Views: 8927 117

"މަންމާ....އަހަރެމެންނަކަށް ކުދިންނެތް ނުލިބޭނެ...." ސަރުމީލާ ލިބުނު ސިހުމުގައި ޖޫލީއާ ދުރަށް ޖެހިލެވުނެވެ. ސަރުމީލާއަށް ވީގޮތް ފެނިފައި ޖޫލީގެ ބަޑިފަޅާގެން ދިޔައެވެ. އަޑުން އަޑުނަގާ ޖޫލީއަށް ރޮވުނީ ސަރުމީލާ މޫނުމަތިން ކަންބޮޑުވުމާއި ބިރުވެރިކަން ފެނުމުންނެވެ. ޖޫލީއަށް ހިތްވަރުދޭން ހުރި މީހާގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން އިތުރަށް އޭނާ ދެރަވީއެވެ.

"ކާކަށް ކުދިން ނުލިބެނީ..." ސަރުމީލާ ތުރުތުރު އަޅައެވެ. ސަރުމީލާއަށް ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. ދާތިކިތައް މޫނުމަތިން ވިދަންފެށީ ބަސްބުނެލާހާ އަވަހަށެވެ.

"ނަ...ނަވީވީނަށް..." ތެޅިތެޅި އޮތް ހިތަކާއި އެކު ޖޫލީ ނަވީންގެ ނަންބުނެލިއެވެ. ދެން ކަންތައް ވެގެން ދާނީ ކިހިނެތްކަން ހިތަށް އަރުވާލަންވެސް ޖޫލީއަށް ދައްޗެވެ.

"ނަވީނަށޭ..." ސަރުމީލާގެ މޫނުމަތިން ފެންނަން ހުރި އަސަރުތައް ޖޫލީއަށް ނަގައިގަންނާކަށް ފަސޭހައެއް ނުވިއެވެ. އިސްޖަހާލައިގެން އިނދެ ޖޫލީ ބޯހަލުވާލީ އާއެކޭ ބުނުމަށެވެ. އޭރުވެސް ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

"ނަސީބެއްނު ދަރިފުޅު ރަނގަޅުކަން..." ސަރުމީލާ ވަރަށް ހަމަޖެހިލާފައި އެހެން ބުނިނަމަވެސް ޖޫލީއަށް ލިބުނީ ހައިރާންކަމެވެ.

"ދަރިފުޅު ދެން ކިހިނެތް ހަދަން ތިވިސްނަނީ..." ދޭނެ ޖަވާބެއް ނޭގި ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޖޫލީ އިނީ ރޯލަރޯލައެވެ.

"ވަކި ގޮތެއް ހަދަން އަހަރެން ނުވިސްނަން...." ޖޫލީ ނަވީނާއި ވަކިވާކަށް ބޭނުމެއް ނޫނެވެ.

"ނަވީނަށް ކުދިން ނުލިބޭއިރު ނަވީނާއި އެކު ދިރިއުޅުމުގެ ބޭނުމެއް ކޮބާ؟ ދަރިފުޅަށް އެހެން މީހަކާ އެކު މާއުފާވެރި ދިރިއުޅުމެއް އުޅެވިދާނެ..." ހޫނުކޮއްފައި އޮތް ދޮންދަގަނޑަކުން ހީވީ ޖޫލީގެ ހިތަށް އަމާޒު ކޮށްލިހެންނެވެ.

"ނޫން ނުވާނެ ތިކަމެއް މަންމާ! ނަވީނާއި ވަކިވާކަށް އަހަރެން ނޭދެން....ނަވީނާއި ނުލާ އަހަރެންގެ ދިރިއުޅުން އުފާވެރިއެއް ނުވާނެ...." ޖޫލީގެ އަޑުގަދައެވެ. އިތުރަށް ގަދަ ހެދުމެއްނެތި ސަރުމީލާ ހިމޭންކަން އިސްކުރިއެވެ. މިވަގުތު ޖޫލީއަށް ވިސްނައިދޭން އުޅި އެކަން ކާމިޔާބު ވާނެހެން ހީނުވާތީއެވެ. ދެން ސަރުމީލާއަށް ޖެހޭނީ އެހެން ގޮތަކަށް ވިސްނާއިގެން ނަވީންގެ ދިރިއުޅުމުން ޖޫލީ ދުރުކުރާށެވެ.

"މަންމާ...މީހުންވެދާނެ އެކަމަކު އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އަހަރެންވެސް ލޯބިވާ މީހަކު ނުލިބޭނެ"

ލިބުނު ހިތްހަމަ ނުޖެހުމުގައި ޖޫލީ އެގެއިން ނިކުމެގެން ދިޔައީ ސަޖާ ނިކުންނަދެން މަޑުވެސް ކޮއްލުމެއްނެތިއެވެ. ޖޫލީ ފަހަރެއްގައިވެސް އޭނާގެ މަންމަ ނަވީނާއި ދުރަށްދާން ބުނެފާނެއެކޭ ހިތަށްވެސް ނާރައެވެ. ނުސީދާކޮން ބުނިނަމަވެސް ސަރުމީލާ ދެން ނަވީނާއި ޖޫލީ އެކުގައި އުޅެން ނުރުހޭނޭކަން ޖޫލީއަށް ވިސްނުނެވެ. ޖޫލީ ނަވީންގެ ނަންބުނީ މަންމަގެ ފަރާތުން ހިތްވަރާއި މަދަދު ލިބޭނެކަމަށް ހީކޮށެވެ. އެހެން ނޫންނަމަ ޖޫލީ އެކަން ސިއްރެއްގެ ގޮތުގައި ހިތުގައި ރައްކާކޮށް މުޅި އުމުރަށް ބޭއްވީހެވެ.

***********************

ގޭތެރޭ މީހުން މަދު ގަޑިއެއް ބަލާފައި އައްފާން އެދުނީ ޒީނިޔާ ބޭރު ދޮރާއި ހަމައަށް ނިކުމެލުމަށެވެ. ޒިނިޔާވެސް ދެކޮޅު ހެދުމެއްނެތި އެކަމަށް އެއްބަސްވެލީ ދެކިލާ ހިތްވާލެއް ބޮޑުކަމުންނެވެ. ޒިނިޔާ ބޭރަށް ނިކުތްއިރު އައްފާން ގަސްތައް ކައިރީ ހުއްޓިލައިގެން ހުއްޓެވެ.

"ބިއުޓިފުލް ކިހިނެތްތަ ހާލުކޮޅު" އައްފާންގެ ތޫނު ނަޒަރުން ޒީނިޔާ ފުރަތަމަވެސް ލަދުން އިސްޖަހާލަން މަޖްބޫރުވިއެވެ.

"ދެން ރަނގަޅު" ޒީނިޔާގެ ޖަވާބުކުރެވެ.

"ހާދަ ގޮތަކަށް......ގެޓްވެލް ސޫން...." މަލުގެ ގުލްދަސްތާ އަކާއި ބަންދުކޮށްފައި އޮތް ކޮތަޅެއް ދިސްކޮއްލަމުން އައްފާން ބުނެލިއެވެ. ޒީނިޔާއަށް އައްފާންގެ އެހަދިޔާ ހިފަންވީ ކަމެއް ނޭގިހުރެވުނީއެވެ. މީގެ ކުރިން ފިރިހެނެއްގެ ފަރާތުން އެފަދަ ހަދިޔާއައް ލިބިފައިވެސް ނެތީމައެވެ.

"ދެން ހިފާބަލަ...." އައްފާން ގެ އަޑުގައިވީ އާދޭހެވެ. ލަދުން ހުރެ މާބޮނޑިޔާއި ކޮތަޅުގައި ހިފަން އުޅުމުގެ ތެރޭގައި އައްފާން ޒީނިޔާގެ އަތުގައި ހިފާލިއެވެ. އެފަދަ ކަމެއް ކޮއްފާނެކަމަށް ޒީނިޔާ ހުރީ ވިސްނައިގެންނެއް ނޫނެވެ. ހީވީ ކަރަންޓުގައި ޖެހުނު ހެނެވެ. ޒީނިޔާ އައްފާންގެ އަތް ފޮޅުވާލިއެވެ.

"ސޮރީ...." އައްފާން ޒީނިޔާގެ އަތުގައި ހިފުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ. ޒީނިޔާވެސް ނުރުހުންތެރިކަމެއް ނުދައްކައެވެ. އައްފާން މާފަށް އެދުމުން ހިނިތުންވެލީ އެއީ މާބޮޑުކަމެއް ނޫނޭ ބުނާފަދައިން އައްފާންގެ މޫނަށް ބަލާލަމުންނެވެ.

"ފުރަން މިއުޅެނީ...." ތަނަށްވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލީ އައްފާނުއެވެ.

"ރާއްޖެތެރެއަށް މިދަނީ.....ހަފްތާއެއް ވަރު ވާނެ" ޒީނިޔާ ބަލަހައްޓައިގެން ހުރުމުން އައްފާނު އިތުރަށް އޮޅުން ފިލުވައިދިނެވެ.

"ކީއްކުރަން ތިދަނީ....." ޒީނިޔާގެ އަޑު މަޑުވެ. ޒީނިޔާގެ ދެލޮލަށް ބަލާލުމުން ހީވަނީ ނުދާށޭ ބުނާހެންނެވެ.

" މެރީ ކުރާނެ އަންހެންކުއްޖަކު ހޯދާށޭ ބުނިއްޔާ ގަބޫލުކުރާނަންތަ؟" ޒީނިޔާ ބިރުން ހިތްތެޅިލިއެވެ. އެމޫނުން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވިއެވެ. ޒީނިޔާއަށް އައި ކުއްލިބަދަލު އައްފާނަށް ކިތަންމެ ރަނގަޅަކަށްވެސް ފާހަގަވިއެވެ.

"ކަންބޮޑުވީތަ؟ އެމަޖާ....ނަވީން އެކު ކުޑަކަމެއްގަ މިދަނީ...." ޒީނިޔާ ދެރަވިކަން އެނގުމުން އައްފާނަށް އިތުރަށް ދެރަކޮއްލާކަށް ނުކެރުނެވެ.

"ބިޒްނަސްކަމެއްގަ...." ދަތުރުގެ އަސްލު ބޭނުން އެއްވެސް މީހަކާ ހިއްސާކުރާކަށް އައްފާން ބޭނުމެއް ނޫނެވެ. އަދި ޒީނިޔާ އަކީ ވެސް އޭނާގެ ގުޅުމަށް އާއެކޭ ބުނިއްޔެއްވެސް ނޫނެވެ.

"ދަނީ އިނގޭ....އަހަރެން ގުޅާނަން ފޯނު ނަގައްޗޭ...." އެއްލޯ މަރާލަމުން އައްފާން ހިނިތުންވެލިއެވެ. ވައިސޫރިއެއްހެން ނިކުމެގެން ދިޔައީ ގޭމީހަކަށް އެތަނުގައި ތިއްބާ ފެނިދާނެތީއެވެ. ޒީނިޔާ އެކޭ އެއްވަރަށް އައްފާންވެސް އެކަމާ ކަންބޮޑުވެއެވެ. އައްފާން ކަންބޮޑު ވަނީ ޒީނިޔާ އާބަސް ނުބުނަނީސް ދެމީހުންގެ ގުޅުމެއް އޮތޭ ކިޔާ އަޑު ފެތުރިދާނެތީއެވެ.

އައްފާން ދިއުމުން ޒީނިޔާ ގޮސް ކޮޓަރިއަށް ވަނެވެ. އަދި ރީތި ވާމޭޒުމަތީ ހުރި މާޖަހާ ވަށިގަނޑަކަށް މާތައްޖަހަން ފެށިއެވެ. އޭރު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ.

*********************

ކޮޓަރީގެ ބޮކި އަލިމަޑުކޮށްލައިގެން ނަވީން އޮތެވެ. ނިތްކުރިމަތީ އަތް ބާއްވައިގެން އޮތް އިރު ނަޒަރު ހުއްޓިފައިވަނީ ސީލިންގުގައި ހަރުކޮށްފައިވާ އެކިކުލަކުލާއިގެ ވިންޑް ޗައިމްސްތަކާއި ދިމާއަށެވެ. އޭނާގެ ވިސްނުމާއި ހިޔާލު ގުޅިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އައްފާނާއި ދެމީހުން ދެކެވުނު ވާހަކަޔަށެވެ. އައްފާނު ބާރުދިނީ ނަވީން އިތުރު ކައިވެންޏެއް ކުރުމަށެވެ. އެނިންމުމާއި އެއްބަސްވުމަކީ ނަވީނަށް ފަސޭހަކަމެއް ނޫނެވެ. ނަވީންގެ ހިތުގައި ޖޫލީއަށް ނޫން މީހަކަށް ޖާގައެއް ދެވިފައި ނެތެވެ. މާދަމާ ފުރަން އައްފާން ހުރިހާ ކަމެއް ތައްޔާރު ކަމަށް ބުނުމުންވެސް ނަވީންގެ ހަރަކާތްތަކުގައި މާބޮޑު ދިރުމެއްނެތެވެ.

"އޭ އަދިވެސް ނިދަނީތަ؟ ދަތުރަށް ތައްޔާރު ވެއްޖެތަ؟" ޖޫލީ އާއެކު ކޮޓަރިތެރެއަށް ވަދެގެން އައި އައްފާނަށް ނަވީން އޮތްގޮތުން އަހާލެވުނެވެ. ނަވީން ތެދުވެ އެނދު ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ.
"ކޮންތާކަށް ފުރަން ތިއުޅެނީ...." އެއްފަހަރު އައްފާނަށް އަނެއްފަހަރު ނަވީންގެ މޫނަށް ބަލާލަމުން ޖޫލީ ވާހަކަ ދެއްކިއެވެ. ޖޫލީ އެހެން ބުނުމުން ނަވީން އެދަތުރުގެ ވާހަކަ ނުދައްކާކަން އައްފާނަށް އެނގުނެވެ.

"އާނ މީ.....އަނެއް.....މީ..." ނަވީންގެ ދުލާހަމައަށް ދޭނެ ޖަވާބެއްނައެވެ.

" ރާއްޖެތެރެއަށް ދާން މިއުޅެނީ ބިޒްނަސްކަމެއްގަ ދޯ...." އައްފާން އަވަސް އަވަހަށް ނަވީނަށް ދޯ ދެމުން ބުނެލިއެވެ.

"އަޅޭ އަހަރެންވެސް ވަރަށް ދާހިތްވޭ...." ޖޫލީ އެހެން ބުނުމުން އައްފާނެކޭ އެއްވަރަށް ނަވީންވެސް ކަންބޮޑުވިއެވެ.

"އެކަމަކު ކިހިނެތް ދާނީ ޒީނިޔާވެސް އަތް ކަފާލައިގެން ވިއްޔާ އެއުޅެނީ....." ޖޫލީ ނުދޭނެކަން އެނގުމުން ދެމީހުނަށްވެސް ހިތްހަމަޖެހުން ލިބުނެވެ.

"އާނ އެހެންވީމަ މާދަން ހަވީރަށް ތައްޔާރުވޭ ބޯޓުފުރާނީ ފަހެއް ޖަހާއިރު " އައްފާން ދާން އެނބުރިފައި ބުނެލިއެވެ.

"ކަނޑުމަގުންތަ ދަނީ..." ނަވީން ހައިރާންވެފައި އެހިއެވެ.

"ހޫން ކިޔެއްތަ؟ ހީކޮށްލާ މީ މުޅިންވެސް އާ ތަޖްރިބާއެއް ކުރަން ދާ ދަތުރެއް ކަމަށް...." އައްފާން އެބުނީ ކިހާ ބަރުދަނެއް ހުރި ވާހަކައެއްކަން ނަވީނަށް އިޙްސާސްކުރެވުނެވެ. އެހެނަސް ޖޫލީ ހިނތުންވެލައިގެން ހުރީ ނަވީން ކަނޑުދަތުރުކުރަން ޖެހިލުންވާވަރު ހިތަށް އަރާފައެވެ. އެހެނަސް ޖޫލީއަށް ނޭގެނީ ނަވީން އެދަނީ ކިހާ ދުރަށްކަމެވެ. އަދި އެދަތުރުގެ އަސަރު އެދެމީހުންގެ ދިރުއުޅުމަށް ކުރާނެ މިންވަރެވެ.

އައްފާން ނިކުމެގެން ދިއުމުން ޖޫލީ އަވަސްވީ ދަތުރަށް ތައްޔާރުކޮށްދޭށެވެ. ނަވީންވެސް ތުވާލި ހިފައިގެން ފާހާނާއަށް ވަނީ ޖޫލީ އޮޅިގެންވެސް ދަތުރުގެ ބޭނުމާއި މެދު ވާހަކަދައްކަން ނަވީން ބޭނުންނުވާތީއެވެ.

*********************
ސަރުމީލާ ވިސްނަމުން ދަނީ ޖޫލީ ނަވީންގެ ހަޔާތުން ދުރުކުރާނެ ގޮތަކާއި މެދުއެވެ. ޖަލީލް ފެންވަރައިގެން ނިކުތްއިރުވެސް އޭނާހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

"ސަރޫ....ސަރޫ...ނިދާކަށް ނުވޭތަ ދެކޮޅަށް ތި ހިނގަނީޔޯ...." ސަރުމީލާ ޖަލީލަށް ބަލާލާފައި އައިސް އެނދުގެ މިޔަދަށުގައި އިށިއިނެވެ.

"އަހަރެން ބުނީ ނިދާކަށް ނުވޭހޭ...." ޖަލީލް ނިކަން އޯގާތެރިކަމާއި އެކު އަހާލިއެވެ. ޖަލީލް ހުރީ އޮށޯވެލަން ބޭނުންވެފައެވެ. އޭނާ އަކީ ދުވާލުދާ ހަތަރުދަމު ނިކަން ބުރަކޮށް އުޅޭ މީހެކެވެ. ނިދަން ވިޔަސް އަރާމް ކުރަން ވިޔަސް އޭނާއަށް ލިބެނީ ހަގަޑީރެވެ. އެހަގަޑީރުން އެންމެ ސިކުންތެއްވެސް އޭނާ ބޭކާރުކޮށްލާކަށް ބޭނުމެއް ނޫނެވެ.

"މިއަދު ސަޖާޔާ ޖޫލީ އައިދޯ...ވަރަށް ސަކަރާތް ގަނެފަދޯ އެދެބެން ދިޔައީ...." ޖަލީލް މެންދުރުކާން އައުމުން ސަރުމީލާ ވަނީ އެކުދިން ހަވީރު އަންނަ ވާހަކަ ބުނެފައެވެ. ޖަލީލް އެވާހަކަ އަހާލީ ކުއްލިއަކަށް ހަނދާންވެގެންނެވެ. އެނދުގައި ޖަލީލް އޮށުވެތެވެ. ދެންވެސް ސަރުމީލާއަނގައިންވެސް ބުނެނުލިއެވެ.

"އޭ...ކިހިނެތްވެފައި ތިއިނީ....އަނގައިން ނުބުނަން ހުވާކޮށްގެންތަ ތިއިނީ....." ސަރުމީލާ ކޮނޑުގައި އަތްޖައްސާލާފައި ޖަލީލް އެހިއެވެ. ސަރުމީލާއަކީ ޖަލީލް ގެއަށް އައުމުން އަބަދުވެސް ހިނިތުންވެފައިވާ މޫނަކާއިގެން އޭނާޔާ ބައްދަލުކުރާ މީހެކެވެ. ސަރުމީލާގެ އަމަލުތައް ތަފާތެވެ.

"ޖަލީލަށް އެނގޭތަ؟....ޖޫލީ މިއަދު ..................." ހަވީރު ޖޫލީގެ ފަރާތުން އެނގުނު ކަންތައްތައް ސަރުމީލާ ޖަލީލަށް ކިޔާދިނެވެ. ސަރުމީލާގެ ބޭނުމަކީ ޖަލީލްވެސް ސަރުމީލާ އެވިސްނާ ގޮތާއި މެދު ވިސްނުމެވެ.

"ތީގަދެން އަހަރެމެން ކީއްކުރާނީ...." ޖަލީލްގެ އަޑުގައި ހާސްވުމާއި ކަންބޮޑުވުމުގެ އެއްވެސް ކަމެއްނެތެވެ.

"ކީންހޭ ކުރާނީ.....އެދެމީހުން ވަކިވާންވީ.....ކޮބާ ޖޫލީއަށް ދިރިއުޅުމެއް ނަވީން އެކީ އުޅިގެން...." ސަރިމީލާގެ ވިސްނުން ހުރި ގޮތް އެނގި ޖަލީލް ހިތުގައި ޖެހުނެވެ. ސަރުމީލާ އެ ދައްކަނީ ނުލާހިކު ލޯބިން އުޅޭ ދެމަފިރިއެއް ކައިވެނީގެ މާތް ގުޅުން ކަނޑާލަންވީ ވާހަކައެވެ.

"ސަރޫ....ނިކަން ވިސްނާލަބަލަ އަހަރެމެން ނުވާނެދޯ އެކުދިންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ގޮތް ކިޔާކަށް ....." ޖަލީލް ތެދުވެ އެނދުމަތީ ހިންދެމިލިއެވެ.

" އެދެކުދިން އެކީ އުޅެން ތިބިއްޔާ ހަމަ އުޅެންވީ .....އެއީ އެކުދިންގެ ކަމެއް....." ޖަލީލް އެއީ މާބޮޑުކަމަކަށް ނުހަދައެވެ. ނަވީނާއި ޖޫލީއަށް އެއީ މައްސަލައަކަށް ނުވަންޏާ ޖަލީލަށް މައްސަލައަކަށް ވާންވީ ވަކިން ކީއްވެގެން ހެއްޔެވެ؟ ޖަލީލްގެ ވާހަކަ އިވިފައި ސަރުމީލާ ލޭކެކިގަތެވެ.

ސަރުމީލާއަކީ އެއްއިރެއްގައިވެސް ޖަލީލާ އަރާރުން ވާމީހަކަށް ނުވާތީ އައިސްހުރި ރުޅީގައި ފާހާނާއަށް ވަދެ ދޮރުލެއްޕީ ނިކަން ބާރަށެވެ. ހަމަ އެކަނި ސަރުމީލާގެ ބޭނުމަކީ އޭނާ ހިތްހަމަ ނުޖެހިފައި ހުރިވަރު ޖަލީލަށް އަންގާލުމެވެ.

***********************

މާލެއިން ފުރައިގެން ކުރަމުން ގެންދާ ދަތުރު ނިމުމަކާއި ދާދިވަނީ ގާތްވެފައެވެ. ދުރުން ރަށުގެ ބޮކިތަކުގަ އަލި ފެނެއެވެ. އައްފާން އިނީ ކޮފީ ބޯން ބޭރަށް ނިކުމެއެވެ. ޖެހެމުން ދިޔަ ފަތިހުގެ ނަލަނަލަ ރޯޅިތައް އޭނާގެ ހިތަށް ބަޔާންކުރަން ނޭގޭ އުފަލެއް ލިބެމުން ދިޔައެވެ. އައްފާން ކޮފީބޯން ގޮވީމައިވެސް ނަވީން އޮތީ ނިދާށެވެ. މޫނާއި އެކީ ރަޖާއަޅާއިގެން އޮތީ ކޮންމެހެން ނިދަން ބޭނުން ވެގެނެއް ނޫނެވެ. މިހާދުރަށް ކަނޑުމަގުން ދަތުރެއް ކުރުންވީ ނަވީންގެ ހަޔާތުގައި މުޅިން އާ ތަޖްރިބާއަކަށެވެ. ތަޖްރިބާއަކަށް ވުރެން އޭނާއަށް އެކަންވީ ތަކްލީފަކަށެވެ. ވޭނަކަށެވެ. ބޯހިތްލާލެވޭ ވަގުތުކޮޅެއް އޭނާއަކަށް ނުވެއެވެ. ބޯޓަށް އެރީންސުރެން އެފަކީރު އޮންނަނީ އޮށުވެއެވެ.

"އޭދެން ތެދުވަން އުޅޭ...ނަވީނެކޭ އަންހެންކުއްޖެކޭ އެއްވަރެއްނު....ބޯ ނުނެގެންޏާ..." އައްފާން ނަވީންގެ މޫނުމަތީ އަޅާފައި އޮތް ރަޖާގަނޑު ނަގަމުން ނަވީނާއި ދިމާކޮއްލިއެވެ. ދެންވެސް ތެދުވާ ހިޔާލެއް ނަވީން ނުކުރެއެވެ. ދެލޯ ކުޑަކޮށްލާފައި އައްފާނަށް ފުރަގަސްދިނެވެ.

"ސާބަހޭ....އަދިވެސް އޮތީތަ......މިހާރުދެން ނިދިފަ ހުންނާނީ ބޯޓަށް އެރިފަހުން ދެލޯ ނުހުޅުވަންޏާ...." އައްފާން ނަވީންގެ ބުރަކަށީ ކޮއްޓަމުން ވާހަކަދެއްކިއެވެ.

"ހޫން މިތެދުވަނީޔޭ....މަމީ އަފޫއެއް ނޫނޭ....އަފޫ ބޯޓަށް އެރިފަހުން އަންހެންކުދިންނަށް ހޮޑު ބާލީދީ އުފުލާށޭނުން ހޭލާ ތިހުންނަނީ...." އައްފާން ޖަހާލީ ހިނިގަނޑެކެވެ.

"އޭ ތެދުވާށޭ....މިހާރު މިއޮށް ކައިރި ކުރަނީއޭ...." އައްފާން ކުރުނުކުރުމުން ނަވީން ތެދުވިއިރުވެސް އެމޫނުގައި ނިދީގެ އަސަރު ނުފިލައެވެ. އޭރު އަންހެންވެރިން ފާހާނާއަށް ވަނުމާއި ބޯޓުން ފައިބަންވާއިރަށް ރީތިވާން އުޅެއެވެ. ބޯޓުތެރެ ހަލަބޮލިވެފައިވަނީ އެކިފަރާތް ފަރާތަށް މީހުން ދުވަން ފެށުމުންނެވެ. ނަވީނަށްވެސް ފާހާނާ ލިބުނީ ކިއުގައި އިރުކޮޅަކު ހުރިފަހުންނެވެ. ނަވީނާއި އައްފާން ބޯޓުން ފޭބީ މީހުން ތަންކޮޅެއް މަދުވެލުމުން ހަމަޖެހިލައިގެންނެވެ. އޭރު އެއްބަޔަކު ޓެކްސީތަކަށް އަރާއިގެން އެމީހުންގެ މަންޒިލަށް ދަތުރު ފަށާފިއެވެ. ޓެކްސީ ޑުރައިވަރުންވެސް ހީވަނީ ދަތުރުވެރިންގެ އިންތިޒާރުގައި ތިބިހެނެވެ. މެހްމާންދާރީ އަދާކުރަނީ ހިނިތުންވެ ހުރެ ރައްޓެއްސެއް ބީރައްޓެއްސެއް ބެލުމެއްނެތިއެވެ.

"މިރަށުން ގެސްޓުހައުސް ރޫމެއް ލިބޭނެތަ " އައްފާން އެސުވާލުކުރީ ޓެކްސީ ޑުރައިވަރަކާއެވެ. މާލޭގައި ކުއްޔަށް ތަންތަން ހޯދުމަކީ ގިނަފަހަރަށް އުނދަގޫކަމެކެވެ. އެހެންވެ އައްފާން ހީކުރީ އެރަށުން ކުއްޔަށް ތަނެއް ހޯދުންވެސް އުނދަގޫވާނެ ކަމަށެވެ.

"އާނ އަވަހަށް އަރާ....ރޫމް ލިބޭނެ" ޑުރައިވަރުގެ ކިބައިން ފެނުނީ ހީނުކުރާހާ ގާތްކަމެވެ. ނަވީނާއި އައްފާންގެ ފޮށި ޑިކީއަށް ލުމުން ޑުރައިވަރގެ ފަހަތުން ގޮސް އެދެމީހުންވެސް ކާރަށް އެރިއެވެ. ކާރު ދުއްވާލުމުން ނަވީން އިނީ ބިއްލޫރިގަނޑުން ބޭރުބަލާށެވެ.

"ބޯޅަކުޅެންތަ ތިއައީ......" ޑުރައިވަރު އޭނާގެ އާދައިގެ މަތިން ދަތުރުވެރިންނާއި އަނގަތަޅާލައި ހަދައެވެ. ބޭނުމަކީ ދަތުރު ކުރުކޮށްލައި މީސްމީހުންނާއި ގުޅުން ބަދަހިކޮށްލުމެވެ.
"ނޫނޭ....އަހަރެމެން މިވިސްނަނީ މިރަށުގަ ސްޕަރ މާކެޓެއް ހުޅުވަން....އެހެންވެ ބަލާލަން މިއައީ ...." ޖަވާބު ދިނީ އައްފާނެވެ. ނަވީން އެއިން ގޮތަށް އިނީއެވެ. ނަވީންގެ ކިބައިން ފެންނަނީ ވަރުބަލިކަމެވެ.

"އެހެންތަ؟ ތީ މިރަށަށް ވަރަށް މުހިއްމު ކަމެއް...." ޑުރައިވަރުވެސް އެކަމާ ހިތްހަމަޖެހުނު ވަރު އޭނާގެ އަޑުންވެސް ހެކިދެއެވެ.

ދެފަންގިފިލާއަށް ހަދާފައިވާ އިމާރާތެއްގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމުން ޑުރައިރަށް ފައިސާ ދައްކާފައި ދެމީހުންވެސް ހިނގައިގަތީ އެތެރެއަށް ވަންނާށެވެ.

****************

ޖޫލީ އާއި ޒީނިޔާ ބާޒާރުކުރަން ނިކުތީ ޒީނިޔާ ރަށަށް ފޮނުވަން އެއްޗެހި ގަތުމަށްޓަކާއެވެ. ދެމީހުންވެސް އެއްޗެހި ނަގަމުން ދިޔައީ އެމީހަކު އަތުގައި އޮތް ލިސްޓަށެވެ. ޒީނިޔާ އެއްޗެއް ނުފެނިގެން ތަންކޮޅެއް ދުރަށް ހިނގައިގަތެވެ.

"ހޭއި ޖޫލީ...." ޖޫލީ ހުރީ އަތުގައި އޮތް ލިސްޓަށް ނަޒަރު ހުއްޓާލައިގެންނެވެ. ދާދި ކައިރިން އަންހެންކުއްޖަކު އޭނާގެ ނަމުން ގޮވާލުމުން ކުޑަކޮން ސިހިފައި އަޑު އައިދިމާއަށް ބަލާލިއެވެ.
"އަހާން....އާޝާ...." ޝާ ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަކުލުން މައްޗަށް ހުރި ކަޅުކުލައިގެ ޕެންސިލް ސްކާޓެއްގައެވެ. އާދައިގެ މޭކަޕެއްކޮށްފައިވާއިރު އަރާއިގެންހުރި ހައިހީލާއި އަތްދަބަސްވެސް ހުދުކުލައެވެ.

" ޝޮޕިންގ ކޮއްލަނީ...." ވަށައިގެން އާޝާ ބަލާލީ ޖޫލީ އެކީ ނަވީން ހުންނާނެ ކަމަށް ހީކޮށެވެ.

~ ނުނިމޭ ~

  1. Avatar

    މީ ހަމަ މަގޭ ހާލު. ޢަސްލުވެސް ކުދިންނުލިބުމަކީ ހާދަ ބޮޑު ހިތްދަތިކަމެކޭ!!! ޢެތައް ބޭހެއް ކޮށްވެސް ކުއްޖެއް ނުލިބުނު ނުވިތާކަށް މަގުމައްޗައް ނުކުމެލާއިރަށް ކަންފަތުގަ އަބަދުވެސް ޖެހެނީ ފިރިމީހާ އެހެންއަންހެނަކާއި ކޮންމެވެސް ކަމެއްކުރި ވާހަކަ. މިހާރު ފިރިމީހާ ކައިރީބުނެފިން އެހެން މީހަކާއިންނާށޭ!!

ޚިޔާލު ފޮނުއްވާ