އިންތިހާ ލޯބިވަމޭ

ގޭތެރޭގައި އެކި މީހުން އެކި މަސައްކަތުގައި އުޅެމުން ދިޔައެވެ. މުޅި ގޭތެރެ ވަނީ ހަލަބޮލިވެފައެވެ. ގަޑިން 20:30 ވާކަށް މާގިނަ އިރެއްނެތެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި އަހަރެން އެންމެ އިންތިޒާރުކުރަމުން އައި ވަގުތެވެ. އަހަރެންގެ ކައިވެނިވާ ވަގުތެވެ. ހުވަފެނުން ވެސް ނުދެކޭހާ ފުރިހަމަ ގޮތަކަށް ކައިވެނީގެ ހުރިހާ ކަމެއް ވެސް ވަނީ ތައްޔާރުކުރެވިފައެވެ. އޭރު އަހަރެން އިނީ އަހަރެންގެ ކައިވެނި ހެދުމުގައި ތައްޔާރުވެގެންނެވެ. ރެޔަކީ އެންމެ ބޭނުންވި ގޮތަށް ހުރިހާ ކަމެއް ވެސް ތައްޔާރުވެފައިވާ ރެއެކެވެ. އެރެއަށް ތައްޔާރުނުވަނީ ހަމައެކަނި އަހަރެންގެ ހިތެވެ. މޫނުމަތިން އެންމެންނަށް ދައްކަމުން ދިޔަ ހިނިތުންވުން ވަގުތު ޖެހުމާ ގާތްވަމުން ދިޔަވަރަކަށް ދިޔައީ ފަނޑުވަމުންނެވެ. އާ ޙަޔާތެއް ފެށުމަށް ކުރިޔަށް އަޅާފައިވާ ފިޔަވަޅަށް ހުއްޓުންއަރަން އުޅޭކަހަލައެވެ. އާ ޙަޔާތަކަށް އެދި ފަށަން މިއުޅޭ ދަތުރަށް ފެށްޓުމުގެ ކުރިން ލިބިފައިވާ ވަގުތު ކޮޅުތެރޭގައި ފަސް އެނބުރި އަހަރެންގެ މާޒީއަށް ބަލައިލެވުނެވެ. އެއީ އުފަލުން ފުރިގެންވާ ދުވަސްތަކެކެވެ. ދުވަހަކު ވެސް ހިތުން ނުފިލާނެ ދުވަސްތަކެކެވެ. ފުރަތަމަ ލޯބީގެ މާތައް ފޮޅި އޭގެ އަބީރުން ދެހިތް މަސްތުވެ ދިޔަ އުފާވެރި ދުވަސްތަކެކެވެ. މި ކައިވެންޏަކީ އެލޯބިވެރިޔާއަށް އަބަދުގެ އަބަދަށް ހިތްހަމަ ޖެހުން ގެނެސްދޭނެ ބާއްޖަވެރި ކައިވެންޏެއް ކަމަށްވުމަށް އެދި ދުޢާކުރެވުނެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަންނާއި ރިޝްވާނަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެރައްޓެހިންނެވެ. އެކުގައި ވަގުތު ހޭދަކުރުމަކީ ދެމީހުންގެ ވެސް އާދައެކެވެ. ރިޝްވާނަކީ ހުރިހާ ކުޅިވަރަކަށް ވެސް ވަރަށް ލޯބި ކުރާ ކޮންމެ އުމުރުފުރައެއްގެ ބަޔަކާ ވެސް ވަރަށް ގުޅޭ ވަރަށް ސަކަ މިޒާޖެއްގެ މީހެކެވެ. ރަށުގެ ގިނަ ބަޔަކު ވަރަށް ލޯބިވާ ފަދަ ސިފަތަކެއް ހުރި މީހެކެވެ. ގިނަ އަންހެން ކުދިން އޭނަގެ ހިތުން ޖާގަ ހޯދުމަށް މަސައްކަތްކުރަމުންދިޔަ ރީތި ފިރިހެނެކެވެ. ރީތިކަމާއި ރަނގަޅުކަމާ އެއްވަރަށް ފޮނި ވެސް މީހެކެވެ. އަހަރެންގެ ހިތް ދަމައި ގަންނާނެ ހުރިހާ ސިފައެއް އޭނަ އަށް ލިބިގެންވެއެވެ. އެކަމަކު އަހަރެންގެ ހިތުގައި ގާތް ރައްޓެއްސެއްގެ ޖާގަ ނޫން އިތުރު ޖާގައެއް ރިޝްވާނަށް ދޭކަށް އެއް އިރަކު ވެސް ހިތަކަށް ނާރައެވެ.

ރަށުގެ އެންމެންހެން އަހަރުމެން ދެމީހުންގެ ގުޅުމަށް އެތައް ނަމެއް ދީގެން އުޅުނެވެ. އެކަމަކުން ވެސް އެ އެކުވެރި ކަމަކަށް ބަދަލެއް ނާދެއެވެ. އެކަމަކު އަޅުވާކިޔުމަކީ އިސްތިރިއެކޭ، މީހުން ބުނެއުޅޭ ވާހަކައަކީ ހަގީގަތެއްކަން އަހަންނަށް ގަބޫލުކުރެވެން ފެށިއެވެ. ރިޝްވާނު އިތުރު އަންހެންކުއްޖަކާ މާ ބޮޑަށް ގައިގޯޅިވާން ފަށައިފިނަމަ އަހަރެންގެ ހިތަށް އުނދަގޫތަކެއް ވާންފަށައެވެ.

އެދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އަހަރެން ހުރީ ދޮވެފައި ހުރި އެއްޗެހި ހިއްކަން އަޅާށެވެ. އެދުވަހު މަންމަ އިނީ ޖޯލީގައި ހަނޑޫ ހޮވާށެވެ. ހަޑޫ ހޮވަން އިންނަމަވެސް މަންމަ އަހަންނާ ވާހަކަދައްކަމުން ދިޔައެވެ. ކައިވެނީގެ މުހިންމު ކަމުގެ ވާހަކައެވެ. ޒުވާން އަންހެން ކުއްޖަކު ސްކޫލް ނިންމާފައި ހުސްހަށިބައިކޮށް ހުރުމަކީ ރަގަޅު ކަމެއް ނޫންކަމަށް ބުނެ އެތައް ވާހަކައެއް ދެއްކިއެވެ. އަހަރެން އެވާހަކަތަކަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. އެކަމަކު ކޮންމެވެސް މީހަކާ ގުޅޭށޭ މަންމަ ބުނާ ކޮންމެ ފަހަރަކު އަހަރެން މާބޮޑު ވިސްނުމެއްނެތި ޖަވާބުދެމެވެ. އަދި މީހަކާ އެފަދަ ގުޅުމެއް ބާއްވަން ބޭނުންނުވާ ވާހަކަ ބުނީމެވެ. އަދި ކައިވެނި ކުރާނެ މީހަކު ނުވެއްޖެ ނަމަ އަހަރެން ރިޝްވާނާ އިންނާނަމޭ ވެސް ބުނީމެވެ. އެވަގުތު އަހަންނަށް ފުރަގަސްދީގެން އިން މަންމަގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ފަސްއެނބުރި ބަލައިލިއިރު ރިޝްވާން މަންމަގެ ގާތުގައި ޖޯލިފަތީގައި އިށީދެގެން އިނެވެ. އެއީ ކުރިން އަހަންނަށް ވާގޮތެއް ނޫނެވެ. އެކަމަކު ރިޝްވާން ފެނުމުން ލަދުގަތެވެ. ރަކިވިއެވެ. އެކަމަކު ވަރަށް ރުޅި އަންނަ ކަމަށް ހަދާފައި ކޮޓަރިއާ ދިމާއަށް ދުއްވައިގަތީމެވެ. އިރުކޮޅެއް ނުވެ ރިޝްވާން އައިސް ދޮރުގައި ޓަކި ޖެހިއެވެ. ކީއްވެކަމެއް ނޭގެއެވެ. އަހަރެން ދޮރުހުޅުވުމަށް ފަސްޖެހުނީމެވެ. ލަދުގަތްފައި ހުރިވަރުންނެވެ.

އެރޭ އަހަރެންގެ ބައެއް ރަހުމަތްތެރިން އަތިރިމަތީގައި މަސްފިހާތީވެ އަހަރެން ވެސް އެމީހުންނާ ބައިވެރިވާން އެތަނަށް ދިޔައިމެވެ. އޭރުވެސް ހެނދުނު ކަންތައްވީގޮތުން ހުރީ ރިޝްވާންގެ ކުރިމައްޗަށް އަރަން ޖެހިލުންވެފައެވެ. ނަސީބަކުން އަހަރެން އެތަނަށް ދިޔައިރު ރިޝްވާން އަހަންނަށް ފެންނަ ހިސާބަކު ވެސް ނެތެވެ. ހިތަށް ފިނިކަމެއް ލިބުނެވެ. އެކަމަކު ރިޝްވާން އެތަނުން ނުފެނި ގިނައިރުވާން ފެށުމުން ހާސްވާން ފެށިއެވެ. އެއީ އަހަންނަށް ރިޝްވާން ދެކެ ލޯބިވެވިއްޖެކަން ގޮތަކަށް ޔަގީންވާން ފެށިވަގުތެވެ. އިރުކޮޅެއް ނުވަނީސް އެކުގައި ތިބި މީހުން ދެބަޔަކަށް ބެހި ލަވަބާޒީ ކުޅެން ފެށިއެވެ. ޖަހާފައި ހުރި އަލިފާން ގަނޑުގެ ދެފަރާތުގައި ދެބައި މީހުން އެތުރި ތިބެ ލަވަބާޒީ ކުރިއަށް ގެންދިޔައެވެ. ލަވަޔަކަށް ފަހު ލަވައެއް ކިޔަމުންދިޔަ އިރުވެސް އަހަރެންނަށް އިނދެވުނީ ރިޝްވާންގެ އިންތިޒާރުގައެވެ. އަހަރުންނާ އިދިކޮޅު ގުރޫޕަށް ކާފަކުން ލަވައެއް ކިޔަން ޖެހުނު ވަގުތެވެ. އެމީހުންނަށް ލަވައެއް ހަނދާންކުރަން ވަގުތު ކޮޅެއް ނެގިއެވެ. ކުއްލިއަކަށް އެމީހުންގެ ފަހަތުން ކާފަކުން ލަވައެއް ކިޔަމުން ރިޝްވާން އަންނަތަން ފެނުނެވެ. ''ކަލާޔަށް މިހިތް ލޯބިވީތީ ދިނީމޭ ހިމާޔަތް ލިބޭނޭ ކަމަށް ހީކުރީމޭ....'' އަހަރެންގެ މޫނު މައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. ރިޝްވާން އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ޝުޢޫރުތައް އޭނަގެ ދުލަށް ގެނައިކަހަލައެވެ. ކުރިއަށް ދިޔަ ލަވަބާޒީގެ ފޯރި ގަދަވެގެންދިޔައެވެ. ރިޝްވާންގެ ކޮންމެ ލަވައެއް އެއީ އަހަންނަށް ކިޔައިދެމުންދިޔަ ލަވައެއް ހެން ހީވިއެވެ. އެރެއިން އެރެއަށް ރިޝްވާން އަހަރެންގެ މީހަކަށް ވާނެނަމައޭ ހިތަށް އެރިއެވެ. ހިތަށް އުނދަގޫތަކެއްވާން ފެށިއެވެ. އަހަރެންގެ ހިތުގައި މިވާފަދަ ލޯތްބެއް އޭނަގެ ހިތުގައި ނުވާނަމަ މި ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ވެސް ގެއްލިދާނެއޭ ހިތަށް އެރިއެވެ. ހިތް ހާސްވެ އެތަނުން ތެދުވެ ދުރަށް ދާން ހިނގައިގަނެވުނުތަނާ ރިޝްވާން ކޮޅަށް ތެދުވެ ލަވައެއް ކިޔަން ފެށިއެވެ. އެލަވަ އިވުމުން ވީ ގޮތެއް ވެސް އަހަންނަކަށް ނޭގުނެވެ. އަހަރެން ގަޑުވި ކަހަލައެވެ.
"ބިންވަޅު ފަށަން ޖެހިފައިވީ ލޭގާވި ރަމްޒު ދެއަކުރުން...މިއަސަރު ހިތަށް ކޮށްފައިވީ ވައިރޯޅިއަށް ވެސް ސިއްރުން.....އެކި އެކި އެހީތައް ދީގެން އުއްމީދު އާލާ ކުރެޔޭ...ފިކުރާވެ ހިތް ލެނބިދާހާ މަދަދާ އެހީ ދީ ހަދައޭ....ހިތް އޮތް ގޮތެއް ނޭގޭތީ ލޯތްބަށް އެދެން ފަސްޖެހެޔޭ...ހިތް ހުސްކަމެއް ނޭގޭތީ ހިތް ދޭން ބުނަން ލަދު ގަނެޔޭ...." ރިޝްވާން ލަވަކިޔަމުން މަޑުމަޑުން އަހަންނާ ގާތަށް އައެވެ. އެތާ ތިބި މީހުންނަށް އެވަގުތު ހީވީ ފިލްމެއްގެ މަންޒަރެއް ސިފަވީހެންނެވެ. އަހަރެންނާ ގާތަށް ހުއްޓުމަށްފަހު ރިޝްވާން ބުނަން ބޭނުންވި ވާހަކަ ވަރަށް ސާފުކޮށް ބުނެފިއެވެ. "މިއަދު ހެނދުނު ޝިފާގެ ދުލުން އަހަރެންނާ އިންނާނަމޭ މަޖަލަކަށް ބުންޏަސް، އެންމެ ކުރީއްސުރެ މިރިޝްވާންގެ ހިތުގައި މަޖަލަކަށް ވިޔަސް ސީރިއަސްކޮށް ވިޔަސް އޮންނަ ހަމައެކަނި ނަމަކީ ތިޝިފާގެ ނަން. އަދި މި ކީ ލަވައިގައި ބުނާހެން އެކުވެރިކަން ގެއްލިދާނެތީ ނޫނީ ތިހިތުގައި އޮތް އެއްޗެއް ނޭގޭތީ ހިތްވަރެއް ނުލިބުނީ. މި ލޯތްބަށް ޝިފާ ދޭނީ ކޮންޖަވާބެއް" އެވަގުތު އެއީ އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިގެންދިޔަ ވަގުތެވެ. ބުނާނެ އެއްޗެއް ނޭގި ލަދުރަކި ގޮތަކަށް ރިޝްވާންގެ ގައިގައި ބައްދާލެވުނެވެ. އެތާ ތިބި އެންމެންގެ ހުނުމާ ދިމާކުރުމުގެ އަޑު ގަދަވެގެން ދިޔައެވެ.

އެރެއަށްފަހު ފާއިތުވެގެންދިޔަ ކޮންމެ ދުވަހަކީ އަދި ކޮންމެ ވަގުތަކީ އަހަރެންގެ ދިރިއުޅުމުގައި އުފަލުން ފުރިގެންދިޔަ ވަގުތެކެވެ. ދެ އަހަރު ދުވަސް އެކުގައި ހޭދަވެގެން ދިޔައިރު އެންމެ ކުނިކޮޅެއް ވެސް އަހަރުމެންގެ ގުޅުމުގައި ނުޖެހެއެވެ. ނަމަވެސް ކޮންމެ ދިރިއުޅުމަކަށް ވެސް އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނޭ ބުނާހެން އެވަގުތު އައިސް ޖެހުނެވެ. އެއް އަހަރު ދުވަހުގެ ކޯހަކަށް ރިޝްވާން މާލެ އަށް ބަދަލުވިއެވެ. އޭރު އަހަރެން މަސައްކަތްކުރަމުން ދިޔައީ ރަށުގެ ޞިއްޙީ މަރުކަޒުގައެވެ. އަހަރުގެ ފުރަތަމަ ފަސް މަހެއްހާ ދުވަސް ހޭދަވެގެން ދިޔައީ ކުރިއެކޭ ވެސް އެއްފަދައިންނެވެ. ނަމަވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް ރިޝްވާނަށް މަޑުމަޑުން އަންނަން ފެށިއެވެ. އަދި އަށް މަސް ދުވަސްވީއިރު ރިޝްވާނާ މާލޭގައި އޭނަ ހުންނަ ގޭގެ އަންހެންކުއްޖަކާ އެކުގައި އުޅޭ ކަމުގެ އަޑު ރަށުތެރެއަށް ފެތުރިގެންދިޔައެވެ. އެއަޑަކަށް އޭރު އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ. ނަމަވެސް ރިޝްވާންގެ ފޯންކޯލްތައް މަދުވުމާއި ވާހަކަދެއްކުން ބަދަލުވުމުން އެކަމާ ބެހޭގޮތުން ސުވާލުކުރީމެވެ. އެއަށް ރިޝްވާން ދިން ޖަވާބަކީ އޭނަ އަހަންނަށް ބޭވަފާތެރިއެއް ނުވާނެކަމެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރިޝްވާންގެ ފޯނުކޯލްތައް އައުން ހުއްޓުނެވެ. އަދި އަހަރެން ގުޅާއިރު ފޯނު އޮންނަނީ ނިވާލާފައެވެ. ރިޝްވާންގެ އާއިލާ މީހުންގެ ފަރާތުން އެނގުނު ގޮތުގައި ރިޝްވާން އެއް މަސް ދުވަހުގެ ޓްރެއިނިންއަކަށް އިންޑިއާއަށް ދިޔައީއެވެ. އެކަމަކު އެވާހަކަ އަހަރެން ގާތުގައި ނުބުނަންވީ ސަބަބެއް ނެތެވެ. އޭގެ ހަފްތާއެއް ފަހުން އަހަންނަށް ރަށުކުއްޖެއްގެ ފޯނުން ރިޝްވާނާ މާލޭގައި އޭނައާއެކު އުޅޭ އަންހެންކުއްޖާގެ ގައިގޯޅި ފޮޓޯތަކެއް ފެނުނެވެ. އޭގެފަހަކުން ރިޝްވާންގެ އެއްވެސް ހަބަރެއް އަހަންނަކަށް ނުލިބެއެވެ.

މަސް ދުވަސްފަހުން ރިޝްވާންގެ ފޯނުން އަހަންނަށް ލިބުނީ މެސެޖެކެވެ. އެކުގައި އުޅެން ބޭނުން ނުވާކަމުގެ ވާހަކައެވެ. އަދި އޭނާއަށް މައާފް ކުރުމަށް އެދިއެވެ. ރިޝްވާނަކީ އެފަދަ އިހާނެތި ގޮތެއް އަހަންނަށް ހަދާނެ މީހެއް ކަމަށް ގަބޫލުކުރަން ދަތި ވުމުން އަހަރެން މާލެ ދިޔައީމެވެ. އަދި ރިޝްވާން އުޅޭ ގެއަށް ރައްޓެއްސެއްގެ އެހީގައި ވަރަށް ހިތްވަރާއެކު ދިޔައީމެވެ. ރެއަކީ ވިއްސާރަ ރެއެކެވެ. އެގޭ ދޮރުމަތީ ހުރެ ސަލާން ގޮވުމުން ވެސް ހަބަރެއް ނުވިއެވެ. ބިރެއްނެތި މަޑުމަޑުން އެތެރެއަށް ވަދެގެން ދިޔައީމެވެ. ކުރިމަތީ ހުރި ކޮޓަރިން ރިޝްވާންގެ ހުނުމުގެ އަޑުއިވުމުން އެކޮޓަރިއާ ދިމާއަށް ފިޔަވަޅު އެޅީމެވެ. ކޮޓަރީގެ ދޮރުހުޅުވާފައި ހުރުމުން އަހަންނަށް ފެނިގެންދިޔަ މަންޒަރުން އަހަރެން ހައިރާންވިއެވެ. މީހުން އެކީ އެއްޗެހި ގަބޫލު ނުކުރެވުނަސް ލޮލަށް ފެނުނު މަންޒަރަށް ފުރަގަސް ދޭކަށް ނުކެރުނެވެ. ރިޝްވާނާއި އެ އަންހެންކުއްޖާ ތިބީ އެނދުމަތީގައި ސަކަރާތްޖަހާށެވެ. އެސަކަރާތަކީ އެކުވެރިން ޖަހާ ފަދަ ސަކަރާތެއް ނޫނެވެ. އެއަށް ވުރެ ގައިގޯޅިއެވެ. އެއަންހެން ކުއްޖާ ފަސް އެނބުރި ދޮރާދިމާއަށް ބަލައިލިއެވެ. އަދި ރިޝްވާން ވެސް ދޮރާ ދިމާއަށް ބަލައިލިއެވެ. އޭނައަށް އަހަރެން ފެނުމުން މާކަ ބޮޑު ގޮތެއް ވިހެންނެއް ހިޔެއް ނުވެއެވެ. މަޑުމަޑުން އެނދުން ތެދުވެގެން އަހަންނާ ދިމާއަށް ރިޝްވާން އައެވެ. އަހަރެންނަށް ސިފަވެގެން ދިޔައީ ރިޝްވާން އަހަންނަށް ލޯބިހުށަހެޅުމަށް އައި ވަގުތެވެ. އެކަމަކު މިފަހަރު ތަފާތެވެ. އެ ލޯތްބެއް ރިޝްވާންގެ މޫނުމައްޗަކުން ސިފައެއް ނުވެއެވެ. އަދި ރިޝްވާން ބޭނުންކުރި ބަސްތައް ވެސް ތަފާތެވެ. އޭނަ ބުނީ ދިރިއުޅުމަކީ ބަދަލުތަކެއް އަންނާނެ އެއްޗެއް ކަމަށެވެ. އަދި މީހުންނަށް ވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. ރިޝްވާނަށް އެބަދަލު އައިސްފައިވާ ކަމަށެވެ. އަދި އަހަރުމެން ދެމީހުންގެ ގުޅުމަކީ ކުޑައިރު އޮތް އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން އުފެދުނު ގުޅުމެއް ކަމަށެވެ. އަހަރެން ރިޝްވާނާ ދިމާއަށް އެރޭ އެންމެ ބަހެއް ވެސް ނުބުނަމެވެ. ވެހެމުންދިޔަ ވާރެއާއެކު އަހަރެންގެ ހުރިހާ އުންމީދަކާއި ހުވަފެނެއް ކުދި ކުދި ވެގެން ފެނަށް ގިރިގެން ދިޔައީއެވެ.

ރިޝްވާނާއި އަހަރެންގެ ގުޅުން ނިމުމަކަށް އައުމުން އެފޮނި އުފާވެރި ދުވަސްތަކުގެ ހަނދާންތައް ކަފުންކުރުމަށް ފަހު އަހަރެން ދިޔައީ ލަންކާއަށް ނަރސިންގެ ރޮނގުން ކިޔަވާށެވެ. ފޮނި އުންމީދު ތަކަކާއެކުއެވެ. އައު ޙަޔާތެއް ފެށުމުގެ އުންމީދުގައެވެ. އެއް އަހަރު ދުވަހުގެ ކޯސް ނިންމުމަށްފަހު މާލެ އައިސް މާލޭގެ ހޮސްޕިޓަލެއްގެ ނަރުހެއްގެ ވަޒީފާއަށް އަހަރެން ނިކުތީމެވެ. އޭރު ދިރިއުޅުމަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ރިޝްވާންގެ ހަނދާންތައް ހިތުން ނުފިލި ކަމުގައި ވީ ނަމަވެސް އައު ދިރިއުޅުމަކަށް މިސްރާބުޖެހިފައެވެ.

ހޮސްޕިޓަލްގެ ޑިއުޓީއަށް ފުރަތަމަ ނިކުތް ދުވަހެވެ. އެއީ އަހަރެންގެ އައު ދިރިއުޅުމުގެ ފެށުމެވެ. ރިޝްވާނާއެކު ހޭދަކުރި ދުވަސްތަކަށް ފަހު އުޖާލާ މުސްތަގްބަލަކަށް ފިޔަވަޅު އެޅި ދުވަހެވެ. އަހަރެން ފުރަތަމަ ޑިއުޓީ އަށް ނިކުތް ދުވަހު ޖެހުނީ ނަރުހުންނާއެކު ބަލިމީހުންގެ ޑްރެސިންގ އަދި އެހެނިހެން ކަންތައްތަކުގައި އުޅޭށެވެ. ބަލިމީހަކަށް ފަހު ބަލިމީހެއްގެ މަސައްކަތް ނިންމަމުން ގޮސް އަހަންނަށް ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާފަދަ މީހަކާއެވެ. ދުނިޔޭގައި ދިރިއޮތުމުގެ އުންމީދު ކަނޑާލައިފައިވާ ލޯފަން މީހަކާއެވެ. ކެންސަރުގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. އެއީ އަހަރެންގެ މާޒީއެވެ. އަހަރެންގެ ރިޝްވާނެވެ.

އަހަންނަށް ހުރެވުނުތަންވެސް ނޭގުނެވެ. އޭނަ އޮތީ ދިރިހުރުމުގެ އުންމީދުކަނޑާލާފައެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައެވެ. މީހާއަށް ފަރާތަކަށް ހިރިވެސް ނުލެވެއެވެ. ގައިގައި އެއްވެސް އިޙުސާސެއްނެތެވެ. މުޅި މީހާ އޮތީ ޕެރަލައިޒްވެފައެވެ. އަހަންނަށް ފަސް ޖެހެވުނެވެ. ރިޝްވާންގެ ގާތުގައި އިނީ އޭރު އޭނާއާ ގުޅުމެއް އޮތްކަމަށްބުނި ނަދާއެވެ. ނަދާއަށް އަހަރެން ފެނުމުން ހައިރާންވެ އިށީދެ އިން ގޮނޑިން ތެދުވިއެވެ. އަހަރެން ހުރީ ނަރުހެއްގެ މަގާމުގައި ކަމަށްވާތީ ފަސްނުޖެހި ކުރިއަށް ފިޔަވަޅުއެޅީމެވެ. ނަދާ އެތަނުން ބޭރަށް ނުކުތެވެ. ރިޝްވާން ގާތަށް އަހަންނާއެކު ދެން ހުރި ނަރުސް ޖެނިފާރ ކައިރިވީމެވެ. ވަށައިގެން ކާރޓެއިން ދަމާ އޭނަގެ އެނދު ވަނީ ނިވާކުރެވިފައެވެ. ލޮލަށް ގިނަވަމުން ދިޔަ ކަރުނަ ހިފެހެއްޓުމެއްނެތި ބޭރުވުމަށް ކެތް މަދުވެފައިވާ ކަހަލައެވެ. ހިތްވަރުކުރީމެވެ. ރިޝްވާންގެ ބެކްބޯނަށް ވަނީ ކެންސަރުޖެހިފައެވެ. މުޅި ހަށިގަނޑު އޭގެ ސަބަބުން ވަނީ ޕެރަލައިޒްވެފައެވެ. ލޮލުގެ ފެނުމުން މަހުރޫމްވެފައި ވަނީ ބޮލުގައި އުފެދިފައިވާ ޓިއުމަރެއްގެ ސަބަބުންނެވެ. އަހަންނަށް ޖެހުނީ ރިޝްވާން ސާފުކޮށް ގައިގެ އެކި ތަންތާގައިވާ ޑްރެސިންގ ބަދަލުކުރާށެވެ. އަތް ތުރުތުރުލައެވެ. އެކަމަކު ހިތްވަރުކުރީމެވެ. ރިޝްވާން އޮތީ ހޭލައެވެ. ނަމަވެސް އަނގައިން ބަހެއް ނުބުނެއެވެ. އެކުގައި ހުރީ ލަންކާ ނަރުހެއްކަމުން އޭނާއަށް އަދި އަހަރެންގެ ނަމެއް ރަގަޅަކަށް ނޭގެއެވެ. އެހެންކަމުން ބޭސް ބަދަލުކުރުމުގައި ދައްކަން ޖެހުނު ވާހަކަ ނޫން އިތުރު ވާހަކައެއް ނުދައްކަމެވެ. ރިޝްވާނަށް އަހަރެންގެ އަތުގެ ބީހުން އިހުސާސެއް ނުކުރެވޭނެއެވެ. އަހަރެން ހުރީ އަންގި ލައްވާފައެވެ.

ރިޝްވާންގެ ޑްރެސިންގ ނިންމުމަށްފަހު އަހަރެން އެތަނުން ނުކުތްއިރު ނަދާއާ ދިމާވިއެވެ. އަހަންނަށް އޭނާއާ ކުރިމަތިލާކަށް ނުކެރުނެވެ. އަހަރެން އަވަސްވެގަތީ ނާރސިންގ ސްޓޭޝަނަށް ދިއުމަށެވެ. އެވަގުތު އެތާކު އެކަކުވެސް ނެތެވެ. ހިތްފަޅައިގެން ދިޔަ ކަހަލައެވެ. ހިފެހެއްޓިފައިވާ ކަރުނައަކަށް ކެތެއްނުވިއެވެ. ހިތުތެރޭގައި އެތައް ސުވާލެއް އުފެދިގެންދިޔައެވެ. ޖަވާބެއް ނުލިބުނެވެ. އަހަރެންގެ ނަފްސަށް ހަމަޖެހުމެއް އައީ އެވަގުތު އައި ފޯންކޯލެއްގެ ސަބަބުންނެވެ. އެއީ އަހަރެންގެ އޭރުގެ ލޯބިވެރިޔާ ޝިފާންގެ ކޯލެކެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރެވުނެވެ. އެ ސިކުންތުކޮޅުތެރޭގައި، ޝިފާނާ ދިމާނުވިނަމައޭ އަދި ރިޝްވާންގެ އިންތިޒާރުގައި ހުރެވުނު ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް ފޯނަށް ޖަވާބުދިނީމެވެ. އެދިމާވި ކަންތައް އަހަރެން އޭރު ޝިފާނަކަށް ކިޔައިނުދެމެވެ.
ޑިއުޓީ ނިންމާފައި ވޯޑުން ނިކުންނަށް ދަނިކޮށް އަނެއްކާ ވެސް ނަދާއާ ދިމާވިއެވެ. އަހަރެން ނަދާ ހުރަސްކޮށް ދާންފެށުމުން ނަދާ އަހަންނަށް ގޮވައިލިއެވެ. އަހަންނަށް ހުއްޓެވުނެވެ. ހުރިހާ ސުވާލެއް ކުރަން ބޭނުންވިއެވެ. ނަމަވެސް އެއްވެސް ސުވާލެއް ނެތި ނަދާގެ ފަރާތުން ޖަވާބުލިބިގެން ދިޔައެވެ. ނަދާ އެދުނީ އެރޭ އޭނަޔާ ބައްދަލުކޮށްލުމަށެވެ. އަދި ހުރިހާ ކަމެއް ކިޔައިދޭނެ ކަމަށް ވެސް ބުންޏެވެ.

އެރޭ އަހަރެން ނަދާއާ ބައްދަލުކުރީ ސެންޓްރަލް ހޮޓަލުގެ ޓެރަސްގައެވެ. އޭނަ ކޮފީ އަކަށް ދިން ދައުވަތަކުންނެވެ. ރިޝްވާން އަހަންނާ ރައްޓެހިވެގެން ހުރެ ކިޔަވަން މާލެ އައިސް ހުރިއިރު ރިޝްވާންގެ ބޮލުގައި ޓިއުމަރެއް އުފެދިފައިވާކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އަހަންނާ ވަކިވާން އޭނަ ބޭނުންވިއެވެ. ރަށުތެރެއަށް ރިޝްވާނާއި ނަދާގެ ގުޅުމުގެ އަޑު ފެތުރީ ރިޝްވާނާ މެދު އަހަރެންގެ ހިތުގައި ނަފުރަތު އުފެއްދުމުގެ ބޭނުމުގައެވެ. އަދި އިންޑިއާއަށް އޮޕަރޭޝަންކުރުމަށް ގޮސް އިތުރު އުންމީދެއް ނެތްކަން އެނގުމުން އޭނާއާ ނަދާގެ ފޮޓޯތަކެއް އަހަންނަށް ރައްޓެއްސެއްގެ ޒަރިއްޔާއިން ދެއްކީއެވެ. އަދި އަހަރެން މާލެ އައިސް އެގެއަށް ދިޔަ ދުވަހު ދެއްކި މަންޒަރު ތަކަކީ ރިޝްވާން މަތިން ފޫހިވެ އަހަރެން އެހެން ދިރިއުޅުމަކައިގެން ކުރިއަށް ދާނެ ކަމުގެ އުންމީދުގައި އޭނާ ދެއްކި މަންޒަރުތަކެކެވެ. އޭގެފަހުން ރިޝްވާންގެ ހާލުބޮޑުވެ، ކުރި ސިނކުޑީގެ އޮޕަރޭޝަނެއްގެ ސަބަބުން އޭނާގެ ލޮލުގެ ފެނުން ގެއްލިދިޔައީއެވެ. އޭނަ އެހުރިހާ ކަމެއް ކުރީ އަހަރެންދެކެ އޭނަވީ އިންތިހާ ލޯތްބަށްޓަކައެވެ. އަހަރެންނަށް އަހަރެން އެންމެ ލޯބިވި މީހާ އެހާލުގައި ދައްކަން ބޭނުންނުވާތީއެވެ. އަހަރެންގެ ދިރިއުޅުން ހުއްޓުމަކަށް ގެންނަން ބޭނުންނުވީތީއެވެ. ރިޝްވާން އެވީފަދަ ލޯތްބެއް އޭނާދެކެ އަހަންނަށް ވެވުނު ނަމަ އެހުރިހާ ކަމެއް އަހަންނަށް އިހުސާސްވީހެވެ. އެހާ ފަސޭހައިން އެ މަންޒަރުތަކެއް ގަބޫލެއް ނުކުރެވުނީހެވެ.

އޭގެފަހުން ކޮންމެދުވަހަކު ރިޝްވާންގެ ޑްރެސިންއަށް ދަނީ އަހަންނެވެ. ރިޝްވާން ވާހަކަ ދައްކާވެސް ހަދައެވެ. އެކަމަކު އަހަރެން އެތާ އޭނާގެ ސުވާލުތަކަށް ޖަވާބުދިނުމަށް އިތުރު ނަރުހަކު ބަހައްޓަނީއެވެ. ރިޝްވާނާއެކު ހޭދަކުރެވެން ފެށިވަގުތުތަކަކީ ދިރިއުޅުމަށް ފިނިކަމެއް ގެނައި ވަގުތުތަކެކޭ އެއްފަދައިން ހިތަށް އެތައް އަސަރެއް ކުރަމުންދިޔަ ވަގުތުތަކެކެވެ. އޭނާގެ ގައިގައި އަޅާ ވޭނުގެ ސަބަބުން އެލޮލުން އެއޮހޮރޭ ކަރުނަ ދެކެން އަހަންނަށް ކެތެއް ނުވެއެވެ. އެތައް ފަހަރަކު މީ އޭނާގެ ޝިފާ ކަމަށް ބުނެފާނަމޭ ހިތަށް އަރައެވެ. އެކަމަކު އޭނާގެ ހިތަށް ކުރާނީ އިތުރު އަސަރުތަކެކެވެ. އޭނާ އަހަންނާ ވަކިވީ އެހާލުގައި އޮއްވައި އަހަރެންނަށް ފެންނަން ބޭނުންނުވާތީއެވެ. ތިން ހަފްތާ ފާއިތުވެގެންދިޔަ އިރު އޭރު އަހަންނާ ރިޝްވާންގެ އާއިލާ މީހުންނާ ވެސް ދިމާވެއްޖެއެވެ. އެމީހުންގެ ފަރާތުން ވެސް އެނގިގެންދިޔައީ އޭނަ އަހަރެންދެކެ ވީ އިންތިހާ ލޯތްބެއް ކަމެވެ.

އެއް ރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. އަހަރެން ޝިފާނާއެކު ބޭރަށް ދިޔައީމެވެ. އަދި ރިޝްވާނާއެކު ހޭދަވަމުން ދިޔަ ވަގުތުތަކުގެ ވާހަކަތައް ކިޔައިދިނީމެވެ. އަދި ރިޝްވާންނޫން އެހެން މީހަކާއެކު އުޅެން ބޭނުންނޫން ކަމަށްބުނީމެވެ. ޝިފާންގެ ފަރާތުން ލިބުނީ އެހީތެރިކަމެވެ. އެއްބާރުލުމެވެ. ކޮންމެގޮތެއް ވިއަސް އަހަރެން ކިތަންމެ ބޭނުން ވިޔަސް އިންތިހާއަށް ލޯބިވިޔަސް އަހަންނަށް ރިޝްވާނާއެކު ދެނެއް ދިރިއެއް ނޫޅެވޭނެކަން އަހަންނަށް ވެސް އެނގެއެވެ.

ޝިފާން ބުނީ އޭނާ އަހަރެންގެ އިންތިޒާރުގައި ހުންނާނެކަމަށެވެ. އަދި ރިޝްވާނާއެކު ހޭދަކުރަމުންދިޔަ ވަގުތާ މެދު އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ. ކޮންމެދުވަހަކު ޑިއުޓީގައި އުޅޭވަގުތު، ރިޝްވާނާއެކު ހޭދަކޮށްލެވޭ ހިނދުކޮޅުތައް ވެގެންދިޔައީ ހިތުގައި އެތައްކަމެއް އުފެދި، ލޮލުގައިވާ އެތައް ކަރުނައަކަށް ޖާގަލިބޭ ވަގުތަކަށެވެ. ޝިފާން ވެގެން ދިޔައީ އަހަރެންގެ ކަރުނަތަކުގެ އެހީތެރިއަކަށެވެ. ހިތުގައި އަޅާ ވޭން ކޮންމެދުވަހަކު އޭނާއަށް ކިޔައިދެމުން ދިޔައީމެވެ. އޭނަގެ ފަރާތުން އެހީތެރިކަމާއި ހިތްހެޔޮކަން ލިބެމުންދިޔައެވެ.

ނަރުހެއްގެ ހައިސިއްޔަތުން ނޫނީ އޭރު އަހަރެން ރިޝްވާން ގާތަކަށް ނުދަމެވެ. އަންގީގެ އެހީގައި ނޫނީ ގައިގައި ބީހިނުލަމެވެ. އަނގައިން އެންމެ ބަހެއް ވެސް ބޭރުނުކުރަމެވެ. ނަމަވެސް ރީނާ ގާތުގައި އަހަރެން އޭނަ ގާތު އުޅޭ ކަމުގެ އިހުސާސް ކުރެވެމުންދިޔަ ވާހަކަ އޭނަ ބުނަންފެށިއެވެ.

އޭގެތެރެއިން ދުވަހެކެވެ. ޑިއުޓީގައި އުޅެނިކޮށް ރިޝްވާނަށް ކުއްލިއަކަށް ގޮތްތަކެއް ވާންފެށިއެވެ. އިންޖެކްޝަނެއް ޖެހުމަށް އަހަންނަށް ދާން ޖެހުނެވެ. އޭރު އަންގިމަތިން ހަނދާނެއް ނެތެވެ. އޭނާގެ ގައިގައި ވޭން އަޅަމުންދިޔައެވެ. އަހަރެން އަވަސްވެގަތީމެވެ. އަދި އަތުގައި ހިފެހެއްޓުމަށްފަހު އިންޖެކްޝަން ޖެހީމެވެ. އަތުގައި އިރުކޮޅަކު ފިރުމާލަން ހުރެވުނެވެ. ލޮލުން ކަރުނަ އޮހޮރިގެންދިޔައެވެ. ރިޝްވާނަށް ވަގުތުން ހަމަހިމޭންކަން ވެރިވިއެވެ. އަހަރެން އެތަނުން ދުރަށް ދިއުމަށް ހިނގައިގަތުމުން ރިޝްވާން އަހަންނަށް ގޮވައިލިއެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. ފަސް އެނބުރި ބަލައިލެވުނެވެ. ރީނާ ވެސް ހުރީ ބަސް ހުއްޓިފައެވެ. ހަމަހިމޭން ވެފައެވެ.

ރިޝްވާން އޭނަގެ ވޭނީ އަޑުން ވާހަކަދައްކަން ފެށިއެވެ. "ޝިފާ....އަހަންނަށް ޝިފާ އަހަރެން ގާތުގައި އުޅޭކަމުގެ އިހުސާސް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ...ތި ހަމަހިމޭންކަމުން ވެސް ތީ ޝިފާކަން އެބަ ޔަގީންވޭ...އަހަންނާ ވާހަކަ ދައްކަބަލަ...އަހަންނާ އަނގައިން ބުނެބަލަ....ކީއްވެތަ ތި ސިއްރުކުރަނީ. ތީ ޝިފާކަމެއް...އަހަރެންގެ ދިރިއުޅުމަކު މާކަ ގިނަ ދުވަހެއް ދެނެއް ނެތްކަން އަހަންނަށްވެސް އެނގޭ...ޝިފާއަށް ވެސް އެނގޭނެ...އަހަރެން ކިތަންމެ ބޭނުން ނުވިއަސް އަހަރެންނަށް އެނގޭ އަހަރެން މިދުނިޔެއިން ވަކިވުމުގެ ކުރިން ޝިފާއާ ދިމާވާނެކަން...ހުރިހާ ކަމެއް ޝިފާއަށް އެނގޭނެކަން" ރިޝްވާންގެ ވާހަކަ ދިގުވެގެން ދިޔައެވެ. އެތައް ވާހަކައެއް ދެއްކިއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް ރިޝްވާންގެ ގައިގައި ބައްދާލީމެވެ.

ކުރެވުނީ ނަރުސް ޔުނީފޯރމްގައި ހުރެ ކުރެވިގެން ނުވާވަރު ކަމެކެވެ. އެކަމަކު އިތުރަށް ކެތްނުވީއެވެ. ހިތުގެ ހުރިހާ އުދާހެއް ބޭރުކުރީމެވެ. އެތައް އިރަކު ދެމީހުން ރުއިމުގައި ހޭދަކުރީމެވެ. އެރޭ ރިޝްވާން އަހަރެންގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ. އޭނަ ދުނިޔެއިން ވަކިވުމުގެ ކުރިން އަހަރެމެން ދެމީހުން ކައިވެނި ކުރުމަށެވެ. އެއީ އޭނާއަށް ޓަކާ ދިރިއުޅުން ހުއްޓިފައި ނުހުންނާނެ ކަމުގެ ހެއްކެއްގެ ގޮތުންނެވެ. ކޮންމެ ގޮތެއް ވިއަސް އަހަރެން ޝިފާނާ ގުޅުނީ ވެސް ލޯބިންނެވެ. މުސްތަގްބަލެއްގެ އުންމީދުގައެވެ. ރިޝްވާންގެ އެ އެދުމަށް ޝިފާންގެ ފަރާތުން ވެސް އެހީތެރިކަން ލިބިގެންދިޔައެވެ

އޭގެ ދެހަފްތާ ފަހެވެ. މިއީ އެރެއެވެ. ކައިވެނީގެ ރެއެވެ. ރިޝްވާންގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެރެއެވެ. ގަޑިޖެހިއްޖެއެވެ. ކައިވެނީގެ ރަސްމިއްޔާތަށް އެންމެން ސިޓިންގ ރޫމަށް އެއްވެއްޖެއެވެ. އަހަރެން ބަލައި ކޮޓަރިއަށް އައީ ޝިފާނެވެ. މި ކައިވެންޏަކީ ރިޝްވާންގެ އެދުމަށް އަހަރުމެން ކުރާ ކައިވެންޏެއްކަމަކު ދެމީހުންގެ ހިތުގައި ވެސް އެކަކު އަނެކަކަށް ލޯބި އުފެދިފައިވެއެވެ. އުންމީދުތަކަކާއެކު ޝިފާންގެ އަނތްބެއްގެ ގޮތުގައި އޭނަ އަހަރެން ބަލައިގަތެވެ. ކައިވެނިކޮށް ފޮޓޯނެގުމަށްފަހު ޕާރޓީއަށް ދަރުބާރުގެއަށް ދިޔުމަށް ޓަކައި އަހަރުމެން ތިބީ ކާރުގައެވެ. އެވަގުތު އަހަރެންނަށް ފޯނެއް އައެވެ. ހޮސްޕިޓަލުންނެވެ. ރިޝްވާންގެ ހާލުބޮޑުވެ އައިސީޔޫއަށް ވެއްދި ހަބަރު ދިނެވެ. ކާރު މިސްރާބުޖެހީ ހޮސްޕިޓަލާ ދިމާއަށެވެ.

އަހަރުމެން ދެމީހުން ތިބީ ކައިވެނި ހެދުމުގައެވެ. ހޮސްޕިޓަލަށް ކާރު ކައިރި ކުރުމާއެކު އަހަރެން ނުކުމެ އައި ސީ ޔޫއާ ދިމާއަށް ދިއުމަށް އަވަސްވެގަތީމެވެ. ހޮސްޕިޓަލްގައި ތިބި އެންމެން އަހަރުމެންނާ ދިމާއަށް ބަލަމުންދިޔައެވެ. އައި ސީ ޔޫއާ އަރާ ހަމަވިއިރު ރިޝްވާންގެ އާއިލާގެ އެންމެން އެތާ ތިއްބެވެ. އަހަރެން ފެނުމުން ނަދާ އަހަރެންގެ ގައިގައި ބައްދާލިއެވެ. އެހާ ދުވަހު އެހާލުގައި ރިޝްވާނާއެކު ނަދާހުރީ އޭނަދެކެ ނަދާއަށް ވެވިފައިވާ ލޯބީގެ ހައްގުގައެވެ. މިރެއަކީ އޭނާގެ ލޯބި ވެސް ބީވެގެން ހިނގައިދާނެރެއެކެވެ. ރިޝްވާން ހަމައަކަށް ނޭޅެއެވެ. އެކަމަކު އޭނާގެ އެދުމުގެ މަތިން އަހަރެންނަށް އައިސީޔޫއަށް ވަދެވުނެވެ. އަޅަމުން ދިޔަ ވޭނާއެކު އޭނަ އަހަރެންގެ ގައިގައި ބައްދާލިއެވެ. ނޭފަތާއި އަނގައިން ލޭ އޮހޮރެމުންދިޔައެވެ. ހިނދުކޮޅެއްނުވެ ރިޝްވާންގެ ނޭވާ ހުއްޓިއްޖެއެވެ. އޭރު އޭނާ އޮތީ އަހަރެންގެ ގައިގައި ބައްދާލައިގެންނެވެ. ހިތުގެ ވިންދު ހުއްޓުނީ އަހަރެންގެ އަތުތެރޭގައި އޭނާ އޮއްވައެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ހުއްޓެވެ. މޫނުމަތީގައި ވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޭނާ ދުނިޔެއާ ވަކިވުމުގެ ކުރިން އަހަރެން އައު ދިރިއުޅުމެއް ފެށީތީ ހިތްހަމަޖެހިއްޖެއޭ ބުނާކަހަލައެވެ.

(ނުނިމޭ)

Please log in or register to bookmark.
5k

8 ޚިޔާލު

  1. ހާދަ ރީއްޗޭ... ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ.. ވަރަށް އިމޯޝަނަލް ??

  2. ވވ. ރީތި މި ވާހަކަ. ވަރަށް ދެރަ ވި ކިޔާފަ ވވވ. އިމޯޝަނަލް 😭😭😭

ޚިޔާލު

Your email address will not be published.