ރަސްގެފާނާއި ފަގީރުކޮއި – 5

ނިމުން

” ފެނެއް ވެސް ނުހުންނާނެ. “ ކަންބޮޑުވުމާއިއެކު ވިރުސާނާ ބުންޏެވެ.

” ދެން ގޮސް ފެންވަރާނީނު ... ފެންވެރީމަ އެކަން އެ ނިމުނީ. “ ކުރިން ވާހަކަދެއްކި ކުއްޖާގެ ވާހަކައާ ބައިވެރި ވަމުން ތަކުލީމާ ވާހަކަ ދެއްކިއެވެ.

ރައްޓެހިން ދިން ލަފަޔާއި މަޝްވަރާއާ އެއްގޮތަށް ވިރުސާނާ ކަންތައްކުރިއެވެ. ފާޚާނާކޮށް ނިންމާލައިގެން ވިރުސާނާ އެތަނުން ނުކުންނަން ހިނގައިގަތް ވަގުތު އޭނާގެ ފައި ކައިރިން ކަހަލަ ގޮތަކަށް ތުއްތުކުއްޖަކު ރޮއިގަތް އަޑު އިވުނެވެ. ލިބުނު ކުއްލި ސިހުމާއިއެކު ވިރުސާނާއަށް ބަލާލެވުނީ އަޑުއައި ދިމާ އަށެވެ.

ވިރުސާނާގެ ފައިކައިރީ ރޯން އޮތް ތުއްތު ތުއްތު ކުއްޖާ ފެނުނީ ވިދާލި ވިދުވަރެއްގެ އަލިފަދައިން ފާޅުވެގެންދިޔަ އަލިކަމެއްގެ ތެރެއިންނެވެ. އެ ތުއްތު ކުއްޖާގެ އަރިމަތިން ފާޅުވި އަނގުރު އަލިފާން ފަދަ ގަދަރަތް ކުލައިގެ ދެ ލޯ ވެސް އެވަގުތު ފެނުނެވެ. ގަތްބިރާއިއެކު ރޮއިގަންނަމުން ސަލާމަތަށްއެދި ގޮވަމުން ވިރުސާނާ ދުއްވައިގަތުމާއިއެކު ދެންތިބި ކުދިންތައް ވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ.

” އަހަރުމެން އެއްވެސް ބިރެއް ނުގަނޭ. ކެރެންޏާއި ނިކަން އާދެބަލަ. “ ބިރުކުޑަކަމަށް އަބަދު ވެސް ދައުވާކުރާ ތައްހާނު ދުއްވައިގަންނަމުން ގޮވާލިއެވެ.

ވަރަށް ބާރަށް ދުވަމުން ދުވަމުން ދިޔަ އެކުދިން ދުވުން ހުއްޓާލީ ގަނޑުވަރާއި ވަރަށް ކައިރިއަށް ދެވުމުންނެވެ. އޭރު ހުރިހާ ކުދިން ވެސް ތިބީ ވަރުބަލިވެ މާނޭވާލެވި ދާ ހިއްލާ ގޮތް ވެފައެވެ. ވިރުސާނާ އަދިވެސް ހުރީ ބިރުން ނެވެ.

އެކުދިން ކުރި ކަންތަކާއި ދިމާވި ކަންތައް ސިއްރު ކުރުމަށް މަޝްވަރާ ކުރުމަށްފަހު، ހުރިހާ ކުދިން އެކުގައި ގޮސް ގަނޑުވަރަށް ވަނެވެ.

” ހަމަހިލާ ތިޔަހެން ސަލާމަތެއް ނުވެވޭނެ.ކަލޭ ތިޔަހުރީ އަހަރެންގެ ތުއްތު ދަރިފުޅުގެ މޫނަށް ކުޑަކަމު ގޮސްފައި. ކަލޭތީ ވަރަށް ގޯސްކޮށް އުޅޭ ކުއްޖެއް. “ ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލުމާއިއެކު ވިރުސާނާއަށް ފެނުނީ ހަށިގަނޑުން ބޮޑު ކަޅު މީހެކެވެ. ރުޅިއައިސް ދެ ލޯ ރަތްވެފައިވާއިރު ވަރަށްބޮޑު ދެ ކަންފަތާއި ފިޔަގަނޑެއް އެމީހާގެ ހަށިގަނޑާއި ގުޅިފައި ވެއެވެ. މުޅި ހަށިގަނޑުގައި އިސްތަށިފަޅާފައިވާއިރު ކޮތަރިގަނޑެއް ފަދަ އެއްޗެއް ބުރަކަށިމަތިން ފެނެއެވެ.

ކުއްލިއަކަށް ފެނުނު މަންޒަރާއި އިވުނު އަޑުން ގަތް ބިރުން ރޮއިގަންނަމުން، ސަލާމަތަށް އެދި އާދޭސްކުރާ ފަދައަކުން ހަޅޭލަވައިގަތެވެ. އިވުނު ބާރު އަޑާއިއެކު ވިރުސާނާގެ ކޮޓަރީގައި ނިދާފައި އޮތް ބާންދީ ސަލްސަވީނާއަށް ހޭލެވުނީ ސިއްސައިގެން ނެވެ. އޭރު ވެސް އެނދުގައި އޮވެގެން ތެޅި ފޮޅެމުން ވިރުސާނާ ރޮނީ އެވެ.

ވިރުސާނާ އެއުޅެނީ ހުވަފެނެއްގައި ކަމަށް ގަބޫލު ކުރެވޭތީ ސަލްސަވީނާ އަވަސް އަވަހަށް ގޮސް ވިރުސާނާއަށް ގޮވައި ހޭލެއްވި އެވެ. އޭރު އޭނާ އޮތީ ބިރުން ތުރުތުރުއަޅާ ހާލުގަ އެވެ. ވާހަކަ ދެއްކުނީ ވެސް އެތައް އިރެއް ފަހުންނެވެ.

ތަކުރާރުކޮށް ވިރުސާނާ އެދެމުންދިޔަ އެދުމުގެމަތިން އޭނާ ގޮވައިގެން ފަގީރުކޮއިގެ ދެމައިން ކައިރިއަށް ސަލްސަވީނާ ދިޔައެވެ. ވިރުސާނާ ބިރުގެންފައިވާވަރު އޭނާގެ ޢަމަލުތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.

ވިރުސާނާ ގޮވައިގެން ސަލްސަވީނާ އެކޮޓަރިއަށް ދިޔައިރު އެދެމައިން ހޭލާ އުޅެއެވެ. އެކަމުގެ ސަބަބުން ލިބުނު ހައިރާންކަމުގައި ވިރުސާނާ ދައްކަން އައި ވާހަކަ ވެސް އޭނާ ހަނދާން ނެތިއްޖެއެވެ.

”ވިރުސާނާ ދަރިފުޅާ! ކިހިނެތްވީ ؟ އާދޭ އަވަހަށް ތައްޔާރުވެލައިގެން ފަތިސްނަމާދު ކުރަން.“ ވިރުސާނާއާ ދިމާއަށް ބަލާލަމުން ސުލޭމާނާ ވާހަކަދެއްކި އެވެ. ފަގީރުކޮއިގެ ދެމައިން އެގެއަށް ބަދަލުވީއްސުރެ ވިރުސާނާއާމެދު ސުލޭމާނާ ދެކެނީ އުފަން ދަރިއެއް ފަދައިން ނެވެ.

ވިރުސާނާ އެދުނު އެދުމަށް ބާންދީއަކާއި ގާޑެއް ގޮސް ވިރުސާނާގެ ހެދުމަކާއި ނަމާދުކުރަން ބޭނުންވާ ތަކެތި ގެނެސް ދިނެވެ.

ފަގީރުކޮއިގެ ދެމައިން ފަދައިން ދަމު ނަމާދުކޮށް ޤުރުއާން ކިޔަވާން އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެމީހުނާއިއެކު އެކޮޓަރީގައި ވިރުސާނާ ވެސް ނިދީއެވެ.

ސާދަވިލޭރޭގެ ފުރިހަމަ ހަނދު އުޑުގައި ރަސްކަން ކުރަމުން ދިޔައިރު ހަނދުވަރުގެ ފުރިހަމަ ނަލައަލިން މުޅިބިން ވަނީ އަލިކޮށްފައެވެ. ސާދަވިލޭރޭގެ ހަނދުވަރުގެ ރީތިކަމާއި ފުރިހަމަކަން އިތުރު ފުރިހަމަކަމެއް ލިބެނީ އެހެން ރޭތަކަށްވުރެ މިރޭ ތަރި ގިނަވެފައިވާ ވިދުން ގަދަހެން ހީވާތީ އެވެ.

ގަނޑުވަރުގެ މައުބަގީޗާގައިވާ ބޮޑު ގޮނޑިތަކުން ގޮނޑިއެއްގައި އިށީންދެލައިގެން އިސް ޖަހާލައިގެން ހިތާމައިގެ ތަސްވީރެއް ފަދައިން ވިރުސާނާ އިނެވެ. މޫނުމަތިން މާޔޫސްކަމާއި ހިތްދަތިކަން ފާޅުވަމުން ދިޔައިރު މީހާ އިނީ ކޮންމެ ވެސް ބޮޑު ފިކުރެއްގެ ތެރެއަށް ގެއްލި ހުސްވެފައިވާ ފަދަ އަކުންނެވެ.

ކުރިމަތިން ހިޔަންޏެއް ދައުރުވެލިހެން ހީވެ އަވަސް އަވަހަށް ވިރުސާނާ އެދިމާއަށް ބަލާލިއެވެ. ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވި ނަމަވެސް ވިރުސާނާގެ ކުރިމަތިން ފެންނަން ހުރީ ޕަރީއެކެވެ. ވިރުސާނާއާ ވިއްސަކަށް ފޫޓު ދުރުގައި، ހުދު ހެދުމެއްލައިގެން މަޑުކޮށްލައިގެން ހުރިއިރު އެޕަރީގެ އެއްއަތުގައި ތަރި ޖެހި ދަނޑިކޮޅެއް ވެސް އޮތެވެ. ފިޔަގަނޑުވަނީ ލައްޕާލާފަ އެވެ.

” ކޮއްކޯ! މިހާރު މިއީ ތިޔަ ކަންތަކާއި ވިސްނާ ފިކުރުކުރަންވީ ވަގުތެއް ނޫން. ބައެއްގެ ބަސްއަހައިގެން ކޮއްކޮއަށް ތިޔަވަނީ ވަރަށްބޮޑު ގޯހެއް ހެދިފައި. ދެން އަވަހަށް ވިސްނަންވީ ތިޔަކަންތަކުން ސަލާމަތްވާނެ މަގެއް ފެނޭތޯ ... ނަސީބު ރަނގަޅު ކަމުން ކޮއްކޮއަށް މިއަދު ތިޔަވަނީ އެމަގަށް ނުކުމެ ވެވިފައި. އެ މަގުން ކައްސާނުލައި ކުރިޔަށް ދެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވީ ވަގުތު މިއީ ... އެ ދެމައިން ދޫކޮށްނުލާތި. އެމީހުންނާއި ދުރު ނުވާތި. މާތް ރަސްކަލާންގެ ރަހުމަތްފުޅާއިއެކު ކޮއްކޮ ވަރަށް އަވަހަށް ތިޔަ ކަންތަކުން ސަލާމަތްވާނެ .... އަހަރެން ވެސް ތިޔަ ކަންތަކުގައި ކޮއްކޮއަށް އެހީތެރި ވާނަން. “ ވިރުސާނާ ވިސްނައި ފިކުރު ކުރަމުންދާ ކަންތައް އެނގިގެން ކަހަލަގޮތަކަށް ޕަރީ ވާހަކަ ދެއްކިއެވެ. އޭނާގެ ހިތުގެހާލު ޕަރީއަށް އެހާފަސޭހައިން އެނގުނީ ކީއްވެބާއޭ ހިތަށްއެރި ނަމަވެސް އެސުވާލު ކުރާކަށް ވިރުސާނާ އަކަށް ނުކެރުނެވެ.

” އަހަރެން ބުނާ ސަރުތުތަކާއި އެއްބަސްވާނަމަ މިރޭ ވެސް އަހަރެން އޭނާ ދޫކޮށްލާނަން. އެކަމަކު ..... އެންމެ ސަރުތަކާއި ޚިލާފް ވިޔަސް އަހަރެން އެނބުރި އަންނާނަން. “ ކުއްލިއަކަށް ޕަރީގެ ފަހަތުން އަޑުއައެވެ. ވާހަކަ ދެއްކީ ފިރިހެން ވަންތަ ބަރު އަޑަކުން ކަމަށްވާތީ އާއި އެއަޑަކީ އޭނާއަށް ކުރިން ވެސް އިވިފައިވާ އަޑަކަށްވާތީ އެއަޑަކީ ޕަރީގެ އަޑު ނޫންކަން ވިރުސާނާއަށް ޔަގީން ވިއެވެ.

ދިމާވެފައިވާ ބޮޑު ނުރައްކަލުން ސަލާމަތްވުމަށް ކެތް މަދުވެފައިވާ ވިރުސާނާ އަވަސް އަވަހަށް އާންއެކޭ ބުނާ ފަދައަކުން ބޯ ޖަހާލިއެވެ. އެމަޚްލޫޤު ކިތަންމެ ރުޅިއައިސްފައި ހުރި ނަމަވެސް ކުރިން ހެދިހާގޮތެއް މިހާރު ނުހެދޭނެކަން ވިރުސާނާއަށް އެނގެ އެވެ. އެހެނަސް އޭނަ ބޭނުންވީ ސުލްހަވެރި ދާއިމީ ހައްލެކެވެ.

” މިހާރެކޭ އެއްގޮތަށް ވަގުތުން ވަގުތަށް ނަމާދުކޮށް ޤުރުއާން ކިޔަވަންވާނެ .... އިސްލާމްދީނުގެ އެއްވެސް އުސޫލަކާއި ހިލާފު ވެގެން ނުވާނެ ..... އިސްލާމްދީނުގެ ބިންގާ ވަރުގަދަކޮށް ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ ސާޅީސް ކުދިން އަބަދު ވެސް މިރަށުގައި ތިބެންވާނެ. ޒަރޫރީ އެއްވެސް ބޭނުމެއް ނުފުދޭ ވަރުގެ ފަގީރަކު މިރަށުގައި ނުހުންނަވަރަށް އެހީތެރިވާން ވާނެ. “ ވިރުސާނާއަށް ހުށަހަޅަން ބޭނުންވާ ސަރުތުތައް ހުށަހަޅައި ނިމުމާއި އެކު ޕަރީގެ ފަހަތުން އަލިފާންކަންޏެއް މައްޗަށް އަރައިގެން ގޮސް ޖައްވުގެ ތެރެއަށް ގެއްލުނެވެ.

ވީނުވީއެއް ނޭންގި ޕަރީ ވެސް ގެއްލިއްޖެއެވެ.

ހުވަފެނީ އާލަމެއްގައި ފަތަމުންދިޔަ ވިރުސާނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ފަތިސްނަމާދު ކުރަން ސުލޭމާނާ ގޮވާ އަޑަށެވެ. ހޭލެވުމާއިއެކު ވިރުސާނާ އަވަސް އަވަހަށް ތެދުވި އެވެ.

ފަތިސްނަމާދުކޮށް ޤުރުއާން ކިޔަވައި ނިމުމުން ރޭގައި އޭނާއަށް ދިމާވިކަންތައް ވަރަށް ތަފްސީލުކޮށް ފަގީރުކޮއިގެ ދެމައިންނަށް ކިޔައިދިނެވެ. އެކަމާއި ގުޅުންހުރި ހުރިހާ މަޢުލޫމާތު ހިއްސާކުރިއެވެ. އޭނާއަށް އެހީތެރިކަމާއި އެއްބާރުލުންދީ އޭނާއާ އެކުގައި އުމުރު ދުވަހު އެދެމައިން ތިބުމަށް އެދުނެވެ.

ފަތިސްނަމާދު ކޮށްގެން ނިމިގެން ސާހުޒާދާ އައިސް ވިރުސާނާގެ ކޮޓަރި ބެލިއިރު ވިރުސާނާ އެތަނުގައި ނެތުމުން އޭނާ ވާނީ ފަގީރުކޮއިގެ ދެމައިން ކައިރީ ކަމަށް ސާހުޒާދާ ނިންމި އެވެ.

ސާހުޒާދާ އައުމުން ވެގެންއުޅޭގޮތް ކިޔައިދީ ދެން ކަންތައް ކުރަންވީ ގޮތާއި ބެހޭގޮތުން ހަތަރުމީހުންގެ މެދުގައި ވާހަކަ ދައްކާ މަޝްވަރާކުރި އެވެ.

ވިރުސާނާއަށް ފެނުނު އެ ހުވަފެނާއި އެއްގޮތަށް ފަގީރުކޮއިގެ ދެމައިންގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު ސާހުޒާދާ އިސްވެ ހުރެގެން ރަށުތެރެ އިސްލާހުކޮށް ހެޔޮމަގަށް އެޅުވުމުގެ މަސައްކަތް ފެށިއެވެ. އެކަމުގައި އެހީތެރިންގެ ގޮތުގައި ތިބި މީހުންގެ ފެންވަރަށް ނުބަލައި އެމީހުން ހޯދައިދިން ކާމިޔާބު ހެޔޮ ނަތީޖާއަށް ބަލައިގެން ކުރިޔަށް ދިއުމަށް ރައްޔިތުންގެ ކިބައިން ރަސްގެފާނު އެދިލެއްވި އެވެ.

ކުޑަކުދިންނަށް ކިޔަވައިދީ ނަމާދުކުރަން ދަސްކޮށް ދިނުމަށް ގަނޑުވަރުގައި ކޮޓަރިއެއް ތައްޔާރުކޮށް، އެމަސައްކަތް ފަގީރުކޮއިގެ ދެމައިން ބޭނުންވާ ގޮތަކަށް ކުރިޔަށް ގެންދިއުމަށް ރަސްގެފާނު ފުރުސަތު ދެއްވިއެވެ. ރަށުގައި އުޅޭ ހުރިހާ ކުދިން މަދަރުސާއަށް ދާ ދިއުމެކޭ އެއްގޮތަށް ޤުރުއާން ކުލާހަށް އައިސް ޤުރުއާން ކިޔަވާން ދަސްކޮށް ނަމާދުކުރަން ދަސްކުރަން ޖެހޭނެކަމަށް ރަސްގެފާނު އިޢުލާނު ކުރެއްވިއެވެ.

ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވައި އުޅެން ފެށުމުން ކުދިންގެ ހިތްތައް އަލިވެ ތައުލީމީ ދާއިރާއިން ހޯދަމުންދާ ކާމިޔާބުތައް ރަނގަޅުވާން ފެށިއެވެ. ކުދިންނަށް އަންނަމުންދިޔަ ހެޔޮ ބަދަލާއިއެކު ބެލެނިވެރިން ވެސް އެމަގަށް އެނބުރޭންފެށި އެވެ.

ފަސްއިރު ފަސްނަމާދު ވަގުތަށް މިސްކިތަށް ގޮސް ނަމާދުކޮށް ޤުރުއާން ކިޔަވާ މީހުންނާއި ނިކަމެތިންނަށް އަޅާލާ އޯގާތެރިކޮށް ހިތާމީހުން ގިނަވަމުން ދިޔައިރު ރަށުގެ ދަނޑުވެރި ކަމާއި މަސްވެރިކަންފަދަ ކަންތައްތައް ރަނގަޅުވަމުން ދިޔައެވެ. ކުރެވެމުންދިޔަ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުން ދިޔައިރު ރައްޔިތުންގެ މެދުގައި އިސްލާމީ އަގީދާ ވަރުގަދަވެ ގުޅުން ބަދަހި ވަމުން ދިޔައީ ހީކުރިވަރަށްވުރެ އަވަހަށެވެ.

ގާފިލްކަމުގެ ނިދިން ނިދާ މަރުވެފައިތިބި ރައްޔިތުން ހޭލައްވާލުމުގައި ފަގީރުކޮއިގެ ދެމައިން ވެދިން އެހީތެރިކަމަށް ޓަކައި ރައްޔިތުން އަބަދު ވެސް އެދެމައިންނަށް ޝުކުރުއަދާކުރެ އެވެ.

(ނިމުނީ)

Please log in or register to bookmark.
4k

10 ޚިޔާލު

  1. ބަނޑު އޮޑީގެ ހަބަރަކީ ކޮބާ ؟ އޭގެ ވާހަކަ ފަހުން ވެސް އައިނަމަ އަދި ވަރަށް ރީތި ވީސް. ވަރަށް ސަޅި.

ޚިޔާލު

Your email address will not be published.