Views: 8088 113

ލައިބާ އާއި ފާތުން ފިހާރައިން ނިކުތީ ނިކަން ހެމުންނެވެ. ފާތުން މަޑުމަޑުން ކިޔަމުން ދިޔަ އެއްޗެއްސަށް ލައިބާއަށް ނުހީ ނުހުރެވެއެވެ. އައްފާންގެ ކައިރިން އަޅާފައި ދިޔައިރުވެސް ދެމީހުން ދެއްކީ ނަވީންގެ ވާހަކައެވެ. ނަވީން ދަޅު ގަނެގެން ނިކުތްއިރު މަލާމަތްކުރާ ފާޑަކަށް އައްފާންވެސް ހުރީ ހީލަހީލައެވެ.

"އެއީތަ އެމަންޖެއަކީ...." ފާތުން އާއި ލައިބާއަށް އިޝާރާތްކޮށް އައްފާން އަހާލިއެވެ.

"ހިތާވީތަ؟" ނަވީން ނޫންކަމަށް ހެދިއެވެ.

"އާން އެކަމަކު މަށެއް ނޫން ނަވީން ....މަށަށް ޔަގީން ނަވީނަށް އެމަންޖެ ކަމުގޮއްސިކަން......" އައްފާން އެހާ ޔަގީން ކަމާއިއެކު އެހެން ބުނުމުން ނަވީން ހުއްޓުން އެރިއެވެ. ނަވީނަށް ހަގީގަތުގައިވެސް އެ އަންހެންކުއްޖާޔާ ގަޔާވެވިއްޖެއެވެ. ކަމުދާ ސިފަތަކެއް ލައިބާ ކިބައިގައި އެބަހުއްޓެވެ. އެހެނަސް ޖޫލީއަށް ދެވިފައިވާ މަގާމާއި ލޯބި އެހެން މީހަކަށް ދިނުމަކީ ނަވީނަށް ވާނޭކަމެއް ނޫނެވެ.

"ގަޔާ ނުވިޔަސް އެކަން ކޮއްފަ މާލެދާން ބޭނުންވަނީ......" އެއްވެސް އަސަރެއް ނެތް ފަދައިން ނަވީން އެހެން ބުނީ އަމިއްލަ ހިތަށްވެސް އޮޅުވާލަމުންނެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލައިބާމެންނާއި ދިމާއަށެވެ.

ނަވީނާއި އައްފާން ލައިބާމެން ފަސްފަހަތުން ދިޔައެވެ. އެމީހުންގެ މަގްސަދަކީ ލައިބާ އުޅޭ ގެއެއް ޔަގީން ކުރުމެވެ. މުޅިރަށުގައި ބުރުޖެހުމުގެ ބަދަލުގައި އެގޭދޮރުމަތިން މުގޯލިއަޅައިގެން ބޭނުންވާ މަންޒިލާ ހަމައަށް ދާން ފަސޭހަވާނެތީއެވެ. ދެކުދިން ސަކަރާތް ޖަހަމުން ހެމުން ގޮސްވަނީ ލައިބާ ގެއަށެވެ. ބުލްބުލާގެއަށެވެ. ގޭގެ ދޮރޯށީގައި ހަރުކޮއްފައިވާ ނަންބޯޑު ބަލާލުމަށްފަހު ނަވީންމެންވެސް އައިކޮޅަށް ހިނގައިގަތެވެ.

**** **** **** ****

ރޭގަނޑުގަޑިން ނުވައެއްޖެހީ ނަވީން ބުލްބުލާގޭ ކައިރީ ހުއްޓައައެވެ. ވަންނަން އުޅެފައިވެސް ފަސްޖެހެވުނީއެވެ. ބީރަށްޓެހިރަށެއްގައި ކައްޗަށް އެޅޭ އެންމެ ފިޔަވަޅަކުންވެސް ތިމާގެ އަގުވެއްޓިދާނެ ކަމުގެ ބިރަށްޓަކާއެވެ. އައްފާން ނަވީން އެގޭ ދޮށަށް ފޮނުވީ ފުލުސް އޮފިސަރެއްހެން އެގޭ ދޮށުގައި ފޯރިމަރަން ހުންނާކަށް ނޫނެވެ. އައްފާން ބުނީ އެގެއަށް ވަދެ ލައިބާ އާ ބައްދަލުކުރާށެވެ. ނިކަން ކެރޭ މީހަކަށްވެގެން ވަރުގެ ކޮޅަށް ސެންޓުޖަހާއިގެން އައިސް އެގޭ ދޮރާށި ފެންނަ ހިސާބުގައި މަޑުކޮއްލައިގެން ނަވީން ހުރީއެވެ. އެހެން ކިތަންމެ އިރަކު ހުއްޓަސް ލައިބާ ފެންނާނެ ކަމެއް އެނގެނީއެއްވެސް ނުމެ ނޫންމެއެވެ.

ފާތުން ވެސް ރޭގަނޑު ކޭތަށިތައް ނަގާ އެއްޗެހި ހޫނުކޮއް ނިމިގެން ނިކުތީ އާދައިގެ މަތިން ބުލްބުލާގެއަށް ދިއުމަށެވެ. މަގުގެ ދެކޮޅު ބަލާލާފައި ކުރިމަތީ ހުރި ގެއަށް ދާން ނެގި ފިޔަވަޅު ހުއްޓުން އެރީ ބުލްބުލާގޭ ކަންމަތީ ހުރި ނަވީން ފެނިފައެވެ. ހިތަށް އެރި އެއްޗަކުން ފާތުން އަވަސްވެގަތީ ލައިބާއަށް އެހަބަރު ދޭށެވެ. ދުވެފައި ގޮސް އެގެއަށް ވަންއިރު ލައިބާ އާއި ލައިބާގެ މަންމަ ގޭފެންޑާގައި ތިއްބެވެ. ލައިބާގެ މަންމަ ބަޝީރާ އިނީ ރޯނުވަށާށެވެ. ލައިބާ އުނދޯލި ހެއްލާލަ ހެއްލާލަ އިނެވެ. ދުވަމުން ވަން ފާތުން ފެނި ލައިބާއަށް ފުރަތަމަވެސް ޖަހާލެވުނީ ހިނިގަނޑެކެވެ.

"ހިހި....މިރޭވެސް ބުޅަލެއް ފެނުނީތަ؟" ބުޅަލެއް ފެނިއްޖެއްޔާ ފާތުން ހައްޓަކު ހެޔެއް ނުހުރެއެވެ. ގިނަ ރޭރޭ އޭނާ ލައިބާމެން ގެއަށް އަންނާނީ ތެޅެމުން ފޮޅެމުންނެވެ. ނުވިތާކަށް ހަޅޭވެސް ލަވާނެއެވެ.

"ހޫން....އަނެއް...އަނެއް...މިގޭ ކަންމަތީގަ ....." އެހިސާބަށް ބުނެފައި ފާތުން ހުއްޓާލިއެވެ. ބަޝީރާ އިންކަން ފާތުންއަށް ރޭކާލީ އޭނާ ހޭން ފެށީމައެވެ. ފާތުންއަށް ވީގޮތް ފެނިފައި ލައިބާގެ ހުނުމުގެ އަޑުވީ ގަދައެވެ.

"ބުޅަލެއް ހެޔޮދޯ މަގުކޮޅުން ފެންނަން ހުއްޓަސް....މީނަ މިގަންނަ ބިރެއްތާ ދޯ...." ލައިބާ ލިބުނު ފުރުސަތުގައި ދިމާކޮއްލިއެވެ.

"އޭ....އާދެބަލަ..މަށާއެކީ ފިހާރައަށް ދާން....." ލައިބާވެސް އެންމެ މިނެޓެއްވެސް ލަސްކޮއްނުލާ ތެދުވެތެވެ. އަދި ފާތުން އެކީ ހިނގައިގަތެވެ.

"ލައިބާ.... ގާދިރު ފިހާރައިން ދެކިލޯ ފުށް ހިފައިގެން އަންނާތި..." ބަޝީރާ އެހެންބުނުމުން ލައިބާ ކުޑަކޮން މަޑުޖެހުނެވެ. ލޭންދޭނަށް އެ ފިހާރައިން އެއްޗެހި ގެނެއުމަކީ ލައިބާ ކުރާ ހިތްވާ ކަމެއް ނޫނެވެ. އެކަށީގެންވާ އާންމުދަނީއެއް ނުލިބުމާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުން އެދެމައިން ކުރާ މަސައްކަތުން ދެކޮޅެއް ނުޖެހެއެވެ. ބައްޕަޔަކާއި ނުލާ ބަޝީރާ ލައިބާ ބަލާބޮޑުކުރީ އެކަނިމާ އެކަންޏެވެ. ކިޔަވައިދީ އަންނައުނު ދިނީ ބަޝީރާގެ ދެއަތުން ބުރަމަސައްކަތް ކޮށްގެނެވެ. އެހެންނަމަވެސް މިއަދު ބަޝީރާގެ ބަލިހާލަތު ހުރިގޮތުން ކުރިން ކުރިހާ ބުރަކޮން މަސައްކަތް ކޮށެއް ނޫޅެވެއެވެ. ނަތީޖާއަކީ ކުދިކުދި އެއްޗެހި ގާދިރު ފިހާރައިން ލޭންދޭނަށް ނަގަން ޖެހުމެވެ. ފަތްތެއްލާނާއި ރޯނުވަށައިގެން ލިބޭ ލާރިން ގޭގެކަރަންޓުބިލަށް ކަނޑާފައި ބާކީކުރެވެނީ ވަރަށް ކުޑަމިންވަރެކެވެ.

"ފޮތުގަ ޖަހާލާފަ ގެނޭ...ރޯނު ބޮނޑިހަމަ ނުވެގެން މިއުޅެނީ....." ލައިބާ ބަލަން ހުރިގޮތުން ބަޝީރާ ބުނެލިއެވެ. މިހާރު ކިތަންމެ ދުވަހަކު ލޭންދޭނަށް އެއްޗެހި ގެންނަން ޖެހޭތީ ލައިބާ ބަޝީރާ ކައިރީ ޝަކުވާ ކޮއްފިއެވެ. ފާތުންގެ މޫނަށް ބަލާލާފައި ދެމީހުން ނިކުތީ ގެއިން ނިކުންނާށެވެ.

"އޭ މިތާ އެބަހުރި ލައިބާގެ ހީރޯ އަޅެ ބަލާލަބަ...."ލައިބާ އަތުގައި ހިފާ ދޮރޯށިން މަގުމައްޗަށް ނިކުތުމުގެ ކުރިން ވަރަށް ސިއްރުސިއްރުން ބުނެލިއެވެ.

ލައިބާ ނިކަން ސިއްރުސިއްރުން ބޭރަށް ބޯދިއްކޮއްލިއެވެ. ތެދެކެވެ. ނަވީން ފޯނެއް ކަންފަތުގައި ޖަހާއިގެން އެބަހުއްޓެވެ.

"އެބަހުރި" ފާތުންއަށް ބަލާލާފައި ލައިބާ ބުނެލިއެވެ. އަނެއްކާވެސް ކުރިން ބަލާލިހެން ލައިބާ ނަވީން ހުރި ދިމާއަށް ބަލާލިއެވެ. ބަލާކަށް ނުހުރެ ލައިބާ ބުރަކަށީއަތް އަޅާފައި ފާތުން ކޮއްޕާލިއެވެ. އެފަދަކަމެއް ކޮއްދާނެކަމަށް ލައިބާ ހުރީ ވިސްނައިގެންނެއް ނޫނެވެ. ތޫލިއަޑަކުން ހަޅޭލަވައިގަނެވުނީ އިހްތިޔާރުން ބޭރުގައެވެ.

އެވަގުތު ނަވީނަށްވެސް އަޑުއައި ދިމާއަށް ބަލާލެވުނެވެ. ނަވީން ބަލާލުމުން ލައިބާ ރަކިވިއެވެ. ލައިބާ އުޅުނީ އެތެރެއަށް ވަންނާށެވެ. އެހެން ނަމަވެސް ނަވީން ލައިބާއަށް ގޮވާލުމުން ހުއްޓެވުނެވެ. އަތުގައި އޮތް ފޯނު ޖީބަށް ލަމުން އައިސް ލައިބާ ކައިރިއަށް ހުއްޓުނުތަނާ އެތެރޭގައި ހުރި ފާތުންފެނި ނަވީނަށްވެސް ދައްކަންވީ ވާހަކައެއް ނޭގުނެވެ.

"ކީއްކުރަން މިހިސާބަށް އައިސްގެން ތިއުޅެނީ...." ލައިބާ ވާހަކަ ދައްކަންފެށީ ފާތުން އޭނާ ގައިގާ ކޮއްޓާލުމުންނެވެ. ލައިބާއަށްވެސް ދައްކަންވީ ވާހަކައެއް ނޭގުނެވެ.

"މީ....މީ....މަގުއޮޅުނީ ....ހިނގާލަން ނިކުތްތަނާ މަގު އޮޅުނީ....." ލައިބާ ކޮއްދާނެ ސުވާލަކަށް އޭނާހުރީ ވިސްނައިގެންނެއް ނޫނެވެ. އެހެންވެ އޭނައަށް ޖަވާބުދެވުނީ އިރުކޮޅެއް ފަހުންނެވެ.

" ލައިބާ ދާންވީއޭނުން އެކުއްޖައަށް މަގުދައްކަން...." ފާތުން ލައިބާ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ދެން ފާތުން ހިނގައިގަތީ އޭނާގެ ގެއާ ދިމާއަށެވެ.

"ފިހާރަޔަކަށް ނުދާނަންތަ...." ލައިބާއަށް އެހެން ބުނެވުނުއިރު ފާތުން ގޮސް އޭނާގެ ގެއަށް ވަންނަނީއެވެ.

"ދެން މާދަން....." ފާތުން އެއްލޯމަރާލަމުން ހިނިތުންވީ ގޮތުން ލައިބާއަށް ފާތުން އެކުރީ ކީއްކަން ޔަގީންވި ކަހަލައެވެ. ހިނިތުންވެފައި ނަވީނަށް ބަލާލިއެވެ.

"ހިނގާ....ކޮންނަމެއްތަ ގެއަށް ކިޔަނީ...." ލައިބާ ދޮރޯށިލައްޕާލަމުން އަހާލިއެވެ.

"މިރަށުގަ އަހަރެންގެ ގެއެއް ނުހުންނާނެ.....އަހަރެން އުޅެނީ ބީޗް ހެވަންގެސްޓުހައުސްގަ...." ނަވީން އެހެން ބުނުމުން ލައިބާ ހީލިއެވެ. އަދި ހިނގައިގަތުމުން ނަވީންވެސް ލައިބާ އާ އެއްހަމައެއްގައި ހުރެ ހިނގައިގަތެވެ.

" ކީއްކުރަންތަ މިހިސާބަށް އައިސްގެން ތިއުޅެނީ....." ކުރިން ކުރި ސުވާލު އަނެއްކާވެސް ލައިބާ ތަކުރާރުކޮއްލިއެވެ.

"އަނެއްކާ މީ އައުން މަނާ ހިސާބެއްތަ؟" ނަވީންވެސް ކޮއްލީ ސުވާލެކެވެ.

"ނޫނޭ.....އެހެނެއް ނޫން..." ލައިބާއަށް އެސުވާލުކުރެވުނީތީ ކުޑަކޮން ލަދުވެސް ގަތެވެ.

"ދެން އެންމެ ރަނގަޅު ކީއްކުރަން މިރަށަށް އައިސްގެން ތިއުޅެނީ...." ލަދުވެތިކަން އެއްފަރާތްކޮއް ލިބިފައިވާ ފުރުސަތުގައި ލައިބާ ބޭނުންވީ ހުރިހާ ސުވާލެއް ނަވީނާ ކުރާށެވެ. ހިތްއެދޭ މީހަކާ ބައްދަލުވުމުން ކުރެވޭނެ ހުރިހާ އިހްސާސެއް ލައިބާއަށް ދިޔައީ ކުރަމުންނެވެ. އަތްފައި ފިނިވެ ހިތުގެ ތެޅުން ހުރީ އަވަސްވެފައެވެ.

" ދެ ބޭނުމަކު އައީ ފުރަތަމަ ބޭނުން މިހާރު ބުނެދީ ދާނަން...." ނަވީން ވިސްނާލާފައި ބުނެލިއެވެ.

"މިރަށުގަ ފިހާރައެއް ހުޅުވަން ވެގެން ....ނެތްތަ ހުސްބިމެއް ތިގޭގަ...." ދެޖީބަށް އަތްޖަހާލައިގެން ނަވީން ހިނގަމުން ދިޔައީ ލައިބާ ހިނގާވަރަށެވެ. މާބާރަކަށްވެސް އަދި މާމަޑުންނެއް ވެސް ނޫން އާދައިގެ ވަރަކަށެވެ.

"ނޫނޭ ހުސްތަން އެބައޮތް އަހަރެމެން ގޭގަ މަންމަ ކައިރީ އަހަން ޖެހޭނީ މަންމަގެ ގެޔެއް ވިއްޔާ....." ލައިބާގެ ޖަވާބު ލިބުނީ ހީކުރި ވަރަށްވުރެން އަވަހަށެވެ.
"އަސްލު އަހަރެމެން އަވަށުގަ ފިހާރައެއް ނެތީމަ ވަރަށް އުނދަގޫ....ވަރަށް ފަސޭހަ ވާނެ ފިހާރައެއް ހުޅުވާފިއްޔާ" ލައިބާ ހާމަކުރީ ރަށުގައި އިތުރު ފިހާރައެއް ހުޅުވައިފި ނަމަ ވާނެ ފައިދާ ވިސްނާފައެވެ.

"ހޫން ދެން ދެވަނަ ބޭނުމަކީ...." ލައިބާގެ ހުޝިޔާރުކަން ފެނި ނަވީނަށް ހިނިތުންވެވުނެވެ.

"ދެވަނަ ބޭނުން ބުނާނަން އެހެން ފަހަރަކުން......" އޭރު ދެމީހުންނަށްވެސް ގާދިރު ފިހާރަޔާ އަރާ ހަމަވަނީއެވެ.

" ބިސްގަންނަން ވީނު...." ނަވީން ލައިބާއަށް ބަލާލާފައި ބޮލުގެ އިޝާރާތުން ދެއްކީ ފިހާރައެވެ. ލައިބާ ރަކިވި ވަރުން ތުންފަތުގައި ދަތް އަޅާލެވުނެވެ.

"އަނެއްކަ އަހަރެންނާ އެކީ އައިމަ މައްސަލައެއް ނުޖެހޭނެތަ؟" ނަވީން ފަހަތް ބަލާލަމުން ބުނެލިއެވެ. ރަށްފުށުގެ އަންހެންކުދިންނާއި ރަށުން ބޭރުން އަރާ ފިރިހެންކުދިން ވާހަކަ ދެއްކުމުން ތަޅާ އަނިޔާ ކުރާވާހަކަޔަކީ ނަވީންވެސް އަހާ ވާހަކައެކެވެ. ލައިބާ ނަވީން އެކީ އައުމުން ހަމަނުޖެހުމެއް ހިނގައިދާނެތީ ނަވީން ކަންބޮޑުވިއެވެ.

"ތިބުނީ..؟" ނަވީން އެހެން ބުނީ ކޮން މާނައެއްގައިކަން ލައިބާއަކަށް ނޭގުނެވެ.

"މިބުނީ ބޯއީ ފުރެންޑް...." ނަވީންވެސް ބޭނުންވީ ލައިބާގެ އެފަދަ މީހަކު ހުރިކަން ޔަގީން ކުރާށެވެ.

"ހީހީ....ނަސީބުދެރަކަމުން އަދި ބޯއީ ފުރެންޑެއްވެސް ނެތް" ލައިބާ ހަޔާތުގެ ބައިވެރިއެއް ނެތްކަން ހާމަކުރުމުން ނަވީނަށް ދޫކޮއްލެވުނީ ފުންނޭވާއެކެވެ. އޭނާގެ މަގަށް ހުރަސް އަޅާނެ އެއްވެސް މީހަކު ނެތްކަން އެގުމުން ހިތްހަމަޖެހުނެވެ.

ގެސްޓުހައުސް ކައިރިއަށް އާދެވުނު އިރު އައްފާންވެސް ކޮޓަރީގައި އޮވެފައި ނަވީންގެ ހަބަރެއް ނުވެގެން ބޭރަށް ނިކުންނަނީއެވެ. ލައިބާ އާއި ނަވީން އެކުގައި ފެނުމުން އައްފާންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ނަވީންވެސް ނިކަން ހިނި އައިސްހުރެ އައްފާނަށް ނިތްއެއްލިއެވެ.

"މީ ލައިބާ...އަހަރެން މަގު އޮޅިގެން އަންނަން ނޭގިފަ ހުއްޓާ ލައިބާ ގެނެސްދިނީ...." ނަވީން އެއްލޯމަރާލަމުން އައްފާނަށް ލައިބާ ތައާރަފްކޮއްދިނެވެ.

"ލައިބާ މީ އައްފާން އަހަރެންގެ ކަޒިންގއެއް....އެހެން ގޮތަކަށް ބުނަންޏާ ބެސްޓްފުރެންޑް" އައްފާން ލައިބާ އާ ސަލާންކޮއްލިއެވެ.

"ނަވީން އަހަރެން ދަނީ އަދި ދިމާވާންނު...." ލައިބާ ނަވީންގެ އިޒުނައަށް އެދުނެވެ.

"ހޫން...އަނެއްކަ އެކަނި ދާން ކެރޭނެތަ؟" ލައިބާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.

"އާނ ޔަގީނުންވެސް މަގެއް ނޯޅޭނެ....ދަނީ..." ނަވީނަށް ހިނިގަނޑެއް ޖަހާލެވުނެވެ.

"ތޭންކުސް ވަރަށް ބޮޑަށް..." ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ނަވީން އަވަސްއަވަހަށް އިސްޖަހާލިއެވެ. މިދެމީހުންގެ ހަރަކާތްތަކަށް ބަލަން އައްފާން ހުރީ ބަސްހުއްޓިފައެވެ. އައްފާން ވާހަކަދައްކަން ފެށީ ލައިބާ އެމީހުން ފަސްދީ ކުރިއަށް ހިނގައިގަތުމުންނެވެ.

"ނަވީން މަގު އޮޅުނީއޭ....ވަލަށްތަ ގޮސްވަނީ..." އައްފާން ބެލީ ނަވީނާ ދިމާކުރެވޭތޯއެވެ.

"ހިހި....އެހަމަ ޑުރާމާ..." ނަވީންގެ ކޮނޑަށް އަތްވައްޓާލައިގެން އައްފާން ހިނގައިގަތީ ހެއްލާ ޖޯލިތަކާއި ދިމާލަށެވެ. ކަންވީގޮތް ނަވީން ކިޔާދެމުން ދިޔައިރު ނިކަން ޝައުގުވެރިކަމާއެކު އައްފާން ދިޔައީ އަޑުއަހަމުންނެވެ.

"އޭ ތިއެއް ނޫނޭ ޖޫލީ ގުޅިއޭ...."އައްފާން ކުއްލިއަކަށް ހަނދާންވެގެން ބުނާފަދައިން ބުނެލިއެވެ.

"ހޫން އެނގެޔޭ އަހަރެން ފޯނު ނުނެގީމަ ގުޅާނީ އަފޫއަށްކަން އަހަރެން ހަމަ ގަސްތުގަ ފޯނުނުނެގީ ....ޖޫލީއަށް ދޮގު ހަދަން ޖެހޭނެތީ..." ނަވީން ނިކަން ހަމަޖެހިލާފައި ބުނުމުން އައްފާން އަޖައިބުވިއެވެ.

"އާން ވަރަށް ރަނގަޅު އަހަރެން ހެޔޮދޯ ކިތަންމެ ދޮގެއް ހަދަން ޖެހުނަސް...." އައްފާން ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

"ޖޫލީ ގުޅީމަ ކީކޭތަ އަފޫ ބުނީ...." ހެއްލާ ޖޯއްޔެއްގައި އޮށުވެންނަމުން ނިކަން މަޑުމައިތިރިކޮން ނަވީން އަހާލިއެވެ.

"އަހަރެން ބުނީ ނަވީން ރޫމްގައޭ....ނިދާފައޭ އޮތީ ....އެހެންވެ އަހަރެން މިއުޅެނީ ބޭރުގައޭ...." އައްފާންވެސް ޖޯއްޔެއްގައި އިށިއިނެވެ.

"ޖޫލީ މަށާ ވަރަށް ދިމާކުރި ބިޓެއް ކައިރީގަހޭ ކިޔާގެން....ކަންނުވެ ނަން މިވަނީ މަފަކީރު..." ނިކަން ދެރަވާކަމަށް ހަދާފައި އައްފާން އިތުރަށް ބުންޏެވެ.

"ނޫނޭތީ ކާމިޔާބު މީހެއް....އެއްދޮނުގަ ދެބުޅިވިއްޔާ ތިއުޅެނީ ޖަހާލަން ނޫނޭ ތިގެންގުޅޭ ފޯމިއުލާ މަށަށްވެސް ބުނެދީބަލަ...." އައްފާން ދައްކާ ވާހަކައިން ނަވީން އޮތީ އެތެރެއަށް ހީލަހީލައެވެ.

"އަހަރެން މިއުޅެނީ ދޮށި އުކާއުކާ މަހެއް ކޮށާވެސް ނުލާން...." އައްފާން އޭނާގެ ނާކާމިޔާބީއަށް ހިތާމަކުރާވަރު ހާމަވެގެން ދެއެވެ. އެންމެ ފަހުން ނަވީނަކަށްވެސް އަނގަ މަޑުންލައިގެން ނޯވެވުނެވެ.

"އަހަންނަށް ހާދަ ހީވެޔޭ އަފޫ މަސްވެރިކަން ކުރާހިތްވާހެން....ކާރު ވިއްކާލާފަ ކަންނެލި ދޯންޏެއްނު ގަންނަންވީ...." އެފަދަ އެތަށް ވާހަކައެއްގައި ނަވީނާއި އައްފާން އެތަނުގައި އެތަށް އިރެއް ވަންދެން ތިއްބެވެ. އެމީހުން ހަމައެކަނި ހުސްއަނގަތެޅީކީ ނޫނެވެ. ނަވީން ކުރަން އުޅޭކަންތަކާއި ބެހޭގޮތުން އެތަށް އެތަށް ގޮތަކަށް ވާހަކަ ދެއްކިއެވެ.

**** **** **** **** **** ****

ޖޫލީ ނިދި ނައިސްގެން ކޮޓަރިން ނިކުތެވެ. ނަވީންގެ ފޯނަށް ގުޅައިގެން ދިމާނުވެގެން އައްފާނަށް ގުޅާންވެސް ނަވީނާ ވާހަކަ ދެއްކޭގޮތް ނުވުމުން ޖޫލީ ހުރީ ދެރަވެފައެވެ. ގޭތެރޭގައި ފަނޑު އަލިކަމެއް އޮތްއިރު ފެންނަނީ ފަޅުކަމެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ޒީނިޔާ ކޮޓަރީގެ ދޮރު ހުޅުވާލީ ޒީނިޔާ އާ އަނގަތަޅާލައި އެކަނިވެރިކަން ފިލުވާލުމުގެ ބޭނުމުގައެވެ. ފަންކާ ޖަހާފައިވާ ކޮޓަރިތެރެ އޮތީ ހުހަށެވެ. މާގަނޑުން ފެން އޮހޭއަޑު އިވޭތީ ފާހާނާގައި ޒީނިޔާ އުޅޭކަން ޔަގީންވިއެވެ. ޒީނިޔާ ނިކުންނަދެން އެނދުގައި އިށިއިނދެލިއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން ލޮލުގައި އަޅާގަތީ ވާސްއަށްޖަހާފައިވާ ރީތި ކުލަކުލައިގެ މާތަކެވެ.

"ޒީނިޔާގެ ބޯއީ ފުރެންޑެއް ހުންނަނީބާ؟ ޔަގީން ވަރަށް ޙާއްސަ މީހަކު މިހާ ގިނަ މާ ދޭނީ....ޒީނިޔާ އެއީ ބޭކާރު ޙަރަދުކުރާ ކުއްޖެއް ނޫން އޭނަ އަމިއްލައަށް މަލެއް

ނުގަންނާނެ....." ޖޫލީގެ ހިތަށް އެރިއެވެ. ޖޫލީވެސް އެމީހަކު އެނގެން ބޭނުންވެފައި ހުރުމުން ޒީނިޔާ ރީތިވާ މޭޒުމަތީގައި ހުރި އެއްޗެހިތައް ބަލާލާހިތްވިއެވެ. ގޯސް ނިޔަތެއްގައި ނޫނެވެ. އިންސާނީ ތަބީޢަތެވެ. ތިމާއަށް ނޭގޭ ކަންކަން ހޯދާ ބަލާހިތްވާ ބީދައިންނެވެ. ފާހާނާއިން ނިކުތް ޒީނިޔާ ޖޫލީ ފެނިފައި ކުޑަކޮން ސިހުނެވެ.

"ނިދިނައިސްގެން ކޮބައިތޯ ބަލާލަން މިއައީ...." ފާހާނާ ދޮރު ހުޅުވުނު އަޑަށް ޖޫލީވެސް ޒީނިޔާއާ ދިމާއަށް ބަލާލައިފާ ބުންޏެވެ. ޒިނިޔާވެސް ތުވާލި ހަރުގައި އަޅާފައި އައިސް އެނދުގައި އިށިއިނީ ވަށްބުރުގާއެއް ބޮލަށް ވައްޓާލަމުންނެވެ.

" ހާދަ ރީތި މާތަކެއް..." ނޫން ކަމަށް ހަދާފައި ޖޫލީ ބުނެލިއެވެ.

" މިހާރު ކުއްޖަކާވެސް ރައްޓެހިވީތަ؟ ހާދަ ސިއްރުންނޭ ޒީނިޔާ ތިއުޅެނީ..." މާތަކުގައި ޖޫލީގެ އިނގިލި ކުރިޖައްސާލަމުން ބުނެލިއެވެ.

"ނޫނޭ...ތީ ހަމަ ރައްޓެއްސަކު ދިނީތި" ޒީނިޔާ އަވަސް އަވަހަށް ބުންޏެވެ. ޒީނިޔާ ހެދީދޮގެއްކަން ޖޫލީއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގުނެވެ. އެހެން ނަމަވެސް ޖޫލީ ގަދަ ހަދަން ބޭނުން ނުވީއެވެ. ރަނގަޅު ފުރުސަތެއް ލިބުމުން ޒީނިޔާ އެއްބަސް ކުރާވާނަމޭ ހިތާއެވެ. ޒީނިޔާވެސް ޖޫލީގެ އަނގަ ބަންދުކޮއްލަން ޒީނިޔާގެ މަންމަ ފޮނުވާފައި ހުރި ތެތްލި ބަނބުކެޔޮ ދަޅު ދައްކާލިއެވެ. ދަޅު އަތުލާއިގެން ޖޫލީ އެނދަށް އަރާ ކާންފެށިއެވެ. ލިބުނު ފުރުސަތުގައި ޒީނިޔާވެސް އެހެން ވާހަކައެއް ދައްކަންފެށީ ކުރިން ދެއްކި ވާހަކަ އަލުން ޖޫލީ ދައްކަދާނެތީއެވެ.

**** **** **** **** **** ****

ރަނގަޅަށް ރަށުތެރެއަލިވެސް ނުވަނީސް ލައިބާ ގޭމަގު ކުނިކަހަން ނިކުތެވެ. ޖައްވުގައި ހިފާފައިވާ ތެތްފިނީގެ އަސަރު އޭރުވެސް ފިލާނުދެއެވެ. ކޮވެއްޔާއި ކާޅުތައް އެސޮރުމެންގެ ގޮވެލިފަތި ގޮވަންފެށީ އަލިވިލިއްޖެކަން އަންގައިދިނުމުގެ ގޮތުންނެވެ. ގޭމަގު ކެހިކުނި ބާދީލީއަކަށް އަޅާއިގެން ލައިބާ ގެއަށްވަން އިރު އަދި ފާތުންމެންގޭ ދޮރެއް ނުހުޅުވައެވެ. ފާތުންނަށް ގޮވަންދާން ހިތަށް އަރާފައިވެސް ގޯތިތެރެ ކުނިކަހާލާފައޭ ދާނީ ހިތާ ލައިބާ އުޅުނީ އެކަމައިގެންނެވެ.

ލައިބާ ގޯތިތެރޭގައި ކުންނާރުގަސްދަށަށް ފައިބާފައިވާ ފަތްތައް ކަހަންފެށިއެވެ. އަކިރިއަޅާފައިވާ މެދުގޯތިން ކުންނާރުފަތް ކެހުމަކީ ފަސޭހަކަމެއްނޫނެވެ. އެހެނަސް އެކަމަކީ ކޮންމެ ދުވަހަކު ލައިބާ ކުރާކަމަކަށް ވުމުން މިހާރު އެކަމަށް ފަރިތަވެއްޖެއެވެ. ލައިބާމެންގޭ ދޮރުމަތީ ލައިބާގެ ހަރަކާތްތަކަށް ބަލަން މީހަކު ހުރިކަމެއް އޭނާ ނުދެނަހުއްޓެވެ. އެމީހަކު އެހެން ހުންނަތާ އިރުކޮޅެއް ފަހުން ލައިބާއަށް އެމީހާ ގޮވާލިއެވެ. ލައިބާއަށް ލިބުނު ސިހުމުގައި ކުނިކަހަން އޮވެފައި އޭނާގެ ހަށިގަނޑު ހިންދެމިލިއެވެ. އޭރު އެދެލޮލުން ފެންނަން ހުރީ ހައިރާންކަމެވެ.

~ ނުނިމޭ ~

  1. Avatar

    ޢަޅޭ ޖޫލީއަށް އެހެން ނުހަދާ… މަގޭ ފިރިމީހާވެސް މަށައް ހަދާނީ ހަމަމިހެންބާ؟ މިހެން ހަދާކަމައްވަންޏާ އައި ވޯންޓް އިޓް ޓު ބީ ކުއިކް އެންޑް ޕެއިންފްރީ…ލައިފްގަ މިހާތަނައް ދިޔައިރު ވަރަށް “ސަފަރ” ކުރެވިއްޖެ… ކުދިން ނުލިބޭ ހުރިހާމީހުންނައް ރަނގަޅުގޮތެއް މިންވަރު ކުރައްވާންދޭވެ.

    25
    3

ޚިޔާލު ފޮނުއްވާ