Views: 11079 157

"އަދިވެސް ދެރަވެފައިތަ؟ އަހަރެން ޖޫލީ ދެއްކި ވާހަކަ އާ މެދު ވިސްނާނަން....އޯކޭ މިހާރު ހެޕީ"

އެވަރުންވެސް ޖޫލީ ހިތްހަމަޖެހުނެވެ. މިހާރު ޖޫލީ ބޭނުންވަނީ ޑޮކްޓަރަށް ދައްކާށެވެ. ޓެސްޓު ހަދަން ޖެހުނަސް ޓެސްޓުވެސް ހަދަން ހުރީ ތައްޔާރަށެވެ. އެކަމާ ޖެހިލުންވަނީ ނަވީންއެވެ. ދެމީހުންގެ ތެރެއިން އެކަކުގެ މައްސަލައެއް ހުރެގެން މިހާރު އުޅޭ އުފާވެރި ދިރިއުޅުން ނޫޅެވިދާނެތީއެވެ. އެހެން ނަމަވެސް ޖޫލީގެ އުފަލަށްޓަކާ ނަވީން ޖޫލީ ބޭނުންވާ ފަދައިން ކަންތައް ކޮއްދޭނެ ކަމުގެ ޔަޤީންކަން ޖޫލީއަށް ލިބުނެވެ.

******

މާހިލް ހެނދުނުގެ ނާސްތާ ކޮއްލީ ކުޑަ ގޮތަކަށެވެ. އެނބުރި ކޮޓަރިއަށް ދިއުމުން ސަޖާ ސައިމޭޒުދޮށުގައި އިށިއިނީ މަމްދޫހާ އެކުގައެވެ.

"ދަރިފުޅު މާހިލަށް މަސްހުންޏެއް ނުހަދަންތަ؟"

ކާމޭޒު މައްޗަށް ނަޒަރު ހިންގާލަމުން މަމްދޫހާ އަހާލިއެވެ. ސަޖާއަށް ދޭނެ ޖަވާބެއް ނޭނގި އިނދެވުނީއެވެ.

"މާހިލް... ރޮށި ކާނީ މަސްހުންޏާ އެކީ...ރިހަ އެއްޗެހި އެހާ ކަމަކު ނުދާނެ"

މަމްދޫހާ އޮޅުން ފިލުވާ ދިނެވެ. ސަޖާ އިސްޖަހާލިއެވެ. މާހިލްގެ ގިނަކަންކަން ސަޖާއަކަށް ނޭގެއެވެ. ކަމުދާ ކެއުންތަކާ ހިތް ރުހޭ އަދި ހިތް ހަމަނުޖެހޭ ކަންތައްތަކަކީ ކޮބާކަން ސަޖާއަކަށް އެއްގޮތަކަށް ނޭގެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މާހިލް ކޮޓަރިއަށް ވަންތާ ގިނައިރެއް ނުވެ އެނބުރި ނިކުތީ އޮފީހަށްދާން ތައްޔާރު ވެގެންނެވެ. ސަޖާއަށް ލިބުނީ ހައިރާން ކަމެވެ. ކައިވެންޏަށް ޗުއްޓީ ނެގީ ދެމީހުންވެސް މަސްދުވަހަށެވެ. ޗުއްޓީ ހަމަނުވަނީސް ކުއްލިގޮތަކަށް އޮފީހަށް ނިކުންނަކަން ސަޖާ ކައިރީ މާހިލް ބުނެފައެއް ނެތެވެ. އެއްޗެއް ބުނަން އުޅެފައިވެސް ސަޖާ އިހްތިޔާރު ކުރީ ހިމޭންކަމެވެ. މާހިލްގެ މަންމަމެން ކުރިމަތީ އެއްޗެއް ބުނާން އޭނާ ފަސްޖެހުނީއެވެ.

"ދަރިފުޅާ މާހިލް..."

މަމްދޫހާއަށް ލިބުނު ހައިރާންކަމުގައި ހިމޭނަކުން ނީނދެވުނެވެ. އޭރު މާހިލް އިނީ ގޮނޑިސެޓް އަތްގަނޑުމަތީ ފޫ ޖައްސާގެން ބޫޓަށް އަރާށެވެ.

"ކީކޭ މަންމާ...."

އެއިން ގޮތަށް އިނދެ މާހިލް ވާހަކަ ދެއްކީ ފަހަތް ބަލާވެސް ނުލައެވެ.

"އޮފީހަށް ދަނީތަ؟"

ޔަގީން ނުވެފައި އަހާލާފަދަ ގޮތަކަށް މަމްދޫހާ އަހާލިއެވެ.

"އާނ އޮފީހަށް މިދަނީ... މާލެއިން ގަންނަން ބޭނުންވާ ވަކިއެއްޗެއް އެބައޮތްތަ؟"

ތެދުވެ ހިންދެމި ލަމުން މާހިލް އެހިއެވެ.

"ނުނޭ... އެއްޗެއް ގަންނާކަށް ނެތް...."

މޭޒުކައިރިން ތެދުވެ މަމްދޫހާ އެނބުރުނީ ތަށިދޮންނަން ސިންކުދޮށަށެވެ.

"އަދި އެކަމަކު ޗުއްޓީ ހަމަ އެއް ނުވެއެއްނު ...."

މަމްދޫހާ އެ ސުވާލުކުރީ އިތުރަށް ޔަގީންކުރާށެވެ.ސަޖާގެ ފަރާތުންވެސް މާހިލް މިއަދު އޮފީހަށް ނިކުންނަކަން އެނގިފައި ނެތީމައެވެ.

"އާނ ޗުއްޓީ ހަމައެއް ނުވޭ....ނަވީން ބޭރަށްދާތި އަހަރެން ނެތިއްޔާ ގިނަ މަސައްކަތް ހުންނާނީ ނުނިމި އެހެންވެ ނަވީންގެ އެދުމަކަށް މިދަނީ..."

މާހިލް ލޮލުކޮޅަށް ގެއްލެންދެން ސަޖާ ހުރީ އެސްފިޔަޖަހާވެސް ނުލާބަލާށެވެ. މާހިލް ދަމުން އެންމެ ދެރަވެގެން ސަޖާ ކައިރީ ބުނެވެސް ނުލައެވެ.ސަޖާ ހިތުގައި ޖެހުނެވެ. އެހެން ނަމަވެސް އެކަމެއް އޭނާ ނުދައްކައެވެ. ހިތްހަމަ ޖައްސާލައިގެން ހުރީ މާހިލް އައުމުން ވާހަކަ ދައްކަން ނިންމައިގެންނެވެ.

"ޗެރީ ގާޑަން"އަކީ ނިޒާރުގެ ކޮއްކޮ ނަސީރު ދިރިއުޅޭގެއެވެ. އެގެ ރަނގަޅު ފެންވަރަށް ހަދައިދީފައިވަނީ ނިޒާރުއެވެ. ނަސީރުމެން ދިރިއުޅޭ އެޕާޓްމެންޓް ފިޔަވާ ހުރިހާ ބައެއްވެސް ވަނީ ކުއްޔަށްދީފައެވެ. އެޕާޓްމެންޓްތަކުން ލިބޭ ފައިސާއިން އެކުޑަ އާއިލާއަށް ބޭނުންކޮށް އިތުރުވާ ވަރަށް ފައިސާ ލިބެއެވެ. އެހެންކަމުން ނަސީރަކީ ނުހިނގޭ މީހަކަށްވިޔަސް އެމީހުންނަށް ވާ ދައްޗެއް ނެތެވެ.

އާދިލާ މެންދުރަށް ބަތް ކައްކަން ކުކަރަށް އަޅާފައި އައީ ކޮޓަރިއަށެވެ. ހެނދުނު ނަސީރަށް ވެއްދި ކާއެއްޗެހި ހުރީ ގެނައިގޮތަށެވެ. ކާއެއްޗެހި ބަހައްޓާފައި ހުރި ގޮތުން ނަސީރު ނުކާކަން އެނގެއެވެ. ދޮރަށް ފުރަގަސްދީގެން ނަސީރު އިނީ ބަލާބެލުމަށް ކުޑަދޮރުން ބޭރު ބަލާށެވެ. އެހެނަސް އެއީ ހީވާހީވުމެކެވެ. ނަސީރު އިނީ ފިކުރަކަށް ގޮސް ގެއްލިފައެވެ.

"ނަސީރު"

ނަސީރު ކޮނޑުގައި އަތްޖައްސާލަމުން އާދިލާއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. ނަސީރު ދިޔައީ ސިއްސައިގެންނެވެ. އާދިލާއަށް ބަލާލާފައި ނަސީރު ފުންނޭވާއެއް ދޫކޮށްލައި ހަމަޖެހޭގޮތް ދެއްކިއެވެ.

"ކިހިނެތް ވެފައި؟އަނެއްކާ ބަލީ ތަ؟ސައިވެސް ނުބޮއެ..."

ނަސީރު ހެނދުނު ސައިނުބޮއެ ހުރުމުން އާދިލާ ދެރަވިއެވެ. ކަންބޮޑުވިއެވެ. ނަސީރަކީ ބަލިމީހަކަށްވެފައި އިތުރަށް އޭނާ ބަލިވީ ކަމަށް ހީކުރެވުނެވެ.

"ނޫނޭ ބައްޔެއް ނޫން...."

ނަސީރު އަޅައިގެން އިން ނަންބަރ އައިނު ލޮލުން ވަކިކޮށްލައި ދެލޯ އުނގުޅާލިއެވެ.

"ކޮބާތަ އައްފާން؟"

އާދިލާގެ މޫނަށް ބަލާލަމުން އާދައިގެ ގޮތަކަށް ނަސީރު ބުނެލިއެވެ. ނަސީރާއި އޭނާގެ ހުންނަ ހަމައެކަނި ދަރިފުޅުގެ ގުޅުން މާރަނގަޅު ނޫނަސް ނަސީރު އެދަރިފުޅާ ދޭތެރޭ ވިސްނައެވެ. ނަސީރުގެ ހުރިހާ އުއްމީދުތަކާ ހުވަފެންތަކާ ގުޅިފައިވަނީ އައްފާނުއާއެވެ. ހަމަ އެހެންމެ އައްފާންވެސް ބައްޕަޔާ މާދޯޅަނޫން ނަމަވެސް ބައްޕަ ޑޮކްޓަރަށް ދެއްކުމާއި ބައްޕައަށް ކޮށްދޭންޖެހޭ އެހެން ކަންކަން ކޮއްދެނީ އޭނާއެވެ. އެހެން މީހަކަށް ނުޖައްސާނެއެވެ.

"އައްފާން ފަތިހު ފަތިހާ ނިކުތް ގޮތަށް އަދި ގެއަކަށް ނާދޭ"

އައްފާން ދުވަހުގެ ބޮޑުބައި ހޭދަކުރަނީ ޓެކްސީ ކުރުމުގައެވެ. އެކަން އޭނާ ކުރަނީ ވަރަށް ކުރާހިތުންނެވެ. ޓެކްސީ ކުރުމަކީ އޭނާގެ މައިންބަފައިން މާ ގަޔާވާ ކަމެއްނޫނެވެ. އެމީހުން ބޭނުންވަނީ އައްފާން ރަނގަޅު ވިޔަފާރިއެއް ފަށައިގެން ކުރިއަށްދާތަން ދެކޭށެވެ. ތަކުރާރުކޮށް އާދިލާ އައްފާން ކައިރީ އަމިއްލަ ވިޔަފާރިއެއް ފަށަން އެދުނެވެ. ބޮޑުބޭބެ ނިޒާރު މެދުވެރިކޮށްވެސް އެވާހަކަ އައްފާނާއި ހިއްސާ ކުރިއެވެ. ނަސީރުގެ ހުވަފެނަކަށް ވާތީއާވެސް އެކުއެވެ. އެހެނަސް އެންމެ ފަހުން ނަސީރުމެން ދެމަފިރިންނަށް ހަތިޔާރު ބަހައްޓަން މަޖްބޫރުވީ އައްފާން ގައިގާ ހުންނަ ގޮތްދޫނުކުރުމުގެ ސިފައާ ހަނގުރާމަކޮށްކޮށް ފަތަހަ ނުލިބިގެންނެވެ.

"ސައިބޯން ވީނުން"

އާދިލާ އަޑުގައިވަނީ އޯގާތެރިކަމެވެ.

"ސައިބޯހިތެއްނެތް ...ޖޫސްތައްޓެއް ގެނޭ..."

ނަސީރަކީ ނުކުޅެދޭ މީހަކަށް ވިޔަސް އާދިލާގެ ހިތުގައި ކުޑަވެސް ބުރަކަމެއްނެތެވެ. އާދިލާގެ ހިތުގައިވަނީ ސާފުތާހިރު ލޯތްބެކެވެ. އާދިލާ ނަސީރު ދެކެ ވާލޯތްބަށް ކުޑަވެސް ބަދަލެއްނާދެއެވެ. އާދިލާ ކަހަލަ ހެޔޮލަފާ އަންބަކު ލިބުންކަން އެއީ ނަސީރަށް ހާސް ނިއުމަތެވެ. އެހެން އަންހެނަކު ނަމަ މީހާރު އޭނާ ދޫކޮށްދިޔަތާ ކިތަންމެ ދުވަހެކެވެ. އާދިލާއަކީ ނަސީރު މައިންބަފައިންގެ ހޮވުމެކެވެ. މިއަދު ނަސީރަށް އިހްސާސްކުރެވެމުން ދަނީ އެދުވަހު އޭނާގެ މައިންބަފައިން އާދިލާއާ ކައިވެނިކުރަން މަޖްބޫރުކުރި ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމުގައެވެ.

އެހެން މީހަކު ނަމަ މިހާރު ނަސީރު ދޫކޮށް ހިނގައްޖެތާ ކިތަންމެ ދުވަހެކެވެ. ނަސީރު އެކްސިޑެންޓުވެ ނުކުޅެދޭ މީހަކަށްވީއިރު އައްފާން ވަރަށް ކުޑައެވެ. އާދިލާގެ އެންމެ ރީތި ދުވަސްވަރެވެ. އޭނާގެ ޒުވާން ދުވަސްވަރެވެ. އެހެން ނަމަވެސް އޭނާގެ ޒުވާން އުމުރު ޤުރްބާންކުރީ އޭނާ ދެލޯފަދަ ލޯބިވާ ފިރިމީހާގެ ހައްޤުގައެވެ.

ތަށިތައް ހިފައިގެން ބަދިގެ ފަރާތަށް ދިޔަ އާދިލާގެ ލޮލުގައި އަޅާގަތީ ނިކަން ހަލުވިކޮން އައްފާން ކޮޓަރިން ނިކުމެގެން ބޭރަށް ދާން ނިކުންނަނިކޮށެވެ. ހީވަނީ ތާކަށްދާން ލަސްވެގެން ދާހެންނެވެ. އައްފާން ގެއަށް އައިކަމެއްވެސް އާދިލާ ނުދެނަ ހުއްޓެވެ.

"އަފޫ....އަފޫ...އަފޫ.."

އައްފާނަށް އިވުނީ އާދިލާ ދެތިން ފަހަރު ގޮވާލުމުންނެވެ. އާދިލާގެ އަޑަށް އައްފާން ފަސްއެނބުރި ބަލާލިއެވެ.

"ބައްޕަ ސައިބުއީތަ؟"

އާދިލާގެ އަތުގައި ހުރި ތަށިތަކަށް ބަލާލަމުން އައްފާން ކޮށްލީ ސުވާލެކެވެ.

"ނޫނޭ...މިއަދު ސައެއް ނުބުއި...ނޭނގެ ވީގޮތެއް؟...ދަރިފުޅު މާ އަވަސް އަރުވާލައިފަ ކޮންތާކަށް ތި ދަނީ "

ވަރަށް ފުންނަޒަރަކުން ބަލާލަމުން އާދިލާ ބުނެލިއެވެ.

"އާނ....މީ...މީ...މާބޮޑަށް ލަސްވެއްޖެއޭ....ނަވީން އެއާރޕޯޓަށް ޑުރޮޕްކޮށްލާފަ އެބައަންނަން"

އައްފާން ލޮލުކޮޅަށް ގެއްލެންދެން އާދިލާ ހުރީ ބަލާށެވެ.އައްފާންގެ ހަރަކާތްތައް ހުރި ގޮތުން އާދިލާ ދެފަރާތަށް ބޯހޫރާ ލެވުނުއިރު ތުންފަތްމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ.

********

ޗެރީ ކޮމްޕެނީ ފުރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ތިން ފިހާރަ މިވަގުތު މާލޭގައި އެބަހުއްޓެވެ. އެއީ ހާރޑްވެއަރ މުދާވިއްކާ ފިހާރަޔަކާއި ކުޑަކުދިން އެއްޗެހިވިއްކާ ފިހާރައެއްގެ އިތުރުން ކާއެއްޗެހި ވިއްކާ ފިހާރައެކެވެ. ހުޅުމާލޭގައިވެސް އިތުރު ފިހާރައެއް ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ. ނިޒާރުވެސް ނަވީން ނެތުމުން ގިނަވަގުތު ހޭދަކުރަން ޖެހިފައިވަނީ ކޮންމެވެސް ފިހާރައެއްގައެވެ. މުވައްޒަފުން ލައިފައި ތިއްބަސް ތަނުގެ ހާލަތު ވަރަށް ގާތުން ބަލަން ޖެހެއެވެ.

ނިޒާރު ގިނަވަގުތު ގޭގައި ނޫޅޭތީ އެކަމާ އެންމެ އުފާކުރީ އައްފާންއެވެ. ރޭގަނޑު ދިހައެއްޖެހިފަހުން އައްފާން ޗެރީހައުސްއަށް އައީ ވަރަށް ރީތި ވެގެންނެވެ. މުށިކުލައިގެ ފަޓްލޫނަކާއި ވަޅުފެހިކުލައިގެ އަތްދިގުގަމީހެއްގައެވެ. ޖަހާފައި ހުރި އަރުމާނީ ސެންޓުގެ ހިތްގައިމު ވަހުން އޭނާވަނީ ހުވަނދުލެވިފައެވެ. ގޭގެ ގޯތިތެރެއަށް ވަދެ ޒީނިޔާގެ މޯބައިލަށް ޑައެލްކޮށްލިއެވެ.

"އޭ... ދޮރު ހުޅުވަބަލަ.....ބޮޑު ކަމަކު..."

ގިނިކަންޏާ ހުރެވެސް އައްފާން ވާހަކަ ދެއްކީ ވައިއަޑުންނެވެ. އަދި ޒީނިޔާ އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ފޯނު ކަނޑާލިއެވެ. ކުޑައިރުކޮޅެއް ތެރޭ ގޭގެ މައިދޮރު ހުޅުވާ ޒީނިޔާ ބޭރަށް ބޯދިއްކޮށްލިއެވެ. އައްފާން ގޭތެރެއަށް ދެމިގަތީ ވައްކަންކުރަން އުޅޭ ވަގެއްގެ އަމަލުތައް ހުންނާނެ ފަދައިންނެވެ. ސިޓިންގ ރޫމާއި ބަދިގެތެރޭގައިވެސް ވަނީ ފަނޑުއަލިކަމެކެވެ. ނިކަން ފުންނަޒަރަކުން އައްފާން ޒީނިޔާއަށް ބަލާލިއެވެ. ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިނގިއްޔަށެވެ. ޒީނިޔާ ލައިގެންހުރީ ގަޔަށްދޫ ޓީޝާޓަކާއި ފުޅާ ހަރުވާޅެކެވެ. ކުޑަވަށް ބުރުގާއިން ބޯނިވާކޮށްފައިވާއިރު މޫނުމަތީގައިވަނީ މައުސޫމް ގޮތެކެވެ. އައްފާން ބަލާލި ގޮތުން ޒީނިޔާއަށް އުނދަގޫ ގޮތެއްވިއެވެ.

"ކީއް...ކީއްކުރަން ..."

ޒީނިޔާއަށް ބުނަންވީ އެއްޗެއް ނޭގުނެވެ. ދޫއޮޅުނީ އައްފާން ބަލަންހުރި ތޫނުނަޒަރުން ސަލާމަތްނުވެވިގެންނެވެ.

"ހަމަ ބިއުޓިފުލް ދެކިލާހިތުން....ތިއަޑު އަހާލާ ހިތުން"

އައްފާންގެ ތުންފަތްމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. ހިތްހަމަ ނުޖެހިގެން ހުރެ ޒީނިޔާ އުޅުނީ އައްފާން ކުރިމަތިން ދާށެވެ. އެހެންނަމަވެސް އައްފާން މާ ހުޝިޔާރެވެ.

"ދަނީތަ؟ފެންފޮދެއް ލިބިދާނެތަ؟"

ޒީނިޔާ ނުރުހިފައި ހުރެގެން ގޮސް ފުރިޖުން ފެންފުޅިއެއް ނެގިއެވެ. ޒީނިޔާ ކަންބޮޑުވަނީ އައްފާން އޭނާއާ ވާހަކަދައްކަން އުޅޭވަރުންނެވެ. ގޭމީހަކަށް އެނގިދާނެތީއެވެ.

"ކޮފީއެއް ލިބިދާނެތަ؟"ޒީނިޔާ ލޯއަޅާލިއެވެ.

"ބިއުޓްފުލް ހަދާ ކޮފީ މާ މީރިއްޔޭ...."

އައްފާން ޒީނިޔާ ލޯއަޅާލުމުން އިތުރަށް ބުނެލީ އަނގައަށް ގޮތެއް ހަދާލަމުންނެވެ. އެވަގުތު ރުޅިއައިސްގެން ކަމަށް ގޮތް ދައްކާގެން ހުރި ޒީނިޔާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

"ކޮފީއެއް ނުލިބޭނެ....ދެން ދާންވީ އައްފާން"

ޒީނިޔާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"ކޮފީއެއް ނުލިބޭނޭ....ތިހެން ވިއްޔާ ބޮޑުބެ ކައިރީ ބުނާނަން...."

އައްފާން ޖީބުން ފޯނުނަގަމުން އެހެން ބުނީ ޒީނިޔާ ބިރު ދައްކާލުމުގެ ބޭނުމުގައެވެ.

"ނޫން ނޫން އިށިއިނދޭ....އިށިއިނދޭ މިގިރަނީ"

ޒީނިޔާ އަވަސް ވެގަތީ އައްފާނަށް ކޮފީ ތައްޔާރު ކުރާށެވެ. އައްފާން ހީލަހީލަ އިނެވެ. މަގްސަދު ހާސިލްވީތީއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ގިނައިރު ޒީނިޔާ ފެންނަ ހިސާބުގައި ހުންނަން އޭނާ ބޭނުން ވެއެވެ.

"އެންމެ ތައްޓެއްތަ؟ކޮބާ ބިއުޓިފުލްއަށް"

އާވިއަރައަރާ ހުރި ކޮފީމަގް ގެނެސް އައްފާން ކުރިމަތީ ބެހެއްޓުމުން ސުވާލުގެ ނަޒަރަކުން އައްފާން ބަލާލިއެވެ.

"ބިއުޓިފުލް...އާދޭ އަހަންނާ ބައިވެރިވެލަން....."

ޒީނިޔާ ހައްތަހާވެސް އުޅެނީ އައްފާންގެ މޫނަށް ނުބަލާށެވެ. ހާއްސަކޮން އޭނާގެ ލޮލާއި ޒީނިޔާގެ ލޯ އަމާޒުވާން އޭނާ ނޭދެއެވެ. އަންހެންކުދިން ލަނބުވާލާފަދަ ސިހުރީ ބާރެއް އައްފާންގެ ލޮލުގައިވެއެވެ.

"ނޫނޭ...އަހަރެން ރޭގަނޑު ކޮފީއެއް ނުބޮން..."

ޒީނިޔާ ވަރުގަދަ އަޒުމެއްގައި ހިފަހައްޓައިން ހުރި ފަދައެވެ. އައްފާންގެ ކޮންމެ އެދުމަކާއި އޭނާ ދެކޮޅުހަދަނީ ހިތާދެކޮޅަށެވެ. ގޭމީހުންނަށް ކުރާ އިޙްތިރާމެއްގެ ސަބަބުންނެވެ. އެމީހުން ހިތް ނުރުހޭ ފަދަ މަންޒަރެއް އަޑެއް އިވޭކަށް އޭނާ ނޭދެއެވެ.

"ތިހެންވިއްޔާ ކޮޅަށް ނުހުރެ އިށިއިނދެފާނަންތަ؟"

އައްފާން ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް އެހެން ބުނުމުން ދެކޮޅު ހެދުމެއްނެތި އިށިއިނދެއްޖެއެވެ.

"ދެން އެންމެ ރަނގަޅު ރޭގަނޑު ކޮފީއެއް ނުބޮއެ....ރޭގަނޑު އަހަރެން ދައްކާ ވާހަކަ އަޑުއަހާފާނަންތަ؟"

މިފަހަރު އައްފާންގެ އަޑުގައި ކުރިން ހުރި ސަމާސާއެއް ނެތެވެ. އަޑުގައި އެކުލެވިފައިވާ ސީރިޔަސްކަމުން ޒީނިޔާއަށް އޭނާ އާޢި ދިމާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ.

"ކޮން ވާހަކައެއް؟"

ދުލުން އެބަސްތައް ނިކުތީ އަމިއްލަ ބާރަކު ނޫނެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ.

"މިވާހަކަ ފަށާނީ ކިހިނެތްކަމެއް އަހަންނަކަށް ނޭގެ....މިވާހަކަ ދައްކާނެ މާ ފަށުވި ބަސްތަކެއް ވެސް އަހަންނަކަށް ނޭނގެ ....އަހަރެންނަށް އެނގޭ އެއްޗަކީ އަހަރެން އަބަދުވެސް ޒީ...."

ޒީނިޔާގެ ނަން ދުލުން ކިޔަން އުޅެފައި އައްފާން ހުއްޓާލިއެވެ.

"ބިއުޓިފުލް ދެކޭ ހިތްވާކަން ....ތިއަޑު އަހާލާހިތް ވާކަން .....ބިއުޓިފުލް ފެނުނީމަ ނޭނގޭ އުފާވެރިކަމެއް އަހަރެންނަށް ލިބޭކަން ...ނޭގެ ބުނާނެ އެއްޗެއް އަހަރެން ވަރަށް ވަރަށް ވަރަށް ލޯބިވޭ..."

އައްފާންގެ ކޮންމެ ލަފްޒެއް ޒީނިޔާގެ ހިތަށް ދުނިދަނޑީގައި ލައިފާ ފޮނުވީލި ތީރުތަކެއްހެން ހެރެމުން ދިޔައެވެ. ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ކުރެވުނެވެ. ހަމަ އެހެންމެ ޒީނިޔާގެ ހިތުގައިވެސް ވަނީ އައްފާން އެކިޔާދިން ކަހަލަ ޖަޒްބާތުތަކެކެވެ.

"ވިލްޔޫ މެރީމީ"

އައްފާން ގެ ކަނާތް ދިއްކޮށްލަމުން ޒީނިޔާގެ ކުރިމަތީ އޭނާގެ ހިތްހުޅުވާލިއެވެ. އަމަލުކުރަންވީ ގޮތެއް ޒީނިޔާއަށް އެއްގޮތަކަށްވެސް ނޭގުނެވެ.ހިތް ބޭނުންވަނީ އާއެކޭ ބުނާށެވެ. އެހެން ނަމަވެސް ދުލާހަމަ އަކަށް ނައެވެ. ހަގީގަތަކީ ޒީނިޔާއަށް ވެސް އައްފާން ހުރިހާ ގޮތަކުންވެސް ކަމުދާ ކަމެވެ.

"އައްފާން"

އެނަން ކިޔާލިއިރު ޒީނިޔާ ތުރުތުރު އަޅައެވެ. ހިތާދެކޮޅަށް ނިންމުމެއް ނިންމުމަކީ ކިހާ އުނދަގޫ ކަމެއްކަން ހަޔާތުގައި ފުރަތަމަ ފަހަރަށް އިޙްސާސް ކުރަން ޖެހުނެވެ. ދެފަރާތަށް ބޯހޫރާލިއިރު ދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ.

ދެކޮޅަށް ފުރޮޅި ފުރޮޅި އެނދުމަތީ ޖޫލީ އޮތީ ނުނިދިގެންނެވެ. ނިދިވެސް ވަނީ އޭނާއަށް ބީރަށްޓެހިވެފައެވެ.ނަވީންވެސް ރަށުގައި ނެތުމުން ވަރަށް ބޮޑަށް އެކަނިވެރިކަން އިހްސާސް ކުރެވެމުން ދިޔައެވެ. ފެން ބޮވައިގަނެގެން ބެލިއިރު ޖަގުގައި އެންމެ ފެންތިކެއްވެސް ނެތެވެ. ކިތަންމެ ކަންނެތްވެފައި ހުރެވެސް އެނދުންތެދުވިއެވެ. ލައިގެން ހުރި ރަތްކުލައިގެ ހިމަވާގަނޑުލީ ނައިޓީގެ މަތިން ޖެކެޓްކޮޅެއްލީ ބޭރަށް ނިކުތުމަށެވެ. ޖަގް ހިފައިގެން ހިނގައިގަތީ ފެންއަޅަން ބަދިގެއަށް ދިއުމަށެވެ. ކޮޓަރިން ނިކުތުމާއި އެކު ދެމީހެއްގެ ވާހަކަ ދެއްކުމުގެ އަޑަށް ޖޫލީއަށް ސަމާލުވެވުނެވެ. އަޑުއަންނަނީ ބަދިގެ ތެރެއިންނެވެ. ބޮކީގެ އަލިމަޑުކަމުން ކޮން ބައެއްކަން ވަކިކުރަން ނޭގުނަސް ޒީނިޔާގެ އަޑު ޖޫލީއަކަށް ނޯޅޭނެތާއެވެ.

"އަހަރެމެން ދެމީހުން އަރާއަރަފޯދޭތަ؟ ފެންވަރުގެ ތަފާތު ނިކަން ބަލާބަލަ....އަހަރެންމީ ނިކަމެއްޗެއް..ފަގީރެއް މިގޭ ބޭބެ އެހީނުވާނަމަ ނޭގެ އުޅޭނެ ހާލެއްވެސް އެކަމަކު ތީ އަހަރެންގެ އިދިކޮޅު މުއްސަނދި ކެރިފޯރުންތެރިއެއް ބޭނުން ކޮންމެ އެއްޗެއް ލިބޭވަރުގެ ތަނަވަސް .....ދެން ކިހިނެތް އަހަރެމެންދެމީހުން ގުޅޭނީ އުޑާ ބިމާހާ ފަރަގު ބޮޑު"

ޒީނިޔާގެ ކޮންމެ ޖުމްލައެއްގައިވީ ރިހުމެވެ. ޒަހަމެވެ. ހަލާކުވެއްޖެ ކޮންމެ ހިތަކުންވެސް އެފަދަ އަސަރުތަކެއް އިވޭނޭކަން ޔަގީނެވެ. ޖޫލީ ކެތްތެރިކަމާއި އެކު ހުރީ ދެންހުރި މީހެއްގެ އަޑުއަހާލާށެވެ.

(ނުނިމޭ)

ނޯޓް:މިވާހަކަ ގެނެސްދޭނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.

  1. Avatar

    ވަާއު..ވަރަށް ރީތި ވާހަކަ އެއް މީ. ދެން ކިހިނެޠް ބާ ވާނީ. .ދެން އަންނަ ބަޔަކަށް އިންތިޒާރު ކުރެވެނީ

  2. Avatar

    މިސައިޓް އިން ވަކި ވަކި ވާހަކަ ވިޔު ކުރިވަރު އެނގޭ ނަމަ ވަރަށް ފުރިހަމަ ވީސް……

ޚިޔާލު ފޮނުއްވާ