Views: 11477 150

ގަނޑަކަށް ފަހު ގަނޑެއް އެއްލަމުން ދިޔައިރު ނަވީންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެވެ. އެހެނަސް އެހިނިތުންވުން ދެމިގެންދިޔައީ ކުޑަ ހިނދުކޮޅަކަށެވެ. އިންތިހާއަށް ކަންބޮޑުވެފައިވާ ދެލޮލުން އާޝާއަށް ބަލާލިއިރު އޭސީކޮއްފައިވާ ކޮޓަރިތެރޭގައިވެސް ނަވީން ދާހިތްލަންފަށާފިއެވެ.

"ބު....ބުނޭ މީ.....މީ....މީ... ދޮގެކޭ.....އާ....އާޝާ އަހަންނާއި ސަމާސާ ކުރަނީ ދޯ"ނަވީންގެ އަޑު ތުރުތުރު އަޅައެވެ.

"ނަ...ވީން..." ފިލިތަކަށް ދަމާލައިފާ ހަމައެކަނި އާޝާއަށް ނަވީނަށް ގޮވާލެވުނީއެވެ. އާޝާ ތީ ތެދެކޭ ބުނާފަދައިން ދެފަރާތަށް ބޯތަޅުވާލިއިރު އެމޫނުމަތީގައި ވީ ކަންބޮޑުވުމެވެ.
ކައިރީގައި ހުރި ގޮނޑިއަށް ނަވީން ވެއްޓިގަތީ ދެފައިކޮޅުން ވާގިދޫވާހެން ހީވުމުންނެވެ.ދެކެމުން އައި ހުރިހާ ހުވަފެނެއް ފުނޑުފުނޑުވީއެވެ. ޖޫލީ އާއި އެކު ބިނާކުރަމުން އައި އުފާވެރި ދިރިއުޅުމަށް ވިއްސާރައިގެ ކަޅުވިލާގަނޑެއްގެ ހިޔަނި އެޅުނީއެވެ. މީ ފަހަރެއްގައިވެސް ވެދާނޭ ހިތަށްވެސް އަރާފައި ނުވާގޮތެކެވެ.

"ނަވީން ކިތަންމެ ގަބޫލުކުރަން ބޭނުން ނޫނަސް ތީ ހަގީގަތް...."އާޝާ ކުރިއަށްޖެހިލައި ނަވީން ހަމައަކަށް އަޅުވަން ވާހަކަދައްކަން ފެށިއެވެ. އެހެނަސް ނަވީން އިނީ މީހަކު ދައްކާވާހަކައެއް އަޑުއަހާކަހަލަ ހާލަތެއްގައި ނޫނެވެ. އޭނާގެ ހިތާއި ސިކުނޑީގެ ކޮންޓުރޯލްވަނީ ގެއްލިފައެވެ.

"މިރިޕޯޓްތައް ނުބައި ....އަހަރެން ބޭނުން އަދި އެއްފަހަރު ޓެސްޓުކުރަން..."ކަރުދާސްތައް މޭޒުމައްޗަށް ޖަހަމުން ނަވީން އެހެން ބުނެލިއިރު އެދެލޮލުގައި ވިދަވިދާހުރީ ކަރުނައެވެ.
"ނަވީން...މިކޮޅުން ހެދި ޓެސްޓުތައް އިތުރަށް ޔަގީންކުރަންވެގެން ސާމްޕަލްތައް ބޭރަށް ފޮނުވިން....އެކޮޅުން ލިބުނު ރިޕޯޓުތަކާއި މިކޮޅުގެ ރިޕޯޓްތައް ދިމާވޭ..."އާޝާ ނަވީނަށް އިތުރަށް އެކަން ސާފުކޮއްދިނެވެ. އާޝާވެސް އެގޮތަށް ކަންތައް ކުރީ އިތުރަށް ޔަގީންކުރުމުގެ ގޮތުންނެވެ.

"އިތުރަށް ޝައްކުވަންޏާ....އެހެން ކުލިނިކަކުން ނޫނީ ހޮސްޕިޓަލަކުން ޓެސްޓުކުރެވިދާނެ....."

"އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް އެހެންތާކުން ޓެސްޓު ހެދިޔަސް އެކަމަކު ތިކަން ސިއްރުވެފަ އޮވެދާނެހެން ހިޔެއް ނުވޭ އެހެން ކުލިނިކަކަށް ގޮސްގެން..." އާޝާގެ ވާހަކަ އިވިފައި އޭނާގެ ހިތްކުދިކުދިވި ކަހަލައެވެ.ދެލޯ މަރާބާރުކޮއްލިއެވެ.

މޭޒުގައި ދެއަތުގެ އުޅަނބޯށި ވިއްދާ ބޮލުގައި ހިފަހައްޓާލިއެވެ. އާޝާވެސް ހަމްދަރުދީން ފުރިގެންވާ ހާލު އެކުވެރިޔާ އާ ދިމާއަށް ބަލަންހުއްޓެވެ. ނަވީން އެއްޗެއް ނުބުނުމުން އާޝާވެސް އިޙްތިޔާރުކުރީ ހިމޭންކަމެވެ. ނަވީން އެހެން އިނދެ އިރުއިރުކޮޅާ ނޭފަތް ދަމާލައެވެ.

"ނަވީން...."އާޝާ ނަވީނަށް ގޮވާލީ އިސްޖަހާލައިގެން އިނދެއެވެ. ދެލޯހުޅުވާ އާޝާ އާ ދިމާއަށް ބަލާލިއިރު ފެންނަނީ މިލާމޯޅިވެފައިވާ މޫނެކެވެ. އިރުކޮޅަކު އާޝާއަށް ބަލަން އިނދެފައި ނަވީން ބުނެލިއެވެ.
"ތީގެ މާނައަކީ ދުވަހަކުވެސް ކުދިންނެތް ނުލިބޭނޭތަ؟"އެއަޑުގައިވި އަސަރު އާޝާއަށް ސިހުންގެނުވިއެވެ. ނާއުއްމީދުން ފުރިގެންވީ މޫނާއި ދެލޯ ފެންނަ މީހެއްގެ ހިތްވެސް ހަމްދަރުދީން ވިރޭހާވެއެވެ. އަބަދުވެސް ހިނިތުންވުމާއި ތާޒާކަން ފެންނަ މޫނު އެވަނީ ދާދި ކުޑަ ހިދުކޮޅެއްގެ ތެރޭގައި މިލާމޯޅިވެފައެވެ.

އިތުރަށް ބުނެލާނެ ލަފްޒެއްވެސް އާޝާގެ ދުލާހަމައަށް ނައެވެ. އާޝާ ހަމައެކަނި ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ނަވީނާއި ޖޫލީ ދެރަވާނެ ވަރު އޭނާއަށް އިޙްސާސްކުރެވެއެވެ. މަޑުމަޑުން ހިނގާފައި ނަވީން ނިކުތީ ގެއަށް ދިއުމަށެވެ. ނަވީން އެފަދަ ހާލަތެއްގައި ހުރެ އެކަނިދާން ދޫކޮއްލުމަކީ އާޝާއަށް ކުރަން ކެރޭވަރު ކަމެއް ނޫނެވެ. ނަވީންގެ ފަހަތުން އަތްދަބަސް ހިފައިގެން އާޝާވެސް ނިކުތެވެ.
އިރުއޮއްސެން ދާދި ކުޑަތަންވެފައިވާއިރު ވިއްސާރަވިލާތައްވެސް ދިޔައީ އުޑުމައްޗަށް ޖަމާވަމުންނެވެ. ޖެހުންދިޔަ ނަލަނަލަ ރޯޅިތައް ބާރުވަމުން އާއިރު ދުނިޔެމައްޗަށް އަނދިރިކަން އަތްގަދަ ކުރަމުން ދިޔައެވެ. ގަދަވަޔާއެކު ބޯކޮށްވާރޭ ވެހިގަތްއިރު ހީވީ ތޫފާނެއް އައިހެންނެވެ.

ކުޑަދޮރުގައި ދަމާފައިވާ ބޯފަރުދާތައް ކަހާލައިގެން ޖޫލީ ހުރީ ވާރޭވެހޭ މަންޒަރު ބަލާށެވެ. ވާރެޔާ ތެމިލާހިތުން ހުރިއިރު ބަޔާންކުރަން ނޭގޭ އުފާވެރިކަމެއް އެމޫނުމަތީގައި ވިއެވެ. ނަވީން ގޭގައި ހުރިނަމަ މިހާރު އޭނާ ތެމިއްޖައީހެވެ. މާގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ނަވީންގެ ކާރު ގޭދޮރުމައްޗަށް މަޑުކުރިތަން ފެނިފައި ބޭރަށް ނިކުންނަން ދުއްވައިގަތެވެ. މަޑު ހިނގުމެއްގައި އިސްއޮބާލައިގެން ހުރެ ނަވީން ގޯތިތެރެއިން ގެއަށް ވަންނަން އައެވެ. ވެހެމުންދިޔަ ވާރެއާ ތެމޭއިރުވެސް މާބޮޑު ފަރުވާލެއްނެތެވެ. އެވަގުތު ދުވެފައި ނިކުތް ޖޫލީއަށް ހުއްޓެވުނެވެ. ނިކަން ބޮޑަށް ޖޫލީ ހިނިތުންވެލައިގެން ހުރިތަން ފެނުމުން ނަވީންގެ ހިތަށް ނޭގޭގޮތެއްވިއެވެ. އޭނާ އެއައީ ޖޫލީއަށް ކިހާ ހިތްދަތި ހަބަރަކާއިގެން ހެއްޔެވެ؟ މިހިތްދަތި ޙަބަރު ޖޫލީއަށް ދޭހިސާބުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދާނީ ކިހިނެތް ކިހާމިންވަރަކަށް ކަން ނަވީނަށްވެސް އަންދާޒާކޮއްލަން ދައްޗެވެ.

ބޯކޮށްވެހެމުންދިޔަ ވާރޭ އެދެމީހުންގެ ހަށިގަނޑަށް ހަމަލާދެމުން ދިޔައިރު ހީވަނީ ހަށިގަނޑު ފޫއަޅުވާލަން އުޅޭހެންނެވެ. ޖޫލީގެ އަތުގައި ނަވީން ހިފާ އޭނާގެ ދެއަތުން އެލޫޅާފަތި ހަށިގަނޑުގައި ނިކަން ބާރަށް ބައްދާލިއެވެ. ނަވީންގެ ބާރުގަދަ ދެއަތުގެ ތެރޭގައި ޖޫލީ ހައްޔަރުކޮއްލީ ކޮޅަކަށް ގުޑިނުލެވޭ ވަރަށެވެ. ހީވަނީ ދުވަހަކުވެސް ދޫކޮށްނުލާ ނަމޭ ބުނާހެންނެވެ. ނަވީން ބޭނުންވީ ޖޫލީ ގައިގާ ބައްދައިގެން ހުރެ ހިތްފުރެންދެން ރޯލާށެވެ. ބޯކޮށްވެހެމުން ދިޔަވާރޭތެރޭގައި ނަވީންގެ ދެލޮލުން ކަރުނަފައިބަމުން ދިޔަކަން ޖޫލީއަކަށް ނޭގެއެވެ. ގިސްލުމުގެ އަޑުބޭރުވެދާނެތީ ދެތުންފަތް ބާރުކޮށްގެން ހުރިއިރު ހިތްތެޅޭލެއް ބާރުކަމުން ނަވީން ހުރީ ކަންބޮޑުވެފައެވެ. ޖޫލީއަށްވެސް ހިތްތެޅޭވަރު އިޙްސާސްކުރެވިދާނެތީއެވެ.

"ބައްޕަ އައިސްދާނެ...."ޖޫލީ ތެޅިގަންނަމުން އެހެން ބުނީ ތިބެވުނު ތަނާއިމެދު ޖެހިލުންވެ ހުރެއެވެ.

ނަވީނަށްވެސް ތެޅިގަނެފައި ދުރަށްޖެހިލެވުނެވެ. ޖޫލީގެ މޫނަށް ބަލައިވެސް ނުލާ އަވަސްއަވަހަށް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ނަވީން ވަންގޮތަށްވަނީ ފާހާނާއަށެވެ. އެކަނިވުމުން އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. ބޭނުންވީ ހުރިހާ ހިތާމަޔަކުން އެއްފަހަރުން މިންޖުވާށެވެ. މީހާ ހަމައަކަށް އެޅޭށެވެ. އެހެނަސް ހަމަޔަކަށް އެޅޭނީ ކިހިނަކުން ހެއްޔެވެ؟

ފާހާނާގައި ހޭދަވީ ކިހާ ގިނައިރެއް ކަމެއްވެސް ނަވީނަކަށް ނޭގެއެވެ. އެތަށްއިރެއް ފަހުން ފާހާނާއިން ނިކުތްއިރު ޖޫލީ ފެންނާކަށް ނެތެވެ. އާވިއަރައަރާ ހުރި ކޮފީތައްޓެއް ހުއްޓެވެ. މުޅި ކޮޓަރިތެރޭގައިވަނީ ކޮފީވަސް ހިފާލާފައެވެ. އަވަސްއަވަހަށް ތައްޔާރު ވެލައިގެން ނަވީން ބެލީ ޖޫލީ އަންނަން ވާއިރަށް ކޮޓަރިން ނިކުމެވޭތޯއެވެ. ޖޫލީއާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ޖޫލީއާ ކުރިމަތިލާން ނިކަން ވަރުގަދަ ހިތްވަރެއް އޭނާއަށް ބޭނުން ވެއެވެ.

މަޢުރިބް ނަމާދުން މިސްކިތުން ފޭބިގޮތަށް އައްފާން މިސްރާބު ޖެހީ ޗެރީހައުސް އާ ދިމާއަށެވެ. ޒީނިޔާ ނުފެންނަތާ ގިނަ ދުވަސްތަކެއް ވުމުން ދެކޭ ހިތްވާލެއް ބޮޑުކަމުންނެވެ. އައްފާން ޒީނިޔާ އާއި ރައްޓެހިވާން އެހި ރެއިން ފެށިގެން އެދެމެދުގެ ގުޅުންވަނީ ހީނަރުވެފައެވެ. އޭގެ ކުރިން އައްފާންވެސް ދޭތެރެ ދޭތެރެއިން ޒީނިޔާ އާއި ފޯނުގެ ޒަރިއްޔާއިން މުއާމަލާތުކޮއް ހަދައެވެ. އައްފާންވެސް ޒީނިޔާގެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮއްލައިގެން ހުރީ ޒީނިޔާ ގުޅާނެކަމަށް ހީކޮށެވެ. އެހެނަސް އައްފާނަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށްތާއެވެ. އެންމެ ފަހުން މިރޭ ޗެރީހައުސްއަށް ދާން ބޭނުންވީވެސް އެސަބަބާއި ހުރެއެވެ. ޒިނިޔާ ކިބައިން ޖަވާބެއް ހޯދުމަށެވެ.

ދޮރުހުޅުވީ ދެތިން ފަހަރު ބެލް އެޅިފަހުންނެވެ. ދޮރުމަތީގައި ހުރި އައްފާން ފެނި ޒީނިޔާގެ މޫނުމައްޗަށް ދިރުން ލިބުނުކަހަލައެވެ. އެހެނަސް ތުންފަތްމައްޗަށް ހިނިތުންވުމެއް ގެންނަންވެސް ނޭގިފައި ޒީނިޔާ ހުއްޓެވެ. އައްފާން ފެނުމުން ހިތްހަމަ ޖެހުން ލިބުނެވެ. އައްފާން އެތެރެއަށް ވަނުމުން ޒީނިޔާ ދޮރުލައްޕާލިއެވެ. ޒިނިޔާ އުޅުނީ ކޮޓަރިއާ ދިމާއަށްދާށެވެ. އެހެންނަމަވެސް އައްފާން ޒީނިޔާ ގައިގާ ޖެހޭހާ ކައިރީ ހުއްޓިލައިގެން ހުރުމުން ޒީނިޔާ ސިހޭގޮތްވިއެވެ. ކުރިއަށް އަޅަން އުޅުނު ފިޔަވަޅު އެޅުނީ ފަހަތަށެވެ. އައްފާން ޒީނިޔާއަށް ބަލަންހުރި ގޮތުން އޭނާގެ ހަތަރެސްފައިވެސް ރޫރޫއަޅައިގެން ދާހާވިއެވެ.
"މިހާރު ހާދަ ޙަބަރެއް ނުވެޔޭ....ގުޅާއިވެސް ނުލާ ވިއްޔާ..."އައްފާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ.

"އަހަ...އަހަރެން އެއްއިރެއްގަވެސް އައްފާނަށް ގުޅަންތަ؟އައްފާނުއޭ ނުން އަހަރެންނަށް ގުޅަނީ....." ޒީނިޔާއަށް ގުޅަނީ އަބަދުވެސް އައްފާނުއެވެ. އިސްވެ ދުވަހަކުވެސް ޒީނިޔާ އޭނާއަކަށް ނުގުޅައެވެ.
"އޯވް....އެކަމަކު މިހާރު ތިކޮޅުންދޯ ގުޅަންޖެހޭނީ...." ސީދާ ޒީނިޔާގެ މޫނަށް ބަލަންހުރެ އައްފާން ބުނެލިއެވެ.

"އެކީއްވެ؟"ދެލޯ ހަނިކޮއްލާ ވިސްނާލަމުން ޒީނިޔާ ކޮއްލީ ސުވާލެކެވެ. އެހަރަކާތުންވެސް ޒީނިޔާއަށް އައްފާން އެދައްކާވާހަކަ ނަގައި ނުގަނެވޭކަން ހާމަވެއެވެ. ނޫނީ ޒީނިޔާ ގަސްތުގައި އެނގޭކަމަށް ނުހަދަނީއެވެ.

"އަހަރެން ޕުރޮޕޯސަލް ހުށައަޅާފަ ދޯ އޮންނާނީ ޖަވާބުދޭންޖެހޭނީ ތިކޮޅުންދޯ..." އައްފާން އެހެން ބުނުމުން ޒީނިޔާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ލަދުން އިސްޖަހާލި ގޮތަށް އިސްއުފުލަންވެސް ނުކެރުނެވެ.

"ކޮބާތަ ދެން ޖަވާބަކީ...."

"އަދިވެސް ހަމަ ވިސްނަނީތަ؟" ކުރިއަށްވުރެން ކައިރިއަށް ޖެހިލައި ޒީނިޔާގެ ކަންފަތްދޮށުގައި އައްފާން ބުނެލިއެވެ. ދެމީހުން އެކަނި ތިބި ނަމަވެސް އައްފާން އެހެން ބުނެލީ ވައިއަޑުންނެވެ. ޒީނިޔާ އާއެކޭ ބުނެލަން އަވަސްއަވަހަށް ބޯޖަހާލާއި ކުރިއަށް ހިނގައިގަތެވެ. އައްފާންގެ ކުރިމަތީ ހުރުމުން ޒީނިޔާގެ ހިތް އިތުރަށް ބޭޒާރު ވެދާނޭ ހެން އޭނާއަށް ހީވީއެވެ.

"ތިހާ ވަރަށް ތިވިސްނަނީ އަހަރެންނަށް އާއެކޭ ބުނަންތަ؟" ތަންކޮޅަކަށް ދެވުނުތަނާ އައްފާންގެ އަޑުއިވިފައި ޒީނިޔާއަށް ހުއްޓެވުނެވެ. އަދި އައްފާނާއި ދިމާއަށް ބަލާލައި ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

"މަށަށް ހާދަ ހީވެޔޭ އެކަމަކު އެހެން....ޒީނިޔާވެސް މަށާ ގަޔާވާހެން...." ލައިލާހުރި ނޭވާވެސް ތާށިވިކަހަލައެވެ. އަނގަމަތީ އަތްއަޅާ ބޯހޫރާލީ މިފަހަރުވެސް ނޫނެކޭ ބުނާށެވެ. އޭރު ނޭގޭ ބާރުމިނެތްގައި ހިތްތެޅެމުން ދިޔައެވެ. އައްފާން އެހާ ސީދަލަށް ބުނުމުން ބިރުގަތެވެ. ޖެހިލުންވިއެވެ. އައްފާނަށް އޭނާގެ ހިތްއޮތް ގޮތް އެނގުމުން އިތުރަށް ކަންބޮޑުވިއެވެ.

"ނޫނެކޭ ކިޔާނެ ކަމެއްނެތް.....ގަޔާ ނުވާނަމަ މިހާރު ބުނެއްޖައީސް ....އަހަރެންގެ ބިޓެއް ހުރެޔޭ....ނޫނީ އައްފާން އަހަންނަކަށް ކަމަކު ނުދެޔޭ.....ނޫނީ ތީ އަހަރެންގެ ސްޓައިލެއްނޫނޭ....މީ އާންމުކޮން އަންހެންކުދިންގެ ޑައިލޮގް އަޅެ ނޫންތަ..." އައްފާން ހުރީ ނިކަން ބޮޑަށް ހިނިތުންވެގެންނެވެ. ޒީނިޔާގެ ހަރަކާތްތައް ހުންނަ ގޮތުން އޭނާއާ މެދު ފޮނި ހުވަފެންތަކެއްދެކެއެވެ. ޒީނިޔާގެ ކޮންމެ ހަރަކާތަކުން އައްފާނާއި މެދު ގަޔާވާ މިންވަރު އޭނާއަށް ފެނެއެވެ.

"ގަޔާ ނުވާނަމަ ފަރަގުގެ ތަފާތު އަޅާނުކިޔާނެދޯ....." އައްފާން ހުރީ ޒީނިޔާއަށް ބަލާށެވެ.

"މަށަކަށް ނޭގެ ތިހާ ވަރަށް މަތަޅުވަން ތިއުޅެނީ ކީއްވެ ކަމެއް.....؟ ކޮންއިރަކުން ޖަވާބެއް ދޭންކަމެއް....އަހަރެން މުސްކުޅި ނުވަނީސް ޖަވާބެއް ދޭންވާނެ....ކެތްވާނީ ވަކި ވަރަކަށް ދޯ...." އައްފާންގެ ކޮންމެ ޖުމްލައަކުން ޒީނިޔާގެ ހިތުގެ އެންމެ ފުނުގައި ދިޔައީ ރައްކާކުރަމުންނެވެ. އާއެކޭ ބުނަން ބޭނުން ވިޔަސް ފަސްޖެހެވެނީ ކީއްވެކަމެއް ޙުދު އޭނާއަށްވެސް ނޭގެއެވެ.

"އެހާ ދިގުއިންތިޒާރެއް ކުރަން ނުޖައްސާތި އިނގޭ....." އެނބުރިދަމުން އައްފާން ބުނެލިއެވެ. ބަދަލުގައި ހަމައެކަނި ޒީނިޔާ އައްފާނަށް ރީތި ހިނިތުންވުމެއް ހަދިޔާކުރިއެވެ. އޭގެން މިފަހަރުވެސް އައްފާނަށް ދޭހަވީ ޒީނިޔާ ރުހޭ މިންވަރެވެ.

*******************

އިރުއޮއްސުނުތަނާ ނަވީން ބޭރަށް ދިޔަ ގޮތަށް އޭނާގެ ހަބަރެއް ނުވެއެވެ. ޖޫލީ މޭޒުމަތިން ކާތަށިތައް ނަގާ އެއްޗެހި ހޫނުކުރީވެސް އެގާރަ ޖަހާދިޔަ ފަހުންނެވެ. ނަވީންގެ ފޯނަށް ގުޅުންވަރެއްގެ އަދަދު ނޭގެއެވެ. ޖޫލީގެ އެންމެ ކޯލަކަށްވެސް އޭނާ ޖަވާބެއް ނުދިނެވެ. ކޮޓަރިއަށް ވަދެ ފެންވަރައިގެން ޖޫލީ އުޅުނީ މާދަމާއަށް ދަތުރަށް ތައްޔާރުކުރާށެވެ. ނަވީނާއި އެކު ދެދުވަހަށް ރިސޯޓަކަށް ދާގޮތަށް ރާވާފައި އޮތުމުންނެވެ.

ނަވީން ކޮޓަރިއަށް އައިސްވަނީ ޖޫލީ އެމަސައްކަތުގައި އިންދައެވެ. ނަވީންގެ ދެލޯވެސް ރޮއެރޮއެވަނީ ރަތްވެފައެވެ. ތުންފަތް ހިކި މޫނުމަތީގައިވަނީ ހިތާމަޔާއި ހިތްދަތިކަމުގެ ކުލަވަރެވެ.
"އަހަރެން ގުޅިން...."މަސައްކަތާއި މަޝްއޫލުވެފައި އިންލެއް ބޮޑުކަމުން ޖޫލީ ވާހަކަ ދެއްކީ ނަވީނަށް ބަލައިވެސް ނުލާއިނދެއެވެ.

"ކާން އަންނާށޭ ބުނަން ގުޅީ....މިރޭ ނުކަނީތަ؟" އެއްޗެހި އަޅަން އިން ފޮށި ލައްޕާލަމުން ޖޫލީ އަހާލިއެވެ. އޭރު ނަވީންގޮސް ފަރުދާތައް ކަހާލައިގެން ހުރީ ކުޑަދޮރުން ބޭރުބަލާށެވެ. ޖޫލީއަށް ފުރަގަސްދީގެންނެވެ.

"އަހަރެން ނުކާނަން....ނެތް ކާހިތެއް..." އާދައިގެ ގޮތަކަށް އެހެން ބުނެވޭތޯ ބެލިނަމަވެސް އެއަޑުގައިވީ މޮޅިވެރިކަމެވެ. އެކަން ޖޫލީއަށް ފާހަގަކުރާކަށް އުނދަގުލެއް ނުވިއެވެ. އެނދުން ތެދުވެގެން އައިސް ނަވީންގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

"ބަލިވީތަ...؟" ދެރަވެލައިފައި ޖޫލީއަށް އަހާލެވުނެވެ. ނިކަން އުނދަގުލުން ނަވީން ޖޫލީއާ ދިމާއަށް އަނބުރާލިއެވެ. ޖޫލީއާ ހަތަރުކަޅި ހަމަނުކުރަން ނަވީންހުރީ އިސްޖަހާއިގެން ދެލޯވެސް މަރާއިގެންނެވެ.
"ހުން އައީތަ؟..." ނަވީންގެ ކަރުދޮށުގައި ޖޫލީގެ އަތް ޖައްސާލިއެވެ. ހުމުގެ އަސަރެއް ނެތެވެ. އެހަށިގަނޑު ވަރަށް ފިންޏެވެ.

"ހުމެއް ނެތް...." ނަވީންގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ޖޫލީ ބުނެލިއެވެ. ޖޫލީގެ ކޮންމެ ހަރަކާތަކުން ނަވީންގެ ހިތްތެޅުން އަވަސްވަމުން ދިޔައެވެ. ނަވީން ލަސްލަހުން ދެލޯ ހުޅުވާލިއެވެ. އެދެލޮލުގައިވި ރަތްކަން ފެނި ޖޫލީއަށް ލިބުނީ ސިހެމެވެ. އިންތިހާ ހައިރާންކަމެވެ.

"ނަ....ނަވީން..." ނަވީނަށް ވީގޮތް އޮޅުން ފިލުވަން ޖޫލީ ބޭނުންވިއެވެ. އެހެނަސް ދެން ބުނަންވީ ކީކޭ ކަމެއް ޖޫލީއަކަށް ނޭގުނެވެ. ނަވީންގެ ދެލޮލުގެ ތެރެއިން ޖޫލީއަށް ފެންނަނީ ހިތާމައެވެ. ވޭނެވެ. ޒަހަމެވެ.

"ކިހިނެތްވީ....."ޖޫލީގެ ދެލޯވެސް ފެންކަޅިވިއެވެ.

"ޖޫ...ލީ....ޖޫލީ އަހަރެން ދޫކޮށް ހިނގައިދާނަންތަ؟" ނަވީންގެ އެސުވާލުން ޖޫލީއަށް ހީވީ ތޫނުވަކިތަކަކުން އޭނާގެ ހިތުގައި ވަކިއަޅާލިހެންނެވެ. "ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ....." ފުންނޭވާއެއް ދޫކޮއްލަމުން ނަވީންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

"ބުނޭ އަހަރެން ދޫކޮއް ނުދާނެމޭ.....ބުނޭ..." ނޭފަތް ދަމާލަމުން ނަވީން ރޮވިފައިވާ އަޑަކުން ބުނެލިއެވެ. ޖޫލީ ހިތުގައި ޖެހުނެވެ. ވެގެން އުޅޭގޮތެއް ނޭގިގެންނެވެ.
"އާނ އާނ....ދުވަހަކުވެސް ނަވީނާ ވަކިނުވާނަން....އަބަދުވެސް އެކީ ހުރެދޭނަން....." ނަވީނަށް ހިތްވަރު ލިބުނެވެ. އެހެނަސް ހަގީގަތާއި ކުރިމަތިލާނެހާ ހިތްވަރު ޖޫލީގެ ކިބައިގައި ހުރެދާނެބާއެވެ.
"ވެގެން އުޅޭގޮތެއް ބުނެދީބަލަ.....ޕުލީޒް..." ޖޫލީ އަޑުގައިވީ އާދޭހެވެ.

ނަވީން ޖޫލީއަށް ފުރަގަސްދިނެވެ. އެމޫނަށް ބަލަން ހުރެ އެޙަބަރު ދިނުމަކީ ނަވީންގެ ހިތަށް ކުޅަދާނަވެގެން ވާ ކަމެއް ނޫނެވެ.

"ޖޫލީ ޖޫލީ...."

"އަހަންނަކަށް ކުދިންނެތް ނުލިބޭ...." ޖޫލީގެ ދުނިޔެ އެނބުރިގަތް ކަހަލައެވެ. ނިކަން ވަރުގަދައަށް އެހާމެ ލޯބިން ބިނާކުރަމުން ދިޔަ ބިނާ ފުނޑުފުނޑުވެގެން ދިޔައީއެވެ.

(ނުނިމޭ)

ނޯޓް: މިވާހަކަ ގެނެސްދޭނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.

  1. Avatar

    ކޮބާ 8 ވަނަ ބައި……އަންގާރަ ދުވަސް ގޮއްސިއެއްނު…………8 ބައިގެ އިންތިޒާރުގަ….
    ވވވވވވ ރީތި މި ވާހަކަ

ޚިޔާލު ފޮނުއްވާ