10645 98

މަގުތައް ކަޑަތުކުރަމުން ދިޔައީ ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންނެވެ. އަލިމަގުތައް ފަހަނައަޅާގޮސް އަނދިރި ގޯޅިއަކުން އެޅި ވަގުތު ކަންފަތުގައި ޖެހުނީ ވޭނީ އާދޭހެއްގެ އަޑެވެ. ރޮމުން ސަލާމަތަށް އެދި އަންހެނަކު ހަޅޭލަވާ އަޑެވެ. މާހިލަށް ހުރި ފިޔަވަޅުމަތީ ދެފައި ހަރުލިއެވެ. ކުޑައިރު ކޮޅަކު އެއިވޭ އަޑާމެދު ވިސްނަން ހުރެވުނެވެ. ދެވަނަ މިނެޓުގައި މާހިލްގެ ހުރިހާ ނާރުތަކުގައި ލޭކައްކުވާލިއެވެ. އެއީ ދެވަނަ ދެމީހެއްގެ އަޑެއް ނޫނެވެ. އެއީ ސަޖާގެ އަޑެވެ.

އެއަޑު އިވެމުންދަނީ މާހިލް ހުއްޓިހުރި މަގުގެ ވާތްފަރާތަށް ހުންނަ ފަޅު އިމާރާތާއި ދިމާލުންނެވެ. އެއިމާރާތަކީ ހަދަންފަށާ އެއްކޮން ނުނިމި ހުރި އިމާރާތެކެވެ. އެންމެ މިނެޓެއްވެސް ލަސްކޮއްނުލާ މާހިލް އެދިމާއަށް ދުއްވައިގަތެވެ. އެއިމާރާތުގެ ދޮރުމައްޗަށް ހުއްޓުމުން އަޑުއަންނަނީ އެއިމާރާތުގެ އެތެރޭންކަން ޔަގީންވިއެވެ. އޭރުވެސް ކެނޑިނޭޅި ސަލާމަތަށް އެދި ސަޖާ ގޮވަމުން ދިޔައެވެ. ރުޅިއައިސްފައިވާ ސިންގާއެއް ފަދައިން މާހިލް އެއިމާރާތުން އެތެރެއަށް ދެމިގަތަކެވެ.

ޖާނުން ވަރުގަދަ ފިރިހެނަކު ސަޖާގެ އިއްފަތްފޭރިގަންނަން މަސައްކަތްކުރަމުން ދިޔައިރު ސަޖާ ސަލާމަތްވާން ކުރެވެން އޮތްހާ މަސައްކަތެއް ދިޔައީ ކުރަމުންނެވެ. އެހެނަސް ބަލިކަށި އަންހެންކުއްޖަކަށް ކުރެވޭނެ މާބޮޑުކަމެއް އޮންނާނެ ހެއްޔެވެ؟ ބަރިއަކަށްޖަހާފައިވާ ވެލި ބަސްތާތަކެއްގެ މަތީ ސަޖާ އޮތްއިރު އޭނާ މަސައްކަތްކުރަމުން ދިޔައީ އެނުލަފާމީހާގެ އަތްދަށުން ސަލާމަތްވެވޭތޯއެވެ. އެމީހާއަށްވެސް ކުރިއެރުން ނުލިބިގެން އުޅެނީ ސަޖާ ގަދަހަދާވަރުންނެވެ. އެހެނަސް އޭނާ މަސައްކަތްކުރަމުން ދަނީ ވީ ކޮންމެގޮތަކުންވެސް ސަޖާއާ ބެހެވޭތޯއެވެ.

“އޭ…….” މާހިލްގެ އަޑު މުޅިއެތަން ގުޑާގެންދާހާ ވިއެވެ. އެނުލަފާ ފިރިހެނާވެސް ސިހުނުވަރުން ފަހަތް ބަލާލެވުނެވެ. މާހިލްގެ ދެލޮލުން އަލިފާން ކަނި ބުރައެވެ. ރުޅިއައިސްގެން މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. އަތުގައި ލަޓިބުރިއެއް އޮތްއިރު އެމީހާއާ ދިމާއަށް ބަލަން ހުރިއިރު ނޭވާވަނީ އަވަސްވެފައެވެ. މާހިލް ކުރިއަށް އެޅި ފިޔަވަޅާއި އެކު އެމީހާ ތެޅިގަނެފައި ހޯދާލިއެވެ. ނިކުންނާނެ މަގެއް ފެނޭތޯއެވެ. އެމީހާގެ ނަސީބު ރަނގަޅީ ކަމެއް ނޫނީ މާހިލްމެންގެ ނަސީބު ރަނގަޅީ ކަމެއް ނޭގެއެވެ. އެތަނަށް ވަދެ ނިކުމެވާން އިން އެހެން ދޮރަކުން އޭނާ އަޅާއިތިކޮށް ދުއްވައިގަތެވެ. މާހިލްވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ.އެހެނަސް އަނދިރިގަނޑުގެ ތެރެއިން އޭނާ ގޮސް ގެއްލުމުން މާހިލް އެނބުރިއައީ ސަޖާގެ ގާތަށެވެ. މިރޭ އެމީހާ އަތުޖެހުނު ނަމަ މާހިލް އޭނާ ފުރާނަ ހުއްޓާ ދޫނުކުރީހެވެ. އެހާވަރަށް އޭނާ ހުރީ ރުޅިއައިސްފައެވެ.

މާހިލް ފެނުމުން ސަޖާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދެރަވެގެން ކަމެއް ނޫނީ އުފަލުންކަމެއް ނޭގެއެވެ. ސަޖާއަށް ރޮއެގަނެވުނެވެ. ސަލާމަތަށް އެދި ރޮނިކޮން އެއައީ އެންމެ ބޭނުންވި މީހާއެވެ. ސަޖާ ކުޑަކޮން ހައިރާންވެސް ވިއެވެ. އެހެނަސް ކަމަކާ ސުވާލެއް ކޮއްލެވޭ ވަރަށް ވުރެން އޭނާގެ ހާލުބޮޑެވެ. މާހިލް އައިސް ކައިރިއަށް ހުއްޓުމުން އިޙްތިޔާރަކާއި ނުލާ ސަޖާއަށް މާހިލްގެ ގައިގާ ބައްދާލެވުނެވެ. ސަޖާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ.މާހިލަށްވެސް ވީގޮތެއް ނޭގުނެވެ. ސަޖާގެ ގައިގާ އޭނާގެ ދެއަތް ވަށާލެވުނީ ނިކަން ބާރަށެވެ.

“އޭ ދެން ހުއްޓާލާ….މިތާ ތިބުން އެހާ ސޭފެއްނުވާނެ ހިނގާދާން…” ސަޖާގެ ދެލޯފުހެދެމުން މާހިލް ބުނެލިއެވެ. މާހިލްގެ ފަރާތުން އޯގާތެރިކަން ސަޖާއަށް މި ފެނުނީ މުޅިން އަލަށެވެ.
“މީ…..މީ…”ލައިގެން ހުރި ގަމީސް ޓޮޕްކޮޅުގެ ގޮށްފަތީގައި ހިފައިލަމުން ސަޖާ އިސްޖަހާލިއެވެ. އެނުލަފާ މީހާވަނީ ސަޖާ ގަމީހުގެ ގޮށްތައް އިރާލާފައެވެ. މާހިލް ވަށައިގެން ހޯދާލިއެވެ. ސަޖާގެ ހަށިގަނޑު ނިވާކުރެވޭނެ ފަދަ ފޮތިކޮޅެއް އޮތްތޯއެވެ.

“މަޑުކުރޭ އިނގޭ….” ބާނަމަވެސް މާހިލް ބޭނުންވީ ފޮތިކޮޅެކެވެ. އެތަނުގެ ތެރެއިން ފެންނަން ނެތުމުން މާހިލް ހިނގައިގަތީ އެއަށްވުރެން އެތެރެއަށެވެ. ސަޖާ މާހިލާއި ދިމާއަށް ބަލަން ރޮވިފައި ހުއްޓެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ސަޖާ ވޭތުކުރީ ދުވަހަކުވެސް މީގެކުރިން ތަޖްރިބާ ނުކުރާފަދަ ބިރުވެރިކަމަކާއެވެ. މާހިލަށް ނާދެވުނު ނަމަ ސަޖާގެ ހަށިގަނޑު އެނުލަފާ މީހާ ނޮޅާ ކުދިކުރީހެވެ. ވެލިބަސްތާތައް ކައިރީ ބިންމަތީ ސަޖާގެ އަތްދަބަސް އެއްލައިލާފައި އޮތެވެ. ދަބަސްނަގާ ބަލާލިއިރު ނަސީބަކުން ހުރިހާ އެއްޗެއްވެސް ހަމައެވެ. މާހިލް އެނބުރިއައީ ޝޯލެއް ހިފައިގެންނެވެ. ކުޑަކޮން ކިލާބުރާފައި އޮތަސް މިވަގުތަށް މުހިއްމީ ގައިނިވާކޮށްލުމެވެ.މާހިލް ރީތިގޮތަކަށް ސަޖާގެ ގައިގާ ޝޯލް އޮޅާލިއެވެ. އަދި ސަޖާ އަތުލަފިކޮއްގެން ކަހަލަ ގޮތަކަށް އެގޭތެރެއިން ނިކުތެވެ.

ގޭގެ ދޮރާށި ހުޅުވާލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ދެމީހުންވެސް ހިތްހަމަޖެހުނެވެ. ދެމީހުންވެސް ކޮޓަރިތެރެއަށް ދެމިގަތީ އެމީހުންގެ އަޑަށް މަންމަ ބޭރަށް ނިކުމެދާނެތީއެވެ. އަނދިރިކޮން އޮތް ކޮޓަރިތެރޭ ސްވިޗް ޖައްސާލުމާއެކު ކޮޓަރިތެރެ ޒީނަތްތެރިކޮއްފައިވާވަރު ފެނިގެން ދިޔައެވެ. ސަޖާއަށް އަނގަމަތީ އަތްއެޅުން އިރު ދެލޮލުން ކަރުނަތައް ފައިބާގަނެއްޖެއެވެ. ހިނގައިދިޔަކަންތަކުން މާހިލްވެސް ހުރީ ކޮޓަރި އެހާ ބޮޑަށް ތައްޔާރުކުރެވުނުކަން ހަނދާންނެތިފައެވެ. އެނބުރި އެނބުރިފައި ކޮޓަރިތެރެއަށް ސަޖާ ބެލިއިރު އެދެއަތް އަނގަމަތީ އެޅިގޮތަށް ތިރިނުކުރެއެވެ.
“އައިމް ރިއަލީ ސޮރީ…” ސަޖާ ކުރިމަތީ ހުއްޓުނުއިރު މާހިލްގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

“ކޮންކަމަކަށް؟” ސަޖާގެ އަޑުގައިވީ އާދައިގެ ގޮތެކެވެ. އެހެނަސް އެމޫނުން އެތަށްހާސް އަސަރުތަކެއް ފެންނަން ހުއްޓެވެ.

“ހުރިހާ ކަމަކަށްވެސް…..”މާހިލް އިސްޖަހާލީ ކުށްވެރިއަކު ފަދައިންނެވެ. ހަގީގަތުގައިވެސް މާހިލަކީ ވަރަށް ބޮޑު ކުށްވެރިއެކެވެ. އޭނާދެކެ އިންތިހާއަށް ލޯބިވާ އަންބަކު ލިބުމުންވެސް އޭނާ އެވަނީ އަނބިމީހާއަށް އިހްމާލުވެވިފައެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އެއްވެސް ހައްގެއް މާހިލްގެ ފަރާތުން ސަޖާއަށް ނުލިބެއެވެ. އެފަކީރު އެކަމާ ޝަކުވާއެއްވެސް ކޮށްނުލައެވެ.

“މަށަށް މިރޭ ނުދެވުނު ނަމަ އެފުރޭތަ ނޭގެ ސަޖާއަށް ހަދާނެ ގޮތެއްވެސް “އެހެން ބުނިއިރު މާހިލަށް ރަނގަޅަށް ރޮވިއްޖެއެވެ. މާހިލް ސަޖާ އޭނާގެ އަތުތެރެއަށް ގެނައެވެ. ހަރަކާތްނެތް ބުދެއް ފަދައިން ސަޖާއަށް ހުރެވުނީއެވެ. އިވެމުންދިޔަ އަޑުތަކާއި ފެންނަ މަންޒަރުތައް ގަބޫލުނުކުރެވިފައެވެ. އެއީހަމަ މާހިލް ބާއޭ ސަޖާގެ ހިތަށްއެރިއެވެ.

“ސޮރީ….ދެން އެހެނެއްނުވާނެ……”ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު މާހިލް ވާހަކަދައްކަން ފެށިއެވެ. ސަޖާގެ ދެކޮނޑުގައި ހިފައި އިސްޖަހާލައިގެން މާހިލް ހުރީ ސަޖާއާ މެދު ކަންތައް ކުރެވުނުގޮތުން ލަދުންނެވެ. އެމޫނަށް ބަލާލާނެ ހިތްވަރުވެސް އޭނާގެ ނެތެވެ.

“އަހަރެންގެ ހިތް ހަމަ ސާފު އެއްވެސް ޝަކުވާއެއްނެތް ” ސަޖާގެ ކިއިން އެއްވެސް ބޮޑާކަމެއް ނެތެވެ. ވަރަށް ސާދާ ސީދާ ހިތެއްގެ ވެރިއެކެވެ. މާހިލްގެ މޫނު ސަޖާގެ މޫނާއި ގާތްކޮއްލިއެވެ. މާހިލްގެ ދެލޮލުން ސަޖާއަށް ބޭނުންވާ މިންވަރު ކިތަންމެ ރީއްޗަށްވެސް ފެންނަން ހުއްޓެވެ. ތެޅިގަނެފައި ސަޖާއަށް ދުރަށް ޖެހިލެވުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ދިމާވިކަންތައް ހިތަށް އެރުމުން ބިރުވެރިކަން އުފެދުނެވެ.

“އާރ ޔޫ އޯކޭ….” މާހިލްގެ ދެއަތުން ސަޖާގެ ލޯބިމޫނުކޮޅުގައި ދެއަތުން ހިފަހައްޓާލިއެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނިއިރުވެސް ފެންނެތް ތަނެއްގައި ރޯމަހެއްތެޅޭހެން އޭނާގެ ހިތް ތެޅެއެވެ. ނަފްސު ހަމައަކަށް އަޅުވަން ބޭނުންވިޔަސް އެއަށްވުރެން އޭނާ ގަނެފައިވާ ބިރުމާ ބޮޑެވެ.

“ދޭ ފުރެޝްވެލައިގެން އަންނަން…..އަހަރެން އިންތިޒާރު ކުރާނަން….” ސަޖާގެ ދެލޮލަށް ބަލަންހުރެ މާހިލް ވާހަކަދެއްކިއެވެ. އެބެލުމުގައި މަސްތީ ގޮތެއް ހުއްޓެވެ. ސަޖާ ލަސްލަހުން ހިނގާފައި ގޮސް ފާހާނާއަށް ވަނުމުން އެނދު ހުރަހަށް ވާޙެން މާހިލް ޖައްސާލިއެވެ. މިރެއިން ފެށިގެން މާހިލް ގަސްތުކުރަނީ އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮއްލާށެވެ. ފިސާރި އަނބިމީހާއަށް އަޅާލައި ލޯބިދޭ ފިރިއަކަށް ވާށެވެ.މިހާރު މާޙިލް ބޭނުންވަނީ މާޒީ ހަނދާންނައްތާލާށެވެ. އެލޯބި ހިތުން ފުހެލާފައި ސަޖާ އާ އެކު ރީތި ދިރިއުޅުމެއް އުޅޭށެވެ.

******************************

އަސުރުނަމާދު ކޮއްލައިގެން ޒީނިޔާ ބަދިގެ ތެރެއަށް ނިކުތީ ހަވީރު ސައި ތައްޔާރު ކުރާށެވެ. ނިޒާރު ގެއިން ހަވީރުގެ ސައިބޯނެކަން އަންގާފައިވާއިރު އިތުރު މީހަކު ބައިވެރިވާކަމަށްވެސް ވަނީ ބުނެފައެވެ. ކާކުކަން ބުނެފައި ނުވިޔަސް ޒީނިޔާ ސައި މޭޒުމަތި ފަޅު ފިލުވާލުމުގެ ގޮތުން ދެތިން ވައްތަރުގެ ހެދިކާ ހޯދާފައި ހުއްޓެވެ.

ގެއަށް އައިސްވަނީ ނިޒާރު އާއެކު އައްފާނުއެވެ. ޒީނިޔާ ހީކޮށްގެން ހުރީ ނިޒާރުގެ ހާއްސަ ރަހުމަތްތެރިއަކު އަންނަނީ ކަމުގައެވެ. އައްފާން ފެނުމުން ޒީނިޔާއަށް އެވީގޮތް ބުނެދޭންވެސް ނޭގުނެވެ. އުފަލުން މީހާ ހިނިތުންވެވުނު އިރު ހިތްވެސް އާދަޔާ ހިލާފުބާރުމިނެއްގައި ދިޔައީ ތެޅެމުންނެވެ. އަބަދުވެސް ވަރަށް ރީތި ވެލައިގެން ހުންނަ އައްފާން މިއަދު އަދި ވަކިން ރީތިހެން ހީވެއެވެ.

“އައްދެ….ހާދަ އެއްޗެއްސެކޭދޯ މިއޮތީ…..” ނިޒާރު ހިނިއައިސް ހުރެ މޭޒުކައިރިން ގޮނޑިއެއްގައި އިށިއިނެވެ. އަދި އަތުގެ އިޝާރާތުން އައްފާނަށްވެސް އިށިއިންނަން އެންގިއެވެ. އައްފާން ލޮލުގެ ހިމަކޮޅުން ޒީނިޔާއާ ދިމާއަށް ބަލާމުންދިޔައީ ނިޒާރުއަށް ނޭގޭނޭހެންނެވެ. ޒީނިޔާ އެމީހުންގެ ޖޯޑަށް ސައިއަޅާދޭން އަވަސްވިއެވެ.

“ބޮޑުބެ ކުޑަކޮން ވާހަކަދައްކާލަން އައްފާން މިގެނައީ……” ބަޖިޔާ އަޅާފައި ހުރިތަށި އައްފާން ކައިރިއަށް ޖައްސާދެމުން ނިޒާރު ވާހަކަ ދެއްކިއެވެ.

“އަނެއްކަ ކިހިނެތްވީ ބޮޑުބޭ….މާބޮޑު ކަމެއް ދިމާވީތަ؟” އައްފާން ކަންތައް ބޮޑުވިއެވެ.

“މާބޮޑު ކަމެއްވީކީ ނޫން….ހަމަދެން އަނގަތަޅާލަން މިގެނައީ…” ނިޒާރުގެ ރާގު ހުރިގޮތުން ދައްކަން އެއުޅެނީ ކިހާ ސީރިޔަސް ވާހަކައެއްކަން މީހަކަށް މޭރުން ނުވާނޭކަން ގައިމެވެ. ޒީނިޔާވެސް ސައިމޭޒުދޮށުން ދުރަށް ނުގޮސްހުރީ ނިޒާރުމެން ކަމަކަށް ބޭނުންވެދާނެތީއެވެ.

“މަންމައެކީ ގޭތެރޭ މަސައްކަތްތަކުގައި އަތްގާތް ކޮއްލަދީ ހަދާނެ މީހަކު ހޯދަން ނުވިސްނަންތަ؟” އައްފާނަށް ނިޒާރު އެބުނި އެއްޗެއް ނުވިސްނުނެވެ.

“އާން…މަންމަ ނުވެސްބުނޭ…މީހަކު ހޯދާވާހަކައެއް….ކުރިންވެސް އޮތީ ބަންގާޅީއެއް ހޯދާ ވާހަކަ ބުނީމަ ގަބޫލު ނުވެފައޭނުން….”އައްފާންގެ ވާހަކަ އިވިފައި ނިޒާރަކަށް އޭނާގެ ހިނގަނޑު ނުހިފެއްޓުނެވެ. ނިޒާރު ހޭންފެށުމުން އައްފާން ކުޑަކޮން ހައިރާންވިއެވެ. ހަމަ އެހެންމެ ޒިނިޔާއަށް ވެސް ހުރީ އެވީގޮތެއް ނޭގިފައެވެ.

“ރަންކޮޅާ ބޮޑުބެ މިދައްކަނީ ބަންގާޅީއެއް ހޯދާ ވާހަކައެއް ނޫނޭ…..އައްފާން ދިރިއުޅުމެއް ފަށަން ކުއްޖަކު ނުހޯދަންހޭ….” ވަގުތުން ހީވީ އައްފާންގެ ދުލުގައި ތަޅެއް އެޅުނުހެންނެވެ. ދޭނެ ޖާވާބެއް ވިސްނާލަންވެސް ނޭގުނެވެ. ނިޒާރުގެ ފުރަގަހުން ފެންނަން ހުރި ޒީނިޔާއާ ދިމާއަށް ބަލާލެވުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ. ޒީނިޔާވެސް އައްފާނާއި ދިމާއަށް ކަޅިޖަހާނުލާ ބަލަންހުރުމުން އިތުރަށް އައްފާނަށް އުނދަގޫ ގޮތެއްވިއެވެ.

“އާން…ނޫން ނޫން…”ނިޒާރު އައްފާނާއި ދިމާއަށް ބަލަން އިނުމުން ބުނަންވީ ކީކޭ ކަމެއް އޭނާއަކަށް ނޭގުނެވެ.

“ބޮޑުބެ މިއަހަނީ ކުއްޖަކާ ރައްޓެހިވެގެންހޭ ތިއުޅެނީ….” ހަރުކަށިކަމެއް ނެތަސް ނިޒާރު އިނީ ވަރަށް ސީރިއަސް މޫޑެއްގައެވެ. އައްފާން އުޅޭގޮތުންނާއި ބުނާއެއްޗެހިން ނިޒާރަށް ހީވަނީ އައްފާން ކޮންމެކަމެއްވެސް ނަގަނީ މަޖަލަކަށް ކަމަށެވެ.

“ނޫން ކުއްޖަކާ ރައްޓެހިވެގެނެއް ނޫން….” އިސްޖަހާލަމުން އައްފާން ޖަވާބުދިނެވެ.

“އެކީއްވެ؟ ކަމުދާ ކުއްޖަކު ނުފެންނަނީ…” ނިޒާރަށް އެސުވާލު ކުރެވުނީ ތަންކޮޅެއް ބާރަށެވެ.

“އުހޫން އެހެނެއް ނޫން….” އެއިން ގޮތަށް އިނދެ ނިކަން މަޑުމަޑުން އައްފާން ބުނެލިއެވެ. ޒީނިޔާ ހުރީ ނިކަން ބިރުންނެވެ. އައްފާން ބުނާނެ އެއްޗެއް ނޭގޭތީއެވެ.

“އަހާގެން މިއުޅެނި އަދި އެކުއްޖާ ޖަވާބެއް ނުދޭ….” ލަދުން އިނދެފައިވެސް އައްފާން އެހެން ބުނީ ޒީނިޔާ ތަޅުވާލަން ވެގެނެވެ. އެކަން އައްފާނަށް ކާމިޔާބުވެސް ވިއެވެ. ޒީނިޔާ ،ނިޒާރަށް ބޯފެންތައްޓެއް އެޅިއިރު ތުރުތުރު އަޅާވަރުން ތަށިން ބޭރަށް ފެން އެޅުނީ މަދެއްކޮށެއް ނޫނެވެ. އެމަންޒަރު ފެނިފައި އައްފާނަށް ޒީނިޔާ ހާސްވެފައިވާވަރު ހާމަވިއެވެ.

“އެންމެ ރަނގަޅު ބޮޑުބެ ދޭނީ ބަރާބަރު ތިންމަސްދުވަސް އައްފާން އަމިއްލައަށް މީހަކު ހޯދަންޏާ ހޯދަންވީ ތިން މަސްތެރޭ ”

“އައްފާނަށް މީހަކު ނުހޯދިއްޖެޔާ ބޮޑުބެ ހޯދާ މީހަކާ އައްފާނު ކައިވެނިކުރަންވާނީ…..”ނިޒާރުގެ ނިންމުން އިވިފައި އައްފާނާށް ވުރެން ކަންބޮޑުވީ ޒީނިޔާއެވެ. އައްފާނަށް ފެން އަޅަން ނެގި ބިއްލޫރިތަށި ޒީނިޔާގެ އަތުންދޫވީ ނިޒާރުގެ ނިންމުން އިވިލިބުނު ސިހުމުގައެވެ. ތަށިތަޅައިގެން ދިއުމާއެކު ނިޒާރަށާއި އައްފާނަށްވެސް ޒީނިޔާއާ ދިމާއަށް ބަލާލެވުނެވެ. ޒީނިޔާ އެމީހުން ބަލާލުމުން ފެންކަޅިވެފައިވާ ދެލޮލުން އެމީހުންނަށް ނަޒަރެއްދީފައި ތިރިއަށް ބަލާލިއެވެ. ކުދިވެފައިވާ ބިއްލޫރިތައް އެތަން މިތަނަށް ބުރައިގެން ގޮސްފައިވެއެވެ.

“އެއީ އެއްވެސް ކަމެއްނޫން އަވަހަށް ސާފުކޮއްލާ ….” ނިޒާރު އެކަން މާ ބޮޑުކަމަކަށް ނުހަދައެވެ. ޒީނިޔާ އަވަސްވީ އެތަން ސާފުކުރާށެވެ.

“ބޮޑުބެ މިބުނި ގޮތާ ގަބޫލުތަ؟…” އައްފާނު ރަކި ހިންޏެއް އައިސްއިނީއެވެ.

“އޯކޭ އަހަރެން ގަބޫލު…އަހަންނަށް މީހަކު ނުވެއްޖެޔާ ދެން ބޮޑުބެ ދައްކާ މީހަކާ އިންނާނީ….” ނޫން ގޮތަކަށް ޒީނިޔާއަށް ބަލާލަމުން އައްފާން ބުނެލިއެވެ. ޒީނިޔާ ހިތުގައި ޖެހުނުވަރުން ސާފުކުރަން އިނދެފައި އައްފާނު އާ ދިމާއަށް ބަލާލިއެވެ. އައްފާނުގެ މޫނުން ނަޒަރު ވަކިކޮށްނުލާ އިނދެފައި ޓައިލްސްމަތީ އަތް ހިންގާލެވުނެވެ. ބިއްލޫރިކޮޅެއް އަތާއި ސީދާވުމުން ތޫނުތަދެއް އިހްސާސްކުރެވުނެވެ.
“އާހް…” އެތްއަތުން އަނެއްއަތުގައި ހިފަހައްޓާލައިގެން ޒީނިޔާ ކޮޅަށްތެދުވިއެވެ.

“އަހާން ކިހިނެތް ތިހެދީ…އަތް ކެފުނީތަ” ނިޒާރު އެހެން ބުނެވުނުއިރު އައްފާން ގޮސް ޒީނިޔާ އަތުގައި ހިފަހައްޓާފިއެވެ. އައްފާނު ބަލާލިއިރު ޒީނިޔާ އަތުން ލޭއާދެއެވެ.

“ވަރަށް ބޮޑަށް ކަފާންގޮސް….ހިނގާ ހޮސްޕިޓަލަށްދާން….” ނިޒާރުވެސް ޒީނިޔާ ކައިރިއަށް އައިސް ހުރީ ލޭއަންނަވަރުން ކަންބޮޑުވެ ހުރެއެވެ. އައްފާން ލޭމަނާ ކުރަން ކުޑަތުވާލިކޮޅެއް ނަގާ ޒީނިޔާގެ އަތުގައި އޮޅާލަދިނެވެ.

“ހިނގާ ހޮސްޕިޓަލަށްދާން ….ދޯބޮޑުބޭ…” އައްފާން ރޮވިފައިހުރި ޒީނިޔާއަށް ބަލާލާފައި ނިޒާރަށް ދޯ ދިނެވެ. އޭރުވެސް އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އެކޯތާފަތުގައި ބޮސްދެމުން ދިޔައެވެ.
“އާނ ހޮސްޕިޓަލަށްދާން ވާނީ …ދޭ އައިޑީ ކާޑު ހިފައިން އަންނަން…” ނިޒާރު ބުނުމުން ޒީނިޔާއަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ.

“ބޮޑުބެ މަޑުކުރޭ ގޭގަ އަހަރެން ހިނގައިދާނަން ޒީނިޔާ އެކު….” ނިޒާރުވެސް އެގޮތާ ގަބޫލުވިއެވެ.

“އެންމެ ރަނގަޅު މިހާރު ނަވީންމެން ވެސް އަންނަން އުޅޭނެ ” ދެދުވަހުގެ ޗުއްޓީނިންމާލައިފައި ނަވީންމެން ދެމަފިރިންވެސް ގެއަށް އަންނަ ވަގުތު ގެ ފަޅުކޮން ބާއްވަން ނިޒާރުވެސް ބޭނުން ނުވީއެވެ
ކުޑައިރުކޮޅެއް ފަހުން ޒީނިޔާ ކާރަށް އަރަން އައިރު އައްފާނު އެކަނި އިނުމުން ކުޑަކޮން ޖެހިލުންވިއެވެ. ފަހަތު ސީޓު ދޮރު ލޮކް ކޮއްފައި ހުރުމުން ޒިނިޔާއަށް އަރަން ޖެހުނީ ކުރިއަށެވެ. ނިކަން ހެވިފައި އައްފާނު އިނުމުން ޒީނިޔާއަށް އުނދަގޫ ގޮތެއްވިއެވެ.

“ވަރަށް ހިތްހަމަޖެހިފަދޯ ތިއިނީ …” އައްފާން ކޮއްލި ސުވާލުން ޒީނިޔާއަށް ލިބުނީ ހައިރާންކަމެވެ.

“ތިބުނީ….” ދެލޯ ހަނިކޮއްލަމުން ޒީނިޔާ ބުނެލިއެވެ. އޭނާ ހިތްހަމަޖެހެންވީ ކަމެއް އޭނާއަކަށް ނޭގެއެވެ. ނިޒާރު އައްފާނަށް ތިންމަސް ފަހުން ކައިވެނި ކުރާނެ މީހެއް ހޯދައިދޭތީ ހެއްޔެވެ؟ ނޫނީ އޭނާގެ އަތްކަފައިން ގޮސް އަތުގައި ވޭން އަޅާތީ ހެއްޔެވެ؟

” މިބުނީ އަތް ކަފާލާފަ ވަރަށް އުފަލުންދޯއޭ ތިއިނީ މަށާއެކީ ރައިޑަކަށް ދެވޭތީ…..” ޒީނިޔާ ތުންއަނބުރާލައި މޫނު އަނބުރާލިއެވެ. ކާރު ސްޓާޓުކޮއްލައި ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހިއެވެ.
“ރަނގަޅު އަތްހަލާކު ކޮއްލިކަން އެހެންނަމަ މިޗާންސްވެސް ނުލިބޭނުން ދޯ ބިއުޓިފުލް…”މޫނު އަނބުރާލިގޮތަށް ޒީނިޔާ އިނީ އައްފާނާއި ދިމާއަށް ބަލައިނުލާން ނިންމައިގެންނެވެ.

“އަސްލު ކީއްވެގެންތަ ތަށިތަޅާގެން ދިޔައީ…” އަނގަ ހިމޭނުން އެންމެ ވަގުތުކޮޅަކު އިނުމަކީވެސް އައްފާނަށް އުނދަގޫކަމެއްހެން ހީވެއެވެ. ޒިނިޔާ ހިތާހިތުން އައްފާނަށް އެއްޗެހިކިއެވެ. ނުރުހުން ވެގެނެއް ނޫނެވެ. އަނގަ ގަދަކަމުންނެވެ.

“ނޭ…ގެ” ފަރުވާކުޑަ ގޮތަކަށް ޒީނިޔާ ބުނެލިއެވެ.

“މަބުނަންތަ ކީއްވެކަން ތަށިވެއްޓުނީ….” ދެން ދިޔައީ ހިމޭންކަމުގެ ސިކުންތުކޮޅެކެވެ. ޒީނިޔާ އެއްޗެއް ނުބުނެ އެއް އަތުން އަނެއް އަތުގައި ހިފަހައްޓާލައިގެން އިނެވެ.

“ބޮޑުބެ މަށަށް މެރީކުރާނެ ކުއްޖެއް ހޯދައިދޭ ވާހަކަ ބުނީމަ ހާޓް މާބޮޑަށް ޑިންޑިންވީ ދޯ” ޒީނިޔާ މޫނުމަތި ރަތްވެގެން ދިޔައެވެ. ރަކިވި ވަރުން ތުންފަތުގައި ދަތްއަޅާލެވުނެވެ. އައްފާން އޭނާ ލަދުގަންނަވަން އުޅެނީ ހެއްޔެވެ؟ ނޫނީ އޭނާ ހިތްއޮތް ގޮތްވެސް އައްފާނަށް އެނގެނީ ހެއްޔެވެ؟

“ޕިސް ޕިސް…. “ދެފަރާތަށް ބޯހޫރާލަމުން ޒީނިޔާއަށް ބުނާނެ އެއްޗެއް ނޭގުނެވެ.

” ދެން ކީއްކުރާނީދޯ….ބިއުޓިފުލްއަށް މަ ކަމަކު ނުދިޔަ ވިއްޔާ…” އައްފާން ރާގު ބަދަލުވީ ވަރުން އެމޫނަށް ބަލައިނުލާ ޒީނިޔާއަށް ނީދެވުނެވެ.

“ކަމުދާނަމަ ޖަވާބެއް ދިނީހެންނު ….އެހެންނު” ސީދާ ޒީނިޔާގެ ދެލޮލަށް ބަލަން އިނދެ އައްފާން އެހެން ބުނުމުން ޒީނިޔާގެ މެޔަށް ހީވީ ފިނި ފެން އެއްޗެއް އޮއްސާލިހެންނެވެ.ޒީނިޔާ އަވަސްއަވަހަށް އިސްޖަހާލިއެވެ. ކާރު ގޮސް ހޮސްޕިޓަލްކައިރިއަށް ހުއްޓިކަންވެސް ޒީނިޔާއަށް ރޭކާނުލިއެވެ.

“ނުފައި ބަންތަ ތީނީ ….އުރާލާން ވެސް ގެންގޮސްދާނަން…” އައްފާން ކާރުން ފައިބައިގެން އައިސް ޒީނިޔާ ނިކުންނަން ދޮރުހުޅުވާދިނެވެ. ޒިނިޔާ ފުންނޭވާއެއް ދޫކޮށްލައި ކާރުން ފޭބިއެވެ. އަދި ދެމީހުން އެއްހަމައެއްގައި ތިބެ ގޮސް ހޮސްޕިޓަލު ގޭޓުން އެތެރެއަށް ވަނެވެ.

***********************************
ރިސޯޓު ދަތުރު ނިންމާފައި އާއިރު ޖޫލީ ހުރީ ނިކަން ބޮޑަށް ވަރުބަލި ވެފައެވެ. ކަނޑުގަދަކަމުން ދެފަހަރަކު ހޮޑުވެސް ލެވުނެވެ. ޖޫލީ އަރާމުކުރަން ބާއްވާފައި ނަވީން ނިކުތީ ބޭރަށެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލި ކަމަށްވުރެން ބޯހަމަޖައްސާލަން އޭނާ ހުރީ ބޭނުންވެފައެވެ. ހިތުގައި ހުރި އުދާސްތަކާއި ސިކުނޑީގެ ހައިޖާނުން އޭނާ ހުރީ މިންޖުވާން ބޭނުންވެފައެވެ. އިތުބާރުކުރެވޭ ގާތް މީހަކަށް ހުރިހާ ވާހަކައެއް ހިއްސާކުރަން ހުރީ ނިކަން ބޭނުން ވެފައެވެ.

ނަވީނަށް ފެނުނު އެންމެ ރަނގަޅު މީހަކީ އައްފާނެވެ. ދެމީހުން އެކީ ކޮފީއަކަށް އަރާ ތިބެ ނަވީން ހުރިހާ ވާހަކައެއް އައްފާނަށް ކިޔާދިނެވެ.

” އަސްލު ނަވީންކަންތައް ތިކުރީ ރަނގަޅަކަށް ނޫން….ޖޫލީއަށް ހަގީގަތް އެނގެން ޖެހޭނެ….” އައްފާން ކުށްވެރިކުރީ ނަވީނެވެ.

“އެކަމަކު….ޖޫލީ ހާދަ ދެރަވާނޭ އޭނައަށް ކުދިން ނުލިބޭކަން އެނގިއްޖެޔޭ…” ނަވީން އަބަދުވެސް ވިސްނަނީ ޖޫލީއާ މެދުއެވެ.

“މިހާރު ވަކިން ޖޫލީ އުފާވޭތަ؟ ނަވީނަށް ކުދިން ނުލިބޭކަން އެނގި ޖޫލީ ރަނގަޅުކަން އެނގިގެން “އައްފާން ހުރީ ކުޑަކޮން ހިތްހަމަނުޖެހިފައެވެ. ނަވީން އެކަހަލަ ތާކުން ތާކު ނުޖެހޭ ނިންމުމެއް ނިންމީތީއެވެ.

“ދެން ތި ވިސްނަނީ ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ގެންނަން؟” ކޮފީތަށިން އެތިފޮދު ފޮދުން ބޮމުން އައްފާން ސުވާލުކުރިއެވެ.

“އާނ އެނޫން ގޮތެއް ދެން ނެތެއްނު ” ނަވީން މޮޅިވެރި ގޮތަކަށް ބުނެލިއެވެ.

“އެނޫން ގޮތެއް ނެތޯ…..ކާކުގެ ތަ މައްސަލަ ހުރީ…..ޖޫލީގެ އޭނުން…..ނަވީން ރަނގަޅޭނުން ” އައްފާން މަޑުން ވާހަކަ ދެއްކި ނަމަވެސް އޭނާ ރުޅި އައިސްފައިވާކަން އެނގެއެވެ. ނަވީނަށް ނުވިސްނޭ ކަން ހިތަށް އަރާ އޭނާ ހިތާމަ ކުރިއެވެ.

“ދެން ” ރިޕޯޓް ލިބުނު ފަހުން ނަވީނަކަށް އެކައްޗެއްވެސް ނުވިސްނެއެވެ. ވިސްނިޔަސް ރަނގަޅު ނިންމުމެއް ނިންމާކަށް ނުވެސް އެނގެއެވެ.

“މަބުނާ ގޮތެއް ހަދާނަންތަ؟” ނަވީން ހުރީ އައްފާން ދޭ ކޮންމެ ހިޔާލަކަށް ރުހި ގަބޫލުވާން ނިންމާގެންނެވެ.

“ދަރިއަކު ތިހާ ބޭނުމިއްޔާ އެހެން ކައިވެންޏެއް ކުރަން ކެރޭނެތަ؟ ނަވީން ދެއަންބަށް ވިޔަސް މީހަކާ އިންނަންވީ….” ނަވީނަށް ހީވީ ތޫނު ހަންޖަރެއް އޭނާގެ ހިތަށް ހަރާލިހެންނެވެ.

~ ނުނިމޭ~

ޚިޔާލު ފޮނުއްވާ