Views: 8930 126

"އެނޫން ގޮތެއް ނެތޯ.....ކާކުގެ ތަ މައްސަލަ ހުރީ.....ޖޫލީގެ އޭނުން.....ނަވީން ރަނގަޅޭނުން " އައްފާން މަޑުން ވާހަކަ ދެއްކި ނަމަވެސް އޭނާ ރުޅި އައިސްފައިވާކަން އެނގެއެވެ. ނަވީނަށް ނުވިސްނޭ ކަން ހިތަށް އަރާ އޭނާ ހިތާމަ ކުރިއެވެ.

"ދެން " ރިޕޯޓް ލިބުނު ފަހުން ނަވީނަކަށް އެކައްޗެއްވެސް ނުވިސްނެއެވެ. ވިސްނިޔަސް ރަނގަޅު ނިންމުމެއް ނިންމާކަށް ނުވެސް އެނގެއެވެ.

"މަބުނާ ގޮތެއް ހަދާނަންތަ؟" ނަވީން ހުރީ އައްފާން ދޭ ކޮންމެ ހިޔާލަކަށް ރުހި ގަބޫލުވާން ނިންމާގެންނެވެ.

"ދަރިއަކު ތިހާ ބޭނުމިއްޔާ އެހެން ކައިވެންޏެއް ކުރަން ކެރޭނެތަ؟ ނަވީން ދެއަންބަށް ވިޔަސް މީހަކާ އިންނަންވީ...." ނަވީނަށް ހީވީ ތޫނު ހަންޖަރެއް އޭނާގެ ހިތަށް ހަރާލިހެންނެވެ.

"އޭރުން ޖޫ...ޖޫލީއޯ" ނަވީން ޖޫލީއަށް އެފަދަ ހިތާމައެއް ދޭކަށް ބޭނުމެއް ނޫނެވެ.

"އަހަރެން ނުބުނަންދޯ ޖޫލީ ދޫކޮށްލާށެކޭ....ނަވީން ބޭނުމިއްޔާ ދެއަނބަށްވެސް އިނދެވޭނޭނުން....ޖޫލީއަށް ނޭގިވެސް ކުރެވޭނެ..." ނިތްކުރީގައި ބޮލުން ހިފަހައްޓައިގެން ނަވީނަށް އިނދެވުނީއެވެ.

"ދެން މަށަކަށް ނޭގެ ނަވީން ކަންތައްކުރާނެ ގޮތެއް....ކުޑަކުދިންގެ ހިޔާންވެސް ކުއްޖަކު ގެނެވިދާނެ..."

"މަހިތަށް އަރަނީ އެހެން ގެންނަ ކުއްޖަކަށް ބައްޕައެއްގެ ލޯބި ނަވީނަށް ދެވިދާނެހޭ...ނޫނީ އިތުރު ކައިވެންޏެއް ކޮށްގެން އަމިއްލަ ދަރިއަކުހޭ ހޯދާނީ...." ނަވީން އައްފާނާއި ދިމާއަށް ބަލާލިއެވެ. އެމޫނުން ހެކިދެނީ ގޮތެއް ނިންމަން އުނދަގޫކަމެވެ.

"ކޮންމެ ކަމަކަށްވެސް އަހަރެން ހެލްޕު ވާނަން....ދެން ނަވީން ގޮތެއް ނިންމާނީ...." އައްފާން ފެންތަށިން ކޯވަރެއް ބޯލިއެވެ. ނަވީން އިނީ ހިމޭނުންނެވެ. އައްފާން ދެއްކި ވާހަކައަށް ރަނގަޅު ނިންމުމެއް ނިންމަން އޭނާވެސް ބޭނުމެވެ. ވިސްނާނުލާ ޖޫލީއަށް ފުރަތަމަވެސް ދޮގުހެދުނީތީ އޭނާއަށް އެކަމުގެ ހިތި މިހާރު އިހްސާސްކުރެވެއެވެ. އެހެން ކަންތައް ކުރަން ޖެހުނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. އިއްޔެ ވީކަމެއްހެން އެ ވާހަކަތައް ނަވީން ހަނދާން އެބަހުއްޓެވެ. ކުރިމަތީ އައްފާން އިންދާވެސް އޭނާގެ ހިޔާލުތައް ދަތުރުކުރީ އެދުވަހާ ދިމާލަށެވެ.

އެދުވަހަކީ އާޝާ ކުލިނިކަށް ޓެސްޓުހަދަން ދިޔަދުވަހެވެ. ކުލިނިކުން ދެމީހުންވެސް ނިކުމެގެން ދިޔައިރު ތިބީ ހިމޭންވެފައެވެ. އެހިމޭންކަން ފޫއަޅުވާލީ ނަވީނެވެ.

"ދެން ޓެސްޓުވެސް ހެދުނީތާ މިދެން...." ނަވީން ޖޫލީއަށް ބަލައިލަމުން ބުނެލިއެވެ. ބަދަލުގައި ހަމައެކަނި ޖޫލީ ދިނީ ލުއިހިނިތުންވުމެކެވެ.

"ސުވާލެއް ކުރަންތަ؟" ކާރަށް އަރާ ހަމަ ޖެހިލަމުން ނަވީން އެހިއެވެ. ދެންވެސް ޖޫލީ ހަމައެކަނި ބޯޖަހާލީއެވެ.

"ޓެސްޓުތަކުގެ ރިޕޯޓް ލިބޭއިރު އެކަކުގެ މައްސަލަ ހުރިއްޔޯ....." ޖޫލީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އުފާވެރިކަން ފިލާގޮސް މާޔޫސްކަން އެމޫނުމަތިން ފެންނަންފެށިއެވެ.

"މިސާލަކަށް ޖޫލީއަށް ކުދިން ނުލިބެނިއްޔޯ....ދެން ޖޫލީ ކިހިނެތް ހަދާނީ....." ނަވީން އެސުވާލުކުރީ މަޖަލަކަށެވެ. ޖޫލީ ދޭ ޖަވާބެއް ބަލާލުމުގެ ބޭނުމުގައެވެ.އެހެނަސް ޖޫލީގެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ.

"އެހެން ވެއްޖެޔާ....އަހަރެން ނަވީންގެ ލައިފުންދާނީ...އަހަންނާއި ހެދި ނަވީން އެއްވެސް ކަމަކުން މަޙްރޫމް ވާކަށް އަހަރެން ނޭދެން....." ޖޫލީގެ ވާހަކަ އިވިފައި ނަވީނަށް އުނދަގޫ ގޮތެއް އިހްސާސްކުރެވުނެވެ.

"ދެން އަހަރެންނަން ލިބެންޏާ....." ޖޫލީގެ ހިތުގައިވާ ޖަވާބު ހޯދަން ނަވީން ބޭނުންވިއެވެ.

" އަހަރެން ނަވީނަށް ކުދިން ނުލިބުނަސް ނަވީން ދޫކޮށްނުދާނަން...ނަވީން ބާކީކޮށް ނުލާނަން....އެއަށް ވުރެން ބޮޑަށް އަހަރެން ލޯބިވޭ" ޖޫލީ ނިންމުން އެނގިފައި ނަވީން ހިތްހަމަ ޖެހުނެވެ. ވީއިރު ނަވީނަށް ޖޫލީ އާމެދު ދެރަގޮތެއް ހަދަން ކެރޭނީ ކިހިނެތް ހެއްޔެވެ؟

އައްފާން މޭޒުގައި ޖަހާލުމުން ނަވީން ދިޔައީ ސިއްސައިގެންނެވެ. ކުރަންވީ ކީއްކަމެއް ބުނަންވީ ކީކޭ ކަމެއް ނަވީނަކަށް އެއްގޮތަކަށްވެސް ނޭގުނެވެ.

"ކާކުތަ މަށާ އިންނާނީ....ދެއަނބަށް..." ގޮތް ހުސްވެފައިވާ މީހަކު ފަދައިން ނަވީން އަހާލިއެވެ.

"އިންނާނެ މީހުންވާނެ އެކަމާވެސް އުޅެލީމަދޯ....މާލެއަކު ނޫން މާލޭން ކުރަން އުޅެގެން ބަސްޓުވެދާނެ...ކޮންމެވެސް ރަށަކަށްދާނީ...." އައްފާންގެ ވިސްނުން ހުރިގޮތުން ނަވީން ހައިރާންވިއެވެ. އަދި އުފާވެސްވިއެވެ. އޭނާއަށް ކަންކަމުގައި ލަފާދޭން މިހިރީ މޮޅު މީހެކޭ ބުނެ ތައުރީފުކުރިއެވެ.

"ކިހިނެތް އަތޮޅުތެރެއަށް ދާނީ އަބަދު އަބަދު ޗުއްޓީނަގަންޏާ ބައްޕަ ވަރަށް ހިތްހަމަނުޖެހޭނެ...." ނަވީން ކަންބޮޑުވިއެވެ.

"އަހަރެން ބޮޑުބެ އާ ވާހަކަދައްކާނަން...." ނަވީން ދެލޯބޮޑުވިއެވެ.

"އޭ....އޭރުން ކަމަކު ނުދާނެ...." ނަވީންގެ ބައްޕައަށްވެސް ހަގީގަތް އެނގިދާނެތީ ނަވީން ބިރުގަތެވެ.

"ހަމަޖެހިބަލަ އަހަރެންވެސް އެހެނެއް ނުބުނާންނުދެން......"އައްފާން ނަވީނަށް އޭނާގެ ބައްޕަޔާ ދައްކަންވީ ވާހަކަތައް ކިޔާދިނެވެ.އަދި ނަވީން އޭނާގެ ބައްޕަޔާ ވާހަކަ ދައްކާއިރު އައްފާނުވެސް ކައިރީގައި އިންނާނަން ކަމުގައި އައްފާނު ބުންޏެވެ. އެގޮތާއި ނަވީން ގަބޫލުވިއެވެ. ދެން އޮތީ ކުރިއަށް އޮތް ހަރުފަތް ގިރާކުރަން ބައްޕަ ރުއްސުމެވެ. އެއީވެސް ކުޑަކަމެއް ނޫނެވެ.

*******************

"އެކީއްކުރަންތަ ހާދާލަށްތި ދަނީ......" ނިޒާރު އަޅައިގެން އައި ނަންބަރ އައިނު ބާލައި މޭޒުމަތީ ބާއްވަމުން ވާހަކަ ދެއްކީ ކުޑަކޮން ހިތްހަމަނުޖެހި ހުރެއެވެ.

ނަވީނާއި އައްފާން ތިބީ ނިޒާރު އިށިއިނދެއިން މޭޒުގެ ކުރިމަތީ ކޮޅަށެވެ. ނަވީނާއި އައްފާން އެކަކު އަނެއްކެއްގެ މޫނަށް ބަލާލިއެވެ.

"މީ މީ....ބޮޑުބޭ....މީ....."އައްފާން އެންމެ ޤަދަރުކުރާ ބޮޑުބެއަށް ދޮގެއް ހަދަން ޖެހޭތީ އުނދަގޫވިއެވެ.

" އައްފާނޫ....." ނިޒާރު ލޯއަޅާލަމުން ޒާތަކަށް ފިލިތަކަށް ދަމާލައިފައި އައްފާންގެ ނަމުން ގޮވާލިއެވެ.

" އިންނާނެ މީހަކު ހޯދަންތަ ހާދާލަށް ތިދަނީ...." ނިޒާރު ކޮށްލި ސުވާލު ނަވީން ދެލޯބޮޑުވިއެވެ. އޭނާ މީހަކާ އިންނަން އުޅޭކަން ބައްޕައަށް އެނގުނީއޭ ހިތަށް އެރިއެވެ. ބޭރަށް ދޫކޮށްލަން އުޅުނު ނޭވާވެސް އެތެރޭހަށީ ތާށިވިއެވެ.

"އާނ..." ނިޒާރު ކުރި ސުވާލަށް އައްފާން އެއްބަސްވިއެވެ.

".އުހޫން އުހޫނ މަށެއް ނޫން ނަވީން. ނަވީން....." ދެވަނަ ސިކުންތުގައި އައްފާން ނަވީންގެ ބޮލަށް ފުރޮޅާލިއެވެ. އައްފާން އޭނަގެ ނަންބުނުމުން ނަވީން ވަކިންބޮޑަށް ހާސްވިއެވެ. ނިޒާރު ލޯހަނިކޮށްލައި ނަވީނާއި ދިމާލަށް ބަލާލިއެވެ.ނަވީން ނޫނެކޭ ބުނާފަދައިން ދެފަރާތަށް ބޯހޫރާލުމުން ދެން ނިޒާރު އެނބުރުނީ އައްފާނާއި ދިމާލަށެވެ.

" އައްފާން....." ނިޒާރު ގޮނޑިއަށް އިޝާރާތްކޮށް އިށިއިނުމަށް އެންގިއެވެ. ނަވީން ހުރީ ކޮޅަށެވެ. އެތަނުން ނިކުންނަން ބޭނުން ވިޔަސް އައްފާން ބުނާނެ އެއްޗެއް ނޭގޭތީ ނިކުންނަން ނުކެރިފައެވެ.
" ކީއްކުރަންތަ ތިދަނީ....؟" މިފަހަރު ނިޒާރު އަހާލީ ނިކަން މަޑުމައިތިރިކޮންނެވެ.

"ބޮޑުބޭ....ނަވީން ބޭނުންވަނީ ބިޒްނަސް އިތުރަށް ފުޅާކުރަން ....އިތުރު ފިހާރައެއް ހުޅުވަން....." އައްފާން ޖަވާބުދިނީ ކުރިންވެސް ދޭން ނިންމާފައިވާ ޖަވާބެވެ.

"އެތެދެއް؟" ނަވީން އިސްޖަހާލަމުން ހަމައެކަނި "ހޫނ" އަޅުވާލިއެވެ.

"ކީއްވެ އެހާ ދުރުގަ ފިހާރައެއް ހުޅުވަން ބޭނުންވީ...." ނިޒާރުގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.

"އޭރުންނޭނު ވިޔަފާރި ބޮޑަށް ކުރިއަރާނީ ދުރުގަ ފެތުރުނުވަރަކަށް މީހުންގެ މެދުގަ މަގުބޫލުވާނީ ....ވެޔޮގަނޑު ގަނޑުވެސް ދުރަށް ފެތުރުނު ވަރަކަށްނު ކުރިލައި ހެދެނި..." ނަވީން އަނގަ ބަންދުކޮއްގެން ހުރުމުން ހުރިހާ ވާހަކައެއް ދައްކަން ޖެހުނީ އައްފާނަށެވެ.

"ބޮޑުބެއަށް ހީވަނީ އައްފާން ވިޔަފާރީގެ ތެރެއަށް ވަދެއްޖެޔާ ތީ ވަރަށް ދުރުވިސްނޭ ކާމިޔާބު މީހަކަށް ވާނެހެން....ދެރައީ އެކަހަލަ ވިސްނުމެއް ނެތީމަ...." ނިޒާރު އައްފާނަށް ތައުރީފުކުރިއެވެ.

"އައްފާނުވެސް ނަވީން އެއްކޮށް ދާގޮތަކަށްތަ ތިހިރީ...." ނިޒާރު އައިނު އަޅާލަމުން އެހިއެވެ.އަދި ކުރިން ކުރަން އިން މަސައްކަތާއިގެން މަސްއޫލުވިއެވެ.

"ހޫނ އަހަރެން ދާނަން ނަވީން އެކީ...." މާބޮޑު ވިސްނުމެއް އައްފާންގެ ނެތެވެ. އޭނާ ވަނީ ނަވީނަށް އެހިވާން ވައުދުވެފައެވެ.

"އެންމެ ރަނގަޅު " ނިޒާރު ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. ނަވީން ބޭނުން ކަމަކަށް މީގެ ކުރިންވެސް ނިޒާރު ދެކޮޅުހަދާފައެއް ނުވެއެވެ. ނަވީނާއި އައްފާންގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. ދެމީހުން ނިކުމެގެން ދިޔައީ އަވަހަށް ދަތުރަށް ތައްޔާރުވާށެވެ.

***************

ސަރުމީލާގެ ދެދަރިންވެސް އަމިއްލަ ދިރިއުޅުމެއް ފަށައިގެން ވަކިން އުޅޭތީ ގޭތެރެ އޮންނަނީ ނިކަން ފަޅުކޮންނެވެ. ޖަލީލަކީ ގިނަ ވަގުތު މަސައްކަތުގައި އުޅޭ މީހެކެވެ. ރޭގަނޑު ވަރަށް ލަސްވާ ފަހުން ނޫނީ ޖަލީލް ގެއަކަށް ނާންނާނެއެވެ. ކަޕްކޭކު އެޅުމަކީ ސަރުމީލާ ވަރަށް ކުރާހިތުން ކުރާ މަސައްކަތެކެވެ. އާއްމުދަނީއެއް ހޯދުމަށްވުރެން ފޫހިފިލުވާލުމުގެ ބޭނުމުގައި ސަރުމީލާ ކޮންއުޅޭ މަސައްކަތެކެވެ.
ގިނަ ދުވަސްތަކެއް ފަހުން ސަރުމީލާ އޭނާގެ ދެއަންހެންދަރިންނަށް ދައުވަތު ދިނީ ހަވީރުގެ ސަޔަކަށް އައުމަށެވެ. އެކަނި ގިނަވަގުތު ގޭގައި އުޅޭތީ ދެއަންހެންދަރިންނާއި އެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެވެސް ބޭނުމުގައެވެ. ސަރުމީލާ އޭނާގެ ކުދިން އަންނަން ވާއިރަށް ދެތިން ވައްތަރެއްތަގެ އެއްޗެހި ތައްޔާރު ކުރިއެވެ. ހަވާދުލީބިހާއި މަސްރޮއްޓެވެ. ކުޅި ބޯކިބަލާއި ޗޮކްލެޓްކޭކެވެ. މުޅިންވެސް ޖޫލީ އާއި ސަޖާއަށް މީރު އެއްޗެއްސެވެ.

ޖޫލީ އާއި ސަޖާ އައީ އެކީގައެވެ. އެކުދިންގެ އިންތިޒާރުގައި ސަރުމީލާ އުނދޯލީގައި އިންދައެވެ.

"އަޅޭ....އަހަރެމެންގެ މަންމަ އަޅެ ލޯތްބެއް ނޫންތަ؟" ސަރުމީލާ ރީތި ވެލައިގެން އިންލެއް ފުރިހަމަ ކަމުން ސަޖާއަށް އަނގަހިމޭނުން ލައިގެން ނުހުރެވުނެވެ. ސަރުމީލާ އިނީ ގަދަނުލާއި ރަންކުލައިގެ އަނާރުކަލީ ޑިޒައިނަށް ފަރުމާކޮއްފައިވާ ހެދުމެއްގައެވެ.އަޅާފައިވާ އަލިމަސްޖެހި ރަން ހާރުސެޓްވެސް ހެދުމާއި ނުހަނު ގުޅެއެވެ. ސަޖާ ސަރުމީލާ ގައިގާ ބައްދާލާފައި ކޮލުގައި ބޮސްދިނެވެ.

"ހޫނ ތިހެން ކިޔާފަ ކޮއްފަހުރި މޭކަޕްކޮޅޭނުން ތި ފޮހެލީ..." ސަރުމީލާ ބޭނުންވީ ދެދަރި ހެއްވާލުމަށެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. ތިން މީހުންގެ މަޖާ ވާހަކަތަކުގައި ތިބެ ސައިބޮއެ ނިންމާލިއެވެ. އަދި އެއަށްފަހު ތިންމައިން އުނދޯލީގައި ތިބެގެންވެސް ދެއްކީ މުޅިންވެސް ސަޖާ އާއި ޖޫލީ ކުޑައިރުގެ ވާހަކަތަކެވެ.

"އެނގޭތަ ސަޖާ އިންނަލެއް ލޯބިކަމުން ބައްޕަ ސަޖާޔަށް ކުޑައިރު ކިޔާނީ ބުލްބުލާ....ބިންބިބޯޅަވެސް ކިޔާނެ " ސަރުމީލާ އެހެން ބުނުމުން ޖޫލީ އާއި ސަޖާ ނިކަން ބާރަށް ހީގަތެވެ.

" ހިތަށް އަރާ މިހާރުވެސް ސަޖާ ކުޑަ ނަމައޭ....ހަމަ މޮޑެލާނަން" ސަޖާ ކުޑައިރުގެ ދުވަސްތައް ހަނދާންކުރަމުން ޖޫލީ ނިކަން ފޯރީގައި ބުނެލިއެވެ.

"ހޫނ ކޮންމެ ހެން އަހަރެން މޮޑެން އުޅޭނެ ކަމެއްނެތް...ސިސްވެސް ދެން މޮޑެން ބޭބީއެއް ހޯދަން ވިއްޔޭ ދޯމަންމާ" ފޯނުގެ ސްކުރީނަށް ބަލަން އިނދެ ސަޖާ ވާހަކަ ދެއްކިއެވެ. ޖޫލީގެ މޫނުމަތިން ހީވީ ދިއްލާއަޅާފައި ހުރި ބައްތިއަކުން ހުޅުގަނޑު ނިވުނުހެނެވެ. މީހާގެ މޫނުގެ ކުލަ ފަނޑުވިއެވެ. އެމަންޒަރު ސަރުމީލާއަށް ކިތަންމެ ރީތިކޮންވެސް ފެނުނެވެ. ސަޖާއަށް ނުފެނުނީ ސަޖާ ވައިބަރ އިން ކެނޑިނޭޅި އަންނަމުން ދިޔަ މެސެޖްތަކެއް ބަލަން އިނީމައެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަންވެސް އޭނާއަކަށް ފާހަގައެއް ނުކުރެވެއެވެ.

"އޭ އެބައަންނަން...."ސަޖާ ތެދުވެގެން ގޮސް އެމީހުންގެ ލޯމަތިން ގެއްލުނެވެ.

ޖޫލީގެ ލޮލުގެ ތެރޭ ގިނަވެފައިވާ ކަރުނަތައް ސަރުމީލާއަށް ސިއްރެއް ނުކުރެވުނެވެ. ވީކަމެއް ނޭގުނަސް ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާގެ ސިކުނޑި އަންގާދީފިއެވެ.

"ދަރިފުޅާ ޖޫލީ..." ޖޫލީގެ ކޮނޑުގައި އަތްޖައްސާލައި ނިކަން ލޯބިން ސަރުމީލާ ގޮވާލިއެވެ. ސަރުމީލާގެ އަތުން ޖޫލީގެ ގައިގާ ފިރުމާދޭން ފެށިއެވެ. އޭރު މަޑުމަޑުން ޖޫލީ ގިސްލާ އަޑުއިވެއެވެ.
"ކިހިނެތްވީ ޖޫލީ...." މަންމަގެ އަތުން ފިރުމާލުމުން އިތުރަށް ހިތުގައި ޖެހުނެވެ. ހުރިހާ ކަމެއް ސިއްރުނުކޮށް ހަގީގަތް ކިޔާދޭން ޖޫލީގެ ހިތްއެދުނެވެ.

"މަން....މާ..." ޖޫލީގެ އަޑު ބެދުނެވެ. ޖޫލީ އެދޭ ހަބަރަކުން ސަރުމީލާ ނުބައި ނިންމުމެއް ނިންމަދާނެތީ ޖޫލީ މަޑުޖެހިލިއެވެ.

"ޖޫލީ....ނުރޮއެ ވީގޮތެއް ބުނެބަލަ...." ސަރުމީލާ ކޮނޑުގައި ޖޫލީގެ ބޯއަޅާލިއެވެ.

"މަންމާ....އަހަރެމެންނަކަށް ކުދިންނެތް ނުލިބޭނެ...." ސަރުމީލާ ލިބުނު ސިހުމުގައި ޖޫލީއާ ދުރަށް ޖެހިލެވުނެވެ. ސަރުމީލާއަށް ވީގޮތް ފެނިފައި ޖޫލީގެ ބަޑިފަޅާގެން ދިޔައެވެ. އަޑުން އަޑުނަގާ ޖޫލީއަށް ރޮވުނީ ސަރުމީލާ މޫނުމަތިން ކަންބޮޑުވުމާއި ބިރުވެރިކަން ފެނުމުންނެވެ. ޖޫލީއަށް ހިތްވަރުދޭން ހުރި މީހާގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން އިތުރަށް އޭނާ ދެރަވީއެވެ.

"ކާކަށް ކުދިން ނުލިބެނީ..." ސަރުމީލާގެ އަޑު ތުރުތުރު އަޅައެވެ. ސަރުމީލާއަށް ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. ދާތިކިތައް މޫނުމަތިން ވިދަންފެށީ ކުޑަ ބަސްބުނެލާހާ އަވަހަށެވެ.

"ނަ...ނަވީވީނަށް..." ތެޅިތެޅި އޮތް ހިތަކާއި އެކު ޖޫލީ ނަވީންގެ ނަންބުނެލިއެވެ. ދެން ކަންތައް ވެގެން ދާނީ ކިހިނެތްކަން ހިތަށް އަރުވާލަންވެސް ޖޫލީއަށް ދައްޗެވެ.

~ ނުނިމޭ ~

ޚިޔާލު ފޮނުއްވާ