8108 88

ޖޫލީ އާއި ޒީނިޔާ ބާޒާރުކުރަން ނިކުތީ ޒީނިޔާ ރަށަށް ފޮނުވަން އެއްޗެހި ގަތުމަށްޓަކާއެވެ. ދެމީހުންވެސް އެއްޗެހި ނަގަމުން ދިޔައީ އެމީހަކު އަތުގައި އޮތް ލިސްޓަށެވެ. ޒީނިޔާ އެއްޗެއް ނުފެނިގެން ތަންކޮޅެއް ދުރަށް ހިނގައިގަތެވެ.

"ހޭއި ޖޫލީ...." ޖޫލީ ހުރީ އަތުގައި އޮތް ލިސްޓަށް ނަޒަރު ހުއްޓާލައިގެންނެވެ. ދާދި ކައިރިން އަންހެންކުއްޖަކު އޭނާގެ ނަމުން ގޮވާލުމުން ކުޑަކޮން ސިހިފައި އަޑު އައިދިމާއަށް ބަލާލިއެވެ.
"އަހާން....އާޝާ...." އާޝާ ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަކުލުން މައްޗަށް ހުރި ކަޅުކުލައިގެ ޕެންސިލް ސްކާޓެއްގައެވެ. އާދައިގެ މޭކަޕެއްކޮށްފައިވާއިރު އަރާއިގެންހުރި ހައިހީލާއި އަތްދަބަސްވެސް ހުދުކުލައެވެ.

" ޝޮޕިންގ ކޮއްލަނީ...." ވަށައިގެން އާޝާ ބަލާލީ ޖޫލީ އެކީ ނަވީން ހުންނާނެ ކަމަށް ހީކޮށެވެ.ޖޫލީ ކައިރިއަށް އައިސް ހުއްޓެމުންވެސް އާޝާގެ ލޯހޯދާލީ ނަވީނެވެ. ރިޕޯޓް ނަގައިގެން ދިޔަގޮތަށް ނަވީންގެ ހަބަރެއް އާޝާއަކަށް ނުވެއެވެ. އާޝާވެސް ކުލިނިކްގައި އުޅޭލެއް ބުރަކަމުން އޭނާއަށްވެސް އެކުވެރިޔާގެ ހާލު ބަލާ ނުލެވެއެވެ.

"އެކަނިތަ؟ ކޮބާ ނަވީން" ނަވީން ފެންނަން ނެތުމުން އާޝާ އެންމެ ފަހުން އޭނާ ކޮބައިތޯ ޔަގީން ކުރަން އެހިއެވެ.

" ގޭކުއްޖަކާއި އެކު....."

" ނަވީން ރަށުން ބޭރުގަ " ޖޫލީގެ ޖަވާބު ކުރެވެ. އާޝާގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު އަތުގައި އޮތް ލިސްޓު ޖޫލީ ބަލަންފެށިއެވެ. ޖޫލީގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ބަސްމަދުވެފައި ހުރުމުން އާޝާއަށް ދުރުކަމެއް އިޙްސާސްކުރެވުނެވެ.

" ކިހިނެތްތަ ކަންތައްތައް..." އާޝާ ހީވަނީ ޖޫލީ ބޭނުން ނޫން މައުލޫއާ ދިމާއަށް ވާހަކަ އަނބުރާލަން މަސައްކަތްކުރާހެންނެވެ. ހާލު އޮޅުންފިލުވުމުން ޖޫލީއަށް އިޙްސާސްކުރެވުނީ އެގޮތަށެވެ. އާޝާއަށް ހުރިހާ ހަގީގަތެއް އިނގޭތީ ހިތަށް އުނދަގޫވީއެވެ.

"ރަނގަޅު..." ގަދަކަމުން ހިނިތުންވެލިއިރު އާޝާ އާ ދިމާއަށް ބަލާވެސް ނުލައެވެ.

"ވަރަށް ހިތްވަރު ކުރާތި..." އާޝާ ޖޫލީގެ ކޮނޑުގައި އަތުން ޖަހާލުމުން ޖޫލީ ސިހުނެވެ. ސިހިފައި އެމޫނަށް ބަލާލިއިރު އާޝާގެ މޫނުމަތިންވެސް ކުރިން ހުރި ހިނިތުންވުމެއް ނުފެނެއެވެ. އެދެލޮލުން ހެކިދެނީ ހަމްދަރުދީއެވެ.

"އެނގޭ ޖޫލީވެސް ނަވީންވެސް ދެރަވާނެވަރު....އަހަރެން ވަރަށް ވާހަކަ ދައްކައިން ނަވީން ހަމަޔަކަށް އެޅުނީ....ޖޫލީ ދެރަވާނެތީ ނަވީން ކަންބޮޑުވީ...." ޖޫލީ ބަލަހައްޓައިގެން ހުރިގޮތުން އާޝާއަށް ވާހަކަ ކުރިއަށް ގެންދަން ފަސްޖެހެވުނެވެ. ޖޫލީ އެހާ ހަމަޖެހިލާފައި ހުއްޓާ އޭނާގެ މޫޑް ޙަރާބުކުރަން އެފަދައިން ވާހަކަ ދެއްކުނީތީ އާޝާ ދެރަވިއެވެ.

"ސޮރީ...އަހަންނަށް އެވާހަކަ ފެށުނީމަ..." ޖޫލީގެ ކޮނޑުމަތީގައި އޮތް އާޝާގެ އަތް ތިރިކޮށްލަމުން އޭނާ ވާހަކަދެއްކިއެވެ.

ޖޫލީ ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

"ނަވީން އައިމަ ވާނެދޯ ކޮފީއަކުން ދިމާވެލަން ...." އާޝާއަށް ދައުވަތު ދިނީ ޖޫލީއެވެ. އޭނާ އާޝާއާ މެދު ހިތްބުރަކަމެއް ނެތްކަން އަންގައިދިނުމުގެ ގޮތުންވެސް މެއެވެ. އާޝާވެސް އެކަމަށް އެއްބަސްވެލީ ނަވީނާއި ބައްދަލުކޮއްލަން ބޭނުންވެފައި ހުރުމުންނެވެ.

*** *** *** *** ***

ނަވީނާއި އައްފާން ގެސްޓުހައުސް އާ ދިމާ މޫދުކައިރިއަށް ނިކުމެލިއެވެ. ރޫމްގަ އޮވެ އޮވެ އައްފާން ފޫހިވެގެނެވެ. ނަވީން ނެރެންޖެހުނީ ގަދަކަމުންނެވެ. މާލެއާ އަޅާބަލާއިރު ރަށްފުށުގެ ދިރިއުޅުމާއި މާހައުލު ހާސްބައި ތަފާތެވެ. ހިޔާދޭބޮޑެތި ގަސްތަކާއި ފިނިމައިޒާންތައް މާބޮޑަށްވެސް ހިތްގައިމުކަން ގެނުވައެވެ. ނަވީނާއި އައްފާންވެސް ޖައްސާލީ ދިއްގާގަހެއްގައި އެލުވާފައިވާ ހެއްލާ އުނދޯލިތަކުން އުނދޯއްޔެއްގައެވެ. ޖެހެމުންދިޔަ ނަލަނަލަ ރޯޅިތަކުން ހިތަށް ބަޔާންކުރަން ދަތި އުފަލަކާއި އަރާމެއް ލިބެމުން ދިޔައެވެ. ހަމަހިމޭން މި މާހައުލު ދެމީހުންވެސް ނިކަން ގަޔާވިއެވެ. އެކަން ދެމީހުންގެ މޫނުމަތިންވެސް ސިއްރެއް ނުވެ ފެންނަން ހުއްޓެވެ.

"އޭ ސީރިޔަސްކޮން މި ބުނީ ނަވީންދެން ދޮށިއުކަން އުޅޭ....ކިތަންމެ ފަހަރަކު ބުޅި ކެނޑިގެން ކާމިޔާބާ ހަމައަށް ދެވޭނީ...." ނަވީން މޫދާ ދިމާއަށް ބަލަން އޮށްވާ އައްފާން ކިޔަންފެށި އެއްޗަކުން އޭނާ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

"ހެހެހެ....މަ ނޫޅެން މަސްބާނާ ހިތަކުން...."

"އަފޫ ކުރާހިތް ވަންޏާ ކުރޭ....ކަންވާރާއި ބުޅިއާ މަހޯދާދޭނަން..." ނަވީން ވަރަށް ހަމަޖެހިލާފައި އެހެން ބުނުމުން އައްފާނަށް އޭނާ އެބުނި އެއްޗެއް ނޭގޭކަން ޔަގީންވިއެވެ.
"މަ ނުދައްކަމޭ މަސްބާނަން ދާވާހަކައެއް.....މަމިދައްކަނީ ނަވީން ތިހެން ރޫމްގަ އޮތީމަ ތިކުރަން އައިކަމެއް ވާނެހޭ....ރަށުތެރެއަށް ނިކުމެލައި ބުރެއް ޖަހާލަބަލާށޭ...." އައްފާން އިނީ ހިތްހަމަ ނުޖެހިފައެވެ.ނަވީން އައްފާނާއި ދިމާއަށް ބަލަން އޮތެވެ. ބަހެއް ނުބުނެ މަލާމާތްކުރާ ޒާތަށް ނަވީން އޮތީ ހީލަހީލައެވެ.

"ނަވީނަށް މަމި ބުނާ ގޮތަށް ކަންތައް ކުރީމަ ރަނގަޅުވާނީ...." އައްފާން ޖީބުން ފޯނުނަގައިގެން ފޯނާއި ކުޅެންފެށިއެވެ. ނަވީން ކުރިން އޮތްގޮތަށް އޮތީއެވެ. އޭނާ ވިސްނަމުންދަނީ އައްފާން އެބުނާ ގޮތަކަށް ކަންކޮއްފި ނަމަ ވާނެގޮތަކާއި މެދުއެވެ. ނަވީން ޖޫލީދެކެ ލޯބިވާވަރު އެންމެ ރަނގަޅަށް އެނގޭނީ އައްފާނަށެވެ. އެވަރުންވެސް އައްފާން ބާރު އެއަޅަނީ ނަވީން އިތުރު ކައިވެންޏެއް ކުރުމަށެވެ.

"އަފޫ...." ނަވީން ގޮވާލުމުން އައްފާން ފޯނުން ނަޒަރު ވަކިކޮށްލައި ނަވީނަށް ބަލާލިއެވެ.

"ހިތަށް އަރަނީ ހަމަ ޖޫލީއަށް ދެވޭ ދެރައަކަށް ނޫނީ ނުވާނޭ......" އެމޫނުމަތީގައިވި ހިނިތުންވުން ފިލާދިޔައީ ބަސްބުނާހާ އަވަހަށެވެ.

"ނަވީން ޖޫލީއަށް ދެރައެއް ނުދޭންވެގެންދޯ ހަޤީގަތް ސިއްރުކުރީ....ހެޔޮ އެދޭތީ ލޯބިވާތީ އަޅެނޫންތަ؟...ނެގެޓިވްކޮން ނުވިސްނަ ޕޮޒިޓިވްކޮން ވިސްނަބަލަ....." އައްފާން ބެލީ ނަވީނަށް ވިސްނާދެވޭތޯއެވެ. ފޯނުކަންފަތުގައި ޖަހާއިގެން އައްފާން ތެދުވިއެވެ. ނަވީން އެކަނި އިނދެވިސްނާލަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

"ދަނީތަ...." ނަވީން ތެދުވަންނަން އުޅުމުން އަތުގެ އިޝާރާތުން އެކަން މަނާކުރީ އައްފާނެވެ.

"އަހަރެން އެބަ އަންނަން...." އައްފާން ހިނގާއިގަތީ ގެސްޓުހައުސްއާ ދިމާއަށެވެ. ޒީނިޔާގެ އަޑު ޖެހުމުން އައްފާން ވާހަކަ ދައްކާލަން ބޭނުންވީ އެކަނި އޮވެ ނިކަން ހަމަޖެހިގެންނެވެ. ހަމައެހެންމެ ނަވީންވެސް ކުރަން އައި ކަންތަކާއި މެދު ރަނގަޅު ނިންމުމެއް ނިންމަން އައްފާން ބޭނުންވެއެވެ. ޖެހެމުންދިޔަ ނަލަނަލަ ރޯޅިން ނަވީންގެ ޒަހަމްވެފައިވާ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. ދިރިއުޅުމާއިގެން މާޔޫސްވެފައިވަނިކޮން ހިތްވަރުދީ ކުރިއަށްދާންވީ މަގު ދައްކައިދިނީ އައްފާނެވެ. އައްފާން އެބުނާ ގޮތަށް ކަންތައް ކުރަން ނަވީން އަޒުމްކަނޑައެޅިއެވެ.
އެވިސްނުމުގައި ހުރެ ނަވީން ގޮސްވަނީ އެހިސާބާއި މާދުރުނޫން ހިސާބެއްގައި ހުރި ފިހާރައަކަށެވެ. ފެންނަ ފެނުމަށް އެފިހާރަޔަކީ ތަނަވަސް ފިހާރައަކަށް ވުމުން ނަވީން ބޭނުންވީ ބަލާލާށެވެ. ފިހާރަޔަށް ވަންއިރު ދެތިން މީހަކުތިއްބެވެ. ކައުންޓަރު ކޮށިގަނޑުގައި އިނީ ދެބައި އުމުރަށްވުރެން ދުވަސްވެފައިވާ ފިރިހެނެކެވެ. އޭނާގެ އުންވަޅުހެދިފައިވާ މޫނުމަތިން ދިހުންކުލައަރައެވެ. ބޮލުގައި ކަޅު އިސްތަށްޓަށްވުރެން ގިނައީ ހުދު އިސްތަށްޓެވެ.އެއްވެސް މީހަކަށް މާބޮޑު ސަމާލުކަމެއް ނުދީ ނަވީން ފިހާރައިގެ އެންމެ ބިތްދޮށުހަރު ކައިރީ ހުއްޓުނެވެ.ފިހާރައިން ލިބެން ހުރީ ކޮންކޮން އެއްޗެއްތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ.

ހިމޭންވެފައި އޮތް ފިހާރަތެރެއިން ނަވީންގެ ސަމާލުކަން ހުއްޓުނީ އަންހެންކުއްޖެއްގެ އަޑަށެވެ.

"ހަމަ މިހާރު އަހަރެން އަތުން ދޫކޮއްލާ....މިބުނީ އޭނުން ދޫކޮއްލާށޭ......" ނަވީން ސިއްރުސިއްރުން އަޑު އައި ދިމާއަށް ބަލާލިއެވެ. އޭރު ފިހާރައިގެ ކައުންޓަރުގައި އިން މީހާ ހުރީ ނޫކަށިފުރާއިގެން އަންހެންކުއްޖެއްގެ އަތުގައި ހިފައިގެންނެވެ. އެއަންހެންކުއްޖާ އެމީހާގެ އަތްފޮޅުވާލެވޭތޯ ގަދަހަދަމުން ދިޔައެވެ.

"ޕިސް...ނުކުރާނަން ދުލެއް ހާދަ ދުވަހެއް ފަހުންނޭ މަށަށް މިއަތުޖެހުނީ....ކީއްވެތަ އަބަދު މަންމަ ފޮނުވަނީ....ލައިބާ އައިމަ ގާދިރު މާ އުފާވާނެ ހާދަ އޭ ރީތީ މިހާރު....." ގާދިރުގެ ދަހިވެތި ނަޒަރަކުން އެއަންހެން ކުއްޖާގެ ހަށިގަނޑަށް ލޯއަޅާލިއެވެ. މިމަންޒަރުތައް އަޑުއަހަން، ބަލަން ނަވީންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެއީ ކޮންމެ ކުއްޖަކަށް ވިޔަސް އެމީހާގެ އަތްދަށުން އެކުއްޖާ ސަލާމަތްކުރުމަކީ މިވަގުތު ނަވީންގެ ވާޖިބެކެވެ.

"އޭ ތީކޮންކަމެއް......" ނަވީންގެ އަޑު ނިކުތީ ނިކަން ބާރަށެވެ. ދެމީހުންވެސް ނަވީންގެ އަޑަށް ސިހިފައި ބަލާލިއެވެ. ގާދިރު އަވަސްއަވަހަށް އެކުއްޖާގެ އަތުން ދޫކޮށްލިއެވެ. އެއަންހެންކުއްޖާވެސް ފެންކަޅިވެފައިވާ ދެލޮލުން ނަވީނަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. އަދި ލިބުނު ފުރުސަތުގައި ގާދިރުގެ އަތްދަށުން ސަލާމަތްވެގެން ފިހާރައިން ނިކުތީ ގަންނަން އައި ދެޕަކެޓް ނޫޑްލީސްވެސް ބާއްވާފައެވެ.

"އޭ ނޫޑްލީސް ޕެކެޓް ....." ނަވީނަށް ބަލާލަމުން ގާދިރު ގޮވާލިއެވެ. އެހެނަސް އެކުއްޖާ ނިކުތްގޮތަށް މަޑުކޮއްލުމެއްވެސް ނެތި ދިޔައީއެވެ. ނަވީން ގާދިރުގެ މޫނަށް ބަލަން ހުރެ އައިސް ކައުންޓަރު ކުރިމަތީ ހުއްޓުނެވެ. ނަވީންގެ ދެލޮލުން އަލިފާން ކަނިބުރައެވެ. މީހާގެ އަތް މުށްކުވެފައިވާއިރު އޭނާ ހުރީ ދެދަތްޕިލާ ބާރުކޮއްގެންނެވެ. ގާދިރުވެސް އިސްޖަހާލީ ނަވީންގެ މޫނަށް ނުބަލަންވެގެންނެވެ. ރަށަށް އަރާހުރި ބީރަށްޓެއްސަކަށް ވާތީ އެސޭޓާ ދިމާއަށް އެއްޗެއް ބުނަން ނަވީން ބޭނުމެއް ނުވިއެވެ. ކައުންޓަރ މަތީގައި ކޮތަޅަކަށް ލައިފާ އޮތް ދެޕަކެޓް ނޫޑްލީސް ހިފައިގެން ނަވީން އުޅުނީ ފިހާރައިން ނިކުންނާށެވެ.

"އޭ....ފައިސާ ދީފަ ގެންދޭ....." ގާދިރުގެ އަޑުގައިވީ ޖެހިލުން ކުޑަކަމެވެ. ނަވީން ވޮލެޓުން ދިހަ ރުފިޔާ ނަގާ ކައުންޓަރ މަތީ ބޭއްވުމަށްފަހު ބާކީ ލިބެންދެން މަޑުކޮށްލުމެއްނެތި ފިހާރައިން ނިކުތެވެ. އަތުގައި އޮތް ކޮތަޅު އެކުއްޖާއާ ރައްދުކުރުމަށްޓަކާއި އެއަންހެންކުއްޖާ ފެނޭތޯ ބަލާލިއިރު މަގުކޮޅުން ލަނބާލާތަން ފެނުނެވެ. އެއްވެސް ކަހަލަ ވިސްނުމެއްނެތި ނަވީންވެސް ދުއްވައިގަތެވެ. އޭރު އެ ފިހާރަ ކައިރީ އައްފާން އައިސް ހުއްޓެނީއެވެ. ނަވީނަށް އައްފާން ފެނުނު ހެނެއްވެސް ހިޔެއް ނުވެއެވެ. އައްފާންވެސް ދެލޯ ބޮޑުކޮށްގެން ބަލަންހުރީ ނަވީން ދުވާތަން ފެނިފައެވެ. ވީގޮތެއް ނޭގި އަންތަރީސްވެފައެވެ.

"އޭ މަޑުކޮއްބަލަ....." ނަވީނަށް އެކުއްޖާއާ އެއްވަރުވީ ވަރަށް ދުރަށް ދުވިފަހުންނެވެ. ނަވީންގެ އަޑަށް އެކުއްޖާ ފަހަތް ބަލާލިއެވެ. ހުއްޓުނީ އެއަށްފަހުއެވެ.
"ނޫޑުލީސް ގަންނާކަށް ނޫންތަ ފިހާރަޔަށް ދިޔާ....." ނަވީން ނޭވާ ހަމަޔަކަށް އަޅުވަމުން ވާހަކަ ދެއްކިއެވެ. މިހާދުރަށް މިހާބާރަށް ދުވެވުނު ދުވަހެއް އޭނާ ހަނދާންވެސް ނެތެވެ. މާގުނބުހިލި މީހާ ހުރީ ނޭވާކުރުވެފައެވެ.

ބުދެއްހެން ބަސްހުއްޓިފައި އެއަންހެންކުއްޖާ ހުރީ ކުރިމަތިން ފެންނަން ހުރި ނަވީނަށް ބަލާށެވެ. ކަޅިޖަހާލަން ހަނދާންނެތިފައެވެ. ނަވީން ދެއްކި ވާހަކަވެސް އޭނާއަށް އިވުނުހެނެއް ހިޔެއްނުވެއެވެ. ދެވަނަ ފަހަރަށް އެވާހަކަ ތަކުރާރުކޮއްލަން ނަވީނަށް ޖެހުނީ އޭނާ އަނގައިން ނުބުނުމުންނެވެ. އަދި އަތުގައި އޮތް ކޮތަޅު ދައްކާލިއެވެ. ގާދިރު ކަންތައް ކުރިގޮތުން އޭނާ އެ އައީ ގަންނަން ދިޔަ ދެ ޕެކެޓް ނޫޑްލީސް މަތިން ހަނދާންނައްތާލާފައެވެ.

"ކޮންކަހަލަ ސޭޓެއްތަ އެ....." ނަވީން ކޮތަޅު ދިއްކޮށްލަމުން ބުނެލިއެވެ.

"މަށަށް ކިޔަނީ ނަވީން....." ނަވީން އަމިއްލައަށް ތައާރަފްވެލިއެވެ. ލަދުން ހުރެ އެއަންހެން ކުއްޖާވެސް ކޮތަޅުގައި ހިފިއެވެ.

"ލައިބާ...." ގަދަކަމުން ހިނިތުންވެލަމުން އަމިއްލަ ނަން ލައިބާއަށް ބުނެވުނީ އަމިއްލަ އިޙްތިޔާރެއްގަ ނޫނެވެ.

~ނުނިމޭ~

ޚިޔާލު ފޮނުއްވާ