8132 94

"އާދޭ ކުޑަކޮން ހިނގާލާފަ އޭނުން ދާނީ....."ނަވީން ހުރީ ލައިބާ ގޮވައިގެން ހިނގާލަންދާން ރާވައިގެންނެވެ. ސްނޯފަދަ ހުދު ދޮންވެލިގަނޑުމަތީ ހިނގަން އުނދަގޫވެގެން ލައިބާ އަރާއިގެން ހުރި ފައިވާން އަތަށް ނެގިއެވެ. ނަވީނާއި އެއްހަމައެއްގައި ހުރެ ހިނގަމުން ދިޔައިރު ހެދުމުގެ ފަސްބައި ވަނީ ތެމިފައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް ލޮލުގައި އަޅާއިގަތީ ފާނޫޒްބައްތިއެކެވެ. މިފަހަރު ތަފާތަކީ ބައްތި ބަހައްޓާފައި ހުރީ ގަސްބުޑެއް މަތީގައެވެ. ގަސްބުޑުމަތީގައި އޮތް މުށަށް ލެވޭވަރުގެ ކުޑަކުޑަ ފޮއްޓެއް ނަގާ ނަވީން ހުޅުވާލިއެވެ. ލައިބާ އަވަސްއަވަހަށް އެސްފިޔަ ޖަހާލީ ގަބޫލުނުކުރެވިގެންނެވެ.

"ވިލް ޔޫ މެރީ މީ....." ދެވަނަ ފަހަރަށް ނަވީން އެހެން އަހާލުމުން ލައިބާ ބޯޖަހާލީ ލަދުން އިސްއޮބާލައިގެން ހުރެއެވެ. ނަވީނާއި ދިމާއަށް ލައިބާގެ އަތް ދިއްކޮށްލީ ފެންނަމުންދާ މަންޒަރުތަކާމެދު ޔަގީން ނުކުރެވިހުރެއެވެ. ނަވީންވެސް ލައިބާގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި ލައިބާ ވާތު ކަށިއިނގިލީގައި އަނގޮޓި އަޅުވާލަދިނެވެ. އެވަގުތު ލައިބާއަށް ލިބުނު އުފާ ދުލާހަމައަށް ނުގެނެވުނެވެ. ދެލޮލަށް ގިނަވި ކަރުނަތައް އިހްތިޔާރަކާއި ނުލާ ކޯތާފަތްމައްޗަށް އޮހިގަތުމުން ނަވީނަށް ޖަވާބަކަށް ފުދޭނެކަން ގައިމެވެ. ހަމަ އެއާއެކު ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުން ނަވީންގެ ގުޅުމަށް ރުހޭކަން ހާމަވިއެވެ. ނަވީން ކަހަލަ ރީތި ޒުވާނަކަށް ކޮންމެކުއްޖަކުވެސް ރުހޭނެއެވެ. ލައިބާއަށްވެސް ރުހެވުނީ ނަވީނަކީ ލައިބާ ބޭނުންވާކަހަލަ ޒުވާނަކަށް ވީމައެވެ.

ގަޑިން ވީއިރެއް ލައިބާއަކަށް ނޭގެއެވެ. ލަސްހިނގުމެއްގައި ގޮސް ގެއަށްވަން އިރު ބަޝީރާ އޮތީ ޖޯލީގައެވެ. މަންމަ ފެނިފައި ލައިބާ ކުޑަކޮން ސިހުނެވެ. ފުރަތަމަ ފަހަރަށް މަންމަޔާ ސިއްރުން ކަމެއް ކުރެވުނީތީއެވެ. ދެލޯ މަރާލައިގެން ފުންހިޔާލެއް ތެރެއަށް ގެއްލިފައި އޮތް ބަޝީރާ ސިހިފައި ދެލޯ ހުޅުވާލެވުނީ ދޮރޯށި ލެއްޕުނު އަޑަށެވެ. ލައިބާ ފެނުމުން ބަޝީރާ ތެދުވެތެވެ.

"މަންމައަށް އަހާލެވިދާނެތަ ލައިބާ ތިއައީ ކޮންތާކުންތޯ؟" ބަޝީރާގެ ރާގު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން ލައިބާއަށް އެނގުނެވެ. އެއީ މީގެ ކުރިން މަންމަގެ ރާގާއި ބަސްމަގު ހުންނަގޮތެއް ނޫނެވެ.
"މީމީ....މީ ފާތުން..." މައިމީހާއަށް ދޮގެއް ހެދުމަކީ ލައިބާ މީގެކުރިން ކުރިކަމެއް ނޫނެވެ. އެހެންވެ ދޮގެއް ހަދަން އޭނާ ފަސްޖެހުނެވެ.

"ފާތުން އެކީއަކު ނޫން ލައިބާ ދިޔަތާކަށް ދިޔާ....." ބަޝިރާގެ މޫނުމަތިން ފެނުނީ ނުރުހުމެވެ.

"މާލެއިން ރަށަށް އަރާހުރި ބީރަށްޓެއްސަކާއި އެކު ތަންތަނުން ލައިބާ ފެންނަ މީހުން އެބައުޅެއޭ...." ލައިބާ ހިތްތެޅިލިއެވެ. މަންމައަށް ނަވީންގެ ކަންތައް އެނގުނީތާއޭ ލައިބާ ހިތަށްއެރިއެވެ.

"އެމީހަކާ ލައިބާ އާ އޮންނަނީ ކޮން ގުޅުމެއްތަ؟" ބަޝީރާގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ.

"ނަ....ނަވީން ބޭނުން އަޅުގަނޑާ ކައި...ކައިވެނިކުރަން...." އިސްޖަހާލައިންގެން ހުރެ ލައިބާ ޖަވާބު ދިނީ ޖެހިލުންވެ ހުރެއެވެ. ލައިބާގެ ޖަވާބު އިވި ބަޝީރާ ހަމަޖެހޭނޭ ހިތާއެވެ.

"އިންނާށޭ....ނީންނާނެ...." ލައިބާ ބަޝީރާގެ މޫނަށް ބަލާލިއެވެ. ބަޝީރާގެ ދެލޮލުން އަލިފާންކަނި ބުރާފަދައެވެ. މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އަޑުގައި އިންތިހާ ހަރުކަށިކަން އެކުލެވިގެންވެއެވެ.

މަންމަގެ މިސިފައަކީ ލައިބާއަށް ކުރިންފެނިފައި ނުވާ ސިފަތަކެކެވެ.

"ނޫން މަންމާ ނަވީން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނިކުރަން...." ހިންދިރުވާލާފައި ލައިބާ އަވަސްއަވަހަށް ބުންޏެވެ.

"ތީހަމަ ދައްކާ ދަޅަ....މާލޭމީހުން ރާއްޖެތެރޭ ރަށްރަށަށް އައިސް ހިތްއުފާކޮށްލަން އަހަރެމެން ކަހަލަ ނިކަމެތިންގެ ބޭނުން ހިފާލަނީ....އިންނާނަމޭ ބުނާނެ ބޭނުން ފުދުނީމަ ނިމުނީ...." މިފަހަރު ބަޝީރާގެ އަޑުގައި އެހެންކަހަލަޔަކު އަސަރުތަކެއް އެކުލެވިގެންވިއެވެ. އަމިއްލައަށް ކުރެވިފައިވާ ހިތި ތަޖްރިބާ ހުރި ހަމައެކަނި އަންހެންދަރިފުޅު ކުރާކަށް ބޭނުމެއްނޫނެވެ. ބަޝީރާ ޖޯއްޔަށް ތިރިވި އިރު އިއްޔެ ވީކަމެއްހެން އެކަން ލޯކުރިމަތީ ނިއުޅެންފެށިއެވެ.

ބަޝީރާގެ މަންމަޔާއި ބައްޕައަކީ މާތަނަވަސް ބައެއް ނޫނެވެ. ލިބޭ އެއްޗަކުން ކިރިޔާ ފުދިގެން އުޅޭ އެހާމެ މުރާލި ދެމަފިރިންނެވެ. ބަޝީރާގެ ބައްޕައަކީ ރާވެރިއެކެވެ. ހެނދުނާއި ހަވީރު ރުއްއަރަން ގޮސް ގެންނަ ރާފޮދު ކައްކަނީ ބަޝީރާގެ މަންމައެވެ. ހަކުރު ހިލައިގެން އެހަކުރު ވިއްކައިގެން ލިބޭ ކުޑަ ފައިސާކޮޅުން ކިރިޔާވަނީ ބަނޑުފުރާނަ މުއްތިކުރާވަރެވެ. އުޅޭ ގެގަނޑު މަރާމާތުކޮއްލެވޭ ވަރެއް ރީތި އަންނައުނެއް ހޯދޭވަރެއް އޭގެން ނުވެއެވެ.

އެއީ ބަޝީރާގެ ޒުވާންދުވަސްވަރެވެ. އޭރު އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. ރީތިކަމުގައި އޭނާއަކީ މުޅިރަށުންވެސް ގަދަ ފަސްވަނާގައި ވާދަކުރާފަދަ ރާނީއެކެވެ. އަޙްލާގުގެ ގޮތުން ބެލިޔަސް އެފަދަ ދެވަނައެއް ނުވާނެއެވެ.

ބަޝީރާއަށް ނަސީރު ދިމާވީ ބަޝީރާމެންގެ ރަށަށް ޗުއްޓީ ހޭދަކޮށްލަން ނަސީރު ކުރި ދަތުރެއްގައެވެ. ދެމީހުންވެސް ފުރަތަމަ ދިމާވުމާއެކު އެކަކު އަނެއްކަކަށް ގަޔާވެވުނެވެ. ނަތީޖާއަކީ ދެމީހުންވެސް ލޯބީގެ ގޮތުން ގުޅުމެވެ. މައިންބަފައިންނާއި ސިއްރުން ބަދަހިކުރި ލޯބީގެ ގުޅުން ކައިވެނިން ބޭރު ކުރަންނުވާ އެންމެ ބޮޑު ފާފައަށް އަރާއިގަތުމެވެ. ނަސީރު ފުރައިގެން މާލެ އާއިރު ބަޝީރާއަށް ނޭގޭ ކަމީ އޭނާއިނީ ބަލިވެކަމެވެ. އެހެނަސް އޭގެ އެއްމަސްފަހުން ބަޝީރާގެ ފަސްބައިގައި ތާއަބަދަށް ނުފިލާނެ ހުތުރު ލައްގަނޑެއް ޖެހިގެން ދިޔައެވެ. ބަޝީރާއަށް ރަށުމީހުންގެ މަލާމާތާއި ފުރައްސާރަޔާ ކުރިމަތިލާން ޖެހުނެވެ. ބަޝީރާގެ ދެލޯފަދަ ލޯބިވާ މަންމަ މިދުނިޔެއާ ވަކިވެ ދިޔައީ އެޙަބަރަށް އެނިކަމެތި މައިމީހާއަށް ކެތްނުކުރެވިގެންނެވެ.

ފުރައިގެން ދިޔަފަހުން ނަސީރުގެ އެއްވެސް ޙަބަރެއް ނުވެއެވެ. ނަސީރު އެނބުރި އަންނާނެކަމަށް ރެއާދުވާލު ބަޝީރާ އިނީ ރޯލަރޯލައެވެ. އެހެނަސް ލައިބާ މިދުނިޔެއަށް އުފަންވީ ދުވަހުން ފަށައިގެން އޭނާ ނަސީރުއަށް އިންތިޒާރުކުރުން ހުއްޓާލައިފިއެވެ. ކޮންމެ ގޮތަކަށް ލިބުނު ކުއްޖެއް ކަމަށް ވިޔަސް ބަޝީރާ ލައިބާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ނުވަމަހާއި ނުވަދުވަސް ވަންދެން އޭނާ އުފުލި ދަރިފުޅު ތާއަބަދަށް އޭނާ ބަލަން ހުރީ އަތުކުރި އޮޅާލައިގެންނެވެ. ބަޝީރާ ކައިގެން ހުރިއްޔާ ލައިބާ ހުންނާނީ ކައިގެންނެވެ. ކިރިޔާވެސް އެހީއެއް ފޯރުކޮށްދެން ހުރީ ބަޝީރާގެ ބައްޕައެވެ. މަރުދުވަހާއި ހަމައަށްވެސް އެދެމައިންނަށް ހިދުމަތްކުރުމުގައި އެބައްޕަ ދެމިހުރީ މީހުންގެ ފަރާތުން ލިބެމުން ދިޔަ ފުރައްސާރައަށް ބީރުކަންފަތެއް ދީގެންނެވެ.މިއަދު ބަޝީރާ އުޅެމުން އެދަނީ ދެމައިން ކުރަމުންދާ މަސައްކަތުންނެވެ. މަންމަގެ ލޯބި އޭގެ އިންތިހާއަށް ލިބުނަސް ލައިބާ އެވަނީ ބަފައެއްގެ ލޯބިން މަހްރޫމްވެފައެވެ.

ބަޝީރާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން އޭނާ ފުހެލިއެވެ. ލައިބާވެސް މަންމައަށް ބަލަން ހުރީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. ބޭރަށް ލައިބާ ރޯކަން ނޭގުނަސް އޭނާ ދިޔައީ ރޮމުންނެވެ. އިޝްގީ ލޯތްބަކީ މައިވަންތަކަމުގެ ލޯބި ކަފާ ކުދިކުރާ ކަތުރެއްކަން ފުރަތަމަ ފަހަރަށް އިޙްސާސްކުރެވުނެވެ. ނަވީން އެކީ ލައިބާ ދާން ބޭނުންވެފައި ހުރީ އެހާ ބޮޑަށެވެ. ބަލާ ބޮޑުކުރި މައިމީހާ އާ ދެކޮޅަށްވެސް އެގުޅުން ކުރިއަށް ގެންދަން ހިތް އެދެވުނެވެ.

"މަންމާ.....!" ރޮވިފައިވާ އަޑަކުން ލައިބާ ގޮވާލިއެވެ. ބަޝީރާގެ ހުރިހާ ސަމާލުކަމެއް ލައިބާއަށް ހުއްޓުނެވެ.

"މަންމަ ބޭނުމިއްޔާ ނަވީނާއި މަންމަ ބައްދަލުކޮއްދީފާނަން.....އޭރުން އަހަރެން މިބުނަނީ ތެދެއްކަން މަންމައަށް ޔަގީން ކުރެވޭނެ...." ބަޝީރާ ބަހެއްވެސް ނުބުނެ ބަލަހައްޓާއިގެން ހުއްޓެވެ.

"ނަވީން ނޫން މީހަކު އަހަރެންގެ ހަޔާތަކަށް ނާންނާނެ...." ލައިބާ މަންމަގެ ކުރިމަތިން ގޮސް ފެންޑާތެރެއަށް ވަންނަން ދިޔައެވެ.

"ލައިބާ ދަރިފުޅާ....!" ލައިބާގެ ފަހު ޖުމްލައިން ބަޝީރާގެ ހިތަށް އަސަރުކޮއްފިއެވެ. ލައިބާ ބަޝީރާގެ އަޑަށް ހުއްޓުނެވެ. އެހެނަސް ފަސްއެނބުރި ބަލާވެސްނުލާ ހުރީ ދެލޮލުން ކަރުނަފައިބާ ހާލުއެވެ.

"އެންމެ ރަނގަޅު....." އަނގަމަތީ އަތްއަޅާއިގެން ހުރެ ލައިބާ ބަޝީރާއަށް ބަލާލިއެވެ. އަދި މަންމަޔާ ކުރިމަތިވާނެހެން އެނބުރުނެވެ. ދެމެދުގައި ދިހަވަރަކަށް ފޫޓް ދުރުމިން ހުރި ނަމަވެސް އެކަކު އަނެއްކެއްގެ މޫނުމަތީގެ ކުލަވަރު ވަންހަނާވާކަށް ނެތެވެ.

"މާދަމާ ބުނޭ މިގެއަށް މެންދުރު ކާން އަންނާށޭ...." ލައިބާއަށް ހިނިތުންވެވުނީ ހުރިހާ ދަތެއް ފެންނަވަރަށެވެ. ދުވެފައި ގޮސް ބަޝީރާ ގައިގާ ބައްދާލެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.
"ހަމަ ތެދެއްތަ....؟" ލައިބާ ދެލޯފުހެލަމުން ބަޝީރާގެ މޫނަށް ބަލާލިއެވެ.

"ހޫން...." ބަޝީރާ އިސްޖަހާލިއެވެ. ލައިބާގެ އުފަލަށް އެޅޭ ހުރަހަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެނަސް ގޮތެއް ނިންމަން ބަޝީރާ ބޭނުންވަނީ ނަވީނާއި ވާހަކަދެއްކުމަށްފަހުއެވެ.

"މެންދުރުކާން އަންނަން ބުނާތި ހަނދާންކޮއް.....މަންމަ ރަނގަޅު އެއްޗެއް ތައްޔާރު ކުރާނަން...." އިތުރަށް ލައިބާއަށް ޔަގީންކޮއް ދިނުމުގެ ގޮތުން ބަޝީރާ ބުންޏެވެ.

"ނަވީން އެކަންޏެއް ނޫނޭ އައިސްގެން އެއުޅެނީ....އާއިލާ މީހަކާއެކު...." ލައިބާ އުފަލުން ހުރެ ބުނެލިއެވެ.

"އެންމެ ރަނގަޅު އެމީހަކު ގޮވައިން އަންނަން ބުނާތި....."

"ހިނގާކާން މަންމަ މިހިރީ އަދި ނުކައޭ....." ކިތަންމެ ބަނޑުފުރި ހިތްހަމަޖެހިފައި ހުރި ނަމަވެސް ލައިބާވެސް ދެކޮޅު ހެދުމެއްނެތި މަންމަޔާއި އެކު ކާން ހިނގާގަތެވެ.

**** **** **** **** ****

ފޯނު ކަންފަތާއި ދުރުކޮށްލި އިރު އައްފާންގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހިފައިވާ ކަމެވެ. ދުވަހަކުވެސް ނުވާހާ އުފާ މިރޭ އޭނާ ވެއްޖެއެވެ. ކަންފަތާއި ދުރުކޮށްލި ފޯނުގެ ސްކުރީނުން ދެންމެ ފޯނުކުރި ނަންބަރު ދެތިން ފަހަރު ޔަގީންކޮއްލަން ބަލާލެވިއްޖެއެވެ. އައްފާންގެ ހަރަކާތްތަކަށް ބަލަން ފާހާނާއިން ނިކުތް ނަވީން އެތަށް އިރަކު ހުރެއްޖެއެވެ. ނަވީން ދެއްކި އެއްވެސް ވާހަކައަކަށް އައްފާން އަޅާވެސް ނުލިއެވެ. ހީވަނީ އޭނާ ދެއްކި އެއްވެސް ވާހަކައެއް އައްފާނަށް ނީވޭހެންނެވެ.

"ހާދަ އުފަލުން ހުރިހެން ހީވެއޭ...." ތުވާލިގެނެސް ހަރުގައި އަޅުވަމުން ނަވީން ވާހަކަދެއްކިއެވެ.

"އާނ....." އައްފާން ހިނިތުންވެފައި ހުރެ ކުޑަދޮރުކައިރިން ދުރަށްޖެލިއެވެ.

"ކިހިނެތްވީ.....ހިތު އަޅާއިގެން އުޅޭ ކުއްޖަ އާބަސްބުނީތަ؟"ނަވީން އައްފާންގެ މޫނަށް ބަލަންހުރެ ދިމާކޮއްލިއެވެ.

"ހިހިހި....ނޫނޭ....ބައްޕަ އެގުޅީ.....އަދި މުޅިން އަލަށް....މިނޫނީ ދުވަހަކުވެސް ބައްޕަ ނުގުޅާ ރަށުން ބޭރަށް ގޮސްގެން ހާލު ބަލާކަށް....." އައްފާންގެ ކޮންމެ ހަރަކާތަކުން އޭނާއަށް ލިބިފައިވާ ހިތްހަމަޖެހުން ހާމަވެއެވެ.

"ނަވީން ކުރަން ދިޔަކަންތަ ކާމިޔާބު ވިތަ؟"

"ހޫމް....ކާމިޔާބުވާންނު އެހާ ފުރިހަމައަށް ވިއްޔާ އިންތިޒާމްކޮއްފަ ހުރީ...." ނަވީން އިސްޖަހާލަމުން ބުނެލިއެވެ. އެމޫނުން ފެންނަނީ މާޔޫސްކަމެވެ. ލައިބާ އާބަސްބުނި ނަމަވެސް ނަވީން އުފަލެއް ނުވެއެވެ.
"އަވަހަށް ކައިވެނީގެ ކަންތައް ނިންމަން އުޅޭ...." އައްފާން އެނދަށް ވެއްޓިގަންނަމުން ބުނެލިއެވެ. ނަވީން އިތުރު އެއްޗެއް ނުބުނެ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ސިކުނޑިޔާއި ހިތުގައި ހިނގާ ހައިޖާނުން ނަފްސުހަމައަކަށް އަޅުވާލަން އޭނާ ހުރީ ނުހަނު ބޭނުން ވެފައެވެ.

**** **** **** **** ****

ހެނދުނު އާދިލާ ދިން ހަބަރަކުން ނަސީރުގެ ތަބީއަތަށްވަނީ ވަރަށް ބޮޑަށް އަސަރުކޮއްފައެވެ. އައްފާނަށް ގުޅާލެވުނީވެސް އަމިއްލަ ބާރަކުންނޫނެވެ. ނަސީރުގެ ހަޔާތުގައި މިނޫނީ އޭނާގެ ދަރިފުޅު ދުރުގައި ހުރުމުން ހާލުބަލާލަން ގުޅާލި ހަނދާނެއް އޭނާގެނެތެވެ. އައްފާން އެހުރީ ނަސީރާ ކިހާ ގުޅުން ހުރި ރަށެއްގައި ކަން ނަސީރު ބުނާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެމީހެއްގެ ހާލު އޮޅުން ނުފިލައިގެން ރެއާ ދުވާލު ނަސީރު އުޅުނު ހާލު އެނގުނު އިންސާނަކު މިއުޑުދަށުގައި ނުވެއެވެ. އެނގޭނީވެސް މީހަކާއި އެވާހަކަ ހިއްސާކުރި ނަމަތާއެވެ.

ނަސީރު އާދިލާ އާ ކައިވެނިކުރީ މައިންބަފައިން މަޖްބޫރުކުރުމުން ހިތާދެކޮޅަށެވެ. ކައިވެންޏަށް ފަހުވެސް އާދިލާދެކެ ލޯތްބެއް ނުވެވުނެވެ. އެހެނަސް ފިރިއަކު އަންބަކަށް ދޭންޖެހޭ ހުރިހާ ޙައްގެއް ނަސީރުގެ ފަރާތުން އާދިލާއަށް ލިބުނެވެ. ހިތްމަތީ ހިލަގަނޑެއް ބާއްވައިގެން ނަސީރު އޭނާގެ ވާޖިބު އަދާކުރީ މައިންބަފައިންގެ ހައްޤުގައެވެ. ގަހަށްނެތް ލޯބި ފަތަށްކަށް ނުހުންނާނޭ ބުނާ ބީދައިން އައްފާން މިދުނިޔެއަށް އުފަންވުމުންވެސް ނަސީރުގެ ހިތުގައި މާބޮޑު ލޯތްބެއް ކުލުނެއް އެދަރިފުޅަކަށް ނެތެވެ.

ރާއްޖެތެރެއަށް ކުރި ދަތުރެއްގައި ނަސީރު ގަޔާވާފަދަ އަންހެންކުއްޖަކާ ދިމާވިއެވެ. ދެމީހުންގެ ގުޅުން ލޯބީގެ ގުޅުމަކުން ފެވިގެންދިޔައެވެ. ކައިވެނިކުރާނޭކަމަށް ނަސީރު އޭނާ ކައިރީ އެތަށް ވައުދެއްވިއެވެ. ކުރަން ނުވާ އެތަށްކަމެއް އޭނާއާ އެކު ކުރެވުނެވެ. އެރަށުން މާލެ އައީ އެނބުރިއަންނާށެވެ. އެހެނަސް ތަޤްދީރުނިޔާ ކުރީ ހީވެސް ކޮއްފާނުވާ ގޮތަކަށެވެ. ނަސީރު އެކްސިޑެންޓްވެ ނުކުޅެދޭ ހާލު ފުރޮޅުލީ ގޮނޑިއެއްގައި އުމުރުގެ ބާކީ އޮތް ދުވަސްތައް ގުނަން ޖެހުނީއެވެ.

ކުރިމަތީގައި ހުރި ފޮރޮޅުލީ ގޮނޑިއަށް ބަލަހައްޓައިގެން ނަސީރު އޮތެވެ. ދެލޮލުން ފައިބަމުންދާ ކަރުނަތައް އިރުއިރުކޮޅާ ފޮހެލައެވެ. އޭނާއާ ޖެހިގެން އަރާމްކޮށް ނިދާލާފައި އާދިލާ އޮތެވެ. އޭނާ އޮތީ ވަރަށް ހަމަޖެހިލާފައެވެ. މާޒީގައި ކަންތައްވެފައިވާ ގޮތް އެނގޭނަމަ އެންމެ ސިކުންތަކުވެސް އާދިލާ ހިތްހަމަޖެހިފައި ނުހުންނާނެކަން ގައިމެވެ. އޭންކަމެއްގެ ހިލަމެއްވެސް އެފަކީރަކަށް ނުވެއެވެ. އެނގޭނަމަ ނަސީރަށް ކުރަންޖެހޭ ޙިދުމަތްކުރުމުގައި ފޫހިކަމެއް ނެތި ސާބިތުކަމާއެކު އާދިލާ ނުހުރީހެވެ.

**** **** **** **** ****

އިރުއެރީންސުރެން ބަޝީރާ ދެފައި އެއްތަނެއްގައި ޖެހޭ ވަގުތެއް ނުދެއެވެ. ނަވީންމެން މެންދުރު ކާން އަންނަންވާއިރަށް ސުފުރާމަތި ފަޅުފިލާވަރުވޭތޯ ވައްތަރު ވައްތަރު ތައްޔާރުކުރުމުގައި ބަޝީރާ އުޅެނީ ނިކަން އަވަދިނެތިއެވެ. އަތްގާތް ކޮއްދޭން ލައިބާ އާއި ފާތުން އުޅުނު ނަމަވެސް ހުރިހާ ތަކެއްޗެއް ތައްޔާރުކުރީ ސީދާ ބަޝީރާގެ ދެއަތުންނެވެ. ދޭތެރެ ދޭތެރޭ ބަޝީރާއަށް ނީވޭވަރަށް ފާތުން ބުނެލާ ލާނެތް އެއްޗަކުން ލައިބާ ހީގަންނަ އަޑުއިވެއެވެ. ދެއެކުވެރިންގެ ސަކަރާތްވެސް ބައެއް ފަހަރު ބޮޑުވެގެން ބަޝީރާއަށް މެންދުރު ނަމާދަށް ބަންގި ގޮވަން ވާއިރަށް ކައްކާ ނިމުނީ ހަމަ ކިރިޔާއެވެ.

ބަޝީރާ ނަމާދުކޮއްގެން ނިކުތީމާ ލައިބާ އަވަހަށްވަނީ ފެންވަރާށެވެ. ނަވީންމެން އެގެއަށް އަންނަ އިރު ނިކަން ނަލަ ހެދިގެން ހުންނަން ބުނެފައި ފާތުންވެސް ދިޔައީ ގެއަށެވެ.

ކާމޭޒު މައްޗަށް ތަށިތައް ނަގަމުން ދިޔައިރު ބަޝީރާގެ މޫނުމަތީގައި މާބޮޑު ޖޯޝެއްނެތެވެ. ހުރި ހަމައެކަނި ދަރިފުޅު ރަށުން ބޭރު މީހަކާ ކައިވެނިކޮށް އޭނާ ދޫކޮށް ހިނގައިދާނެ ކަމުގެ ބިރު އޭނާއަށް ހީވަނީ މާބޮޑަށެވެ. އެކަމަކު ތައްޔާރު ކޮށްފައިވާ ކާތަކެތިންވެސް ހެކިދެނީ ބަޝީރާގެ ލޮލަށް އެމީހަކު ނުފެނި ،ބައްދަލު ނުވެ މިހާރުވެސް އެކައިވެންޏާއި ރުހިފައިވާ ކަމެވެ. މަސްބޮނޑިޔާއި ރޫސިހާބަތެވެ. ފިޔާ ސަޓަންޏާއި ފުނޑިހަވާދުލީ ކުކުޅުރިހައެވެ. ކެއްކިފަންޏާއި ސާގު ބޮނޑިބަތެވެ. މުޅިގޭތެރެއިން ދުވާ މީރުވަހުން ބަނޑުފުރޭހާވެއެވެ.

"އައްސަލާމް އަލަޔަކުމް....." ނަވީނަށް ވުރެން ކުރީގައި ހުރެގެން އައްފާން ބުލްބުލާގޭ މެދުގޯތީގައި ހުރެ ގޮވާލިއެވެ.

"ވައަލަޔަކުމުއް ސަލާމް...." ބަޝީރާ ގޭތެރެއިން ނިކުތީ ނިކަން ހެވިފައި ހުރެއެވެ. އެހެނަސް ކުރިމަތިން ފެންނަން ހުރި އައްފާން ފެނި ބަޝީރާ މޫނުގެ ކުލަވަރު ބަދަލުވީ ކުއްލިއަކަށް އައި ބާރު ވައިރޯޅިއެއް ފަދައިންނެވެ.

~ ނުނިމޭ ~

ޚިޔާލު ފޮނުއްވާ