Views: 27022 322

އޭސީގެ ފިނިން މުޅި ކޮޓަރި ވަނީ ފިނިކޮށްލާފައެވެ.ރީތިވާ މޭޒުމަތީ ބަހައްޓާފައި ހުރި ލެވެންޑަރ އުއްބައްތީގެ ދެބައިކުޅަ އެއްބައިވަނީ ވިރި ހުސްވެފައެވެ. އެހެންކަމުން ކޮޓަރީގައި ހުވަނދުލެވިފައިވަނީ ލެވެންޑަރ ގެ ހިތްގައިމު ވަހުންނެވެ. ކޮޓަރީގައި ހުރި ފަނޑު އަލިން އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ. އިންސާނުންގެ ހިތްތަކަށް އަރާމުކަމުން މަސްތުކުރުވާ ފަދަ ފުރިހަމަކަމެކެވެ. ކޮޓަރީގެ ފާރު ކައިރީ މެދަށްވާގޮތަށް ހުރި ކިންގސައިޒްގެ އެނދުގައި ޖޫލީ އޮތެވެ. ނިދިފައެވެ. ލޯބިވާ ފިރިމީހާގެ އިންތިޒާރުގައި އިންދާ ޖޫލީއަށް ނިދުނީއެވެ. މިރެއަށްޓަކާ އަގުބޮޑުކޮށް ގަތް މެރޫންކުލައިގެ ހެދުމުގައި އިންދައެވެ. އަޅާފައިހުރި ރީތި ގަހަނާތަކާއި ކޮށްފައިވާ ފުރިހަމަ މޭކަޕާވެސް އެކުގައެވެ.

މެންދަމުގެ ވަގުތު ކަމުން ގޭތެރެއިން ފެންނަނީ ފަޅުކަމެވެ. ހިމޭންކަމެވެ. ފަނޑުއަލި ކަމެއް ވެރިވެފައިވާ ކޮރިޑޯއިން ހިނގާފައި އައި އިސްކޮޅުން ދިގު ފިރިހެނެކެވެ. އޭނާގެ އިސްކޮޅުގައި ގާތް ގަނޑަކަށް ހަފޫޓާ ގާތްކުރާނެކަމަށް ބެލެވެއެވެ. އެއް އަތުގައި ވަޅިއެއް އޮތްއިރު އަނެއްއަތްމަތީގައި ކަރުދާހު ފޮށިގަނޑެއް ކަހަލަ އެއްޗެއް ހުއްޓެވެ. ތަނބަކާ ނިވާވެގެން ހުރި ޒީނިޔާގެ ނޭވާ އަވަސް ވެފައިވަނީ އެމީހާ އޭނާ ހުރި ދިމާލަށް އަންނާތީއެވެ. އެހެން ނަމަވެސް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އެމީހާ ގޮސްވަނީ ޖޫލީ ނިދާފައި އޮތް ކޮޓަރި އަށެވެ. ޒީނިޔާއަށް ހަމަ ނޭވާލެވުނީ އެމީހާ ގޮސް ޖޫލީގެ ކޮޓަރިއަށް ވަނުމުންނެވެ. ޒީނިޔާވެސް ދުވެފައިގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެމީހާއަށް ނުފެނި ކޮޓަރިއަށް ވަދެވުނީތީ ހިތާހިތުން ޝުކުރުކުރަމުންނެވެ.

"ހެފީ އެނުވާސަރީ ޑާރލިންގ..."

ނިދާފައި އޮތް ޖޫލީގެ ކަންފަތް ދޮށުގައި ނަވީން ބުނެލިއެވެ.

"ޖޫލީ...ޖޫލީ ނިކަން ލޯހުޅުވާލަބަލަ...ޖޫލީ"

ވަރަށްގަދައަށް ނިދިފައި އޮތުމުން ޖޫލީ ލޯހުޅުވާލީ ވަރަށް އުނދަގުލުންނެވެ. މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލުމާއި އެކު ޖޫލީގެ ނިދިފިލައިގެން ދިޔައެވެ. ފުންމައިގެންތެދުވެތެވެ. ނަވީން ޖޫލީއާ ދިމާލަށް ދިއްކޮށްގެންހުރި ވަޅިފެނިފައި އިތުރަށް އޭނާގެ ބޮޑުދެލޯ ބޮޑުކޮށްލީ ގަތްބިރެއްގެ ބޮޑުކަމުންނެވެ. ހިނިތުންވެލަމުން ނަވީން އަތުގެ އިޝާރާތުން ދައްކާލީ ސައިޑްޓޭބަލްމަތީ ހުރި ކޭކެވެ. ރަތްކުލައާއި ހުދުކުލައިން އައިސިންގ ޖަހާފައިވާ ރީތިކޭކެވެ.ހިތެއްގެ ބައްޓަމަށް އަޅާފައިވާ އެކޭކުގެ އެއްފަރާތު އަރިމަތީ ހާރޑް އައިސިންގ އިންހަދާފައިވާ ދެބުދު އަތާއަތް ޖޯޑުކޮށްގެން ތިއްބެވެ.ލޯބީގެ ރަމްޒަކަށް ފުދޭހާވެއެވެ. ކޭކަށް ކޮށްފައިވާ ބުރަ މަސައްކަތުން ކޭކުއެޅި މީހާގެ ހުނަރުވެރިކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ.

"ވާވް....ލޯބި!ކޭކް ވަރަށް ލޯބި"

ފުޅާ ހިނިތުންވުމަކާއި އެކު ޖޫލީ އެނދުންތެދުވަމުން ބަލާލީ ނަވީންގެ މޫނަށެވެ.

"ކޭކުތަ؟ ލޯބީ ....ކޭކު ދިންކުއްޖާ ލޯތްބެއް ނޫންތަ؟"

ކޭކު ފަޅަން ވަޅިދިއްކޮށްލަމުން ނަވީން ވާހަކަ ދެއްކީ ހިނިތުންވެހުރެއެވެ. ނަވީންގެ ފިރިހެންވަންތަ އަޑު ޖޫލީގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވާހާ އަސަރުގަދައެވެ.

"ނޫނޭ ނަވީން ވަރަށް ލޯބި....ތޭންކުސް ޑާރލިންގ"

ޖޫލީ ނަވީންގެ ގައިގާ ބައްދާލީ އުފަލުންނެވެ. އަދި ނަވީންގެ މޭގައި ބޮނޑިވެލީ ނަވީން ކަހަލަ ލޯބިވާ ރަނގަޅު ފިރިއެއް ލިބުނީތީ އިންތިހާއަށް އުފާކުރަމުންނެވެ.

"އޯކޭ އޯކޭ އަހަރެން ޤަބޫލުކޮށްފީމޭ...އެހެންވެތާ ހަތްއަހަރު ވަންދެން މިގޮތުގަ މިތިބީ....ދެންވެސް އަވަސްކުރަމާ ހިނގާ"

ޖޫލީގެ ދަތްދޮޅީގައި ހިފާ އޭނާ އާ ހަތަރުކަޅި ހަމަކޮށްލަމުން ނަވީންވާހަކަ ދެއްކިއެވެ.

"މާބޮޑަށް ނިދި އައީދޯ"

ވަޅީގައި ހިފަމުން ޖޫލީ އެސުވާލުކުރީ ތަކުރާރުކޮން ނަވީން އަވަސްކުރަން ބުނުމުންނެވެ.

"ނޫނޭ މިރޭ ނިދާކަށް ބޭނުމެއްނޫން....އަދި ޖޫލީވެސް ނިދިޔަކަ ނުދޭނަން....."

ޖޫލީގައިގާ ފުރަގަހުން ބައްދާލަމުން ނަވީން ބުނެލިއެވެ.

"މިރޭ ބޭނުމީ އަހަރެމެންގެ ސެވަންތު އެނުވާސަރީ ސެލެބުރޭޓް ކުރަން... ވަރަށް ވަރަށް ކުލަގަދަކޮން"

ޖޫލީގެ ކޮލުގައި ނަވީން ބޮސްދިނެވެ.

ނަވީނާއި ޖޫލީ ކައިވެނީގެ ގޮށްޖަހާލީ މީގެ ހަތްއަހަރު ކުރިންނެވެ. މަދަރުސީ ދައުރުގައި ފައްކާކުރި ލޯތްބަށް ދާއިމީ ނަމެއް ދިނުމަށްޓަކާއެވެ. ދެފަރާތުގެ އާއިލާގެ ބާރުއެޅުމާއެކުއެވެ. ނަވީންގެ ބައްޕަ ނިޒާރާއި ޖޫލީގެ ބައްޕަ ޖަލީލަކީ ވަރަށް ގާތް ދެރަޙްމަތްތެރިންނެވެ. ނިޒާރާއި ޖަލީލް އެހާ ބޭނުން ވެފައިތިބި ކަމެއްގައި ދާއިމީ ކުލަޖެހުމުން އެދެރަޙްމަތްތެރިންގެ ގުޅުންވެސް ވަނީ އިހުނަށްވުރެން ބަދަހި ވެފައެވެ.

******

އާދުވަހަކަށް އިރުއަރައިގެން އާއިރު ޒީނިޔާ ހުރީ އާދައިގެ މަތިން ރޮށި ފިހަން ބަދިގެ ތެރޭގައެވެ. ޒީނިޔާއަކީ "ޗެރީ ހައުސް" ގައި ގެންގުޅޭކުއްޖެކެވެ. ޒީނިޔާ ތައުލީމް ހާސިލްކުރީ ނިޒާރުގެ ދީލަތި އެހީގައެވެ. އެހެންކަމުން ކިޔަވާ ނިމުމުންވެސް އެނބުރި ރަށަށް ނުގޮސް މަޑުކުރީ ނިޒާރުގެ އެދުމަށެވެ. ދޭތެރެ ދޭތެރެއިން ނަވީންމެން ދެމަފިރިން ބޭރުކޮންމެވެސް ޤައުމަކަށް ދަތުރެއްކޮށްލާނެއެވެ. ޖޫލީ މާލޭގައި ނޫޅެންޏާ"ޗެރީ ހައުސް"އަށް ގޭތެރޭގެ މަސައްކަތްކޮށްލާނެ މީހަކު ނެތުމުން ޒީނިޔާ މަޑުކުރީ ނިޒާރަށް ދަރާފައިވާ ދަރަނި އަދާކުރުމުގެ ގޮތުންވެސްމެއެވެ.

ޒީނިޔާ އިރުއިރު ކޮޅާ ގަޑިއަށް ބަލާލައެވެ. ޒީނިޔާއަށް ޖޫލީގެ ފޯނަށް ގުޅުންވަރެއްގެ އަދަދެއްވެސް ނޭގެއެވެ. މިހާރު ދެތިން ފަހަރަކު ޖޫލީ ތެދުވެއްޖެތޯ ބަލަން އޭނާގެ ކޮޓަރި ކައިރިއަށްވެސް ހިނގައްޖެއެވެ. އެހެން ނަމަވެސް ނަވީން އުޅޭތީ ޖޫލީއަށް ގޮވާކަށް ޒީނިޔާއަކަށް ނުކެރުނެވެ.

"ޒީނިޔާ އެކަނި އުޅޭދުވަހަކީތަ...ކޮބާ ޖޫލީ ؟"

ރޮށިފިހެ ނުނިމިގެން އުޅެނިކޮން ފަތިސްނަމާދަށް ގޮސްވީ ނިޒާރުއައެވެ. ޖޫލީ ފެންނަން ނެތުމުން ނިޒާރު ސުވާލުކުރިއެވެ.

"އަދި ނުނިކުމޭ...އަޅުގަނޑު ޖޫލީގެ ފޯނަށް ވަރަށް ގުޅާފިން ..."

އެހެންޏާ ކޮންމެދުވަހަކު ޒީނިޔާ އެކީ ޖޫލީ ބަދިގޭގައި އުޅޭނެއެވެ. ކޮންމެވެސް ބޮޑުކަމެއްވީކަމަށް ނިޒާރުއަށް ގަބޫލުކުރެވުނެވެ. ގޭގައި ގެންގުޅޭކުއްޖަކު އުޅޭއިރުވެސް ހުރިހާކަމެއް ވަރަށް ފަރުވާތެރިކަމާއިއެކު ޖޫލީ ބަލައެވެ. ޒީނިޔާއަށް ހުރިހާކަމެއްގައި ހެން އަތްގާތްކޮށްދީ ހަދައެވެ. އެހެންކަމުން ޒީނިޔާވެސް ކަންކަމުގެ ލަފާހޯދާނީ ޖޫލީކައިރިންނެވެ. ގެއަށް ގަންނަން ބޭނުންވާ އެއްޗިއްސާއި ކައްކަންވީ އެއްޗެހި އޮޅުން ފިލުވާނީ ޖޫލީކައިރިންނެވެ. ޖޫލީ ކަހަލަ ޅީދަރިއަކު ލިބުނީތީ ނިޒާރު އިންތިހާއަށް އުފާކުރެއެވެ.

"އަނެއްކާ ދެމީހުން އެއްކޮށް މަރުވީބާ؟"

ނިޒާރު ފޯނުނަގާ ނަވީންގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ރިންގު ކެނޑުން އިރުވެސް ނަވީންވެސް ފޯނެތް ނުނަގައެވެ. ތިން ހަތަރު ފަހަރު ގުޅައިގެންވެސް ކާމިޔާބު ވާގޮތެއްނުވިއެވެ.

ކޮންމެދުވަހަކުވެސް ނިޒާރު ފަތިސްނަމާދުން އައިސް ކޮފީ ބޮނީގެއިންނެވެ.އެހެންކަމުން ޒީނިޔާ ހުރީ ނިޒާރު އަންނަންވާއިރަށް ކޮފީގިރާތައްޔާރުކޮށްފައެވެ. ކާމޭޒުކައިރިން ގޮނޑިއެއް ދަމާލުމަށްފަހު ނިޒާރު އިށިނިންނާކަށް ނޫޅެއެވެ. ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނު ސްކުރީނަށެވެ. މިހެން އިރުކޮޅަކު ހުރެފައި ނިޒާރު ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ހީވާގޮތުން ނިޒާރު އެދިޔައީ ޖޮގިންއަށް ދާން ތައްޔާރުވާށެވެ. ކޮންމެދުވަހެއްގެވެސް ފަތިސްނަމާދަށް ފަހު ދުވެލައި ކަސްރަތުކޮށްލަން ދިއުމަކީ އޭނާ ނިކަން އިސްކަންދޭ ކަމެކެވެ.

ޖޫލީ ފާހާނައިން ނިކުތީ ފެންވަރައިގެންނެވެ. ޖޫލީ ބޮލުގައި ތުވާލި އޮޅާލައިގެން ހުރިއިރު އޭނާގެ ދޮންމޫނުގައިވަނީ ތާޒާކަމެވެ. ލައިގެންހުރީ ބީޓްރޫޓްކުލައިގެ ސިލްކު ބާތުރޯބެކެވެ. އަރާމްކޮށްނިދާފައި އޮތް ނަވީންފެނި ޖޫލީގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރިއެވެ. ނިދާފައި އޮތްލެއް ލޯބިކަމުން އުނދަގޫކޮށްލަން ޖޫލީ ބޭނުންވިއެވެ. އެނދާކައިރިވެލައި ބޮލުގައި އޮޅާފައި އޮތް ތުވާލި އިސްތަށިގަނޑުން ވަކިކޮށްލިއެވެ. އަދި ތެމިފައި އޮތް އިސްތަށިގަނޑު ނަވީންގެ މޫނުމައްޗަށް ފޮޅާލިއެވެ. ނަވީން ގަދަކަމުން ލޯހުޅުވާލީ އަނގައަށް ވައްތަރެއް ޖައްސާލަމުންނެވެ. ނިދި ނުފިލާތީ އަނެއްކާވެސް ދެލޯ މަރާލިއެވެ.

"ޗީ....ޖޫލީ...ކީއްތިކުރީ؟"

ނަވީންގެ އަޑުގައި ވަނީ ނިދީގެ އަސަރެވެ.

"އެހާ ލޯބިން ސަމާސާއެއް ކޮށްލީމަވެސް އެބުނީ ޗީ ޖޫލީއޭ..."

ޖޫލީގެ އަޑުގައި ނުރުހުންތެރިކަން ހުރި ނަމަވެސް ތުންފަތްމަތީގައިވީ ލުއި ހިނިތުންވުމެކެވެ. ޖޫލީ ބޭނުންވީ ނަވީން ތަޅުވާލާށެވެ. ސަމާސާކޮށްލާށެވެ. ހަތް އަހަރުވީ އިރުވެސް ދެމީހުންގެ ލޯބި މިސާލުޖަހާލެވޭހާވެއެވެ.

" އޯކޭ އަހަރެން މިދަނީ....އަދި ބަދިގެއަށް ދިއުމުގެ ކުރިން ހަގްކޮށްލަންވެގެން މިގޮވީވެސް"

ޖޫލީ ދާން ހިނގައިގަތީ ނަވީން އޭނާ ހުއްޓުވާނެކަމަށް ހީކުރަމުންނެވެ. ކަންނޭލުގައި ބައްދާލައިގެން ޖޫލީއަށް ފުރަގަސްދިނީ ނަވީން ނިދަން ބޭނުން ވެފައި އޮތްވަރުންނެވެ. ޖޫލީވެސް ނަވީންގެ މިހަރަކާތަށް ބަލަން އިރުކޮޅަކު ހުރެފައި ހިނގައިގަތެވެ. ޖޫލީ ރީތިވާ މޭޒުކައިރިއަށް ހުއްޓި ހެއާރޑުރައިއަރ ކަރަންޓަށްޖަހާލިއެވެ. ތެތްކަން އެކުލެވިފައިވި ޖޫލީގެ އިސްތަށިގަނޑު ހިއްކުމަށް ޖޫލީ އަވަސްވިއެވެ. އިރުއެރުމުގެ ކުރިން ފަތިސް ނަމާދުކޮށްގެން އަވަހަށް ބަދިގެއަށް ދިއުމުގެ ގޮތުންނެވެ.

ސިއްރު ފިޔަވަޅުތަކެއް އަޅަމުން ޖޫލީ ސިޑިން ފޭބީ ފަރާތް ފަރާތަށް ނަޒަރު ދެމުންނެވެ. ކާމޭޒުމަތީ އާވިއަރަ އަރާހުރި ކޮފީމަގް ފެނިފައި ނިޒާރު ނަމާދަށް ގޮސް އެނބުރި ގެއަށް ނާންނަނީކަމުގައި ޖޫލީ ނިންމިއެވެ. ޒީނިޔާ ރޮށިފިހަން ހުރުމުން ޖޫލީ އަވަސްވީ ލާންކާނެ އެއްޗެއް ތައްޔާރުކުރުމަށެވެ. އެގޮތުން މޭޒުމައްޗަށް ނަގާފައިހުރި ތަރުކާރީތައް ކޮށުމައިގެން އޭނާ އަވަސްވިއެވެ.

"ދެމީހުންގެ އެނުވާސަރީނައިޓް ކިހިނެތްތަ ދިޔައީ؟"

ޒީނިޔާ ކުރި ސުވާލުން އިރުކޮޅަކު ހިމޭނުން ހުރެފައި ޖޫލީ ޖަހާލީ ހިނިގަނޑެކެވެ. ޒީނިޔާ ވެފައިވަނީ ޖޫލީއަށް ގޭގަ ގެންގުޅޭކުއްޖަކަށް ވުރެން ބޮޑަށް އެކުވެރިޔަކަށެވެ. ކަންކަން ހިއްސާކޮށްލާނެ މިތުރަކަށެވެ. ޖޫލީއަށްވުރެން ޒީނިޔާ އުމުރުގެ ގޮތުން ދޮށީއެންމެ އަހަރެކެވެ. ހަމަ އެހެންމެ ޖޫލީއަކީ ބޭރުތެރެއަށް ގޮސް ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރާކުއްޖަކަށް ނުވާތީ ޒީނިޔާ އާއި މެދު ޖޫލީ ދެކެނީ ވަރަށް ގާތްކޮންނެވެ. ކަން މިހެން ހުރުމުން ޒީނިޔާއަށް ވެސް ޖޫލީއާ ކޮންމެ ވާހަކައެއްވެސް ދައްކަން ކެރެއެވެ. ޖޫލީއާ ސަމާސާކުރުމާއި ދިމާކުރުމަކީ ޒީނިޔާގެ އާދައެވެ.

"އެކްސްޓްރާ އޯޑިނަރީ.....އައިއެމް ސޯ ސޯ ހެޕީ..."

އުފާވެފައިވާވަރު ޖޫލީގެ އަޑުގައި އެކުލެވިފައިވާ ޖޯޝުން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

"އާނއާނ....އުފާވެފަ ހުރިކަން ކިތަންމެ ރަނގަޅަކަށްވެސް އެބައެނގޭ."

ހިނިގަނޑު މައިތިރިކުރަމުން ޒީނިޔާ ވާހަކަކުރިއަށް ގެންދިޔައެވެ.

"އެ ވެމްޕަޔަރގެ އަތްދަށުން ސަލާމަތްވެގެން މިހިސާބަށް ނިކުމެވުނުކަން އެއީ ޖޫލީގެ ނަސީބު"

ޒީނިޔާގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ ޖޫލީ ކޮށަންނެގި ކެރެޓް ޒީނިޔާއާ ދިމާލަށް މަޅާލިއެވެ. ހީވީ ޖަހަން އުޅުނުހެންނެވެ.

"އޭ ނަވީނާ ދިމާއަށް ވެމްޕަޔަރ ނުކިޔައްޗޭ..."

ލޯ ހަނިކޮއްލަމުން ޖޫލީ ބުނެލިއެވެ.

"ނުކިޔޭ ވަރެއްތަ؟ ކަރުދޮށުގަ ރަތްވެފަ ތިހިރީ ވެމްޕަޔަރެއްގެ ހަމަލާއެއް ނޫންތަ؟"

ޖޫލީއަށް ލަދުން ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ.ކަރުދޮށުގައި އިނގިލިތަކުކުރި ޖައްސާލިއިރު އެދޮންމޫނުމައްޗަށްވެސް ވަނީ ޖަންބުކުލައަރާފައެވެ. ޖޫލީއަށް ވީގޮތް ފެނިފައި ޒީނިޔާގެ ހިނިގަނޑު މުޅިމާޙައުލުގައި ގުގުމާލިއެވެ.

"ޒީނިޔާ މާވަރަކަށް ތިހެނީ އަނެއްކާ ކިހިނެތްވީ؟"

ނިޒާރުގެ އަޑުއިވުމުން ޒީނިޔާ މަސައްކަތްކުރީ ނުހީވޭތޯއެވެ. ނިޒާރު ނިކުތީ ދުވަންދާންތައްޔާރު ވެގެންނެވެ. ގަޑިއަށް ބަލާލައިފައި ކާމޭޒުދޮށުން ގޮނޑިއެއް ދަމާލުމަށްފަހު ނިޒާރު އިށިއިނެވެ. ޖޫލީ އޭނާގެ އިސްތަށިގަނޑު އެއްފަރާތުން ކުރިމައްޗަށް ގެނައެވެ. ނިޒާރުގެ ލޮލުގައި ކަރުދޮށުގައި ރަތްވެފައި އިންތަން އަޅައިގަނެދާނެތީއެވެ. ޒީނިޔާ ދެތުންފަތް ބައްދައިގެން ހުރިއިރުވެސް ދޭތެރެދޭތެރެއިން އަޑުބޭރުވެއެވެ. ޖޫލީވެސް ދޭތެރެ ދޭތެރެއިން ޒީނިޔާއަށް ލޯއަޅާލައެވެ.

"ޖޫލީ ފެންނަން ނެތީމަ ބައްޕަ ހީކުރީ ބަލީވީކަމަށް..."

ނިޒާރުގެ އަޑުގައިވީ އޯގާތެރި ކަމެވެ.

ފުރިޖަށްލީ އައިސިންގ ކޭކް މަތިން ޖޫލީ ހަނދާންވީ ކުއްލިއަކަށެވެ.އަތްމަތި އަވަސްކޮއްލާފައި ފުރިޖުން ކޭކު ނަގާ މޭޒުމަތީ ބެހެއްޓިއެވެ. ކޭކު ފޮއްޗެއް ވަތުތައްޓަކަށް ލުމަށްފަހު ނިޒާރާ ގާތްކޮއްލިއެވެ.

"ތީ ކޮންކޭކެއް؟"

އެއްފަހަރު ޖޫލީއަށް އަނެއްފަހަރު ޒީނިޔާއަށް ބަލާލަމުން ނިޒާރު ސުވާލުކުރިއެވެ.

"ބައްޕައަކަށް ނޭގޭތަ އަހަރެމެން ކައިވެންޏަށް މިއަދު ހަތްއަހަރު ފުރުނީނުން....އެހެންވެ ނަވީން ރޭ ގެނާ ކޭކެއް މީ.... "

"އެހެންތަ؟ހަތް އަހަރުވީ..."

ތުނބުޅީގައި އަތްހާކާލަމުން ނިޒާރު ވިސްނުމެއްގެ ތެރެއަށް ގެނބުނު ކަހަލައެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ބަހަކުން ބަހެއްނުބުނެ ނިޒާރު ކޮފީތަށިން ތުނބުގައި ޖެހިއެވެ. ޖޫލީ ދެން އަވަސްވީ ނަވީނަށް ކޮފީއެއް ތައްޔާރު ކުރާށެވެ. ކޮފީ އާއި އެކު ކާން ބިސްގަނޑެއްތައްޔާރު ކޮއްލައިގެން ކޮޓަރި އާއި ދިމާއަށް ދިޔައީ ނުހަނު ހަލުވިކަމާއެކުއެވެ.

******

އާދައިގެމަތިން ކޮންމެ ދުވަހެއްގެވެސް އައްފާން ދުވަސްފަށަނީ ފަތިސްނަމާދުންނެވެ. އަދި ޙާއްސަކޮން ޖަމާޢަތަށް ފަތިސްނަމާދަށް ދިއުމަކީ އޭނާގެ ރީތި އާދައެކެވެ. އައްފާން ތަރުބިއްޔަތުގެ އެންމެ ބޮޑު މޭސްތިރިއަކީ އޭނާގެ ބޮޑުބޭބެ ނިޒާރުއެވެ. އައްފާން ވަރަށް ތުއްތުއިރު އައްފާންގެ ބައްޕަ ނަސީރުވަނީ ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގާ ބިނގާވެ އުޅުމުން މަޙްރޫމްވެފައެވެ. ނަސީރު ޙަޔާތުގެ ދުވަސްތައް ގުނަމުން އެދަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެދުވަހުން ފެށިގެން ނިޒާރު އޭނާގެ ކޮއްކޮ ނަސީރު ގެ އާއިލާ ބެލުމުގެ ޒިންމާ ކޮނޑުގައި އެޅިއެވެ. އައްފާނާއި ނަވީންގެ ގުޅުންވެސް އެހާ ރަނގަޅެވެ. އެއްއުމުރުގެ ދެކުދިންނަށްވެފައި ތުއްތުއިރުން ސުރެން އެކުގައި އުޅެވުނީމައި ކަމަށްވެސް ވެދާނެއެވެ.

އައްފާން ފަތިސްނަމާދުން ގެއަށް ދިޔަ މަގުމަތީގައި ޗެރީހައުސްއަށް ވަންނަ ހިތްވިއެވެ. ބޮޑުބޭބެ އާއި ނަވީން ނޫނަސް އެގޭގައި ދެކޭ ހިތްވާ މީހަކު ހުރީއެވެ. އައްފާންގެ ކާރު ޕާރކްކޮށްލުމަށްފަހު އައިސް ޗެރީހައުސް ގޭޓުން އެތެރެއަށްވަނެވެ.

ގޭޓާއި ހަތަރުބުރީގެ އިމާރާތާއި ދެމެދުގައިވަނީ ގާއަތުރާފައެވެ. ގާއަތުރާފައިވާ މަގުގެ ދެފަރާތުގައިވަނީ މާއަޅާ ގަސްމުށިތަކެވެ. ސަންފުލާވަރ، ޑޭޒީ، ޕެޓޫނިޔާ، ބުލޫބެލްފުލާވަރ އަދި ފިނިފެންމަލުގެ ގިނަވައްތަރުތައް ގަސްމުށިތަކުގައި އިންދާފައިވެއެވެ. ގަސްތަކުގައި މާއަޅާ ބަރާވެފައިވާއިރު ހިތްތަކަށް އުފާވެރިކަން ގެނުވާހާ ހިތްގައިމެވެ. މުޅިގޯތިތެރޭ ހުވަނދުލެވިފައިވަނީ މާމެލާމެލީގެ ވަހުންނެވެ.

ބެލްއަޅާލުމާއެކު ޒީނިޔާ ކުޑަތުވާލިކޮޅަކުން އަތްފުހެމުން ފުހެމުންގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި އައްފާން ހެވިފައި ހުއްޓެވެ. ދަތްއުނގުޅާބޭހުގެ އިސްތިހާރަކަށް ފުދޭނެއެވެ. އައްފާނަކީ ބަލާލަން ހުތުރު ޒުވާނެއްނޫނެވެ. ކޮފީކުލައިގެ ހަންގަނޑެކެވެ. ނިތްކުރިމައްޗަށް ކަޅުކަންގަދަ އިސްތަށިގަނޑު ވެއްޓިފައި އޮތްއިރު ފަންކަމުން ފަށުވިކޮޅެއްފަދައެވެ. އަންނާރުއޮށްތަކެއް ފަދަ ކުދިދަތްތަކުން ހުދުކަމުން އޮފްއަރައެވެ. އިސްކޮޅުން ދިގުވެފައި ފަތިހަށިގަނޑެއް ލިބިފައިވެއެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީހަކާއި ކަޅު ޖީންސް އޭނާއާ ނުހަނު ގުޅެއެވެ. އާޝޯހުވެ ފާޑަކަށް ހިނިއައިސް ޒީނިޔާއަށް ވެސް ހުރެވުނީއެވެ.

"ގުޑް މޯނިން ބިއުޓިފުލް"

އެއްލޯ މަރާލަމުން އައްފާންގެ ފިރިހެންވަންތަ އަޑުއިއްވާލިއެވެ.

(ނުނިމޭ)

  1. Avatar

    މިސައިޓް އިން ވަކި ވަކި ވާހަކަ ވިޔު ކުރިވަރު އެނގޭ ނަމަ ވަރަށް ފުރިހަމަ ވީސް……

ޚިޔާލު ފޮނުއްވާ