Views: 9027 107

ކާމޭޒު މައްޗަށް ތަށިތައް ނަގަމުން ދިޔައިރު ބަޝީރާގެ މޫނުމަތީގައި މާބޮޑު ޖޯޝެއްނެތެވެ. ހުރި ހަމައެކަނި ދަރިފުޅު ރަށުން ބޭރު މީހަކާ ކައިވެނިކޮށް އޭނާ ދޫކޮށް ހިނގައިދާނެ ކަމުގެ ބިރު އޭނާއަށް ހީވަނީ މާބޮޑަށެވެ. އެކަމަކު ތައްޔާރު ކޮށްފައިވާ ކާތަކެތިންވެސް ހެކިދެނީ ބަޝީރާގެ ލޮލަށް އެމީހަކު ނުފެނި ،ބައްދަލު ނުވެ މިހާރުވެސް އެކައިވެންޏާއި ރުހިފައިވާ ކަމެވެ. މަސްބޮނޑިޔާއި ރޫސިހާބަތެވެ. ފިޔާ ސަޓަންޏާއި ފުނޑިހަވާދުލީ ކުކުޅުރިހައެވެ. ކެއްކިފަންޏާއި ސާގު ބޮނޑިބަތެވެ. މުޅިގޭތެރެއިން ދުވާ މީރުވަހުން ބަނޑުފުރޭހާވެއެވެ.

"އައްސަލާމް އަލަޔަކުމް....." ނަވީނަށް ވުރެން ކުރީގައި ހުރެގެން އައްފާން ބުލްބުލާގޭ މެދުގޯތީގައި ހުރެ ގޮވާލިއެވެ.

"ވައަލަޔަކުމުއް ސަލާމް...." ބަޝީރާ ގޭތެރެއިން ނިކުތީ ނިކަން ހެވިފައި ހުރެއެވެ. އެހެނަސް ކުރިމަތިން ފެންނަން ހުރި އައްފާން ފެނި ބަޝީރާ މޫނުގެ ކުލަވަރު ބަދަލުވީ ކުއްލިއަކަށް އައި ބާރު ވައިރޯޅިއެއް ފަދައިންނެވެ.

"ނަސީރު" އައްފާންގެ ސޫރަ ފެނިފައި ބަޝީރާއަށް ހިތާހިތުން ކިޔާލެވުނެވެ. ދުލާ ހަމައަށް އެނަން ނާ ނަމަވެސް ކުރިމަތީގައި އެހުރި ޒުވާނާއަކީ މީގެ އަހަރުތަކެއް ކުރިން ނަސީރުވެސް ހުރި ގޮތެވެ. އެއްވެސް ތަފާތެއް ނެތެވެ. އެއިސްކޮޅެވެ. ގައިގެ ކުލަޔާއި ރޫފަ ރަނގަޅު ހަށިގަނޑުވެސް ނަސީރެކޭ އެއްވެސް ތަފާތެއްނެތެވެ. މޫނުމަތީގައިވެސް އެއްވެސް ތަފާތެއް ނެތެވެ.
" އިށިއިނދޭ....ކޮބާތަ މިތަނުން ނަވީނަކީ...." އައްފާންގެ ފަހަތުން އައިސް ހުއްޓުނު ނަވީނަށް ބަލާލަމުން ބަޝީރާ ވާހަކަދެއްކިއެވެ. ހުރިހާ ނުތަނަވަސްކަމެއް ފޮރުވަން އޭނާ ދިޔައީ ނިކަން މަސައްކަތްކުރަމުންނެވެ.

"މީ ނަވީން...." އައްފާން ނަވީންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ދެމީހުންވެސް އެކަކު އަނެއްކެއްގެ މޫނަށް ބަލާލާފައި ބަޝީރާ އިށީއިންނަން ދެއްކި އުނދޯލީގައި އިށިއިނެވެ. ބަޝީރާވެސް އެމީހުން ކުރިމަތީގައި ގޮނޑިއެއް ބަހައްޓާއިގެން އިށިއިނެވެ. އެވަގުތު ތެޅެމުން ފޮޅެމުން އެގެއަށް އައިސްވަން ފާތުން ނަވީންމެން ފެނިފައި ކުޑަކޮން މަޑުޖެހިލުމަށްފަހު އެތެރެއަށް ވަންނަން ދުއްވައިގަތީ ލައިބާ އާ ދިމާކުރާށެވެ.

ބަޝީރާ ނަވީން ގާތު ވާހަކައެއް ދައްކަން ބޭނުން ކަމަށް ބުނުމުން އައްފާން ނިކުތީ ބޭރަށެވެ. މާދުރަށް ނުދާކަމަށް ބުނެ އޭނާ ނިކުތީ ޒީނިޔާއަށް ގުޅަމުންނެވެ. އައްފާން ލޮލުކޮޅަށް ގެއްލުމުން ބަޝީރާ ފުން ނޭވާއެއް ދޫކޮއްލިއެވެ. އައްފާން ފެނުމުން ބުނެދޭން ނޭގޭ އުނދަގޫ އިހްސާސެއް ބަޝީރާއަށް ކުރެވުނެވެ.

"ލައިބާ ބުނި ނަވީން ބޭނުމޭ ލައިބާ އާ ކައިވެނިކުރަން......." ބަޝީރާގެ މޫނުމަތިން ފެންނަން ހުރި އަސަރުތައް ނަވީނަށް ދެނެގަންނާކަށް ފަސޭހައެއް ނޫނެވެ.
" ހޫމް..." ނަވީންގެ ޖަވާބު ކުރެވެ.

"ކޮން އިރަކުން ކައިވެނިކުރަން ތި ވިސްނަނީ....." ނަވީންގެ މޫނަށް ބަލަން އިނދެ ބަޝީރާ ބުނެލިއެވެ.

"ހަމަ ލައިބާގެ އާއިލާ ގަބޫލިއްޔާ ވީ އެންމެ އަވަހެއް ކުރަންވީ....." ނަވީން ނިންމަން ބޭނުން ވާގޮތް އެނގުމުން ބަޝީރާ ހިތްހަމަޖެހުނެވެ. ބަޝީރާ ހީކުރީ ނަވީންވެސް ނަސީރު އޭނާއަށް ދެއްކި ކަހަލަ ހުވަފެންތަކެއް ދައްކަން އުޅެނީ ކަމަށެވެ.

"ލައިބާގެ އާއިލާއެއް ނެތް ހުރީ ހަމަ އެކަނި އަހަރެން ލައިބާގެ މަންމަ" ބަޝީރާގެ އަޑުގައި މާޔޫސީކަން އެކުލެވިގެންވެއެވެ.

"ކޮބާ ލައިބާގެ ބައްޕަ؟" ނަވީން މާބޮޑު ވިސްނުމެއްނެތި އެހިއެވެ.

"ނެތް...ލައިބާގެ ނުހުރޭ ބައްޕައެއް......ލައިބާއަކީ ބައްޕަ ނެތް ކުއްޖެއް....." ބަޝީރާ އިސްޖަހާލިއެވެ. ލަދުވެތިކަން ނަވީނާއި ދެމެދު ލެވިގެންދިޔަ ފަރުދާއެއް ފަދައެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ދެމީހުންތެރެއިން އެކަކަށްވެސް ދައްކަންވީ ވާހަކައެއް ނޭގުނެވެ.

"ލައިބާގެ ކޮންމެ ނިންމުމަކަށް މަންމަ ރުހި ގަބޫލު ...." ނިކަން ހިތްވަރުކޮއްގެން އިންދާވެސް ބަޝީރާގެ ލޮލުން ކަރުނަ ފާއްދާލާފިއެވެ.

"ލައިބާއަކީ މަންމަގެ ހުރިހާވެސް މީހަކީ....ނިކަން ހާލުގަ ލައިބާ ބަލާ އެވަރު ކޮއްފަ އެހެރީ.....މަންމަ އުންމީދުކުރަން ނަވީން ދުވަހެއްގަ ވެސް ލައިބާ ހިތުގައި ނުޖައްސާނެކަމަށް...." ބަޝީރާ އިސްޖަހާއިގެން އިނދެ ވާހަކަދައްކަމުން ދިޔައީ ނިކަން މަޑުންނެވެ. ނަވީނަށް ވެސް ބަޝީރާ ދައްކާ ވާހަކަ އިވެނީ އޭނާއިނީ ވަރަށް ރަނގަޅަށް ކަނުލައި އަޑުއަހާށެވެ.
"ދެކުދިންވެސް ކައިވެނިކުރަން ބޭނުމިއްޔާ ލަސްކުރާނެ ކަމެއްނެތް ...." ބަޝީރާ އެދެމީހުންގެ ކައިވެންޏަށް ރުހޭ ވަރު އެނގުމުން ނަވީން ހިތްހަމަޖެހުނެވެ. ހުރިހާ މަގެއް އަމާންވީކަމަށް ނިންމުނެވެ.

"މަންމާ....." ގޭތެރެއިން ލައިބާ ގޮވާލުމުން ދެމީހުންގެ ސަމާލުކަން ދޮރާދިމާއަށް ހުއްޓުނެވެ.

"ކާއެއްޗެހި މިހާރު ހިހޫވެއްޖެ....އަދިވެސް މަންމަ ދައްކާ ވާހަކައެއް ނުނިމޭތަ؟" ނަވީނަށް ނުފެންނާނެހެން ދޮރާ ނިވާވެގެން ހުރެ ލައިބާ ބުނެލިއެވެ.

"ލައިބާ ގޮވާނެކަމަށް މަންމަ މިއިނީ....." ބަޝީރާވެސް ލައިގެން ހުރި ދިގުހެދުމު ބޯވަޅުން ލޯފޮހެލަމުން ވާހަކަދެއްކިއެވެ.

"ނަވީން ހިނގާކާން ....ކޮބާތަ އެކީ އާ ކުއްޖާ....ވަދޭ މަންމަ އަންނާނަން ގޮވާލާފަ " ބަޝީރާ ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.

އައްފާނާއި ނަވީން ބުލްބުލާގެއިން ނިކުތްއިރު ތިބީ ކޭލެއް ގިނަކަމުން ހިނގަން އުނދަގޫވެފައެވެ. ބަޝީރާގެ ކެއްކުންގަނޑުގެ ޖާދޫގައި އެދެމީހުންނަށް ކެވުން ވަރެއްވެސް ނޭގެއެވެ.

"ނޫނޭ ލަކީ މީހެއްތީ އިނގޭ...." އައްފާން ނަވީންގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ.

"އެޔޯ...." ދެލޯ ބޮޑުކޮއްލަމުން ނަވީން އަހާލީ ހިސާބަކަށް ހައިރާންވެ ހުރެއެވެ.

"މީރުކޮން ކައްކާ މައިޓެއް ލިބުނީމަ މިހެން މިބުނީ....ކައިކައިގެން ދެން ނަވީން ފަލަވޭ...." އައްފާން ދިމާކޮއްލިއެވެ.

"ހިހިހި....ފަލަވާނީ އަހަރެން މިކޮޅުގަ ހުރެގެންނު....ކައިވެނިކޮއްލާފަ އަހަރެންދާނަން މާލެ...." ނަވީން ނިންމާ ގޮތް އިވިފައި އައްފާން ދުރަށްޖެހިލިއެވެ.

"އެއީ....ކައިވެނިކޮއްފަ މާލެ ދިޔާމަ ދަރިއަކު ލިބޭތަ؟ ކައިވެނިކުރީމަ ފުލެޓްދެޔޭ ބުނާ އުސޫލުން ކުއްޖަކުވެސް ދޫކުރަނީތަ؟ އެހެން ވެއްޖެޔާ ނަވީނާ ޖޫލީއަށްވެސް ކުއްޖަކު ލިބޭނެތާ...." އައްފާން ހުރީ ހިތްހަމަ ނުޖެހިފައެވެ.

"ދެން މަށަށް މިރަށުގަ އުޅެވޭތަ ދުނިޔެ ދާއިމަށް...." ނަވީން ރުންކުރު ޒާތަކަށް ބުނެލިއެވެ.

"ކައިވެނިކޮއްގެން ލައިބާ މާލެވެސް ގެންދެވި ދާނެ އޭރުން ކިހިނެތް ވާނީ ....." އައްފާން ފެންނަ ގޮތް ކިޔާދިނެވެ.

"ޔާރައްބީ....އޭރުން މަ ސަލާމަތް ނުވާނެ....ޖޫލީއަށް އެނގިދާނެ...."ނަވީން ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. ބޮލުގައި ރިހޭކަމަށް ބުނެ ރޫމަށް ވަނީ އައްފާން ޖޯލިފައްޗަށްދާން އާދޭސްކޮއްކޮއް ހުއްޓައެވެ. ނަވީން ބޭނުންވީ އެކަނި އޮވެ ވިސްނާލާށެވެ.

***** ***** ***** ******
ހުރިހާ ކަމެއްވެސް ދިޔައީ ހީކުރިވަރަށްވުރެން މާ އަވަހަށެވެ. ރަންކިޔާ މީހުން ބުލްބުލާގެއިން ނިކުންނަތަން ބަލަން ދޮރޯށި ދޮށުގައި ހުރި ފާތުން ތުންކަނޑާފައި އައިސް ބުލްބުލާގެއަށް ވަނެވެ. އޭރު ލައިބާވެސް އެމީހުން ދިއުމުން ގޭތެރެއަށް ވަންނަނީއެވެ. އެހެނަސް ފާތުން ގޮވާލި އަޑަށް ލައިބާ ފަހަތް ބަލާލިއެވެ.

"އޭ......" ލައިބާ ފާތުން ގައިގާ ހިފައިގަންނަމުން ހަޅޭލަވާގެންފިއެވެ. އޭރު ދެމީހުންވެސް ތިބީ ދަތްޕިލާ ފެންނަވަރަށް ހެވިދިލިފައެވެ.

"އަޅޭ....ހަމަ ނަވީނާ މެރީ ކުރަނީތަ؟ " ފާތުން ހުރީ ގަބޫލުނުކުރެވިފައެވެ. ވާނީވެސް އެހެންތާއެވެ. ފާތުން މިހާރު ކުއްޖަކާ ރައްޓެހިވެގެން އުޅޭތާ ދެއަހަރުވަނީއެވެ. އަދި އެމީހުން ކައިވެނިކުރަން ނިންމާފައިވަނީ އަދި މީގެ މަސްދުވަސްފަހުންނެވެ. ލައިބާއަށް ނަވީނާ ދިމާވި ފަހުން މާގިނަދުވަސްތަކެއް ނުވެއެވެ. ކައިވެނިކުރަން ރަންވެސް ކީއެވެ. ފާތުން ކަންބޮޑުވިއެވެ. އެހާ އަވަސް އަރުވާލައިގެން ނަވީން ކައިވެނިކުރަން އުޅެތީ އޭނާގެ ހިތް ބުނަނީ އޭގައި ކޮންމެވެސް ނުބައެއް އެބަ އުޅޭކަމަށެވެ.

"ކިހިނެތްވީ އަހަރެން މެރީކުރާތި ދެރަވީތަ؟ ފާތުން ބުނާނެ އަބަދުވެސް އަހަރެން މެރީކުރާން ނޫޅޭ ވާހަކަ " ލައިބާ ޖޯލީގައި އިށިއިންނަމުން ބުނެލިއެވެ.

"ނޫނޭ....އެހެނެތް ނޫން އެކަމަކު ހާދަ އަވަހަކަށް....." ފާތުންވެސް ލައިބާ އާ ޖެހިގެން އިން ޖޯލީގައި ފޫޖައްސާލިއެވެ.

"ހޫމް ރައްޓެހިވެގެން ގިނަ ދުވަހު އުޅެންވީ ކީއްކުރަން....؟" ރަނގަޅު ގޮތަކީ ދުނިޔެއަށް ލެއްވިހާ ފާފައެއް ނުކޮށް އަވަހަށް މެރީ ކުރުމެއްނު..." ލައިބާ ބޭނުންވީ ފާތުންއަށް ވިސްނަދޭށެވެ.

"އާން ތިކަންވެސް އޮތީ ތިހެން...." ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ފާތުން ހިތްހަމަ ޖެހޭގޮތެއް ނުވިއެވެ.

"ވެދާނެދޯ ނަވީން އަހަރެން ގެއްލިދާނެތީ އަވަހަށް މެރީ ކުރަނީ ކަމަށް....." އެހާ ފަހުން ފެނުނު މީހަކަށް ލައިބާ ތައުރީފްތައް ދިޔައީ އޮއްސަމުންނެވެ. ލައިބާ ހީކޮއްގެން އެހެރީ ނަވީން އަސްލުގައިވެސް ލައިބާ ދެކެ ލޯބިވަނީ ކަމަށެވެ. އަސްލު މަގްސަދު އެނގޭނަމަ ލައިބާ ފަހަރެއްގައި ކައިވެންޏަށް އިންކާރުކުރީހެވެ.

"އާން ތީވެސް ހަމަ ވެދާނެ ގޮތެއް.....ކޮންދުވަހަކުންތަ މެރީކުރަނީ ..." ނުތަނަވަސްކަން ފޮރުވާލުމަށް ފާތުން ބެލީ ލައިބާއާ ދިމާކުރެވޭތޯއެވެ.

"ހަފްތާއެއް ފަހުން....." ފާތުން ބަލަން އިނުމުން ލައިބާ ރަކިވިވަރުން ތުންފަތުގައި ދަތްއަޅާލެވުނެވެ. ހުރިހާ ކަމެއް ވަމުން އެދަނީ ލައިބާވެސް ހީނުކުރާހާ އަވަހަށެވެ. ލައިބާ ހީކޮއްގެން ހުރީ އޭނާ ހަމަ ނަސީބު ރަނގަޅީކަމުގައެވެ. ފާތުނަށްވެސް އެއްޗެކޭ ބުނަން ނުކެރުނީ އެކުވެރިޔާ މިހާ އުފާވެފައި ހުއްޓާ މިނޫނީ ދުވަހެއްގައިވެސް އޭނާ ނުދެކެއެވެ. ފާތުންއަށް ބުނެވޭ އެންމެ ބަހަކުން ލައިބާ ފާތުންނަށް ހިތްބަރުކުރަން އޭނާ ނޭދެއެވެ.

**************

ކުއްލިއަކަށް މޫސުމަށް އައި ބަދަލުގެ ސަބަބުން ވަރަށް ބޮޑަށް ވިއްސާރަވެއްޖެއެވެ. އިރުއޮއްސުމާއި ދާދިގާތްވެފައި ހުއްޓާ ބޯކޮށްވެހެން ފެށިވާރޭ އަށެއްޖަހާ ބޮޑުވެގެންދިޔައިރުވެސް ތުނިކޮށްނުލައެވެ. މާހިލްވެސް ހަވީރު އޮފީހަށް ދިޔަގޮތަށް އިނީ އެތާ ތާށިވެފައެވެ. ވާރޭވެހެންފެށުމުން ތުނިކޮށްލާނެ އިރެއްގެ އިންތިޒާރުގައި އޭނާ އިނީ މަސައްކަތަކަށް ގެއްލިފައެވެ. ބަނޑުހައިކަން އިޙްސާސްވުމުން ގަޑިބަލާލިއިރު އަށްގަޑިބައިވެ ބޮޑުވެއްޖެއެވެ. ސަޖާގެ އެތަށް ކޯލަކަށް ޖަވާބުނުދެވި މިސްވެފައި އިނެވެ. މަގުމައްޗަށް ނިކުމެލީ ޓެކްސީއެއް ލިބޭތޯއެވެ. ވައިގަދަކަމުންވެސް ބިރުގަންނަހާވެއެވެ. ދާކޮންމެ ޓެކްސީއަކަށް އަތްނަގާ ނަގާވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެގޮތަށް އެހެން ހުރެވުނީ މާހިލަށް ކިހާއިރެއްވަންދެން ކަމެއްވެސް ނޭގެއެވެ. ހިނދެން ހުނދަކަށް ވިއްސާރަދިޔައީ ބޯކުރަމުންނެވެ. ހީވަނީ މިރޭ ނުހުއްޓަން އުޅޭހެންނެވެ.

އެތާ ހުންނަތާ އެތަށް އިރެއް ފަހުން މަގުކޮޅުން ކާރެއް ދައްކާލުމުން މާހިލް އަސްކަނި ދަށުގައި ހުރެފައި ކުޑަކޮން މަގަށް ނިކުމެލާ އަތުން ހަނާއަޅާލިއެވެ. ބޯވާރޭތިކިތައް މާހިލްގެ ހަށިގަނޑާ އަމާޒުވެލީ ހީކުރިވަރަށްވުރެން އަވަހަށެވެ. މުޅިމީހާ ތެމިފޯވީއެވެ. މިފަހަރު މާހިލްގެ ނަސީބު ރަނގަޅުކަމުން ކާރު މަޑުކުރިއެވެ. ލިބުނު އުފަލުގައި އަވަސްއަވަހަށް ކާރުގެ ފަހަތު ސީޓްދޮރު ހުޅުވާލިއެވެ.

"ތެމި ފޯވެފަ މިހިރީ......" ކާރުގެ ޑުރައިވަރ ކައިރީ އޭނާ ހުރި ހާލަތު އޮޅުން ފިލުވާދިނެވެ. ގިނަ ޓެކްސީ ޑުރައިވަރުން ތެމިގެން ކާރަށް އަރުވަން އުޒުރުވެރިވާނެތީއެވެ.
"އަރާ.....ރަނގަޅުވާނެ...." އޯގާތެރި ހިތްހެޔޮ އަޑެއްގެ ވެރި އަންހެނެކެވެ.

"ޝުކުރިއްޔާ..."

"ކޮންތާކަށް ގެންދަންވީ....؟" އަޑުގައި އެކުވެރި ގޮތެއް ހުއްޓެވެ. މާހިލް ދަންނަ ގޮތެއް އަޑުގައި ހުއްޓެވެ.

"ވިލިމާލެ ފެރީ ޓާރމިނަލްއަށް....." ދާންވީ ތަނެއް ނުބުނެވޭކަން ހަނދާންވީ ޑުރައިވަރ ސުވާލުކުރުމުންނެވެ.

"މިހާ ވިއްސާރަ ހިޔެއްނުވޭ ފެރީ ދަތުރުކުރާނެހެންނެއް......ޔެލޯ އެލާރޓް ނެރެފައޭނުން އޮތީ...." މާހިލް މާބޮޑަކަށް އެކަމަކާ އަޅައެއް ނުލައެވެ. ކިތަންމެ ވިއްސާރަވިޔަސް ފެރީ ދަތުރު ކެންސަލްކުރުމަކީ ވަރަށް މަދުން ނޫނީ ނުކުރާކަމެކެވެ. އެއްގޮތަކަށް ނުކުރެޔޭވެސް ބުނެވިދާނެއެވެ.

ކަންވީ އެއަންހެންކުއްޖާ ބުނި ގޮތަށެވެ. ރޭގަނޑުދަތުރުތައް މަޑުޖައްސާލީ މާބޮޑަށް ވައިގަދަވުމުންނެވެ. އެތަށްބަޔަކު ޓާމިނަލްތެރޭގައި ޝަކުވާކުރަން ތިއްބެވެ. ބައެއް މީހުން އަމިއްލަ ފުރާނައަށް ވުރެން ގަދަތޫފާނުގައި ދަތުރުކޮއްފައިވެސް އެމީހެއްގެ މަންޒިލަށް ދާން ބޭނުންވެފައިވާ ވަރު އެއިން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެނެއެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ މާލޭގައި މާހިލަށް މަޑުކުރަން ޖެހުނީއެވެ. ދާނެ ވަކިތަނެއްނެތް ނަމަވެސް އެނބުރި އައިސް އެރީ ކުރިންވެސް އައިސް އެރި ކާރަށެވެ.

"ގެސްޓް ހައުސްއަކަށް ދާންވީ....." މާހިލްގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. ވާރެއާ ތެމިފައިވުމުން ކާރުތެރޭގައި އޭނާ އިނީ ހީގަނެފައެވެ.

"ކީއްކުރަން ގެސްޓްހައުސް އަކަށް ދާންވީ ހިނގާ އަހަރެންގެ ގެއަށް..." އެއަންހެންކުއްޖާގެ ހިތްހެޔޮކަން އެކުޑަ ވަގުތުކޮޅު ތެރޭގައިވެސް މާހިލަށް އެނގުނެވެ. ހިތާހިތުން ޝުކުރު އަދާކޮއްގެން އިނީއެވެ.

ގަނޑުވަރެއްފަދަ ބޮޑު ގެއެއްގެ ކުރިމައްޗަށް ކާރު މަޑުކޮއްލަމުން ރިމޯޓްގެ ފިތަކަށް އެއަންހެންކުއްޖާ އޮބާލިއެވެ. އެއާއެކު ގޭޓް ހުޅުވިގެން ދިޔައެވެ. ކާރުގޮސް މަޑުކޮއްލީ އެގޭގެ ޕޯޓިކޯގައެވެ. އަންހެންކުއްޖާ ކާރުން ފޭބިއިރުވެސް މާހިލަށް އިނދެވުނީއެވެ. ފައިބަން ނުކެރިފައެވެ. މާހިލް އިން ފަރާތުގެ ދޮރުފަތް ހުޅުވައިދިނީވެސް އެކުއްޖާއެވެ. މާހިލް ކާރުން ފައިބަމުން އެކުއްޖާއަށް ޝުކުރުއަދާކުރަމުން ހިނިތުންވެލިއެވެ. އެވަގުތު އެކުއްޖާގެ މޫނުފެނި މާހިލްގެ މޫނުމަތިންފެނުނީ އިންތިހާ ހައިރާންކަމެވެ. ބުނާނެ ބަހެއް ދުލާ ހަމައަށް ނައިސް ހުރެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ.

~ ނުނިމޭ ~

  1. Avatar

    އަސްލުގަވެސް ފޯރިއަރުވާލަފަ ވާޙަކަ ލިޔާނެ ގަވައިދުން ނުލިޔެވުނަސް ވަރަށް ފޫޙިވޭ…….އަދި ކޮމެއްޓު ތަކަށް ރިޕްލައި ކުރާނަމަވެސް އޯކޭ………………

ޚިޔާލު ފޮނުއްވާ