Views: 8245 122

ނަވީންވެސް ނެތުމާއި އެކު ޖޫލީ ބޭނުންވީ ކޮޓަރިތެރެ ތަރުތީބު ބަދަލުކޮއްލާށެވެ. މާޓުކުރިތައް ބަދަލުކޮއްލާ އާ ގޮތަކަށް ކޮޓަރިތެރެ ޒީނަތްތެރި ކުރާށެވެ. ހެނދުނުގެ ނާސްތާއަށް ފަހު ޖޫލީ އަވަދިނެތި އުޅެނީ ކޮޓަރިތެރޭގައި އެމަސައްކަތް ކުރުމުގައެވެ. ދޮރުގައި ޓަކި ދިނުމުން ޖޫލީ އެތެރެއަށް ވަންނަން އެދުނެވެ. ޖޫލީ ހީކޮއްގެން ހުރީ ޒީނިޔާ ކަމަށެވެ. އެމަސައްކަތުގައި ޒީނިޔާގެ އެހީތެރިކަން ބޭނުން ވާ ވާހަކަ ބުނުމުން ޒީނިޔާވެސް ޖޫލީ އާ ބައިވެރިވާނެ ކަމަށް އޮތީ ބުނެފައެވެ. ޖޫލީ ވަންނަން ބުނުމުންވެސް ތަކުރާރުކޮން އެމީހަކު ދިޔައީ ދޮރުގައި ޓަކިދެމުންނެވެ. އެންމެފަހުން ޖޫލީ ހިތާހިތުން ޒީނިޔާއަށް އެއްޗެހި ކިޔަމުން ގޮސް ދޮރުހުޅުވާލިއެވެ. އެއާއެކު ޖޫލީގެ ދެލޮލުން ފެނުނީ ސިހުމެވެ. ކަންބޮޑުވުމެވެ. ބޭރަށް ދޫކޮއްލަން އުޅުނު ނޭވާވެސް އެތެރެ ހަށީތާށިވިހެންނެވެ. ދޮރުމަތީ ހުރީ ޖޫލީ ހީކުރި މީހެއް ނޫނެވެ. ދޮރުމަތީގައި ހުރި ސަރުމީލާގެ މޫނުމަތިން ފެނުނު ކުލަވަރު ޖޫލީއަށް ނަގައިގަންނާކަށް ނޭގުނެވެ. ޖޫލީގެ ހިތުގައި ސަރުމީލާ ފެނިފައި އުފެދުނީ ބިރުވެރިކަމެވެ. ޖެހިލުންވުމެވެ. ކޮޓަރިތެރެއަށް ވަންނަށޭވެސް ބުނަންނޭގިފައި ޖޫލީއަށް ހުރެވުނީއެވެ.

"މަންމަ ކައިރީ އެތެރެއަށް ވަންނަންވެސް ނުބުނާނަންތަ؟" ސަރުމީލާ އަޑުގައިވީ މައިތިރިކަމެވެ. ޖޫލީ ހޭވެރިކަންވީ ސަރުމީލާ އިޒްނައަށް އެދި އެއްފިޔަވަޅުކުރިއަށް އެޅާލުމުންނެވެ. ޖޫލީވެސް ދޮރުފަތުގައި ވިއްދާއިގެން ހުރި އަތް ދުރުކޮށްލީ ބޮލުގެ އިޝާރާތުން ކޮޓަރިއަށް ވަންނަން އެދެމުންނެވެ.

ސަރުމީލާ ކޮޓަރިތެރެއަށް ވަދެ ވަށައިގެން ނަޒަރު ހިންގާލިއެވެ. ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެއަށް ބަލަން ސަރުމީލާ ހުރީ ކުޑަކޮން އަންތަރީވެސްވެފައެވެ. ސަޖާއަށް ވުރެން ކުޑަދުވަހުން ފެށިގެންވެސް ޖޫލީއަކީ ގެންގުޅޭތަކެއްޗާއި އުޅޭ މާހައުލު ސާފުކޮން ބާއްވަން ލޯބިކުރާ ކުއްޖެކެވެ. އެފަދަ ގޮތަކަށް ޖޫލީގެ ކޮޓަރި އޮތްތަން ފެނުމުން ސަރުމީލާއަށް އުނދަގޫވިއެވެ. ސަރުމީލާ އެއްޗެއް ބުނަން ހީކޮށްލިތަނާ ޖޫލީ އެނދުމަތީގައި ހުރި އެއްޗެހިތައް އެއްފަރާތަށް ޖައްސާލާފައި އިށިއިންނަން ބުންޏެވެ.

"ކޮޓަރިތެރެ ތަރުތީބު ބަދަލުކޮށްލަން ކަމަށް މިއުޅެނީ ނަވީން މާލެއަންނަން ވާއިރަށް....." ކޮޓަރިތެރެ އޮތް ގޮތުން ބޭރުން ވަންނަ މީހަކަށް އެކޮޓަރީގެ ތަރުތީބު ބަދަލުކުރަނީކަން ނޭގިދާނެއެވެ. ޖޫލީވެސް އަވަހަށް އެހެންބުނީ އެފަދަ ހީއެއް މަންމައަށް ކުރެވިދާނެތީއެވެ.

"ނަވީން ކޮންތާކަށް ދިޔައީ...." ސަރުމީލާ ކުޑަކޮން ހައިރާންވެފައި އަހާލިއެވެ. މީގެކުރިން ރަށުން ބޭރަށް އެކަނި ދިޔަޔަސް ނޫނީ ޖޫލީ އާއެކު ދިޔަޔަސް ނަވީން ބުނެއެވެ. ސަރުމީލާއަށް އިޙްސާސްކުރެވުނީ ނަވީނާއި ޖޫލީ އޭނާ ދުރުކޮށްލީ ކަމުގައެވެ.

"ރާއްޖެތެރެއަށް ގޮސްވީ..... " ސަރުމީލާ އައުމުންވެސް ޖޫލީ އުޅުނީ މަސަކަތާއިގެންނެވެ. މަސައްކަތް މަޑުޖައްސާލައިފާ މަންމައަށް ވަގުތުދޭކަށް އޭނާ ނޫޅެއެވެ. މިހުރިހާ ކަމެއް ގުޅުވާލުމުން ސަރުމީލާއަށް ވިސްނުނީ އެދުވަހު ދެއްކިވާހަކައިން ޖޫލީގެ ހިތުގައި އޮތް ރުޅިވެރިކަން އަދިވެސް ފިލާނުދާކަމެވެ. އެންމެ ފަހުން މިއަދު ސަރުމީލާ ޗެރީހައުސްއަށް އެއައީ ޖޫލީ އޭނާގެ އެންމެ ފޯނުކޯލަކަށްވެސް ޖަވާބުނުދޭތީއެވެ.

"އާދެބަލަ މިތާ އިށިއިންނަން މަންމަ ވާހަކައެއް ދައްކާށޭ މިއައީ....." ސަރުމީލާ އެހެން ބުނުމުން ޖޫލީގެ ބޮލުގައި ރިއްސާލިއެވެ. އެހެނަސް މަންމަ ދައްކާވާހަކައެއް އަޑުއަހާލުމުން ވާނެ ގޯހެއް ނެތޭ ހިތާ އައިސް އެނދުގައި އިށިއިނެވެ.

"އަދިވެސް ތިހިރީ މަންމަ ދެކެ ހިތްހަމަނުޖެހިފަދޯ...."ޖޫލީގެ ކޮނޑުގައި އަތްޖައްސާލަމުން ސަރުމީލާ ބުނެލިއެވެ. އިސްޖަހާއިގެން އިން ޖޫލީ ގަދަކަމުން އިސްއުފުލާލައި ތުންފަތަށް ހިނިތުންވުމެއް ގެންނަމުން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ. އެހެނަސް އޭނާގެ އެތެރެހަށި ހީވަނީ ވިރިގެން ފައިބަދާނެހެންނެވެ.

"ދަރިފުޅު ނަވީނާއި އެކު އުޅެން ހުރިއްޔާ މަންމަމެންގެ އެއްވެސް މައްސަލައެއްނެތް....." ސަރުމީލާ އެހެންބުނީ ހިތާއި ދެކޮޅަށެވެ. މުސްތަޤްބަލެއް ފެންނަންނެތް މީހަކާއި އެކު ޖޫލީގެ ދިރިއުޅުން ބޭކާރުކޮށްލާކަށް އޭނާގެ ހިތެއްނޭދެއެވެ. ނަވީން އަތުގައި ކިތަންމެ ފައިސާއެއް ހުއްޓަސް ޖޫލީއެވަނީ އުމުރަށް ދަރިއެއްގެ ލޯބިން މަހްރޫމްވެފައެވެ. ނަވީނަށްޓަކާއެވެ.
"ދަރިފުޅު ބޭބީއެއް ބޭނުންދޯ..." ސަރުމީލާ ޖޫލީގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

"ހޫން....އަހަރެން އެކަންޏެއްނޫން ދެމީހުންވެސް ބޭނުން...." އެސުވާލުކުރާއިރުވެސް ސަރުމީލާއަށް އެއީ ކިހާ ބުރަދަނެއްގެ ސަވާލެއްކަން ވަޒަންކޮއްނުލެވުނެވެ. ޖޫލީގެ ހިތަށްކުރާނެ އަސަރު ޖޫލީ ބަނޑުއަޅާވިހޭ މައިމީހާއަށް އިޙްސާސްނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟

"ދެން ނަވީނަށް ކުދިން ނުލިބެންޏާ ކިހިނެއް ދަރިފުޅުގެ ތިހުވަފެން ހަޤީގަތަކަށް ހަދާނީ....." ސަރުމީލާގެ އަމާޒަކީ ކޮބައިކަމެއް ނޭގެއެވެ. ސަރުމީލާ އައިސް އަނެއްކައި އެވާހަކަ ދެއްކުމުގެ ބޭނުމެއް ޖޫލީއަކަށް ނުވިސްނުނެވެ. ޖޫލީ ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ. ސަރުމީލާއަށް ފުރަގަސްދިނެވެ. ދެލޮލުގައި ވިދަވިދާ ހުރި ކަރުނަތައް ނުދެއްކުމަށްޓަކާއެވެ.
"މަންމާ..." ޖޫލީގެ އަޑުގައި އެތަށްއެތަށް ހާސް ރިހުމެއްވިއެވެ.

"އަހަރެން މިވިސްނަނީ ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ގެނެސްގެން ގެންގުޅެން......" ޖޫލީ އަނގަމަތީ އަތްއެޅީ އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވިގެންނެވެ. ލޮލުން ކަރުނަތައް ފައިބާގަނެ އަރު ބެދިއްޖެއެވެ. ސަރުމީލާއަށް ވެސް ޖޫލީގެ ނިންމުން އިވި ކޮޅަށް ތެދުވެވުނެވެ.

"ދަރިފުޅާ ޖޫލީ...." ސަރުމީލާ ޖޫލީ ކޮނޑުގައި ހިފާ ގަދަކަމުން އޭނާއާ ދިމާއަށް އަނބުރާލިއެވެ. ސަރުމީލާގެ މާޔޫސްވެފައިވާ މޫނުފެނި ޖޫލީ ސަރުމީލާ ގައިގާ ބައްދާލިއެވެ. އެކަމާއި ދެކޮޅު ނުހަދާށޭ ބުނާފަދަޔަކުންނެވެ. ޖޫލީ ސަރުމީލާގެ ކޮނޑުމައްޗަށް އެތަށް ކަރުނަތިއްކެއް ދޫކުރިއެވެ. ސަރުމީލާގެ ދެއަތުން ޖޫލީގައިގާ ފިރުމަމުން ދިޔައިރު އޭނާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. ވަރަށްވެސް އަސަރުން ފުރިގެންވީ ވަގުތުކޮޅެކެވެ.

"ދަރިން ނުލިބުމަކީވެސް ﷲގެ ރަޙުމަތް..... އަހަރެމެނަށް ..ކެތްތެރިކަން ހުރިމިންވަރު ބަލަން ކުރެއްވި އިމްތިހާނެއް" ޖޫލީ ރޮމުން ރޮމުންވެސް ބެލީ ހިތުގައި އޮތް ހުރިހާ ވާހަކައެއް މަންމައަށް އަންގާއިދޭށެވެ. އޭރުން މަންމަވެސް ޤަބޫލުކުރާނޭކަން އޭނާއަށް ޔަގީންކުރެވެއެވެ.

"ތަނަވަސްކަން ދެއްވަނީވަސް އެކަލާނގެ އިންސާނުން އިމްތިހާނު ކުރައްވަން.....ވީއިރު އަހަރެމެންގެ އެތަނަވަސްކަން ހުރެ މީހެއްގެ ދަރިއަކު ގެނެސްގެން ރަނގަޅު ތަރުބިއްޔަތެއް ދީގެން ގެންގުޅެވިދާންނު...." ކަރުނައިން ފުރިގެންވީ ދެލޮލުން ސަރުމީލާގެ ދެލޮލަށް ޖޫލީ ބަލާލީ ނިކަން އަސަރުން ފުރިގެންވީ ގޮތަކަށެވެ. ސަރުމީލާ އިސްޖަހާލި ޖޫލީގެ މޫނަށް ބަލާލަން ނުކެރިގެންނެވެ. އޭނާގެ ދަރިފުޅުގެ ނިންމުން އިވިފައި ހިތަށް ފިނިކަމެއް ލިބުނެވެ. ޖޫލީ އެދެއްކީ މުޅިންވެސް ތެދު ވާހަކަތަކެވެ. އެއްޗެއް ބުނަން ހީކޮށްލިތަނާ ސަރުމީލާގެ ފޯނު ރިންގުވާން ފެށިއެވެ. އެނދުމަތީގައި އޮތް ފޯނާ ދިމާއަށް ސަރުމީލާ އައި އިރު ޖޫލީވެސް ފަހަތުން އައެވެ.

ޖަލީލް ގެ ނަން ފޯނުގެ ސްކުރީނުން ފެންނަން އިނެވެ. ސަރުމީލާ ޖޫލީ ކައިރިއަށް އައި އަސްލު މަގްސަދު ހަނދާންވީ އެވަގުތުއެވެ. އެހެން ނަމަވެސް ސަރުމީލާ ފުރަތަމަ އިސްކަންދިނީ ޖަލީލްގެ ފޯނު ކޯލަށް ޖަވާބު ދިނުމެވެ.

"އާނ ޗެރީހައުސްގަ....މިދަނީ ޖޫލީއާ ތަޅުދަނޑިފަތި ހަވާލުކޮއްފަ.....ހޫން....ޓިކެޓްކަންތައް ހަމަޖެހިއްޖެތަ..؟"ނިކަން އަވަސް އަރުވާލައިފާ ވާހަކަ ދެއްކުމުން ޖޫލީވެސް ހުރީ ވާނުވާ ނޭގިފައެވެ. އަދި ސަރުމީލާ އެދައްކާ ވާހަކަ ނަގައިގަންނަން ވެސް ޖޫލީއަކަށް ނޭގުނެވެ.

"ދަރިފުޅާ...މަންމަޔާ ބައްޕަ މިއުޅެނީ ލަންކާއަށް ފުރަން މާމަ މާބޮޑަށް ބަލިވެގެން...." ޖޫލީގެ އަތުގައި ފިރުމާލަމުން ސަރުމީލާ އޮޅުން ފިލުވައިދިނެވެ.

"ފަހަރެއްގަ ވަރަށް ގިނަދުވަސް ވެދާނެ ...އެހެންވެ ބައްޕަ ބޭނުންވީ ގޭގެ އެއްތަޅުދަނޑިފަތި ދަރިފުޅުގެ އަތުގައި ބާއްވަން....." އަތްދަބަހުން ތަޅުދަނޑިފަތި ނަގާ ޖޫލީގެ މުށުތެރެއަށް ލައިދިނެވެ.ޖޫލީއަށް ހިމޭންވެފައި ހުރެވުނީއެވެ. މާމަޔާ އެކު ހޭދަކުރެވުނު އުފާވެރިދުވަސްތައް ޖޫލީގެ ހިތަށް އުނދަގޫކޮއްލިއެވެ. ޖޫލީއާ އެންމެފަހުން މާމަ ބައްދަލުވީ މީގެ ދެއަހަރުކުރިންނެވެ. އެވެސް ނަވީން އެކު ލަންކާއަށް ކުރި ދަތުރެއްގައެވެ. މާމަ މާމަގެ އަންހެންދަރިފުޅު ކައިރީ ލަންކާގައި ދިރިއުޅޭތާވެސް އަށެއްކަ އަހަރުވެދާނެއެވެ. ދުރުގައި ހުއްޓަސް ޖޫލީ ދޭތެރެ ދޭތެރެއިން ފޯނުކޮށް މާމަގެ ހާލު ބަލާހަދައެވެ.

"ދަރިފުޅާ ޖޫލީ....މަންމައަށް އިނގޭ ދަރިފުޅުތީ ވަރަށް ހިތްވަރު ގަދަ އެހާމެ ކެތްތެރި ދަރިއެއްކަން....ދަރިފުޅު ނިންމާ ކޮންމެ ނިންމުމެއް މަންމަ އުފަލާއެކު ބަލައިގަންނާނަން.....ދަރިފުޅު ކުޑަކުދިންގެ ހިޔާއިން ނޫނީ އެހެންތާކުންވެސް ކުއްޖަކު ގެނެސްގެން ގެންގުޅުނަސް މަންމަގެ އެއްވެސް މައްސަލައެއް ނެތް މީ އެކުއްޖާގެ މާމަ...." ޖޫލީގެ ތުންފަތްމަތިން އުފާވެރިކަން ފެނުނެވެ. މަންމަގެ ރުހުން ލިބިގެން ނޫނީ ޖޫލީ އަދިވެސް އެއްވެސް ނިންމުމެއް ނިންމަންޖެހިލުންވެއެވެ. މައިންބަފައިންގެ ރުހުމާއި ހެޔޮދުޢާ އަކީ ކާމިޔާބުގެ ތަޅުދަނޑިކަމުގައި އޭނާ ދެކެއެވެ. ސަރުމީލާ ނިކުމެގެން ދިއުމުން ހަމަޖެހުމުގެ ނޭވާއެއް ޖޫލީއަށް ބޭރުކޮށްލެވުނެވެ. މިދެތިން ދުވަހު އޭނާއަށް ހުރީ މަންމަޔާ ދެބަސްވެފައި އައިސް ނިކަން އުނދަގޫވެފައެވެ. ލިބުނު ހިތްހަމަޖެހުމުގައި އެނދުމައްޗަށް ވެއްޓިގަތެވެ.

**************************

ބުލޭންކެޓް ގައިމަތީ އަޅާއިގެން މާހިލް އޮތީ އެނދުން ތެދުވާ ހިތްނުވެފައެވެ. ރޭގެ އެއުފާވެރި ވަގުތުކޮޅު ނިމުމަކަށް އަންނަން މާހިލް ބޭނުމެއް ނޫނެވެ. ސަޖާ ފެންވަރައިގެން ނިކުތީވެސް މާހިލް ހުވަފެނީ ދުނިޔެއެއްގައި ރަސްކަންކުރަނިކޮންނެވެ.

"އޮފީހަށް ނުދާންތަ ތިއޮތީ..." މާހިލް ތެދުވަން ނޫޅުމުން ސަޖާ އަހާލިއެވެ. މާހިލް ކުޑަކޮން ސިހޭގޮތްވިއެވެ. ސަޖާ ފެނުމުން ހައިރާންވިއެވެ. ވަނީވެސް އެހެންތާއެވެ. މާހިލްގެ ދެލޮލަށް ރޭފެނުނީ ސަޖާއެއް ނޫނެވެ.

"ސަޖާ މިތާ...." ސަޖާ އާ ދިމާއަށް ކަނާތު ޝަހާދަތް އިނގިލި ދިއްކޮއްލަމުން މާހިލް ބުނެލިއެވެ. އޭރު މާޙިލްގެ ނިތަށް އަރާފައިވާ ކުދި ރޫތަކުން ހެކިދެނީ ކަންބޮޑުވެފައިވާ ކަމެވެ.

"ހޫން ސަޖާ....ކިހިނެތްވީ ކޮންތާކުތަ ދެން އަހަރެން ހުންނަންވީ....އަދިވެސް ކައިރީގަ އޮންނަންވީތަ " ސަޖާ އެނދުގެ މިޔަދޮށުގައި އިށިއިނދެލިއެވެ. މާހިލް ބުލޭންކެޓު މެއާހަމަ ނިވާކޮއްލިއެވެ.

"އަދިވެސް ހިތްފުރޭވަރު ނުވަނީތަ.؟" ސަޖާ ބަލަން އިން ގޮތުން މާހިލަށް އުނދަގޫވިއެވެ. ގަދަކަމުން ހިނިތުންވުމެއް ގެނެސް ނޫނެކޭ ބުނަން ދެފަރާތަށް ބޯހޫރާލިއެވެ.
"ގެނޭ.."

"ކޮ...ކޮފީއެއް..." މާހިލް ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ. ބޭނުމަކީ ސަޖާ އެތަނުން ފޮނުވާލުމެވެ.

" ކޮފީއެއްދޯ މަހީކުރީ ކިސްއެއްކަމަށް...." ލާނެތް ގޮތަކަށް ހިނިގަނޑެއް ޖާހާލާފައި ސަޖާ ކޮޓަރިން ނިކުތެވެ. ލިބުނު ފުރުސަތުގައި މާހިލް އަވަހަށް ގޮސް ފާހާނާއަށް ވަނެވެ.

*** *** **** *** *** *** ***

އަރައިގެން އަންނަ އިރުގެ ހޫނުކަން ދިޔައީ ރަށުތެރެއަށް އަތް ގަދަކުރަމުންނެވެ. ނަވީނާއި އައްފާން ނިކުމެގެން އުޅެނީ ރަށުތެރޭ ހިނގާލާށެވެ. އައްފާން އަތުގައި އޮތް ކެމެރާއިން ރަށުގެ ހިތްގައިމު މަންޒަރުތައް ދިޔައީ ފޮޓޯނަގަމުންނެވެ.

"ހިނގާ ހިނގާ ފައިވާޅު ވެއްޖެ ....ތިބުނާ މަންޖެއަކު ނުފެނުނޭނު........" އައްފާން ޝަކުވާކުރަން ފެށިއެވެ. އޭރު ދެމީހުންނަށްވެސް ތިބެވުނީ ގާދިރު ފިހާރަޔާއި ދާދި ގާތުގައެވެ.
"ހާދަ އަވަހަކަށް ފައިވާޅުވީ....ތީ އަބަދު ކާރުދުއްވާތީ ވާގޮތޭ..." ނަވީން އައްފާން އާ ދިމާކޮށްލިއެވެ.

" ހިނގާ ދަޅެއް ބޯލަމާ...."ނަވީން ޖީބުން ވޮލެޓްނަގައިގެން ހިނގައިގަތީ ގާދިރު ފިހާރައަށް ވަންނާށެވެ. އެވަގުތަކީ ލައިބާ ކުކުޅުބިސް ކޮތަޅެއް ގަނެގެން ފިހާރައިން ނިކުންނަން އައި ވަގުތެވެ. ލައިބާވެސް މާބޮޑަށް ނުވިސްނާ ނިކުތުމުން އޭނާ ތަތްވީ އެތެރެއަށް ވަންނަން އައި ނަވީންގެ ގައިގައެވެ. ލިބުނު ސިހުމުގައި އަތުގައި ހުރި ބިސްކޮތަޅު ދޫކޮއްލެވުނެވެ. ލައިބާގެ ފަހަތުން ނިކުތް ފާތުންވެސް ނަވީން ފެނިފައި ހުއްޓުން އަރާފައި ހުރެވުނީއެވެ. ރަށުކުއްޖަކަށް ނުވާތީ އެއީ ލައިބާ އެބުނާ ހީރޯ ކަމަށް ހިތާހިތުން ޔަގީން ކުރެވުނެވެ.

"އަހާން ކިހިނެތް ތި ހެދީ...." ނަވީން ބިންމައްޗަށް ނަޒަރު ހިނގާލަމުން ބުނެލިއެވެ. ލައިބާ ގަނެގެން ގެނައި ހުރިހާ ބިހެއް ތަޅައިގެން ދިޔައީއެވެ. ނަވީން ލައިގެން ހުރި ފަޓްލޫނު ފައިކުރިވެސް ހުރީ ހަޑިވެފައެވެ.

"ސޮރީ" ދެމީހުނަށްވެސް އެހެން ބުނެވުނީ އެކުއެކީއެވެ. ދެން ޖަހާލެވުނީ ހިނގަނޑެކެވެ. ފިހާރައިގެ ކުރިމަތީ މަގުގެ އަނެއް ފަރާތުގައި ހެވިފައި އައްފާން ހުރީ މިމަންޒަރުތައް ބަލާށެވެ. ލިބުނު ފުރުސަތުގައި އައްފާންވެސް ބެލީ ފޮޓޯއެއް ކެމެރާގައި ރައްކާކޮއްލާށެވެ.

"ބިސް ....." ނަވީން ބުނެލިއެވެ.

"ތަޅާއިގެން ދިޔައީ...." ނަވީންގެ ޖުމްލަ ފުރިހަމަކޮއްދިނީ ލައިބާއެވެ. ލައިބާ އެހެން ބުނެލީ މޫނަށް ގޮތެއް ހަދާލަމުންނެވެ. މިހަރަކާތުން އޭނާ ހުރީ އެކަމާ ނިކަން ކަންބޮޑުވެފައިކަން ނަވީނަށް އެނގުނެވެ.

"ތީ އެއްވެސް ކަމެއް ނޫނެއްނު ...އާދޭ..." ނަވީން ބަލާކަށް ނުހުރެ ފިހާރަތެރެއަށް ވަނެވެ. ނަވީން އަވަސްވީ ލައިބާއަށް ބިސްގަނެދޭށެވެ. އޭނާ ދެކޭގޮތުގައި ބިސްކޮތަޅު ތަޅާއިގެން ދިޔައީ އޭނަ ބަލަންވީ ވަރަށް ނުބެލީމައެވެ. ލައިބާ ނަވީންގެ ފަހަތުން ހިނގައިގަތީ ފާތުން ނިކަން ހިނި އައިސް ހުރެ ނިތްއަރުވާލާފައި ވަންނަށޭ ބުނާފަދައިން އިޝާރަތް ކުރީމައެވެ.

ލައިބާ އާއި ފާތުން ފިހާރައިން ނިކުތީ ނިކަން ހެމުންނެވެ. ފާތުން މަޑުމަޑުން ކިޔަމުން ދިޔަ އެއްޗެއްސަށް ލައިބާއަށް ނުހީ ނުހުރެވެއެވެ. އައްފާންގެ ކައިރިން އަޅާފައި ދިޔައިރުވެސް ދެމީހުން ދެއްކީ ނަވީންގެ ވާހަކައެވެ. ނަވީން ދަޅު ގަނެގެން ނިކުތްއިރު މަލާމަތްކުރާ ފާޑަކަށް އައްފާންވެސް ހުރީ ހީލަހީލައެވެ.

"އެއީތަ އެމަންޖެއަކީ...." ފާތުން އާއި ލައިބާއަށް އިޝާރާތްކޮށް އައްފާން އަހާލިއެވެ.

"ހިތާވީތަ؟" ނަވީން ނޫންކަމަށް ހެދިއެވެ.

"އާން އެކަމަކު މަށެއް ނޫން ނަވީން ....މަށަށް ޔަގީން ނަވީނަށް އެމަންޖެ ކަމުގޮއްސިކަން......" އައްފާން އެހާ ޔަގީން ކަމާއިއެކު އެހެން ބުނުމުން ނަވީން ހުއްޓުން އެރިއެވެ. ނަވީނަށް ހަގީގަތުގައިވެސް އެ އަންހެންކުއްޖާޔާ ގަޔާވެވިއްޖެއެވެ. ކަމުދާ ސިފަތަކެއް ލައިބާ ކިބައިގައި އެބަހުއްޓެވެ. އެހެނަސް ޖޫލީއަށް ދެވިފައިވާ މަގާމާއި ލޯބި އެހެން މީހަކަށް ދިނުމަކީ ނަވީނަށް ވާނޭކަމެއް ނޫނެވެ.

"ގަޔާ ނުވިޔަސް އެކަން ކޮއްފަ މާލެދާން ބޭނުންވަނީ......" އެއްވެސް އަސަރެއް ނެތް ފަދައިން ނަވީން އެހެން ބުނީ އަމިއްލަ ހިތަށްވެސް އޮޅުވާލަމުންނެވެ.އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލައިބާމެންނާއި ދިމާއަށެވެ.

~ ނުނިމޭ ~

ޚިޔާލު ފޮނުއްވާ