ބާބު 24
އިންސާނެއްގެ ހިލަންނުވާ އެޕާޓްމެންޓަށް ވެރިވެފައިވާ މަރުފަދަ ހަމަހިމޭންކަން ނަގާލީ މީގެ ހިނދުކޮޅެއްކުރިން ލެއްޕިފައިހުރި އެޕާޓްމެންޓްގެ މައިދޮރު ހުޅުވުނު އަޑުންނެވެ. ވަށައިގެން ދަމާލައިފައި ހުރި ދޮރުފޮތިތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަނދިރިކަން ވެރިވެފައިވާ އެޕާޓްމެންޓްތެރެއަށް ނެގި ފުރަތަމަ ފިޔަވަޅާއި އެކު ޝާޔަންއަށް މުޅި ގޭތެރެއިންވެސް އަލަށް ހުސްކަން އިޙްސާސް ކުރެވުނެވެ. އެހެން އިޙްސާސްކުރެވެންވީ ސަބަބެއްވެސް ނެތެވެ. މީގެ ކުރިންވެސް އެތާނގައި ދިރިއުޅުނީ އޭނާއާއި ޔޫކީ އެކަންޏެވެ.
އެހިތް ވަށާލައިފައިވަނީ ހިތްދަތިކަމާއި މޮޅިވެރިކަމެވެ. ހިތާމައިގެ ކުލަވަރުތަށް ޝަޔަންގެ މޫނުމަތީގެ ކޮންމެ ދިމާއަކުން ފެންނަމުން ދިޔައެވެ. ޝާޔަން ގެއަށް އައުމާއި އެކީ މަޑުމަޑުން އަޑެއް ލައްވާލައިފައި ޔޫކީ އެދިމާއަށް އައެވެ. އެއަށްވެސް ޝާޔަންގެ ޙާލަތު ދެނެގަނެވުނީ ކަހަލައެވެ. ޝާޔަންގެ ފައިތިލަމަތީ މަޑުމަޑުން ބަނޑުޖަހާލިގޮތުން ޝާޔަންއަށް އެ މަންޒަރު ބަލަންހުރެ ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. މަންޒަރު ފުސްވާން ފެށުމުން އަތުގައި އޮތް ކޮތަޅު ބިންމަތީގައި ބައިންދާލުމަށްފަހު ޔޫކީ އުރާލިއެވެ. އެއަށްފަހު އަލުން އެ ކޮތަޅު ހިފައިގެން ގޮސް ޝާޔަން ސޯފާގެ ކަނެއްގައި އިށީނދެލިއެވެ. އޭނާގެ ފައިމަތީގައި ޔޫކީ ބާއްވާލުމަށްފަހު އޭގެ ކެހެރިގަނޑުގައި މަޑުމަޑުން ފިރުމާލަ ފިރުމާލާ ޝާޔަންއިނީ ބަހަކުން ބަހެއް ނުބުނެއެވެ. ވާހަކަ ދައްކަން އެހެން ނޫނަސް އޭނާއަށް ވަނީ ދަތިވެފައެވެ.
"ޔޫކީ.." ހަމަހިމޭންކަމުގައި އިރުކޮޅެއްވާންދެން އިނުމަށްފަހު ޝާޔަން އެންމެ ފަހުން ޔޫކީއަށް ގޮވާލިއެވެ. އެހެނަސް ހަމަ އެވަގުތު އަނެއްކާވެސް އޭނާގެ އަޑު ތުރުތުރުލައިގަތެވެ. ލޮލުތެރެއަށް ޖަމާވެ ގިނަވެފައިހުރި ކަރުނަތަށް ރަޙުމެއްނެތި ފައިބައިގެން ގޮސް ޔޫކިގެ ކެހެރިގަނޑުގެ ތެރެއަށް ފޭދިގެންގޮސް ޝާޔަންގެ ނަޒަރަށް ވަންހަނާވިއެވެ.
"އިޓް ހެޕެންޑް. ނަބްހާންވެސް ގެއްލުނީ." ޝާޔަން ވައި އަޑުން ބުނެލި އިރު އޭނާ ލަސްލަހުން އެސްފިޔަޖަހަމުންދިޔައެވެ. ލޮލުން ނަގަމުން ދިޔަ ދިލައާއި ހިތުގައި އަޅަމުންދިޔަ ވޭނަށް އޭނާއަށް ކިރިޔާ ކެތްކުރެވޭ ކަމެވެ. "މުޅި އުމުރަށް." ޔޫކީގެ ގައިމަތީގައި ބާއްވާފައި އޮތް އަތް ގެނެސް ޝާޔަން އޭނާގެ މޫނު ފޮރުވާލިއެވެ. އެއާއި އެކީ ޝާޔަންގެ މަޑު ރުއިމުގެ އަޑު އެޕާޓްމެންޓްތެރޭގައި އިވެން ފެށިއެވެ. އޭނާގެ އުނގުމަތީގައި އޮތް ޔޫކީވެސް ހަރަކާތްކޮށްލުމަށްފަހު ޝާޔަންގެ މޫނު ފެންނާނެހެން އެނބުރިލިއެވެ.
އޭތީގެ ނޫކުލައިގެ ބޮޑު ދެލޮލުން ޝާޔަންއަށް ބަލަން އޮތް އިރު އޭތިވެސް ޝާޔަންއަށް ހަމްދަރުދީވަނީހެން ހީވެއެވެ. އިތުރަށް ޝާޔަންއާއި ގާތްވެލުމަށްފަހު ޔޫކީ އޭތީގެ ދެލޯ ލަސްލަހުން މަރާލިއެވެ.
ރޮއެރޮއެ ވަރުބަލިވާހާއިރުވުމުން ޝާޔަން ލަސްލަހުން ނޭފަތް ދަމާލިއެވެ. އަތުގެ ނުފުށުން ކޯތާފަތްމަތީގައި ކުރެހިފައިހުރި ކަރުނައިގެ ރޮނގުތައް ފުހެލުމަށްފަހު އޭނާ އިން ސޯފާކައިރި ތަޅުންގަނޑުމަތީގައި ބަހައްޓާފައި ހުރި ކޮތަޅާއި ދިމާއަށް އަތް ގެންދިޔަ އިރު އެ އަތުގައި މަޑު ތުރުތުރެއް ވިއެވެ.
އެއީ ނަބްހާން އޭނާއަށް ދިން ހަދިޔާ ކޮތަޅުކަމުން އެއަށް ބަލައިލިއަސް އެހިތް ހިތްދަތިގޮތަކަށް ވިންދުޖަހާލައެވެ. އޭނާގެ އުނގުގައި އޮތް ޔޫކީ ސޯފާ މައްޗަށް ބޭލުމަށްފަހު ޝާޔަން އެ ކޮތަޅު އޭނާގެ ފައިމަތީގައި ބޭއްވިއެވެ. އެއަށްފަހު އެ ކޮތަޅުގެ ތެރެއިން އޭނާގެ އަތުގައި އެންމެ އަވަހަށް ޖެހުނު އެއްޗެއް ނެގިއެވެ.
މުށިކުލައިގެ ކަރުދާހަކުން ބަންދުކޮށްފައި އޮތް އޭ-ތްރީ ސައިޒްގެ އެ ޕެކޭޖުގެ ތިރިން އެއް ކަނެއްގައި 'ޓު ޝާޔަން' އޭ ޖަހައިފައި އިނެވެ. ޝާޔަން ނޭފަތް ދަމާލުމަށްފަހު ލަސްލަހުން އެ ކަރުދާސްގަނޑު ނައްޓުވަން ފެށިއެވެ.
ޓޭޕަކަށްފަހު ޓޭޕެއް ނެއްޓެމުން ގޮސް އެތެރޭގައި އޮތް އެތި ހާމަވުމާއި އެކީ ޝާޔަންއަށް އިނދެވުނީ ބަހެއްވެސް ބުނެނުލައި އެއަށް ބަލާށެވެ. އޭގައި އެ އޮތީ ނަބްހާން އަބަދު އޭނާ ގާތު ކީ އައިރިސް ފީލްޑްގެ ކުރެހުމެކެވެ. ޝާޔަންއަށް ތުންފަތުގައި ދަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އަނެއްކާވެސް ރޯން ފަށާކަށް އޭނާ ބޭނުމެއް ނޫނެވެ.
އެކި ކުލަ ކުލައިން ދިރުން ގެނެސްފައިވާ އެ ކުރެހުމުގެ ބަލައިލި ކޮންމެ ދިމާލަކުންވެސް ޖައްސަނީ މީހުން އެއަށް ޝައުޤުވެރިކުރުވާ ކަހަލަ ބާރެކެވެ. އަލަށް ކުރަހާފައިވާ ކުރެހުމަކާއި އަޅާ ބަލާއިރު އެ ކުރެހުން ކިތަންމެހާވެސް ފުރިހަމައެވެ. ނޫކުލައާއި ދަނބުކުލައިގެ އިތުރުން ފެހިކުލަ މައިގަނޑު ގޮތެއްގައި އެ ކުރެހުމުން ފެންނަން ހުރި ނަމަވެސް އޭގެ އިތުރަށްވެސް އެތަށް ކުލައެއް އެ ކެންވަސްގައި ވެއެވެ.
ޝާޔަންއަށް އެ މަސައްކަތް ކިތަންމެހާވެސް ފުރިހަމަވިއެވެ. މަޑުމަޑުން އޭތީގައި އޭނާގެ އަތް ޖައްސާލި އިރު ޝާޔަންގެ ތަފާތު ކަޅިއެއްވީ ދެލޮލުން އެ އަސަރުތައް މާ ރަނގަޅަށްވެސް ބުނެދެމުން ދިޔައެވެ. އަތުގައި އޮތް ކެންވަސްއަށް ފަހު ނަޒަރެއް ދިނުމަށްފަހު ޝާޔަން އޭތި އޭނާއާއި ގާތުގައި ސޯފާގައި ބާއްވާލިއެވެ. އެވަގުތު އެ ކެންވަސް ބަންދުކުރަން ބޭނުންކޮށްފައި ހުރި ކަރުދާސްގަނޑުތެރޭގައި އޮތް ހުދުކުލައިގެ ގަނޑު ޝާޔަންގެ ލޮލުގައި އަޅައިގަތެވެ.
ޝައުޤުވެރިކަން އެކުލެވޭ ޙާލު އޭނާ ލަސްލަހުން އެ ގަނޑު ނެގިއެވެ. މުޅި ގަނޑުގައި އެކީހެން ހުރީ ކޮންމެވެސް އެއްޗެއް ލިޔެފައެވެ. ނަބްހާންގެ ލިޔުމެވެ.
"ވެން މާރގޯ ރޮތް ސެއިޑް 'އޯލް އޮފް ހިސް ސްޓްރިންގްސް ވަރ ބްރޯކެން'، އައި ފެލްޓް ދެޓް. މިހާރު އެ ދުވަސްތަކާއި މެދު ވިސްނާލީމަ އެބަ އިޙްސާސްވޭ އެއިރު އަހަރެން ދިރިއުޅުނީ ނޫންކަން. އަހަރެން ހަމައެކަނި ދިރި ހުރީކަން. ޖަސްޓް ބިކޮޒް މައި ސިސްޓަމް ވޮޒް ވޯރކިންގ. އައި ވޮޒް އެ ލޯނަރ. އޯލް ބައި މައިސެލްފް. ދިރިއުޅުމުގެ ދަތި އުނދަގުލާއި ހިތާމައިގެ ވަޅުގަނޑަކަށް ވެއްޓިއްޖެއްޔާ އެ ވަޅުގަނޑުން އަރައިގަތުމަކީ ވަރަށް އުނދަގޫ ކަމެއް. ކިތަންމެހާވެސް ވަރުބަލިވާނެ. ދޮންބެ ނިޔާވުމަށްފަހު އަހަރެންގެ އެއްވެސް އެކުވެރިއެއް ނުހުރޭ. އެކަމަކު ފާއިތުވި އަށްވަރަކަށް މަސް ދުވަހު އަހަންނަށް ތިފަދަ އެކުވެރިއެއް ލިބުނީތީ ﷲއަށް އަބަދުވެސް ޝުކުރުވެރިވަން." ޝާޔަންގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށުމާއި އެކީ މައްޗަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު އެއް އަތުން ލޯ މަތީގައި އަތް ހިންގާލީ އޭގެ އަސަރު ފޮރުވާލުމަށެވެ.
"ޝާޔަންއާއި ދިމާވާންދެންވެސް އަހަންނަކީ ވަރަށް އެކަނިވެރި މީހެއް. އެކަމަކު އަހަރެން ވާހަކަ ދައްކާލާނެ މީހަކަށް މެދުވެރި ކުރެއްވީ ޝާޔަން ކަންނޭނގެ. އަހަރެން ބުނަން ބޭނުންވި ނަމަވެސް ނުބުނެވި ހުރި އެތަށް ވާހަކައެއް ޝާޔަންއާއި ޙިއްސާ ކުރެވުމުން ހިތަށް ވަރަށް ބޮޑަށް ލުއިވި.
ޝާޔަންއަށް ކުދިން ބުލީކުރި ނަމަވެސް އަމިއްލަ ނަފްސުގެ ދިފާއުގަ ތެދުވާގޮތުން ކޮންމެ ފަހަރަކު އަހަރެން ހައިރާންވެ އަޖައިބުވެސް ވޭ. ތިކަހަލަ ކުއްޖަކަށް އަހަރެންވެސް ވީ ނަމައޭ ހިތަށް އެރި. އަމިއްލަ ނަފްސަށްޓަކައިި ތެދުވަން އުއްމީދުކުރަން އަބަދުވެސް ތިގޮތުގަ ދެމިހުންނާނެ ކަމަށް. އެހެން މީހަކު ޝާޔަންގެ ބޭނުން ނަހަމަ ގޮތުގަ ހިފުމަށް ޖާގަ ނުދީ ތިގޮތަށް އަބަދުވެސް ހިތްވަރު ކުރައްޗޭ. ދުނިޔޭގަ ވަރަށް ފާޑު ފާޑުގެ މީހުން އުޅޭނެ." އެ ބަސްތަށް ކިޔަމުން ދިޔަ ވަރަކަށް ނަބްހާންގެ އަޑު އޭނާގެ ކަންފަތު ތެރޭގައި ގުގުމަމުން ދިޔަ ކަހަލަ އިޙްސާސެއް ޝާޔަންއަށް ކުރެވުނެވެ. އެ ބަސްތަކުގައިވި ތެދުވެރިކަން ޚުދު އޭނާއަށް އިޙުސާސްކުރެވުނަތީ ޝާޔަންއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ހިތްދަތިކަމުގެ ތެރެއިންވިޔަސްމެއެވެ. އެވަގުތުވެސް ރޯލަން ބޭނުންވީ މާ ބޮޑަށެވެ.
"އަދި އައިރިސް ފީލްޑްގެ ވާހަކަ ދައްކަން އެބަޖެހެއެއްނު ދޯ؟ އަހަރެންގެ ގިފްޓް ކަމުދިޔަތަ؟ ވިންސެންޓް ވެން ޣޮޚް ހޫ؟ ހެހެ. ރީތި ތަ އެ ޕެއިންޓިންގް؟ އަހަންނަކަށް ހިއެއް ނުވޭ އަހަރެންގެ އެ ހުވަފެން ޙަޤީގަތަކަށް ވެދާނެ ހެންނެއް. އެކަމަކު ޝާޔަންއަށް ދެވުނު ދުވަހަކުން އެތަނަށް ގޮސްދެއްޗޭ. އެ މާ ފެންނަ ކޮންމެ ފަހަރަކު އުއްމީދު އޮތްކަމާއި ހިތްވަރު ކުރާނެކަން ހަނދާން އާކުރައްޗޭ. މި ޕެއިންޓިންގް ވެސް މިއީ ޝާޔަންއަށް ދޭ ހިތްވަރެއްގެ ގޮތުން އަހަރެން ދޭ ހަދިޔާއެއް. ކުރިއަށްދާން ކުރާ އުއްމީދެއް ކަމަށް މީތި ބަލާ." ބަހުން އޭނާއަށް ޝާޔަންއަށް ހިތްވަރު ނުދެވިފައި ހުރި ނަމަވެސް ޝާޔަން ކުރާ ކޮންމެ ރަނގަޅު ކަމެއްގައިވެސް ނަބްހާން އޭނާއަށް ހިތްވަރުދޭނެ ކަމުގައި ބުނެފައި އޮތް ގޮތުން ޝާޔަންގެ ހަނދާނަށް އައީ ނަބްހާންގެ ބަލީގެ ވާހަކަ ފުރަތަމަ ފަހަރަށް އޭނާއާއި ޙިއްސާ ކުރި ރެއެވެ. އެރޭ އޭނާ ނަބްހާން ގާތު އެފަދަ ލަފްޒުތަކަކުން ނަބްހާންއަށް ހިތްވަރުދޭ އެކުވެރިއެއްގެ ގޮތުގައި ހުންނާނެ ވާހަކަ ބުނެލި ހަނދާން އާވުމުން ހިތަށް ކުޑަކޮށް ތަދުވެލިއެވެ.
އެ ވޭނުން އޭނާއަށް އަރައިގަންނަން ދުވަސްތަކެއް ވާނެކަން ޝާޔަންއަށް ނޭނގެނީއެއް ނޫނެވެ. އެހެނަސް ހިތްދަތިކަމަކީ އޭނާއަށް އެއްގޮތަކަށްވެސް ހިނިތުންވުމަކައިގެން މަރުޙަބާ ކިޔޭނެ އިހްސާސެއް ނޫނެވެ. ހިތްދަތިކަން އޭނާގެ ނަފްސަށް ގެނުވާ ވަރުބަލިކަމަކީ ޝާޔަންއަށް ރުހެވޭ ކަންކަމެއް ނޫނެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ އެއީ އޭނާގެ އަމިއްލަ ބާރުގެ ދަށުގައި އޮތް ކަމެއް ނޫނެވެ.
އޭގެ އިތުރުންވެސް ޝާޔަން ރަނގަޅަށް ކިޔެވުމަށާއި ﷲގެ ކުޅަދުންވަންތަކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ނަބްހާން ބުނެފައި އޮތީ އެކަލާނގެ ޙަޟްރަތުން އަބަދުވެސް އުއްމީދުކުރާށޭ ބުނެފައެވެ. އެކަލާނގެ ނިންމަވާ ނިންމެވުންތަށް އެހެން ހުރިހާ ނިންމެވުމަކަށްވުރެ ފުރިހަމަވާނެކަން ނަބްހާން ޝާޔަންއަށް ހަނދާންކޮށްދީފައި އޮތެވެ.
"ކިތަންމެ ދެރަވިޔަސް ނުބައި ފިޔަވަޅެއް ނުނަގައްޗޭ. މި ދުނިޔެއަކީ މަރަށްފަހު ކުރިމަތިލާންޖެހޭ މަރުޙަލާތަކާއި އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެއްނު؟ ދުނިޔޭގެ ވަގުތީ އުފަލުގަ ޖެހުނީމަ އަހަރެމެން ގިނަމީހުންނަށް އާޚިރަތް މަތިން ހަނދާން ނެތޭ ގޮތްވޭ. އެއީ ނާކާމިޔާބީގެ ފުރަތަމަ ފިޔަވަޅު. ޝާޔަން އެފަދަ ފިޔަވަޅެއް ނުނަގާނެ ކަމަށް އުއްމީދުކުރަން." ﷲ އާއި ދީން މަތިން ނަބްހާން އޭނާއަށް ހަނދާންކޮށްދީފައިވާގޮތުން ޝާޔަންއަށް ނަބްހާން އާއި މެދު އުފާކުރެވުނެވެ. އެއީ ރަނގަޅު އެކުވެރިއެއްގެ ގައިގައި އެންމެ ފުރަތަމަވެސް ހުންނަން ޖެހޭނެ ސިފައެއް ނޫންހެއްޔެވެ؟
"'ވަބި-ސާބީ' ޝާޔަންއަށް އިނގޭ ދޯ؟ އޭގެ މާނައިގަ ބުނާހެން ދިރިއުޅުމުގަ ފުރިހަމަ ނޫން ކަންތައްތަކުންވެސް ކޮންމެވެސް ރަނގަޅެއް ނުވަތަ ރީތިކަމެއް ވާކަމަށް ދެކި އެކަން ޤަބޫލުކުރައްޗޭ. މަލެއްގެ ފިޔައެއް މަދު ނަމަވެސް އެ މަލުގެ ރީތި ކަމަކަށް ބަދަލެއް ނާދެއެއްނު؟ ހަމަ އެގޮތަށް ދުނިޔޭގަވެސް ތިމާގެ ހިތް ފުރާލަދޭ ހުރިހާ ކަމެއް ނެތަސް، ހިތްދަތިކަން ލިބޭ އެތަށް ކަމެއް ހުއްޓަސް، ލިބޭ ކުދިކުދި އުފާތަކުން ހިތްހަމަޖެހުން ހޯދަން ޝާޔަން ދަސްކުރާނެ ކަމަށް އުއްމީދުކުރަން.
ތޭންކް ޔޫ ފޯރ ބީންގް މައި ފްރެންޑް. އުއްމީދުކުރަން ޝާޔަންގެ ހެޔޮދުޢާގަ އަހަރެންގެ ނަން އަބަދުވެސް ހިމަނާނެ ކަމަށް. ޝާޔަންއަށް އަބަދުވެސް ވަރަށް ކާމިޔާބު މުސްތަޤްބަލަކަށް އެދެން. އަހަރެންގެ ޙަޔާތުގެ އެންމެ ދަތި ދުވަސްތައް އުފާވެރިކޮށްދިނީތީ އަހަރެން އަބަދުވެސް ޝާޔަންއަށް ޝުކުރުވެރިވަން. ތޭންކް ޔޫ ޝޯރޓީ." މަޖާ އޮމޯޖީ އެއް އެންމެ ފަހު ލަފްޒުކައިރީގައި ކުރަހާލައިފައި އޮތް އިރު ޝާޔަންއަށް ހިނި އާދެވުނެވެ. ނަބްހާން އެ ނަމުން އޭނާއަށް އެތަށް ފަހަރަކު ގޮވާ ހެދި ގޮތުން އޭނާގެ ހިނިތުންވުން މަޑުމަޑުން ފޭދެމުން ގޮސް ހިތްދަތި ހިނިތުންވުމަކަށް ބަދަލުވިއެވެ. އޭގެން ކީ ކޮންމެ ޖުމުލައަކާއި އެކީ ނަބްހާންގެ އަޑު އޭނާގެ ކަންފަތުގައި ގުގުމާހެން ހީވި ހީވުމުން އޭނާގެ ހިތްދަތިކަން އިތުރުކުރުވާފައިވެއެވެ.
ސޯފާގައި ބޯ ޖައްސާލުމަށްފަހު ޝާޔަން ފުން ނޭވާއެއް ދޫކޮށްލިއެވެ. މީހާ ހަމައަކަށް އަޅުވަން އޭނާ މަސައްކަތް ކުރާ ފަދައެވެ. އެހެނަސް މަރާލެވިފައިވި ދެލޮލުގެ ކަނަކުން އަނެއްކާވެސް ކަރުނައެއް ވެއްޓުނެވެ. ޝާޔަންއަށް މޫނުމަތީގައި އަތް އަޅާލެވުނެވެ. އަމިއްލަ ނަފްސާމެދު ރުޅިގަދަވާ ގޮތްވީ މަސައްކަތް ކޮށްކޮށްވެސް އޭނާއަށް ރުއިން ހުއްޓާލެވޭގޮތް ނުވާތީއެވެ. އޭނާ ހަމައަކަށް އެޅެންވެސް އެބަޖެހެއެވެ. ނަބްހާންގެ ކަށުނަމާދުގައި ބައިވެރިވާން އޭނާ ބޭނުމެވެ. އެއީ އެކުވެރިއެއްގެ ޙައިސިއްޔަތުން އޭނާއަށް ނަބްހާންއަށް ދެން ދެވޭނެ އެންމެ ފުރިހަމަ ހަދިޔާއެއް ނޫންހެއްޔެވެ؟
އޭގެ އެތަށް އިރެއް ފަހުން ޝާޔަން އިނީ ސޯފާގައި ދެފައި މެއާއި ކައިރިކޮށްލައިގެން ވަކި އަމާޒެއްނެތި ކުރިއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ސިކުނޑީގައި އެތަކެއް ޚިޔާލުތަކެއް އެނބުރި އެނބުރި ހުރީ ހުއްޓުމެއް ނެތިއެވެ. އޭނާގެ ހަށިގަނޑު ގޭގެ ސިޓިންގްރޫމުގައިވީނަމަވެސް އޭނާގެ ވިސްނުން ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ޔޫކީވެސް ގޭތެރޭގައި ހިނގާލަ ހިނގާލާ އުޅެމުން ދިޔައީ ޝާޔަންއަށް ވަކި ސަމާލުކަމެއް ނުދީއެވެ.
ގޭގެ ބެލް އެޅި އަޑަށް ޝާޔަން ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އެ ދޮރު ހުޅުވަން ދާނީތޯ ނޫނީ އިންތާ އިންނާނީތޯ އޭނާ އަމިއްލަ ނަފްސާ ބަހުސްކުރަމުން ދިޔައީ ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމާއި ކަންނެއްކަމުންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ތެދުވެ ބަރު ފިޔަވަޅު ތަކެއްގައި ގޮސް ޝާޔަން ދޮރު ހުޅުވާލިއެވެ.
ލަސްލަހުން ހުޅުވާލި ދޮރާއި އެކީ ހާމަވެގެން ދިޔައީ ސްކޫލު ޔުނީފޯމުގައި ހުރި ރިމްޝާއެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. "ދޮން- ޝާޔަން.." ރިމްޝާ މަޑުމައިތިރިކަމާއި އެކީ ލަސްލަހުން ގޮވާލީ ޝާޔަންގެ ޙާލަތު ފެނިފައެވެ. ރަތްވެ، ދުޅަވެފައިވާ ދެލޮލާއި ރަތްވެފައިވާ ކޯތާފަތެވެ. ތަރުތީބުގެއްލިފައިވާ އިސްތަށިގަނޑުން ފެށިގެންގޮސް ފަޅަފަޅައިގެން ދާންފަށައިފައިވާ ތުންފަތެވެ. މިއަދު އޭނާގެ އަރުތެރެއިން ފެންފޮދެއް އެތެރެކޮށްލިކަމެއް ނޭނގެއެވެ.
ރިމްޝާ ދެތިން ފިޔަވަޅު ކުރިއަށް ނެގުމަށްފަހު ޝާޔަން ގައިގައި ލަސްލަހުން ބައްދާލިއެވެ. ޝާޔަން އަނގައަކުން ބަހެއް ނުބުނެއެވެ. ރިމްޝާގެ އަތުތެރެއިން ދެމިގަންނާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އޭނާ ހުރީ ވަރުބަލިވެފައެވެ. އެ ވަރުބަލިކަމުގެ ތެރެއިން މީހެއްގެ އެހީތެރިކަން ލިބުމުން ޝާޔަންއަށް ﷲއަށް ޙަމްދުކުރެވުނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ. އޭނާ ލަސްލަހުން ދެލޯ މަރާލުމަށްފަހު ހުރިގޮތަށް ރިމްޝާގެ ކޮނޑުގައި ބޯ އަޅާލައިގެން ހުރީއެވެ. އޭނާގެ ދެއަތް ހަށިގަނޑު ދެފަރާތުން ތިރިއަށް ދޫކޮށްލެވިފައެވެ. އެ އަތް އުފުލާލާނެހާ ހިތްވަރުވެސް އޭނާގެ ގައިގައި ނެތްފަދައެވެ. ރިމްޝާ ދޭތެރެއަކުން އޭނާގެ ބުރަކަށީގައި ޖަހާލަނީ ހިތްވަރުދިނުމުގެ ގޮތުން ކަންނޭނގެއެވެ.
ރިމްޝާއަށް ނަބްހާންގެ ޚަބަރު ލިބުމާއި އެކީ ވީހާވެސް އަވަހަކަށް އޭނާގެ ބައްޕައަށް ގުޅިއެވެ. އެއިރު ނާޖިދުވެސް އުޅެނީ އެ ޚަބަރު ލިބިގެން ހޮސްޕިޓަލަށް ދާށެވެ. ރިމްޝާ ކިޔާވަރުން އެންމެ ފަހުން ރިމްޝާ ބަލައި ސްކޫލަށް އައިސް، ރިމްޝާ ޝާޔަންގެ ގެއަށް ލީއެވެ. އެއަށްފަހު ސަރާ ގޮވައިގެން ނާޖިދު ދިޔައީ އެންމެ ސިކުންތެއްވެސް ލަސްކޮށްނުލައި ދުއްވުނު އެންމެ ބާރަކަށް ހޮސްޕިޓަލަށެވެ. އަމީންއަކީ ނައިބުރައީސަށް ވުމުގެ ކުރިންވެސް ނާޖިދާއި އޭނާއާއި ދެމެދު އެކުވެރިކަމެއް އޮތީތީވެއެވެ.
"އެއްޗެއް ކައިފިންތަ؟" ޝާޔަންއާއި އެކީ އައިސް ސޯފާގައި އިނުމަށްފަހު އެންމެފަހުން ރިމްޝާ އަހާލިއެވެ. ޝާޔަން އިސްވެ މިއަދު އޭނާއާއި އަދި އަނގައިނެއް ނުބުނެއެވެ. ރިމްޝާގެ ސުވާލަށް ޖަވާބެއްގެ ގޮތުން ޝާޔަން ދެފަރާތަށް ބޯހޫރުވާލުމާއި އެކީ ރިމްޝާ އޭނާގެ ސްކޫލު ދަބަސް ހުޅުވާލިއެވެ. އެއަށްފަހު އޭނާ ސްކޫލަށް ގެންދިޔަ ޕެކެޓާއި ކޭކު ނަގައި ޝާޔަންގެ އަތުތެރެއަށް ލިއެވެ. އެ ކާލާށޭ ބުނަމުންނެވެ.
ޝާޔަން ކާހިތެއް ނުވެޔޭ ބުނުމުންވެސް ރިމްޝާ އެކަމާއި ދެކޮޅު ހެދިއެވެ. "އަދި މިއަދު އެއްޗެއް ނުކައި ކަންނޭނގެ ތިހުރީ. އަހަރެންނަކަށް ނޭނގެ ކައްކާކަށް. އެއްޗެއް އޯޑަރ ކުރަން އިރުކޮޅެއް ނަގާނެތީވެ މިބުނީ އިހަށް ތީތި ކާލާށޭ." ރިމްޝާ ޝާޔަންއަށް ހަމްދަރުދީގެ ނަޒަރެއް ދީގެން އިނުމަށްފަހު އޭނާގެ ފޯނު ނަގައި އޮންލައިންކޮށް ކޮންމެވެސް ޕޭޖަކަށް ކާއެއްޗެހި އޯޑަރ ކުރަމުން ބުނެލިއެވެ.
"މުސްކުޅިވާއިރުވެސް ކައްކާކަށް ނޭނގޭ ދޯ." ޕެކެޓަށް ހޮޅި ޖަހާލަމުން އެ ބޯން ފެށުމުގެ ކުރިން ޝާޔަން އެއްމިޔަކަނުން ހިނިތުންވެފައި ބުނެލި ގޮތުން ރިމްޝާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ޝާޔަންއަށް ހިނިތުންވުމެއް ދިނީވެސް އެހެންވެއެވެ. ޝާޔަން ކުރިއަށްވުރެ ހަމައަކަށް އެޅިއްޖެކަން އިޙްސާސްވުމުންނެވެ. ރިމްޝާއަށް ނޭނގުނީ ކޮންމެ މީހަކު ހިނިތުންވަނީ އުފާވުމުން ނުވަތަ ހިތްހަމަޖެހުމުން ނޫންކަމެވެ. ކޮންމެ މީހަކީ އެމީހެއްގެ އިޙްސާސްތައް އަނެކާއަށް ދައްކާ މީހެއް ނޫންކަމެވެ.
އޭގެ ދެވަނަ ސިކުންތުގައި އެތާނގައި އޮތް ކެންވަސްއާއި އެ ކެންވަސްގެ މަތީގައި އޮތް ގަނޑު ރިމްޝާގެ ލޮލުގައި އަޅައިގަތެވެ. އެ ގަނޑުގެ އެންމެ ތިރީ ކަނުގައި '-ނަބްހާން' އޭ ޖަހައިފައި އޮތް ގޮތުން އެއީ ނަބްހާން ޝާޔަންއަށް ދީފައި އޮތް ހަދިއާއެއްކަން ދެނެގަންނާކަށް ރިމްޝާއަކަސް މާ ގިނަ ވަގުތެއް ނުނެގިއެވެ.
އެއާއި ބެހޭގޮތުން އިތުރު ސުވާލެއްވެސް ޝާޔަންއާއި އޭނާ ކުރިމައްޗެއް ނުކުރުވައެވެ. ބަދަލުގައި ޝާޔަންގެ އަތުގައި ހިފާލީއެވެ. ހިތްވަރުދިނުމުގެ ގޮތުންނެވެ.
ރިމްޝާ ދިޔުމާއި އެކީ ޝާޔަން އަނެއްކާވެސް އެކަނިވިއެވެ. އެޕާޓްމެންޓަށް ފަޅުކަން ވެރިވެފައިވެއެވެ. އެހެނަސް ދޮރުފޮތިތަށް ކަހާލަންދާހިތެއްވެސް އޭނާގެ ނެތެވެ. ސޯފާގައި އޮށޯވެލައިގެން އޮތް އިރު އޭނާގެ ދެލޯ މަރާލައިފައި އޮތެވެ. އެހެނަސް އޭނާ އޮތީ ނިދާފައެއް ނޫނެވެ.
އެގޮތުގައި އޮށްވާ ކުރިމަތީގައި ހުރި ކޮފީޓޭބަލް މަތީ އޮތް އޭނާގެ ފޯނު ވައިބްރޭޓްވާން ފެށުމުން ޝާޔަން ދެލޯ މަރާ ފިއްތާލިއެވެ. އޭގެ އަޑުވެސް އަހަން ބޭނުން ނުވާ ފަދައަކުންނެވެ. ދެވަނަ އިންސާނަކާއި މުޢާމަލާތްކުރާނެހާ ހިތްވަރު އޭނާގެ ދެން ނެތެވެ. އެ ހުރިހާ ހަކަތައެއް ރިމްޝާއާއި އެކީ ހޭދަވީ ވަގުތުކޮޅުގެ ތެރޭގައި ހުސްވެއްޖެއެވެ. އޭނާ ސޯފާގައި އޮވެ އަނެއް ފަރާތަށްވެސް އެނބުރިލީ އެހެންވެއެވެ. އިރުގަނޑަކު ވައިބްރޭޓްވުމަށްފަހު އެ އަޑު ވައިގެތެރެއަށް ހިނދިގެން ދިޔުމުން ޝާޔަން ލަސްލަހުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭސީގެ ފިނިން ފިނިވެފައިވާ ސޯފާގެ ގޮދަޑީގައި އޭނާގެ މޫނުމަތި ޖެހިފައިވުމުން މޫނުމައްޗަށް ކުރި ފިނީގެ އަސަރަށްވެސް ޝާޔަން އަޅައެއް ނުލިއެވެ. އެއީ އޭނާއަށް ކެތްކުރެވޭ ފިންޏެއްކަމުގައިވާތީ ކަމަށް ވެދާނެއެވެ. ޝާޔަންގެ ދެ ކޯތާފަތުންފެށިގެންގޮސް ނޭފަތްވެސް ވަނީ އެއިރު އެކީ އެކަށްހެން މަޑު ފިޔާތޮށިކުލައަކުން ފެވިފައެވެ.
އޭގެ ދެވަރަކަށް މިނެޓު ފަހުން އަނެއްކާވެސް ފޯނު ވައިބްރޭޓްވާން ފެށިއެވެ. އެކަން ތަކުރާރުވުމުން ބޮލަށް އެވާ އުނދަގޫ މާ ބޮޑުވީތީ ޝާޔަން އެންމެފަހުން އެ ފޯނަށް ގުޅަނީ ކާކުތޯ ބަލަން ނިންމިއެވެ. އޭނާ ލަސްލަހުން ހަށިގަނޑު ތެދުކޮށްލިއެވެ. ފޯނަށް އަރާފައި އިން ނަމުން ޝާޔަން އަވަސް އަވަހަށް މޫނުމަތި ފުހެލައި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެއަށްފަހު އަމިއްލަ ނަފްސަށް ހިނިތުންވުމެއް ވެރިކޮށްލުމަށްފަހު ފޯނު ނަގައި ފެހި ފިތަށް ފިތާލިއެވެ.
"ޝާޔަން ބަލާބަލަ. ސަކުރާ މޫސުން އައިއްސަ މިއޮތީ. މާމަ ހިނގާލަން އައިސް މި މަގު ރީތިކަމުން މި ގުޅާލީ." ފުޅާ ހިނިތުންވުމަކާއި އެކީ ވާހަކަ ދައްކަން ފެށީ ޝާޔަންގެ މާމައެވެ. މާމަގެ ފަހަތުން މަޑު ފިޔާތޮށިކުލައިގެ މާތަކުން ބަރާވެފައިވާ ގަސްތަށް ފެންނަމުން ދިޔަގޮތުން ހިތްގައިމު ގޮތެއް ވިއެވެ.
ކީއްވެ ހެއްޔެވެ؟ އެ މާތަކަށްވެސް ދުނިޔެއަށް ހަނާއަޅާލަން އެނގުނީ ހަމަ މިއަދުހެއްޔެވެ؟ އެ މާތަކަކީ ކިތަންމެހާވެސް ރީތި މާތަކެއް ކަމަކު އެއީ ޝާޔަންގެ ހިތާއި ސިކުނޑި ހިތްދަތި ޚިޔާލުތަކަކުން ފުރުވާލަދޭ މަލެއްކަމުގައި މެނުވީ ނުވެއެވެ.
ކަރުކެހިލުމަށްފަހު ހާދަ ރީތި ދޯއޭ ޝާޔަން ބުނެލިއެވެ. އޭނާގެ ހިނިތުންވުން ދެމެހެއްޓޭތޯ ޝާޔަން ދިޔައީ އެތަކެއް މަސައްކަތެއް ކުރަމުންނެވެ.
އެހެނަސް އޭނާގެ މާމަގެ މޫނުމަތީގައިވި ހިނިތުންވުން މަޑުމަޑުން ފިލާ އެ މާމަގެ ހުރިހާ ސަމާލުކަމެއް ޝާޔަންގެ މޫނުމައްޗަށް އެވަގުތު ހުސްވިއެވެ. ޝާޔަން އަވަސް އަވަހަށް ބެކް ކެމެރާއަށް ބަދަލުކޮށްލީ އެހެންވެއެވެ. "ދަރިފުޅު ރޮއެފަތަ؟ ކަމެއް ވީތަ؟" ފޯނު ތިރިކޮށްލުމަށްފަހު މޫނު އެކީހެން ފެންނާނެހެން ސްކްރީން ބަދަލުކޮށްލަމުން ޝާޔަންގެ މާމަ ކަންބޮޑުވެފައިވާ ރާގަކަށް ޝާޔަންއާއި ސުވާލުކޮށްލިއެވެ.
"ނޫން މާމާ.." ޝާޔަން އޭނާގެ އަޑު ހެޔޮވަރު ވަރެއްގައި ދަމަހައްޓަން މަސައްކަތްކުރަމުން ބުނެލިއެވެ. "ދެން ކީއްވެ މިއަދު ހަމައެކަނި 'އާން، ހޫން' ތި ބޭނުންކުރަނީ؟ ޝާޔަން މޫޑު ސަކަރާތްވެފަ ހުރިއްޔާ ނޫނީ ތިހެން ވާހަކައެއް ނުދައްކާނެ." ޝާޔަންގެ މާމަ ކަންބޮޑުވުމާއި އެކީ އަނެއްކާވެސް އިތުރުކޮށްލިއެވެ.
މާމައަށް އޭނާ އެހާ ރަނގަޅަށް އެނގޭ ކަމާއިމެދު ހިތާއިހިތުން ޝަކުވާކޮށްލެވުނު ވަގުތެއް އެ ނޫނީ ޝާޔަންގެ ޙަޔާތުގައި އައި ކަމެއް ނޭނގެއެވެ. އޭނާގެ އިޙްސާސްތައް އެންމެ ފޮރުވަން ބޭނުންވީ ވަގުތުގައިވެސް މާމަ އޭނާ ދެނެގެންފިއެވެ. ޝާޔަންގެ ހިތް އަނެއްކާވެސް ތަޅައިގެން ގޮސްފައިވާ ބިއްލޫރިކޮޅެއްހެން ކުދިކުދިވީ އެހެންވެއެވެ.
ބުނަން ނުބުނަން ހުރެފައިވެސް ތުރުތުރުލަމުންދިޔަ އަޑަކުން ޝާޔަންއަށް ޙަޤީގަތް ހާމަކޮށްލެވުނީ އުނދަގުލުންނެވެ.
***
ދުވަސްތައް ފާއިތުވަމުންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ނަބްހާން އެންމެންނާ ވަކިވެ މި ފަނާވަނިވި ދުނިޔެ ދޫކޮށް ދިޔަ ނަމަވެސް އެކަން ނޭނގި އެތަށް ބަޔަކު އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެއެވެ. އެހެނަސް ކުރިއަށްދާން ދަތިވެފައިވަނީ ނަބްހާންގެ ގާތްމީހުންނަށެވެ.
ޝާޔަންގެ މޫނުމަތި އަބަދުކަހަލަ ގޮތަކަށް ހުންނަނީ މިލާފައެވެ. އެ މޫނުމަތިން މިފަހުން ހިނިތުންވުމެއް ފެނުނު ދުވަހެއް ބުނެދޭކަށް އެކަކަށްވެސް ނޭނގެއެވެ. ކްލާހުގައި ކޮންމެވެސް މުދައްރިސެއް އެބޭފުޅާގެ ގަޑި ނަންގަވައިދެއްވަމުން ދިޔައެވެ. އެހެނަސް ޝާޔަންއަށް އެ ގަޑިއަށް އެއްވެސް ސަމާލުކަމެއް ނުދެވުނެވެ. މޭޒުމަތީގައި ބޯ އަޅާލައިގެން އޮތް އިރު އޭނާގެ ނަޒަރު އެކީހެން ހުއްޓިފައިވަނީ އޭނާގެ ވާއަތް ފަރާތުގައި ހުރި ހުސް މޭޒަށެވެ. ނަބްހާންގެ މޭޒެވެ. މޭޒާއި ގޮނޑި ކައިރި ކޮށްލެވިފައިވާއިރު ދެން ދުވަހަކުވެސް އެ މޭޒުދޮށުގައި ނަބްހާން ނީންނާނެކަން އޭނާގެ ހިތް ހަނދާންކޮށްލަދިން ވަގުތު ޝާޔަންގެ ހިތް ގެނބުނެވެ.
އެ ހިތުގައި އެޅިފައިވާ ކޫރުންތަކުގައި ބޮޑުވަމުންދާ ރިހުން ދުވަހެއް ދުވަހަކަށް ވަނީ އިތުރެވެ. އެ ހިތަށް އަދި ޝިފާއެއް ލިބުނުތަނެއް އޭނާއަކަށް ނުފެނެއެވެ. މޭތެރޭގައި އޮވެ އެ ހިތް ކޮންމެދުވަހަކު ރޮމުންދާގޮތުން ޝާޔަންއަށް ލިބިފައިވާ ހިތްދަތިކަން ކޮންމެ ދުވަހަކު ދެގުނަވެފައިވެއެވެ. ޙަޔާތުން ދޫވެފައިވާ އޭނާގެ ގާތް އެންމެން މަތިން އެ ހިތް ހަނދާންކޮށްދެމުން ދާގޮތުން ދިރިއުޅުމައިގެން ކުރިއަށްދާން އޭނާއަށް ކޮންމެ ދުވަހަކު ވަނީ ބޮޑު ގޮންޖެހުމަކަށެވެ.
ނަބްހާންގެ ވަކިވުމަށްފަހު މުޅި ކްލާސްވެސް ވަނީ ހިމޭންވެފައެވެ. އެކުދިންނަށްވެސް ނަބްހާން ނެތްކަމުގެ އަސަރުކޮށްފައިވީތީއެވެ. ޝާޔަންއާއި ދިމާކޮށް އުޅުނު ނިހާވެސް ފަހަތަށް ފިޔަވަޅެއް އަޅާލީކަންނޭނގެއެވެ. ކްލާސްތެރޭގައި ސަކަރާތްޖެހުމުގެ އަޑުވެސް މިދުވަސްކޮޅު ވަނީ އެކީހެން މަޑުވެފައެވެ. މާ ގާތް އެކުވެރިއަކަށް ނުވި ނަމަވެސް ނަބްހާންއަކީވެސް އެކުދިންނާއި އެކީ އެތަށް ދުވަހެއް ހޭދަކޮށްފައިވާ އެއްކޮށް ކިޔެވި ދަރިވަރެކެވެ. އެހެންކަމުން އެކުދިންނަށްވެސް އަސަރު ކުރާނެ ނޫންހެއްޔެވެ؟
ނަބްހާންގެ މޭޒަށްފަހު ދެން ވާތްފަރާތުން ފެންނަން އިން ކުޑަދޮރުން ބޭރު ފެންނަމުންދިޔައިރު އުޑުމަތީގައި މިއަދު ރަސްކަންކުރަމުންދިޔައީ ބަނަ ވިލާތަކެކެވެ. އަޅިކުލަ އަރައިފައިވާ ވިލާތަކުން އިރުގެ އަލި ވަންހަނާކޮށްލައިފައިވާއިރު ދެންމެ ދެންމެ ވާރޭ އޮއްސައިގަނެފާނެހެން ހީވެއެވެ. ޖެހެމުންދާ ފިނި ވައިރޯޅިތަށް ގަސްތަކުގެ ފަތްތަކާއި ކުރަމުން ދިޔައީ ސަމާސާއޭ ބުނަން ދަތިވަނީ އެ ވައިރޯޅީގެ ބާރު ގަދަ ކަމުން ގަސްތަކުގެ ގޮފިތަށް އޭގެ ސަލާމަތަށްޓަކައި ބާރަށް ހެލެމުން ދިޔައީތީއެވެ.
ހިމަފޮދު ވާރޭ އޭގެ އިރުކޮޅެއް ފަހުން ވެހެން ފެށުމާއި އެކީ ކްލާހުގެ ކުޑަދޮރުތައް އެ ވާރޭ ތިކިތަކުން ފުރާލައި ބޭރުން ފެންނަމުންދިޔަ މަންޒަރު ފުސްކޮށްލަން ނެގީ މަދު ސިކުންތުކޮޅެކެވެ. ޝާޔަންއަށް ލިބިފައިވާ ހިތާމައިގައި އެ ވާރޭވެސް ބައިވެރިވާފަދައެވެ. މުޅި ކްލާސް އަނދިރިވެގެން ދިޔުމާއި އެކީ މުދައްރިސް ގޮސް ބޮކިތައް ޖައްސާލި ވަގުތު ޝާޔަން ދެލޯ މަރާލިއެވެ.
(ނުނިމޭ)