10267 140

މާލޭގެ ހަލަބޮލިމަގުތަކުން ދަތުރުކުރަމުން ދިޔަ އައްފާންގެ ކާރުގައި އިވެމުންދިޔައީ އަސަރުން ފުރިގެންވީ މަދަޙައެއްގެ އަޑެވެ. ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމުގެ ގޮތުން ދުވަހުގެ ބޮޑުބައިގައި މިއަދު ޖެހީ މުޅިންހެން މަދަޙައެވެ. އައްފާންގެ ފޯނު ރިންގުވާ އަޑަށް ފޯނު ޖީބުންނަގާ ސްކުރީނަށް ބަލާލިއެވެ. “ބިއުޓީ”ގެ ނަން ފެނުމުން މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.

“ކީކޭ ބިއުޓިފުލް ޖަވާބެއްދޭންތަ ތިގުޅީ…..”ޒީނިޔާގެ ނަންބަރުން ގުޅުމުން ކާކުތޯ ޔަގީންކުރާކަށް ނުޖެހޭނެތާއެވެ. އައްފާންގެ ބަސްތައް އިވުމުން ޖޫލީއަށް ޖަހާލެވުނީ ހިނިގަނޑެކެވެ.
“ހޭ….މީ އަހަންނޭ…ޖޫލީއޭ…. ބިޒީތަ”ހިނިގަނޑު ކޮންޓުރޯލްކުރަމުން ޖޫލީ ބުނެލިއެވެ. އަދި އޭނާ އެގުޅި ކަމެއްވެސް އޮޅުން ފިލުވާދިނެވެ.

“މިގާތް ކުރަނީ ނިކުމެ ތިބޭ “ރަކިވެފައި އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ހަމައެކަނި އައްފާން ބުނެލީ އެހެންނެވެ. ފޯނު ކަނޑާލައިފައި ފުންނެވާއެއް ދޫކޮއްލިއެވެ. މީހާގެ ނަފްސްހަމަޖެހޭތޯ ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަންވީ ބޭކާރެވެ. ޖޫލީ އެކަމާ ގުޅޭގޮތުން އޭނާ އާއި ސުވާލުކުރާނޭކަން ޔަގީނެވެ. އެފިކުރުގައި ހުރެ ކާރު އެމީހުން ތިބި ރެސްޓޯރެންޓާ ދިމާއަށް އަނބުރާލިއެވެ.

އާޝާ އާއި ނަވީނުގެ ދެމެދެ އެތައްއެތައް ވާހަކައެއް ދެކެވުނެވެ. ދެމީހުންވެސް އެކަކު އަނެއްކެއްގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރިއެވެ. ނިޒާރު ދެއްކި ވާހަކަވެސް އާޝާ ނަވީން ކައިރީ ދެއްކިއެވެ.

“އަސްލު ބުނަން ބޭބީއެއް ބޭނުން ނުވާތީ ކީ ނޫން ޑޮކަށް ނުދައްކަ މިހިރީ….އަހަރެމެން ދެމީހުންވެސް ބޭބީއެއް ވަރަށް ވަރަށް ބޭނުން “ނަވީން ވާހަކަ ދެއްކީ ދުރު ބަލަން އިނދެއެވެ.
“ދެން ކީއްވެޔޯ ޑޮކްޓަރަށް ނުދައްކަން ތިއުޅެނީ….”އާޝާ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

“ޑޮކްޓަރަށްދޯ….”ނަވީން ބޯކަހާލިއެވެ.ހަޤީގަތް އާޝާ ކައިރީ ބުނާނީ ބާއޭ ހިތަށް އެރިއެވެ.

“ޑޮކްޓަރަށް ދައްކާތަނުން ކޮންމެވެސް އެކެއްގެ މައްސަލައެއް ހުރެއްޖެޔާ ދެނޯ….”ނަވީން ފުން ނޭވާއެއް ދޫކޮއްލިއެވެ.

“މަށަށް ހީވާގޮތުން މިހާ ދުވަސްވާއިރު ދަރިއަކު ނުލިބޭނީ ކޮންމެވެސް އެކެއްގެ މައްސަލައެއް ހުރެގެން ……ދެން މިސާލަކަށް އަހަރެންގެ މައްސަލައެއް ހުރެގެން ޖޫލީ ބޭނުން ވެދާނެދޯ އަހަންނާއި ވަކިވާން …ނޫނީ ޖޫލީގެ މައްސަލައެއް ހުރެގެން އަހަރެން ބޭނުން ވެދާނެދޯ ޖޫލީ އާ ވަކިވާން”ނަވީން ދެއްކީ މުޅިން ގޯސްވާހަކަ ތަކެއް ނޫނެވެ. އެހެނަސް ޑޮކްޓަރެއްގެ ހައިސިއްޔަތުން އާޝާ ދޭން ޖެހޭނީ މުޅިން ތަފާތު ޖަވާބެކެވެ.

“ތިވިސްނަނީ އަދި މުޅިން ރަނގަޅަކަށް ނޫން…..ހިނގާ ދެމީހުން ޗެކަޕެއް ހަދާލަމާ…ފަހަރެއްގަ ބޭސްކޮއްލަނިކޮން ރަނގަޅު ވާކަހަލަ ކަމެއްވެސް ހުރެދާންނުން…” އާޝާ އެކިގޮތްގޮތުން ނަވީނަށް ވިސްނާއިދިނެވެ. އާޝާ ނަވީނާއި ވަކިވީ އޭނާ އެއްބަސްކުރުވާފައެވެ. އެހެނަސް އާޝާ ނަވީނާއި ބައްދަލުކުރި އަސްލު މަގްސަދު އޭނާއަށް ހާސިލެއް ނުވިއެވެ. އެހެން ފުރުސަތަކުން އެކަން އޮޅުން ފިލުވަން ނިންމައި ހުރެ އާޝާ ނަވީންގެ ކާރުން ފައިބައިގެންގޮސް ގެއަށް ވަނެވެ.

ނަވީން ގެއަށް އާއިރު ޖޫލީ އޮތީ އެނދުމަތީގައެވެ. ބަންޑުން އޮށޯވެލައިގެންނެވެ. ކުރިމަތީގައި ހުޅުވާފައި އޮތް ފޮތެއް އޮތެވެ. ކިޔާކަމަށް ހެދިގެން އޮތީ ހިތުގައި ހުޅުރޯވަމުންދިޔަ އުދާސްތައް ނަވީނަށް ވަންހަނާކުރުމަށެވެ.

“ވަރަށް ގުޅިންދޯ”ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން ނަވީން އަހާލިއެވެ.

“ހޫނ” ޖޫލީ އަނގަޔަށް ގޮތެއް ހަދާލަމުން ހަމަ އެކަނި ބުނެލީ އެހެންނެވެ. ނަވީން އެވަގުތު ޖޫލީގެ މޫނަށް ބަލާލި ނަމަ ޖޫލީ ހިތްހަމަ ނުޖެހިފައިވާ ވަރު އެމޫނުން ފެނުނީހެވެ.

“ކިހިނެތް ފޯނު ނަގާނީ….ޖޫލީ ގުޅީ ނިކަން ވަރުގަދަ މީޓިން އެއްގަ އިންދަ ވިއްޔާ….”ގަމީސް ގަޔާ ވަކިކޮއްލައި ތުވާލި ނަގަމުން ނަވީން ވާހަކަ ދެއްކިއެވެ.

“މީޓިން އެއްގަދޯ”ޖޫލީ ތެދުވެ އެނދުގައި ހަމަޖެހިލިއެވެ.

“އެ ކާކުތަ؟”ދެބުމަ ކައިރިކޮށްލުމުން ޖޫލީގެ ނިތަށް އެރި ކުދިރޫތަކުން ވަރަށް ސީރިޔަސް ގޮތެއް ހުއްޓެވެ. އެހެން ނަމަވެސް ޖޫލީއަށް އެ ސުވާލުކުރެވުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ.

“ކޮބާތަ؟ކާކުގެ ވާހަކައެއް ތިބުނީ…”ފާހާނާއަށް ވަންނަމުން ޖޫލީއަށް ބަލާލަމުން ނަވީންވެސް ކުރީ ސުވާލެކެވެ.

“ނަވީން އެއްކޮން އެފެނުނީ ކާކުތަ؟ކޮން ގާރލްއެއްތަ އެއީ….” ޖޫލީގެ ވާހަކަ އިވިފައި ނަވީންގެ ތުންފަތްމަތީ ދުވެލީ ހިނިތުންވުމެވެ .ނަވީނާއި އާޝާ ފެނުނީކަން އޭނާއަށް ޔަގީންވިއެވެ. އެހެންވެ ނަވީންވެސް ބޭނުންވީ ޖޫލީ ތަޅުވާލާށެވެ.

“ހޫން އެއީ ދޯ….އެޔޭނުން މީހަކީ….ހުރޭ އޭނަޔާ ޖޫލީ ބައްދަލުކޮއްދޭނަން….އޭރުން އެއީ ކޮންފެންވަރެއްގެ ކާކުކަންވެސް އެނގިދާނެތާ…..” ނަވީން ފާހާނާ ދޮރުލައްޕާލިއެވެ. ނަވީން ފަރާތުން ޖޫލީއަށް އެއީ ކާކުކަން އޮޅުން ފިލާގޮތެއް ނުވިއެވެ.

އިރުކޮޅަކު ވިސްނަން އިނދެފައި ޖޫލީ ޖެހިލީ ހަތަރު ދޮރުފަތްލީ ވާރޑްރޯބް ކުރިމައްޗަށެވެ. ވާރޑްރޮބްގެ ކަހާދޮރުފަތް އެއްފަރާތަށް ޖައްސާލައި ގަމީހަކާއި ޖީންސެއް ނެގިއެވެ. ނަވީން ފާހާނައިން ނިކުންނަން ވާއިރަށް ގަމީހާއި ޖީންސް އިސްތިރިކުރަން އަވަސްވެގަތެވެ.

***********

ސަޖާއަށް މާހިލަށް ގުޅުން ވަރެއްގެ އަދަދު ނޭގެއެވެ. އެންމެފަހުން ސަޖާ އެނބުރި ވިލިގިއްޔަށް އައީ އޭނާގެ ބައްޕަޔާއި އެކުއެވެ. ސަޖާގެ މައިންބަފައިންނަށް އޭނާ ރޭގަނޑު އެކަނި ފޮނުވަންނުކެރުނީއެވެ. މަސައްކަތުގައި އުޅޭތީ ސަޖާ ވަންނަން ބުނުމުންވެސް މާހިލްމެންގޭ ދޮރާއްޓާ ހަމައަށް އައިސް ޖަލީލް ދިޔައީ އެގެއަށް ނުވަދެއެވެ.

ގޭތެރެއަށް ވަދެގެން ދިޔައިރު ސަޖާއަށް ފެނުނީ ފަޅުކަމެވެ. ހިމޭންކަމެވެ. އެންމެވެސް ފެންނަން ނެތުމުން ކޮންމެ މީހެއްވެސް ވާނީ އެމީހެއްގެ ކޮޓަރީގައިކަން ޔަގީންވިއެވެ. ސަޖާ ނިދާ ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު އެނދުމަތީގައި އިން މާހިލް ތެޅިގަނެފައި އުނގުމަތީ ބައިންދާގެން އިން ލެޕްޓޮޕް ލައްޕާލިއެވެ. ސަޖާ ހީކޮށްގެން ހުރީ އޭނާ އެވަރަށް ގުޅިއިރު މާހިލް ފޯނަށް ޖަވާބު ނުދިނީ ނިދިފައި އޮތީކަމުގައެވެ. އަނެއްކޮޅުން ސަޖާ ފެނުމުން މާހިލް ސިހުނުވަރުން ޙުދު ސަޖާވެސް ހައިރާންވިއެވެ. މުށުތެރޭގައި އޮތް ސަޖާގެ މޯބައިލުން މާހިލްގެ ނަންބަރަށް ޑައެލް ކޮށްލިއެވެ. ރިންގުގައި އޮތް ފޯނު އޮތީ މާހިލް އިން އެނދުމަތީގައެވެ. ރިންގުވާތަން ބަލަން އިނދެފައި މާހިލް ސަޖާއަށް ލޯއަޅާލިއެވެ.

“ކީތްތަ ތިކުރަނީ…..” ފޯނު ސައިލެންޓަށްލީ ސަޖާ ބަލަން ހުއްޓައެވެ. ސަޖާގެ މަގްސަދަކީ ކޮބައިކަމެއް މާހިލްއަކަށް ނޭގުނެވެ.

“އަހަރެން މިއޮށް ވަރަށް ގުޅީރު….ފޯނު ކައިރީ ބާއްވައިގެން ހަމަ އިނީދޯ…” ގެނައި ކޮތަޅުތައް އެނދުމަތީ ބަހައްޓަމުން ސަޖާ ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރިކޮންނެވެ. މާހިލް ތެދުވެގެން ގޮސް ލެޕްޓޮޕް އަލަމާރިމަތީ ބޭއްވިއެވެ.

“އަހަރެން މިކޮޅަށް އަންނަން ވެގެން މާހިލްއަށް ގުޅީ….ރޭގަނޑު އެކަނި ދަތުރުކުރަން ޖެހިލުންވާތީ…..”ސަޖާ މާހިލްއަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ބުނެލިއެވެ.
“އަހަރެން ބުނެގެންތަ ސަޖާ މާލެދިޔައީ…..”މާހިލްގެ އަޑުގައި އެކުލެވިގެންވީ މަލާމާތެވެ.

“ތާކަށް ދާއިރު އާދެވޭނެ ގޮތެއްވެސް އޮތްތޯ ބަލަންވާނުން……އެހެން ނޫނަސް ސަޖާ ތީ ކުޑަކުއްޖެއް ނޫނެއްނު”

” ސަޖާއަށް ވުރެން މާކުޑަކުދިންވެސް އެކަނިމާއެކަނި….ވިލިގިލިން މާލެގޮސް މާލެން ވިލިގިއްޔަށް އެބައާދޭ ….ދެން ސަޖާއަށް ވަކިން ނުކެރެންވީ ކީއްވެ؟ ޖެހިލުން ވާންވީ ކީއްވެ….؟” މާހިލް ނިކުމެގެން ދިޔައިރުވެސް ސަޖާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

މިއޮށްފަދަ ޒަމާނުގައި މާހިލަށް އެހެން ބުނަން ކެރުނީތީވެސް ޖޫލީ އަޖައިބުވިއެވެ. ފޭރުމާއި މާރާމާރީގެ ކަންތައް އެހާ ބޮޑު ދުވަސްވަރެއްގައި އަންހެންކުއްޖަކު އެކަނި ބޭރަށް ނިކުމެ އުޅުމަކީ ރައްކާތެރިކަމެއް ނޫނެވެ. މައިންބަފައިންގެ ހިތުގައި އެބިރުވެރިކަން އޮންނައިރު ތިމާގެ ފިރިމީހާ އެކަމާ ކަންބޮޑު ނުވާކަމީ ސަޖާ އާއިމެދު މާހިލް ނުވިސްނާ މިންވަރު ވަޒަން ކުރެވޭކަމުގެ ހެއްކެކެވެ.

***********

ނަސީރަށް ސައި ހިފައިގެން އާދިލާ ދިޔައިރު އޭނާ މިއަދުވެސް އިނީ ކުޑަދޮރުން ބޭރުބަލާށެވެ. މިހާރަކަށް އައިސް އާދިލާއަށް ނަސީރު މާބޮޑަށް ކަމަކާ ވިސްނާހެންވެސް ހީވެއެވެ. އައްފާންވެސް އުޅޭލެއް ބުރަކަމުން އާދިލާ ހުންނަނީ އެވާހަކަ ދައްކާލެވޭ ގޮތް ނުވެގެން ނިކަން ކަންތައް ބޮޑުވެފައެވެ. މިއަދުވެސް ނަސީރު ސައިބޯނީ ތަންކޮޅެއް ފަހުން ކަމަށް ބުނުމުން އާދިލާ ނިކުތީ ބޭރަށެވެ. މާޔޫސްވެ ހުރެ އޭނާވަނީ ބަދިގެއަށެވެ. މެންދުރަށް ކައްކަން ތައްޔާރު ކުރާށެވެ.

“ނަސީރު ….ނަސީރު…”ނިޒާރު ގޭތެރެއަށް ވަދެގެން އައި އޭނާގެ ކޮއްކޮއަށް ގޮވަމުންނެވެ. ނިޒާރުގެ އަޑަށް ބަދިގެތެރެއިން އާދިލާ ބޭރަށް ބޯދިއްކޮށްލިއެވެ.

“ނަސީރު ކޮޓަރީގަ….”ނިޒާރު ދިއްކޮށްލި ތަރުކާރީ ކޮތަޅުގައި ހިފަމުން އާދިލާ ނަސީރު ވީތަން އޮޅުން ފިލުވައިދިނެވެ.

“މިހާރު ސައިބޮއެފިތަ؟”ހިނިތުންވެ ހުރެ ނިޒާރު އެހިއެވެ.

“ނޫނޭ…..ތަންކޮޅެއް ފަހުންނޭ ކިޔާފަ ނުބޮއެ އަދި….”އާދިލާގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެވެ. ނަސީރާއި މެދު ކަންބޮޑުވާވަރު އެމޫނުން ކިތަންމެ ރީއްޗަށްވެސް ފެންނަން ހުއްޓެވެ.

“މިހާރު އެއޮށް ނުވަގަޑި ބައިވަނީ….”ނިޒާރު ގަޑި ބަލާލައިފައި އެތެރެއަށް ވަންނަން ހިނގާގަތް ވަގުތު އާދިލާ ،ނިޒާރަށް ގޮވާލިއެވެ.

“ބޭބޭ…”އާދިލާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

“މިހާރަކަށް އައިސް ނަސީރު ކޮންމެވެސް ކަމަކާއި ފިކުރުކުރާހެން ހީވަނީ…..އަހާ އަހާވެސް ނުބުނި….”އާދިލާ ވާހަކަ ދެއްކީ އިސްއޮބައިލައިގެން ހުރެއެވެ.

“ތިކަމާ ހާސްނުވޭ….ބޮޑުބެ ވާހަކަ ދައްކާނަން…”ނިޒާރު ގޮސް ނަސީރު ނިދާ ކޮޓަރިއަށް ވަނުމުން އާދިލާ ކުރިންކުރަން ހުރި މަސައްކަތާއި ދިމާއަށް ދިޔައެވެ.އާދިލާ ހިތްހަމަ ޖައްސާލީ ނަސީރު އޭނާގެ ބޭބެއާ ކަންކަން ހިއްސާކުރާނެ ކަމަށް ނިންމައިގެން ހުރެއެވެ.

***********

ނަވީން އޮފީހުގައި ހުރެފައި ޖޫލީއަށް އެންގީ ބަރާބަރު އެގާރަ ޖަހަންވާއިރަށް ތައްޔާރުވުމަށެވެ. ދަނީ ކޮންތާކަށް ކަމެއް ނުބުނެއެވެ. ޖޫލީ ލޯގަނޑުކުރިމަތީ ހުރެ ނިކަން ފުރިހަމައަށް ތައްޔާރުވެލިއެވެ. ކަޅުކުލައިގެ މަހްމާފޮތީގެ މެކްސީގައި ޖޫލީ ރާނީއެއްފަދައެވެ. ހެދުމުގެ މޭމަތީގައި ހަރުކޮށްފައިވާ އެކިވަރުވަރުގެ ޑައިމަންޑުތަކުން ހެދުމުގެ ފަޅުފިލައެވެ. ހޫނުގަދަ ގަޑިއެއްކަމުން އިސްތަށިގަނޑުވެސް އޮޅާލާފައި ހަރުކޮށްލީ ދައްޗަކުންނެވެ.

“ވާއު…”ނަވީން ފަހަތުން އައިސް ޖޫލީގެ ކޮނޑުގައި ދަތްދޮޅިޖައްސާލިއެވެ. އަދި އޭނާގެ ރީތި ރީތި އަންހެނުނުންގެ މޫނަށް ބަލާލީ ކުރިމަތީގައި ހުރި ތަނަވަސް ލޯގަނޑުންނެވެ.

“މާޝާﷲ….ޔޫލުކިން ގޯޖަސް…..”ނަވީނަށް ތައުރީފްކޮށްނުލާ ނުހުރެވުނެވެ. ޖޫލީ ރަކިވެގެން ނަވީނާއި ދުރަށް ޖެހިލިއެވެ. އަދި ރީތިވާ މޭޒުމަތީގައި ހުރި ސެންޓުފުޅިތަކުން ސްޓިލްޖެނިފަރ ސެންޓުފުޅި ކަރުދޮށަށް ޖަހާލިއެވެ. މުޅި ކޮޓަރިތެރޭ ލުއިލުއި މީރުވަހެއް ފެތުރިގެން ދިޔައެވެ.

“ރެޑީ….”އެންމެ ފަހުފަހަރަށް ލޯގަނޑުން ބަލާލަމުން ޖޫލީ ބުނެލިއެވެ. އަދި ފުންމާގަނޑުނަގާ މޫނުގައި ޖައްސާލިއެވެ. އެވަގުތު ނަވީންގެ އަތުގައި އޮތް ގަދަރަތްކުލައިގެ ފިނިފެންމާ ޖޫލީގެ ހުޅިގަނޑުގައި ހަރުކޮއްލަދިނެވެ. ލޯގަނޑުން ބަލަންހުރެ ޖޫލީ މަލުގައި އަތްޖައްސާލަމުން ނަވީނަށް ހިނިތުންވެ ހުރެ ބަލާލިއެވެ. އެފަދަ ލޭފަވެތި ފިރިޔަކު ލިބުން އެއީ ޖޫލީގެ ނަސީބެވެ. ޖޫލީގެ ތުންފަތްމަތީ އަބަދުވާ ހިނިތުންވުމުގެ އަސްލަކީ ނަވީނެވެ. ނަވީނަކީ އިންތިހާއަށް ލޯބިދޭން އެނގޭ ހިތްހެޔޮ ފިރިއެކެވެ. ކޮންމެއަންހެންކުއްޖެއްގެ ވެސް ހުވަފެނީ ރާޖާއަކަށް އެފަދަ ނަވީނެއް ލިބުމަށް އެދޭނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.

ނަވީން ކާރު މަޑުކުރީ ފަސްބުރީގެ އިމާރާތެއް ކުރިމައްޗަށެވެ.އެއީ ޖޫލީއަށް އެމަގުން ދަތުރުކުރާ އިރު ފެންނަ ތަނެއްކަމަކު ކޮންތަނެއް ކަމެއް ނޭގެއެވެ.ތަނުގެ ނަންބޯޓަށް ބަލާލުމުން ކޮންމެވެސް ކުލިނިކެއްކަން އެނގުނެވެ.

“މީކޮންތަނެއް…؟ކީއްކުރަން މިތަނަށް ތިއައީ….”ނަވީންގެ ފަހަތުން ކާރުން ފައިބަމުން ޖޫލީ އަހާލީ އެއިމާރާތަށް ނަޒަރު ހިންގާލަމުންނެވެ.

“ސަޕްރައިޒް…”ނަވީން އެހެން ބުނެލީ ކަނާތު ބުމައިރުވާލަމުން ނިކަން ފުޅާ ހިނިތުންވުމަކާއި އެކުއެވެ. އަދި ނިކަން ބާރަށް ގޮސް ކުލިނިކްގެ ގޭޓުން ވަންނަން ހިނގައިގަތެވެ.
“ސަޕް….ރައިޒް” ކޮނޑު އަރުވާލަމުން ޖޫލީއަށް ބުނެވުނީ އަކުރުތަކަށް ދަމާލަމުންނެވެ. ޖޫލީވެސް އިރުކޮޅަކު ހުއްޓުން އަރާފައި ހުރެ ހިނގައިގަތީ ނަވީނާއި އެއްވަރުކުރެވޭތޯއެވެ. އޭރު ނަވީން ގޮސް ލޮލުކޮޅަށް އޮބައިފިއެވެ.

ގޭޓުން އިމާރާތުގެ އެތެރެއަށް ވަންނަން ފުޅާމަގެއް އޮތެވެ. އެފުޅާމަގުގައި ފެހިދޫލައެއްހެން ބިންމަތި ފޮރުވިފައިވަނީ ކާޕެޓްވިނައިންނެވެ. ތިރިތިރިކޮން ފާރުކޮޅެއް ރާނާފައިވާއިރު ގަސްމުށިތަކުގައިވަނީ އޯކިޑްގަހެވެ. ހުދު އޯކިޑްމާތައް އަޅާފައިވާއިރު ޖޫލީ އެމަގުން ކުރިއަށް ދިޔައިރު ބުނެދޭން ނޭގޭ އިހްސާސްތަކެއް އޭނާއަށް ކުރެވުނެވެ. ދެފަރާތަށް ހެލިހާ އޯކިޑްމާތައްވެސް ހީވަނީ ޖޫލީގެރީތިކަމަށް ކުރުނީސް ކުރާހެންނެވެ.

ޖޫލީ ނަވީން ހޯދަމުން ގޮސް ވަންއިރު ނަވީން ހުރީ ރިސެޕްސަނުގައި އިން ކުއްޖައާ ވާހަކަ ދައްކާށެވެ.އެކުއްޖާ ފަރިތަކަމާއެކު ފޯނުގެ އަތްގަނޑު ނަގާ ނަންބަރު ޖަހާލިއެވެ.
“އިލެވެންގެ އެޕޮއިންޓްމެންޓަށް ނަވީން އައިސް އެބަހުންނެވި…..”ޖޫލީ ހައިރާންވެ ހުރެ ނަވީންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ނަވީން ފަހަތް ބާލާލައިފައި ހިނިތުންވެލިއެވެ. އަދި ރިސެޕްސަންގަ އިން ކުއްޖާއާ ދިމާއަށް މޫނު އަނބުރާލިއެވެ.

“ލައްބަ…މިސްޓަރ އެންޑް މިސިސް ނަވީން ……”ފޯނުގެ އަތްގަނޑު ބޭއްވުމަށްފަހު ދެވަނަ ފަންގިފިލާއަށް ދިއުމަށް ބުންޏެވެ. އެކުއްޖާ ދިން މެމޯކޮޅު ހިފައިގެން ނަވީން ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ވާނުވާ ނޭގި ޖޫލީވެސް ނަވީންގެ ފަހަތުން ހިނގައިގަތް އިރު ހުރީ ބިރުގަންނަ ގޮތްވެފައެވެ.

ދެވަނަ ފަންގިފިލައަށް ލިފްޓްގެ ދޮރު ހުޅުވުނު އިރު ނަވީންމެން ދެމަފިރިންނަށް މަރުޙަބާ ކިޔަން އާޝާ ހުރީ މާބޮނޑިޔެއްވެސް ތައްޔާރުކޮއްގެންނެވެ. ހުދުކުލައިގެ ބުލައުސަރ އަކާއި ކަޅުކަލައިގެ ދިގު ސްކާޓުގައި އާޝާ ފެންނަނީ ވަރަށް ވަރުގަދަ ސަހްސިއްޔަތެއްގެ ގޮތުގައެވެ. އެއްވެސް މޭކަޕެއް ކޮއްފައި ނުވާއިރު ބޮޑާކަމެއް ދެއްކުންތެރިކަމެއް ވެސް އެމޫނުމަތީގައި ނުވެއެވެ.
“ޖޫލީ….މީ އާޝާ ސްކޫލު ދައުރުގެ މާވަރުގަދަ ރައްޓެއްސެއްގެ ވާހަކަ ދައްކަމޭނުން މީ އެ އާޝާއަކީ ….މިހާރު ޑޮކްޓަރެއް ޑޮކްޓަރ އާޝާ އަފީފް”ނަވީން ޖޫލީއަށް އާޝާ ތައާރަފްކޮއްދިނެވެ. ޖޫލީ އާއި އާޝާ ތައުލީމް ހާސިލްކުރީ ދެސްކޫލަކުންނެވެ. އެހެންވެ ދެމީހުންނަށް އެކަކު އަނެއްކަކު އެނގެނީ ވަރަށް ކުޑަކޮންނެވެ. ހަމައެކަނި ނަވީންގެ ފަރާތުން އެނގޭ އެނގުމެއް ފިޔަވައި މީގެ ކުރިން މާބޮޑު އެކުވެރިކަމެއް ނޯވެއެވެ.

“ކުރިން ރޭ ޖޫލީ އެހީމެއްނު މީކާކުހޭ…އެރޭ އާޝާ އެކީ ޑޭޓަކަށް ދިޔައީ…”ނަވީން އެހެން ބުނުމުން ޖޫލީ ސިހުނުވަރު އެބޮޑު ދެލޮލުން ފެންނަން ހުއްޓެވެ.

“އަނެއްކަ ޑޭޓަކަށް ނޫން ….”ނިކަން ބާރަށް ހިނގަނޑެއް ޖަހާލަމުން ނަވީން ބުނެލިއެވެ.އާޝާ ހިނިތުންވެލައިގެން ހުރިއިރު ކޮލަށް އަޑިވެފައި ހުރުމުން މައުސޫމްގޮތެއް ހުއްޓެވެ.
“ކޮފީއަކަށް ދެމީހުން ދިޔައީ ދޯ….ކޮފީ ބަދަލުވީ ޑިސްކަޝަންއަކަށް…”ލައިގެން ހުރި ފަޓްލޫނު ޖީބުން އޭނާގެ އަތް ނަގާ ޖޫލީގެ އުނަގަނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.
ނަވީންގެ މޫނަށް ބަލާލައި ޖޫލީ ހިނިތުންވިއެވެ. ޖޫލީ މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.

ޖޫލީ އާޝާ އާ ސަލާންކޮއްލިއެވެ. އާޝާ ހިނިތުންވެ ހުރެ ޖޫލީއަށް ތައްޔާރުކޮށްގެން ގެނައި މާބޮނޑި ހަދިޔާކުރިއެވެ. މާބޮނޑީގައި ވަނީ ހުސް ހުދުކުލައިގެ އޯކިޑުމަލެވެ. އޯކިޑަކީ އާޝާއަށް މާހާއްސަ އެއްޗެއް ކަމުގައި އެވަގުތުވެސް ޖޫލީއަށް އެނގުނެވެ.

އާޝާ އާއި އެއްހަމައެއްގައި ހުރެގެން ޖޫލީ ހިނގަމުން ދިޔައިރު ނަވީން ހުރީ ތަންކޮޅެއް ފަހަތުގައެވެ. އާޝާ ޖޫލީ ގެނައި ބޭނުން ހާމަކުރިއެވެ. ދެމީހުން ޓެސްޓުތައް ހަދަން ނަގަންޖެހޭ ސާމްޕަލްތައް ނެގުމަށް ގާތް ގަނޑަކަށް ގަޑިއަކު އިރު ހޭދަވިއެވެ. އެވަގުތު ކޮޅު ތެރޭގައި އާޝާ އާއި ޖޫލީވެސް ނިކަން ބޮޑަށް އެކުވެރިވިއެވެ. އަލަށް ބައްދަލުވި ދެމީހުން ހެނެއް އެދެމީހުން އުޅޭ ގޮތުން އެއްގޮތަކަށް ވެސް ހިޔެއް ނުވެއެވެ. އާޝާއެކު ހޭދަވި ވަގުތުކޮޅު އެހާ އަވަހަށް ނިމުމަކަށް ގެންނަން ޖޫލީ ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ނަވީނަށްވެސް މަޑުކުރެވެން ނެތުމުން އެންމެ ފަހުން އެވަގުތުކޮޅަށްވެސް ނިމުން އައީއެވެ. ދެހަފްތާ ފަހުން ބައްދަލުވާން ވައުދުވެފައެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބެން އަންނަނީ ދެހަފްތާ ފަހުންނެވެ.

ދުވަސްތައް ބަދަލުވަމުން ދިޔައީ ހީވެސް ނުކުރާހާ ބާރު މިނެތްގައެވެ. މިވޭތުވެގެން ދިޔަ ދެޙަފްތާ ނަވީންމެން އަވަދިނެތި އުޅެމުން ދިޔައީ ހުޅުމާލޭގައި ޗެރީ ކޮމްޕެނީގެ ފިހާރައެއް ހުޅުވުމަށެވެ. ގެއަށް ވަދެލާނެ އަވައްޖެއްވެސް ނަވީނަކަށް ވެސް އަދި ނިޒާރަކަށްވެސް ނުވެއެވެ. މާހިލްގެ ހާލަކީވެސް އެއީއެވެ. އެކޮމްޕެނީގެ އެންމެ ސީނިޔަރ ލެވެލްގައި މަސައްކަތްކުރާ ކޮންމެ މަވައްޒަފަކުވެސް އުޅުނީ ފިހާރަ ހުޅުވެންދެން އެހާމެ ބުރަކޮންނެވެ. އެ އެންމެނަށްވެސް ހިންދެމިލެވޭވަރުވީ ފިހާރަ ހުޅުވުމުންނެވެ.ފިހާރަ ހުޅުވުމުން ނަވީންވެސް ހުރީ ޗުއްޓީއެއް ނަގަން ބޭނުންވެފައެވެ.
ޗުއްޓީއަށްދާން ވާއިރަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމާފައި ނަވީނަށް އޮފީހުން ނިކުމެވުން އިރު އިރުއޮއްސެން ދާދި ކައިރިވެއްޖެއެވެ. ޕާކްކޮއްފައި އޮތް ނަވީންގެ ރަތްކުލައިގެ ކާރަށް އަރާ ހަމަޖެހިލިތަނުން ނަވީންގެ ފޯނަށް ކޯލެއް އައެވެ. ފޯނުގެ ސްކުރީނަށް ބަލާލައިފައި އަވަހަށް ކަންފަތުގައި ޖެހިއެވެ.

“ކީކޭ އާޝާ…”

“ވަރަށް އަވަހަށް ބައްދަލުކޮއްލަން ވެއްޖޭ….އެކަނި އައްޔާ ބޮޑަށް ރަނގަޅީ….”އާޝާގެ ވާހަކަ މާދިގެއް ނުކުރިއެވެ.މިވަގުތު އާޝާ ބޭނުންވަނީ ނަވީނާއި އެކަނި ބައްދަލުކުރާށެވެ.
“އޯކޭ ހަމަ މިހާރު މިދަނީ…”މާބޮޑު ހިޔާލެއް ފިކުރެއްނެތި ކާރު ސްޓާރޓުކޮއްލި އިރު ތުންފަތްމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ.

އާޝާ ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. ގެއަށްދާން ބޭނުންވެފައި ހުރި ނަމަވެސް އޭނާ އެ އިންތިޒާރުކުރަނީ ނަވީނަށެވެ. ދޮރުގައި ޓަކިޖަހާލުމުން އެހުރިގޮތަށް ހުރެ އެތެރެއަށް ވަންނަން ބުނެލިއެވެ.ނަވީން ކޮޓަރިއަށް ވަދެ ލެއްޕުމުންވެސް އިތުރު ހަރަކާތެއް ނުގެނެއެވެ.ބޭރުން ފެންނަ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން ހުރީއެވެ.
“އަހަރެން މި އައީ…..؟” ނަވީން އޮފީސްހެދުމުގައި ހުރި އިރު ހިތްގައިމު ގޮތެއް ހުއްޓެވެ.ކަޅުއަތްދިގު ގަމީހަކާއި އެކުލައިގެ ފަޓްލޫނެކެވެ.އަޅާފައިވާ ޓައީވެސް ގަމީހާއި ވަރަށް ގުޅެއެވެ.
“ކޮފީކަށްދާންތަ އަންނަން ބުނީ…..”ނަވީން ބޭނުންވީ ސަމާސާކޮއްލާށެވެ.އަންނަން އުޅޭ ތޫފާނުގެ ހިލަމެއްވެސް އޭނާއަކަށް ނުވެއެވެ.

އާޝާ ނަވީނާއި ދިމާއަށް އެނބުރުނެވެ.އެހެންޏާ އެމޫނުން އެފެންނަ ހިނިތުންވުމެއް މިއަދަކު ނެތެވެ. އެމޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ.

“ތިއޮތީ މީގެ ދެޙަފްތާ ކުރިން ހެދި ޓެސްޓު ތަކުގެ ރިޕޯޓް….”މޭޒުމަތީގައި ހުރި ކަރުދާސްތަކަށް އިޝާރާތްކޮށް އާޝާ ބުނެލިއެވެ. ނަވީން ޓެސްޓު ހެދިކަން ހަނދާންވީވެސް އާޝާ އެހެން ބުނުމުންނެވެ. މިވޭތުވެ ދިޔަ ދެޙަފްތާއަކީ އޭނާއަށް ވަރަށްވެސް ބުރަ ދެޙަފްތާއެވެ.

“އޯހް..އަހަރެން މިހާރު ހަނދާނެއްވެސް ނެތް…”

ނަވީން ރިޕޯޓްނަގާ ބަލަން ފެށިއެވެ. އާޝާ ހުރީ ނަވީނާއި ދިމާއަށް ކަޅިޖަހާ ނުލާބަލާށެވެ. ތުންފަތުގައި ދަތްއަޅާލައިގެން ހުރިއިރު އެދެލޮލުގައިވީ ހަމްދަރުދީއެވެ. ނޭވާ އަވަސްވެފައި ވާއިރު ހަރަމްބަނދެލައިގެން ހުރެ ނަފްސުހަމަޖެހޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

ގަނޑަކަށް ފަހު ގަނޑެއް އެއްލަމުން ދިޔައިރު ނަވީންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެވެ. އެހެނަސް އެހިނިތުންވުން ދެމިގެންދިޔައީ ކުޑަ ހިނދުކޮޅަކަށެވެ. އިންތިހާއަށް ކަންބޮޑުވެފައިވާ ދެލޮލުން އާޝާއަށް ބަލާލިއިރު އޭސީކޮއްފައިވާ ކޮޓަރިތެރޭގައިވެސް ނަވީން ދާހިތްލަންފަށާފިއެވެ.

“ބު….ބުނޭ މީ…..މީ….މީ… ދޮގެކޭ…..އާ….އާޝާ އަހަންނާއި ސަމާސާ ކުރަނީ ދޯ”ނަވީންގެ އަޑު ތުރުތުރު އަޅައެވެ.

(ނުނިމޭ)

ނޯޓް:މިވާހަކަ ގެނެސްދޭނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.

  1. Avatar

    ބުނެލަން އޮތީ މިކުދިން މިލިޔާ ވާހަކަ ތަކަށް ކިޔުންތެރިންގެ ހިޔާލު ވަރަށް ބޭނުން ވާނޭ….ވާހަކަ ކިޔަކަސް އަދި ނުނިމޭ
    ތިކުދިން ގެ ހިޔާލު ފާޅުކުރާށޭ…

  2. Avatar

    އަޅެ 2 ދުވަހުގެ ބަދަލުގައި 3 ދުވަހު އަޕްކޮށްދެވޭތޯ ބަލާބަ… ވވވވވވވވވ ރީތި މިވާހަކަ.

ޚިޔާލު ފޮނުއްވާ