Views: 8983 109

ގަނޑުވަރެއްފަދަ ބޮޑު ގެއެއްގެ ކުރިމައްޗަށް ކާރު މަޑުކޮއްލަމުން ރިމޯޓްގެ ފިތަކަށް އެއަންހެންކުއްޖާ އޮބާލިއެވެ. އެއާއެކު ގޭޓް ހުޅުވިގެން ދިޔައެވެ. ކާރުގޮސް މަޑުކޮއްލީ އެގޭގެ ޕޯޓިކޯގައެވެ. އަންހެންކުއްޖާ ކާރުން ފޭބިއިރުވެސް މާހިލަށް އިނދެވުނީއެވެ. ފައިބަން ނުކެރިފައެވެ. މާހިލް އިން ފަރާތުގެ ދޮރުފަތް ހުޅުވައިދިނީވެސް އެކުއްޖާއެވެ. މާހިލް ކާރުން ފައިބަމުން އެކުއްޖާއަށް ޝުކުރުއަދާކުރަމުން ހިނިތުންވެލިއެވެ. އެވަގުތު އެކުއްޖާގެ މޫނުފެނި މާހިލްގެ މޫނުމަތިންފެނުނީ އިންތިހާ ހައިރާންކަމެވެ. ބުނާނެ ބަހެއް ދުލާ ހަމައަށް ނައިސް ހުރެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ.
ފަހަރެއްގައިވެސް އެފަދަ ގޮތަކަށް ދިމާވެދާނެ ކަމަކަށް މާހިލް ކުޑަކޮންވެސް އުއްމީދެއް ނުކުރެއެވެ. ކުރިއާ ހިލާފަށް ހަށިގަނޑަށް އައިސްފައިވާ ބަދަލުން މިހާރު މާބޮޑަށްވެސް ރީތިކަމަށް ދައްކައެވެ.
"އާޝާ...." މާހިލްގެ އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. ތެމިފައި ހުރުމުން ހީގަނެގެން އޭނާ ހުރީ ރޫޅެން ކައިރިވެފައެވެ.

ހަރަމްބަނދެލައިގެން މާހިލާއި ކުރިމަތިވާނޭހެން ހިނިއައިސްފައި އާޝާ ހުއްޓިލައިގެންހުއްޓެވެ. ކަކުލުން މައްޗަށްހުރި ހުދުކުލައިގެ ސިލްކުފޮތީގެ ޕާޓީހެދުން އާޝާއާ ނުހަނު ގުޅެއެވެ. ކޮނޑުގައި މުށިކުލައިގެ ބޮޑު އަތްދަބަހެއް އަޅުވައިގެން ހުރިއިރު އަރާފައިވަނީ އެކުލައިގެ ބޫޓަކަށެވެ. ހެދުމާއި އެކު ބޭނުންކޮއްފައިވާ ހިމަބެލްޓްވެސް މުށިކުލައެވެ.

"ސަޕްރައިޒް ވެއްޖެދޯ..." ހުރިފިޔަވަޅުމަތިން ކުޑާވެސްނުލާ ހުރެ އާޝާ ބުނެލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މާހިލްގެ މޫނަށެވެ. ހީވަނީ މާހިލްގެ ކޮންމެ ހަރަކާތެއް ނޯޓްކުރާހެންނެވެ.
"އާން...އާން މާބޮޑަށްވެސް...." މާހިލަށް ވާހަކަދައްކަންވެސް އުނދަގުވިއެވެ. އާޝާގެ ތޫނުނަޒަރުން ސަލާމަތްވާން މާހިލް އިސްޖަހާލީ ހިތާދެކޮޅަށެވެ.

ވިއްސާރާ ދިޔައީ ހިނދެއް ހިނދަކަށް ބާރުގަދަވަމުންނެވެ. ބޯވާރޭއާ ޖެހޭ ބާރުވައިން ބިރުން ފިތްކެނޑޭހާވެއެވެ. ގިނައިރު ބޭރުގައި މަޑުނުކޮށް އާޝާ ބެލީ މާޙިލާއި އެކު އެތެރެއަށް ވަދެވޭތޯއެވެ.
" އާދޭ އެތެރެއަށް....." އާޝާއަށް ހިނިތުންވަމުން އެތެރެއަށް ވަންނަން ދައުވަތު ދިނެވެ.

މާހިލް އާޝާގެ ފަހަތުން ސިޓިންގރޫމަށް ވަނީ ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެވެ. މާޙިލް އެތެރެއަށް ވަނުމުން ދޮރުތަޅުލިއެވެ. ތަނަވަސް ބޮޑު ސިޓިންގރޫމުން ފެންނަނީ ފަޅުކަމާ ހިމޭންކަމެވެ. މީހެއްގެ ހިލަމެއްވެސް އެގޭތެރެއިން ނުވެއެވެ. ފިނިފިނި ރެއެއްގައި މުޅިގެވެސް ނިދާފައިވާކަހަލައެވެ. ސިޑިއާ ދިމާއަށް ހިނގައިގަތް އާޝާ ހުއްޓުނީ އޭނާގެ ފަހަތުން މާހިލް ނާންނާތީއެވެ. އޭރު މާހިލް އާޝޯހްވެފައި ހުރެ ފަރާތް ފަރާތަށް ނަޒަރު ހިންގައެވެ.

"އާދޭ....." އާޝާގެ އިޝާރާތަށް މާޙިލް ހުރީ ދާން ނުކެރިފައެވެ. އެގޭތެރޭ ހުއްޓާ އާޝާގެ ބައްޕައަށް ފެނިދާނެތީ އޭނާ ހުރީ ކަންބޮޑުވެފައެވެ.

"ހޭއި....އާދެބަލަ....މިގޭގަ އެކަކުވެސް ނެތޭ...." މާހިލް ހުރިގޮތުން އާޝާއަށް އެއްޗެއް ވިސްނުނީކަން ނޭގެއެވެ. އޭނާ އިތުރަށް އެކަން އޮޅުން ފިލުވައިދިނީ މާހިލް އޭނާގެ ބަހަށް އިޖާބަ ނުދިނުމުންނެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުންދިޔައީ ލަސް ހިނގުމެއްގައެވެ. އެހާ ބަލައިގެން އެރިއިރުވެސް މާޙިލަށް ފައި އޮޅިގެން ވެއްޓިދާނޭ ކިތަންމެ ފަހަރަކު ހީވިއެވެ.

"މި ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލާ ...."މާހިލްގެ ކުރިމަތިން އާޝާ ތިރިއަށް ދާން ހިނގައިގަތީ ޖެހޭ ނުޖެހޭހާ ކައިރިންނެވެ. އާޝާ ޖަހާފައިވާ ސެންޓުގެ ވަހުން މާހިލްގެ ހިއްސުތައް ހޭލައްވާލިއެވެ. ކޮޓަރިތެރެ ތެމޭނެތިން އަވަހަށްގޮސް ފާހާނާއަށް ވަނެވެ. ފާހާނާތަށީ އިށިއިންއިރު މީހާ ހުރީ ހާސްވެގެން ހަދާނެގޮތް ހުސްވެފައެވެ. އަދަޔާ ހިލާފުބާރަށް އޭނާގެ ހިތުގެ ތެޅުންވެސްވަނީ އަވަސްވެފައެވެ.

**** **** **** ***** ****

ވާރޭވެހޭ މަންޒަރަކީ ގިނަބަޔަކަށް ބަލާ ފޫހިވާނެ މަންޒަރެއްނޫނެވެ. ވާރޭފެންތިކިތައް ފުރާޅުގައި ބީހިލާ އެ ހިތްގައިމު އަޑަކީވެސް ބައެއް މީހުންނަށް އެތަށްހާސް އުފަލަކާ ހިތްހަމަޖެހުމެއް ގެނުވާކަމެކެވެ. އެތަށް އެތަށް ހަނދާންތަކެއް އާކޮށްދޭކަމެއްވެސްމެއެވެ. ލޯބިވާ މީހުންގެ މަތިން ހަނދާންވާ އުފާވެރި އިޙްސާސެއްވެސް މެއެވެ.

ޖޫލީ އިނީ ސިޓިންގރޫމް ގޮނޑިސެޓްގައި އިށިއިނދެލައިގެންނެވެ. ކުރިމަތީގައިވާ ދޮރުތަކުގެ ފަރުދާތައް ކަހާލައިގެން ވާރޭވެހޭ މަންޒަރުބަލާށެވެ. އަތުގައި ހުރި އާވިއަރައަރާ ހުރި ކޮފީމަގުން އިރުއިރުކޮޅާ އެތިފޮދެއް ބޯލައެވެ. މޫނުމަތިން ހަމަޖެހިފައި އިންހެން ހީވިޔަސް ޖޫލީ މިހާރަކަށް އައިސް އިންނަނީ ނިކަން ކަންބޮޑުވެފައެވެ. ހުރިހާ ކަންބޮޑުވުމަކާ ބޮލުގަ ރިހުމެއް ގުޅިފައިވަނީ ނަވީނާއެވެ.

ނަވީން ކުއްޖަކު އެޑޮޕްޓްކުރާކަށް ބޭނުމެއްނުވެއެވެ. ވާނަމަ ޖޫލީ ދެކޭގޮތުގައި އެކަމާ އުޅޭނެއެވެ. އަނެއްކޮޅުން މިފަހަރު އަތޮޅުތެރެއަށް ފުރައިގެން ދިޔަފަހުން ދުވަހެއްގައިވެސް ހީނަރުނުވާހާ ދެމީހުންގެ ގުޅުންވަނީ ހީނަރުވެފައެވެ. ނަވީން ބިޒީކަމުން ފޯނުކޮށްނުލެވެއެވެ. ޖޫލީގެ ކޯލަކަށް ޖަވާބެއް ނުދެވެއެވެ. ނަވީން ރާއްޖޭންބޭރަށް ގޮސްގެން އުޅޭއިރަށްވުރެން އެތަށްގުނައެއް ބުރައެވެ.

ޝަކުވާއިން އެހިތް ފުރިފައިވީ ނަމަވެސް ނަވީން ހުރީ ކައިގެންތޯ އައްފާނަށް ގުޅާއިގެންވެސް އޭނާ ބަލައެވެ. ހެނދުނު ގުޑްމޯނިން މެސެޖާއި ރޭގަނޑު ގުޑްނައިޓް މެސެޖް ނަވީނަށް ފޮނުވައެވެ. ޝަކުވާގެ ދިގު މެސެޖްތަކުން ނަވީން ދުރުގައި ހުއްޓާ ބޯހާސްކުރާކަށް ޖޫލީ ބޭނުމެއް ނުވެއެވެ. ނަވީން އެނބުރި އޭނާ ކައިރިއަށް އައުމުން ހުރިހާ އުދާސްތަށް ހިތުން ނެރެލަން ކެތްކޮއްލައިގެން ޖޫލީ ހުރީއެވެ.

**** **** **** **** ****

ފާހާނާ ދޮރުގައި ޓަކިޖަހާލުމުން ފުންހިޔާލެއްގައި އިން މާހިލް ދިޔައީ ސިއްސައިގެންނެވެ. މީހާ ދާހިތްލަންފެށީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ. އާޝާގެ ރީތިކަމާއި ފުރިހަމަކަމަށް މާހިލްގެ ނަފުސުކޮންޓުރޯލް ނުކުރެވިދާނެތީއެވެ. އާޝާ ދެކެ ހިތުގެ އެންމެފުނުން ލޯބީވީ ނަމަވެސް މިހާރު މާޙިލަކީ އެހެން މީހެއްގެ ފިރިއެކެވެ. މާޙިލްގެ ހިތުގެ އެއްކަނުން ސަޖާއަށް މިހާރު ވަނީ ޖާގަދީފައެވެ. ހިތާމަޔަކީ ސަޖާއަށް ދެވިފައިވާ ޖާގަ ކުޑަކަމެވެ. އެހިތުގައި ބޮޑުބައި ރަނިކަންކުރަނީ އާޝާއެވެ. މާހިލްގެ އަލަތު ލޯތްބެވެ.

"ހޭއި...ނިދުނީތަ" އާޝާ ކުރިއަށް ވުރެން ބާރަށް ދޮރުގައި ޖަހާލާފައި ގޮވާލިއެވެ. މާހިލްގެ ހަބަރެއް ނުވެގެންނެވެ. މާހިލް ފާހާނާތެރޭގައި ހުރީ އާޝާގެ އަޑަށްގެންނާނެ ހަރަކާތެއްވެސް ނޭގިފައެވެ.
"ގެނޭ ތެތް އެއްޗެހި އަހަރެން ހިއްކާލާނަން...." މާހިލް ވިސްނާލިއެވެ. އާޝާއަށް ލައިގެންހުރި އަންނައުނުތައް ދީފާ އޭނާހުންނަންވީ ބަރަހަނާކޮން ފާހާނާތެރޭގައި ހެއްޔެވެ؟ ހަދާނެ ގޮތެއް ނޭގިފައި ހުއްޓާ ދެވަނަ ފަހަރަށް އާޝާ އެއްޗެހި ދިނުމަށް އެދުނެވެ.

"ދެން އަހަރެން...." މާހިލް ކަންބޮޑުވެފައި ބުނެލިއެވެ.

"ތިތާ ހުންނާނެ ބާތްރޮބެއް އެއްޗިސްބާލާފަ އެލައި...." އާޝާ ދޮރުކައިރިން ދުރަށް ނުގޮސް މާހިލްގެ އިންތިޒާރުގައި ހުއްޓެވެ. ކުޑައިރުކޮޅެއް ފަހުން މާހިލް ދޮރު ކުޑަކުޑަކޮން ހުޅުވާލައިފާ ކުރިން ލައިގެން ހުރި އެއްޗެހިދިނެވެ. މާހިލްގެ އަމަލުތައް ހުރި ގޮތުން އާޝާގެ މޫނަށްވެރިވީ ލާނެތް ހިނިތުންވުމެކެވެ.

"މިހިރީ ކޮފީ....ނިކުމޭ ކޮފީ ބޯން ...." މާޙިލް ފާހާނާއިން ނިކުތީ އާޝާ ކޮޓަރިން ނިކުތްކަން ޔަގީންވުމުންނެވެ. ހުދުކުލައިގެ ބާތުރޮބްގައި މާހިލް ހުރިއިރު ކަކުލުން ތިރި އޮތީ ހާމައަށެވެ. އާޝާ އައިސްދާނެތީ ސޯފާގައި އިށިއިނދެފައި ދެފައި ފޮރުވަން ބުލޭންކެޓްއަޅާލިއެވެ.

"މާބޮޑަށް ހީކަރުވަނީތަ؟" ކުޑައިރުކޮޅެއް ފަހުން އާޝާ ކޮޓަރިއަށް އައިސް ވަނެވެ. މާހިލް އިންގޮތުން އާޝާ ހީކުރީ އޭނާ މީބޮޑަށް ފިނިވީކަމަށެވެ. އަސްލު މާހިލް ދެފައި ބުލޭންކެޓުން ނިވާކޮށްގެން އިނީ އާޝާއަށް ނުދައްކާށެވެ.

"އުހުން....އާނ....އާން" އާޝާގެ އެންމެ ސުވާލަކަށް ޖަވާބު ދިނުމަކީވެސް މާހިލަށް ފަސޭހަކަމެއް ނޫނެވެ. އާޝާގެ އެންމެ ބަލާލުމަކުން މާހިލްގެ ހިތުގެ ކޮންޓުރޯލު ގެއްލިދާހެންހީވެއެވެ.
"އިތުރު ކަމެއް ބޭނުންތަ؟" މާހިލް ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"އެހެން ވިއްޔާ ނިދާލަން އުޅޭ.....މާދަންނު ދެން ގެއަށް ދެވޭނީ..." މާހިލް އެއްވެސް ޖަވާބެއް ނުދީ ބަލަހައްޓައިގެން އިނީއެވެ.

"އޯކޭ ގުޑްނައިޓް..." އާޝާ ކޮޓަރިން ނިކުތީ ކޮޓަރީގެ ނިދާބޮކީގެ އަލިމަޑުކޮއްފައެވެ. މާހިލް އެތަށް އިރަކު ހަރަކާތްނެތް ބުދެއްހެން އިނދެފައި އެނދުގައި އޮށުވެތެވެ. އޭނާ ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް އިރު ނިދީގެ ކަންފުޅެއްވެސް ނެތެވެ. މާޒީގެ ހަނދާންތައް ހިތަށް އުނދަގޫކުރަނީއެވެ.

މާހިލާއި އާޝާ ދިމާވީ ސީ.އެޗް.އެސް.ސީންނެވެ. މާހިލާއި އާޝާ އުޅުނީ އެއްކުލާހެއްގައެވެ. އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް މާހިލަށް އާޝާ ނިކަން ކަމުދެއެވެ. އެހެން އެކުވެރިންނަށް ނޭގޭނެހެން ދޭތެރެއަކުން ކުދިކުދި އިޝާރާތްތައް މާހިލް ދިޔައީ އާޝާއަށް ކުރަމުންނެވެ. މާނަފުން ސިގްނަލްތައް ދިޔައީ އާޝާއަށް މާހިލް ދެމުންނެވެ. އާޝާ އާ މާޙިލްގެ އެކުވެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ޖެހިލީ އާޝާގެ ގެއަށް ގުރޫޕް ސްޓަޑީ ހަދަންދާން ފެށި ހިސާބުންނެވެ. ދެމީހުންގެ ހިތުގައި އޮތް ލޯބި ވަންހަނާކުރުމެއްނެތި ބޭރުކޮށްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ގުރޫޕް ސްޓަޑީގެ ނަމުގައި އެތަކެއް ތަރިއެއް ބޭލިއެވެ. ދެމީހުން ފައްކާކުރި ލޯބީގައި ބަހާރު މޫސުމްގެ ހުރިހާ ކުލައެއްގެ މަލެއް ފޮޅުނެވެ.

ދެމީހުންގެ ގުޅުން އާޝާގެ ބައްޕައަށް އެނގުނީ ދެކުދިން ސްކޫލް ނިމުން ފަހުންނެވެ. އާޝާގެ ބައްޕަ މާޙިލާއި ގުޅިގެން އުޅެން ދެކޮޅެއް ނުހަދައެވެ. އެހެނަސް އަފީފުގެ ވަރަށް ބޮޑު އެދުމެއް އޮތެވެ. އެއީ އާޝާ ޑޮކްޓަރަކަށްވުމެވެ. އާޝާ ގައިނީ ޑޮކްޓަރަކަށް ވުމަކީ އަފީފުގެ ހުވަފެނެކެވެ. އަފީފު ދެކޭ ގޮތުގައި އަފީފުގެ އަންހެނުން އާޝާ ވިހަން އުޅުމުގެ ތެރޭގައި ނިޔާވީ ރަނގަޅު އަންހެނުންގެ ޑޮކްޓަރެއް ނެތީމައެވެ. އަންހެނުން ވަކިވުމުގެ ހިތާމާއިގައި އުޅުނުއިރު އަފީފު އުއްމީދުކުރީ ޒަބީނާ ކަހަލަ އެތަށް އަންހެނުންނެތް ފުރާނަ ސަލާމަތްކުރާނެ ފަދަ ޑޮކްޓަރަކަށް އާޝާ ހެދުމަށެވެ. އަފީފު ބޭނުންވީ އެތަށް ތުއްތު ފުރާނައެއް ދުޅަހެޔޮކަމާއިއެކު އުފަންކުރަން އާޝާ މެޑިސިންގ ކިޔަވާށެވެ.

އެހެނަސް އާޝާ އާއި މާޙިލް ތިބީ ވަކިނުވެވޭވަރަށް ދެމީހުން ގުޅިފައެވެ. ދާންނުވާ ހިސާބަށް ލޯބީގެ ގުޅުން އިންތަށް ފަހަނައަޅާ ގޮއްސައެވެ. އާޝާ ގޮތްދޫނުކުރުމުން އަފީފް ބޭނުންވީ ދެކުދިން ކައިވެނިކުރުމަށްފަހު ކިޔަވަން ފޮނުވާށެވެ. ޖަވާޒީ ހަޔާތެއްގެ ފޮނި އުއްމީދުގައި ދެކުދިންވެސް އަތާއަތް ގުޅާލައިގެން ތެލްސީމިޔާ ޓެސްޓުގެ ނަތީޖާ ބަލައިދިޔައީ މާބޮޑު ވިސްނުމެއް ފިކުރެއް ނެތިއެވެ. އެހެނަސް އެދުވަހު އެނަތީޖާ ވެގެން ދިޔައީ ދެމީހުންގެ ހިތްވެސް ރޮއްވާލި ނަތީޖާއަކަށެވެ. އެނަތީޖާ ފެނިފައިވެސް ދެމީހުން ތިބީ އަތާއަތް ގުޅާއިގެން ކުރިއަށް ދާށެވެ. ދިމާވާ ކޮންމެ ތޫފާނަކުންވެސް އެކީ ގައި ކުރިމަތިލާނެ ކަމަށް ހުވާކޮށްގެންނެވެ. އެހެނަސް އެކަން އެގޮތަށް ކުރަން ބޭނުންނުވީ އާޝާގެ ބައްޕައެވެ. އާޝާ ބައްޕަގެ އެތަށް އާދޭ ހަކާއި އެތަށް ނަސޭހަތަކަށް މާހިލް އާޝާއާ އަބަދަށް ދުރަށް ދިޔައީއެވެ. ދެމީހުންނަށްވެސް އެގޮތް ރަނގަޅުވާނެ ކަމަށް ނިންމާފައެވެ. ހިތާދެކޮޅަށެވެ. ލޯބިވާ މީހަކާ ދުރުވާން ޖެހުމުން އެކުރެވޭ އިޙްސާސްގެ ހިތިކަން މާހިލަށް ކިތަންމެ ރަނގަޅަކަށްވެސްވަނީ އިޙްސާސް ކުރެވިފައެވެ. އެހަނދާންތައް މިރޭ އާޝާއާ ދިމާވުމުން ވަކިން ބޮޑަށް ކުރެވެއެވެ. ނުނިދިފައި އެހެން އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް މާހިލަކަށް ނޭގެއެވެ. ފަތިސްވީރު ނިދީގެ ފުން ކަނޑަކަށް މާޙިލްވަނީ ގެނބިފައެވެ.

**** **** **** ***** *****

ސަޖާގެ މޫޑުވަނީ ވަރަށް ބޮޑަށް ހަރާބުވެފައެވެ. ރޭހަތަރުދަމު އެންމެ ލޮލު ފިޔައެއްވެސް އޭނާ ނުޖަހައެވެ. މާހިލްގެ ހަބަރެއް ނުވެގެން އޭނާ އެތަށް ކޯލެއް ކުރިއެވެ. ބޮލަށް ބަރުވެފައި ހުރުމުން އޮފީހަށް ސަލާމް ބުނެފައި ސަޖާ އެނދުގައި އޮށުވެގެން އޮތީ އޭނާ ނުތަނަވަސްކަން ފޮރުވާށެވެ. ފެރީ ދަތުރުތައް ކެންސަލްވި ނަމަވެސް އެންމެ ކުޑަމިނުން ގުޅާލާފައި ހުރިތަނެއް ބުނެލިނަމަ ސަޖާއަށްވެސް ހިތްހަމަ ޖެހުން ލިބުނީހެވެ.

އަށެއްޖެހުމާއި ދާދިގާތްވެފައި ހުއްޓާ މާހިލްގެ މެސެޖެއް ލިބުނެވެ. އޮފީހުގައި ކަމަށް މެސެޖްގައި ބުނެފައި އޮތުމުން ހިތްހަމަޖެހުނެވެ. ލިބުނު ހިތްހަމަޖެހުމުގައި ބާލީހުގައި ރަނގަޅަށް ބައްދާލައިގެން ސަޖާ ބޭނުންވީ ނިދާލާށެވެ. މެންދުރު ކައްކަން ވާއިރަށް ލުޔެއް ލިބޭތޯއެވެ.

**** **** **** **** ****

ހަފްތާއެއް ފާއިތުވެގެން ދިޔައީ ނުހަނު އަވަހަށެވެ. ލައިބާ އިންތިޒާރަށް ނިމުން އަންނަން ދެން މާގިނަ އިރުތަކެއްނެތެވެ. ފާތުން އިރުއޮއްސުނީންސުރެން ހުރިހާ ވަގުތެއް އެހުސްކުރަނީ އެންމެގާތް އެކުވެރިޔާއަށްޓަކާއެވެ. އެކުވެރިޔާ ރީތިކުރުމަށެވެ. ފާތުންގެ މަންމަ ލައްވާ ފަހައިގެން ގެނައި ހެދުމަކީ ލައިބާގެ ކައިވެންޏަށް ފާތުން ދިން ހަދިޔާއެކެވެ. ފާޓީއެއް ނުބޭއްވިނަމަވެސް ފާތުން ބޭނުންވީ މިރޭ ލައިބާ ވަރަށް ރީތި ހެދުމެއްލާށެވެ. މީ ޔަގީނުންވެސް ލައިބާ ދެކެމުން އައި ހުވަފެންތަކަށް ނިމުން ގެނުވާނެރެއެކެވެ. ރަށުގެ އެތަށް ޒުވާނުންނެއްގެ ލޯތްބަށް ލައިބާ ފުރަގަސްދިނުމަށްފަހު ހިތްއެދޭމީހެއް ފެނުމުން އަތުގައި ހިފައިގެން އުދެހެވޭނެނަމަ އޭނާ އުދުއްސައިގަތީހެވެ. ލައިބާ ބޭނުން ހުރިހާ ސިފައެއް ނަވީންގެ ކިބައިގައި އެބަހުއްޓެވެ.

އައްފާނާއި އެއްހަމައެއްގައި ހުރެގެން ނަވީން އައިސް ބުލްބުލާގެއަށްވަން އިރު ނޭގޭ ބާރުމިނެއްގައި އޭނާގެ ހިތްތެޅެމުންދިޔައެވެ. އުފާކުރަންވީ ވަރަށްވުރެން ނަވީންގެ ހިތް ބިރުގަންނަނީއެވެ. ޖޫލީއަށް ނޭގި މިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލަން ހިތްނޭދެނީއެވެ. އެގެއަށް ވަނުމުގެ ކުރިންވެސް ދެތިން ފަހަރު ޖޫލީއަށް ގުޅަން ފޯނުވެސް ނެގިއެވެ. އެހެނަސް ގުޅާގެން ޖޫލީއާ އެވާހަކަ ދައްކާނެހާ ހިތްވަރެއް ނަވީންގެ ނެތެވެ.

"އޭ ހުރިހާ މީހުން ހަމަވެއްޖެ.....ނިކުންނަމާ ހިނގާ...." ފާތުން ބޭރުބަލާލާފައި ނިކުމެ ލައިބާއަށް އަންގާލިއެވެ.

"ނަވީންވެސް..." ލައިބާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ.

"ހޫނނނނނނން....."

"ނަވީން ވަރަށް ރީތި މިރޭ...." ލައިބާ ރަކިކޮށްލުމުގެ ބޭނުމުގައި ފާތުން ބުނެލިއެވެ. އިށިއިނދެއިން ގޮނޑިން މަޑުމަޑުންތެދުވެތެވެ. ބިތުގައި ހަރުކޮށްފައިވާ ލޯގަނޑުން މޫނުބަލާލިއެވެ. ފާތުންގެ އާދޭހަށް ލައިބާ މިރޭ މުޅިން އަލަށް މޭކަޕްކޮއްލީއެވެ. އަމިއްލަ ސިފައަށް އައިސްފައިވާ ބަދަލުން ލައިބާ ހައިރާންވިއެވެ.

"ފާތުން ހާދަމޮޅޭ....." ފާތުން ގައިގާ ކުޑަކޮން ބައްދާލާފައި ލައިބާ ބުނެލިއެވެ.

"ސާބަސް މަށަކާ ނޫން ހަގްކުރަންވީކީ....ނަވީން އޭނީ ލަސްވެފަ ހިނގާބަލަ...." ފާތުން ލައިބާ އަތުގައި ހިފައިގެން ހިނގައިގަތެވެ. ކައިވެންޏަށް ތައްޔާރުކޮއްފައިވަނީ ލައިބާމެންގޭ ފެންޑާއެވެ.
އިސްޖަހާލައިގެން ގޭތެރެއިން ފާތުން އާއެކު ނިކުތް ލައިބާ ފެނިފައި ނަވީންގެ ހިތަށް ލޮޅުންއެރިއެވެ. ޖޫލީ ނޫނަސް ލައިބާއަކީ ހުތުރު ކުއްޖެކޭ ނުކިޔާނެއެވެ. މިރޭ ލައިބާ ވަކިން ފުރިހަމަހެން ހީވެއެވެ.
ޤާޟީގެ ނަސޭހަތުގެ ވާޙަކަކޮޅާއެކު ކައިވެނިކޮށްދިނުމުގެ ކަންތައްފެށިގެން ކުރިއަށްދިޔައެވެ. އެތަނުގައި ތިބި އެންމެންވެސް އެނަސޭހަތް އަޑުއަހަންތިބީ މަޑުމައިތިރިކަމާއެކު ނިކަން ކަނުލައެވެ. ހިތް އަވަސްވެފައިވާ ލައިބާ އާއި ނަވީންވެސް އިސްޖަހާލައިގެން ތިބީ ބަސްއަހާކުޑަކުއްޖަކު ފަދައިންނެވެ.

"އަނބިގަބޫލުކޮށްފިން....." ނަވީންގެ އަޑުގައި ތުރުތުރު އެޅުމެއް ހުރި ނަމަވެސް އެކަން ލައިބާއަށް ފާހަގަ ނުކުރެވުނީ ގަނެފައިވާ ބިރުގެ ސަބަބުންނެވެ.

~ ނުނިމޭ ~

ވާހަކަ ލަސްވިކަމަށްޓަކާ އެންމެހާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށްއެދެން. މިފެށުނު އާއަހަރަކީ ހުރިހާ ގޮތަކުންވެސް ތި ލޮބުވެތި ކިޔުންތެރިންނަށް އުފާވެރި ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުން އެދެން.

 1. Avatar

  ޢަޅޭ… ޖޫލީއަށް ހާދަ އަސަރެއް ކުރާނޭ….ވަރަށް ދެރަވެއްޖެ. ކީއްކުރާނީ އަހަރެމެން ކަހަލަގެ މީހުންނަށް ހަމަ ހުރި ގޮތް…..

  10
 2. Avatar

  ދިވެހި ރީތި ބަސްތައް ބޭނުންކުރާ މިކަހަލަ ވާހަކަތައް މިހާރު އަސްލު ވަރަށް މަދު…ދެން ކޮންއިރަކުންތަ ވާހަކަ އަޕްވާނީ… އެންމެ ސަޅި ހިސާބުން ވިއްޔަ ތި ނިންމާލީ.. ވާހަކަ އަށް ބަރާބަރަށް ކޮމެންޓް ނުކުރެވުނަސް ވވވވވވ ރީތި އިނގޭ މިވާހަކަ…

 3. Avatar

  ނަވީން އަސްލު މާއަވަހަށް ލައިބާ އާ މެރީ ކުރީމަ ދޯ. ދެން ވ.ސަޅި ވާހަކަ. ނިމުން ރީތި ވާނެ ކަމަށް އުންމިދުކުރަން

ޚިޔާލު ފޮނުއްވާ