ވަރަށް އަވަހަށް ކަލެޔަށް ފެންނާނެ.."

"..އެހެންތަ ހީވަނީ.. ނިކަން އިނދެބަލަ ކައިލްއާ.. އިނދެވިދާނޭ ކަލެޔަށް ހީވަނީތަ؟ އޭނ.. "

އަހަރެންނަށް ހަޅޭ ލަވާގަނެވުނީ ކެތްނުކުރެވިގެންނެވެ. އަހަރެން ޔުމްނުއާ ކުރިމަތިލީމެވެ.

"..މި ލޫޝާ ޢަލީއާ އިނދެގެންހުރެ ތި ޔުމްނު ޝަޢުޤަތަކާ އިންނާކަށް ހަމަ ލާހިކު ކުޅަދާނައެއްނޫން... ކަލޭ ހީކުރީ މަށަށް ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭގިގެން އުޅެނީކަމަށްތަ؟ އޭނ.. މަށެއްނޫން ކަނަކަށް ވަދެ ރޯންވީކީ.. ކަލޭ ރޯންވީ ވަގުތު އައިސްޖެހިފަ މިއޮތީ.. އަދި ބުނަން މަށެއް ނޫޅެމޭ ކަލޭހެން ލަދު ހަޔާތް ކުޑަވެގެންނެއް.. ހިލޭ ފިރިހެނަކާ ގުޅުން ހިންގަމުން ދުވާއިރު ލަދެއްވެސް ނުގަނޭނުން.. އަނގަފުޅާކޮށްފަ ވާހަކަ ދައްކާއިރު ކަލެޔަށް ހީވަނީތަ ތިކުރެވެނީ މާމޮޅުކަމެކޭ.."

".. ކަލޭއޭ ލަދުގަންނަންވީ.. ކަލެޔަށް މޮޅަށް ކަންތައް ނުކޮށްދެވޭތީއޭ ކަލޭގެ ފިރިމީހާ މަކައިރިއަށް އައިސް އެއިނީ.. އެކަމާ.."

ޔުމްނުއަށް ބުނެވުނީ އެހިސާބަށެވެ.

"..ގޮތްގުޑަ އަންހެނާ.."

އަހަރެން ތުރުތުރު އަޅާގަތްލެއް ބާރުކަމުން ރުޅި ކޮންޓްރޯލްއިން ނެއްޓިގެން ދިޔަހިނދު ޔުމްނުގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވިހެލެވުނެވެ.

"..ލޫޝާ.."

ކައިލްގެ ބާރު އަޑުވެސް އިވިގެންދިޔައީ ހަމައެވަގުތުއެވެ.

"..ރައްކާވޭ މިތަނުން.."

ކައިލް އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ކޮޓަރި ދޮރާދިމާއަށް ބާރަށް ހޫރުވާލިއެވެ.

އަހަރެން ގޮސް ޖެހުނީ ހުޅުވިފައި ހުރި ދޮރުގެ ދާރާގައެވެ. އަހަރެންގެ ނިތްކުރި ހީވީ ދާރާގެ ތެރެއަށް ވަދެގެންދިޔަ ހެންނެވެ. އެހިނދު އަނގައިން ވޭނީ ޢާޚެއްގެ އަޑު ނުކުމެގެންދިޔައެވެ. ބޯބީތާވެ ނިތްކުރިމައްޗަށް ދިލައަރައިގެން ދިޔައިރު މޫނުމަތިން ކުދި ކޮކާ ބުރަން ފެށިއެވެ. އަހަރެންގެ ބޮލަށް ވަމުންދިޔަ ތަދުގެ ސަބަބުން ނިތްކުރިމަތީ އަތް ޖައްސާލެވުމާއެކު ތެތްކަމެއް އިޙްސާސް ކުރެވުނު ވަގުތު މޫނު މައްޗަށް އަނދިރިވެގެން ވެއްޓުނެވެ.

*********

އަހަރެން މަޑުމަޑުން ލޯ ހުޅުވަން މަސައްކަތްކުރީމެވެ. ނަމަވެސް ބޮލަށް ވެފައިވާ ތަދު އަދިވެސް ފިލައިގެން ނުދެއެވެ. ލޯ ނުހުޅުވުން ނަމަވެސް އަހަރެންނަށް އޮވެވުނީ ޓައިލްގަނޑުމަތީގައި ކަން އެނގެއެވެ. އަހަރެން ނިތްކުރިމަތީ އަތް ޖައްސާލުމާއެކު ނިތްކުރިން ތަންގަނޑެއް ފަޅައިގެން ގޮސްފައި ހުރިހެން ހީވިއެވެ. އިނގިލިތަކުގައި ތެތް އެއްޗެއް ހޭކެމުންދިޔައެވެ. މަޑުމަޑު މަޑުން ލޯ ހުޅުވާލަން މަސައްކަތްކުރީ ދެއަތް މުއްކަވާލައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުންނެވެ. ހަމައެވަގުތު އަހަރެންގެ އަނގަޔާއި ނޭފަތާއެކީ ކޮންމެވެސް މީހަކު ފޮތިގަނޑެއް ކަހަލަ އެއްޗަކުން ނިވާކޮށްލިއެވެ. އަދި ބާރަށް ފިއްތާލީ ނޭވާ ހާސްކޮށްލާ މަރާލަން އުޅޭ ފަދަގޮތަކަށެވެ. އަހަރެންނަށް ތެޅިފޮޅި ގަނެވުނެވެ. ނޭވާ ހާސްވާންފެށިއެވެ. އެމީހެއްގެ އަތްނައްޓުވާލަން މަސައްކަތްކުރަމުން ލޯ ހުޅުވާލުމާއެކު ކައިރީގައި އިނީ ޔުމްނުހެންވެސް ހީވިއެވެ. ފަހަތުން އިތުރު މީހެއްގެ ހިޔަނިފެނުންހެންވެސް ހީވިއެވެ. ހަމައެވަގުތު އަހަރެންގެ ލޯމެރެމުން މެރެމުންގޮސް މެރުނެވެ. ދެންވީގޮތެއް ނޭގުނެވެ.
**********

އަހަރެން މަޑުމަޑުން ލޯ ހުޅުވާލީމެވެ. އަހަރެން އޮތީ ކޮޓަރިއެއްގެ އެނދުމަތީގައެވެ. ސީލިންގއަށް ނަޒަރު ސީދާވުމާއެކު އެކޮޓަރިއަކީ އަހަރެންގެ ކޮޓަރިކަން އެނގުނެވެ. ނިތްކުރިމަތީގައި ތަދުގެ އަސަރު ހުރުމުން އަތްޖައްސާލިއިރު ވަނީ ބެންޑޭޖް ގަނޑެއް އޮޅާފައެވެ. އަތުގެ މުލައްދަނޑީގައިވެސް ވަނީ ބެންޑޭޖް އޮޅާފައެވެ. ހީވާގޮތުން އެއީ ވެއްޓެނިކޮށް މަށައިގެންގޮސްފައިވާ ތަނެކެވެ. ކޮޓަރިތެރެއަށް ބަލާލިއިރު ކޮޓަރީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގަޑި ބަލާލިއިރު ގަޑިން 11 ޖަހާ ބޮޑުވެއްޖެއެވެ. ހޭނެތިފައި ދޮޅުގަޑިއިރަށްވުރެ ގިނައިރު އޮވެވިއްޖެއެވެ. އަހަރެން މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ ބޭސް އަޅާދީފައި މިވަނީ ކާކު ހެއްޔެވެ؟ ޔުމްނު ނޫނީ ކައިލްގެ ކަމަކަށް ނުވާނެކަން ޔަޤީނެވެ. ދެން އެގޭގައި އިތުރު މީހަކުވެސް ނޫޅޭއިރު އަހަރެން މިތަނަށް ގެނައީ ކާކުބާއެވެ؟ ޔުމްނު މަތިން ހަނދާންވުމާއެކު އަހަރެން މަރާލުމަށް މަސައްކަތްކުރިކަން ހަނދާނަށް އަޔެވެ. ލޯ ބޮޑުކޮށްލެވުނެވެ. އެމީހުނަށް އެކަން ނުވީ ކީއްވެބާއެވެ؟ ފަހަތުން ފެނުން ހިޔަންޏަކީ ކާކު ހެއްޔެވެ؟ ގައިމުވެސް އަހަރެން ސަލާމަތް އެކުރީ އެމީހެކެވެ. ސިކުނޑީގައި ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެއް ޖަމާވެގެން ދިޔުމާއެކު ބޮލުގައި ރިއްސާގަތެވެ.

"..ދަރިފުޅާ.."

މަންމަ ކޮޓަރި ދޮރުހުޅުވާލުމާއެކު އަހަރެން ލޯ ހުޅުވައިގެން އޮތްތަންފެނުމުން ގޮވާލަމުން ހަލުވި ހިނގުމެއްގައި އައިސް އެނދުގައި އިށީނެވެ. މަންމަ ލޯތްބާއެކު ބޮލުގައި ފިރުމާލިއެވެ. އަހަރެން ޔުމްނުގެ ކިބައިން ސަލާމަތްކޮށްދިނީ މަންމަ ހެއްޔެވެ؟

"..މަންމާ.."

އަހަރެން މަންމައަށް ގޮވާލަމުން ތެދުވަން އުޅެނިކޮށް ނުތެދުވުމަށް މަންމަ އެދުނެވެ. އަރާމުކޮށްލުމަށް ބުންޏެވެ.

"..މަންމާ ކާކުތަ އަހަރެން މިތަނަށް ގެނައީ.."

އަހަރެން އެހީމެވެ.

"..ކައިލް.."

މަންމަ ހިނިތުންވެލާފައި އެހެން ބުނެލަމުން ކައިލްއަށް ވަރަށް ބާރަށް ގޮވާލިއެވެ.

ކައިލް ކޮޓަރި ދޮރު ހުޅުވާލައިފައި ވަދެގެން އައީ އަހަރެންނަށް މަންމަ ބުނި އެއްޗެއް ޤަބޫލް ނުކުރެވިގެން މަންމަގެ މޫނަށް ބަލަހައްޓައިގެން އޮއްވައެވެ. ކައިލް އަހަރެން ސަލާމަތްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ރަނގަޅުވާނީވެސް އަހަރެން މަރުވިއްޔާއެވެ. އަހަރެންނަށް އެއްފަހަރު މަންމަގެ މޫނަށް އަނެއް ފަހަރު ކައިލްގެ މޫނަށް ބަލަމުން ދިޔައީމެވެ. މަންމަގެ މޫނުމަތިން އުފާވެރިކަން ފެންނައިރު ކައިލްގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ކުއްލިއަކަށް އަހަރެންގެ ހިތުގައި ގޮތް ނޭގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. މަންމަ މިހާ ހަމަޖެހި ހިނިތުންވެފައި މިއިންނަނީ ކީއްވެގެންބާއެވެ؟

(ނުނިމޭ)

    Please log in or register to bookmark.
    5k

    2 ޚިޔާލު

    ޚިޔާލު

    Your email address will not be published.