Views: 3229 229

އެއްވެސް މީހެއް ނުވަތަ އެއްވެސް އެއްޗެއްގެ އެހީއަކާއި ނުލައި ފެންމަތީގައި ހިނގާލާފައި ކަހަލަގޮތަކަށް އައި އެމީހާ އައިސް ހުއްޓުނީ ރަށުގެ ބޭރު އުރަފަށާއި ހިސާބުގައެވެ. އެއަށްވުރެ އެންމެ ތަންކޮޅެއް ވެސް އެތެރެވާކަށް ނޫޅެއެވެ.

” ދަރިފުޅާ ...... ސާހުޒާދާ! ތިޔަ ހާސްކަމާއި ކަންބޮޑުވުމުގައި ... ބޭކާރު ވިސްނުންތަކާއި ފިކުރުތަކުގައި ވަގުތު ދުއްވާނުލާ. ތިޔަކަމަށް ހައްލުއޮތީ ތިޔަ ރަށުގައި. އެހެނަސް .... ދަރިފުޅުމެނާއި ރައްޔިތުންވަނީ އެކަމަށް ފަރުވާކުޑަ ކޮށްލާފައި. އެ ދެމައިންނަށް އަޅާނުލާ ދޫކޮށްލާފައި ..... އެމީހުންނަކީ އެއްވެސް ކުށެއް ނެތް ބައެއް. ތިޔަ ހަދާ ފަންޑިތަތަކާއި ސިހުރު ހާހޫރައަކީ ތިޔަކަމުގެ ހައްލެއް ނޫން .... ހައްލު ހޯދާ ... ހައްލު ހޯދުމުގެ މަގު މިދައްކައިދިނީ. ” ސާހުޒާދާއަށް އިވޭވަރަށް އެހެން ބުނުމަށްފަހު ، ސާހުޒާދާ ބުނާ އެއްޗެކަށް އެއްވެސް ސަމާލުކަމެއް ނުދީ އެމީހާ އައިކޮޅަށް ގޮސް އޮބާލައިފިއެވެ.

ސިއްސައިގެން ގޮސް ކުއްލިއަކަށް ކަހަލަގޮތަކަށް ސާހުޒާދާއަށް ހޭލެވިއްޖެއެވެ. އަވަސް އަވަހަށް ވަށައިގެން ހޯދާލަމުން ގަޑި ބަލާލިއިރު ފަތިސް ނަމާދު ވަގުތު ގާތްވަނީއެވެ. ރަސްގެފާނަށް ގޮވައި ފަތިސް ނަމާދު ކުރަން ތެދުވާން ބުނެފައި ސާހުޒާދާ ވަނީ ފާޚާނާއަށެވެ. ފަހުން ތެދުވެ ނަމާދުކޮށްލާނީ ކަމަށް ބުނެފައި ރަސްގެފާނު އޮތީއެވެ.

ވުޟޫކޮށް ތައްޔާރުވެލައިގެން ސާހުޒާދާ ފާޚާނާއިން ނުކުތްއިރެކޭ އެއްގޮތަށް ނަމާދުކޮށް ނިމުނުއިރު ވެސް ރަސްގެފާނު އޮތީ ނިދާށެވެ. ދެން އިތުރަށް ގޮވައިފިނަމަ ރުޅިއަންނާނެކަން ޔަގީންވާތީ އިތުރަކަށް ނުގޮވައެވެ. މާޔޫސްކަމާއިއެކު ރަސްގެފާނަށް ބަލާލަމުން ސާހުޒާދާ ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.ދީނީ ކަންކަމަށް ރަސްގެފާނު ފަރުވާ ކުޑަކުރަމުންދާ ފަރުވާ ކުޑަކުރުމުގެ ސަބަބުން ސާހުޒާދާ ހުންނަނީ ހާސްވެ ކަންބޮޑުވެފައެވެ.

ވިރުސާނާއަށް ގޮވައި ހޭލެއްވުމަށްފަހު އަވަހަށް ފަތިސްނަމާދު ކުރަން ބުނެފައި ސާހުޒާދާ ނުކުތީ ބޭރަށެވެ. ބޭރަށް ނުކުތުމާއިއެކު ޤުދުރަތުގެ ހިތްގައިމު ސާފު ސާދާ ފިނި ވައިރޯޅި އައިސް ހެނދުނުގެ ސަލާމުން ސަލާންކޮށްލި ކަހަލައެވެ. ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ.

މާބަގީޗާއާ ދިމާއަށް ހިނގައިގަތް ވަގުތު ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ރޭގައި އޭނާއަށް ފެނުނު ހުވަފެނެވެ. އެއާއެކު ފަގީރުކޮއިގެ ދެމައިންގެ މަތިން ހަނދާންވި އެވެ.

ކުއްލިއަކަށް މިސްރާބު ބަދަލުކޮށް ގަނޑުވަރުން ބޭރަށް ނުކުންނަން ސާހުޒާދާ ހިނގައިގަތުމާއިއެކު ހަށިފާރަވެރިންގެ ތިންމީހަކާއި ބާންދީއަކު އެކަމަނާގެ ފަހަތުން ހިނގައިގަތެވެ. މިހާ ހެނދުނާ އެކަމަނާ ގަނޑުވަރުން ބޭރަށް ވަޑައިގަންނަވާނީ ވަރަށް މުހިންމުކަމެއް އޮތުމުން ކަމުގައި އެ އެންމެނަށް ވެސް ގަބޫލު ކުރެވުނެވެ.

” ކޮންމެހެން އެންމެން ނަޔަސް ރަނގަޅުވާނެ ... ދެމީހަކު އާދޭ. “ އެމީހުނާއި ދިމާއަށް ބަލާލަމުން ސާހުޒާދާ ވާހަކަ ދެއްކި އެވެ.

ހަށިފާރަވެރިންގެ މީހަކާއި ބާންދީއަކު ގޮވައިގެން ސާހުޒާދާ ގަނޑުވަރުން ބޭރަށް ނުކުތްއިރު، އިރުއެރުމުގެ ކުލަވަރު އުދަރެހުން ދައްކަމުން ރަށުތެރެއަށް އަލިކަން ވެރިވަމުންދިޔަ އެވެ.

ކުއްލިގޮތަކަށް މިހާ ހެނދުނާ ފަގީރުކޮއިގެ ގެއަށް ސާހުޒާދާ އައުމުން އޭނާގެ އެހީތެރިން ތިބީ ވަރަށްބޮޑަށް ހައިރާން ވެފައެވެ.

ގާތްގަނޑަކަށް ނުވަސަތޭކަވަރަކަށް އަކަފޫޓްގެ އެ ގޯތީގެ އެއްކަނުގައި ފަނާއި އޮށި ދަނޑި ފަދަ ތަކެތިން އަޅާފައިވާ ކުޑަވަރެއްގެ ފަންގެ އަކާއި ބަދިގެއެއް އަދި ގިފިއްޔެއް ކަހަލަ ތަނެއް ހުއްޓެވެ. ގެއަށް ވަނުމަށް މަގެއް ދޫކޮށްފައި ހުސްބިމުގައި ބައެއްކަހަލަ މޭވާ އާއި ތަރުކާރީ ގަސްތަކާއި ވެޔޮތައް ހައްދާފައި ވެއެވެ. ގަސްތަކާއި ވެޔޮތަކުން ތާޒާމޭވާ އާއި ތަރުކާރީ މިހާރު ވެސް ފެންނަން ހުއްޓެވެ. ގޯތިތެރެއިން ފެންނަމުންދަނީ ސާފު ތާހިރުކަމާއި ތަރުތީބު ކަމެވެ.

” އައްސަލާމް އަލައިކުމް. “ ގޯތިތެރެއަށް ވަންނަން ހިނގައިގަންނަމުން ސާހުޒާދާ ގޮވާލިއެވެ.

” ވައާލައިކުމުއް ސަލާމް. “ ސަލާމް ގޮވާލި އަޑު އިވުމުން ގެއިން ބޭރަށް ބޯ ދިއްކޮށްލަމުން ސަލާމް ބަލައިގަތީ ފަގީރުކޮއިގެ މަންމަ ސުލޭމާނާ އެވެ. ސުލޭމާނާއަށް ސާހުޒާދާ ފެނުމުން ވަރަށްބޮޑަށް ހައިރާން ވިއެވެ. ކަންބޮޑުވުމާއި ހާސްކަން ވަށާލިއެވެ. އެއްފަހަރު ގޭތެރެއަށް އަނެއްފަހަރު ސާހުޒާދާއަށް ބަލާލެވުނީ ހަދާނެގޮތް ހުސްވެގެން ކަހަލަ ގޮތަކަށެވެ.

” ކިހިނެތްތޯ ވީ ރާނީ ؟ ... އަނެއްކާ ވެސް އަޅުގަނޑުގެ ދަރިފުޅަށް ކުށެއް ކުރެވުނީތޯ ؟ “ ހިފައިގެން ހުރި ހަތިމު ގޭތެރޭގައި ބޭއްވުމަށްފަހު އަވަސް އަވަހަށް ސުލޭމާނާއާ ދިމާއަށް އަންނަމުން ސާހުޒާދާ ވާހަކަ ދެއްކިއެވެ.

” ހަމަޖެހި ކެތްތެރިވޭ ދައްތާ ... އަހަރެން މިއައީ އެކަހަލަ އެއްވެސްކަމެއް ދިމާވެގެނެއް ނޫން ... އެކޮއި ކޮބާ ؟ “ ގެއާ ދިމާއަށް އަންނަމުން ސާހުޒާދާ ވާހަކަ ދެއްކި އެވެ.

ސާހުޒާދާ އައިސް ގޭތެރެއަށް ބޯ ދިއްކޮށްލިއިރު ވެސް ފަގީރުކޮއި އިނީ ޤުރުއާން ކިޔަވާށެވެ. ފަނުން ހަދާފައިވާ އެ ކުޑަކުޑަގޭގައި ތަޅުމެއް އެނދެއް ކަރަންޓެއް ނެތެވެ. އެދެމައިން ނިދުމަށްޓަކައި އޮށިން ހަދާފައިވާ ދެއަށިގަނޑު ހުރިއިރު ގޭތެރެއަށް ލާފައިވަނީ ކަށިވެއްޔެވެ. އަލިކުރުމަށް ބޭނުންކުރަނީ ފުޅިބައްތި އެވެ. ގޭތެރެއަށް ވައި ވެއްދުމަށްޓަކައި ކުޑަދޮރުގޮތަށް ދެ ގޮޅި ކަނޑާފައި ވެއެވެ.

ސާހުޒާދާ ފެނުމާއިއެކު ފަގީރުކޮޔަށް ވެސް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ އެވެ. ކަންބޮޑުވުމާއި ހާސްކަމާއި އެކު އަވަސް އަވަހަށް ވަށައިގެން ހޯދާލި ވެސް މެއެވެ.

ފަގީރުކޮއިގެ ދެމައިންނާއިއެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމަށްފަހު ސާހުޒާދާ ދިޔައީ ގަނޑުވަރަށެވެ. އޭރު ސާހުޒާދާގެ ކިބައިން ފާޅުވަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އޭނާ ފެންނަ ކޮންމެ މީހަކަށް ފާހަގަވާހާ ވެއެވެ.

ތަކުރާރުކޮށް ސާހުޒާދާ އެދެމުންދިޔަ އެދުމުގެމަތިން ހަފްތާއެއްހާ ދުވަހަށް ފަގީރުކޮއިގެ ދެމައިން ގަނޑުވަރަށް ބަދަލުވި އެވެ.ފަގީރުކޮއިގެ ދެމައިން ތިބުމަށް ހަމަޖެއްސީ ރަސްގެފާނާއި އޭނާގެ ޢާއިލާ އަދި އަރިސް ބޭކަލުން ދިރިއުޅޭ އިމާރާތާއި ވަކިން ދުރުގައިހުރި އިމާރާތުން ކޮޓަރިއެކެވެ. ނިއުމަތެއް ލިބުނު ނަމަވެސް އެދެމައިންގެ ފެންވަރުން އެބައިމީހުން ހަނދާން ނައްތައެއް ނުލަ އެވެ. އެއަށްވުރެ އީމާންތެރިކަން ވަރުގަދައެވެ.

ގަނޑުވަރަށް އައިސް އުޅޭ އަރިސް ބޭކަލުންނާއި ބޮޑެތި ބޮޑެތިންގެ ދަރިންނާއިއެކު ވަގުތު ހޭދަކުރާވަރަށް ވަގުތު ހޭދަނުކުރި ނަމަވެސް މަންމަ އެދުނު އެދުމުގެމަތިން ފަގީރުކޮޔާއި އެކުވެސް ވިރުސާނާ ވަގުތު ހޭދަކުރެއެވެ. ފަގީރުކޮޔާއިއެކު ވަގުތު ހޭދަކުރުން އިތުރުވަމުންދާ ވަރަކަށް ވިރުސާނާގެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ.

ކޮންމެ ނަމާދެއް އިސްޖަމާއަތް ނިމޭއިރަށް އޭނާ މިސްކިތަށް ދާ ދިއުމާއި ނަމާދުން އައިސް ޤުރުއާން ކިޔަވާން އެ ދެމައިން ކޮޓަރީގައި ތިބޭ ތިބުން ވިރުސާނާ ވެސް ގަޔާވާ ކަމަކަށް ވާން ފެށިއެވެ. ކީރިތި ޤުރުއާން އަޑުއަހާލުމުން އެ ލިބޭ އުފަލާއި ހިތްހަމަޖެހުން ވަޒަންކުރެވޭން ފެށިއެވެ.

އިރުއޮއްސުމުގެ ކުރިން ކުޅުން ހުއްޓާލައި ގައިން ތާހިރުވެ މަޣުރިބުނަމާދަށް ތައްޔާރުވުމުގެ މުހިންމުކަން ވިސްނި މަޑުމަޑުން އެގޮތަށް ޢަމަލުކުރެވެން ފެށިއިރު އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލުއިކަމެއް ލިބެމުންދާކަން އިހްސާސް ކުރެވެން ފެށިއެވެ.

ސުލޭމާނާ އެދެމުންދިޔަ އެދުމާއި އެއްގޮތަށް އޭނާއާ އެކު ނަމާދުތަކުގައި ބައިވެރިވުމުގެ އިތުރުން އޭނާގެ ކައިރިން ޤުރުއާން ކިޔަވަން ވެސް ފެށިއެވެ. ފަގީރުކޮއި ފަދަ ދުވަހަކު ވެސް މަދަރުސާއަށް ނުދާ ކުއްޖަކު އެހައި ފަރިތަކަމާއިއެކު ރީތިކޮށް ޤުރުއާން ކިޔަވާއިރު އޭނާ ފަދަ ބަރާބަރަށް މަދަރުސާއަށް ގޮސް ކިޔަވާ ކުއްޖަކަށް އެގޮތަށް ޤުރުއާން ނުކިޔެވޭންވީ ސަބަބެއް ނެތް ކަމުގައި ވިރުސާނާގާތު ތަކުރާރުކޮށް ސުލޭމާނާ ބުނަމުންދިޔައެވެ. ސުލޭމާނާ އާއި ފަގީރުކޮއިގެ އެހީތެރިކަމާއިއެކު ސާހުޒާދާގެ ވެސް ހިތްވަރުން ވިރުސާނާ ފެށި މަސައްކަތް މާތްﷲ ގެ ވާގިފުޅާއިއެކު ކާމިޔާބުވާން ފެށިއެވެ.

ފަގީރުކޮއިގެ ދެމައިން ގަނޑުވަރަށް ބަދަލުވެ މާގިނަ ދުވަހެއް ނުވަނީސް ، ވިރުސާނާގެ އަރިސް ކުދިންތައް ދޫކޮށްލައި ފަގީރުކޮއިގެ ދެމައިންނަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. އެކަމުގެ ސަބަބުން ބައެއް ބޮޑުންނާއި އަރިސްބޭކަލުން އަދި އެބައިމީހުންގެ ދަރިން ހިތްހަމަ ނުޖެހުނެވެ. ސާހުޒާދާ އާއި ވިރުސާނާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ލިބެމުންދިޔަ އުފަލާއި ހިތްހަމަ ޖެހުމުގެ ސަބަބުން ވިރުސާނާ ހުރީ އެގޮތުގައި ކުރިޔަށް ދިއުމަށް އަޒުމް ކަނޑައަޅައިގެން ނެވެ.

ކީރިތިޤުރުއާނަކީ ކޮންމެ ބައްޔަކަށް އޮތް ސިފާއެއް ކަމާއި ހިތްތަކަށް އޮތް ހަމަޖެހުމެއްކަން މިއަދު މިވަނީ ވިރުސާނާ އަމިއްލައަށް ވަޒަންކޮށްފަ އެވެ. ދެ ރެއިން އެއްރޭ ނުވަތަ ކޮންމެ ރެއަކު ކަހަލަގޮތަކަށް އޭނާއަށް ދިމާވަމުންދިޔަ ގޮތްނޭންގޭ ރޫޙާނީ ބާރުގެ ނުރައްކަލެއް ވެސް މިހާރަކު ދިމައެއްނުވެ އެވެ. ކޮންމެ ރެއަކު މަޣުރިބު ނަމާދާއި އެ ނަމާދަށްފަހު އިސާނަމާދު ވަގުތު ޖެހެންދެން ޤުރުއާން ކިޔެވުމުގައި ވިރުސާނާ ހޭދަކުރަނީ ދެވަނަ މައެއް ފަދަ ސުލޭމާނާއާ އެކުގައެވެ. ބައެއްފަހަރު ފަގީރުކޮއި ވެސް ވިރުސާނާ ޤުރުއާން ކިޔެވުމަށް އެހީތެރިވެދެ އެވެ. އިސާ ނަމާދަށް ފަހު ވިރުސާނާ އުޅެނީ މަދަރުސާގެ ފިލާވަޅުތައް ނިންމާށެވެ.

މެންދަމުގެ ހަމަހިމޭންކަމާއި ފަޅުކަން ރަށުތެރެއަށް ފެތުރިފައި ވަނީ އޭގެ އިންތިހާ އަށެވެ. މަގެއްގެ މަތިން މީހެއްގެ ހިލަމެއް ނުވާ ތާންގައި ގެއެއްގެ ތެރެއިން ގަދައައްޔެއް ނުވަތަ ބާރު އަޑެއް ވެސް އިވިނުލަ އެވެ. ވައިރޯޅި ހިނދިފައިވާތީ ގަހެއް ފަތެއް ނުވަތަ ރުކެއްގެ ފަނެއް ވެސް ހަރަކާތެއް ކޮށްނުލައެވެ. މުޅި ރަށް ވަނީ ނިދާ މަރުވެ ހަމަހިމޭން ވެފައެވެ.

ހަވީރު ފަސްގަޑިބައި ހައެއް ޖަހާކަން ހާއިރެވެ. ވިރުސާނާ އާއި އޭނާގެ އަރިސް ކުދިންކޮޅެއް ގަނޑުވަރުތެރޭގައި ކުޅެ ދުވެ މަޖާކޮށް ސަކަރާތްޖަހާ އުޅެމުން މަގަށް ނުކުތެވެ. ގަނޑުވަރާއި މާ ދުރުނޫން ހިސާބެއްގައި ހުރި ފަޅުގޯއްޗެއްގެ ތެރެއަށް އެކުދިން ގޮސް ވަނީ އެތަން ބަލާލަން އެއްކުއްޖަކު ދިން ޚިޔާލެއްގެ ސަބަބުން ނެވެ.

މީހަކު ދިރިނޫޅޭތާ އެތައްއަހަރެއް ވެފައިވާ އެގެއިން ފެންނަނީ ހަޑި މުޑުދާރުކަމާއި ބާވެ ވީރާނާވެފައިވާ ކަމުގެ އަސަރު ތަކެވެ. އެގެ ހުސްވިފަހުން އެއްވެސް ވަރަކަށް އެގެ ސާފުކޮށްފައި ވާހެނެއް ހިޔެއް ނުވެއެވެ. ހިރަފުހާއި މަކުނުވާ އިން މުޅިގެ ވަނީ އެކަތިގަނޑަކަށް ވެފައެވެ. ގަހާއި ފަތުން ގޯތި ވަނީ ފުރިފައެވެ.

ދުވަސްވުމުގެ ސަބަބުން ބާވެ ވީރާނާ ވެފައިވާ އެ ގެއާއި ގޯތިތެރެ ބަލާލަން ގިނަކުދިން ބޭނުންވި އެވެ. އެފަދަ ފުރުސަތެއް ލިބޭނީ މަދުފަހަރަކު ކަމަށް ބުނެ އެވެރިން ދައްކަމުން ދިޔަ މޮޅު ވާހަކަތަކުގެ ސަބަބުން ވިރުސާނާ ވެސް އެކަމުގައި ބައިވެރިވިއެވެ.

މަކުނުވައު ތަކާއި ފަތްތައް އަދި ގޮފިތަކާއި އެހެން ވެސް ބައެއް ތަކެތި ދުރަށް ޖައްސަމުން އެކުދިން ގޭތެރެއަށް ވަދެގެން ދިޔައިރު އެފަޅުގޭގައި އެހެން މަޚްލޫޤެއް ދިރިއުޅޭނެ ކަމަކަށް އެކުދިން އެއްވެސް ވަރަކަށް ވިސްނައެއް ނުލައެވެ.

” ހިނގާ ދާން .... ފާޚާނާއަށް ވެސް ދާން ޖެހިއްޖެ. “ ގޭތެރެއިން ނުކުންނަން ހިނގައިގަންނަމުން ވިރުސާނާ ބުންޏެވެ.

” އެހެރެ ކޮޓަރިއަށް ވަދެ ފާޚާނާ ކޮށްލާ. އެހެން މީހަކު ނެތެއްނު. އޯކޭ ވާނެ. “ ވިރުސާނާގެ ވާހަކައާ ގުޅުވައިގެން އެއްކުއްޖަކު ވާހަކަ ދެއްކި އެވެ.

” ފެނެއް ވެސް ނުހުންނާނެ. “ ކަންބޮޑުވުމާއިއެކު ވިރުސާނާ ބުންޏެވެ.

” ދެން ގޮސް ފެންވަރާނީނު ... ފެންވެރީމަ އެކަން އެ ނިމުނީ. “ ކުރިން ވާހަކަދެއްކި ކުއްޖާގެ ވާހަކައާ ބައިވެރި ވަމުން ތަކުލީމާ ވާހަކަ ދެއްކިއެވެ.

(ނުނިމޭ)

  1. Avatar

    މިވާހަކަ، ތަންކޮޅެއް އަވަހަށް ގެނެސްދިނުން އެދެން

  2. Avatar

    ހާދަ ހަޑި ބަހުރަުވައިން “ރަސް ގެ ފާނަށް ގޮވާ ފަތިސް ނަމާދަށް ތެދުވާން ބުނެފަ ސާހުޒާދާ ވަނީ ފަޚާނާޔަށެވެ” ކުޑަ ކުދިންނަށް މިކަހަލަ ހަމަ ނުޖެހޭ ވާހަކަ ކިޔައިދީ މުޅި ދިވެހި ވަންތަކަން ގެއްލެނީ…ރަސް ގެފާނަށް ދންނަވާ އންނަން ޖެހޭނީ…ޗިޗީ!!!

    1
    1

ޚިޔާލު ފޮނުއްވާ