ރަސްގެފާނާއި ފަގީރުކޮއި - 2

އަލިފާންގަނޑު އައިސް ފުރާޅުގައި ޖެހުމާއިއެކު އެ ފުރާޅުން ބައެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމަޚްލޫޤަށް ހަމަލާދޭން ކުރަމުންދިޔަ މަސައްކަތަށް އިތުރު ފުރުސަތެއްނުދީ އެމަޚްލޫޤް މިސްރާބު ބަދަލުކޮށް ރަށާއި ދުރައް އުދައްސައިގަތެވެ. ފެންނަފެނުމުންނާއި އުދުހެމުންދާގޮތުން އެމަޚްލޫޤަށް އަނިޔާތަކެއް ލިބިފައިވާކަން ޔަގީނާއިގާތަށް އެނގެ އެވެ.

ދެވަނަފަހަރަށް ގަނޑުވަރު އިމާރާތްކޮށްފައިވަނީ އެފަދަ ކަންކަމަށް ސަމާލުކަންދީގެން ކަމަށްވާތީ ފަސޭހަކަމާއިއެކު އަލިފާންގަނޑު ނިއްވާލެވުނެވެ. އެހެނަސް ގަނޑުވަރުން ބައެއް ހަލާކުވެސް ވިއެވެ.

ދެވޭނުދެވޭދިމާއެއް ނޭނގި މާކަނޑުގައި މަޑުމަޑުން ދަތުރުކުރަމުންދިޔަ ބަނޑުއޮޑިއާ ދިމާއަށް އައި ޑްރެގަންއެއްކަހަލަ ބޮޑު މަޚްލޫޤު އޮޑީމިހުނަށް ފެނުނީ އޮޑިއާ ވަރަށްކައިރިވި ފަހުން ނެވެ.ރުޅިވެރިކަމާއިއެކު ބާރުބާރަށް އަޑުލައްވަމުން އަނގައިން އަލިފާން ފޮނުވަމުންއައި އެމަޚްލޫޤުގެ ދެލޯ ހުރީ ގަދަރަތްކުލައިން ދިލިފައެވެ.

އެމަޚްލޫޤުގެ ކިބައިން ސަލާމަތްވާން އެއްވެސް ކަމެއް ނުކުރެވިގެން އުޅެނިކޮށް އެމަޚްލޫޤު އައިސް ބަނޑުއޮޑިއަށް ހަމާލާ ދިނެވެ. ނުހަނު ބާރަށް އުދުހެމުންއައި އެމަޚްލޫޤުގެ އެއް ފިޔަގަނޑުން ޖެހި ކުނބާއި ފަރުމާނާއެކު ބިންދައިގެން ގޮސް ރިޔާ ވެސް ވެއްޓިއްޖެއެވެ.ވެއްޓި ޖެހުނުގޮތުން ގެގަނޑުން ބައެއް ހަލާކުވެގެން ދިޔައިރު އެމަޚްލޫޤު ދެވަނަ ހަމަލާ ފޮނުވާލިއެވެ. އޮޑީތެރެއަށް ވެރިވެގެންދިޔަ ބާރު ރުއިމުގެ އަޑާއިއެކު އެމަޚްލޫޤު ފޮނުވާލި ދެވަނަ ހަމަލާއިން އޮޑިން ބޮޑުބައެއްގައި ރޯވެ ބައެއް ތަކެތި ބުރައިގެން މާކަނޑަށް ދިޔައެވެ. ބުރައިގެންދިޔަ ބައެއް ތަކެއްޗާއިއެކު ބައެއް މީހުން ވެސް މޫދަށް ވެއްޓުނެވެ.

ބަނޑުއޮޑި ބަންޑުންޖަހާލާކަށް މާގިނަ ވަގުތެއް ނުނެގިއެވެ.

” ފަގީރުކޮއި ..... ފަގީރުކޮއި. މަންމަގެ ބަސް އަހައިގެން ދީނީކަންކަމަށް ސަމާލުކަންދީގެން ރަނގަޅަށް އުޅޭ ފަގީރުކޮއި .... މިރަށު ބަނޑުއޮޑި މާކަނޑަށް ހަލާކުވެ ބަންޑުން ޖަހާލައިފި. “ ކުއްލި އަކަށް ކަންފަތްކައިރިން އިވުނު އަޑާއިއެކު ސިއްސައިގެން ގޮސް ފަގީރުކޮޔަށް ހޭލެވިއްޖެއެވެ. އަވަސް އަވަހަށް ފުންމައިގެން ތެދުވެ ވަށައިގެން ހޯދާލިއިރު އެދެމައިން ފިޔަވާ އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ފަނުން ހަދާފައިވާ އެޖިފުޓީގައި ހުރި ރޯނުފުރި ދެ އެންދުގެ ތެރެއިން އަނެއް އެނދުގައި އޭނާގެ މަންމަ ނިދާލާފައި އޮތްއިރު އޭނާއަށް އިވުނީ އޭނާގެ މަންމަގެ އަޑު ނޫންކަން ފަގީރުކޮޔަށް ޔަގީނެވެ.

އޭނާއަށް އިވުނުއަޑަކީ ހުވަފެނުގައި އިވުނުއަޑެއް ކަމަށް ގަބޫލު ކުރެވި އެކަމާއިމެދު ވިސްނަންއޮތް ފަގީރުކޮއި ސިއްސައިގެންދިޔައީ އޭނާގެ މަންމަގެ އަޑަށެވެ. ކޮންމެ ރެއެއްގެ އާދައިގެމަތިން މިރޭވެސް ފަތިސްނަމާދު ވަގުތައް ސުލޭމާނާއަށް ހޭލެވިއްޖެއެވެ.

ފަގީރުކޮއި ނުނިދާއޮތުމުން ލިބުނު ހައިރާންކަމާއެކު ވީ ކީއްތޯ ސުލޭމާނާ ސުވާލުކުރިއެވެ.

އޭނާއަށް ފެނުނު ހުވަފެނުގެ ވާހަކަ ފަގީރުކޮއި  ކިޔައި ދިނުމުން ލިބުނު ހައިރާންކަމާއިއެކު ސުލޭމާނާ ކަންބޮޑު ވެސް ވިއެވެ.

ފަގީރުކޮއި ނަމާދަށް މިސްކިތަށް ފޮނުވާފައި އޭނާގެ މަންމަ ސުލޭމާނާ އަވަސް ވެގަތީ ފަތިސްނަމާދު ކުރާށެވެ.

ހެނދުނު ހައެއްޖަހާކަން ހާއިރެވެ.ފަގީރުކޮޔަށް ސައި ދީފައި ސުލޭމާނާ ދިޔައީ ރަސްގެފާނުގެ ގަނޑުވަރަށެވެ.

ރޭގެ ހާދިސާގައި ގަނޑުވަރަށް ލިބުނު ގެއްލުންތައް ރަނގަޅުކުރުމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކާއި ގަނޑުވަރުގެ މުއައްޒަފުން މަސައްކަތް ކުރަމުންދިޔައެވެ. ގަނޑުވަރަށް ލިބުނު ގެއްލުމުގެ ސަބަބުން ގިނަބަޔަކުތިބީ ވަރަށް ދެރަވެފައެވެ.

ރަސްގެފާނާއި ބައްދަލުކުރަން ސުލޭމާނާ އެތައް މަސައްކަތެއްކޮށް އެއްވެސް ކާމިޔާބެއް ނުލިބުމުން އޭނާ ދިޔައީ ގެއަށެވެ.

ރަސްގެފާނުގެ ދަރިކަނބަލުން ވިރުސާނާ މަދަރުސާއިން ނުކުމެގެން އަންނަނިކޮށް ފަގީރުކޮޔަށް ފެނިއްޖެ އެވެ.އޭރު އެކަމަނާގެ އަރިހުގައި ހަށިފާރަވެރިންގެ ހަތަރު މީހުންނާއި ރަސްގެފާނުގެ އަރިސްބޭކަލުންގެ ދަރިންގެތެރެއިން ތިން ކުއްޖަކު ތިއްބެވެ. ހަށިފާރަވެރިން ތިބީ އެބައިމީހުންގެ ރަސްމީ ހެދުން އަޅައި ދުނިދަނޑި ވެސް ހިފައިގެންނެވެ.

ރޭގައި ދިމާވިކަންތައް ރަސްގެފާނާއި ހަމައަށް ގެންދިއުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެކަން ޔަގީން ވުމުން، ފަގީރުކޮއި އަވަސް އަވަހަށް ވިރުސާނާއާ ދިމާއަށް ހިނގައިގަތެވެ.

ފަގީރުކޮއި އެއަންނަނީ ވިރުސާނާއާ ދިމާއަށްކަން އެނގުމާއިއެކު، ހަށިފާރަވެރިންގެ ތެރެއިން ދެމީހަކު އައިސް އޭނާ މަޑުކުރުވިއެވެ. އޭނާ އެއައީ ވިރުސާނާގާތު ވާހަކައެއް ބުނަން ކަމަށާއި އޭނާއަށް އެއްފުރުސަތު ދިނުމަށް ފަގީރުކޮއި ބުންޏެވެ.

” ވިރުސާނާގާތު ވާހަކައެއް ބުނާށޯ .. ހިހި .. އޭ އެއް ބީއެއް ނޭނގޭ މީހަކު ކޮންވާހަކައެއް ބުނަން އޮންނާނީ. އޭނާ ވެސް ދައްކާވާހަކަ. “ ފަގީރުކޮޔަށް މަލާމަތްކުރަމުން އެއްކުއްޖަކު ބުނެލިއެވެ.

” ދުވަހަކު މަދަރުސާއަކަށް ނުދޭ. “ ދެވަނަކުއްޖާ ބުނެލިއެވެ.

ފަގީރުކޮއި އެދުނު އެއްދުމަށް އެއްވެސް ސަމާލު ކަމެއްނުދީ ވިރުސާނާއާ އޭނާގެ ރައްޓެހިން، ހަށިފާރަވެރިންގެ އެހީ އާއެކު ހިނގަމުން ދިޔައެވެ.ހަށިފާރަވެރިންގެގާތު އާދޭސް ކޮށްލަ ކޮށްލައި ފަގީރުކޮއި ހުއްޓެވެ.

” އައްސަލާމްއަލައިކުމް ވިރުސާނާ! “ ވިރުސާނާ ހިނގަމުން ހިނގަމުން އައިސް ފަގީރުކޮޔާއި އަރާހަމަވުމާއިއެކު، އިސްލާމްދީނުގެ ރިވެތި ސަލާމުން ފަގީރުކޮއި ސަލާންގޮވާލިއެވެ.

އިވުނުއަޑާއިއެކު ވިރުސާނާގެ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއްއައީ ކީއްވެގެންކަމެއް އެކަކަށް ވެސް ނޭނގުނެވެ.

” ދަރިފުޅާ ވިރުސާނާ. އިސްލާމްދީނަކީ އެންމެމާތް ދީން. އިސްލާމްދީނުގެ ސަލާމަކީ އެންމެރިވެތި ސަލާމް. އަބަދު ވެސް ހަނދާންކުރާތި. “ ކުއްލިއަކަށް ހަނދާންވި އެވާހަކަތަކާއެކު ވިރުސާނާއަށް ބަލާލެވުނީ ފަގީރުކޮޔާއި ދިމާއަށެވެ.

ހަމައެކަނި ސޯޓެއްލައިގެން ހުސްގަޔާހުރި އެކުއްޖާ ހުރީ ފައިވާނަކަށް ވެސް ނާރައެވެ. ހަށިގަނޑުން ނިކަމެތިކަން ފެންނަމުން ދިޔައިރު، ދެފައިތިލަ އާއި ކަށިމަތިވަނީ ހިރަފުހުން ކުލަ ބަދަލުވެފައެވެ.

ފަގީރުކޮއި ދައްކަން އެއުޅޭ ވާހަކައެއް އަޑުއަހާލަން ވިރުސާނާގެ ހިތް ބުނަމުންދިޔަ ކަހަލައެވެ.

” ސިސް ... ތިދެން ކޮންކަމެއް؟ އެއީ ހަޑިގިއްލާ އެއްނު. “ ފަގީރުކޮޔާއި ދިމާއަށް ވިރުސާނާ ހިނގައިގަތުމުން އެ ތަނުން އެއްކުއްޖަކު ވިރުސާނާއާ ދިމާއަށް ބުންޏެވެ. އެކުއްޖާ ދެއްކި ވާހަކަތައް އަޑުއަހާކަށް އެކަމަށް ސަމާލުކަން ދޭކަށް ވިރުސާނާ ބޭނުމެއްނުވިއެވެ.

ވިރުސާނާގެ އިސާރާތާއިއެކު ހަށިފާރަވެރިން އެކޮއި ދޫކޮށްލި ނަމަވެސް ވިރުސާނާގެ އެޢަމަލުގެ ސަބަބުން އެބައިމީހުން ތިބީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ވިރުސާނާއަށް ކިތަންމެކުޑަ ގެއްލުމެއް ނުވަތަ ދެރައެއް ލިބުނު ނަމަވެސް އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެމީހުންކަން އެމީހުން ހަނދާނެއް ނުނެތެއެވެ.

ވިރުސާނާއާ ވާހަކަދައްކަން ފަގީރުކޮޔަށް ފުރުސަތު ދީގެން ތިބި ނަމަވެސް ދިމާވެދާނެކަމަކަށް ހަށިފާރަވެރިން ތިބީ ތައްޔާރުވެގެންނެވެ.

ރޭގައި އޭނާއަށް ދިމާވި ކަންތައްތަކުގެ ވާހަކަ ފަގީރުކޮއި ބުނުމާއިއެކު ވިރުސާނާގެ މޫނުމަތިން މާޔޫސްކަމާއި ހިތްދަތިކަން ފާޅުވެގެން ދިޔައެވެ. ދެލޮލުން ކަރުނަ ފާއްދާލީ ވެސް ހަމަ އެވަގުތުއެވެ.

ފެނުނު މަންޒަރާއިއެކު ހަތަރު ހަށިފާރަވެރިންނާއި ވިރުސާނާގެ ރައްޓެހިން ހާސްވެ ކަންބޮޑުވެއްޖެ އެވެ. އަވަސް އަވަހަށް އެދިމާއަށް ހިނގައިގަތް ނަމަވެސް މަޑުކުރަން ވިރުސާނާ ކުރި އިސާރާތާއިއެކު އެމީހުން މަޑުކުރިއެވެ.

ފަގީރުކޮއި ދެއްކި ވާހަކަތައް އެހެންމީހަކަށް ކިޔައި ނުދިނުމަށް ބުނެފައި ގަނޑުވަރާއި ދިމާއަށް ވިރުސާނާ ހިނގައި ގަތެވެ. އެހެނަސް އެއްވެސް މީހަކާއި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ވިރުސާނާ އައިސް ގަނޑުވަރަށް ވަތްވަގުތަކީ ކޮންމެވެސް ކަމެއްގައި ރަސްގެފާނު ގަނޑުވަރުން ބޭރަށް ނުކުތް ވަގުތަށްވާތީ ރަސްގެފާނަށް ވިރުސާނާގެ މޫނު ވަރަށް ރަނގަޅަށް ފެނުނެވެ. އެއާއެކު ވިރުސާނާގެ މޫނުމަތިން ކޮންމެވެސް މުހިންމުކަމެއް ރަސްގެފާނަށް ފާހަގަކުރެވުނު ކަހަލައެވެ.

ހަށިފާރަވެރިން ގެނެސް އެކަމާއިބެހޭގޮތުން ސުވާލު ކުރިއިރު ރަސްގެފާނު ނުތަނަވަސްވެފައިވާވަރު ވަރަށް ރަނގަޅަށް އެނގުނެވެ.

ކަންތައްވީގޮތް އެނގުމާއިއެކު ރަސްގެފާނު ރުޅިގަދަ ވެއްޖެއެވެ. މިހާރުން މިހާރަށް ފަގީރުކޮއި ހޯދައިގެން ގަނޑުވަރަށް ހާޒިރު ކުރުމަށް ހަށިފާރަވެރިންނަށް އަމުރުކުރިއެވެ. ހީވީ އެކޮޔަށް ބޮޑު ކުށެއް ކުރެވުނުހެންނެވެ.

(ނުނިމޭ)

Please log in or register to bookmark.
4k

8 ޚިޔާލު

Leave a Reply to ނޫރު X

Your email address will not be published.