Views: 11137 155

"އަހަރެމެން ދެމީހުން އަރާއަރަފޯދޭތަ؟ފެންވަރުގެ ތަފާތު ނިކަން ބަލާބަލަ....އަހަރެންމީ ނިކަމެއްޗެއް..ފަގީރެއް މިގޭ ބޭބެ އެހީނުވާނަމަ ނޭގެ އުޅޭނެ ހާލެއްވެސް އެކަމަކު ތީ އަހަރެންގެ އިދިކޮޅު މުއްސަނދި ކެރިފޯރުންތެރިއެއް ބޭނުން ކޮންމެ އެއްޗެއް ލިބޭވަރުގެ ތަނަވަސް .....ދެން ކިހިނެތް އަހަރެމެންދެމީހުން ގުޅޭނީ އުޑާ ބިމާހާ ފަރަގު ބޮޑު"

ޒީނިޔާގެ ކޮންމެ ޖުމްލައެއްގައިވީ ރިހުމެވެ. ޒަހަމެވެ. ހަލާކުވެއްޖެ ކޮންމެ ހިތަކުންވެސް އެފަދަ އަސަރުތަކެއް އިވޭނޭކަން ޔަގީނެވެ. ޖޫލީ ކެތްތެރިކަމާއި އެކު ހުރީ ދެންހުރި މީހެއްގެ އަޑުއަހާލާށެވެ.

"އަހަރެންނަށް މުހިއްމު ކަންތައްތަކެއް ނޫން ތިއީ...އަހަރެން ބޭނުމީ ހަމައެކަނި ޒީނިޔާ ...ތިލޯބި...އެހެން ހުރިހާ ކަމަކަށްވުރެން އަހަރެންނަށް މުހިއްމީ ޒީނިޔާ..."

އައްފާންގެ އަޑާއި ރާގުހުރީ ބަދަލުވެފައެވެ. އެއަޑުގައިވީ ސާބިތުކަމެވެ. އައްފާންގެ ކޮންމެ ޖުމްލައަކުން ޒީނިޔާ ބޭނުންވާ ވަރު ހާމަވެއެވެ.

"އަހަރެން ޖަވާބެއް ބޭނުން"

އައްފާންގެ ލޮލުގައި ވިދަވިދާހުރީ ކަރުނައެވެ. ހިލައިގެ ބުދެއްހެން ޒީނިޔާ ހުރީ ބަސްހުއްޓިފައެވެ.

"ވިސްނާނެ ވަރަކަށް ވިސްނާފަ ޖަވާބެއްދީ...."

ފުން ނޭވާއެއް ދޫކޮއްލަމުން އައްފާން ބުނެލިއެވެ.

"އަހަރެން އިންތިޒާރު ކުރާނަން"

ފަޓްލޫނު ޖީބަށް އަތްޖަހާލައިގެން އައްފާން ހިނގައިގަތީ އެގެއިން ނިކުންނާށެވެ. އެންމެ މިނެޓަކުވެސް ޒީނިޔާ ފެންނަ ހިސާބުގައި މަޑުކުރަން އައްފާން ބޭނުން ނުވާކަހަލައެވެ. ލޮލުކޮޅަށް ގޮސް އައްފާން ގެއްލުމުން ޒީނިޔާ ދުވެގޮސްވަނީ އޭނާ ނިދާކޮޓަރިއަށެވެ. ހިތްހަލާކުވެ ކުދި ކުދިވެފައިވާ ހާލުއެވެ. ރޮމުން ގިސްލަމުންނެވެ.

"އައްފާން ....ޒީނިޔާ..."

ޔަގީން ނުވާފަދައިން ދެމީހުންގެ ނަން ޖޫލީއަށް ކިޔާލެވުނެވެ. އެމޫނުގައިވީ ހައިރާންކަމެވެ. ހުރި ފިޔަވަޅުމަތީ ދިރުމެތްނެތް މައްޔިތެއް ފަދައިން ޖޫލީ ހުރީ އިވުނު އަޑުތައް ގަބޫލުނުކުރެވިފައެވެ .އައްފާން ހަޤީގަތުގައިވެސް ޒީނިޔާ އާ ގުޅެން ބޭނުންވަނީ ހެއްޔެވެ؟އެގުޅުމަށް އޭނާގެ މައިންބަފައިން ރުހޭނެބާއެވެ. ނޫނީ ޒީނިޔާއަކީ ރާއްޖެތެރޭ ނިކަމެއްޗަކަށް ވީތީ އޭނާގެ އިހްސާސްތަކާ ކުޅެލަން އައްފާން ބޭނުން ވަނީބާއެވެ. މިފަދަ ހީތަކެއްގައި ހުރެ ޖަގަށް ފެން އަޅާއިގެން ޖޫލީ ވަނީ ކޮޓަރިއަށެވެ. މާދަން ޒީނިޔާ ކައިރީ އެވާހަކަ ދައްކަން ނިންމައިގެން ހުރެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު އެއް އެއާރ ޕޯޓަށް ވާނޭކަން ގައިމެވެ. ފުރާމީހުންނާއި ލަފާމީހުނުންނެވެ. ލަފާމީހުންނަށް މަރުހަބާކިޔަން އައިސް ތިބި މީހުންނާއި ފުރާމީހުން ފުރުވާލަން އައިސް ތިބި މީހުނުންނެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެވެ. މުޅިމާހަލުވަނީ ދެކޮޅަށް ހަރަކާތްތެރިވާ މީހުނުން ހަލަބޮލިކުރުވާފައެވެ.
ނަވީންގެ ލަގެޖްތައް ޓުރޮލީއަށް އަރުވައިގެން މިސްރާބުޖެހީ ޓާރމިނަލާއި ދިމާއަށެވެ. އެންމެ މިނިޓެއްވެސް ބޭކާރުކޮށްނުލާ އޭނާ ބޭނުންވީ މާލެ ދާށެވެ.

"އެކްސް ކިޔުޒް..."

ނަވީނާއި ދިމާކުރިމަތިން ހެން އަންހެންކުއްޖަކު ކުޑަކޮށް އަތްއުފުލާލައި ހަނާއަޅާލިއެވެ. ނަވީންގެ ޓުރޮލީއަށް އޭނާގެ ދަބަހާއި ފޮށި ލެވިދާނެތޯ އަހާލީ އިނގިރޭސި ބަހުންނެވެ. ނަވީން އެކުއްޖާގެ ބޮލުންފަށައިގެން ފަޔާހަމައަށް ނަޒަރު ހިންގާލިއެވެ. ކޮނޑަށްވުރެން މައްޗަށްކޮށާ ލައިފައިވާ ރަންކުލައިގެ އިސްތަށިގަނޑު ފަންކަމުން ފަށުވިކޮޅެއްފަދައެވެ. ދެލޯފޮރުވާފައިވަނީ އަވިއައިނަކުންނެވެ. ދަތްތައް ފެންނަވަރަށް ހިނިތުންވެލައިގެން ހުރި އިރު ކޮލަށް އަޑިވެފައި ރީތިގޮތެއް ހުއްޓެވެ. އިސްކޮޅުން ކުރުނަމަވެސް އަރައިގެންހުރި ހައިހީލުން އޭނާ މާކުރުކަމަކަށް ނުދައްކައެވެ. މާދޮންނޫނަސް ކަޅޭ ބުނާވަރެއް ނޫނެވެ. ހިކިކުއްޖެކޭ ބުނާވަރަށް ވުރެން ފަތިހައްޓެވެ. އެކަމަކު ފަލައޭ ބުނާވަރެއް ވެސް ނޫނެވެ. ލައިގެންހުރީ ހުދުކުލައިގެ އަތްކުރު ޓޮޕަކާއި ޖީންސްފޮތީގެ މިނީސްކާޓެކެވެ. ފޮއްޓާއި ދަބަސް ޓުރޮލީއަށްލީ ނަވީންގެ އެހީގައި އެކުއްޖާއެވެ. ނަވީން އެއްބަސްވިއެވެ. އެއަންހެންކުއްޖާގެ ރީތިކަމަކުން ނޫނެވެ. އެހީއަކަށް އެދި އޭނާ ކައިރީ އެދުނީތީއެވެ.

"ތޭންކްސް...."

ލޮލުގައި އަޅާފައިވާ އަވިއައިނު ލޮލާއި ވަކިކޮށްލަމުން އެއަންހެއްކުއްޖާ ސަލާންކުރަން އަތްދިއްކޮށްލިއެވެ. އެއަންހެންކުއްޖާގެ ކަޅުކަން ގަދަ ކަޅިރަވައާއި ކަނާތު ލޯކައިރީގައި އިން ބޮޑު ލަފުން ނަވީން ކޮންމެވެސް މީހެއް ހަނދާނަށް އައިކަހަލައެވެ. ހަމަ އެހެންމެ ނަވީންގެ މޫނަށް ބަލާލައިފައި އެކުއްޖާއަށް ވެސް ލިބުނީ ހައިރާންކަމެވެ. އެކަން އޭނާގެ މޫނުމަތިން ކިތަންމެ ރަނގަޅަކަށްވެސް ފެންނަން ހުއްޓެވެ.

"ހޭ....."

ކަނާތު ޝަހާދަތް އިނގިލި އެކުއްޖާއާ ދިމާކޮއްލަމުން ނަވީން ހިނިތުންވެލިއެވެ. އެކަމަކު އެއަންހެންކުއްޖާގެ ނަމެއް ނަވީންގެ ދުލާހަމައަކަށް ނައެވެ. އެކުއްޖާއަށް ކުރިމަތީގައި ހުރީ ކާކުކަން އެނގެއެވެ. ފުޅާ ހިނިތުންވުމަކާއި އެކު އޭނާ ހުރީ ނަވީންގެ ހަނދާންހުރި މިންވަރު ބަލާލުމަށެވެ.

"އާ.....އާޝާދޯ"

ޔަގީން ނުވެފައި ބުނާނެހެން ނަވީން އާޝާގެ ނަންބުނެފައި ބޯކަހާލިއެވެ. ދެން ދެއަތްދެއަތާއި މޮޑެލިއެވެ. ނަވީނަށް އާޝާގެ ނަން ބުނިނަމަވެސް ކުރިމަތީ އެހެރީ އާޝާކަން ގައިމެއްނޫނެވެ. އެކަމަކު ލޯކައިރީގައިއިން ކަޅު ބޮޑު ލަފުން އޭނާއަށް ޝައްކެވެ.

"ހޫން....މީ އާޝާ....މިހާރު ޑޮކްޓަރ އާޝާ އަފީފް"

ރަކި ހިނިތުންވުމަކާއެކު އޭނާ އަމިއްލައަށް ތައާރަފްވިއެވެ.

"އަސްލުވެސް އާޝާތަ؟ ހިޔެއް ނުކުރަން ދިމާވާނެކަމަކަށް...."

އާޝާއަކީ ނަވީން ސްކޫލްދައުރުގެ ގާތް ރައްޓެއްސެކެވެ. ވަރަށް އެއްކޮން އުޅެފައި އާޝާ މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރީ މެޑިސިންގ ކިޔަވާށެވެ. މިހާރު ނަވީންގެ ކުރިމަތީ މިހިރި އާޝާ އާއި މީގެ އަށްއަހަރު ކުރީގެ އާޝާއާ އުޑާ ބިމާހާވެސް ތަފާތެވެ. ހެދުން އެޅުމާއި ހަށިގަނޑަށް އައިސްހުރީ ބޮޑުބަދަލެކެވެ. ކުރިން އާޝާ ހުންނަނީ ވަރަށް ފަލަކޮންނެވެ.

"ދެން އާޝާ ނަވީންމެން ނާ ދިމާކުރާންނު"

ތުއިވެލައިފާ ނަވީންގެ ކައިރިއަށް އާޝާ ޖެހިލިއެވެ.

"ދެން އަހަރެން ބަލިވީމަ ދާނީ އާޝާ ކައިރިއަށް ....ވަރަށް އުފާވެއްޖެ ކޮންގުރާ ޑރ.އާޝާ...."

ނަވީން ވާހަކަ ދެއްކީ ނިކަން ބޮޑަށް ހިނިތުންވެ ހުރެއެވެ.

"އަޅޭ....ހިތާމަޔާއި އެކު ބުނެލަން އޮތީ އަހަރެންމީ އަންހެނުންގެ ޙާއްސަ ޑޮކްޓަރެކޭ....ވަރަށް މަދުހާލަތެއްގައި އަހަރެން ފިރިހެން ޕޭސަންޓުން ބަލާނީ..."

އާޝާ ވާހަކަ ދެއްކީ ނިކަން ފުޅާ ހިނިތުންވުމަކާއި އެކުއެވެ.

"އޭ ފެރީ ކަޓާފާނެ....ވަރަށް އަވަހަށް މާލެދާން އެބަޖެހޭ....."

އޮފީހުގައި ނަވީން ނިންމަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ހަނދާންވީ އޮފީހުން އޭނާގެ ފޯނަށް މެސެޖެއް ކުރުމުންނެވެ. ނަވީން ހިނގައިގަތީ ވަރަށް ބާރަށެވެ. އޭނާގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށްގޮސް އާޝާ ނަވީނާއި އެއްވަރު ކުރިއެވެ.

"އަދިވާނެ ދިމާވާން..."

ދެއެކުވެރިންގެ މެދުގައި އެކަކު އަނެއްކެއްގެ ފޯނު ނަންބަރ ބަދަލުކުރެވުނެވެ. ދެމީހުންވެސް ތިބީ ގިނަދުވަސްތަކަކަށްފަހު ދިމާވުމުން ވާހަކަދައްކާލަން ބޭނުންވެފައެވެ. ދެމީހުން ވަކިވީ ކައިރި މުސްތަގުބަލެއްގައި ބައްދަލުވާން ދައުވަތު ދެމުންނެވެ.

ބަދިގޭ ހުރިހާ މަސައްކަތެއް މިއަދުކުރީ ޖޫލީ އެކަނިމާ އެކަންޏެވެ.ފަތިހު ފަތިސްނަމާދަށް ޖޫލީ ތެދުވިއިރު ޒީނިޔާގެ މެސެޖެއް ލިބިފައި އޮތެވެ. މެސެޖްގައި ހަމަ އެކަނި އޮތީ ބަލީކަމަށް ބުނެފައެވެ. ވީގޮތެއް ނުބުނެއެވެ. ޖޫލީއަށް ވިސްނުނީ ރޭ އައްފާނާއި ދެމީހުން ދެމެދު ހިނގައިދިޔަކަމަކުން މޫޑް ގޯސްވީކަމުގައެވެ. ޒީނިޔާ އާ ވާހަކަދައްކާލަން ބޭނުންވެފައި ހުރުމުން އެކޮޓަރީގެ ދޮރުގައި ޖޫލީ ޓަކިޖަހާލިއެވެ. ޖޫލީ އައީ ކުޑަ ތަބަކެއްގައި ޒީނިޔާއަށް ހެނދުނުގެ ނާސްތާވެސް ހިފައިގެންނެވެ. ދެފަހަރަކު ޓަކި ޖަހާލުމުން ޒީނިޔާ ދޮރުހުޅުވާލީ ވަރަށް ކުޑަކޮންނެވެ.

"ސައިބޯންވީނުން "

ޖޫލީ ހިފަހައްޓައިގެން ހުރި ތަބަކަށް ބަލާލަމުން ޒީނިޔާ ޖޫލީ ކޮޓަރިތެރެއަށް ވަންނަން ތަންދެއްކިއެވެ.

"ޒީނިޔާއަށް ކިހިނެތްވީތަ"

އަތުގައި ހުރި ތަބަށް މޭޒުމަތީ ބަހައްޓާ ޒީނިޔާއާ ދިމާއަށް އެނބުރެމުން ޖޫލީ އަހާލިއެވެ. ޒީނިޔާ އިސްޖަހާލީ ޖޫލީއަށް އޭނާގެ މޫނު ނުދެއްކުމަށެވެ.

"ކޮޅަށް ނުހުރެ އާދޭ އިށިއިންނަން....."

ޒީނިޔާ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދީ ޖޫލީއެވެ.

"ކިހިނެތްވީ؟"

ޖޫލީގެ އަޑުގައިވީ މަޑުމައިތިރިކަމެވެ .އޯގާތެރިކަމެވެ. ޒީނިޔާ އެއްބަނޑުގައި އަންހެންކުއްޖަކު ހުރި ނަމަވެސް އެފަދައިން އަޅާލާނޭ ކަން ގައިމެވެ.

"ކުޑަ ކޮން ބޮލުގައި ރިއްސަނީ...."

ކަންތައް ވެފައިވާ ގޮތް އެނގޭކަމަކަށް ޖޫލީ ނުހަދައެވެ.

"ސައިބޮއެގެން ރެސްޓްކޮއްލަންވީނުން......ބައެއް ކަހަލަ ބޮލުގައި ރިހުން ރަނގަޅުވާނެ ކުޑަކޮށް ނިދާލީމަ...ރެސްޓުކޮއްލީމަ ....އަނެއްބައިކަހަލަ ބޮލުގައި ރިހުން ރަނގަޅުވާނެ ދިމާވެގެން އުޅޭ ކަމެއް މީހަކާ ޝެއާކޮށްލެވުނީމަ....."

ޖޫލީ ހުއްޓާނުލާ ވާހަކަ ދެއްކިއެވެ. ޒީނިޔާގެ ކިބައިން ފެނުނީ ހިމޭންކަމެވެ.

"ކިހިނެތްތަ ވެގެން ތި އުޅެނީ..."

އިސްޖަހާއިގެން އިން ޒީނިޔާ ދަތްދޮޅީގައި ހިފާއުފުލާލަމުން ޖޫލީ އަހާލިއެވެ.

"ކީއްވެ ތި ރޮނީ..."

އެވަގުތު ޖޫލީއަށް ޒީނިޔާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފެނި ކަންބޮޑުވިއެވެ.

"އަސްލުވެސް ކަމެއްވެގެންދޯ ތިއުޅެނީ ....؟"

ޒީނިޔާ ދެފަރާތަށް ބޯހޫރާލައި ދެލޯފުހެލިއެވެ. އަދި ނޭފަތް ދަމާލިއެވެ.

"ނޫނެކޭ ބުންޏަސް އަހަންނަށް އެނގޭ ކަމެއް ނުވާނަމަ ޒީނިޔާ ނުވެއް ރޯނެކަން..."

"ވެގެން އުޅޭ ގޮތެއް މިހާރު ކިޔާ ނުދެވެންޏާ....ފަހުން ކިޔާދޭނަންދޯ"

ޒީނިޔާ އިސްޖަހާލައިގެން އިނީއެވެ. އައްފާންގެ ވާހަކަތައް ދައްކަން ޒީނިޔާއަށް މާ ފަސޭހައެއްނޫނެވެ. އެވާހަކަތައް ޖޫލީއަށް ކިޔާދިނުމުން ނަވީނަށް ނޫނީ ނިޒާރަށް އެނގިދާނެތީއެވެ. ނިޒާރު ކިޔަވަދީ ގެންގުޅުމުން ޒީނިޔާ ފެންވަރު އޮޅުނީކަމަށް އެމީހުން ދެކިދާނެތީއެވެ.

ޖޫލީ އެކޮޓަރިން ނިކުމެގެން ދިޔައީ ޒީނިޔާ އެއްވެސް ވާހަކައެއް ނުދެއްކުމުންނެވެ. ޒީނިޔާ ހަމަ ޖެހިގެން ހުރިހާ ވާހަކައެއް ހިއްސާކުރާނޭކަމަށް ނިންމައިގެންނެވެ.

ނަވީނަށް އޮފީހުގެ މަސައްކަތްތަކުން އަވަދިވީއިރު ހަވީރު ހަތަރެއް ޖެހުމާއި ދާދި ގާތްވެއްޖެއެވެ. ދިގު ދަތުރެއްކޮށް އެހާ ބުރަކޮން އޮފީހުގައި އުޅުމުން ނަވީން ހުރީ ބޮލަށް ބަރުވެ ނިދާލަން ބޭނުންވެފައެވެ. ކޮޓަރިއަށް ވަދެ ދަބަސް އެއްލާލުމަށްފަހު އެނދުމައްޗަށް ވެއްޓިގަތީ ފެންވަރާލުމެއް އެއްޗެހި ބަދަލުކުރުމެއް ނެތިއެވެ. ޖޫލީ ކޮބައިތޯ ބަލާލާނެ ހަކަތައެއްވެސް އޭނާގެ ނެތެވެ.

ޖޫލީ ފެންވަރައިގެން ނިކުންއިރު ނަވީން ފެނުމުން އެމޫނުމަތިން އިތުރަށް ތާޒާވެގެން ދިޔައެވެ. ތިންދުވަހަށް ބެންކޮކަށް ދިޔަނަމަވެސް ނަވީން އެއައީ ހަފްތާއެއް ފަހުންނެވެ. މޫސުމް ގޯސްވުމުން ނަވީންގެ ވިޔަފާރި ދަތުރު ދިގުލައިގެން ދިޔައީއެވެ. ނިދިފައި އޮތުމުން ޖޫލީވެސް ގޮވާކަށް ނުހަދައެވެ. ޖޫލީ އަވަހަށް ތައްޔާރުވެލީ ސަޖާ އެކު ބޭރަށް ދާށެވެ.

ޖޫލީއަށް ކޮޓަރިން ނިކުމެވުނުއިރު ސަޖާ ނިކަން ބާރަށް ވާހަކަދައްކާ އަޑުއިވެއެވެ. ސަޖާގެ އަޑު އިވިފައި ޖޫލީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ވާނީވެސް އެހެންތާއެވެ. ސަޖާގެ އަޑުގައި އެކުލެވިގެންވަނީ އާދަޔާ ޙިލާފް ފޯރިއެކެވެ. ދޭތެރެއަކުން ނިކަން ވަރުގަދަ ހިނިގަނޑެއް ޖަހާލައެވެ. ޖޫލީގެ މަޑުމައިތިރިކަން ސަޖާގެ ކިބައިގައި ނެތުމުން ބައެއް ފަހަރު ޖޫލީ ،ސަޖާއެކު ތަންތަނަށް ދާން ޖެހިލުންވެއެވެ. ވާހަކަދައްކާލެއް ބާރުކަމުންނެވެ. ހިފިނުހުރެވިގެން ސަޖާ އުޅޭއިރުވެސް ހީވާނީ ދެފަޔަށް ހިނިއަރާތީ އުޅޭހެންނެވެ. އެކަންކަމާ ޖޫލީ ސަޖާއާ ނިކަން ދިމާވެސްކުރެއެވެ.

ސަޖާ ކައިރީ ސިޓިންގރޫމްގައި އިނީ ޒީނިޔާއެވެ. ޒީނިޔާގެ މޫނުމަތީގައިވެސް ހެނދުނު ހުރި މޮޅިވެރިކަމެއްނެތެވެ. ހީވަނީ ވަރަށް ހަމަޖެހިފައި އިންހެންނެވެ.

"ހޫން ސިސްއަށް އާދެވިއްޖެދޯ ހަތަރެއް ޖަހާއިރަށް ގަޑި ކިޔާފަ.....ވަދެ ހާލީގަ....ބަލާބަލަ އަހަރެން ހަތަރެއް ޖަހަންވާއިރަށް އައިސްހުރީ މިގޭގަ.....އެވެސް އަދި ކަނޑުހުރަސްކޮށް....."

ސަޖާ ޝަކުވާކޮށްލިއެވެ. ޒީނިޔާއަށް ސަޖާ އެހެން ބުނެލި ރާގުން ހިނިއައެވެ.

"އަދި ލަހެއް ނުވެޔޭނުން ....އަދި ހަތަރުގަޑި ދިހައެއް ދިހަ މިނެއްޓޭނުން ލަސްމިވީ ދޯ...."

"ޒީނިޔާ...މިހާރު ކިހިނެތް ބޮލުގަ ރިހުން..."

ނިޔާ އިށިއިނދެއިން ސޯފާކައިރީ ހުއްޓެމުން ޖޫލީ ޒީނިޔާގެ ހާލު އޮޅުން ފިލުވާލިއެވެ.

"މިހާރުދެން ރަނގަޅު"

ލީ ބޭނުންވީ އެމީހުންނާއި އެކު ޒީނިޔާވެސް ބާޒާރަށް ގެންދާށެވެ. ޒީނިޔާވެސް ދެކޮޅު ހެދުމެއްނެތި އެމީހުންނާއި ބައިވެރިވިއެވެ. ސަޖާ ވިލިގިލީގައި ހުރެފައި މާލެއައީ ޖޫލީއެކު ބާޒާރުކޮއްލުމަށެވެ. ސަޖާވެސް ޗުއްޓީ ނިންމާ އޮފީހަށް ނިކުންނަން ވާއިރަށް ދެތިން ހެދުން އައުކޮށްލުމުގެ ވެސް ބޭނުމުގައެވެ.

ފުން ނިންޖެއްގައި އޮތް ނަވީނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ވަރަށް އުނދަގުލުން ދެލޯ ހުޅުވާލިއެވެ. ނިދިނުފިލާ ލޯހުޅުވާލުންވީ އުނދަގޫކަމަކަށެވެ.

"ހެލޯ...."

އަޑުގައި އެކުލެވިގެންވީ ކަންނެތް ކަމެވެ.

ނަވީނަށް ގުޅީ އާޝާއެވެ. އާޝާ ޗެރީހައުސްގައި ހުރިކަމަށް ބުނުމުން ނަވީނަށް ލިބުނީ ޝޮކެކެވެ. އާޝާ ފަހަރެއްގައިވެސް ގެއަށް އައިސްދާނެ ކަމަށް ނަވީނަށް ހީވެސް ކުރެވިފައި ނެތީމައެވެ.
ނަވީން ފުންމައިގެން އެނދުން ތެދުވަތްއިރު އޭނާގެ ދެލޯވެސް ހުރީ ބޮޑުވެފައެވެ. ނިދީގެ ކަންފުޅެއްވެސް ނެތެވެ. ނިކަން އަވަސް އަރުވާލައިފާ ތުވާލި ހިފައިގެން ފާހާނައަށް ވަނެވެ.

ޗެރީހައުސްއިން އާޝާ އާއި ދިމާވީ ނިޒާރާއެވެ. ނިޒާރަށް އާޝާއަކީ ދުރުކުއްޖެއް ނޫނެވެ. އާޝާގެ ބައްޕަ އަފީފަކީވެސް ނިޒާރުގެ މާގާތް ނޫންނަމަވެސް އެކުވެރިއެކެވެ. އަފީފަކީ ނިޒާރުގެ ކޮއްކޮ ނަސީރުގެ އެންމެގާތް އެކުވެރިޔާއަށް ވުމުން އަފީފުވެސް ވެފައިވަނީ އޭނާގެ އެކުވެރިއަކަށެވެ.

ގޭގައި ޖޫލީވެސް އަދި ޒީނިޔާވެސް ނެތުމުން އެތަން ފޫބައްދަން ހުރީ ނިޒާރުއެވެ. ނިޒާރު އަވަސްވެގަތީ އާޝާއަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކޮންމެވެސް ކަހަލަ ބޯނެ އެއްޗެއް ތައްޔާރުކުރުމަށެވެ. އެހާ ގިނަދުވަސްތަކެއް ކޮއްފައި ނަވީންގެ އެހާ ގާތް އެކުވެރިއަކު އައުމުން އެއްޗެއް ނުދީ ފޮނުވާލުމަކީ ނިޒާރަށް ކަމުދާ ގޮތެއްނޫނެވެ.

"ނިޒާރުބެ އެހާ ގިނައެއްޗެހި ނުގެނެޔަސް ރަނގަޅުވާނެ..."

ނިޒާރު އާޝާއަށް މޭވާޖޫސްތައްޓަކާއި ބޯތައްޓެއްގެ ކުޅިކާޖާ ގެނެސް މޭޒުމަތީ ބެހެއްޓިއެވެ.

އާޝާ ކިޔަވައި ނިންމައިގެން ރާއްޖެއައީ އާޝާ ބައްޕަގެ ކުލިނިކްގައި ހިދުމަތްދޭންކަން އެނގުމުން ނިޒާރު ވަރަށް އުފާކުރިއެވެ. އަދި އެނބުރި މެލޭޝިޔާއަށް ދިއުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

ނިޒާރުވެސް ނަވީންގެ ދިރިއުޅުމުގެ ކަންތައްތައް އާޝާ އާއި ހިއްސާކުރިއެވެ. އާޝާއަކީ އަންހެނުންގެ ޑޮކްޓަރަކަށް ވެފައި ނަވީންމެން ކުއްޖަކު ނެތީތީ އުފެދިފައިވާ ނުތަނަވަސްކަން ހާމަކުރިއެވެ. އެކަމުގައި ނަވީނާއި ވާހަކަދެއްކުމަށް އާޝާގެ ކިބައިން ނިޒާރު އެދުނެވެ.

"ކިހާ ދުވަހެއްވެއްޖެ ނަވީންމެން މެރީކޮށްގެން އުޅޭތާ؟"

ފުންނޭވާއެއް ދޫކޮށްލާ އާޝާ އަހާލިއެވެ. ޖޫސްތަށީގައި ތުންޖަހާލިއެވެ.

"ހަތްއަހަރުވެއްޖެ...."

އިސްޖަހާލަމުން ނިޒާރު ބުނެލިއެވެ. ކިތަންމެ ހިތްވަރު ގަދަ ނަމަވެސް އެމައުސޫގައި ނިޒާރަކީ ބަލިކަށި މީހެކެވެ. ނަވީން ފިޔަވާ އިތުރު ކުއްޖަކު ނެތުމުން އެދަރިފުޅަށް ދަރިއަކު ލިބޭތަން ދެކެން އޭނާ ނުހަނު ބޭނުމެވެ. އާޝާ ނިޒާރުގެ ކޮނޑުގައި އަތްޖަހާލީ ހިތްވަރުކުރާށޭ ބުނާފަދަ ގޮތަކަށެވެ. އާޝާއަށް އެއްޗެއް ނުބުނެވެނީސް ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ނަވީން ސިޑިން ފައިބާތީފެނުނެވެ. ހީވަނީ ތަނަކަށްދާން ލަސްވާތީ އަންނަހެންނެވެ. ގަމީހުގެ ގޮށްތައް އަޅުވަމުން ސިޑިންފޭބި ނަވީންގެ ފިޔަވަޅުތަށް ހުއްޓުމަކަށް އައީ އާޝާއާއި ނިޒާރު ފެނުމުންނެވެ.

"ކޮފީއަކަށް ދާން ހިނގާށޭ ކިޔާފަ....މިހާރު މިގޭން ނިންމާލީތަ؟"

ނަވީން ފަޓްލޫނުގެ ޖީބަށް އަތް ޖަހާލަމުން އާޝާ އާ ސަމާސާކޮއްލިއެވެ. އާޝާވެސް ބަދަލުގައި ނަވީނާއި ހިނިތުންވެލުމަށްފަހު މެދަށްވުރެ ތިރިއަށް ހުރި ޖޫސްތަށި މޭޒުމަތީ ބެހެއްޓިއެވެ.

"ނިޒާރުބޭ މިވަގުތަށް މިދަނީ....ނަވީންއެކު ކޮފީއަކަށް ...."

ނަވީންގެ ފަހަތުން އާޝާ ހިނގައިގަތެވެ.

"އާނއާނ...އަވަހަށްދޭ....ތިދެކުދިން ދައްކަން ހުރި ވާހަކަ ކޮޅުންނުލާނެ...."

ހިނިގަނޑެއް ޖަހާލައިފާ ނިޒާރު ސޯފާގައި ހަމަޖެހިލިއެވެ.

ބާޒަރުކޮއް ނިމިގެން ޖޫލީމެން ގޮސްވަނީ ރެސްޓޯރެންޓަކަށެވެ. ސަޖާ ސަބްމެރިން ކާހިތުން އާދޭސް ކުރާވަރުން ޖޫލީ އެއްބަސްވީއެވެ. ފޯނުވެސް ނުލާ އާދެވުމުން ޖޫލީ ހުރީ މަޑުކުރާކަހަލަ މޫޑެއްގަ ނޫނެވެ. ކާންތިބެގެން ސަޖާ އާއި ޒީނިޔާ ހުއްޓާނުލާ ވާހަކަދެއްކިއިރު ޖޫލީ އިނީ ހިމޭނުންނެވެ. ފަރާތްފަރާތަށް ނަޒަރު ހިންގަމުން ދިޔަ ޖޫލީގެ ލޮލުގައި އަޅާއިގަތީ ރެސްޓޯރެންޓުގެ ތެރެއަށް ވަދެގެން އައި ދެމީހުންނަށެވެ. ނަވީނާއި އެކު އަންހެންކުއްޖަކު ހުރުމުން ޖޫލީއަށް ލިބުނީ ހައިރާންކަމެވެ. ޖޫލީގެ ކައިރިން އަޅާފައި ދިޔައިރުވެސް ނަވީނަކަށް ޖޫލީ ނުފެނެއެވެ. އެދެމީހުން ކޮންމެވެސް އޮލަ ވާހަކައެއްގައި ނިކަން ހިނިއައިސް ތިބެ އެރީ ރެސްޓޯރެންޓުގެ މަތީބަޔަށެވެ.

ނަވީން އަންހެންކުއްޖަކާއި އެކު ފެނުމުން ޖޫލީގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދުނެވެ. ޝައްކާއި ވަހުމުތަކުން އެސާފު ހިތް ކިލަނބުވިއެވެ. ދެލޮލުގައި ކަރުނަތައް ވިދަން ފެށީ ކުރި އަސަރަކުނެވެ. ކައިރީގައި ތިބި ދެމީހުންނަށް ޖޫލީއަށް އާކުއްލި ބަދަލު އެނގިދާނެތީ ހަމަ ޖެހޭގޮތް ދައްކަން ވަރަށް މަސައްކަތްކުރިއެވެ.

"ގެއަށް ދާކަށްނުވޭތަ؟ސަޖާ އަދި ވިލިގިއްޔަށޭނުން ދާން ޖެހެނީ..."

މާޔޫސީ ރާގަކަށް ޖޫލީ ބުނެލިއެވެ.

ވާހަކައިގައި ތިބި ސަޖާ އާއި ޒީނިޔާ ވާހަކަ މެދު ކަނޑާލީ ޖޫލީ އެހެން ބުނުމުންނެވެ.

"އޭ ވަރަށް ލަސްވެއްޖެ ދޯ..."

ފޯނު ސްކުރީން ދިއްލާލައިފައި ގަޑި ބަލާލައިފައި ސަޖާ ކަންބޮޑުވިއެވެ. އެނބުރި ވިލިގިއްޔަށް ދާން ޖެހޭނެތީއާވެސް އެކުއެވެ. އަދި އެހެންމެ އެކަނިމާއެކަނި ރޭގަނޑު ދަތުރެއް ކޮށްފައި ނުވާތީއާވެސް އެއްކޮންނެވެ.

"ހިނގާފަ ދިޔާމަ ލަސްވާނެދޯ...ޓެކްސީއެއްގަ ދާނީ..."

ބިލަށް ފައިސާ ދައްކާފައި ޖޫލީ ބުނެލިއެވެ.

"އަޅޭ...ފޯނުވެސް ނުގެނެވޭ....ދީބަލަ ފޯނު ޓެކްސީއެއްގައޭ ނުން ދާނީ"

ޖޫލީ އެހެން ބުނެލުމާއެކުހެން މާބޮޑު ވިސްނުމެއް ފިކުރެއް ނެތި ޒީނިޔާގެ ފޯނު ޖޫލީއަށް ދިނެވެ.

"އައްފާނަށް ކަންނޭގެ ގުޅަންވީ..."

ހިތާހިތުން ކިޔާލައިފައި ޖޫލީ އައްފާންގެ ނަންބަރަށް ޑައެލްކޮއްލިއެވެ.

މާލޭގެ ހަލަބޮލިމަގުތަކުން ދަތުރުކުރަމުން ދިޔަ އައްފާންގެ ކާރުގައި އިވެމުންދިޔައީ އަސަރުން ފުރިގެންވީ މަދަޙައެއްގެ އަޑެވެ. ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމުގެ ގޮތުން ދުވަހުގެ ބޮޑުބައިގައި މިއަދު ޖެހީ މުޅިންހެން މަދަޙައެވެ. އައްފާންގެ ފޯނު ރިންގުވާ އަޑަށް ފޯނު ޖީބުންނަގާ ސްކުރީނަށް ބަލާލިއެވެ. "ބިއުޓީ"ގެ ނަން ފެނުމުން މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.

"ކީކޭ ބިއުޓިފުލް ޖަވާބެއްދޭންތަ ތިގުޅީ....."

ޒީނިޔާގެ ނަންބަރުން ގުޅުމުން ކާކުތޯ ޔަގީންކުރާކަށް ނުޖެހޭނެތާއެވެ. އައްފާންގެ ބަސްތައް އިވުމުން ޖޫލީއަށް ޖަހާލެވުނީ ހިނގަނޑެކެވެ.

(ނުނިމޭ)

ނޯޓް:މިވާހަކަ ގެނެސްދޭނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.

  1. Avatar

    ބުނެލަން އޮތީ މިކުދިން މިލިޔާ ވާހަކަ ތަކަށް ކިޔުންތެރިންގެ ހިޔާލު ވަރަށް ބޭނުން ވާނޭ….ވާހަކަ ކިޔަކަސް އަދި ނުނިމޭ
    ތިކުދިން ގެ ހިޔާލު ފާޅުކުރާށޭ….

ޚިޔާލު ފޮނުއްވާ