Views: 11242 132

ނަވީން ޖޫލީއަށް ފުރަގަސްދިނެވެ. އެމޫނަށް ބަލަން ހުރެ އެޙަބަރު ދިނުމަކީ ނަވީންގެ ހިތަށް ކުޅަދާނަވެގެން ވާ ކަމެއް ނޫނެވެ.

"ޖޫލީ ޖޫލީ...."

"އަހަންނަކަށް ކުދިންނެތް ނުލިބޭ...."

ޖޫލީގެ ދުނިޔެ އެނބުރިގަތް ކަހަލައެވެ. ނިކަން ވަރުގަދައަށް އެހާމެ ލޯބިން ބިނާކުރަމުން ދިޔަ ބިނާ ފުނޑުފުނޑުވެގެން ދިޔައީއެވެ.

"ދުވަހަކުވެސް ކުދިންނެތް ނުލިބޭނެ"

ލޯމަރާލަމުން ނަވީން އިތުރަށް ބުނެލިއެވެ. ތެދު ހަގީގަތް ހާމަކުރަން ނަވީން ނުކުޅެދުނެވެ.ހަގީގަތަކީ ކުދިންނުލިބެނީ ނަވީނަކަށް ނޫނެވެ. ޖޫލީއަށެވެ. ޖޫލީ ދެކެވާލޯތްބަށްޓަކާ ހަގީގަތް ހާމަކުރަން ނަވީނަށް ނުކެރުނީއެވެ. އެފަކީރު ދެރަވާނެވަރު ހިތަށްއަރާފައެވެ. ނަވީންގެ ބައްޕަ ޖޫލީއާ ވަކިވާން މަޖްބޫރުކޮށްދާނެތީއެވެ. ކުދިންނުލިބޭ މީހެއްގެ ގޮތުގައި ޖޫލީގެ ނަން ލޭބަލްކުރެވި އެހެންމީހުންގެ މަލާމަތްލިބިދާނެތީއެވެ.

ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ކޮޓަރިތެރޭގައި އިވިގެންދިޔައީ ޖޫލީގެ ގިސްލުމުގެ އަޑެވެ. ނަވީން ޖޫލީ ގެނެސް އޭނާގެ މޭގެތެރޭގައި ފޮރުވާލިއެވެ. ހިތްފުރެންދެން އެދެއަތުގެ ތެރޭގައި ރޮމުންދިޔައިރު ނަވީން ދިޔައީ ޖޫލީގެ ބޮލުގައި ފިރުމަމުންނެވެ.

" މިހާރުވެސް އަހަރެން އެކީ އުޅެން ބޭނުންތަ؟"

އުއްމީދެއްނެތް ފަދައިން ނަވީން ބުނެލީ ނިކަން މަޑުންނެވެ.

" ހޫނ... .އަހަރެން ހަށީގަ ފުރާނަ ހުރިހާ ހިނދަކު..... އަހަރެން ނަވީނަކާއި ވަތްކެއް ނުވާނަން.... ނަވީންވެސް އަހަރެންނާއި ވަކިވާކަށް އަހަރެން ނޭދެން.... އެއަށްވުރެން ބޮޑަށް އަހަރެން ލޯބިވޭ...."

ޖޫލީއަށް ވާހަކަދެއްކުނީ ލަސްލަހުންނެވެ. ޖޫލީގެ ކޮންމެ ލަފްޒަކުންވެސް އޭނާގެ ހިތަށްކޮއްފައިވާ އަސަރު ނަވީނަށް އިޙްސާސްކުރެވުނެވެ. ނަވީން ދެލޯމަރާ ބާރުކޮއްލިއެވެ.

"އަހަރެންވެސް....."

ޖޫލީގެ ލޮލުން ފައިބަމުންދިޔަ ހޫނުކަރުނަތަކުން ނަވީންގެ ގަމީސް ދިޔައީ ތެންމަމުންނެވެ. ހަމަ އެހެންމެ ނަވީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ޖޫލީގެ އިސްތަށިގަނޑުގެ ތެރެއަށް ވަންނަމުން ދިޔައީ ނިކަން ސިއްރުސިއްރުންނެވެ. ނަވީން އިރުއިރުކޮޅާ ދެލޯ ފުހެލައެވެ. އިތުރަށް ޖޫލީ ދެރަވެދާނެތީއެވެ.

"ދެން ނުރޮއެ.... ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ ބުނެއޭ ނުން..... އަހަރެމެންނަށް ކުއްޖަކު ލިބެން ތަޤްދީރުގައި ނެތީ....."

ޖޫލީ ނަވީންގެ ހަށިގަނޑާއި ދުރުކޮށްލާ ޖޫލީގެ ދެލޯ ފުހެދެމުން ނަވީން ވާހަކަދެއްކިއެވެ.

"ދެން ނުރޯތި އިނގޭ....."

ނަވީން ޖޫލީގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ބުނެލިއެވެ.

"ހޫން...."

ރޮވިދާނެތީ ޖޫލީ ހުރީ ދެތުންފަތު ބާރުކޮށްގެންނެވެ. ނަވީންގެ އެހީތެރިކަމާއެކު ޖޫލީ އެނދުގައި ބޭންދިއެވެ.

"ދަތުރަށް ރެޑީވީތަ؟"

ނަވީން ނިންމައިގެން ހުރީ ރޭވިފައިވާ ގޮތަށް ދަތުރު ކުރިއަށް ގެންދިއުމަށެވެ. ދަތުރު ކެންސަލްކޮށް ގޭގައި ހުންނަން ޖެހިއްޖެ ނަމަ ދެމީހުންނަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނޭކަން އެނގޭތީއެވެ.

"ހޫން..."

މިފަހަރުވެސް ޖޫލީގެ ޖަވާބު ކުރެވެ.

"ހިނގާ އަވަހަށް ނިދަން އުޅެމާ....އޭރުންދޯ ފަތިހު ފަތިހާ ހޭލެވޭނީ ފައިވް ތާރޓީގަ ލޯންޗު ނައްޓާލާ ގޮތަށް އޮތީ ...."

ފާހާނައަށް ވަންނަމުން ނަވީން އިތުރަށް އޮޅުން ފިލުވާދިނެވެ. ޖޫލީ ހިތްހަމަޖައްސާއި ދިނުމުގެ ގޮތުންނެވެ.

*********

އާދުވަހަކަށް އަރައިގެން އައި އިރާއެކު ނިޒާރު ނަސީރު ގޮވައިގެން އައިސް މަޑުކޮއްލީ މާލޭގެ އެންމެ ހިތްފަސޭހަ ދިމާލުގައެވެ. އެންމެ ގިނަ މީހުން ހެނދުނުގެ އެވަގުތު ހިތްހަމަ ޖައްސާލަން އައިސް އުޅޭ ރަސްފަންނަށެވެ. ނިޒާރުގެ މަޤްސަދަކީ ނަސީރު ހިތްހަމަ ޖައްސައިދިނުމެވެ. ހިޔާލު ބަދަލުކޮއްލާ އެކަކު އަނެއްކެއްގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމެވެ.

ގޭތެރޭގައި އަބަދު އިނދެ އިނދެ ނަސީރުވެސް އިނީ ބޭރަށް ނިކުމެލަން ބޭނުންވެފައެވެ. އެހެން ނަމަވެސް އޭނާ ބޭރުތެރެއަށް ނެރެލައި ހަދަން ބޭބެ ނިޒާރު ނޫން ދެވަނަ މީހަކުނެތެވެ. ހުރި ހަމައެކަނި ދަރިފުޅު އައްފާން އުޅެނީ އެއަށްވުރެން ބުރަކޮންނެވެ. ނަސީރާ އަނގައިން ބުނެލާނެ ވަގުތެއްވެސް އައްފާނަކަށް ނުވެއެވެ. މީހުން އުޅޭގޮތް ބަލަން ފަރާތް ފަރާތަށް ނަސީރު ބަލަމުންދިޔައިރު އެމޫނުމަތިން ހިތްހަމަ ޖެހިފައިވާކަން ފެނެއެވެ. ނިޒާރުވެސް ކޮއްކޮގެ އުފާވެރި މޫނަށް ބަލަން އިނެވެ.

"ކޮބާ ވަރަށް ހިތްހަމަ ޖެހިފަދޯ ތިއިނީ...."

ނިޒާރުގެ އަޑަށް ނަސީރު ނިޒާރުގެ މޫނަށް ބަލާލިއެވެ.

"އާން...."

ބޯޖަހާލަމުން ނަސީރުވެސް ބަދަލުގައި ބޭބެއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.

"އެނގޭ އަބަދު ގޭގަ އިންނަން ވީމަ ވަރަށް ފޫހިވާނެކަން .... އެކަމަކު ބޭބެވެސް މަސައްކަތް ހުންނަ ގޮތުން ނަސީރުގޮވައިގެންވެސް މިހެން ނިކުމެވޭކަށް ނޯވޭ...."

ނިޒާރުގެ ވާހަކަ އަޑުއަހަން ނަސީރު އިނީ ކިޔަމަންތެރިކަމާއެކުއެވެ. ނިޒާރު އުޅޭލެއް ބިޒީކަން އޭނާއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

"އާދިލާ ބުނި ނަސީރު މިހާރު ކެއުމާ ނިކަންދުރޭ.... ކޮބާތަ މައްސަލައަކީ އަނެއްކާ ގޭގަ ކައްކާ އެއްޗެހި ނުބައީތަ؟"

ނިޒާރު ވާހަކައިގެ މައުލޫ ބަދަލުކޮއްލިއެވެ. އަސްލު ވާހަކަ ދައްކަން ކަނޑައަޅާފައިވާ ދިމާއަށް އަނބުރާލިއެވެ.

"ނޫނޭ ކާއެއްޗެހި ނުބައީކީ ނޫން...."

ނަސީރު އަވަސް އަވަހަށް ބުނެލިއެވެ. އާދިލާ ތައްޔާރުކުރާ ކާއެއްޗެހި ދެދުވަހު ދެގޮތަކަށް ނުހުރެއެވެ. ކެއްކުމުގައި އެއީ މާހިރެކެވެ. އެނެއްކާ އެހާ ސާފުތާހިރެވެ.

"ދެން ކީއްވެ؟ ތިވިސްނާ ކަމެއްވެސް ނިކަން ބުނެލާން އުޅެބަލަ.... .އެއް ސިކުނޑިން ވިސްނީމަށް ވުރެން ދެސިކުނޑިއަކުން ވިސްނައިގެން ނެރެވޭ ނަތީޖާ ބޭބެއަށް ހީވަނީ މާ ބޮޑަށްވެސް ރަނގަޅުވާނެހެން......"

ނިޒާރު ކަހަލަ ލަފާދާރު ބޭބެއެއް ލިބުން އެއީ ނަސީރަށް ހާސް ނިޢުމަތެވެ. ނަސީރު ވިސްނާލިއެވެ. އައްފާން ނަސީރަށް ވުރެން ގާތްކޮން އުޅެނީވެސް ނިޒާރާއެވެ. ނަސީރު ބުނާ އެއްޗަކަށް ވުރެން ނިޒާރު ބުނާ އެއްޗެއްގެ އަޑު އައްފާން އަހާނެއެވެ.

"ދެން އަޅެބުނެބަލަ...."

ނިޒާރުގެ އަޑަށް ނަސީރު ކުޑަކޮން ސިހޭގޮތްވިއެވެ.

"އައްފާނު..."

"އައްފާނު ވަޒީފާއަކަށް ނުގޮސްގެންދޯ.... ބޭބެވެސް ތި ވާހަކަ ދައްކައިފިން.... އައްފާނު ބޭނުމެއް ނުވޭ އެހެން ކަމެއް ކުރާކަށް...."

ނިޒާރު ހީކުރީ ނަސީރު އައްފާން ޓެކްސީކުރުން ނޫން އިތުރު ކަމެއް ނުކޮށްގެން އެކަމާ ކަންތައް ބޮޑުވަނީ ކަމަށެވެ.

"ކުދިންވާނީ އެކުދިން ބޭނުން ކަންކަން ކުރަން ދޫކޮށްލަން.... ޝައުގުވެރިކަން ނެތި ކިހިނެތް ކަމެއް ކުރާނީ..."

ނިޒާރު ބޭނުންވީ ނަސީރަށް ވިސްނައިދޭށެވެ. އަބަދު އެވާހަކަ ދައްކާނީ އެކަމާ ވިސްނާތީކަން އޭނާއަށް އެނގެއެވެ. ނަސީރު އެހާލުގައި އިނދެގެން އެއްވެސް ކަމަކާ ވިސްނާ ފިކުރުކުރުމަކީ ނިޒާރު އެދޭކަމެއް ނޫނެވެ.

"ތިކަންވެސް އޮތީ ތިހެން.... އެކަމަކު އެއަށްވުރެން މާބޮޑަށް ވިސްނޭ އެސޮރު ދިރިއުޅުމެއް ފަށަން ނޫޅޭތީ......"

ނަސީރުގެ ވާހަކައަށް ތާއީދު ކުރުމުގެ ގޮތުން ނިޒާރު ބޯޖަހާލިއެވެ. އެއީ ނިޒާރަށް ވިސްނާނުލެވި އޮތް ތަންކޮޅެކެވެ. ބަފަޔަކު ދަރިންނާއި ދޭތެރޭ ވިސްނާ މިންވަރަށް ބޮޑުބޭބެއަކަށް ވިސްނޭނީ ކޮންފަދަޔަކުން ހެއްޔެވެ؟ ކިތަންމެ ގާތްކޮން އުޅުނަސް ކިތަންމެ ގިނަކަންކަމުގައި ލަފާދީ ހެދިކަމުގައި ވިޔަސް ނިޒާރު އެވަނީ އެކަމާ އަޅާނުލެވިފައެވެ.

"އާނ ތީ މިހާރު ކުރަން ލަސްވެއްޖެ ކަމެއް.... އަޅެ އައްފާނުއާ ބޭބެ ވާހަކަ ދައްކާލާނަން...."

އިރުކޮޅަކު ވިސްނަން އިނދެފައި ނިޒާރު ބުނެލިއެވެ.

"އައްފާނު ކުއްޖަކުވެސް ނުގެންގުޅެނީތަ؟"

ނަސީރުގެ އަޑުގައި ހުރީ ހައިރާން ކަމެވެ. އެއުމުރުގެ ކުދިން ކުދިންނާ ރައްޓެހިވެގެން އުޅެންޏާ ސިއްރުނުވާނޭކަން ނަސީރަށް އިނގެއެވެ. ނަސީރުމެން ބޮޑެތިވެގެން އައި ޒަމާނުގައި ސިއްރުސިއްރުން ކުދިންނާއި ރައްޓެހިވެގެން އުޅުނަސް މިހާރުގެ ކުދިން ތަފާތެވެ. ދެމީހުން އެކީ ބުރުޖަހަން ގޮސް ތަންތަނަށް ކާންގޮސްހަދައެވެ. އެކަކު އަނެއްކެއްގެ ގެއަށް ގޮސް ފިލްމުތަކަށް އެކީ ގޮސް ހަދައެވެ.

"ނޭގެ...ހިޔެއް ނުވޭ... .ދުވަހަކުވެސް ނުދެކެން އަންހެންކުއްޖަކާ އެކު...."

ނިޒާރު ދިން ޖަވާބުން ނަސީރު މާޔޫސްވާގޮތް ވިއެވެ. ނަސީރަށް ނުފެނު ނަމަވެސް އައްފާން ކުއްޖަކާ ގުޅުމެއް އޮންނަ ކަމަށްވަންޏާ ނިޒާރަށް ނޭގިނުދާނޭކަމަށް އޭނާއަށް ޔަގީންކުރެވުނެވެ.

ނިޒާރު އެކީ އެނބުރި ގެއަށް އާއިރުވެސް ނަސީރު އިޙްތިޔާރުކުރީ ހިމޭންކަމެވެ. ނިޒާރު ތަންތަން ދައްކާ ވާހަކަދައްކަމުން ދިޔައިރު މަދުފަހަރަކު ނޫނީ އެއްޗެއް ބުނެނުލައެވެ.

*******************

ރުކެއްގެ ދަށުގައި ހުރި ބީޗްޗެއަރއެއްގައި ނަވީން އޮތެވެ. ލައިގެން އޮތީ ގަދަނޫކުލައިގެ ސޯޓެއް އެކަންޏެވެ. އަވިއައިނު އަޅައިގެން އޮތުމުން ބަލާބެލުމަށް ހީވަނީ ނިދާފައި އޮތްހެންނެވެ. ހަމަ ނިދި ނިދޭނީވެސް މީހާގެ ވިސްނުމާއި ފިކުރުތަކުން އެއްކިބާ ވެވިގެންނެވެ. ދެން ކަންތައްކުރަންވީ ގޮތެއް ޙުދު ނަވީނަކަށްވެސް ނޭގުނެވެ. ތެދަށް ބުނެވުނު ނަމައޭ ބައެއް ފަހަރު އޭނާގެ ހިތަށް އަރައެވެ. އެހެނަސް ހަގީގަތް ހާމަކުރަން ނުކެރުނީވެސް ޖޫލީ ނަވީން ދޫކޮށް ހިނގައިދާނެތީއެވެ. ނަވީނަށް އުފާވެރި ދިރިއުޅުމެއް ލިބެންނެތީ އޭނާގެ ސަބަބުން ކަމަށް ދެކިދާނެތީއެވެ.

"ނިދަނީތަ؟"

ނަވީންގެ އިސްތަށިކޮޅާ ކުޅެލަމުން ޖޫލީ ބުނެލިއެވެ. ފުން ހިޔާލެއްގައި އޮތް ނަވީން ކުޑަކޮން ސިހުނެވެ. ޖޫލީ އާއިރެއް އޭނާއަކަށް ނޭގެއެވެ.

ނަވީން ޖޫލީގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިންވެސް ކުރިން ފެންނަ އުފާވެރިކަމެއް ނެތެވެ. ތުންފަތަށް މަސްނުއީ ހިނިތުންވުމެއް ގެނެސްގެން ހުއްޓަސް ދެލޮލުން ހެކިދެނީ ހަމަނިދި ނުލިބުމުން ވަރުބަލިކަމެވެ.

"ނުނިދަންތަ"

ނަވީނަށްވެސް ކޮށްލެވުނީ ސުވާލެކެވެ. ނަވީން އެތަނަށް އައި ޖޫލީ މޫދުން އައިސް ފެންވަރަން އުޅެނިކޮށެވެ. ނަވީން ހީކުރީ ފެންވަރައިން ނިކުމެ ޖޫލީ ނިދާނީކަމަށެވެ.

"އާނ ނުނިދުނޭ........"

ދަމާލައިގެން އިން އެއްފައި ދުރުކޮއްލައި ޖޫލީ އިށިއިންނަން ނަވީން ތަންދެއްކިއެވެ.

"ވާހަކައެއް ދައްކާލަންށޭ މިއައީ...."

ޖޫލީ އިށިއިނެވެ.

"އަވަހަށް ދައްކަންވީ އަޑުއަހަން މީނި...."

ވާހަކައެއް ދައްކާ ވާހަކަ ބުނުމުން ނަވީންގެ ހިތްތެޅިލިއެވެ. އެހެނަސް ނަވީންގެ އަޑުގައިވީ ސަމާސާއެވެ.

ކިތަންމެ ދައްކަން ބޭނުން ވާހަކައެއް ވިޔަސް ޖޫލީގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން އެވާހަކާއިގެ ބޮޑުކަން އަންދާޒާ ކުރެވޭހާވެއެވެ.

"މީ މީ......."

ޖޫލީގެ އަރުބެދޭހެން ހީވިއެވެ. ނަވީން ހިތްހަމަނުޖެހިދާނެތީ އޭނާގެ ހިތް ބިރުގަތެވެ.

"ބުނެބަލަ..... ޖޫލީ ކޮންމެ ވާހަކައެއް ބުންޏަސް އަހަރެން އުފަލާއެކު ބަލައިގަންނާނަމޭ"

ލޮލުގައި އަޅާފައި އޮތް އަވި އައިނު ނަގަމުން ނަވީން ވާހަކަ ދެއްކިއެވެ. ޖޫލީގެ ކޮނޑުގައި ހިފާ ކުރިއަށްވުރެން ނަވީނާ ޖޫލީ ކައިރިކޮއްލިއެވެ. ޖޫލީ ނަވީންގެ ކޮނޑުގައި ބޯއަޅާލިއެވެ.

"ހިނގާ އަހަރެމެން ބޭބީއެއް އެޑޮޕްޓް ކުރަން....."

ބުނަން ނުކެރި ހުރެފައި ޖޫލީ ބުނީ އޭނާ ހިތުގައި އޮތްގޮތަށެވެ. އެހެންބައެއްގެ ދަރިއެއް ގެނެސްގެން އަމިއްލަ ދަރިއެއްގެ ގޮތަށްގެން ގުޅޭށެވެ.

"ވަޓް..."

ނަވީނަށް ގަބޫލެއް ނުކުރެވުނެވެ. ޖޫލީ މިހާރު އެވިސްނަނީ ނަވީނަށް ކުދިންނުލިބޭތީ އެހެން މީހެއްގެ ކުއްޖަކު ގެނެސްގެން ގެންގުޅޭށެވެ. އެއީ ނަވީން ހިތަށްވެސް އަރާފައި ނުވާކަމެކެވެ.

" އެކަމަކު ކި....ކިހިނެތް....؟"

ބޭރު ގައުމުތަކުގައި ކުދިން އެޑޮޕްޓު ކުރާވާހަކަ އޭނާވެސް އަހައެވެ. އެކަމަކު ރާއްޖޭގައި އެކަން ވާނެކަމަށް އޭނާއަށް ލަފާކޮއްލަންވެސް ދައްޗެވެ.

"ކުޑަކުދިން ހިޔާ ފުރިފަ އެތިބީ ކުދިން..... އެކި ވަރުވަރުގެ..... ގައިމު ބަޔަކު ނުބަލަންވެގެން ނޫނީ ބަލާނެ މީހަކު ނެތީމަ ދޯ އެކުދިން އެތާ އެގެންގުޅެނީ..."

ޖޫލީގެ ވާހަކަ އަޑުއަހަން އިނދެފައި ނަވީނަށް ދޫކޮއްލެވުނީ ފުންނޭވާއެކެވެ.

"އެތަނުން ކުދިންނެތް ނުދޭނެޔޭ...."

ޖޫލީ ދައްކަން ފެށިވާހަކަޔަކުން އަނެއްކާވެސް ނަވީންގެ ބޮލަށްވީ ބަރެވެ. ކުޑަކުދިން ހިޔާއިން ކުދިން ގެނައުމަކީ ޖޫލީ އެ ހީކުރާހާ ފަސޭހަކަމެއް ނޫނެވެ. ކޯޓުތަކަށް ދުވެގެން އެކަންކުރެވޭނީ ވަރަށް ދުވަހުން ވަރަށް އުނދަގުލުންނެވެ.

"އަޅެ ބަލާބަލަ ލިބޭތޯ....."

ނަވީން އެއްބަސްވީ ޖޫލީ އާދޭސްކުރާވަރުން އިތުރު ގޮތެއް ނެތިގެންނެވެ.

ޖޫލީވެސް ނަވީން އެކަމާ އުޅޭނަމޭ ބުނުމުން އުފަލުން ނަވީންގެ ގައިގާ ބައްދާލިއެވެ. އެއްބަސް ވިޔަސް އެކަންކުރަން ނަވީންގެ އެއްވެސް ޝައުގުވެރިކަމެއްނެތެވެ. އެހެން ބައެއްގެ ދަރިއަކަށް ލޯބިދީގެން ގެންގުޅެވިދާނެ ކަމަކަށް ނަވީން ގަބޫލެއް ނުކުރެއެވެ.

**********************

ކުރިން ރޭ މާހިލް އެއްޗެހިކީ ފަހުން ސަޖާ ހުންނަނީ ނެގިމަޑުވެފައެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ސަޖާ ނުބުނެއެވެ. ކުރިން އަބަދުހެން ސަޖާ ހުންނާނީ އަނގަތަޅާލަ ތަޅާލައެވެ. އޭރު އެކަމާ މާހިލަށް ނިކަން އުނދަގޫވެސްވެއެވެ. މިފާއިތުވި ދެހަފްތާ ސަޖާގެ މިޒާޖަށް އައިސްފައިވާ ބަދަލުން ފުރަތަމަ ފަހަރަށް އެމައުސޫމް އަންހެންކުއްޖާ އޭ ދޭތެރޭ ވިސްނާލަން މާހިލަށް މަޖްބޫރުވެއްޖެއެވެ.

ކޮންމެ ގޮތެއްވިޔަސް މާހިލް އެންމެ ލޯބިވާ ކުއްޖާ އާ ދުވަހަކުވެސް ގުޅެވޭކަށްނެތެވެ. އިންތިހާއަށް ލޯބިވި ލޯބިވެރިޔާ އާ މާހިލަށް ވަކިވާން ޖެހުނީ ދެމީހުންނަކީ ތެލިސީމިޔާ ކެރިއަރުންނަށް ވީމައެވެ. އެލޯބި ހަނދާންނައްތާލަން އުޅެއުޅެ މާހިލަކަށް އެކަމެއް ނުވިއެވެ. އެހެނަސް މިއަދު އޭނާގެ ވިސްނުން އެހެން ގޮތަކަށް ބަދަލުކުރަން ނިންމާފިއެވެ. ހިތާދެކޮޅަށް ނަމަވެސް ސަޖާއަށް މާހިލްގެ ފަރާތުން ލޯބިދޭން އޭނާ ބޭނުމެވެ. އެފަދަ ހެޔޮ އަންބަކާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނި ދެރަވިއެވެ.

ސަޖާ އޮފީހުން އަންނަންވާއިރަށް މާހިލް އެކަނި މަސައްކަތުން ކޮޓަރިތެރެ ޒީނަތްތެރިކޮއްލިއެވެ. ސީލިންގު ފުރެންދެން ފުއްޕާހަންތައް ހަރުކޮއްފައި އޮތުމުން އެކަނި ކުރި ނަމަވެސް ފަސޭހަކަމެއް ނޫންކަން އެނގޭހާވެއެވެ. ރަތްފިނިފެންމާ ފިޔައިން އެނދުމަތީ އިނގިރޭސި އަކުރުން "ސޮރީ" ޖަހާފައި ކައިރީ ރަތްފިނިފެންމާ ބޮނޑިއެއް ބާއްވާލިއެވެ.

އެއްފަހަރު ގަޑިއަށް އަނެއްފަހަރު ބެލްކަނިން ބޭރުބަލާލެވުނީ އެހެން ރޭރެއަށް ވުރެން ސަޖާ ލަސްވުމުންނެވެ. ދޮރޯށިން ނިކުމެވެސް ބޭރު ބަލާލީ ސަޖާ އާދޭތޯއެވެ. ސަޖާ ލަސްވާތީ މާހިލަށް ބިރުވެރިކަން އިޙްސާސްކުރެވުނެވެ. ފޯނަށް ގުޅައިގެންވެސް ޖަވާބެއް ނުދެއެވެ. ފެރީއަށް އަރަމުން އާދައިގެ މަތިން މިރޭވެސް މެސެޖް ކޮއްފައި އެބައިނެވެ. މާހިލަށް ކުރިން ފޯނު ބަލައިނުލެވުނީ ކޮޓަރިތެރެ ޒީނަތްތެރިކުރަން އުޅުނީމައެވެ. އެމެސެޖު ފެނުމުން މާހިލް ފެރީ ޓާމިނަލާއި ދިމާއަށް ހިނގައިގަތީ ތެޅިތެޅި އޮތް ހިތަކާއެކުއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މާހިލަށް ޔަގީންކުރެވުނެވެ.

މަގުތައް ކަޑަތުކުރަމުން ދިޔައީ ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންނެވެ. އަލިމަގުތައް ފަހަނައަޅާގޮސް އަނދިރި ގޯޅިއަކުން އެޅި ވަގުތު ކަންފަތުގައި ޖެހުނީ ވޭނީ އާދޭހެއްގެ އެޑެވެ. ރޮމުން ސަލާމަތަށް އެދި އަންހެނަކު ހަޅޭލަވާ އަޑެވެ. މާހިލަށް ހުރި ފިޔަވަޅުމަތީ ދެފައި ހަރުލިއެވެ. ކުޑައިރު ކޮޅަކު އެއިވޭ އަޑާމެދު ވިސްނަން ހުރެވުނެވެ. ދެވަނަ މިނެޓުގައި މާހިލްގެ ހުރިހާ ނާރުތަކުގައި ލޭކައްކުވާލިއެވެ. އެއީ ދެވަނަ ދެމީހެއްގެ އަޑެއް ނޫނެވެ. އެއީ ސަޖާގެ އަޑެވެ.

~ ނުނިމޭ ~

ލިޔުންތެރިޔާގެ ނޯޓް: ވާހަކަ ލަސްވިކަމަށްޓަކާ އެންމެހާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށްއެދެމެވެ. މިވާހަކަ ގެނެސްދޭނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.

  1. Avatar

    އަޅޭ. އެންމެ ފަހުން ޖޫލީ ގެ އޭ ދޯ މައްސަލަ ހުރީ. ނަވީން ހާދަ ރަނގަޅޭ. ނަވީން ކަހަލަ ފިރިހެނެއްނު ހޯދަން ވި.

  2. Avatar

    ނަވީން ދޮގު ހެދީމަ މައްސަލަ އަކީ. ހައު އެވާ ބޭޑް އިޓް އިޒް ޖޫލީ ޑިޒާވްސް ދަ ޓްރުތު.

ޚިޔާލު ފޮނުއްވާ