Views: 8976 93

ރަނގަޅަށް ރަށުތެރެއަލިވެސް ނުވަނީސް ލައިބާ ގޭމަގު ކުނިކަހަން ނިކުތެވެ. ޖައްވުގައި ހިފާފައިވާ ތެތްފިނީގެ އަސަރު އޭރުވެސް ފިލާނުދެއެވެ. ކޮވެއްޔާއި ކާޅުތައް އެސޮރުމެންގެ ގޮވެލިފަތި ގޮވަންފެށީ އަލިވިލިއްޖެކަން އަންގައިދިނުމުގެ ގޮތުންނެވެ. ގޭމަގު ކެހިކުނި ބާދީލީއަކަށް އަޅާއިގެން ލައިބާ ގެއަށްވަން އިރު އަދި ފާތުންމެންގޭ ދޮރެއް ނުހުޅުވައެވެ. ފާތުންނަށް ގޮވަންދާން ހިތަށް އަރާފައިވެސް ގޯތިތެރެ ކުނިކަހާލާފައޭ ދާނީ ހިތާ ލައިބާ އުޅުނީ އެކަމައިގެންނެވެ. '

ލައިބާ ގޯތިތެރޭގައި ކުންނާރުގަސްދަށަށް ފައިބާފައިވާ ފަތްތައް ކަހަންފެށިއެވެ. އަކިރިއަޅާފައިވާ މެދުގޯތިން ކުންނާރުފަތް ކެހުމަކީ ފަސޭހަކަމެއްނޫނެވެ. އެހެނަސް އެކަމަކީ ކޮންމެ ދުވަހަކު ލައިބާ ކުރާކަމަކަށް ވުމުން މިހާރު އެކަމަށް ފަރިތަވެއްޖެއެވެ. ލައިބާމެންގޭ ދޮރުމަތީ ލައިބާގެ ހަރަކާތްތަކަށް ބަލަން މީހަކު ހުރިކަމެއް އޭނާ ނުދެނަހުއްޓެވެ. އެމީހަކު އެހެން ހުންނަތާ އިރުކޮޅެއް ފަހުން ލައިބާއަށް އެމީހާ ގޮވާލިއެވެ. ލައިބާއަށް ލިބުނު ސިހުމުގައި ކުނިކަހަން އޮވެފައި އޭނާގެ ހަށިގަނޑު ހިންދެމިލިއެވެ. އޭރު އެދެލޮލުން ފެންނަން ހުރީ ހައިރާންކަމެވެ.

"ނަވީން...." ކުރިއަށް އެޅި ފިޔަވަޅާއި އެކު ލައިބާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ.

"އަނެއްކާ މަގު އޮޅުނީތަ؟" ދަތްފިލާ ފެންނަވަރަށް ހިނިތުންވެ ހުރެ ލައިބާ އަހާލިއެވެ.

"ނޫނޭ....މީ ހަމަ..." ނަވީން އިސްޖަހާލާފައި ބޯކަހާލިއެވެ. ލައިބާ ހިތަށް އަރާދާނެ އެއްޗަކުން އައި ބޭނުން ހާމަކުރަން ފަސްޖެހެވުނެވެ.

" ކޮބާ މަންމަ.....ބުނީމެއްނު ގޭން ހުސްބިންކޮޅެއް ލިބިދާނޭ...." ކުއްލިއަކަށް ނަވީން މައުލޫ ބަދަލުކޮއްލިއެވެ.

"މަންމަވީ ތެލިދޮންނަން ގޮސް..... " ގޯތިތެރެއަށް ނަވީން ނަޒަރު ހިންގާލިއެވެ. ގޭގެ އެންމެ ބިތްދަށު ބިތުގައި ފަނުނުން ހަދާފައިވާ ގެ ގިނަދުވަސްވުމުން ބޮލަށްވެއްޓެން ވަނީ ކައިރިވެފައެވެ. މެދު ގޯތީގައި ބޮޑުހުސްތަން އޮވެފައި އެއްޗެހި ބަހައްޓާފައިވާ ތަރުތީބުކަމާއި ސާފުތާހިރުކަމުން އެގޭގައި ދިރިއުޅެނީ ފިސާރި މުރާލިބައެއްކަން އެނގޭހާވެއެވެ.

"ކޮންބައެއް މި ގޭގަ އުޅެނީ...." ނަވީންގެ ހިތް މަޑުފުއްކޮޅެއް ފަދައެވެ. ގަނޑުވަރެއްފަދަ ގެއެއްގައި ނަވީން އުޅޭއިރު ވާރޭ ހިޔާނުވާ ޖިފުޑިގަނޑުގަނޑުގައިވެސް މީހުން އުޅޭކަން ފުރަތަމަ ފަހަރަށް އަމިއްލަ ލޮލަށް ފެނުމުން ހިތުގައި ޖެހުނެވެ.

"މަންމަޔާ އަހަރެން..... އިތުރު މީހަކު ނޫޅޭ...." ލައިބާ ހިނިތުންވެލިއެވެ. އެދެލޮލުން ނަވީނަށް ފެނުނީ ޝުކުރުވެރިވާކަމެވެ. ކޮންމެފަދަ ހާލެއްގައިވެސް ކެތްތެރިކަމެވެ.

"އަހަރެން ދައުވަތެއް ދީނިއްޔާ ގަބޫލުކުރާނަންތަ؟" އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ނަވީންގެ އަޑަށް ފުންހިޔާލެއްގައި ހުރި ލައިބާ ސިހުނެވެ.

"ކީކޭ؟" ނަވީން ބުނި އެއްޗެއް ލައިބާއަށް ފަހުމެއް ނުވިއެވެ. ކުޑަކޮން ޖެހުލުންވެފައި ލައިބާ އެހެން ބުނެލީ ނަވީންގެ މޫނަށް ބަލަން ހުރެއެވެ.

"އަހަރެން ދައުވަތެއް ދިނިއްޔާ ގަބޫލުކުރާނަންހޭ؟" ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް އަތްޖަހާލަމުން ނަވީން އެސުވާލު ތަކުރާރުކޮއްލީ ލައިބާ ދޭނެ ޖަވާބަކަށް ކަންބޮޑުވެ ހުރެއެވެ. ލައިބާގެ ހަރަކާތްތައް ހުރީ ނަވީން ހީކުރި ގޮތަކަށް ނޫނެވެ. ނަވީން އެހެން ބުނުމުން ލައިބާ ޝަހާދަތް އިނގިލީގައި ދަތްއަޅާލީރު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. އަދި އަވަސްއަވަހަށް ބޯޖަހާލިއިރު މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. އެކަމާ ރުހިގަބޫލުކަން އޭނާގެ ކޮންމެ ހަރަކާތަކުންވެސް ހެކިދެއެވެ.

ނިދިމޫނާއިގެން ގޭގެ ދޮރުހުޅުވަން ނިކުތް ފާތުންގެ މޫނުން ނިދިފިލައިގެން ދިޔައީ ލައިބާ އާއި ނަވީން އެއްކޮށް ފެނުމުންނެވެ. ފެންނަ މަންޒަރު ގަބޫލުނުކުރެވިގެން ދެފަހަރަކު ލޯވެސް އުނގުޅާލިއެވެ.

"މިރޭ އަށްގަޑި ބަޔަށް އަހަރެން އުޅޭ ގެސްޓްހައުސްކައިރިއަށް .....އާދެވޭނެތަ؟" ލައިބާ އަވަސްއަވަހަށް ބޯޖަހާލިއެވެ. ނަވީން ލިބުނު ކާމިޔާބިގައި ހިތާހިތުން އުފާކުރަމުން އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ލައިބާވެސް ނަވީން ދިއުމުން ހިނގައިގަތީ ކުނިކަހާށެވެ.

" ޕޮއް....." ފާތުންގެ އަޑަށް ލައިބާ ސިހުނެވެ. ގަން ބިރެއްގެ ބޮޑުކަމުން މޭގައި އަތްޖައްސާލެވުނެވެ. ފާތުން އައިސްވަން ކަމެއް ލައިބާ ނުދެނަ ހުއްޓެވެ.

"ބިރު ގަނެއްޖޭ....." ތުންކޮޅު ދަމާލަމުން ޅަވެލާފައި ލައިބާ ބުނެލިއެވެ.

"އަނެއްކަ ރޭ އެސޮރު ނިދަން ބޭއްވީ މިގޭގަތަ....؟" ޖޯލީގައި އިށިއިންނަމުން ފާތުން ބެލީ އެކުވެރިޔާ އާ ދިމާކޮއްލެވޭތޯއެވެ.

"ކިހިނެތްވީ .....؟" ދެލޯބޮޑުކޮއްލަމުން ލައިބާ އަހާލިއެވެ.

"ކަމެއްނުވޭ...މާމައިރަކާ މިގޭ ދޮށުން ފެނުނީމަ....."

" އަނެއްކާ މަގު އޮޅުގެން ދާން ނޭގުނީތަ؟" ލާނެތް ގޮތަކަށް ފާތުން ބުނެލިއެވެ. ލައިބާވެސް ފާތުން އާ ބައިވެރިވުމުގެ ގޮތުން އައިސް ފާތުން އިށިއިނދެއިން ޖޯލީގެ ކުރިމަތީ ހުއްޓުނެވެ.
"ހިހިހި....ނޫނޭ....އެނގޭތަ ނަވީން އައީ ...." ރަހުމަތްތެރިޔާ އާއި އެންމެ ކައިރީގައި އިން ޖޯލީގައި ލައިބާ އިށިއިނެވެ. ލައިބާގެ އަޑުގައިވާ ފޯރިން އޭނާ އުފާވެފައިވާ މިންވަރު އެނގެއެވެ.

"މިރޭ އަށްގަޑި ބަޔަށް ގެސްޓްހައުސް ކައިރިއަށް އައިސްދޭށޯ...ނަވީން ބުނީ..." ފާތުންގެ އަތުގައި ހިފާލަމުން ލައިބާ ބުނެލިއެވެ.

"ނާހަމަ ތެދެއް.....ތީ ހެޔޮ ފާލެއްކަމަށް ބަލާ...." ފާތުންވެސް ލައިބާގެ އުފަލުގައި ބައިވެރިވިއެވެ. ފާތުން އަބަދުވެސް ލައިބާއަށް ރަނގަޅު ގޮތް ވުމަށް އެދެއެވެ. ފާތުންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ.

"ފާތުން އަތުގަ ނެތްތަ ރީތި ހެދުމެއް...." ނިކަން ކަންތައް ބޮޑުވެފައި ލައިބާ އަހާލިއެވެ.

"ނޫނޭ ރީތި ހެދުން ހުންނާނެ ލައިބާއަށް ވަގުތުވީމަ އާދޭ އިނގޭ...." ފާތުން ގެއަށް ދާން ތެދުވެތެވެ. ހެނދުނު ގަޑިކަމުން މަޑުކުރެވެން ނެތިގެންނެވެ.

**** **** **** **** **** **** **** ****

ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އާދިލާ އުޅުނުއިރު ފެންނަ ހިސާބުގައި ނަސީރު އިނެވެ. ޓީވީން ކުރީގެ ހިންދީލަވަތަކެއް ބަލާށެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި އާވިއަރައަރާ ހުރި ކޮފީޖޯޑެއް ހުއްޓެވެ. އިރުއިރުކޮޅާ ނަސީރު އަތުކުރި ގަޑިއަށް ބަލާލައެވެ. އޭނާ އެ އިންތިޒާރުކުރަނީ އޭނާގެ ބޭބެ ނިޒާރަށެވެ. ކޮންމެ ހުކުރުދުވަހެއްގެ ހެނދުނު އެއީ ދެބެން މާލެތެރޭ ބުރުޖަހާލަން ތާވަލުކޮއްފަވާ ދުވަހެވެ. އެދުވަހަށް ނަސީރުކުރަނީ ދިގު އިންތިޒާރެކެވެ. އިންތިހާއަށް ބޭރަށް ނިކުންނަން ބޭނުންވެފައިވާ މީހަކަށް ހަފްތާއެއްވަނީވެސް އެހާ ލަހުންހެން ހީވާކަހަލައެވެ.
" އާދިލާ އަޅެ މަގޭ ފޯނުގެނެސްދީބަލަ...ބޭބެ ހާދަ ލަސްވެއްޖޭ މިއަދު...." ނަސީރުގެ އަޑަށް މަސައްކަތުގައި އުޅެފައި އާދިލާ ބަލާލީ ފާރުގައި ހަރުކޮއްފައިވާ ގަޑިއަށެވެ. އަންނާނެ ކަމަށް ނިޒާރު ބުނެފައިވާ ގަޑިއަށް ވުރެން އިތުރަށް ހިނގީ އަދި އެންމެ ދިހަ މިނެއްޓެވެ. އާދިލާއަށް ވެސް ނަސީރު ބޭރަށް ނިކުންނަން ބޭނުންވެފައި އިންނަވަރު އިޙްސާސްކުރެވުނެވެ. އާދިލާގެ ދެލޯ ފެންކަޅިވިއެވެ. އެއީ އޭނާއަށްވެސް ފިރިމީހާގެ އުފަލާއި ހިތްހަމަޖެހުމަށްޓަކާ ކޮއްދެވޭވަރު ކަމެކެވެ. މިވީ ދުވަސްތަކުގައި އެކަން އޭނާ ކޮއްދީފައެއް ނުވެއެވެ. ގަޑިންގަޑިއަށް ފިރިމީހާއަށް ކާންދީ އެއްޗެހި ދޮވެ އިސްތިރިކޮއްދިނުމުން އޭނާ އިންނާނީ ހިތްހަމަޖެހިފައޭ ހީވިޔަސް ފޮރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުމުން ވާނެ ދެރަ އާދިލާއަށް އިޙްސާސްކުރެވުނެވެ.

"އައްފާން އަދިވެސް ނާންނަނީތަ؟" ފޯނު ހިފައިގެން އައި އާދިލާއަށް ބަލާވެސް ނުލާ ނަސީރު އަހާލިއެވެ.

"އާން ހިޔެއް ނުވޭ އެހާ އަވަހަށް އައިސްދާނެހެންނެއް...." އާދިލާ ވަރަށް ހަމަޖެހިލާފައި އެހެން ބުނުމުން ނަސީރަށް ބަލާލެވުނެވެ. ނަސީރު ހީކޮއްގެން ހުރީ އައްފާން ދިޔައީ ރިސޯޓަކަށް ނޫނީ މާލެކައިރީ އާންމުކޮން ދަތުރު ގޮސް އުޅޭ ކޮންމެވެސް ރަށަކަށް ކަމަށެވެ.

"ރިސޯޓަކަށް ނޫންތަ ދިޔައީ...." ކޮފީ ޖޯޑު ނަގަމުން ނަސީރު އެހެން އަހާލިއިރު އެއަޑުގައިވީ ހައިރާންކަމެވެ.

"އަފޫ ނުބުނޭތަ؟ ރިސޯޓަކަށް ނޫނޭ ދިޔައީ ހާދާލަށް ދިޔައީ...." ބޯން ތުންފަތުގައި ޖައްސަ ޖައްސައިން ކޮފީ ޖޯޑު އަތުން ދޫވީ ލިބުނު ސިހުމުގައެވެ. ޖޯޑު ވެއްޓި ތަޅާއިގެންގޮސް ގަޔަށް ކޮފީ އެޅުނެވެ. ނަސީރުގެ މޫނުމަތިން ފެނުނީ ބިރުވެރިކަމެވެ. އާދިލާވެސް ބަދިގެއަށް ދާން އުޅެފައި މަޑުޖެހުނީ ޖޯޑު ތެޅުނު އަޑުފަށަށެވެ.

"ކިހިނެތް ތިހެދީ....ހިނގާ ސާފުކޮއްލަން ...." ކަންދިމާކުރި ގޮތުން އެވަގުތަކީ ނިޒާރު އައިސް ގެއަށް ވަންވަގުތެވެ. ނަސީރުގެ އަންނައުނު ބަދަލުކުރުމުގައި ނިޒާރު އުޅުނު އިރު ޓައިލްސްމަތި ސާފުކުރަން އުޅުނީ އާދިލާއެވެ.

**** **** ***** ***** *****

ގޭގައި އުޅޭ ވަގުތު ތަކުގައި މާޙިލް ބެލްކަނީގައި ވަގުތު ހޭދަކުރާކަން ސަޖާއަށް ފާހަގަ ކުރެވުނެވެ. ސަޖާ ހީކުރީ އެތަނުގައި ގަސްމުށިތައް ބެހެއްޓުމުން އެތަން ހިތްފަސޭހަކަމުން ކަމުގައެވެ. ކޮފީ ބޯންވެސް ލެޕްޓޮޕް ހިފައިގެންވެސް މާހިލް ގިނަ ވަގުތު ހޭދަކުރަނީ ބެލްކަނީގައެވެ. އެހެނަސް ހަޤީގަތް އޮތީ ސަޖާއަށް ވަންހަނާވެފައެވެ. އޯކިޑްގަސްތައް ކައިރީ މާޙިލް އަންނަނީ އޭނާގެ މާޒީ ހަނދާން ކޮއްލާށެވެ. އެފޮނިފޮނި ދުވަސްތައް ހިތަށް ގެނަޔަސް މާހިލްގެ ހިއްސުތަކުގައި ހުޅުހިފައިގެން ދާހާވެއެވެ. އެލޯބި ދާއިމަށް ލިބުމަށް އޭނާޣެ ހިތްއެދެއެވެ. އެހެނަސް ވާން ނެތްކަމަކަށް އުއްމީދުކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ.

ހުދު އޯކިޑް ގަސްމުށިގަނޑު މޭޒުމައްޗަށް ނަގައިގެން މާޙިލް އިނީ ލެޕުން އޮފީހުގެ މަސައްކަތެއް ނިންމާށެވެ. ނަވީން ނެތުމުން މާހިލްކުރާ މަސައްކަތް ދެގުނައެވެ. ބަންދު ދުވަހުވެސް ނިދަން އޮތުމުގެ ބަދަލުގައި މާހިލް ބޭނުންވީ މަސައްކަތް ކުރާށެވެ.

"އޭ މިތާދޯ....." އާވިއަރައަރާ ހުރި ކޮފީމަގް މޭޒުމަތީ ބަހައްޓަމުން ސަޖާ ބުނެލިއެވެ. އަދި ފުރަގަހުން މާހިލް ގައިގާ ބައްދާލިއެވެ.

"ހިނގާ މޫދަށް ދާން ...." ސަޖާ މޫދު އެރިލަން ބޭނުން ވެފައި ހުރިވަރުން މާހިލްގެ ކިބައިން އެދުނެވެ.

"ހާދަ މަސައްކަތެއް އެބަހުއްޓޭ....." ސަޖާގެ މޫނަށް ބަލާލަމުން މާޙިލް އުޒުރުވެރިވިއެވެ. ސަޖާ މޫނުގެ ކުލަވަރު ބަދަލުވިތަން ފެނިފައި މާހިލް ހީލިއެވެ.

" އެހެން ދުވަހަކުން ދޯ ދާނީ...." ސަޖާ ދެރަވެލާފައި ބޯޖަހާލިއެވެ. ފިރިމީހާގެ ކޮންމެ ނިންމުމަކަށް ފުރިހަމައަށް ކިޔަމަންވުމުގެ ނަމޫނާއަކަށް ފުދޭހާވެއެވެ.

"ކީއްވެ ކޮންމެ ދުވަހަކު ވައިޓް ޕޮޓްނަގަނީ....."މޭޒުމަތީގައި ހުރި ގަސްމުށިގަނޑަށް އިޝާރާތްކޮށް ސަޖާއަހާލިއެވެ.

"ކިހާ ލޯބި....ކިހާ ހިތްގައިމު.....ލޯބީގެވެސް އިންތިހާ މިފަދަ ލޯތްބެއް ނުލިބޭނެ ....." މާހިލްގެ އަނގައިން ތައުރީފުގެ ބަސްތައް ނިކުތްއިރު އެބަސްތައް އޭނާ އަމާޒުކުރީ ކުރީގެ ލޯބިވެރިޔާއަށެވެ. ގަހުގައި ފޮޅިފައިވާ ރީތި މާތަކަކަށް ނޫނެވެ.

"ވާވާވާ....އަނެއްކާ ލަވައެއް ނުކިޔާތި .....އަހަރެން ފެއިންޓްވެދާނެ...." ސަޖާ ހެމުން ހެމުން ކޮޓަރިން ނިކުތެވެ. މާހިލަށް މާޒީގެ ހިޔަނި އެޅިފައިވާ މިންވަރު އޭނާއަށް ކުޑަކޮންވެސް އިޙްސާސް ނުކުރެވެއެވެ. އެހެންނަމަ ހިނިތުން މޫނަކާއިގެން ސަޖާ ހުންނާނީ ކޮންފަދަޔަކުން ހެއްޔެވެ؟

************ *********** *********

ރޭގަނޑުގެ އަނދިރިކަން ދުނިޔެ މައްޗަށް ދިޔައީ އަތްގަދަކުރަމުންނެވެ. ސާދަވިލޭރޭގެ ހަނދުމެދު އުޑުގައި ރަނިކަން ކުރަމުންދަނީ ބަލާމީހެއްގެ ހިތް ލަނބުވާލާފަދައިންނެވެ. މަޢުރިބްނަމާދު ކުރަން ކޮޓަރިއަށް ވަންނަ ގޮތަށް ބަޝީރާ ކޮޓަރިން ނިކުންނާނީ ޢިޝާ ނަމާދުވެސް ކޮއްގެންނެވެ. ފާތުންގެ އެހީގައި ލައިބާ ރީތިވާންހުރީ ފެންޑާތެރޭގައި ހުރި ލޯގަނޑެއް ކައިރީގައެވެ. ފާތުން އައީ އޭނާ އަތުގައި ހުރި ރީތިވާ އެއްޗެހި ހިފައިގެން ލައިބާ ރީތި ކުރާށެވެ. ލައިބާ ލީވެސް ފާތުންގެ ހެދުމެކެވެ. ފާތުންގެ ބޭބެ ކައިވެނި ހަފްލާއަށް ފާތުން ލީ ކަޅުރަތްކުލައިގެ އެހެދުން ލައިބާއަށް އޭރުވެސް ރީތިވެގެން އުޅުނެވެ. ލައިބާ ގަޔަށް އެހެދުން ރީތިކަމުން ހީވަނީ އެއީ އޭނާ ގަޔަށް ކަނޑާ،ފަހާ ފައިވާ ހެދުމެއް ހެންނެވެ. އެހާވެސް ފުރިހަމައެވެ.

"ހިނގާ މޭކަޕްކޮށްލަން....އަހަރެން މިއައީ މޭކަޕްސެޓްވެސް ހިފައިގެން...." ލައިބާ އިސްތަށިގަނޑު ރީތިގޮތަކަށް ހަދާލާފައި ފާތުން ބުނެލިއެވެ.

"ނޫނޭ ތިކަހަލަ އެއްޗެހި އަހަރެންނާ ނުލާހިކު ބީރަށްޓެހި....ނުކެރޭނެ...." ހަޔާތުގައި ދުވަހަކުވެސް ނުކުރާކަމެއް ކުރަން ލައިބާ ޖެހިލުންވިއެވެ. އެބޭނުންކޮށްގެން އެހެން ބައެއްގެ މަލާމާތާއި ފުރަށްސާރަ ލިބިދާނޭ ލައިބާއަށް ހީވަނީއެވެ. ލައިބާ ދެކޭ ގޮތުގައި އެފަދަ އެއްޗެހި އޭނާ ކަހަލަ ފަގީރަކަށް އެކަށީގެންވާ އެއްޗެއްސެއް ނޫނެވެ.

"ގަޑިއަށްދާން ވާނެ....ހިނގާ އަހަރެން ދާނަން ވަކިހިސާބަކަށް....." ލައިބާ މަގުމައްޗަށް ނިކުތީ ފާތުންގެ އަތުގައި ހިފައިގެން ހުރެއެވެ. ލައިބާ ހުރީ މަގަށް ނިކުންނަންވެސް ޖެހިލުންވެފައެވެ. ލައިގެން ހުރި ހެދުންވެސް ފެންވަރުގެ ގޮތުން ލައިބާ އާ އެކަށީގެން ނުވާކަމުގެ އިހްސާސް އޭނާއަށް ކުރެވެނީއެވެ. އަނެއްކޮޅުން ނަވީން އޭނާއަށް މިދިން ދައުވަތަކީ ކޮންކަހަލަ ދައުވަތެއްކަން ނޭގިގެން އޭނާގެ ހިތްވެސް ހީވަނީ މޭފަޅާ ނިކުމެދާނެހެންނެވެ.

ތެޅިތެޅި އޮތް ހިތަކާއި އެކު ގެސްޓްހައުސް ކައިރިއަށް ދިޔައިރު ލައިބާގެ އިންތިޒާރުގައި ނަވީން ހުއްޓެވެ. ނަވީންވެސް ހުރީ ނިކަން ނަލަހެދިގެންނެވެ. ކަޅު ޖީންސަކާއި މަޑުނޫ ގަމީހުގައި އަންހެންކުދިން ހިތްތައް ލެނބޭހާ ނަލައެވެ. ލައިބާ ފެނުމުން ހިނިތުން ވެލާފައި އަތުކުރިގަޑިއަށް ބަލާލިއެވެ.

"އަދި އަށްގަޑި ވިހި ....ހިނގާ..."

" އެހިސާބަށް ދެވެން ވާއިރަށް އަށްގަޑި ބައިވާނެ....." ނަވީން އާ އެއްހަމައެއްގައި ހުރެ ލައިބާވެސް ހިނގައިގަތެވެ. ނަވީން މިސްރާބުޖެހީ އެދިމާލުގައި ހުންނަ ޖޯލިފަތިތަކާ ދިމާލަށެވެ. ޖޯލިފަތިތަކާ ހަމައަށްދެވެންދެން ދެމީހުންގެ މެދުގައި އޮތީ ހިމޭންކަމެވެ. އެހިސާބަށް ދެވުމުން ލައިބާ ހުއްޓުނެވެ. ލައިބާ ހީކުރީ ނަވީންގެ މަންޒިލަކީ އެއީކަމަށެވެ. އެހެނަސް ނަވީން އަތުގެ އިޝާރާތުން އެދުނީ އޭނާގެ ފަހަތުން އައުމަށެވެ. ނަވީންގެ ފަހަތުން ލައިބާއަށް ދެވުނީ ވަކި ހިސާބަކަށެވެ.ލައިބާއަށް ހުރިފިޔަވަޅު މަތީ ހުއްޓެވުނެވެ. ދެލޮލަށް ފެންނަމުންދާ މަންޒަރު ގަބޫލުނުކުރެވިގެންނެވެ.

ރާޅުޖަހާފަށުގައި ހުދުފޮތިގަނޑެއް އަޅާފައިވާ މޭޒެއް ބަހައްޓާފައި ހުރިއިރު މޭޒުގެ ދެފަރާތުގައި ހުދުކުލައިގެ ދެގޮނޑި ހުއްޓެވެ. މޭޒުމަތީގައި ދިއްލާފައިވާ ފާނޫޒްބައްތިއެއް ހުއްޓެވެ. ރަތްފިނިފެންމާ ފިޔަތަކުން ފުރާލާފައިވާ މޭޒުމަތީގައި ދެތަށި ބިރިއާންޏާއި ކޯކްފުޅިއެއް ހުއްޓެވެ. އަދި ކޯކްއަޅަން ދެތައްޓާއި އުލާ ސަމުސަލުގެ އިތުރުން ފެންފުޅިއެއް ހުއްޓެވެ. އައްފާން އެކަން އިންތިޒާމްކޮއްފާވަނީ ވަރަށްވެސް ފުރިހަމައަށެވެ. ނަވީންގެ ޝުކުރުން ފުރުނެވެ.

ބަސްހުއްޓިފައިވާ ލައިބާގެ މޫނަށް ބަލަންހުރެފައި ނަވީން ލައިބާއާ ދިމާއަށް ހިނގައިގަތެވެ. އައްފާން ބުނެފައިވާ ގޮތަށް ހުރިހާ ކަމެއް ކުރެވޭތޯ ނަވީން ވަރަށް މަސައްކަތްކުރަން އެބަޖެހެއެވެ. ލައިބާ ކުރިމައްޗަށް ނަވީން ހުއްޓި ލައިބާގެ އަތުގައި ހިފާލިއިރު ނަވީންގެ އަތް ތުރުތުރު އަޅައެވެ. ނަވީން ލައިބާގެ އަތުގައި ހިފުމުން ލައިބާއަށް ލިބުނީ ބަޔާންނުކުރެވޭފަދަ އުފަލެކެވެ. އަތުގައި ހިފައިގެން މޭޒުކައިރިއަށް ގެންދިޔައިރު ލައިބާއަށް އުޅެވުނީ ހުވަފެނީ ދުނިޔެއެއްގައެވެ. ގޮނޑިދަމާލުމުން ރާނީއެއް ފަދައިން ލައިބާ އިށިއިނެވެ. އޭރު ލައިބާ ހިތްތެޅޭލެއް ބާރުކަމުން އޭނާ ހުރީ ޖެހިލުންވެފައެވެ. ލައިބާއަށް ހީވީ ނަވީނަށްވެސް އެއަޑުއިވިދާނެ ހެންނެވެ.

"ކުރިންރޭ މަގުއޮޅިގެން އަންނަން ނޭގިފަ ހުއްޓާ ގެނެސްދިނީތި ހިތަށް އެރީ ލައިބާއަށް ޝުކުރުއަދާކުރަން މިއަށްވުރެން ރަނގަޅު ގޮތެއް ނޯންނާނޭ..." ގޮނޑީގައި އިށީންނަމުން ނަވީން އޮޅުން ފިލުވައިދިނެވެ.

"ކާންފަށާ....އަދި އެބަހުއްޓޭ ވަރަށް ކަންކަން ރޭވިފަ...." ތަށްޓަށް ކޯކްއަޅަމުން ނަވީން ވާހަކަދެއްކިއެވެ. މީ ލައިބާގެ ހަޔާތުގައިވެސް ވެދާނެކަމަށް ހިތަށްވެސް އަރާފައިވާ ކަމެއް ނޫނެވެ. ލައިބާ އިނީ ލަދުންނެވެ. ކާންފަށަންވެސް ނުކެރިފައެވެ. އަތްފައި ފިނިވެ ލައިބާ ހާސްވަނީއެވެ. ބަސްހުއްޓިފައި އޭނާ އިނީ ބުނާނެ ބަހެއް ދުލާހަމައަށް ގެންނަން ނޭގިގެންނެވެ. ނަވީން ކާންފެށުމުން ލަދުން އިނދެ ލައިބާވެސް ކާނެފެށިއެވެ.

**** **** **** **** **** ****

ބަޝީރާ ކާން ހަދައިގެން އިންނަތާ ކިތަންމެ އިރެއްވެއްޖެއެވެ. ކޮންމެ ކާގަޑިއެއްގައިވެސް ބަޝީރާ އާއި އެކު ލައިބާ ކާނެއެވެ. ފެންޑާތެރޭގައި ނެތުމުން ބަޝީރާ ނިންމައިގެން ހުރީ ލައިބާވާނީ ފާތުން އެކީކަމުގައެވެ. ކިތަންމެ ރެއަކު ލައިބާ ކާން ނައިސްގެން ފާތުންމެން ގެއަށް ހޯދަން ބަޝީރާއަށް ދާންޖެހެއެވެ.

ބަތްތައްޓާއި ގަރުދިޔަބޯތަށީގައި މަތިޖަހާފައި ބަޝީރާ ހިނގައިގަތީ އެގެއާ ދިމާއަށެވެ.

"އައްސަލާމް އަލައިކުމް...." ދޮރާށިން އެތެރެއަށް ބޯދިއްކޮއްލަމުން ބަޝީރާ ގޮވާލިއެވެ. މެދުގޯތީގައި ހުންނަ ޖޯލިފަތިވެސް ހުރީ ހުހަށެވެ.

"ވައަލަޔަކުމުއް ސަލާން އަހާން ބަޝީރާ އާދޭ އާދޭ....." އެތެރެއިން ނިކުތް ފާތުންގެ މަންމަގެ މޫނުމަތިން ފެނުނީ ގާތްކަމެވެ.

"ލައިބާ ނާދޭތަ؟...ކޮބާ ފާތުން....." ބަޝިރާ އެތެރެއަށް ވަންނަ ހިޔާލެއް ނުކުރެއެވެ.

"ލައިބާ ނާދޭ މިރެއަކު....ފާތުން ވީ ފެންވަރަން ވަދެ...."ލިބުނު ޖަވާބުން ބަޝީރާ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދުނެވެ. ލައިބާ ދާން އޮންނާނީ ވަކިން ކޮންތަނެއް ހެއްޔެވެ؟ ބަޝީރާއަށް މަގުމައްޗަށް ނިކުމެ ހިނގައިގަނެވުނީ ވަކި މަންޒިލެއް އޮވެގެންނެއް ނޫނެވެ. ހިނގަމުން އައިސް ގާދިރު ފިހާރަ ފިހާރާޔާ އަރާހަމަވިއެވެ. ފިހާރަތެރެއަށް ބަޝީރާ ވަންއިރު ކައުންޓަރގައި އިނީ ގާދިރެވެ.

"އަހާނ ބަޝިރާ ކިހިނެތް ކިހިނެތް ތިއުޅެނީ....." ގާދިރު ހީކުރީ ބަޝީރާ އައީ ކޮންމެވެސް އެއްޗެއް ގަންނަން ކަމަށެވެ.

"މީހަމަ މިހެން ދަމުން ވަދެލީ......" ބަޝީރާ ފިހާރަތެރެއަށް ނަޒަރު ހިންގާލަމުން ބުނެލީ މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުންނެވެ.

"ލައިބާ އައިތަ މިރޭ...." އަހަން ނާހަން ހުރެފައި ގާދިރާވެސް ލައިބާ ދިމާވިތޯ ބަލަން ބަޝީރާ ބޭނުންވިއެވެ.

"ގެއްލުނީތަ؟" ގާދިރު ކޮއްލި ސުވާލުން ބަޝީރާއަށް ތެޅިގަނެވުނެވެ.

"ނޫނޭ....ގެއްލުނީކީ ނޫން....."

"އައިތަ މިރޭ......"

"ގޭގަނެތީމަ އަހާލީހަމަ....." ބަޝިރާ ދާން ހިނގައިގަންނަމުން ބުނެލިއެވެ.

"ހޫން....މަ ހީކުރީ ބަޝީރާއަށް އެނގިގެން ލައިބާ ކުރާކަމެއް ކަމަށް އެ..." ގާދިރު ބުނި އެއްޗަކުން ބަޝީރާއަށް ހުއްޓެވުނެވެ. ޝައުޤުންފުރިގެންވީ ނަޒަރުން ބަޝީރާ ގާދިރަށް ބަލާލިއެވެ. އަދި ގާދިރާ ދިމާއަށް ހިނގައިގަތެވެ.

"ކީކޭ ތިބުނީ.......؟" ބަޝީރާ ކައުންޓަރު ކައިރިއަށް ހުއްޓި އަޑަށް ބާރުލާފައި އަހާލިއެވެ.

"އެއްޗެކޭ ނޫން....."ގާދިރު އިސްޖަހާލަމުން ނޫންކަމަށް ހަދާލިއެވެ.

"ނާ....އެއްޗެކޭ ގާދިރު ސޭޓް ތިބުނީ....ނިކަން ބުނެބަލަ....ސުރުހީ އަޅާލާފަ ތަފްސީލްވެސްވާނީ ކޮށްދެން...." ބަޝީރާ ހުރީ ދޫދޭކަހަލަ ގޮތަކަށް ނޫނެވެ. ލައިބާގެ ކޮންމެ ކަމެއްގައި ބަޝީރާ ނިކަން ވަރުގަދައަށް ހިފަހައްޓާނެއެވެ. ބަޝީރާ އެދަރިފުޅު ބެލީ ބަފަޔަކާއިނުލާ ބަފައެއްގެ އެހީއެއް ނުލިބި އެކަނިމާ އެކަންޏެވެ. ވީއިރު އެދަރިފުޅުގެ ކޮންމެ ކަމެއް ބެލުމަކީ ބަޝީރާ ނިކަން އިސްކަންދޭނެ ކަމެކެވެ.

"އެންމެ ރަނގަޅު ނިކަން ބާރަށް ތަނެއްގަ ހިފައްޓާ....ފަހަރެއްގަ އަހަރެން މިބުނާ އެއްޗަކުން ބަޝީރާ އަރިވެސް އަޅާލަދާނެ....ވެއްޓިވެސް ދާނެ...." ދުފާއެއްޗެހި އަނގައަށް އަޅަމުން ގާދިރު ވާހަކަ ދެއްކިއެވެ.

"ލައިބާ އެކީ................................"

**** **** **** ***** **** **** ****

ކިޔަމަންތެރިކަމާއި އެކު ނަގާ ކުދިކުދި ރާޅުތައް ގޮނޑުދޮށުގައި ބީހިލާއިރު އިވެމުންދަނީ އަހާ ފޫހިނުވާފަދަ ހިތްގައިމު މިއުޒިކެކެވެ. ސާދަވިލޭރޭގެ ހިތްގައިމު ރިހި ހަނދުވަރުން ހިތްތަކަށް އުފާވެރިކަން ގެނުވައެވެ. ޖެހެމުންދިޔަ ނަލަނަލަ ރޯޅީގެ ވައިން އަރާމްވާފަދަ ފިނިކަމެއް ދިޔައީ އިހްސާސްކުރެވެމުންނެވެ. ދޭތެރެ ދޭތެރެއިން ނަވީން ބުނާ ބަހަކަށް ނޫނީ ލައިބާ އަނގައިން ނުބުނެއެވެ. ލަދުން އިސްޖަހާލައިގެން އިނދެ ކަމުން ގެންދިޔައެވެ. ނަވީން ކައި ނިމުނުއިރުވެސް ލައިބާ ތަށިހުސްނުވެއެވެ. އެންމެފަހުން ލައިބާ ނުކެވޭނޭ ބުނެ ފެންފޮދެއް ބޯލިއެވެ.

"ނިމުނީތަ؟ " ލައިބާ ނަވީނަށް ޖަވާބު ދިނުމުގެ ގޮތުން ހިނިތުންވެލާފައި ބޯޖަހާލިއެވެ.

"ހިނގާ ތިހެން ވިއްޔާ ދާން....." ނަވީން ތެދުވުމުން ލައިބާވެސް ތެދުވެތެވެ. ނަވީން ހިނގައިގަތުމުންވެސް ލައިބާ ނަވީންގެ ފަހަތުން ހިނގައިގަތެވެ.

"އާދޭ ކުޑަކޮން ހިނގާލާފަ އޭނުން ދާނީ....."ނަވީން ހުރީ ލައިބާ ގޮވައިގެން ހިނގާލަންދާން ރާވައިގެންނެވެ. ސްނޯފަދަ ހުދު ދޮންވެލިގަނޑުމަތީ ހިނގަން އުނދަގޫވެގެން ލައިބާ އަރާއިގެން ހުރި ފައިވާން އަތަށް ނެގިއެވެ. ނަވީނާއި އެއްހަމައެއްގައި ހުރެ ހިނގަމުން ދިޔައިރު ހެދުމުގެ ފަސްބައި ވަނީ ތެމިފައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް ލޮލުގައި އަޅާއިގަތީ ފާނޫޒްބައްތިއެކެވެ. މިފަހަރު ތަފާތަކީ ބައްތި ބަހައްޓާފައި ހުރީ ގަސްބުޑެއް މަތީގައެވެ. ގަސްބުޑުމަތީގައި އޮތް މުށަށް ލެވޭވަރުގެ ކުޑަކުޑަ ފޮއްޓެއް ނަގާ ނަވީން ހުޅުވާލިއެވެ. ލައިބާ އަވަސްއަވަހަށް އެސްފިޔަ ޖަހާލީ ގަބޫލުނުކުރެވިގެންނެވެ.

"ވިލް ޔޫ މެރީ މީ....."

~ ނުނިމޭ ~

ޚިޔާލު ފޮނުއްވާ