ރަސްގެފާނާއި ފަގީރުކޮއި - 1

ރައްޔިތުންގެ ބައްދަލުވުމަކަށް ރަސްގެފާނު ދަޢުވަތު ދީފައިވާތީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ރަސްގެފާނުގެ ގަނޑުވަރު ކައިރިއަށް ޖަމާވަމުން ދިޔައެވެ. ރަށަށް ކުރިމަތި ވެފައިވާ ނުރައްކަލުން ރަށްސަލާމަތް ކުރުމަށް ކަންތައްކުރާނެ ގޮތަކާއިމެދު މަޝްވަރާކުރުމަށް ރައްޔިތުންނާއި ބޮޑުން ގުޅިގެން ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން މިރެއަކީ ވަރަށް ހާއްސަ ރެއެކެވެ.

ގާތްގަނޑަކަށް ތިންގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ ރައްޔިތުންގެ ބައްދަލުވުމުން ނިންމީ، ރަސްގެފާނު ވެސް ބޭނުންވެލެއްވި ފަދައިން ދުރުހިސާބަކުން ނަމަވެސް ފަންޑިތަހަދާ މީހަކު ގެނެސް ފަންޑިތަހަދައިގެން ނަމަވެސް ރަށަށް ދިމާވެފައިވާ ނުރައްކަލުން ރަށް ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި ރަށަށް ދިމާވެފައިވާ ނުރައްކަލުގެ އަސްލަކީ ރަށުމީހަކަށް ވެއްޖެ ނަމަ އޭނާ ރަޖަމުކުރުމަށް ވެސް ނިންމިއެވެ.

ރައްޔިތުންގެ ބައްދަލުވުމުން ރައްޔިތުން ނިންމި ނިންމުމާއި އެއްގޮތަށް، ރަށަށް ދިމާވެފައިވާ ނުރައްކަލުން ރަށް ސަލާމަތް ކުރުމަށް ފަންޑިތަވެރިއަކު ގެނައުމަށް، ރައްޔިތުންގެ ބަނޑުއޮޑީގައި ދަތުރުފެށީ ހެނދުނު އަށެއް ޖަހާކަން ހާއިރުއެވެ.

ދުވަހަކީ ކަނޑުމަޑު ވައިމަޑު މޫސުމްރީތި ދުވަހަކަށްވާތީ ހުރިހާއެންމެން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.ކުރަންއުޅޭކަންތައް ކާމިޔާބުވާނެކަމުގެ ފޮނިއުންމީދުގައި ވެސް މެއެވެ. ތިންރިޔަލުގައި ވައިއަޅުވާލުމާއިއެކު ނުހަނުފަރި ދުވެއްޔެއްގައި އޮޑި ދަތުރުކުރަމުން ދިޔައެވެ.

ކުއްލިއަކަށް މޫސުމްބަދަލުވީ އެފަދަކަމަކާއިމެދު އެއްވެސް މީހަކު ވިސްނާވެސްނުލައި ތިއްބައެވެ.ނުހަނުބާރު ގަދަވަޔާއެކު ވިދާ ގުރުރާ ވާރޭވެހެންފެށީ ކުއްލިއަކަށް ކުރިމަތިވި ތޫފާނެއް ފަދައިންނެވެ. މީހުންތައް ހާސްވެ ހަދާނެގޮތް ހުސްވެގެން ކަހަލަ ގޮތަކަށް ކޮޅުކޮޅުމައްޗަށް ދުވަންފެށިއިރު، ޖަހާލާ ބާރު ގުގުރީގެއަޑުން ކަންފަތްތައް ބައްވެގެންދާހާ ވެއެވެ. ނަގަމުންދާ ބޮޑެތި ރާޅުތަކާއިއެކު އޮޑި ބަންޑުޖަހާލަނީއޭ ހީވި އެތައްފަހަރެއް ކުރިމަތިވިއިރު އޮޑީތެރޭގައި ފައިހަރުލާވަރެއް ނުވެއެވެ. ރިޔާތައް ތިރިކުރަން ކުރަމުންދިޔަ މަސައްކަތަށް އަލިމަގެއް ނުފެނެއެވެ.

ވިދާލި ގަދަފަދަ ވިދުވަރާއެކު ހޮނުއެޅި ކަހަލައެވެ. އޮޑީގެ ބޮޑު ރިޔަލުގައި ރޯވީ ކުއްލިއަކަށެވެ. ވެހެމުންދިޔަ ބޯ ވާރޭގައި އަނދަމުންދިޔަ ރިޔަލަށް ބަލާލެވުމާއިއެކު ކޮންމެމީހަކަށް ވެސް ބުނެވުނީ މިއީ އާދައިގެކަމެއް ނޫން ކަމަށެވެ. ކުރިމަތިވި ތޫފާނުގެ ސަބަބުން ބައެއްމީހުން ހާސްވެ ކަންބޮޑުވުމުގެ އިތުރުން ރޮވޭގޮތް ވެސް ވެއްޖެއެވެ. ދުއްވޭވަރު ނުވެގެން ކުޑަރިޔާތައް ތިރި ކޮށްލި އެވެ.

މުއާޞަލާތީގޮތުން މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ރައްޔިތުން ތިބީ ފޮނިއުންމީދެއްގައެވެ. ބަނޑުއޮޑިއަށް ދިމާވެގެން އުޅޭ ތޫފާނާއިބެހޭ އެއްވެސް މަޢުލޫމާތެއް ރައްޔިތުންނަކަށް ނުލިބެ އެވެ. އެފަދަ މަޢުލޫމާތެއް ހޯދޭނެގޮތެއް ވެސް ނެތެވެ.

އިރުއޮއްސުމުގެ ކުލަވަރު އުދަރެހުން ދައްކާލިއިރު މޫސުން ކޮންމެވެސް ވަރަކަށް ރަނގަޅުވެއްޖެއެވެ. ވެހެމުންދިޔަ ވާރޭ ތުނިކޮށްލައި ވައިމަޑުވެ ކަނޑު މަޑުވެއްޖެއެވެ.

މޫސުން ރަނގަޅުވިއިރު އޮޑިއަށް މިއޮވެވުނީ ކޮން ހިސާބެއްގައިކަން އެނގޭ އެކަކު ވެސް ނެތެވެ. އެންމެބޮޑުވަރަކަށް ވެސް އެނގެނީ ރަށް އޮންނާނެކަމަށް ލަފާކުރާ ދިމާއެއް ބުނާށެވެ. ރަށުފެންވަރުން މޮޅެތި ހުނަރުވެރި ކެޔޮޅުންނާއި މާލިމީން އޮޑީގައި ގިނަ ނަމަވެސް، ކުއްލިއަކަށް މިދިމާވި ހާދިސާގެ ސަބަބުން އެބައި މީހުނަށް ވެސް ވަނީ މަގުއޮޅިފައެވެ.

އާންމުއުސޫލުގެދަށުން ބަނޑުއޮޑި ދަތުރުކުރާގޮތަށް ދަތުރުކޮށްފިނަމަ މިހާރު ބަނޑުއޮޑި އޮންނާނީ ފަންޑިތަވެރިޔާގެ ރަށުގައިކަން ރަށުގެ އެންމެނަށް ވެސް އެނގެއެވެ.

ދިމާވި ހާދިސާގައި ބޮޑުރިޔާ އަނދައިގެންދިޔަ ނަމަވެސް، ކުޑަދެރިޔަލުގައި ވައި އަޅުވާލަމުން ، އެންމެގިނަ މީހުނަށް އެއްބަސްވެވުނު ދިމާއަށް އަނެއްކާ ވެސް ދަތުރުފެށިއެވެ.

އޮއްސުނުއިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވެގެން ދިޔައިރު ހަމަހިމޭންކަމާއި ފަޅުކަން ވެސް ވެރިވެއްޖެ އެވެ. މަގެއްމަތިން މީހަކު ނުވެސް ފެނެޔޭ ބުނާހާ ފަޅުކޮށް މަގުތައް ފެންނަމުންދިޔައިރު، ގެއެއްގެތެރެއިން ބާރުއަޑެއް ވެސް އިވިނުލަ އެވެ. ގަދަފަދަ އައްޔެއް ނުވެސް ފެނެއެވެ.

ފަގީރުކޮއި އޭނާގެ އާދައިގެމަތިން މިރޭ ވެސް އިސާ ނަމާދަށް ދިޔައީ ނުވައެއްޖަހާކަން ހާއިރުއެވެ.   ފަސްއިރު ފަސްނަމާދުކޮށް ޤުރުއާންކިޔަވާ މީހުންނާއި ކުޑަކުދިން މަދު އެރަށުގައި ބަރާބަރަށް ނަމާދުކުރާ ކުޑަކުއްޖަކީ ހަމައެކަނި ފަގީރު ކޮއެވެ. އެހެނަސް ނަމާދަށް ގޮސްއުޅޭ ބައެއްމީހުންގެ ޢަމަލުތަކާއި ބަސްމަގު ހުންނަގޮތުން ވަގުތަށް މިސްކިތަށް ގޮސް ނަމާދުކޮށް ކިޔަވާ އުޅުމަކީ ފަގީރުކޮޔަށް ވަރަށް އުނދަގޫކަމަކަށް ވިއެވެ.

ފަގީރުކޮއި އާންމުކޮށް މިސްކިތަށްދަނީ އެހެން މީހުން ނަމާދުކޮށް ޤުރުއާންކިޔަވައި ނިންމާ މިސްކިތް ހުސްވުމުން ނެވެ.

މިސްކިތު ވަޅުން ވުޟޫކޮށްލައިގެން މިސްކިތަށް އަރަމުން ފަގީރުކޮއި ބަލާލީ އެހެންމީހަކު މިސްކިތުގައި ހުރިތޯ އެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު، ޤުރުއާން ކިޔެވުމަށް ޓަކައި އިރުކޮޅަކު ފަގީރުކޮއި މަޑުކޮށްލިއެވެ.

ފަގީރުކޮއި މިސްކިތުން ފައިބައިގެން ގެއަށް އައިއިރު އޭނަ އައުން ލަސްވެގެން، އޭނާގެ މަންމަ ސުލޭމާނާ ދޮރޯށިކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އެދެމައިންނަކީ އަޅާލާނެ އެއްވެސް މީހަކު ނެތް އެރަށުގައިތިބި އެންމެބޮޑު ދެފަގީރުންނަށްވާތީ އެ ދެމައިންނަށް ބަލާލާ މީހަކު ވެސް އެރަށުގައި ނޫޅެއެވެ.

ރަސްގެފާނުގެ ގަނޑުވަރު ބެލެހެއްޓުމަށްޓަކައި ހޭލައި ތިބި ގާޑުންތައް ސިއްސައިގެންދިޔައީ ގަނޑުވަރާއިދިމާ ވަރަށް މަތިން ކުއްލިއަކަށް އިވުނު ވަރަށްބާރު އަޑުފަށްގަނޑެއްގެ ސަބަބުން ނެވެ. މާކަނާ ގޮވާލާކަހަލަ ބާރުއަޑަކާއިއެކު ބަކަރި ހޭރޭ ޒާތުގެއަޑެއް ވެސް އެއަޑުތަކާއި އެކުވެގެން އައެވެ.

އަޑުއައިކަމަށް ލަފާކުރެވޭ ދިމާއިން ފާޅުވި ގަދަރަތް ކުލައިގެ ދެއަލިކޮޅު ބޮޑުވަމުން ކައިރިވަމުން އައީ އެއާރޕޯޓަކަށް ޖައްސަންއައި ފުލައިޓެއްހައި ބާރަށެވެ. ފެނުނު މަންޒަރާއި އިވުނު އަޑުތަކާއިއެކު ގާޑުންތަކުގެ ހަރަކާތްތައް އަވަސްވެގެން ދިޔައެވެ.

ދިމާވެދާނެ ނުރައްކަލަކަށް ވިސްނައި ދުނިދަނޑި ތަކާއި ސާޅަނގަތައް ނަގައި ހަމާލާއަށް ތައްޔާރުވެލިއިރު ކޮންމެ ވެސް ކަހަލަ މަޚްލޫޤެއްގެސިފަ ގަނޑުވަރާއިދިމާ މަތިން ޖައްވުގެ ތެރެއިން ފާޅުވާން ފަށައިފިއެވެ.

ބޮޑު ދެފިޔަގަނޑާއި ދިގުހަށިގަނޑެއް ލިބިފައިވާ އެމަޚްލޫޤުގެ ދެލޯ ވަނީ ގަދަރަތްކުލައިން ދިލިފައެވެ. ބޮލުން ފެށިގެން ނަގުލުގެ ނިމޭކޮޅާއި ހަމައަށް ބުރަކަށިމަތިން ކޮތަރިބަޔެއް ވާއިރު، ކޮތަރިބައިން ފެންނަމުންދަނީ ތޫނުކަމެވެ. ހަތަރެސްފައި ލިބިފައިވާއިރު އިނގިލިތައް ދިގުވެފައި ބުޅިއެވެ. ނިޔަފަތިތައް ދިގުވެފައި ބޯބޮޑެވެ. އަނގަ ބޮޑުވެފައި ދެކަންފަތް ދިގެވެ. މުޅިހަށިގަނޑުގައި ވަނީ ހުޅުނބު ފާޑުގެއެއްޗެއް ފަޅާފައެވެ. ކަރު ދިގުވެފައި ހިމައިރު ބޮޑުދިގު ދުލެއް ލިބިފައިވެއެވެ. ދެލޯހުރީ ގަދަރަތްކުލައިން ދިލިފަ އެވެ. ހީވަނީ ރުޅިއައިސް ދެލޯރަތްވެފައި ވާހެންނެވެ.

” ޑްރެގަން .... ޑްރެގަން. “ ގާޑުންގެތެރެއިން މީހަކު އެހެން ގޮވާލުމާއިއެކު އެންމެންގެ ސަމާލުކަމަށް އެކަން އައެވެ. އަވަސް ހަރަކާތްތަކާއިއެކު ދުނިދަނޑިތަކާއި ސާޅަނގަތައް އެދިމާއަށް އަމާޒުކޮށްލިއެވެ.

ކަންފަތްތައް ބީރުވާފަދަ ބާރު އަޑުއަހާލަން ހުތުރު ބިރުން ސިއްސައިގެންދާފަދަ ބާރުއަޑުތަކެއް ލައްވަމުން ބާރުބާރަށް އުދުހެމުން އައި އެމަޚްލޫޤުގެ އަމާޒަކީ ގަނޑުވަރުކަން ހުރިހާ ގާޑުންނަށް ވެސް ޔަގީންވިއެވެ.

މިހާރު ރަށަށް ދިމާވެފައިވާ ނުރައްކަލާއި އެ މަޚްލޫޤާއި ކޮންމެވެސް ގުޅުމެއްވާނެކަމުގައި ހުރިހާ ގާޑުންނަށް ވެސް ގަބޫލު ކުރެވުނެވެ. އެއާއެކު އެމަޚްލޫޤުގެ ދުވަސް އަބަދުގެ އަބަދަށް ދުއްވާލުމަށް އަވަސްވެގަތެވެ.

އިސްގާޑު ގޮވާލިގޮވާލުމާއިއެކު ދުނިވެރިންނާއި ސާޅަނގަވެރިން އެމަޚްލޫޤަށް ހަމަލާދޭން ފެށިއެވެ. ހުސިޔާރުކަމާއި ސީދާކަމާއިއެކު ފޮނުވާލި ގިނަހަމާލާތައް އެމަޚްލޫޤަށް އަމާޒުވިއެވެ. ކުއްލިއަކަށް އަމާޒުވި ހަމަލާތަކާއިއެކު އެމަޚްލޫޤު އަރިއަޅާލި ނަމަވެސް، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިތުރު ހިތްވަރާއިއެކު ހިންދެމިލަމުން ކަރުދަމާލިއެވެ.މައްޗަށް އަރަން މަސައްކަތް ކުރަމުން ހުޅުވާލި ބޮޑުއަނގައިން ފޮނުވާލި ބޮޑު އަލިފާންގަނޑު އައިސް ޖެހުނީ ގަނޑުވަރުގެ ފުރާޅުން ބައެއްގައެވެ. އެއާއެކު އަމަޚްލޫޤު ލައްވާލިއަޑު ރުޅިވެރިވެފައި ބާރެވެ.

ނުހަނު އަރާމުގައި ނިދާލާފައިތިބި ރައްޔިތުންގެ ތެރެއިން ގިނަބަޔެއްގެ ހަތަރެސްފައި ކޮޅަށްޖެހިގެން ދިޔައީ ކުއްލި އަކަށް އިވުނު ބާރުއަޑުތަކެއްގެ ސަބަބުންނެވެ. އެހެނަސް އިތުރަށް އެއަޑުތައް އަހާކަށް ވެގެންއުޅޭގޮތް ބަލާކަށް އެކަކަށް ވެސް ނުކެރުނެވެ.ރޮއިގަންނަމުން ހަޅޭލަވައިގަނެވުނު ނަމަވެސް ތިބި ގޮތަށް ތިބީ އެހެންވެއެވެ.

އަލިފާންގަނޑު އައިސް ފުރާޅުގައި ޖެހުމާއިއެކު އެ ފުރާޅުން ބައެއްގައި އަލިފާން ރޯވެއްޖެއެވެ.

(ނުނިމޭ)

Please log in or register to bookmark.
6k

10 ޚިޔާލު

  1. ކުޑަކުދިންގެ ވާހަކަތައް ޕުރިންޓު ކުރެވޭ ގޮތައް ހުންނަނަމަ ވަރަށް ރަގަޅު

    5
    1

ޚިޔާލު

Your email address will not be published.