Views: 12391 225

"ގުޑް މޯނިން ބިއުޓިފުލް"

އެއްލޯ މަރާލަމުން އައްފާންގެ ފިރިހެންވަންތަ އަޑުއިއްވާލިއެވެ. ހީވީ ޒީނިޔާގެ ހުރިހާ ހިއްސުތަކެއް ހޭލައްވާލިހެންނެވެ. ކަޅުބުރުގާ ގެ ތެރެއިން ފެންނަންހުރި ޒީނިޔާގެ ދޮންމޫނުމައްޗަށް ޖަންބުކުލަ ވެރިވާން މިނެޓެއްވެސް ނުނެގިއެވެ. ޒީނިޔާ ލަދުން އިސްޖަހާލީ އައްފާން އެތެރެއަށް ވަންނަން ތަންދައްކަމުންނެވެ.

"އައްފާންތަ؟އާދޭ އާދޭ...."

ކާމޭޒުދޮށުގައި ދޮރަށް ފުރަގަސްދީގެން އިން ނިޒާރު ފަހަތްބަލާލަމުން ސުވާލުކުރިއެވެ. އޭރު އައްފާންވެސް އައިސް ނިޒާރާ އަރާހަމަވަނީއެވެ. އޭނާ މޭޒުކައިރިން ގޮނޑިއެއް ދަމާލުމަށްފަހު އިށިއިނެވެ.

"ބޮޑުބެ....ނިންމާލީތަ؟"

ނިޒާރު ކޮފީ ބުއި މަގް މޭޒުމަތީ ބެހެއްޓުމުން އައްފާން ސުވާލުކުރިއެވެ. އޭރު އައިސިންގ ކޭކްފޮތި އޮތްގޮތަށް އޮތެވެ. ޑައިބަޓިސް ޕޭސަންޓަކަށް ވުމުން ނިޒާރު އުޅެނީ ވަރަށް ބަލައިގެންނެވެ. ބަލައިގެން އުޅޭއިރުވެސް ގިނަފަހަރަށް އޮންނަނީ މާ ބޮޑަށް ހަކުރުމަތިވެފައެވެ. ނިޒާރު އައިސިންގ ކޭކްފޮތި ލައިފައި އޮތް ވަތުތަށި އައްފާނާއި ކައިރިކޮށްލިއެވެ. ޒީނިޔާވެސް އައްފާންގެ ފަހަތުން އައިސް މޭޒުދޮށުގައި ހުއްޓުނެވެ. ނިޒާރު ކަމަކު ބުނެދާނެތީއެވެ.

"އާނ..ބޮޑުބެ މިނިމުނީ.....ޒީނިޔާ...އައްފާނަށް ކޮފީއެއް ގެނޭ"

ޒީނިޔާ ކޮފީ ގިރަން އަވަސްވިއެވެ. އައްފާން، ޒީނިޔާގެ ހަރަކާތްތަކަށް ބަލަމުން ދިޔައީ ނިޒާރުއަށް ނޭގޭނޭހެން ވަރަށް ސިއްރުންނެވެ. ނިޒާރާއި އައްފާން ވާހަކަ ދައްކަމުން ދިޔައީ ވިޔަފާރިއާ ބެހޭގޮތުންނެވެ. އެހެނަސް އެންެމެ ހިނދުކޮޅެއްވެސް އޭނާގެ ނަޒަރު ޒީނިޔާގެ ހަރަކާތްތަކާއި ވަތްކެތްނުވެއެވެ.

"ބޮޑުބެ ދެން މިދިޔައީ...."

ނިޒާރު ގޮނޑިން ތެދުވަމުން ބުނެލިއެވެ. ނިޒާރު ގޭދޮރުން ނިކުންނަދެން އައްފާން އިނީ ބަލާށެވެ.

"ބިއުޓިފުލް އޯޑަރ ކުރި ކޮފީ ހާދަލަހޭ"

އައްފާން އިނީ ޒީނިޔާ އާ ސަމާސާކޮށްލަން ނިޒާރު ދިއުން ލަސްވެފައެވެ. އައްފާންގެ އަޑަށް ޒީނިޔާ އަވަސްއަވަސްކޮށްލައިގެން ކޮފީމަގް ގެނެސްމޭޒުމަތީ ބެހެއްޓީ ހިނިތުންވެހުރެއެވެ.

"އޭ ބިއުޓިފުލް އާދޭ އަހަރެންނާ ބައިވެރިވާން"

އާދޭސްކުރާ ރާގެއްގައި އައްފާން އެދުނެެވެ.

"ވަރަށް ގިނަ މަސައްކަތް އެބަހުރި ....."

ޒީނިޔާ އެނބުރުނީ މަސައްކަތަށެވެ. ހީވަނީ އައްފާނާއި ވާހަކަދައްކަން ޒީނިޔާ ޖެހިލުންވާ ހެންނެނެވެ. އައްފާނާއި ވާހަކަދައްކަން ޒީނިޔާގެ ހިތްކިތަންމެ ވަރަކަށް އެދެވުނަސް އޭނާ ފަސްޖެހެވެނީއެވެ. އައްފާނަކީ ނިޒާރަށް ބޮޑުބޭބެ ކިޔާކުއްޖަކަށްވެފައި އިން ފަހަނައަޅާދާން ޒީނިޔާ ބޭނުންނުވަނީއެވެ. ނިޒާރު ނުރުހުންވެދާނެތީއެވެ. ޒީނިޔާއަށް ކުރާ އިތުބާރު ގެއްލިދާނެތީއެވެ. އައްފާނާއި އޭނާ އަރާއަރަފޯދި ނުވެޔޭ ހީވާތީއެވެ.

"އޭ ބިއުޓިފުލް...މިއަދު އެބަޖެހޭ ބޮޑުކަމެއްގަ އެހީވާން"

ކޮންކަމެއްހޭ ބުނާގޮތަށް އައްފާނާއި ދިމާއަށް ބަލާލާ ބުމައަރުވާލިއެވެ. ޒީނިޔާ އަނގައިން ނުބުނަން ހުވާކޮށްގެންހުރި ކަހަލައެވެ.

"އަހަރެމެން މިއުޅެނީ ނަވީނާއި ޖޫލީގެ އެނުވާސަރީ ސެލެބުރޭޓްކުރަން އަހަރެމެން ބުނަންދެން ޖޫލީ ގޮވައިގެން މިއަދު ހަވީރު ބޭރުގަ އުޅެދޭންވީ....ޖޫލީއަށް ނާންގާތި އަހަރެމެން ކަމެއް ކުރަން އުޅޭކަން"

އަޑުއިވޭ ހިސާބުގައި ޖޫލީ ހުރިތޯ ވަށައިގެން ނަޒަރު ހިނގާލުމަށްފަހު އައްފާން އޭނާގެ ބޭނުން އިއްވާލިއެވެ.

"އެންމެ ރަނގަޅު..."

އިރުކޮޅަކު ވިސްނަންހުރެފައި ޒީނިޔާ ދިނީ އައްފާން ބޭނުންވި ޖަވާބެވެ. އައްފާން ޗެރީހައުސްއިން ނިކުމެގެންދިޔައީ އެމީހުން ޕާރޓީގެ ކަންކަން ރޭވިފައިވާ ގޮތް ކުޑަގޮތަކަށް ޒީނިޔާއަށް ކިޔާދިނުމަށްފަހުއެވެ.

ޖަލީލާއި ނިޒާރު ބައްދަލުވީ ޖޮގިން ނިންމާފައި ނިޒާރު ގެއަށްއައި މަގުމަތިންނެވެ. ދެރަހްމަތްތެރިން ހިޔާލު ބަދަލުކޮށް ވާހަކަދައްކާލަން ވަނީ ކެފޭއަކަށެވެ. ކެފޭތެރޭ މީހުންމަދުވުމުން ތަނަށްވެރިވެފައިވަނީ އާދަޔާ ހިލާފު ހިމޭންކަމެވެ.

"މާމަޑު މަޑުން ތިޔަ އިނީ އަނެއްކާ ކިހިނެތްވީ؟ކަމެއް ގޯސްވީތަ؟"

ނިޒާރު މާބަސްމަދުވެފައި އިނުމުން ޖަލީލުގެ ހިތަށް އުނދަގޫވިއެވެ. ޖޫލީގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ފެނުނަސް އަދި އިވުނަސް ނިޒާރަށް ޖަލީލު ކައިރީ ބުނުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ނިޒާރުގެ ހިމޭންކަން ޖަލީލު ބިރުގަންނަވާލީ އެސަބަބަށްޓަކާއެވެ.

"އަނެއްހެން ކަމެއް ގޯހެއްނުވޭ....އެކަމަކު މިހާރަކަށް އައިސް މާބޮޑަށް ފިކުރު ކުރެވޭ ކަމެއް އޮތީ...."

އަވަސް އަވަހަށް އެސްފިޔަތައް ތަޅުވާލައި ހަމަޖެހޭގޮތް ދައްކާލިއެވެ.

"އަނެއްކާ ކޮންކަމެއް ؟ މީހަކާ އިންނަ ހިތްވީތަ؟"

ޖަލީލް ސަމާސާ ރާގަކަށް ބުނެލިއެވެ. ނިޒާރަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ނިޒާރާ ކޮންމެކަހަލަ ސަމާސާއެއް ކޮއްލަންވެސް ޖަލީލަށް ކެރެއެވެ. ނިޒާރު ރުޅި ނާންނާނެކަމުގެ ޔަގީންކަން އޭނާއަށް އޮވެއެވެ.

"ނޫނޭ ނޫނޭ ...ކައިވެންޏެއް ކުރުމާދޭތެރޭ ނުވިސްނަން....އެއްގޮތަކަށްވެސް ނުވިސްނަން.."

ޖަލީލް މީހަކާ އިންނަ ވާހަކަ ބުނުމުން ނިޒާރު ޖަހާލީ ހިނިގަނޑެކެވެ.

"މިއަދު ނަވީނާ ޖޫލީގެ ކައިވެންޏަށް ހަތްއަހަރު ފުރުނީ .....އަދިވެސް އެމީހުންގެ ކުއްޖަކުނެތް...އެކަމާ މާބޮޑަށް ވިސްނެނީ"

ނިޒާރުގެ އަޑުންނާއި މޫނުމަތިންވެސް އޭނާ މާޔޫސްވެފައިވާކަން ހެކިދެއެވެ.

"ވެދާނެ އަދި އެކުދިން ދަރިއަކު ހޯދަން ބޭނުން ނުވަނީކަމަށް"

އިރު ކޮޅަކު ވިސްނަން އިނދެފައި ޖަލީލް ބުނެލީ އޭނާއަށް ހީވާގޮތެވެ. މިޒަމާނަކީ ހޭލުންތެރި ޒަމާނެކެވެ. ގިނަ މީހުން ދަރިންވެސް މިޒަމާނުގައި ހޯދަނީ ބޭނުންވެގެނެވެ. އަދި އާއިލާ ރޭވުމަށް ވަކި އަދަދަކަށް ދަރިން ހޯދަން ކަނޑައަޅައެވެ.

"ކީއްވެ ކުއްޖަކު ނުހޯދަ ލަސްކުރަންވީ...ޖޫލީ މިހާރު ވަޒީފާ އަދާކުރަނީއެއްނޫން...ގިނަ މީހުން ކުދިން ހޯދުން ލަސްކޮއްލަނީ ކިޔަވަންވެގެން ނޫނީ ވަޒީފާގަ ބޭނުން ވާ ހަރުފަތާހަމައަށް ވާސިލްވަންދެން..."

ކާފަ ދަރިއަކު ބޭނުންވާލެއް ބޮޑުކަން އޭނާގެ ކޮންމެ ވާހަކައަކުންވެސް ހާމަވެއެވެ.

"މިހާރު އަހަރެމެން އުމުރުގެ މީހުން ތިން ހަތަރު ކާފަދަރިން އެބައުޅެއޭ...."

ކަންބޮޑުވުން ފޮރުވުމަށްޓަކާ ނިޒާރު ހިނިތުންވެލިއެވެ.

"ނިޒާރު ދެން މާބޮޑަށް ތިކަމާ ނުވިސްނާ އަހަރެން ސަރުމީލާ ކައިރީ ބުނާނަން ޖޫލީއާ ތިވާހަކަ ދައްކަން"

ޖަލީލަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީއެވެ.އެކަހަލަ ވާހަކައެއް އަންހެންދަރިއަކާ ދައްކަންވެސް ކެރޭނީ އެކުއްޖެއްގެ މަންމައަށެވެ.

*******

މެންދުރު ނަމާދުކޮއްގެން ނިކުތް ސަރުމީލާ ކާމޭޒުމައްޗަށް ތަފާތު ވައްތަރުގެ ކާތަކެތި ނަގަމުން ދިޔައެވެ. ވައްތަރުތައް ގިނަކަމުން ހީވަނީ ދެތިން ހަތަރުމީހުން ދިރިއުޅޭ ގެއެއްހެންނެވެ. އެހެނަސް މިއަދު އެގޭގައި އުޅެނީ ސަރުމީލާމެން ދެމަފިރިން އެކަންޏެވެ. އެމީހުންގެ ދެއަންހެންދަރިން ވަނީ އަމިއްލަދިރިއުޅުންފަށައިގެން ފިރިމީހާގެ ގެއަށް ބަދަލުވެފައެވެ. ޖަލީލްވެސް މަސައްކަތް ހުންނަގޮތުން ގިނަ ވަގުތު އުޅެނީ ގެއިން ބޭރުގައެވެ. އެހެންކަމުން ސަރުމީލާ އުޅެމުންދަނީ ވަރަށް އެކަނިވެރި ފޫހި ދިރިއުޅުމެކެވެ. ޖަލީލް ކޮންމެ ދުވަހެއްގެވެސް މެންދުރު ކާނީ ގެއިންނެވެ. އެހެންވެ ސަރުމީލާވެސް ގިނަ ވައްތަރުތައް މެންދުރަށް ތައްޔާރުކުރަނީ ޖަލީލަށްޓަކާއެވެ. އޭނާ ބޮޑަށް ހިތްއުފާކޮށްދިނުމުގެ ބޭނުމުގައެވެ.

ކާންތައްޔާރުކޮށްގެން ސަރުމީލާއަށް ގިނައިރު އިންތިޒާރު ކުރާކަށްނުޖެހުނެވެ. އަބަދުވެސް ހިނިތުންވެފައިވާ މޫނަކާއިގެން ބައްދަލުކުރާ ޖަލީލްގެ މޫނުމަތިން މިއަދުފެންނަނީ ނުތަނަވަސްކަމެވެ.ގޮނޑިދަމާލައިފައި އިށިއިނީވެސް ބަހަކުން ބަހެއްވެސް ނުބުނެއެވެ. މީގެ ކުރިން ތައުރީފްކޮށްނުލާ ޖަލީލް ކާންނުފަށާނެއެވެ. ތައްޓަށް ބަތްއަޅާފައިވެސް ކާންފެށީ ގަޔާނުވެއިނދެއެވެ. ސަރުމީލާއަށް އުނދަގޫވިއެވެ.

"ކިހިނެތްވީ މާމަޑުން ތިޔައިންނަނީ ؟"

ލޯބިވާ ފިރިމީހާގެ ކޮނޑުގައި ފިރުމާލަމުން ސަރުމީލާ ބެލީ ހަމަޖެހިލެވޭތޯއެވެ.

"ސަރުމީލާ އިށިއިނދެބަލަ"

އިތުރު ހަރަކާތެއް ނުގެނެސް އެއިންގޮތަށް އިނދެ ޖަލީލް އެހެން ބުނުމުން ސަރުމީލާ ވަކިންބޮޑަށް ހިތްބިރުގަތެވެ. ކޮންމެވެސް ވާހަކައެއް ދައްކަންކަން ވިސްނި އަވަހަށް ގޮނޑިއެއްގައި ފޫ ޖައްސާލިއެވެ.

"މާ ބޮޑުކަމެއް ނުވޭ ....ނިޒާރު ދެއްކި ވާހަކައަކުން ހަމަ އެކަމާ ވިސްނާލެވުނީ"

ފެން ކޯވަރެއް ބޯލަމުން ޖަލީލް ވާހަކަ ދެއްކިއެވެ.

"އަނެއްކާ ޖޫ..ޖޫލީ...."

ސަރުމީލާއަށް ތެޅިގަނެވުނެވެ. ސަރުމީލާ ބުނަން އުޅުނު އެއްޗެއް ޖަލީލް އަތުގެ އިޝާރާތުން ހުއްޓާލަން ބުންޏެވެ.

"ޖޫލީ އަނެއްކާ ކިހިނެތްވީ؟"

ޖަލީލް ވާހަކަ ނުދައްކަން އެނގުމުންވެސް ސަރުމީލާއަށް ހިމޭނުން ނީނދެވުނެވެ.

"ނިޒާރު ދެއްކީ ޖޫލީމެން ކުއްޖަކު ނެތީމަ ދެރަވާ ވާހަކަ....ނިޒާރު މިހާރު ކާފަދަރިއަކު ބޭނުން ވަނީޔޯ"

ސަރުމީލާގެ މޫނަށް ޖަލީލް ބަލާލީ ހިނިތުންވެލަމުންނެވެ.

"ނިޒާރު އެކަންޏެއްނޫން އަހަރެންވެސް މާމަ ދަރިއަކު ބޭނުން...."

ނިކަން ޖޯޝުގައި ސަރުމީލާ ބުނެލިއެވެ.

"ނާ..ހަމަ ތެދެއް"

ޒާތަކަށް އަކުރުތަކަށް ދަމާލައިފާ ޖަލީލްވެސް ސަރުމީލާ އާއި އެއްބައިވެލިއެވެ.

"އާނ އެހެންޏާ... މާމަދަރިއަކު މިއުނގުގަ ބާއްވަން ނުލިބި އުޅެނިކޮން އަހަރެން މިޔޮށް މުސްކުޅިވަނީ"

ނިކަން ފުޅާ ހިނިތުންވުމަކާއިއެކު ސަރުމީލާ އޭނާ ބޭނުންވާގޮތް ހާމަ ކުރިއެވެ. ސަމާސާ ރާގެއްގައި ސަރުމީލާ އެހެން ބުންޏަސް އަދިވެސް އޭނާ ފެންނަނީ އުމުރަށްވުރެން ޅަކޮންނެވެ. ބޮޑު ދެދަރީގެ މަންމައެކޭވެސް މީހަކު ނުބުނާނެއެވެ. ހެދުން އަޅާގޮތުންވެސް މީހަކަށް އޭނާގެ އުމުރާ ދޭތެރޭ ޝައްކެއްނުވާނޭކަން ޔަގީނެވެ.

"ސަރުމީލާދެން ޖޫލީއާ އެވާހަކަދައްކަން ވީނުން...މިއަދު އެކުދިން ކައިވެންޏަށް ހަތްއަހަރު ފުރުނީ މިހާރުދެން ލަހެއް ނޫނެއްނު ދަރިއަކު ހޯދާކަށް..."

ނިޒާރުގެ އެދުން ޖަލީލް ހާމަކުރިއެވެ.

"އާނ އަހަރެން ތި ވާހަކަދައްކާނަން...އަހަރެންގެ އެދުމަކާ ޖޫލީއަށް ދެކޮޅު ހަދާކަށް ނުކެރޭނެ"

ސަރުމީލާގެ އަޑުގައިވީ ޔަގީންކަމެވެ.

**********

މެންދުރުގެ ހޫނުމަޑުވެ ހިތްފަސޭހަ ހަވީރަކަށް ތަންދީފިއެވެ. ޒީނިޔާ އާއި އެކު ޖޫލީ ބޭރަށްދާން ނިކުތީ ނިކަންބޮޑަށް ނަލަހެދިގެންނެވެ. އެނުވާސަރީ ފާހަގަކުރަން ގަތް ރީތިރީތި ހެދުމުގައި ހުރިއިރު ޖޫލީގެ ރީތިކަމަށް ދެކޭ ކޮންމެ މީހަކު ތައުރީފުކުރާނޭ ކަން ކަށަވަރެވެ. އެހާވެސް ޗާލެވެ. މެރޫންކުލަ އޭނާ އާއި ނުހަނު ގުޅޭމެއެވެ. ލުއިމޭކަޕެއް ކޮއްލާފައިވާއިރު އެހާ ހިތްގައިމެވެ.ޖޫލީއަށް ލިބިފައިވަނީ ސަރުމީލާގެ ރީތިކަމެވެ.

ޒީނިޔާ ބޭނުންވި އެއްޗެހި ގަނެ ނިމުނު އިރު ފުދޭވަރަކަށް ގިނަ ކޮތަޅު ދެމީހުންގެ އަތުގައިވެސް ހުއްޓެވެ. ހިނގާ ހިނގާ ފައިވާޅުވެގެން ރެސްޓޯރެންޓަކަށް ވަނީ ޒީނިޔާ ކިޔާވަރުންނެވެ. އެއްގޮތަކަށްވެސް ޖޫލީ ބޭނުން ވެގެންނެއް ނޫނެވެ. ފިނި އެއްޗެއް ބޯލުމުގެ ނަމުގައެވެ. ޒީނިޔާ ކަންތައް ކުރަމުން އައީ އައްފާން އެދިފައިވާ ގޮތަށެވެ.

ނަވީން އޮފީސް ނިމުން ގޮތަށް އައިސްވަނީ އައްފާނާއި އެކު ރެސްޓޯރެންޓަކަށެވެ. ކޮފީއަކަށް އޯޑަރ ދީގެން ދެމީހުން ވާހަކައިގައި ތިއްބާ ތިންވަނަ މީހަކު އެމީހުންނާއި ބައިވެރިވެއްޖެއެވެ. އެއީ އެދެމީހުންގެވެސް އެންމެގާތް އެކުވެރިޔާ މާހިލްއެވެ. އައްފާނަށްވުރެން ބޮޑަށް މާހިލް ގާތީ ނަވީނާއެވެ. އެހެނަސް ތިންމީހުންގެ މެދުގައި އޮންނަ އެކުވެރިކަން ވަކިކުޑައެއް ނޫނެވެ.

"ހަލޯ ބަޑީ ކިހިނެތް ހަނީމޫން..."

އައްފާން ހުރީ މާހިލް ނުފެނިގެން ލަސްވެފައި ކަހަލައެވެ. ފުރަތަމަވެސް މާހިލްގެ ހާލު އޮޅުންފިލުވުމުގެ ބަދަލުގައި އެހީ ހަނީމޫންގެ ވާހަކައެވެ.

"އޯކޭ ހަމަ ވަރަށް ސަޅި..."

މާހިލް ދިނީ ވަރަށް ކުރު ޖަވާބެކެވެ. ހީވަނީ އޭނާ އެ މައުޟުއަށް ވާހަކަދައްކަން ބޭނުން ނުވާތީ ގަސްތުގައި ޖަވާބު ކުރުކޮއްލީހެންނެވެ. އެކަން ނަވީނަށް ފާހަގަ ކުރެވުނު ނަމަވެސް އޭނާވެސް އެކަމާބެހޭ ގޮތުން ސުވާލެއް ނުކުރިއެވެ. މާހިލް މީގެ ދެހަފްތާ ކުރިން ކައިވެނިކުރީ ޖޫލީގެ ކޮއްކޮއާއެވެ. އެދެމަފިރިން ކައިވެނިކޮއްގެން ދިޔައީ ޑުބާއީ އަށެވެ. ހަނީމޫންދަތުރަކީ ނަވީންމެން ދެމަފިރިން މާހިލްމެންނަށް ދިން ހަދިޔާއެކެވެ.

އިރުއޮއްސުމުގެ ކުރިން ގެއަށް ދިއުމަށްޓަކާ ޖޫލީ ނަވީނަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއި އެކު ނަވީން ފޯނުނެގިއެވެ.

"ޑާރލިންގ...ގޭގަތަ؟"

ޖޫލީ ހީކޮށްގެން ހުރީ ނަވީން އޮފީސް ނިމިގެން ގެއަށް ގޮސްދާނެކަމުގައެވެ.

"ނޫނޭ....އޮފީހުން ނިމުން ގޮތަށް ކޮފީއަކަށް އަރާ މިތިބީ....ހުސް އަނގަތަޅަން...ފޮނިކަނޑަން.."

ނަވީންގެ ފަހުޖުމްލައިން ޖޫލީއަށް ހެވުނެވެ.

"ކަމަކުއޭ މިގުޅީ.....ޒީނިޔާއާ ދެމީހުން ބުރޭކްވޯޓަރގަ މިތިބީ ހުސްއަނގަތަޅާ ނިމުމުން އާދެވޭނެތަ އަހަރެމެން ގެއަށް ޑުރޮޕްކޮއްލަދޭން......"

ނަވީން އަންނާނެކަން އެނގިހުރެމެ އެހިއެވެ.

"ހޭވައްލާ ތައްޔާރު މިހާރު މިދަނީ ނިކުމޭ އިނގޭ"

ޖޫލީ ކަމަކު ބުނުމުން ނަވީން އެހެން ހުރިހާ ކަމަކަށްވުރެން އަބަދުވެސް އިސްކަންދޭނީ ލޯބިވާ އަނބިމީހާއަށެވެ.

ނަވީންގެ ރަތްކުލައިގެ ކާރު ބުރޭކްވޯޓަރ ދޮރުމައްޗަށް މަޑުކޮއްލިއިރު ޖޫލީ އާއި ޒީނިޔާ ތިބީ އޭނާގެ އިންތިޒާރުގައެވެ. ދެއަންހެނުން ކާރަށް އަރާ ހަމަޖެހުމާއެކު ކާރު މިސްރާބުޖެހީ ޗެރީހައުސްއާ ދިމާލަށެވެ.

މާހިލާއި އައްފާންމެންވެސް ބާރުސްޕީޑްގައި މިސްރާބުޖެހީ ނަވީންމެންނަށް ވުރެންކުރިން އެގެއަށްދިއުމަށެވެ.

އިރުއޮއްސުމާއި ދާދި ގާތްވެފައިވާއިރު ޗެރީހައުސްއިން ފެންނަނީ ފަޅުކަމެވެ. އަނދިރިކަންވެރިވެފައިވާ ސިޓިންގރޫމް ބޮކިތައް ދިއްލީވެސް ޖޫލީމެން ގެއަށް އައިހެވެ. ބާޒާރުންގެނައި ކޮތަޅުތައް ކާމޭޒުމައްޗަށް ދޫކޮއްލާފައި ޖޫލީ އުޅުނީ ކޮޓަރިއަށް ދާށެވެ. ނަވީން ޖޫލީގެ އަތުގައި ހިފައިގެން ޓެރެހާއި ދިމާއަށް ހިނގައިގަތެވެ. ފިނިކޮށްލަން ބޭނުންކަމަށް ބުނެއެވެ. ފަރުދާގެ ފުރަގަހުގައި ރޭވެމުންދިޔަ އެއްވެސްކަމެއް ޖޫލީއަކަށް ނޭނގެއެވެ. އަދި ކަމެއް ރޭވިފައިވާކަމުގެ ހީއެއްވެސް އޭނާއަށް ކުރެވިފައެއް ނުވެއެވެ.

ޓެރެހަށް ވަންނަން ހުންނަ ދޮރުކަހާލައި ޖޫލީއަށް ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ދެލޯ ބޮޑުވެ އެސްފިޔަޖަހަންވެސް ހަނދާންނެތް ކަހަލައެވެ. އަނގަމަތީގައި އެޅި ދެއަތްވެސް ތިރިކޮށްލަން ނޭނގިފައި ޖޫލީއަށް ހުރެވުނީއެވެ.

(ނުނިމޭ)

  1. Avatar

    ޟމިބައިވެސް ވަރަށް ރީތި އަނެއްބައި ކޮންއިރަކުން ގެނެސްދޭނީ.. ޟމިވާހަކަ ގެނެސްދެނީ ކޮން ދުވަސް ތަކެއްގަ..

ޚިޔާލު ފޮނުއްވާ