ރަސްގެފާނާއި ފަގީރުކޮއި – 3

ކަންތައްވީގޮތް އެނގުމާއިއެކު ރަސްގެފާނު ރުޅިގަދަ ވެއްޖެއެވެ. މިހާރުން މިހާރަށް ފަގީރުކޮއި ހޯދައިގެން ގަނޑުވަރަށް ހާޒިރު ކުރުމަށް ހަށިފާރަވެރިންނަށް އަމުރުކުރިއެވެ. ހީވީ އެކޮޔަށް ބޮޑު ކުށެއް ކުރެވުނުހެންނެވެ.

ވިރުސާނާ ގޮސް އޭނާގެ މަންމަ ސާހުޒާދާގާތު، ފަގީރުކޮއި ދެއްކި ވާހަކަތައް ދެއްކިއެވެ. ވިރުސާނާގެ އެވާހަކަތައް އަޑުއިވުމުން ސާހުޒާދާ ވެސް ވަރަށް ކަންބޮޑުވިއެވެ.

ވިރުސާނާއަށް ދިމާވެފައިވާ ނުރައްކަލުން ސަލާމަތް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އަނެއްކާ ވެސް ހުރަހެއް ކުރިމަތިވީކަމުގެ އިހުސާސް ކުރެވިގެންދިޔުމާއިއެކު ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ.

ފަގީރުކޮއިފަދަ އީމާންތެރިކަން ވަރުގަދަ އަޚުލާޤު ރަނގަޅުކުއްޖަކު ދޮގެއް ނުހަދާނެކަން ޔަގީންވާކަމުގައި ސާހުޒާދާ ބުންޏެވެ.އެވާހަކަތަކާއިމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ބުނަމުން ރަސްގެފާނުގެ އަރިހަށް ދިޔައެވެ.

އިވުނު ޚަބަރުގެ ސަބަބުން ލިބުނު ހައިރާންކަމާއި އެކު ހާސްކަން ވަށާލިއިރު ފަގީރުކޮއިގެ އެވާހަކަތައް ގަބޫލުކުރާނެ ގޮތެއް އެއްގޮތަކަށް ވެސް ރަސްގެފާނަކަށް ނުވިސްނުނެވެ. މުއާސަލާތީ ވަސީލަތްތައް ހުރިގޮތުން ބަނޑުއޮޑީގެ ހަބަރު ބެލޭނެ އެއްވެސް ގޮތެއް ނެތެވެ. ފަގީރުކޮއިގެ ވާހަކަތައް ގަބޫލު ކުރާނެ ގޮތެއް ނުވިސްނުނުއިރު އެވާހަކަތައް ދޮގުކުރެވޭނެގޮތެއް ވެސް ނެތެވެ.

ފަގީރުކޮޔަކީ އިލްމީގޮތުންނާއި ވިސްނުމުގެ ގޮތުން ބަލާއިރު ވެސް އެއްވެސް އުރައްޕެއްނެތް ކުޑަކުއްޖަކަށްވާތީ އޭނާ ދައްކާވާހަކަތައް އަޑުނޭހުމަށާއި އެވާހަކަތަކާއިމެދު ނުވިސްނުމަށް ރަސްގެފާނުގެ އަރިސް ބޭކަލުން ލަފާދެއްވަމުން ގެންދެވިއެވެ.

ފަގީރުކޮއި ގެނެސް އޭނާގެ ވާހަކަތައް އަޑުއެހުމަށް ފަހު އޭނާގެ ކުށެއްނެތްކަމަށް ނިންމައި ގެއަށް ފޮނުވާލީ ސާހުޒާދާގެ ޚާއްޞަ އެދިލެއްވުމުގެ ސަބަބުންނެވެ.

ފަގީރުކޮއި އެދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގަކަށްވާތީ އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ހިތާމަތައް އުފެދި ރަށަށް ދިމާވެފައިވާ ހިތާމަ އާއި ހިތްދަތިކަން އިތުރުވާނެކަމަށް ފެންނާތީ އޭނާއަށް އަދަބު ދިނުމަށް ރަސްގެފާނުގެ އަރިސްބޭކަލުން ތަކުރާރުކޮށް އެދިލެއްވި ނަމަވެސް، މިފަހަރު ރަސްގެފާނު އިސްކުރެއްވީ ސާހުޒާދާގެ ބަހެވެ.

ބަނޑުއޮޑީގެ އެއްވެސް ކަހަލަ ހަބަރެއް ލިބޭތޯ ގަނޑުވަރުގެ ފަރާތުން ކުރެވެންހުރި ހުރިހާކަމެއް ކުރަމުންދިޔަ އެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރެއްކަން ހާއިރެވެ. ކުއްލިއަކަށް ރަށުތެރެއަށް ހަބަރު ފެތުރިގެންދިޔައީ ހެނދުނު މަހަށް ނުކުތް ދެދޯންޏަކުން ބަނޑުއޮޑީގެ ބައިތަކެއް ހޮވައިގެން ގެނައި ވާހަކައެވެ. ހޮވައިގެން ގެނައި ތަކެއްޗަކީ ބަނޑުއޮޑީގެ ބައިތަކެއް ކަން ޔަގީންވި ނަމަވެސް އެއްވެސް މީހަކު ނުފެންނަ ވާހަކަ އާއި މީހަކު ފެނޭތޯ ކުރެވުނު މަސައްކަތްތައް ބޭކާރުވެގެން ދިޔައީ ކަމަށް ވެސް ވާހަކަ ދެކެވެމުން ދިޔައެވެ.

އިވުނު ހަބަރާއިއެކު ރައްޔިތުންގެ ލޯތައް ކަރުނުން ފުރިގެން ދިޔައެވެ. ބަނޑުއޮޑިން ދަތުރުދިޔަ މީހުންގެ އަނބި ދަރިންނާއި ޢާއިލާމީހުން އަޑުން އަޑުނަގައި ރޮމުންދިޔައިރު އެބައި މީހުންނަށް ވިސްނައިދީ އެމީހުން ހަމައަކަށް އެޅުވޭތޯ ރައްޔިތުންގެ ތެރެއިން އިސްބަޔަކު މަސައްކަތްކުރަމުން ދިޔައެވެ. ރަސްކަމުގެ ފަރާތުން އެޢާއިލާތަކަށް ކޮށްދޭންޖެހޭ ކަންތައްތައް ބަރާބަރަށް ކޮށްދެމުންދިޔައެވެ.

ކަންތައްތައް ހިނގާދިޔަ ގޮތާއިމެދު ވިސްނާ ފިކުރު ކުރަމުންދިޔަ ވިރުސާނާގެ ހަނދާންތައް އާވަމުން ދިޔައީ ސާހުޒާދާ އޭނާއަށް އަބަދު ދެމުންދިޔަ ނަސޭހަތްތަކާއި ފަކީރުކޮއި ދެއްކި ވާހަކަތަކާއި އެކުވެގެންނެވެ. ފަގީރުކޮއިގެ އަޚްލާޤާމެދު އިވެމުންދާ ވާހަކަތަކާއި އޭނާގެ ވާހަކަތަކަށް ސާހުޒާދާ ދިން ސަމާލުކަން ވެސް އޭނާގެ ހަނދާނުން ފިލައިނުދެއެވެ. ފަގީރުކޮއި ސަލާމަތްކުރަން ސާހުޒާދާކުރި މަސައްކަތް އޭނާގެ ލޯކުރިމަތީގައި ސިފަވަމުން ދިޔައީ ދާދި ދެންމެއަކު ހިނގާދިޔަ ހާދިސާއެއް ފަދައިންނެވެ.

ރައްޓެހި ކުދިންތަކާއިއެކު ދުވެ ސަކަރާތްޖަހާ ކުޅެ މަޖާކޮށް އުޅެފައި ވިރުސާނާ އައިސް ގަނޑުވަރުގެ ނިދާބަޔަށް ވަދެ ކޮޓަރިއާދިމާއަށް ހިނގައިގަތްއިރު މަޣުރިބުނަމާދު ކޮށްގެން ސާހުޒާދާ ކޮޓަރިން ނުކުންނަނީއެވެ.

ގައިން ތާހިރުވެ އަވަހަށް މަޢުރިބު ނަމާދު ކުރަން ބުނެފައި ސާހުޒާދާ ދިޔައީއެވެ.

ސާހުޒާދާ ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ވިރުސާނާ ދިޔަގޮތަށް ގޮސް ވަނީ ކޮޓަރީގެ ފާޚާނާ އަށެވެ.

މަޣުރިބުނަމާދު ކޮށްލައިގެން އައިސް ފަގީރުކޮއި އިނީ ޤުރުއާން ކިޔަވާށެވެ. މަދަރުސާއަށް ދިއުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ، އޭނާގެ މަންމައަށް ލިބިހުރި ތަޢުލީމުގެ ތެރެއިން ކީރިތިޤުރުއާން އެންމެރަނގަޅަށް ކިޔެވުމުގެ ހުނަރު ފަގީރުކޮޔަށް ލިބެމުންދިޔަ އެވެ. މަންމަގެ ހެޔޮ ނަސޭހަތާއި ދެމުންދާ ހިތްވަރުގެ ސަބަބުން ފަގީރުކޮއިގެ އުންމީދުތައް އާވަމުން ދިޔައެވެ.

ސަލާމަތަށްއެދި ރޮއިގަންނަމުން ވިރުސާނާ ހަޅޭލަވައިގަތް އަޑަށް މީހުންތައް ދިޔައީ ސިއްސައިގެންނެވެ. ބާންދީންތަކާއި ނޯކަރުން ، ހަށިފާރަވެރިންނާއި އެހީތެރިން އެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތީ ، އެންމެ ފުރަތަމަ އެތަނަށް ވަންނާނީ ތިމަންނައޭ ބުނާ ފަދައަކުންނެވެ. ރަށުން ލިބެންހުރި މަދު ވަޒީފާތަކުގެ ތެރެއިން ލިބިފައިވާ ވަޒީފާ ގެއްލޭކަށް އެކަކު ވެސް ނޭދެއެވެ.

” އަންނަނީ ..... އަންނަނީ ..... އޭނަ އެހަރަ އަންނަނީ .... އަހަރެން ބަލައި އަންނަނީ .... ބޮޑު ކަޅުމީހެއް ކަޅު ހެދުމެއް ލައިގެން އަހަރެން ގެންދަން އަންނަނީ.މަންމާ އަހަރެން ގެންދިޔައާ ނުދީ... ” ސަލާމަތަށް އެދި ރޮއި ހަޅޭލަމުން ރޮމުން އާދޭސްކުރަމުންދިޔަ ވިރުސާނާ ބަލަމުން ދިޔައީ ކޮޓަރީގެ އެއްކަނާއި ދިމާއަށެވެ. ބިރުން ތުރުތުރުއަޅާ ހާލެއްގައި ހުރިއިރު ބައެއް ފަހަރަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް އެނގޭހެނެއް ހިޔެއް ނުވެއެވެ.

އެކަމަށް ޚާއްޞަކޮށްގެން ގެނެސްފައިވާ ފަންޑިތަ ވެރިންނާއި ސިހުރު ހާހޫރަވެރިން އެބައި މީހުންގެ މަސައްކަތް ފެށީ ފިސާރަ އަވަހަށެވެ.އެހީތެރިންގެ ތެރެއިން ހަތަރު މީހަކު ވެގެން ގަދަކަމުން ކަހަލަގޮތަކަށް ވިރުސާނާ ގެނެސް އެނދުގައި ބާއްވައި ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ފަންޑިތަ ވެރިންގެ ތެރެއިން އިސްވެރިޔާ ފުރަތަމަ ފެންތަށި ކިޔެވުމަށްފަހު ، ވިރުސާނާ ބަލަމުންދިޔަ ކަނަށް ވިއްސާލިއެވެ.

ކުއްލިއަކަށް ކޮޓަރިތެރެއަށް ވެރިވެގެންދިޔަ ހުތުރުކަން އެކުލެވިގެންވީ ބާރުއަޑާއިއެކު ، ފެން ބުރުވާލި ކަނުން އަލިފާންކަނި ބުރައިގެންދިޔަތަން އެންމެނަށް ވެސް ފެނުނެވެ. ގަބޫލުކުރެވޭ ގޮތުގައި އަޑުއައީ ވެސް އެދިމާއިން ނެވެ.

ފަންޑިތަވެރިންގެ ތެރެއިން ތިންމީހަކު އެކަމާއިގެން އުޅެމުންދިޔައިރު ވިރުސާނާ ވެސް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. ގަޔަށް އަރާފައިވާ ބާރުގަނޑު ކެނޑި އަތްފައި ހިމޭންވެ ލޯ ހުޅުވާލައި މީހުނަށް ބަލަން ވެސް ފެށިއެވެ.

ވާނުވާ ނޭނގޭހާލު ކަންބޮޑުވުމާއި ހާސްކަމާއިއެކު ވިރުސާނާގެ ކޮޓަރީގެ ދޮރުކައިރީ ، ދެކޮޅަށް ހިނގާލަ ހިނގާލަ ރަސްގެފާނު ހުންނެވިއެވެ. ވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހު ރަސްގެފާނުގެ ހުރިހާ ވިސްނުމެއް ހުސްކޮށްލައި ހުރިހާ މަސައްކަތެއް އަމާޒުކޮށްފައިވަނީ ވިރުސާނާއަށް ކުއްލިއަކަށް މި ދިމާވި ގޮތްނޭނގޭ ބަލިގަނޑަށެވެ. މިކަމުން ވިރުސާނާ ސަލާމަތް ކުރުމަށް ރަށުން ކުރެވޭންހުރި ހުރިހާކަމެއް ރަސްގެފާނު ކުރައްވައިފިއެވެ.

ރަށަށް ނުރައްކަލާއި ނާމާންކަން ކުރިމަތިވެފައިވާ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވި ، ރައްޔިތުންނާއި އިސްވެރިން ދެއްވި ލަފަޔާއި މަޝްވަރާގެމަތިން އެހެން ރަށަކުން ފަންޑިތަވެރިން ގެނައުމަށް ރައްޔިތުންގެ ބަނޑުއޮޑި ވެސް ފޮނުވި އެވެ. އެކަން ވެސް ވެގެންދިޔައީ ރައްޔިތުންނަށް ކުރިމަތިވި އިތުރު ހިތާމައަކާއި ހިތްދަތިކަމަކަށެވެ.

ހިތާމައަކަށްފަހު ހިތާމައެއް މުސީބާތަކަށްފަހު މުސީބާތެއް ކުރިމަތިވަމުން ރައްޔިތުންގެ ކަންބޮޑުވުމާއި ހާސްކަން އިތުރުވަމުން ދިޔައިރު ، ރަސްގެފާނުހުރީ ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުންނެވެ.

ހަސްވުމާއި ކަންބޮޑުވުންތަކުން ފުރި ހަމަނިދި ނުލިބި ފިކުރުގެ ކަނޑެއްގައި ފަތަމުންދިޔަ ސާހުޒާދާއަށް ހުވަފެނެއްގެ ތެރެއަށް ވަދެވިގެން ދިޔައީ ނިދުނުތާ މާގިނައިރެއް ނުވަނީހެވެ.

އަރައިގެންއައި އިރާއިދިމާއަށް ބަލަހައްޓައިގެން އިރުވާކޮޅު ތުނޑިމަތީގައި ސާހުދާޒާ ހުރިއިރު ، މުޑިއެއް ނުވަތަ ތަނބަކާނުލައި ހިފެހެއްޓިފައިވާ ބޮޑު އުޑާއި މީހެއްގެ އެހީއަކާއި ނުލައި އަރައިގެންއައި އިރާއި ހިކުމެއްނުވާ ބޮޑު ކަނޑު ފިޔަވައި އެހެން އެއްވެސް އެއްޗެއް އޭނާއަށް ނުފެންނަ ކަހަލައެވެ.

އަރައިގެން އައި އިރާއި ދިމާއަށް ބަލަހައްޓައިގެން އިރުވާކޮޅު ތުނޑިމަތީގައި ސާހުދާޒާ ހުރިއިރު ، މުޑިއެއް ނުވަތަ ތަނބަކާނުލައި ހިފެހެއްޓިފައިވާ ބޮޑު އުޑާއި މީހެއްގެ އެހީއަކާއި ނުލައި އަރައިގެންއައި އިރާއި ހިކުމެއްނުވާ ބޮޑު ކަނޑު ފިޔަވައި އެހެން އެއްވެސް އެއްޗެއް އޭނާއަށް ނުފެންނަ ކަހަލަ އެވެ.

ކަނޑުގެ ސަތަހައިން އިރު އެކުގައި ހިއްލުމާއިއެކު އިރުގެ ތެރެއިން ކަހަލަގޮތަކަށް ފާޅުވި އާދަޔާހިލާފު އަލިކޮޅު ސާހުޒާދާއާ ދިމާއަށް އައީ ހީކުރިވަރަށްވުރެ ބާރަށެވެ. އެ އަލިކޮޅު ސާހުޒާދާއާ ގާތްވަމުން ބޮޑުވަމުން އައިއިރު ، އެއީ ހުދު ހެދުމެއް ލައިގެން ހުރި ހަށިގަނޑުން ބޮޑު ފިރިހެނެއްކަން ޔަގީންވަމުން ދިޔައެވެ.

އެއްވެސް މީހެއް ނުވަތަ އެއްވެސް އެއްޗެއްގެ އެހީއަކާއި ނުލައި ފެންމަތީގައި ހިނގާލާފައި ކަހަލަގޮތަކަށް އައި އެމީހާ އައިސް ހުއްޓުނީ ރަށުގެ ބޭރު އުރަފަށާއި ހިސާބުގައެވެ. އެއަށްވުރެ އެންމެ ތަންކޮޅެއް ވެސް އެތެރެވާކަށް ނޫޅެއެވެ.

(ނުނިމޭ)

Please log in or register to bookmark.
4k

3 ޚިޔާލު

ޚިޔާލު

Your email address will not be published.