އެއް ރެއިން – 4

ހުރިހާ އެންމެންގެ ހިތަށްވެސް ބިރުވެރިކަން ވެރިކުރުވައިފިއެވެ. ވަމުންދާ ކަންތައްތައް އެހެން ކުދިންނަށް ނޭނގުނެއްކަމަކު 6 އަހަރުގެ ޒޭނާއަށް އެނގެއެވެ. ހިނދު ހިނދުކޮޅުން އޭނާ ރޮއެ ހަދަނީ ގެއަށް ދިއުމަށެވެ.

އެއިރު އިރުވެސް އޮއްސެހިއްޖެއެވެ. ދުނިޔެ މަތި އަނދިރި ކުރުވައިފިއެވެ. ޓެންޓު ތެރޭގައި ހުރިހާ ކުދިންހެން ތިބީ ނިދާފައެވެ. އެހެން ހުރިހާ އެންމެން ތިބީ ބޭރުގައެވެ. ޖެހެމުންދިޔަ ބިރުވެރި ތެތްފިނި ރޯޅިން ހީގަންނަމުންދާ ހާލުގައެވެ.

"އައި ހޭވް އޭން އައިޑިޔާ! ހިނގާ ފަޔާއެއް ސްޓާރޓް ކުރަމާ؟ ޖެހިފަ މިއޮތް ރަށުން ކޮންމެސް މީހަކަށް ފެންނާނެއްނު. އެންޑް ދޭ ވިލް ކަމް ޓު ސޭވް އަސް؟"

މާއިއްތަގެ ހިޔާލް އެންމެންހެން ބަލައިގަތެވެ.

ލައިޓަރު ހޯދުމަށް ދޮންތަ އޭނަގެ ދަބަސް ތެރެ ހާވަން ފެށިއެވެ.

"ތިއްތާ! ކޮންތާކު ލައިޓަރުވީ؟ ކައްކަން ނެގީމެއްނު؟"

ތިއްތައްތަ ވެސް ތަންތަން ބަލަން ފެށިއެވެ. ބޭއްވުނު ތަނެއް ހަނދާން ނެތިގެންނެވެ. ވަރަށް ގިނައިރު ހޯދިއެވެ. ހޯދުމުގައި އެންމެ ފަހުން އަހަރުމެންވެސް ބައިވެރި ވީމެވެ. ހަނދުވަރުގެ އަލިކަމެއް ނެތުމުން ފޯނު ބައްތީގެ އަލިކަމުގައި ކުރި ހުރިހާ މަސައްކަތެއް ނިންމައިލީ ލައިޓަރު ނުފެނިގެންނެވެ. އެއިރު އެހެން މީހުން އަލިފާންގަނޑު ރޯކުރުމަށް ފަންތަކެއް އެއްކޮށްފިއެވެ.

ލައިޓަރުވެސް ނުފެނުމުން ހަދާނެ ގޮތެއް ބޮޑުވެއްޖެއެވެ. ހީކަރުވަންވެސް ފަށައިފިއެވެ. ހޫނުކަމެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. މާބޮޑަށް ލަސްވާހެން ހީވާތީ އެންމެންހެން ވަނީ ޓެންޓް ތެރެއަށެވެ.

އެއިރުވެސް ކުދިންތައް ތިބީ ގަދަ ނިދީގައެވެ. ޓެންޓް ތެރެއަށްވަދެ ޒިބުތައް އަޅުވައި ދޮރުލެއްޕީމެވެ. އެވަގުތު ކައިރީ އޮތް ރަށުން މަޣްރިބަށް ބަންގި ގޮވަމުން ދެއެވެ.

"ދެން؟"

ރިޒްނާއްތަ ހާސްވެފައި ހުރެމެ އަހާލިއެވެ. ދޭނެ ޖަވާބެއް ނެތުމުން އެންމެންވެސް ތިބީ ހަނެވެ. އަހަރުމެން ތިބީ ފޯނުގެ ޓޯޗް އޮން ކޮށްގެންނެވެ. މިހެން ތިއްބައި ހަމަ ކުއްލިއަކަށް ފޯނުތަކުގެ އަލި މަޑުވާން ފަށައިފިއެވެ. އަދި އެއް ސިކުންތުވެސް ނުވަނީސް ހުރިހާ ފޯނަކުން ބައްތީގެ އަލިކަން މަޑުވެ ގޮސް އެއްކޮށް ކެނޑުނީއެވެ.

އެއްވެސް މީހެއްގެ ފޯނެއް "އޮން"އެއް ނުވެއެވެ. ހިތާމައަކީ "ޕަވާ ބޭންކެއް"ހާ ހިސާބުވެސް ގެންނަން ހަނދާން ނުވިކަމެވެ. އެއިރު އަހަރުމެންނަށް ލިބެމުންދިޔަ ހަމައެކަނި އަލިކަމަކީ ވަށައިގެންވާ ރަށްރަކުން ލިބެމުންދާ ވަރަށްވެސް ފަނޑު އަލިކަމެކެވެ.

ހަމަ އެވަގުތެވެ. މަޑުމަޑުން ފާޑެއްގެ ވަހެއް ދުވަން ފަށައިފިއެވެ. ފުރަތަމަ ވަރަށް މަޑުންނެވެ. ދެން ވަރަށްވެސް ގަދައަށެވެ. އެއީ މީގެ ކުރިން އަހަރެންގެ ނޭފަތުގައި ދުވަހަކުވެސް ޖެހިފައި ނުވާފަދަ ނުބައި ވަހެކެވެ. ނޯށްދަމާލަން ނުކެރޭހާ އެވަސް ގަދަވުމުން އެންމެންހެން ތިބީ ނޭފަތުގައި އަތް އަޅައިގެންނެވެ. ދޮންބެ ދައްތަ އަށް ދެފަހަރަކު ހޮޑުވެސް ލެވުނެވެ.

"ވަޓް އޮން އާރތް އިސް..."

ދޮންތަ ފެށި ޖުމުލަ ހުއްޓުވީ އުޒައިރުބެ ގެ "ހުޝްޝް" އިންނެވެ.

"ފަރުހަކިވަސް..."

އުޒައިރުބެ ވައި އަޑުން ބުނެލިއެވެ.

"ސޯ؟.."

އަހަރެންވެސް ޖަވާބުދިނީ ވައިއަޑުންނެވެ.

"ގޯހެއް އެބައުޅޭ.. އެއްވެސް މީހަކު ވާހަކަ ނުދައްކައްޗޭ. އަޑެއްވެސް ނުލައްވައްޗެ. މި ރަށް ނާމާންވެއްޖެ."

ވައި އަޑުން އުޒައިރުބެ އެބުނި ޖުމުލައަކީ އެންމެނަށް ލިބުނު މަރުގެ އިންޒާރެއްފަދައެވެ.

ގާތްގަނޑަކަށް ފަސް މިނެޓް ވެދާނެއެވެ. އަދިވެސް އެ ނުބައި ވަސްގަނޑު ނުކެނޑެއެވެ. އަހަރުމެންގެ ތެރޭގައި އޮތް ހަމަހިމޭންކަން ފޫދުއްވައިލީ ނިދަފައި ތިބި ކުޑަކުދިންނެވެ.

ކިއާން އާއި ކައިލް އާއި ޒޭނާ އަދި ކުޑަ ކުޑަ ލައީވެސް އަޑުގަ ނެތްތަނަށް ރޮނީއެވެ. އެންމެންހެން ދިޔައީ ސިއްސައިގެންނެވެ. މަސަލަސް ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ޒޭނާވެސް ވާހަކައެއް ނުދައްކައެވެ. އެކުދިންތައް ރޮމުން ގެންދިޔައިރު ހީވާ ކަހަލައެވެ. އަހަރުމެނަށް ނުފެންނަ އެއްޗެއް އެކުދިންނަށް އެބަ ފެނެއެވެ. އަހަރުމެނަށް ނޭނގޭ ކަމެއް އެކުދިންނަށް އެނގެއެވެ. ޓެންޓްތެރެ ވަރަށްވެސް އަނދިރިއެވެ. ލޮލެއް ކަނދުރާއެއްވެސް ވަކު ނުވާހާލު އަހަރުމެން ތެޅި ފޮޅެމުން ދިޔައީ ކުދިންތައް މަސަލަސް ކުރާށެވެ. ދުވަމުންދިޔަ ވަސްވެސް ކެނޑުމަކަށް ނާންނާތީ އަހަރުމެން ކުދިންގެ ރުއިމުގެ އަޑުން އަހަރުމެން އެންމެން ބޮޑު ނުރައްކަލަކަށް ހުށައެޅިދާނެތީއެވެ.

ދެން ހިނގައިދިޔަ ކަންތައް ހިނގައިދިޔައީ އަޖައިބެއްފަދަ ގޮތަކަށް ކުޑަ ހިނދުކޮޅެއްތެރޭގައެވެ. ހުރިހާކުދިންގެ ރުއިމުގެ އަޑު ކެނޑުނީ މަޑުވަމުން މަޑުވަމުން ގޮހެއް ނޫނެވެ. އެއްފަހަރާއެވެ. ދުވި ނުބައި ފަރުހަކިވަސް ވެސް ކެނޑުނީ އެއްފަހަރާއެވެ. ތަނެއްދޮރެއް ވަކިނުވާ ހާލު އަހަރުމެން ތިބީ ހަދާނެ ގޮތް ބޮޑުވެފައެވެ. ރުއިން ހަމަ ހުއްޓާލުމާއެކު ހުރިހާ ކުދިންހެން ނިދީ ކަންނޭނގެނެއެވެ. އެއްވެސް ކުއްޖެއް ހިރިލިހެންވެސް ހީނުވެއެވެ. ދޮންތަ އަތްލާފައި އެކުދިން ތިބިތޯވެސް ޔަޤީންކުރިއެވެ.

"ދެން އޮތީ އެންމެ ގޮތެއް!"

ހަމަހިމޭންކަން ނިންމައިލީ ދޮންބެއެވެ.

"އަހަރުމެން ފަތާފަ ކައިރީ މިއޮތް ރަށަށް ދާނި."

(ނުނިމޭ)

    Please log in or register to bookmark.
    7k

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published.