Views: 14079 109

ޤާޟީގެ ނަސޭހަތުގެ ވާޙަކަކޮޅާއެކު ކައިވެނިކޮށްދިނުމުގެ ކަންތައްފެށިގެން ކުރިއަށްދިޔައެވެ. އެތަނުގައި ތިބި އެންމެންވެސް އެނަސޭހަތް އަޑުއަހަންތިބީ މަޑުމައިތިރިކަމާއެކު ނިކަން ކަނުލައެވެ. ހިތް އަވަސްވެފައިވާ ލައިބާ އާއި ނަވީންވެސް އިސްޖަހާލައިގެން ތިބީ ބަސްއަހާކުޑަކުއްޖަކު ފަދައިންނެވެ.

"އަނބިގަބޫލުކޮށްފިން....." ނަވީންގެ އަޑުގައި ތުރުތުރު އެޅުމެއް ހުރި ނަމަވެސް އެކަން ލައިބާއަށް ފާހަގަ ނުކުރެވުނީ ގަނެފައިވާ ބިރުގެ ސަބަބުންނެވެ. ކައިވެނިކޮށްދޭން އައިމީހުން އެގެއިން ނިކުމެގެން ދިއުމުން އައްފާން ބޭނުންވީ އެދެމީހުންގެ ފޮޓޯއެއް ނަގާށެވެ. ފުރަތަމަ ނަވީން އެކަމާ އިންކާރު ކުރިނަމަވެސް ލައިބާ އެދުމުން އެކަމާ ދެކޮޅުހަދާކަށް ނަވީނަކަށް ނުކެރުނެވެ. ލައިބާގެ އަލަތު ކައިވެންޏަށްވެފައި ލައިބާވެސް ފޮނި އުއްމީދުތަކެއް ދެކޭނޭކަން ނަވީނަށް ގަބޫލުކުރެވުނެވެ.

ނަވީނާއި ލައިބާ ކާން އިށިއިނުމުން ފާތުންނާއި އައްފާން ނިކުތީބޭރަށެވެ. މާކުރިޔަކާލައިގެން ފާތުން އާއި އައްފާންވަނީ ނަވީންމެންނާއި ސިއްރުންރޭވުންތަކެއް ރާވާފައެވެ. ޖަވާޒީގުޅުމުން ގުޅިގެންދިޔަ ދެބައިވެރިންގެ ހަނދާނުގައި ތާއަބަދަށް ރައްކާކުރެވޭނެފަދަ ސަޕްރައިޒެއްދޭން ދެމީހުންވަނީ އެކުވެރިންނަށް ވެފައެވެ. އައްފާނަށް އެހިޔާލުދިނީ ފާތުންނެވެ. ފާތުންނަކީ އެކަހަލަކަންކަމަށް ނިކަން ފޯރިހުންނަ މީހެކެވެ.

ލައިބާ ހާސްވެފައި އިންވަރުން ނުވެސް ކެވުނެވެ. އެޅިކުޑަކުޑަ ބަތްކޮޅުވެސް ނުކެވިގެން ޖެހުނީ ޑަސްބިނަށް އަޅާލާށެވެ. ލައިބާ ކައިގެން ނިކުތްއިރު ނަވީން އޮތީ ޖޯލީގައެވެ. ބަޝީރާ ގެނައި ދުފާތަބަށް އުނގަށްލައިގެން ދުފާލަ ދުފާލާ އޭނާ އޮތެވެ. ލައިބާ ފެނުމުންވެސް ނަވީން ތެދުވަން ނޫޅި ޖޯލީގައި އޮތުމުން ލައިބާވެސް ނަވީނާއި ޖެހިގެން އިން ޖޯލީގައި އިށިއިނެވެ. ކައިރީގައި ތިބި ނަމަވެސް ދެމީހުންވެސް އިހްތިޔާރުކޮށްގެން ތިބީ ހިމޭންކަމެވެ. ލައިބާ އިނީ ލަދުން ދައްކަންވީ ވާހަކައެއް ނޭގިފައެވެ. ނަވީން އޮތީ މިކުރެވުނު ކައިވެންޏަކީ އެންމެ ރަނގަޅު ނިންމުންބާއޭ ހިތަށް އަރާ ގޮތްހުސްވެފައެވެ.

ނަވީންގެ ފޯނު ރިންގުވާން ފެށުމުން ތެޅިގަނެވުނެވެ. ލައިބާ އެހާކައިރީ އިންދާ އެކޯލަކީ ޖޫލީގެ ކޯލަކަށް ވެދާނެތީއެވެ. ފޯނު ރިންގުވާން ފެށުމުން ލައިބާވެސް އިނީ ނަވީނާ ދިމާއަށް ބަލާށެވެ. އެކަމުން އިތުރަށް ނަވީނަށްވީ އުނދަގުލެވެ. ޖީބުން ފޯނުނަގަމުން ހިނގައިގަތީ ދޮރާއްޓާ ދިމާއަށެވެ. ފޯނުގެ ސްކުރީނަށް ނަވީން ބަލާލީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. "ލަވް"ގެ ނަން އަރާފައި އޮތުމުން ބޭއިޙްތިޔާރުގައި ފަހަތަށް އެނބުރި ބަލާލެވުނީ ލައިބާއަށެވެ. އެފަނޑުއަލި އެޅިފައިވާ ލައިބާގެ މޫނުވެސް އިނީ ނަވީނާ ދިމާއަށެވެ. ކަންތައްކުރަންވީ ގޮތެއް ނޭގިފައި ހުރެ ފޯނުނަގާ ކަންފަތުގައި ޖެހިއެވެ. ފޯނަށް ޖަވާބު ނުދީފިނަމަ ތަކުރާރުކޮން ޖޫލީ ގުޅާނެތީއެވެ.

"އޭ ކަމެއްގަ މިއުޅެނީ ފަހުން ގުޅާނަން އިނގޭ....." ޖޫލީ އެއްޗެއް ބުނަން ފުރުސަތުވެސް ނުދީ ނަވީން ބުނެލިއެވެ. ނަވީން ވާހަކަދެއްކީ ލައިބާއަށް ނީވޭހާ މަޑުންނެވެ. ޖޫލީ އެއްޗެއް ބުނަން ފުރުސަތު ނުދީ ނަވީން ފޯނުކަނޑާލިއެވެ. ކަންފަތާއި ދުރުކޮއްލި ފޯނު ޖީބަށް ލަމުން ލައިބާއާ ދިމާއަށް ހިނގައިގަތެވެ.

"ހިނގާ ރޫމަށްދާން...." ލައިބާގެ ކުރިމައްޗަށް ހުއްޓެމުން ނަވީން ބުނެލިއެވެ. ލައިބާގެ ހިތުގެ ތެޅުން ކުރިއަށްވުރެން ވީއިތުރުވިއެވެ. ތާރެވެ. ހީވީ މޭފަޅާލާފައި ނިކުމެދާނެހެންނެވެ. ގައިން ހީބިހި ހިލުވާލިއެވެ. ހާސްވުމާއި ކަންބޮޑުވުން ކުރިމަތީގައި ހުރި ނަވީނަށް ވަންހަނާކުރުމަށްޓަކާ މީހާގެ ނަފްސު ކޮންޓުރޯލްކުރެވޭތޯ ލައިބާ މަސައްކަތްކުރިއެވެ. މިރެއަކީ ލައިބާ ހަޔާތުގައި މުޅިން އާތަޖުރިބާއެއް ކުރެވޭނޭ ރެއެކެވެ. އެކަން ހިތަށް އެރިޔަސް ލައިބާ ވިރޭހާވެއެވެ. ޖެހިލުންވެގެން މީހާ ރޫޅޭހާވެއެވެ. ލައިބާ ގަނޑުވެފައި އިން މީހަކުފަދައިން ޖޯލިން ތެދުވަން ނުކެރި އިނެވެ.

"ދޭ...މަންމަ ކައިރީ ބުނެލާފަ އަންނަން...." ލައިބާ ތެދުވަން ނޫޅުމުން ނަވީން އިތުރަށް ބުނެލިއެވެ. ބުލްބުލާގޭގައި ދެމަފިރިއަކު އުޅެން އެކަށޭނެ ކޮޓަރިއެއް ނެތުމުން ނަވީނާއި ލައިބާ ތިބެން ހަމަޖެހިފައިވަނީ ގެސްޓުހައުސްގައެވެ.

ނަވީންގެ ދެލޮލުން ލައިބާއަށް ފެނުނީ އާދޭހެވެ. ލައިބާ ހީކޮށްގެން އެހުރީ ނަވީން އަސްލުވެސް ލައިބާ ދެކެ ލޯބިވެގެން ލައިބާއާ ކައިވެނިކުރީކަމުގައެވެ. އެހެންކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ލައިބާއަށް އިޙްސާސްކުރެވުނީ ނަވީން ލައިބާއަށް ބޭނުންވެފައިވާ ވަރެވެ.

ލައިބާ އެތެރެއަށް ވަންއިރު ބަޝީރާ އެނދުމަތީގައި އިނެވެ. އެމޫނުން ފެންނަ އަސަރުތައް ބަޔާންކުރަން ލައިބާއަށް މިރޭ ވަރަށްވެސް ދައްޗެވެ. ލައިބާ ފެނުމުން ބަޝީރާ ހިނިތުންވެލީ ގަދަކަމުންނެވެ.

"މަންމާ! މިދަނީ....." ދުލާހަމައަށް އެބަސްތައް ގެނައުމަކީ ލައިބާއަށް ފަސޭހަކަމަކަށް ނުވިއެވެ. ލައިބާގެ ދެލޯ ފެންކަޅިވިއެވެ. ކެތްތެރިކަމާއެކު ބަޝީރާ ހިންދިރުވާލީ ދެރަވެފައިވާކަން ލައިބާއަށް ނޭންގުމަށެވެ. ކިތަންމެ ކުރުނަމަވެސް އެބަސްތަކަކީ ބަޝީރާއަށްވެސް އަޑުއަހަން ފަސޭހަ ބަސްތަކެއް ނޫނެވެ. އެންމެ ތުއްތުއިރުން ފެށިގެން ލައިބާ އުޅެމުން އައީ ބަޝީރާ ކައިރީގައެވެ. އެއްސުފުރާމަތިން ކައިގެން ނިދަނީ ބަޝީރާ އާ އެއްއެނދެއްގައެވެ. މިރޭ ލައިބާ ބަޝީރާ އާ ވަކިވެގެން އެދަނީ ކިތަންމެ ކުޑަވަގުތުކޮޅަކަށް ނަމަވެސް ބަޝީރާއަށް އެދަރިފުޅާ ނުފެންނަ ފަށުގައި އެންމެ ނޭވާއެއް ބޭރުކޮށްލުމަކީވެސް ވޭނަކަށްވާނެއެވެ.

"ދަނީ...ނީ" ލައިބާގެ އަޑު ކުރެހުނެވެ. ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް އެރީތި މޫނުގައި ފިރުމާލީ ހިތްދަތިކަމުގެ ގަލަމަކުންނެވެ. ލައިބާއަށްވެސް މަންމަޔާ ވަކިން އެންމެ މިނެއްޓަށް ދުރަށް ދިއުމަކީވެސް ފަސޭހަކަމެއް ނޫނެވެ. އެހެނަސް މިއަދު ލައިބާ ނަވީނާއި އެކު އެދަނީ ދެކެމުން އައި ފޮނިހުވަފެންތައް ރަންއަކުރުން ފަވާލުމަށްޓަކާއެވެ.

ބަޝީރާ ލައިބާގެ ދެލޯފުހެދިނެވެ. އެވަގުތު ލައިބާޣެ ކެތްތެރިކަން ކޮޅުންލިއެވެ. މަންމަގެ ކޮނޑުމައްޗަށް ވެއްޓިގަތްއިރު ލައިބާގެ ގިސްލުމުގެ އަޑު ބަޝީރާގެ ހިތުގައި ވަކިދަމާލިއެވެ. ބަޝީރާގެ ލޮލުން އައި ކަރުނަފޮދު އަތުގެ ނުފުށުން ފޮހެލީ ދޮރުމައްޗަށް ހުއްޓުނު ނަވީން ފެނިފައެވެ.

" ބޮޑުވެގެނެއް ނޫންތަ މީހަކާ އިނީ....މަންމަ ކައިރިއަށް އާދެވޭނެ މާދަން ހެނދުނު ހުއްޓާލާ ...." ލައިބާގެ ދެއަތުގައި ހިފަމުން ބަޝީރާ ހަމަޖެހޭގޮތް ދައްކާލުމަށް ބުނެލިއެވެ.

"މާދަން ހެނދުނު އަންނަން ހިނގާދާން...މިހާރު އައްފާން ގުޅާފި އަހަރެމެން ލަސްވެގެން....." ލައިބާއަށް ނަވީން ގޭތެރެއަށް އައިކަން އެނގުނީވެސް ނަވީން ވާހަކަދެއްކުމުންނެވެ. އަވަސްއަވަހަށް ދެލޯ ފުހެލައިފައި ލައިބާ އިސްޖަހާއިގެން ހުރެ ނަވީނާއި ދިމާއަށް ހިނގައިގަތެވެ.

**** **** **** **** ****

އިރުއޮއްސުނީންސުރެން ޖޫލީއަށް ހުންނަނީ އުނދަގޫ ގޮތެއްވެފައެވެ. ބުނެދޭން ނޭގޭ ކަހަލަ އުނދަގޫ އިޙްސާސެއް ކުރެވެނީއެވެ. ޖޫލީ ހީކޮށްގެން ހުރީ ނަވީން ދުރުގައި ހުރުމުން ވާގޮތެއް ކަމަށެވެ. ކާތަށިތައް ނަގާފައި އައިސް ސޯފާގައި ޖައްސާލީ ޓީވީ ބަލާށެވެ. މާބޮޑު ޝައުގުވެރިކަމެއް ނެތަސް ނިދީގެ ކަންފުޅެއްވެސް ޖޫލީ ނެތެވެ. ނަވީން މަސައްކަތުން އަވަދިވެގެން ގުޅާނޭ ހިތާއެވެ. ނަވީނާ ވާޙަކަ ދައްކައިނުލާ ނަފުސަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގޭތީ ޖޫލީ އޮތީ ފޯނުވެސް އަތުޖެހޭ ހިސާބުގައި ބާއްވައިގެންނެވެ. ޓީވީއަށް ގެއްލިފައި އޮތް ވަރުން އެތަނަށް މީހަކު އައިކަމެއްވެސް އޭނާ ނުދެނަ ހުއްޓެވެ. އިރުކޮޅަކު ޖޫލީއަށް ބަލަން ހުރެފައި ޒީނިޔާ ސޯފާގައި އިށިއިނެވެ. ޖޫލީ ކުޑަކޮން ސިހޭގޮތްވިއެވެ. އެހެނަސް ޒީނިޔާއަށް ބަލާލާފައި އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ޓީވީގެ ސްކުރީނަށެވެ.

"މިހާރަކަށް އައިސް ހާދަ މޫޑީކޮންނޭ ފެންނަނީ.....؟" ޒީނިޔާ ވާހަކަ ދެއްކީ ޖޫލީއަށް އިވޭ ވަރަށެވެ. ޒީނިޔާ އެހެން ބުނުމުން ޖޫލީ ބަލާލިއެވެ. އަދި ތެދުވެ ގޮނޑީގައި ހަމަޖެހިލިއެވެ.

" ކިހިނެތްވީ މާމޫޑީވެފަ ހުންނަނީ.....ކުރިން ހުންނަ މަޖާ ގޮތެއް ނުހުރޭ....." ޒީނިޔާއަށް އެވާހަކަ ދައްކަން ޖެހުނީ ޒީނިޔާއަކީ ޖޫލީއާ އެންމެ ކައިރީގައި އުޅޭމީހާއަށް ވެފައި ޖޫލީއަށް އަންނަމުންދާ ބަދަލުތައް ފާހަގަވާތީއެވެ. ކުރިން އަބަދުވެސް ހިނިތުންވެފައިވާ އެމޫނު މިހާރު އަބަދުވެސް ފެންނަނީ މާޔޫސްކަމާއި ނުތަނަވަސްކަމެވެ.

"އަސްލު މިހާރު ދިރިއުޅުންމަތިން ފާޑަކަށް ފޫހިވެފަ މިހުންނަނީ......" ބުރަކަށިދަށުގައި އޮތް ކުޝަންއެއް ދަމައިގަނެ ޖޫލީ އުނގުގައި ބާއްވަމުން ބުނެލިއެވެ. ޒީނިޔާއަށް އެކަން ފާހަގަވެގެން އެހީތީ ޖޫލީ އުފާކުރިއެވެ. އިތުބާރުހިފޭ މީހަކާ ހިއްސާކޮށް ހަމަޖެހުމެއް ލިބޭނޭ ހިތާއެވެ.

"އަނެއްކާ ނަވީން....." ޒީނިޔާއަށް ވިސްނުނީ ނަވީނާއި ޖޫލީ ކުންޏެއް ޖެހުނީކަމަށެވެ.

"ނޫނޭ....ނަވީނަކީ އެކަހަލަ މީހެއްނޫން....."އަވަސް އަވަހަށް ޖޫލީ ބުނެލީ ނަވީނާއިމެދު ޒީނިޔާއަށް ކުންހީއެއް ކުރެވިދާނެތީއެވެ.

"މީ ވަރަށް އެހެން ކަހަލަ ވާހަކައެއް....އަހަރެމެން ދެމަފިރިންގެ ޒާތީ ވާހަކައެއް ވީމަ ވަރަށް އުނދަގޫ މިވާހަކަދައްކަންވެސް....." އިސްޖަހާލައިގެން އިން ޒީނިޔާގެ އަތްތިލާގައި ޒީނިޔާ އަތްޖައްސާލިއެވެ. ހީވަނީ ކިތަންމެ އުނދަގޫ ވާހަކައަކަށް އެވާހަކަ ވިޔަސް ބުނެދޭށެ ޒީނިޔާގެ އެހަރަކާތުން ބުނާހެންނެވެ.

" ޖޫލީ ދުވަހެއްގައިވެސް ނުދައްކާށޭ ބުނި ވާހަކައެއް އަހަރެން ފުށުން ލީކްވިތަ؟ "ޖޫލީ ޒީނިޔާގެ މޫނަށް ބަލާލިއެވެ. ތުންފަތަށް ހިނިތުންވުމެއް ގެންނަމުން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"ވެގެން މިއުޅޭ ގޮތަކީ ...................................................." ކުއްޖަކު ބޭނުންވެގެން ޓެސްޓު ހެދި ވާހަކަޔާ އޭގެ ނަތީޖާ އޮތް ގޮތް ޖޫލީ ޒީނިޔާއަށް އޮޅުން ފިލުވައިދިނެވެ. ޒީނިޔާގެ ދެލޯފެންކަޅިވީ އެދެމަފިރުންނާއިމެދު ހާލަތު ނިޔާކުރިގޮތުން ހިތާމަކުރަމުންނެވެ. އެހާލޯބިން އުޅުނު ދެމަފިރިއެއްގެ ދިރިއުޅުމަށް ވިއްސާރައިގެ ކަޅުވިލާގަނޑެއް ތާއަބަދަށް ބޯމަތިވެދާނޭ ހީކުރާނީ ފަހެ ކާކު ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގިފައި އެތަށް އިރަކު ޒީނިޔާއިނެވެ.

"އަސްލު ބޭބީއެއް ބޭނުން ވާވަރުން އެކަމާ މާ ބޮޑަށް ވިސްނެނީ......މީހަކު ދަރިއެއް ގެނެސްގެން ގެންގުޅެން ނަވީން އެއްގޮތަކަށްވެސް ބޭނުމެއްނުވޭ......" ޖޫލީގެ ކޮންމެ ޖުމްލައެއްގައި އެތަކެއް ރިހުމެއްވިއެވެ. ނުރޮއެ ހިތްވަރުކޮށްގެން އިންނަމަވެސް ހިތުންދިޔައީ ކަރުނައަޅަމުންނެވެ. މިހާޜުވެސް ގިނަމީހުން ޖޫލީ އާ މެދު ދެކެނީ އޭނާޔަށް ކުދިން ނުލިބެނީކަމަށެވެ. ކައިވެންޏަށް ދެތިން އަހަރެއް ވެލާއިރަށް ދަރިއަކު ނެތިއްޔާ މުޖްތަމައުގެ އިނގިލިތައް މުޅުންވެސް ދިމާކުރާނީ އަންހެން މީހާއާ ދިމާލަށެވެ. ދަރިން ނުލިބޭ މީހެކޭ ބުނެ ލޭބަލްވާނީ މުޅިން އަންހެންމީހާއެވެ. ނަވީނަށް ކުއްޖަކު ނުލިބޭ ވާހަކަ އަޑުއިވުމުން ޒީނިޔާ ހިތުގައި ޖެހުނެވެ. ޒީނިޔާގެ ނަޒަރުގައި ނަވީނަކީ އޭނާގެ އެއްބަނޑު މީހެކެވެ. ޖޫލީއާ މެދުވެސް ދެކެނީ އެހާމެ ގާތްކޮންނެވެ. އޭގެން ކޮންމެ މީހަކަށް ލިބޭ ދެރައެއްގައިވެސް އޭނާ ސާމިލްވާނެއެވެ.

"މީ ސިއްރެއް އިނގޭ...." ޖޫލީ އިތުރަށް ބުނެލިއެވެ. ވާހަކައިގެ ގޮތުން އެކަން ސިއްރުކުރަން އެދެވުނީ ޒީނިޔާއަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. ވާހަކައިގެ ޒާތީކަމުންނެވެ.

"ޔަގީންތާ.....އަހަރެން ފުށުން ތިކަން އެއްވެސް މީހަކަށް ނޭގޭނެ....." ޒީނިޔާގެ ފަރާތުން ޖޫލީއަށް ޔަގީންކަން ދިނެވެ. އެދެމީހުންނަށް ނޭގޭ ކަމަކީ އެދެމީހުންގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި އެހެން މީހަކު ހުރިކަމެވެ. ނިޒާރު ގަސްތުގައި އެމީހުންގެ ވާހަކަ އަޑުއަހަން ހުރީކީ ނޫނެވެ. ނަވީނަށް ކުދިން ނުލިބޭ ވާހަކަ ބުނި ވަގުތަކީ ސްޓޯރޫމްގައި އިނދެފައި ނިޒާރު އެތަނުން ނިކުތުމަށް އައިސް ދޮރާހަމަވި ވަގުތެވެ. އެތަނުތެރޭގައި ނިޒާރު މަޑުކޮއްލީ ޖޫލީ އެދައްކާ ވާހަކަ އިތުރަށް ކަށަވަރުކުރުމުގެ ބޭނުމުގައެވެ. އެވާހަކަދެއްކީރު ޖޫލީމެން ތިބި ސޯފާގެ ފުރަގަހުގައި ހުންނަ ސްޓޯރޫމްގައި ނިޒާރު އުޅޭކަމެއް އެމީހުން ނުދެނަ ހުއްޓެވެ.

އިވުނު ހިތްދަތި ހަބަރުން ނިޒާރުގެ ހިތް ރޮއްވާލިއެވެ. ކާފަދަރިއަކާއި މެދު ދެކޭ ހުވަފެންތައް ވިއްސިވިހާލިވީއެވެ. ނަވީން އޭނާ ގާތު އެވާހަކަ ނުދެއްކީތީ އިތުރަށް ހިތުގައި ޖެހުނެވެ. މިފަދަގޮތަކަށް އެވާހަކަ އަޑުއިވުން ވެގެންދިޔައީ ނިޒާރަށް އިތުރު ހިތްދަތިކަމަކަމަކަށެވެ. ޖޫލީ އާއި ޒީނިޔާއަށް ހިލަމެއް ވެދާނެތީ ނިކަން މަޑުން އެތަނުން ނިކުމެގެން ގޮސް ކޮޓަރިއަށްވަނެވެ. މިރޭ އިތުރަށް މަސައްކަތްކުރާނެ ހިތްވަރެއް ނިޒާރުގެ ނެތެވެ. އެނދުގައި ޖައްސާލީ ނަވީންގެ ހާލާއިމެދުވިސްނަމުންނެވެ. ހަށިގަނޑަށް ކުއްލިއަކަށް ލިބުނު ވަރުބަލި ކަމުގައި މީހާ ވަރުދެރަކޮށްލި ވަރުން ކޮޅަށް ހުރުމަށް ދަތިވެގެންނެވެ.

**** ***** ***** *****

އައްފާން އެރަށެއްގައި ވީކަން އެނގުނު ފަހުން ކޮންމެރެއަކުވެސް ނަސީރު އައްފާނަށް ގުޅައެވެ. ހަމައެކަނި ނަސީރަށް އަހަންކެރެނީ ކައިފިންތޯ އާއި ރަނގަޅުތޯއެވެ. އިތުރު ވާހަކައެއް ދައްކަން ނުކެރެނީ ނަސީރާއި އައްފާން އެހާ ގާތްކޮން އުޅެވިފައި ނެތީމައެވެ. ނަސީރު އޮޅުން ފިލުވަން ބޭނުން ކިތަންމެ ކަމެއް ހުއްޓެވެ. ބަޝީރާ ކިޔާ މީހަކު ދަންނަންހޭ އަހަން ކެރޭނީ ކިހިނެތް ހެއްޔެވެ؟ ކޮންމެ ރެއަކު ނަސީރު އެގުޅާ އަސްލު ސަބަބަކީ ބަޝީރާގެ ހަބަރު އޮޅުން ފިލުވުމަށެވެ. އެހެނަސް އައްފާން ކައިރީގައި އެކަހަލަ ވާހަކައެއް އަހާލަން ކެރޭނީވެސް ދެބަފައިންގެ ގުޅުން ވަރުގަދަ ނަމަތާއެވެ.

އާދިލާ ފާހާނާއަށް ނިކުތްއިރު ނަސީރު އިނީ ކުޑަދޮރު ކައިރީގައެވެ. ކޮންމެވެސް ހިޔާލަކަށް ގެއްލިފައެވެ. އާދިލާ ފާހާނާއަށް ވަންއިރު އައްފާނަށް ގުޅާއިގެން އިނުމުން އާދިލާ ހިތްހަމަޖެހުނެވެ. ކުރިން ނުފެންނަ މަންޒަރަކަށްވާތީއެވެ. އާދިލާވެސް ބޭނުންވަނީ ދެބަފައިންގެ ގުޅުން ބަދަހިވާށެވެ.

"އަފޫ އަންނާކަށް ނޫޅޭތަ؟" ނޫންކަމަށް ހަދާފައި އާދިލާ އަހާލިއެވެ. އާދިލާއަށް ދުވާލަކު އެއްފަހަރު އައްފާން ގުޅާ ހާލުބަލައެވެ. ބައްޕައަށް އިސްވެ ނުގުޅިޔަސް މަންމައަށް ގުޅައެވެ. ބައްޕަގެ ހާލު އޮޅުން ފިލުވަނީ މަންމަ މެދުވެރިކޮށެވެ.

"ހޫން...ބުނި އަދި ދެތިން ދުވަސްވާނޭ....." ނަސީރު ޖަވާބުދިނީ އާދިލާގެ މޫނަށް ބަލާވެސް ނުލައެވެ. އައްފާން އެރަށުގައި ވީންސުރެން ނަސީރަށް ހަމަޖެހުމެއް ނުލިބެއެވެ. މާޒީ ހަނދާންނެތޭ އެންމެ ވަގުތުކޮޅެއްވެސް އޭނާއަށް ނުދެއެވެ. އަދި ވަކިން ބޮޑަށް އައްފާން އެރަށުގައި ވުމުން އެހަނދާންތައް އާވަނީ މާބޮޑަށެވެ. އައްފާނަކީ އަދި ހުސްހަށިބަޔަށް ހުރި ކުއްޖަކަށް ވާއިރު ނަސީރު ޒުވާން ދުވަސްވަރު އެޅިކަހަލަ ޅައެއްޗެއް އަޅައިދާނެތީ އޭނާ ހިތްބިރުގަނެއެވެ. ޖެހިލުންވެއެވެ. އެހެނަސް އެފަދަ ނަސޭހަތެއް އައްފާނަށް ދޭވަރަށްވުރެން ނަސީރު ދެކޭ ގޮތުގައި އޭނާ މާބޮޑަށް ދުރެއެވެ. ނަސީރު އެއީ އައްފާންގެ ބައްޕަޔަށް ވިޔަސް ދުވަހެއްގައިވެސް އެދަރިފުޅަށް ނަސޭހަތެއް ދީފައި ނުވާތީ މިއަދު އެވާހަކަދައްކާންވީ ކޮން ހައިސިއްޔަތަކުންކަމެއް ޙުދު އޭނާއަށްވެސް ނޭގެއެވެ.

**** **** **** **** **** ****

މަޑު ހިނގުމެއްގައި ނަވީނާއި ލައިބާ ގެސްޓު ހައުސްކައިރިއަށް އާދެވުނު އިރު ދެމީހުންގެ ދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ގެސްޓުހައުސް ދޮރުމަތީގައި އެދެމީހުންނަށް މަރުހަބާ ކިޔަން އައްފާނާއި ފާތުން ތިއްބެވެ. ނިކަން ހެވިފައި ހުރެގެން އައްފާން ލައިބާއަށް ދޭން ތައްޔާރުކުރި ހަދިޔާ ލައިބާއަށް ދިނެވެ. ދެން އައްފާން ނަވީން ގޮވައިގެން ޖެހިލީ ކޮންމެވެސް ވާހަކައެއް ދައްކަން ދުރަށެވެ. އެދަނޑިވަޅު ބަލާފައި ފާތުން ލައިބާ ކައިރިއަށް ޖެހިލިއެވެ.

"ކޮންގުރާ....ދެން ދެކުދިން ނުތޮޅި ބަސްއަހާގެން އުޅޭތި...." ލައިބާ ހިނިތުންވެލިއެވެ. އެހާ ހާސްވެފައި ހުއްޓާވެސް ފާތުން ބެލީ ލައިބާ ހެއްވާލެވޭތޯއެވެ.

"ދެން ފާތުންދޯ" ލައިބާ ލަދުން އިސްޖަހާލިއެވެ.

" ނަވީން އަހަރެންގެ ބެސްޓީއަށް ނިކަން ކަމޭހިތާތި ...." ނަވީން އައިސް ލައިބާ ކައިރިއަށް ހުއްޓުމުން ފާތުން ބުނެލިއެވެ.

"ޔަގީންތާ...." ނަވީން ބޯޖަހާލީ ފާތުން އެބުނި ބަހަށް ތާއީދުކުރުމުގެ ގޮތުންނެވެ.

"ބެސްޓު އޮފް ލަކް...." ފާތުން ގެއަށްދާން ހިނގައިގަތެވެ. އައްފާން އައިސް އެމީހުން ކައިރިއަށް ހުއްޓުނީ އެވަގުތުއެވެ.

"މަށަށް ހީވަނީ މޫސުމް ގޯސްވާން އުޅޭހެން.....އަވަހަށް އެތެރެއަށްވަދޭ..." އައްފާން ހުރީ އެތެރެއަށް ވަންނަ ކަހަލަ ގޮތަކަށް ނޫނެވެ. ބަނޑުހައިވެފައި ހުރުމުން އެއްޗެއް ކާލަން އޭނާ ހުރީ ނުލާހިކު ބޭނުންވެފައެވެ.

"އަފޫ ކޮންތާކަށް ތިދަނީ....." އައްފާން ހިނގައިގަތުމުން ނަވީން އަހާލިއެވެ.

"މިރޭދެން އަހަރެންނެއް ނޫނެއްނު ރޫމްމޭޓަކީ ....." ލައިބާ ރަކިވިވަރުން ތުންފަތުގައި ދަތްއަޅާލީ އިސް އޮބާލަމުންނެވެ.

"މިދަނީ ހައިވެގެން އެއްޗެއް ކާލަން....." ބަނޑުގައި އަތްހާކާލަމުން އައްފާން ބުނެލިއެވެ.

"އޯކޭ އަވަހަށްދޭ....." އައްފާން ފޮނުވާލާފައި ނަވީން ހިނގައިގަތީ އެމީހުންގެ ކޮޓަރިއާ ދިމާލަށެވެ. ނަވީންގެ ފަހަތުގައި ހުރި ލައިބާގެ ފިޔަވަޅުތައް އިންތިހާއަށް މަޑެވެ. ކުރިއަށް އަޅާލައި ކޮންމެ ފިޔަވަޅެއްވެސް ހީވަނީ ގަދަކަމުން އަޅާހެންނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ދެމީހުނަށްވެސް ލިބުނީ އިންތިޙާ ހައިރާންކަމެވެ. އައްފާނާއި ފާތުން މާއަވަހަކަށް އެމީހުންނާއި ވަކިވެގެން މިކުރި ކަމަކީ މިއީތާއޭ ނަވީންގެ ހިތަށް އެރިއެވެ. ކައިވެނީގެ ފުރަތަމަ ރެއެއަށްޓަކާ ތަފާތު ކުލަކުލައިގެ މާމެލާމެލިން އެނދުމަތި ރީތިކޮއްފައިވާ އިރު ޓައިލްސްމަތިވެސް މާމަލުގެ ފިޔައިން ފުރާލާފައި ވާއިރު ދުރުދުރުގައި ޖަހާފައިވާ އުއްބައްތިތަކުގެ މީރުވަހުން ކޮޓަރިތެރެވަނީ އެއްވަސްވެފައެވެ.

"ނޫނޭ މަސައްކަތް ފަށެއް ކޮށްލާފަ އެބަހުރި.." ލައިބާގެ މޫނަށް ނަވީން ބަލާލުމުން ތެޅިތެޅި އޮތް ހިތަކާއި އެކު ލައިބާ ހިނިތުންވެލިއެވެ.

ނަވީން ބޭނުންވީ ހުރިޙާ ހަޤީގަތެއް ލައިބާއަށް މިރޭ އޮޅުން ފިލުވައިދޭށެވެ. ނަވީން އަންބަކު ހުރިކަމާއި ލައިބާ އާ ކައިވެނިކުރީ ކޮން މަގްސަދެއްގައި ކަން އޮޅުން ފިލުވައިދޭށެވެ. އެހެނަސް ނަވީނަކަށްވެސް އެވާހަކަ ދައްކާނެހާ ހިތްވަރެއް ނުލިބުނެވެ. ހިމޭންކަން އިހްތިރުކުރީ އެވާހަކަ ދައްކައިގެން ނަވީންގެ މަގްސަދު ހާސިލް ނުވެދާނެތީއެވެ. އިތުރަށް ވިސްނާލަން މަޖްބޫރުވީއެވެ.

"އާދޭ....." ލައިބާ ދޮރުމަތީގައި ހުރުމުން އެތެރެއަށް ވަންނަން ނަވީން އެދުނެވެ. އެހެނަސް ލައިބުގެން ފައިވާވަރު ނަވީނަށް އަންދާޒާކުރެވުނެވެ. ނަވީންގެ ހިތަށް ސިފަވީ ޖޫލީ އާ ނަވީންގެ ކައިވެނީގެ ފުރަތަމަރޭ ޖޫލީ ލަދުން އުޅުނު ގޮތެވެ. ލައިބާ ޖޫލީއާ އެއްވެސް ތަފާތެއްނެތެވެ. ބަސްމަދުވެފައި އަމަލުތައް އެހުރީ ޖޫލީ އެކޭ އެއްގޮތަށެވެ.

ކޮޓަރީގައި ހިފާފައިވާ ހިތްގައިމު މީރުވަމުން ޒުވާން ކޮންމެ ހިތެއްގައި ލޭކަށްކުވާލާހާވެއެވެ. ނަވީން ކުރިއަށްޖެހިލައި ލައިބާ ލުއިފަތެއްހެން ނަވީންގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ނަވީންގެ ފައިން ޖަހާދޮރު ލައްޕާލި ވަގުތު ލައިބާ ހަށިގަނޑަށް ލިބުނު ލޮޅުމުގައި ނަވީންގެ ކަރުގައި ދެއަތް ވަށާލެވުނީ ނިކަންބާރަށެވެ.

~ ނުނިމޭ ~

 1. Avatar

  މިހާރު ކައިވެނި ކުރާއިރު އިނގޭނެ އެހެން އަނބެއް ހުރިއްޔާ. ކުރިންހެން ސިރުން ކައިވެނި ނުކުރެވޭނެ

  4
  6
 2. Avatar

  ހާދަ ލަހޭ އަޕްލޯޑް ވާލެއް.. ވާހަކަ ވަރަށް ރީތި.. ބުނާ ދުވަހަށް ގެނެސްދޭން މަސައްކަތްކުރުން އެދެން.. ނޫނީ ކަމެއް ދިމާވިޔަސް އަންގާލަދިނުން އެދެން.. އޭރުން ކިޔުންތެރިންވެސް ހިތްހަމަ ޖެހޭނެހެން ހީވަނީ..

 3. Avatar

  ކިހާ ދެރަކަމެއް ވާހަކަ އަޕްޑޭޓް ނުވަނީ ކީއްވެތަ……..ކީއްވެ ކޮމެއްޓު ތަކަށް ރިިިޕްލައި ނުކުރަނީ………………………………………………………………………………

 4. Avatar

  ދެން ހިއެއް ނުވޭ މިވާހަކަ އަޕްވާނެހެނެއް… އުއްމީދު ކަނޑާލައިފިން މިވާހަކަ ކުރިއަށް ދާނެކަމާއިދޭތެރޭ… ވަރަށް ސަލާމް… މި ކޮމެންޓް ޕަބްލިޝްވެސް ނުކުރާނެ ކަންނޭނގެ…

 5. Avatar

  ކާކު މަގޭ ނަމުގައި “މިކަން ނުވަންޏާވެސް ބުނަންވީނުން” މިހެން ލިޔެ ކޮމެންޓް ކޮށްފަ އޭނީ…މަގޭ 3 ވަނަ ކޮމެންޓަށް ފަހު އިތުރަށް ކޮމެންޓް ނުކުރަން މަމިހުރީ…

 6. މަރިޔަމް ހުސައިން

  އެނެމެހާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން ވާހަކަ ލަސްވި ކަމަށްޓަކާ
  ވަރަށް ބިޒީކޮން މިއުޅެނީ އިންޝާﷲ ވާހަކަ ނިމެންދެން ގެނެސްދޭނަން
  ކޮމެންޓްތަކަށް ރިޕްލައިވެސް ނުކުރެވުނީ ބިޒީކަމުން
  އެކަމަކު މަސައްކަތްކުރާންނަން ކުރިއަށް ހުރި ބައިތައް ތިއެންމެހާ ކިޔުންތެރިން ޝައުގުވެރިވާނޭހެން ގެނެސްދެވޭތޯ
  ހުރިހާ ކިޔުންތެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ

  2
  1

ޚިޔާލު ފޮނުއްވާ