Views: 11466 197

ޓެރެހަށް ވަންނަން ހުންނަ ދޮރުކަހާލައި ޖޫލީއަށް ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ދެލޯ ބޮޑުވެ އެސްފިޔަޖަހަންވެސް ހަނދާންނެތް ކަހަލައެވެ. އަނގަމަތީގައި އެޅި ދެއަތްވެސް ތިރިކޮށްލަން ނޭނގިފައި ޖޫލީއަށް ހުރެވުނީއެވެ.

"ސަޕްރައިޒް"

އެންމެން އެއްއަޑުން ގޮވާލިއެވެ. ޕާޓީއަށް އައިސްތިބީ ނަވީނާއި ޖޫލީގެ ދެފަރާތު އާޢިލާގެ މީހުންނާއި ގާތްރައްޓެހިންނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ.
މުޅިޓެރަސް ޒީނަތްތެރިކޮށްފައިވަނީ ހިތުގެ ބައްޓަމަށް ހުރި ރަތް ފުއްޕާހަންތަކުންނެވެ. ފުއްޕާހަންތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. ހުދަ ފޮތިގަނޑެއްގައި ރަތްކުލައިން "ހެޕީ ސެވަން"ޖަހާފައިވެއެވެ. އެފޮތިގަނޑާއި ދިމާ އެންމެ ކައިރީގައިވާ މޭޒުމަތީވަނީ ތަފާތު ވައްތަރުގެ ފޮނިއެއްޗެއްސެވެ. މާޝިމެލޯ،ކަޕްކޭކު އަދި ކުކީސްއެވެ. ބިއްލޫރި ފުޅިތަކަށް އަޅާފައި ތަފާތު ވައްތަރުގެ މެޓަޔާއި ޗޮކްލެޓް ހުރިއިރު މޭވާގެ ތަފާތު ވައްތަރުގެ ބުއިންތައް ހުއްޓެވެ. ޓެރެހުގެ މެދަށްވާގޮތަށް އަތުރާފައިވާ ވަށްމޭޒުތަކުގައިވަނީ ހުދުފޮތިއަޅާފައެވެ. ހަމަ އެހެންމެ މޭޒުތަކުގެ ވަށައިގެން އިށިއިނދެވޭނޭ ހެން ގޮނޑިޖަހާފައިވާއިރު އެހެން މޭޒެއްގައި ހެދިކާގެ ބައިވަތްތައް ނަންހުސްކޮއްހުއްޓެވެ.

"ކޮބާ ސަޕްރައިޒް ކިހިނެތް؟"

ފަހަތުން އައި ނަވީން ޖޫލީގެ ކޮނޑުގައިހިފާ ތަޅުވާލިއެވެ.

ހަގީގަތުގައިވެސް ޖޫލީ ހުރީ ބަސްހުއްޓިފައެވެ. މީގެ ކުރިން ނަވީންގެ ފަރާތުން ސަޕްރައިޒް ލިބިފައިވިޔަސް މިފަހަރު މިލިބުނީ ތަފާތު ގޮތަކަށެވެ. ޖޫލީގެ ޖަޒްބާތުތައް ދުލުން ބަޔާން ނުކުރެވޭހާ އުފާވެރިއެވެ. ދެލޮލުގައި ވިދަވިދާހުރި ކަރުނަތައް ފޮރުވުމަށްޓަކާ ނަވީންގެ މޭގައި މޫނު ފޮރުވާލިއެވެ.

"އޭއޭ....މީ އަހަރެމެން ވަރަށް އަގު ބޮޑުކޮށްގަނެފައިވާ ވަގުތުކޮޅެއް ...މީ ތިދެމީހުން މާފޮޅުވަންވީ ވަގުތެއްނޫން"

އައްފާންގެ އަޑުވަނީ ޖޯޝުންފުރިފައެވެ. ނަވީނާއި ޖޫލީ އެކަކު އަނެއްކަކަށް ބަލާލައި ހިނިތުންވެލިއެވެ.

ފަހަރަކު މީހަކު އައިސް ނަވީންމެން ދެމަފިރިންނާއި ސަލާން ކުރަމުން ދިޔައެވެ. ކޮންމެ މީހެއްވެސް ޖޫލީގެ ރީތިކަމަށް ތައުރީފްކުރަމުން ދިޔައިރު މުނާސަބާއާ ގުޅޭ ތަހުނިޔާ ކިޔަމުންދިޔައެވެ. އައްފާން ކައިރީ ހުއްޓިލައިގެން ހުރި މާހިލް ފެނިފައި ޖޫލީގެ ލޯހޯދާލީ ދެލޯފަދަ ލޯބިވާ ކޮއްކޮ ސަޖާއެވެ.

އެހެން މީހުންނާއި ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ސަޖާ އާއި ސަރުމީލާ ތިއްބެވެ. ހީވާގޮތުން ޕާޓީގައި ބައިވެރިވި އެހެން މީހުންނަށް ޖޫލީއާ ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ގޮތުން އެމީހުން މަޑުކޮއްލައިގެން ތިބީއެވެ. އެކުވެރިން ކައިރީ ރަނގަޅަށް ކާންބުނެފައި ޖޫލީ ހިނގައިގަތީ މަންމަމެން ކައިރިއަށެވެ. ސަޖާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ޖޫލީގެ ގައިގާ ބައްދާލިއެވެ.

"އަޅޭ...ވަރަށް ވަރަށް މިސްވި"

ސަރުމީލާވެސް ހިނިއައިސްފައި ދެކުދިން އުޅޭގޮތް ބަލަން ހުއްޓެވެ. އެންމެ ތުއްތު އިރުން ފެށިގެންވެސް ޖޫލީއާއި ސަޖާ އުޅެނީ ވަރަށް ގުޅިގެންނެވެ. އެއްކުއްޖަކު އަނެއްކުއްޖެއްދެކެ އެހާ ލޯބިންނެވެ.

"ހާދަ ގޯހޭ....ކޮންއިރަކު މާލެ އައީ އަންގާވެސްނުލާ..."

ޖޫލީ ޝަކުވާތައް ބަންޑުންކޮއްލިއެވެ.

"އަޅޭ ސިސް....އެންގީމަ މަޖަލެއް ނުވާންނުން...މިހާރު ކިހާ ބެސްޓް ކިހާ ސަޕްރައިޒް ވެއްޖެ"

ޖޫލީ ދެކޮނޑުގައި ހިފާ ސަޖާ އެހެންބުނެލީ ހިނިތުންވެހުރެއެވެ.

"އާނ އާނ ވަރަށް ސަޕްރައިޒްވެއްޖެ....ހަނީމޫން ޓުރިޕް ކިހިނެތްތަ؟ކޮބާ ފޮޓޯތައް؟ސިސްއަށް ގިފްޓް ގެނައިންތަ؟"

ހުރިހާ ސުވާލެއް ޖޫލީ އެއްފައްޗަކަށް އަމުނާލިއެވެ. ސަޖާ ފެނުމުން އޭނާގެ އުފާވެރިކަން އެތަށްގުނައަކަށްވަނީ އިތުރުވެފައެވެ.

"ޔާރައްބީ....ސުވާލު މުބާރާތަކަށްތަ މިއާދެވުނީ.....ވާހަކަ ދައްކާނީ ފަހުން މިހިރަ ކާއެއްޗެހިތައް ފެނުނީމަ ގުޅު ދިޔާވޭ އެބަ...."

ސަޖާ ހިނގައިގަތީ ހެދިކާ ހުރި މޭޒާ ދިމާލަށެވެ.

މަޤްރިބް ނަމާދަށް ބަންގިގޮވުމުން ހުރިހާ ފިރިހެނުންތައް އަވަސްއަވަސް ކޮއްލައިގެން ދިޔައީ މިސްކިތަށެވެ. ޕާޓީއަށް އައި އެންމެންހެން ގޮސް މިހާރު ތިބީ ސަރުމީލާ އާއި ސަޖާ އެކަންޏެވެ. ޒީނިޔާވެސް އަވަދިނެތި އުޅެނީ ތަށިތައް ނަގާށެވެ. ޖޫލީ އިނީ ސަޖާ ފޯނުން ޑުބާއީގައި ނަގާފައިވާ ފޮޓޯތައް ބަލާށެވެ. ސަރުމީލާ އެދެކުދިންނާއި ދާދި ގާތުގައި އިންނަމަވެސް މީހާ އިނީ ނެގިމަޑުވެފައެވެ. މިއަދު މެންދުރު ޖަލީލް ދެއްކި ވާހަކައިން އަދިވެސް އޭނާ އިނީ ނުތަނަވަސްވެފައެވެ. ޖޫލީއާއި އެވާޙަކަ ހިއްސާ ނުކުރެވޭހާ ހިނދަކު އޭނާއަށް ހަމަނޭވާލާންވެސް އުނދަގޫވާނެއެވެ. އޭނާ އިނީ އެވާހަކަ ދައްކާނެ ރަނގަޅު ފުރުސަތެއް ނުލިބިފައެވެ. ދޭތެރެ ދޭތެރެއިން ސަޖާ އާއި ޖޫލީގެ ހުނުމުގެ އަޑުއިވުނަސް އެއިން ކަމަކާ އަޅާލެވޭ ވަރަށް ވުރެން އޭނާގެ ސިކުނޑީގެ ހައިޖާނު ބޮޑެވެ.

"މަންމަ އެބައޮތް ޖޫލީއާ ވާހަކައެއް ދައްކަންވެފައި...."

އެތަށް އިރަކު ހިމޭނުން އިނދެފައި ސަރުމީލާ އެބުނި އެއްޗަކުން ޖޫލީގެ ހިތަށް ބިރުވެރިކަން ވަނެވެ. މިއަދު ޗެރީހައުސްއަށް އައިސްވެސް ސަރުމީލާ ހުރީ ނިކަން މަޑުންނެވެ. އެކަން ޖޫލީއަށް ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.

"ކޮން ވާހަކައެއް މަންމާ"

ޖޫލީގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ސަޖާގެ ފޯނުން އަތްދޫކޮއްލާފައި ސަރުމީލާ އާއި ދިމާއަށް އެނބުރުނީ އޭނާ ދައްކަން އުޅޭ ވާހަކަ އަޑުއެހުމަށެވެ. އެހެން ނަމަވެސް ސަރުމީލާ ވާހަކަ ކުރިއަށް ނުގެންގޮސް އެއްފަހަރު ސަޖާއަށް އަނެއް ފަހަރު ޖޫލީއަށް ބަލާލިއެވެ.

"މަންމާ...ސިސް އަހަރެން އެބަ އަންނަން ޓޮއިލެޓަށް ގޮސް "

ތަށިތައް ހިފައިގެން ތިރިއަށްދިޔަ ޒީނިޔާގެ ފަހަތުން ހިނގައިގަންނަމުން ސަޖާ ބުންޏެވެ. ހަގީގަތުގައި ސަޖާ އެތަނުން ދިޔައީ ފާހާނައަށް ދާން ބޭނުންވެގެންނެއް ނޫނެވެ. މަންމަ އާއި ޖޫލީއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ސަޖާ ގޮސް ލޮލުކޮޅަށް ގެއްލެންދެން ސަރުމީލާ އިހްތިޔާރުކުރީ ހިމޭންކަމެވެ. ހީވާގޮތުން އޭނާ ދައްކަން އެއުޅޭ ވާހަކަ އެއްވެސް މީހަކަށް އިވޭކަށް އޭނާ ބޭނުމެއް ނޫނެވެ.

"ކޮން ވާހަކައެއްތަ މަންމާ..."

ޖޫލީއަށް މަންމަ ދައްކަން އުޅޭ ވާހަކައެއް ނޭނގިގެން އުނަގޫވިއެވެ. އެއީ އާދައިގެ ވާހަކައެއް ނޫންކަން ސަރުމީލާގެ ކޮންމެ ހަރަކާތަކުންވެސް ހެކިދެއެވެ.

"ދަރިފުޅާ ޖޫލީ...ދަރިފުޅަށް މިހާރު ސައްބީސް އަހަރު....ކައިވެންޏަށްވެސް މިއަދު ހަތްއަހަރު ފުރުނީ....ކޮންއިރަކުންތަ ދަރިފުޅުމެން ކުއްޖަކު ހޯދަނީ"

ސަރުމީލާ ވާހަކަ ދެއްކީ އެއްއަތުން ޖޫލީގެ ބުރަކަށީގައި ފިރުމަމުންނެވެ. އަނެއްއަތުން ޖޫލީގެ އަތުގައި ފިރުމަމުންނެވެ. މަޔަކާއި އަންހެންދަރިއެއްގެ ދެމެދު އޮންނާންޖެހޭ ގާތްކަން ސަރުމީލާގެ ކޮންމެ ހަރަކާތަކުންވެސް ފެނިގެންދެއެވެ.

"މަން..މާ..."

ޖޫލީ ސަރުމީލާއަށް ގޮވާލި ގޮތުން އޭނާއަށް މާނަ ނެގުނީ ނުބައިކޮށެވެ. ސަރުމީލާއަށް ހީކުރެވުނީ ޖޫލީމެން ކުއްޖަކު ބޭނުން ނުވަނީ ކަމުގައެވެ.

"ދަރިއަކު ހޯދާކަށް އަވަހެއް ނޫނޭ މިހާރަކު...ދަރިފުޅަށް އިނގޭތަ ނަވީންގެ ބައްޕަވެސް ކާފަދަރިފުޅަކު ބޭނުންވެގެން އެކަމަށް ހާދަ އިންތިޒާރު ކުރެއޭ އެބަ..."

ސަރުމީލާގެ ކޮންމެ ޖުމްލައެއް ދުނިދަނޑީގައި ލައިފާ ފޮނުވާލާ ތީރެއް ފަދައިން އައިސް ޖޫލީގެ ހިތަށް ހެރެމުންދިޔައެވެ .އަދި އެއިން ކޮންމެ ވާހަކައެއް ޖޫލީގެ ސިކުނޑީގައި ދިޔައީ ރައްކާކުރަމުންނެވެ.

"ދަރިފުޅާ...ދަރިންނަކީ ކައިވެނީގެ މޭވާ ....ދަރިންނާއިނުލާ ދިރިއުޅުން ފުރިހަމައެއް ނުވާނެ...މަންމައަށް އެނގޭ މިހެން ބުނާއިރުވެސް މިހާރުގެ ކުދިން ދަރިން ހޯދަނީ ވަރަށް ރޭވުންތެރިކަމާއެކުކަން...ދަރިފުޅުމެން މިހާރު ކުއްޖަކު ހޯދަން ލަސްވެއްޖެ...މަންމަވެސް ބޭނުން މާމާއޭ ކިޔާފަ ގޮވާލާނެ މާމަ ދަރިއެއް...."

ޖޫލީގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތްމައްޗަށް ފައިބާގަތެވެ. ސަރުމީލާގެ އަތުގައި ކަރުނަ ތިއްކެއް ޖެހުމުން ސިހިފައިބަލާލެވުނީ ޖޫލީއާއި ދިމާލަށެވެ. އެއާއެކު ސަރުމީލާއަށް ތެޅިގަނެވުނީ ކަންބޮޑުވީ ވަރުންނެވެ.ސަރުމީލާ ދެއްކި ވާހަކައިން ޖޫލީއަށް މާބޮޑަށް ހިތުގައި ޖެހުމުން އޭނާ ދެރަވިއެވެ.

"މަންމާ...."

ޖޫލީގެ އަޑު ބެދުނެވެ. ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން ދޫ ހަރަކާތްކުރަން އުނދަގޫވިއެވެ. ކައިރީގައި ހުރި ފެންޖަގުން ފެންތައްޓެއް އެޅުމަށްފަހު ސަރުމީލާ ޖޫލީގެ އަތަށް ދިނެވެ. އެއްފަހަރު ތުންޖަހާފައި ފެންތަށި ބެހެއްޓީއެވެ. ޖޫލީ ދެލޯ ފުހެލާފައި ވާހަކަ ދެއްކޭތޯ ބެލިއެވެ.

"މަންމާ...އަހަރެމެންވެސް ބޭބީއެއް ބޭނުމޭ ....އެކަމް ނުލިބެންޏާ ކީއްކުރާނީ ...މިހާރު ބޭބީއެއް ބޭނުންވެގެން އުޅޭތާ ތިން އަހަރުވަނީ..."

ޖޫލީގެ ގިސްލުމުގެ އަޑު ސަރުމީލާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ޖޫލީ މީގެކުރިން އެކަހަލަ ވާހަކައެއް ސަމާސާއަކަށްވެސް އޭނާއާ ދައްކާފައެއް ނެތެވެ.

"ނަވީންވެސް ވަރަށް ވަރަށް ބޭބީއެއް ބޭނުން....އަބަދު އެކަމާ ވިސްނާ...."

އަނެއްކާވެސް ސަރުމީލާއަށް އިހްތިޔާރު ކުރެވުނީ ހިމޭންކަމެވެ. ހީވަނީ ވިސްނުމުގެ ފުން ކަނޑަކަށް މީހާ ޣަރަގުވެދާނެހެންނެވެ.

"ދަރިފުޅާ ކީއްވެ މަންމަ އެހާ ދުރުކޮއްލީ....ދަރިފުޅު ބޭނުން ކޮންމެ ވާހަކައެއް މަންމަޔާ ދެއްކޭނެ...ޙިޔާލެއް ދޭންވެސް އެނގޭނީ ދަރިފުޅުވެސް މަންމަޔާ ކަންތައްތައް ޙިއްސާކުރާނަމައޭނުން.....ދަރިފުޅުމެންގެ އަމިއްލަ ދިރިއުޅުން ތެރެއަށް ނުވަންނަން މިޔޮއްހާ ދުވަހު ހިމޭނުން މަންމަ މިހުރީ.....އެކަމަކު ނަވީންގެ ބައްޕަވެސް ވަރަށް ދެކެން ބޭނުންވާ ކަމެއްވީމަ މިވާހަކަ ދައްކަން މިޖެހުނީ"

ސަރުމީލާ ޖޫލީގެ ބޮލުގައި ފިރުމަމުން ދިޔައިރު ޖޫލީގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައެވެ.

"މަންމައަށް ފެންނަނީ ދެކުދިން ޑޮކްޓަރަކަށް ދައްކާލަން ....އޭރުން މައްސަލައެއް އުޅޭންޏާވެސް އެނގޭނީ....ފަހަރެއްގަ ކޮންމެވެސް އެއްކުއްޖެއްގެ މައްސަލައެއް ހުރީމަ ކަމަށްވެދާނެ ކުދިން ނުލިބެނީ...ބޭސްކޮއްލަނިކޮން ރަނގަޅުވާ ކަހަލަ މައްސަލައެއްވެސް ހުރެދާނެ....ދެން ނުރޮއެ...އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ...."

ސަރުމީލާގެ ހިތްވަރުދިނުމުގެ ބަސްތަކުން ޖޫލީގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

**********

ފެރީގައި އިންއިރުވެސް ސަޖާއިނީ ހާސްވާގޮތްވެފައެވެ. ކައިވެންޏަށްފަހު އަދި މުޅިން އަލަށް މާހިލްގެ އާއިލާ ގާތަށް ދިރިއުޅެންދާތީއެވެ. ކައިވެނި ހަފްލާގައި މާހިލްގެ އާއިލާ މީހުންފެނި ބައްދަލުވެފައިވީ ނަމަވެސް އެމީހުންގެ ގޮތްނޭގޭތީ ސަޖާގެ ހިތްވަނީ ނުތަނަވަސްކަމުން ފުރިފައެވެ. ކައިވެނި ހަފްލާއަށް ފަހު އެރޭ ދެމަފިރިން މަޑުކުރީ ގެސްޓްހައުސްއެއްގައެވެ. އޭގެ އަނެއްދުވަހު ފުރައިގެން ދިޔައީ ހަނީމޫން ހޭދަކޮއްލަން ޑުބާއީއަށެވެ .އެނބުރި އައިސް މާހިލްގެ އާއިލާ ގާތަށް ދިރިއުޅެން ވިލިމާލެއަށް އެދަނީ ވަރަށް ފޮނި އުއްމީދުތަކަކާއި އެކުއެވެ.

މާހިލްގެ މަންމަ މަމްދޫހާ އާއި އަންހެންކޮއްކޮ މުނާ ތިބީ ސަޖާ އެމީހުންކައިރިއަށް ދިރިއުޅެން އައުމުން އުފަލުންނެވެ. މާހިލަކީ މަމްދޫހާގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. މާހިލްގެ ދޮއްޓަށް ތިބީ ދެއަންހެންކުދިންނެވެ. އެދެކުދިންވަނީ އަމިއްލަ ދިރިއުޅުމެއް ފަށައިގެން ފިރިމީހާގެ ގެއަށް ބަދަލުވެފައެވެ. ސަޖާ އެގެއަށް އައިސްދާނެ ކަމަށް ކުޑަކޮންވެސް މަމްދޫހާއަށް ހީކުރެވިފައެއްނެތެވެ. ސަޖާއަކީ މުއްސަނދި ދެމަފިރިއަކަށް ލިބިފައިވާ ކުއްޖަކަށްވެފައި މަމްދޫހާމެންނަކީ މާފޯރާބަޔަކަށް ނުވާތީއާވެސް އެއްކޮންނެވެ. މަމްދޫހާ ހީކޮށްގެންހުރީ ކައިވެންޏަށްފަހު މާހިލްވެސް ދިރިއުޅޭނީ މާލޭގައި ސަޖާ ބައްޕަގެ ގޭގައިކަމުގައެވެ. އެކަންއެހެން ނުވީތީ އޭނާ ހުރީ އުފަލުން ފުރިފައެވެ. މާހިލް ނޫން ފިރިހެންދަރިއަކު ނެތުމުން ޅީދަރިއެއްގެ ފަސޭހަވެސް ފެންނަން އޮތީ ހަމައެކަނި މާހިލްގެ އަންހެނުންގެ ފަރާތުންކަމަށްވީތީއެވެ. މަމްދޫހާ އާއި މުނާގެ ފަރާތުން ސަޖާއަށް ކީ ވަރަށް ހޫނު މަރުހަބާއެކެވެ.

އަންނައުނު އަޅާފައި ހުރި ފޮށިހިފައިގެން މާހިލް އޭނާގެ ކޮޓަރިއަށްވަނެވެ. މާޙިލްގެ ފަހަތުން ސަޖާވެސް މަޑުމަޑުން އައިސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެވުމާއެކު ވަށައިގެން ނަޒަރު ހިންގާލިއެވެ. އާދައިގެ ކުޑަ ކޮޓަރިއެކެވެ.ކުއީން ސައިޒްގެ އެނދަކާއި ދެދޮރުފަތްލީ އަލަމާރިއެއްގެ އިތުރުން ރީތިވާ މޭޒެއް ފިޔަވާ އިތުރު ފަރުނީޗަރެއްނެތެވެ. ކޮޓަރިތެރެއަށް ވަދެވޭ ގޮތަށް ފާޙާނާއެއް ހުއްޓެވެ. އެއާ ޖެހިގެން ލޭސްފަރުދާ ދަމާފައިވާ ދަމާދޮރެއް ހުއްޓެވެ. އެދޮރުން ނިކުމެވެނީ ކުޑަކުޑަ ބެލްކަންޏަކަށެވެ.ދެތިން ގަސްމުށިގަނޑާއި ގޮނޑިއެއް ފިޔަވާ އިތުރު އެއްޗެއް އެބެލްކަނީގައި ނެތެވެ. ކޮޓަރި ކިތަންމެ ކުޑަ ނަމަވެސް ސަޖާ އެތަނާއިމެދު ހިތްހަމަޖެހުނެވެ.

މާހިލް ތުވާލި ހިފައިގެން ފާހާނާއަށް ވަނުމުން ސަޖާ އަވަސްވީ ފޮށީގައި ހުރި ސާމާނުތައް އެއެއްޗެއް ހުންނަންވީތާ ބެހެއްޓުމަށެވެ. ވެފައިވާ ވަރުބަލިކަންވެސް އިހްސާސް ކުރެވޭހެނެއް ހިޔެއް ނުވެއެވެ. އެއަށް ވުރެންބޮޑަށް ސަޖާ އިނީ އުފަލުންނެވެ. އެންމެ ބޭނުންވާ މީހާއާ ކައިވެނި ކުރެވުމަކީ ކޮންމެ ކުއްޖަކުވެސް ދެކޭނޭ ހުވަފެނެކެވެ.

އިސްވެ ރައްޓެހިވާން އެހީ ސަޖާއެވެ. ސަޖާ ދެކޭ ގޮތުގައި އަންހެން ކުއްޖަކު ރައްޓެހިވާން އެހުމަކީ މައްސަލައެއް ނޫނެވެ. ތިމާ ބޭނުންކަމެއް ހާސިލްކުރެވޭނީ ކެރިގެން ކުރިމަތިލައިގެންކަން އަބަދުވެސް އޭނާ ޤަބޫލުކުރެއެވެ. ވަރަށް އުއްމީދާ އެކު މާހިލް ކިބައިން ރައްޓެހިވާން އެދުނު ނަމަވެސް ފުރަތަމަ މާހިލް ދިނީ ފުރަގަހެވެ. ކުރީ އިންކާރެވެ. ތަކުރާރުކޮށް ބުނަމުން ދިޔައީ ނޫނެކެވެ. ރައްޓެހިވާން ބޭނުން ނޫން ކަމުގައެވެ. ގުޅުމެއް ކުރިއަށް ގެންދާނެ ޝައުގުވެރިކަންނެތް ވާހަކައެވެ. މާހިލް ފާޅުގައި ދެކޮޅު ހެދުމުން ސަޖާ ހޭދަކުރީ ހިތްދަތި ދުވަސްތަކެކެވެ. އެގޮތުގައި ނުވަމަހެއްހާ ދުވަސް ފާއިތުވެގެން ދިޔައެވެ. ނާއުއްމީދު ވެފައިވާ ސަޖާގެ ހަޔާތް އުއްމީދުން ފުރިގެން ދިޔައީ ސަޖާގެ ބާވީސްވަނަ އުފަންދުވަހުއެވެ.

މާހިލް އެދުނީ ސީދާ ސަޖާގެ ކައިވެންޏަށެވެ. މިހާރުގެ އެހެން ޒުވާނުންނާއި ހިލާފަށް މާޙިލް ބޭނުންވީ އަވަހަށް ކައިވެނިކުރާށެވެ.ރައްޓެހިވެގެން ގިނަދުވަހު އުޅުމަކީ މާހިލް މާ ގަޔާވާ ކަމަކަށްނުވިއެވެ. ވީއިރު މިއަދު ސަޖާއަށް އުފާވުން ހައްޤެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އޭނާއަށް މިލްކުވެފައިވާ ކަހަލައެވެ.

ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ޖޫލީ ހުރީ ނަވީންގެ ފޮށި ތައްޔާރުކޮއްދޭށެވެ. ދެތިން ދުވަހަށް ނަވީން ވިޔަފާރި ދަތުރެއްގައި ބެންކޮކަށްދަނީއެވެ. ދަތުރަށް ތައްޔާރު ކުރަން ފޮއްޓަށް އަޅަންވީ އެއްޗެހި ހުރީ އެނދުމަތީ ބަހައްޓާފައެވެ. ޖޫލީގެ ހަރަކާތްތަކުގައިވަނީ ކަންނެތްކަމެވެ. މޫނުމަތިންވެސް ފާޅުވަނީ ހިތްހަމަނުޖެހިފައިވާ ކަމުގެ ނިޝާންތަކެވެ. އެހެންޏާ އެހުންނަ ފޯރިއެއް ނެތެވެ. ރޭ ސަރުމީލާ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑިތެރޭ ވަނީ ހައިޖާނު އުފައްދާފައެވެ. އަނެއްކޮޅުން މަންމަ ދެއްކި ވާހަކަ ޖުލީ ނަވީން ކައިރީ ދެއްކުމުން ނަވީން ހުރީ ޑޮކްޓަރަށް ދައްކާ ގޮތަކަށް ނޫނެވެ. އެހިޔާލުތަކާ ދުރުވާން އުޅުނަސް އެކަމާ ވިސްނެނީއެވެ. ފިކުރުކުރެވެނީއެވެ.

މެދުހަށީގައި ހުދު ތުވާއްޔެއް އޮޅައިގެން ނަވީން ނިކުތީ ފާހާނައިންނެވެ. ފެންވަރައިން ނިކުތުމުން ކޮޓަރި ތެރޭ ހިފާލީ ޑޯވް ސަވަރ ޖެލްގެ ހިތްގައިމު ވަހެވެ. ބޮލުން ފައިބަމުން ދިޔަ ފެންތިކިތައް ނަވީންގެ ފިރިހެންވަންތަ ހަށިގަނޑުގައި ބޮސްދީފައި އައިސް ތުވާލީގެ ތެރައަށް ވަދެގެން ދެއެވެ. ފަހަތުން އައިސް ޖޫލީގެ ގައިގާ ނަވީން ބައްދާލިއެވެ. ނަވީންގެ ތުނިކޮންފަޅާފައިވާ ތުނބުޅި ޖޫލީގެ ކޯތާފަތުގައި ބީހިލިއެވެ. ނުތަނަވަސްވެފައި ހުރެވެސް ޖޫލީ ގަދަކަމުން ހިނިތުންވެލިއިރު ލޮލުގައިވަނީ ކަރުނައިގެ އަސަރެވެ.

"އަދިވެސް ދެރަވެފައިތަ؟ އަހަރެން ޖޫލީ ދެއްކި ވާހަކަ އާ މެދު ވިސްނާނަން... އޯކޭ މިހާރު ހެޕީ "

އެވަރުންވެސް ޖޫލީ ހިތްހަމަޖެހުނެވެ. މިހާރު ޖޫލީ ބޭނުންވަނީ ޑޮކްޓަރަށް ދައްކާށެވެ. ޓެސްޓު ހަދަން ޖެހުނަސް ޓެސްޓުވެސް ހަދަން ހުރީ ތައްޔާރަށެވެ. އެކަމާ ޖެހިލުންވަނީ ނަވީންއެވެ. ދެމީހުންގެ ތެރެއިން އެކަކުގެ މައްސަލައެއް ހުރެގެން މިހާރު އުޅޭ އުފާވެރި ދިރިއުޅުން ނޫޅެވިދާނެތީއެވެ. އެހެން ނަމަވެސް ޖޫލީގެ އުފަލަށްޓަކާ ނަވީން ޖޫލީ ބޭނުންވާ ފަދައިން ކަންތައް ކޮއްދޭނެ ކަމުގެ ޔަޤީންކަން ޖޫލީއަށް ލިބުނެވެ.

(ނުނިމޭ)

ނޯޓް: މިވާހަކަ ގެނެސްދޭނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި އަންގާރަ ދުވަހުއެވެ.

ޚިޔާލު ފޮނުއްވާ