ޖިޔާންގެ ފޮޓޯފެންނަ ކޮންމެ ފަހަރަކު އެހިތްދަތި ހާދިސާގެ ހަނދާންތައް އާވެ، އަހަރެންގެ ދެލޯ ކަރުނުން ތެންމާލައެވެ. ޖިޔާންއަކީ އަހަރެނަށް ވުރެ ސުކުންތުކޮޅެއް ކުރިން ދުނިޔެއަށް ނޭވާލި އަހަރެންގެ އެންމާބަނޑު ބޭބެއެވެ. އެއްކުލާހެއްގައި ކިޔަވަމުންދިޔަ، އަހަރެންގެ އެންމެ ގާތް އެކުވެރިޔާވެސްމެއެވެ.
އެއީ މީގެ ހަތަރުވަރަކަށް އަހަރު ކުރިއެވެ. އޭރު އަހަރެމެން ކިޔަވަމުން ދިޔައީ ގުރޭޑު 8 ގައެވެ. ހޮނިހިރު ދުވަހު ހެނދުނު ނެގުމަށް ހަމަޖެހުނު ދިވެހި މާއްދާގެ އިތުރުގަޑި ރޭގަނޑަށް ލަސްވިކަން އަހަރެމެންނަށް އެނގުނީ ތައްޔާރުވެގެން އިސްކޫލަށް ދިޔަ މަގުމަތީގައި، ހައިތަމްއާ ދިމާވެގެން އޭނާ ބުނުމުންނެވެ. ހައިތަމްއަކީ އަހަރެމެންގެ މަންމައާއި އެއްބަނޑު ބޮޑު ބޭބެގެ ހުރި ހަމަ އެކަނި ދަރިފުޅެވެ.
އެދުވަހު ގެއަށްދިޔަ މަގުމަތީގައި އަހަރެމެން ނިންމީ ތުނޑީ ސަރަހައްދަށް މޫދަށްއެރެލަން ދިއުމަށްކަމުން، ގެއަށް ދެވުމާއެކު އަހަރެމެން މަންމަ ގާތުން ހުއްދަހޯދަން ދިޔައީމެވެ. މަންމަ ހުއްދަ ދިނީ ޖިޔާންއަށް އެކަނިއެވެ. އަހަރެންނަށް ހުއްދަދޭން މަންމަ އިންކާރު ކުރަމުން ދިޔައީ އަހަރެންނަށް ރަނގަޅަށް ފަތަން ނޭނގޭތީއެވެ. އެތަކެއް ފަހަރަކު އަހަރެން ރަނގަޅަށް ބަލާނަން ކަމަށް ބުނެ ޖިޔާން ހުވާތަކެއް ކުރަން ފެށުމުން އެންމެ ފަހުން މަންމަ އެއްބަސްވިއެވެ.
ތުނޑި ސަރަހައްދަށް ދެވުމާއެކު އެންމެ ފުރަތަމަ މޫދަށް ފުންމާލީ ހައިތަމްއެވެ. ކޮންމެސް ވަރަކަށް ރާޅުހުރުމުގެ ސަބަބުން މޫދަށް އެރެން އަހަރެން އިންކާރު ކުރީމެވެ. ނަމަވެސް އިރުކޮޅަކު މަޑުކޮއްލައިގެެން ހުރެފައި ކެތްމަދުނުކުރެވިގެން އަހަރެން ވެސް މޫދަށް ފުންމައިލީމެވެ. މޫދުގެ ލޮނުގަނޑުގެ ތެރޭގައިއަހަރެމެން ތިން މީހުން މަޖާކުރަމުން ދަނިކޮށް، ޖެހި ރާޅަކާއެކު ގުނޑޮޅި މަތިން ކައްސައިލައި އަހަރެން އަޑިއަށް ދަނީއެވެ. އެވަގުތު އަހަރެންނަށް އިވުނީ " ޒިއާން.. ޒިއާން .. " އޭ ކިޔާ ވަރަށް ބާރަށް ގޮވަމުން އަހަރެންނާ ދިމާލަށް ޖިޔާން ފަތާފައި އަންނަ ތަނެވެ.
އަހަރެންނަށް ހޭވެރިކަން ވީި، ހޮސްޕިޓަލުގެ އެނދެއް މަތީގައި އޮއްވައެވެ. ރަށުގެ މީހުން ވަދެ ވޯޑުތެރެ އޮތީ މުޅިންހެން ފުރިފައިއެވެ. އަހަރެން ޖެހިގެން އޮތް އެނދުގައި ހައިތަމް ބާއްވާަފައި އޮތެވެ. ވެގެން އުޅޭގޮތް ދެނެގަންނަން އަހަރެން މަސައްކަތް ކުރަމުން ދަނިކޮށް ، އަހަރެންމެ ލޮލުގައި އަޅައިގަތީ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަގެ ކޯރުތަށް ފުހަމުން ދިޔަ އަހަރެންގެ މަންމައާއި ބައްޕައެވެ. އަހަރެންގެ ހިތަށް ބިރުވެރިކަމެއް ވެރިވެގެން ދިޔައީ، ޖިޔާން ކޮބާތޯ ސުވާލުކުރުމުން އަހަރެންނަށް އެއްވެސް މީހަކު ޖަވާބު ނުދިނުމުންނެވެ. އެތަކެއް ފަހަރު އެ ސުވާލެއް ތަކުރާރުކޮށް ރޯންފެށުމުން އަހަރެންނަށް، ވެގެންއުޅޭ ގޮތް ކިޔާދިނީ ބައްޕައެވެ. އަހަރެންގެ މެއަށް ހަންޖަރަކުން ހަމަލާދިން ކަހަލައެވެ.
ދެލޯނޭދި އެދޭ އަހަރެންގެ ބޭބެ އަހަރެން ސަލާމަތްކުރަން އުޅުމުގެތެރޭގައި ދުނިޔެއާ ޢަލްވަދާޢު ކީއެވެ. މަންމަ އާ ކުރި ވަޢުދު ފުރިހަމަކުރީއެވެ. އަހަރެންނަށްޓަކައި ފުޜާނައިން ޤުރުބާން ވީއެވެ. އެދުވަހަށްފަހު ޖިޔާންގެ ފޮޓޯފެންނަ ކޮންމެ ފަހަރަކު އެެ ހިތި މާޒީގެ ހަނދާންއާވެ، އަހަރެނގެ ދެލޯ ކަރުނައި ތެންމާލައެވެ. އެ ދުވަހަށްފަހު ދުވަހަކުވެސް މޫދަށް ނޭރުމަށް އަހަރެން މިހުރީ ޢަޒުމް ކަނޑައަޅައިގެންނެވެ. ޖިޔާން އަހަރެންނަށްޓަކައި ވީ ޤުރުބާނީ މަތިން އަހަރެން ދުވަހަކުވެސް ހަނދާން ނުނައްތާނަމެވެ.
ވަރަށް ސަޅި!✨❤️މާޝާﷲ
❤️
ޝުކުރިއްޔާ!