"އަކިލް ނުގުޅާތަ؟" ޝާޔާގެ ރާގު ސީރިއަސް ވެގެން ދިއައިރު، އޭނާ ކޮށްލި ސުވާލާއެކު ބުނާނެ އެއްޗެއް އަހަރެންނަކަށް ފުރަތަމަ ނުވިސްނުނެވެ.
"ފުރަތަމަކޮޅު ބަރާބަރަށް ގުޅައިގެން ވާހަކަދެއްކި، އެކަމް ކުއްލިއަކަށް ނޭނގެ ވީ ގޮތެއް. މިހާރު މަލަކްގެ ފޯނަށް އަކިލްގެ ކޯލެއް ނާންނަ ތާ އެއްމަސް ވެދާނޭ ބުންޏަސް ދޮގަކަށް ނުވާނެ. ނޭނގެ އޭނައަށް ވީގޮތެއް" ދެކޮނޑު އަރުވައިލަމުން އަހަރެން އެ ވާހަކަތައް ޝާޔާއާއި ހިއްސާކުރީމެވެ.
"މަލަކްއަށް އިނގޭތަ އަކިލްގެ ވަގުތާ، އޯގާތެރިކަމާ އަޅާލުމަށް މަލަކް މިހާރު ބޭނުންވާކަން؟ އޭނަގެ އެންމެ އިޝާރާތަކަށް ނަމަވެސް މަލަކްއަށް އިންތިޒާރު ކުރެވޭކަން؟ އިނގޭތަ އެއީ ކީތްވެގެން ކަން؟" ފަތިފައްޗަށް ޝާޔާ ސުވާލު އަމުނައިލިއިރު، އެ ސުވާލުތަކުގެ ޖަވާބު އަހަރެންގެ ހިތާ ސިކުނޑި އަހަރެންނަށް ދެމުން ދިއައެވެ. ނަމަވެސް.....
ވާރޭގެ ތިކިތައް ފުރާޅަށް ހަމަލާދެމުން ދިޔަ އަޑު އިވިއިވި ހުއްޓެވެ. އިރުއިރު ކޮޅާ އުޑުމަތި ވިދާލާ އިރު، ޖެހެމުން ދިޔަ ގަދަ ވައި މާހައުލު އިތުރަށް ފިނި ކުރުވަމުން ދިޔައެވެ. އަރާމުކަން މަތީ ނިދައިލަން ކޮންމެ މީހަކަށް ވެސް ފަސޭހަވާނެ ފަދަ ހިތްގައިމު ރެއެކެވެ. ނަމަވެސް އަހަރެންގެ ދެލޮލަކު ނިދީގެ ކަންފުޅެއް ވެސް ނެތެވެ.
ކިންގް ސައިޒް އެނދު މަތީގައި ދެކޮޅު ދެކޮޅަށް ފުރޮޅިލަ ފުރޮޅިލައި އަހަރެން އޮތީ ލޮލަށް ނިދި ނައިސްފައެވެ. ނިދޭނީ ވެސް ފަހެ ކިހިނަކުން ހެއްޔެވެ؟ ހަވީރު ޝާޔާ އަހަރެންނާއި ކުރި ސުވާލު އަހަރެންގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ހިތާއި ސިކުނޑީގައި ތޫފާނެއް އުފެދިފައިވަނީ އަހަރެންނަށް އެ އިހުސާސާއި އެއްބަސް ނުވެވޭތީއެވެ. އަމިއްލަ ހިތުގައި ދައުރުވަމުން ދިޔަ ހުރިހައި ސުވާލެއްގެ ޖަވާބު ލިބުނު ކަމުގައި ވިޔަސް އަހަރެންގެ ސިކުނޑި ހިތާއި އެއްގަލަކަށް އަރަން ބޭނުން ނުވާ ކަހަލައެވެ.
އެންމެ ފަހުން ތެދުވެ އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިށީނީމެވެ. ސައިޑު ކަބަޑު މަތީގައި އޮތް ފޯނު ނަގައި އަކިލްގެ ނަމްބަރަށް ގޮސް، އޭނާގެ ފޮޓޯއަށް ބަލަހައްޓައިގެން އިނީމެވެ. ގުޅަން ވީ ހެއްޔެވެ؟ އޭނާ ފޯނު ނަގާނެ ބާއެވެ؟ ހިތްވަރު ކޮށްލަމުން ކޯލް ބަޓަނަށް ފިއްތައިލީމެވެ.
ތިންވަނަ ރިންގާއިއެކު އެކޮޅުން ފޯނު ނެގިއެވެ. އަހަރެންގެ ދެލޯ ބޮޑު ވެގެން ދިއައީ ނިދި އަޑަކުން އަކިލް "ހަލޯ " އޭ ބުނެލިއަޑު އިވުމުންނެވެ. ގައިގެ ހުރިހައި ލޯލިތައް ކޮށްޅަށް ޖެހިގެން ދިއައިރު ކޮކާ ތަކެއް ބަނޑުގައި ދުވާފަދަ އިހުސާސެއް ކުރެވުނެވެ.
އަހަރެން ގުޅީ އެއްގޮތަކަށް ވެސް އޭނާ ފޯނު ނަގައިފާނެ ކަމުގެ އުންމީދަކު ނޫނެވެ. "ހަލޯ މަލަކް؟" އަނެއްކާވެސް އަކިލް ބުނެލި އަޑު އިވުނެވެ. "ނިދަނީތަ؟" އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވައިލަމުން އަހަރެން އަހައިލީމެވެ.
"މަލަކް ނުނިދާ ކީތްތިކުރަނީ؟ 2 ޖެހައި ބޮޑުވެއްޖެ އެންނު؟" ކަރުކެހިލަމުން އަކިލް ސުވާލުކޮށްލިއެވެ. "ކޮންއިރަކު އަންނަނީ؟" އަކިލްގެ އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތުމުން އަހަރެން އަހައިލީމެވެ. އެހެންޏާފަހެ ނުނިދިފައި މިއޮތީ އަކިލްގެ ހިޔާލުތަކުގައޭ ބުނަން ކެރޭނެ ހެއްޔެވެ.
"ހެހެ މިސް ވީތަ؟ ވަރަށް އަވަހަށް ދާނަން! ދެން މާކަ ގިނަ އިރެއް ނުވާނެ" އަކިލް ބުނެލީ ލާނެއް ކަމާ އެކީގައެވެ. "މިދިޔަ ދުވަސްތަކުގަ ނުގުޅީ މާ ބިޒީ ވީތަ؟" ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލު އަހަރެން އަކިލްއާއި ކޮށްލީ ޖެހިލުންވުމެއް ނެތިއެވެ. ހިތުގައި ފޮރުވައިގެން ބަގުޑި ބައްދައިގެން ހުރުމަކީ އަހަރެންގެ މިޒާޖެއް ނޫނެވެ.
"އާން ފަހު ދުވަސްކޮޅު ވީމަ..." އަކިލްގެ އަޑަށް ތަފާތުކަމެއް އައިކަން އަހަރެންނަށް ނަގައިގަނެވުނެވެ. "ދެން އަވަހަށް ނިދާލާ ގުޑްނައިޓް " ފޯނު ބޭއްވިއިރު އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިގެން ދިއައެވެ. އެހައި ގިނަ ދުވަސްފަހުން އަކިލްގެ އަޑު އިވުމުން ކަންނޭނގެއެވެ.
އެކަމަކު މިއޮތީ އަނެއްކާ އަނެއް ކަންތަކާ ލައިގަނެފައެއް ނޫންހެއްޔެވެ! އަކިލް އެބުނީ ވަރަށް އަވަހަށް އަންނާނެ ވާހަކައެވެ. އޭނާގެ ކުރިމައްޗަށް އެރުމުން އަހަރެންގެ ހިތް އޮބިނޯންނަ ވަރަށް ތެޅޭނެކަން އަހަރެންނަށް އިނގެއެވެ. އަހަރެންގެ ހިތުގައު މިވާ އިހުސާސްތައް އަހަރެން ފޮރުވާނީ ކިހިނެއް ހެއްޔެވެ. ފޮރުވުމުގެ ބޭނުމެއް އެބަ އޮތް ބާއެވެ.
............
ދުވަހަކީ އޮފް ދުވަހެއް ކަމުން އަވަހަށް ތެދުވާ ހިޔާލެއް އަހަރެން ނުކުރަމެވެ. ފަތިސް ނަމާދު ކޮށްލައިގެން އެނދަށް އަރައި ކުއިލްޓު ތެރެއަށް ވަދެ އޮށޯވެލުމާއި އެކީ ނިދޭކަށް މާގިނައިރެއް ނުނެގިއެވެ. އޭރު ވެސް ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ.
އަހަރެންނަށް ހޭލެވުނީ އަހަރެންގެ އުނަގަނޑުގައި މީހެއްގެ ބީހުމުގެ އިހުސާސް ކުރެވުމާއި އެކީގައެވެ. އަހަރެން ދެލޯ ހުޅުވައިލުމާއިއެކު އަހަރެންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އަހަރެންގެ އުނަގަނޑު މަތީގައި އޮތް ވަރުގަދަ، ފިރިހެންވަންތަ އަތެވެ. އަތަށް ނާރުތަށް އަރާލައިފައި ހުރިއިރު، އަތުގެ ބާރުގަދަކަން ހާމަ ކޮށްދެއެވެ.
ނަމަވެސް އަހަރެންގެ ހިތުގައި ދުވެލީ ބިރުވެރިކަމުގެ އޮއެވަރެކެވެ. މިވަގުތު އަހަރެންގެ ކޮޓަރިއަށް ވަދެ އަހަރެންގެ އެނދު މަތީގައި އޮންނަންވީ އެއްވެސް މީހެއް އަހަރެންގެ ބޮލަކަށް ނައެވެ. ހިންދިރުވައިލަމުން އަނެއް ފަޅިއަށް އަހަރެން އެނބުރިލީ އެއީ ކާކުގެ އަތެއްތޯ ދެނެގަތުމުގެ ޝައުގުވެރިކަމާއި، ބިރާއި އެކީގައެވެ.
ފެނުނު މޫނެއްގެ ސަބަބުން އަހަރެންގެ ހިތުން ބިރު އެކީހެން ފިލައިގޮސް، ހިމާޔަތްތެރި ކަމުގެ އިހުސާސެއް ކުރެވުނު އިރު، އެސްފިޔަޖަހައިލަންވެސް އަހަރެން ހަނދާނެއް ނެތެވެ. އެއީ 5 މަސް ވަންދެން އެ މޫނެއް ދެކި ލުމަށް އަހަރެންގެ ދެލޯ ބޭގަރާރު ވެފައިވީ މޫނެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްކުރުވާ، އަހަރެންގެ ހިތުގައި ވަކިހިތްޕައިލައިގެން ރަސްކަން ކުރަމުން ދިޔަ ފަރާތެވެ.
އާއެކެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އަކިލްއެވެ. އަހަރެންގެ ފިރިމީހާއެވެ. ފޫހިކަމެއް ނެތި އެތައް އިރަކު އެ ހިތްގައިމު މޫނަށް ބަަލަހައްޓައިގެން އަހަރެން އޮތީމެވެ. އިތުރަށް އަކިލްގެ ހަށިގަނޑާއި އަހަރެންނަށް ކައިރިވެވުނީ ބޭއިހްތިޔާރުގައެވެ. ކިރިޔާ މޫނާއި މޫނު ޖެހޭ ހިސާބަށް އަހަރެންނަށް ކައިރިވެވުނެވެ. އޭރު ނިދިފައި އޮތް އަކިލްގެ ނޭވާ އަހަރެންނަށް އިހުސާސް ކުރެވެމުން ދިޔައެވެ.
އޭނާގެ ހަށިގަނޑުގެ ހޫނުކަން އަހަރެންގެ ހިއްސުތައް ހޭލައްވަމުން ދިޔައެވެ. އަވީގައި ގިނަ ދުވަހު އުޅުމުގެ ސަބަބުން އޭނާގެ ހަންގަޑު ވަނީ ކުޑަކޮށް އަނދާފައެވެ. ފަޅަންފަށާފައި ހުރި ތުނބުޅިވަނީ ތުނި ކުރެވިފައެވެ. އިސްތަށިގަނޑު ކުޑަ ތަންކޮޅެއް ބޯހެން ހީވިއެވެ. އަހަރެންގެ އަތް އޭނާގެ މޫނުމަތީގައި ބީއްސައިލީމެވެ. އަކިލް އައީާ ކޮން އިރަކު ބާއެވެ.
ލައިގެން ހުރެވުނު ލޭސް ނައިޓީގެ މަތިން އަހަރެން ހަނދާންވީ އެވަގުތުއެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިއައިރު މާ ލަސް ވެއްޖެއެވެ. އަކިލް އޭނާގެ ދެލޯ ހުޅުވައިލިއެވެ. އެއާ އެކު އަހަރެމެން ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިއައިރު، އޭނާގެ ރޭގަނޑެއް ފަދަ ތޫނު ދެލޯ އަހަރެން އޭގެ ޖާދޫގައި ޤައިދު ކޮށްލި ކަހަލައެވެ. ނޭވާ ލާން ވެސް އަހަރެން ހަނދާން ނެތުނެވެ.
"މަލަކް!" މަޑު މަޑުން އޭނާ އަހަރެންގެ ނަމުން ގޮވައިލިއެވެ. "ހޫމް" އޭ ބުނެލަމުން އަކިލް އާއި ދުރަށް ޖެހިލަން އަހަރެން މަސައްކަތް ކުރީ އަމިއްލަ ހިއްސުތައް ހަމަޔަކަށް އަޅުވަމުންނެވެ. އެކަމަށް ހުރަސްއެޅީ އަހަރެންގެ އުނަގަނޑުގައި ބާރުކުރެވިފައިވީ އަކިލްގެ އަތެވެ.
މަޑުމަޑުން އަކިލްގެ ނަޒަރު އަހަރެންގެ ތުނި ތުންފަތަށް ދަތުރު ކުރަމުން ދިޔައިރު، ޖެހި ބުދެއްހެން ހުރުން ނޫންކަމެއް އަހަރެންނަކަށް ނުވިއެވެ.
"އަކިލް، ކޮންއިރަކު ..." އަހަރެން އަހަން އުޅުނު ސުވާލު ހުއްޓުނީ އަކިލްގެ އިޝާރަތުގެ ސަބަބުންނެވެ. "ޝްޝްޝް..." އެވަގުތު އަހަރެންނަށް ދެލޯ މަރައިލެވުނީ އަކިލްއަށް ހުއްދަދިނުމުގެ ގޮތުންނެވެ. އޭނާގެ ތުންފަތުގެ ބީހުމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. އަދި އެ އަމަލުގައި ފުރިހަމައަށް ބައިވެރި ވެވުނެވެ.
..................................................................
"ރިންރިންރިން" ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނީ ފޯނުގެ ރިންގުގެ އަޑަށެވެ. ފުންކޮށް ނޭވާ ލެވެމުން ދިޔައިރު، މީހާ ހަމަޔަކަށް އަޅުވައިލަން މަސައްކަތް ކުރަމުން އެނދުގެ ހެޑްބޯޑުގައި ލެނގިލީމެވެ. ރިންގުވަމުން ދިޔަ ފޯނު ނަގައި ކަންފަތުގައި ޖަހައިލެވޭވަރު ވީ އޭގެ ސިކުންތުކޮޅެއް ފަހުނެވެ.
ގުޅީ ހަނާއެވެ. ޕޭޝަންޓެއްގެ މައުލޫމާތުކޮޅެއް ހޯދުމަށެވެ. ފެނުނު ހުވަފެން ހަނދާންވުމާއިއެކު ވިއްސިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލަމުން ފޯނުން ގަޑި ބަލައިލީމެވެ. ގަޑިން 8:07 ހިނގީއެވެ. މަޑު މަޑުން އަމިއްލަ ތުންފަތުގައި އަހަރެންނަށް އަތް ހިންގައިލެވުނެވެ. ދެވަނަ ސިކުންތުގައި އެ ހިޔާލުތަކުން ބަރީއަ ވުމަށްޓަކައި ގޮސް ފާހަނާއަށް ވަދެ މާގަނޑު ދަށުގައި ހުއްޓިލީމެވެ.
ފެންވަރައި ނިމިގެން ބާތްރޯބް އޮޅާލައިގެން އަންނައުނު ނުލެވެނީސް އަހަރެންނަށް ކްލޯސެޓުން ނިކުންނަން މަޖުބޫރުވީ ކޮޓަރީ ދޮރުގައި މީހަކު ޓަކި ދެމުން ދިޔަ އަޑަށެވެ. ބާތްރޯބުގެ ގޮށް އައްސައިލަމުން އަވަހަށް ގޮސް ދޮރު ހުޅުވައިލީމެވެ. އެއާއިއެކު އަހަރެންގެ މޭގަނޑު އަތަށް ނައީ ކިރިއާއެވެ.
މި ފެންނަނީ ހުވަފެނެއްތޯ ހަޤީގަތެއް ތޯ އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ހުރި ތާ ގަނޑުވެފައި އަހަރެންނަށް ހުރެވުނީ ޖެހި ބުދެއް ފަދައިންނެވެ. ކުރިމަތީގައި ހުރި އަކިލްގެ މޫނުމަތީގައި އޭރުވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. "ސަޕްރައިޒް!" ހިނިތުންވެލަމުން އަކިލް ބުނެލިއިރު، ދަތްޕިލަ ސޭލް އަޅުވައިގެން އަހަރެންަށް ހިނިތުންވެލެވުނެވެ. ވީ އުފަލާއިއެކު އަކިލްގެ ހަށިގަނޑުގައި އޮޅުލައިގަނެވުނީ ބޭއިހްތިޔާރުގައެވެ. އޭނާ ހައިރާން ވާނެ ކަން ގައިމެވެ.
ކުރެވުނީ ކީތްކަން ރޭކައިލުމާއިއެކީ އަހަރެން އަކިލްއާއި ދުރުވެލީމެވެ. އަދި އޭނާ ކޮޓަރިއަށް ވަންނަން ޖާގަ ދައްކަމުން ފަހަތަށް ޖެހިލީމެވެ.
"ކޮން އިރަކު އައީ؟ ނުވެސް ބުނަމެއްނު!" އަހަރެން އަހައިލީމެވެ. އޭރުވެސް ލައިގެން ހުރެވުނީ ކަކުލާ ހިސާބަށް އަރާ ހުދު ކުލައިގެ ބާތްރޯބް ކަމެއް އަހަރެންގެ ހަނދާނަކު ނެތެވެ. "ބުނެފަ އައި ނަމަ މަލަކް ތިހާ ސަޕްރައިޒް ނުވީސް ނު! " ކޮނޑުގައި އޮތް ދަބަސް ނަގައި އެނދުމަތީގައި ބާއްވަމުން އަކިލް ބުނެލީ ހިނިތުންވުމަކާއި އެކީގައެވެ.
"ދެން ތިހެން ތަ ހުންނަނީ؟" އަހަރެންގެ ފައިން ފެށިގެން މޫނަށް ފުން ނަޒަރެއް ދެމުން އަކިލް ބުނެލި އިރު، އަހަރެންނަށް ހުރެވުނު ގޮތް ރޭކައިލީ ދެނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަހަރެން ފާހަނައަށް ވަނީމެވެ. އޭރު އަކިލްގެ ލާނެތް ހުނުމުގެ އަޑު ކޮޓަރި ތެރޭގައި ގުގުމައިލިއެވެ. ފާހަނާގެ ދޮރު ލައްޕައިލަމުން އަހަރެން ދޮރު ފަހަތުގައި ހުއްޓިލީ، އަމިއްލަ މޭމަތީގައި އަތް އަޅައިލަމުންނެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވައިލަމުން ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލީމެވެ.
އަމިއްލަ މޫނުމަތީގައި ވީ ނުފިލާ ރީތި ހިނިތުންވުން ފެނި އަހަރެންނަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނެވެ. މި ހިނިތުންވުމުގެ އަސްލަކީ އަކިލްއޭ ހިތަށް އެރުމުން އަހަރެންނަށް ހެވުނެވެ. ވާނީވެސް އެހެންތާއެވެ. ތަޤުދީރުގެ ނިޔާ ނިކަން ދެކި ބަލާށެވެ. އަކިލްއަކީ އެއް އިރެއްގައި އަހަރެން އެމީހެއްދެކެ ބޭއިންތިހާ ނަފްރަތު ކުރި މީހާއެވެ. އެމީހަކާ އެއްތަނެއްގައި އަހަރެންނަށް ހުންނަން އުނދަގޫވާ މީހާއެވެ. އެމީހަކާ މެދު އަހަރެންގެ ހިތުގައި އިންތިހާ ރުޅިވެރިކަން އުފެދިފައިވީ މީހާއެވެ.
ނަމަވެސް، މިއަދު ހާލަތު ބަދަލުވެއްޖެއެވެ. އަދި ވަގުތާއިއެކީ އަހަރެންގެ އިހުސާސްތައް ވެސް ވަނީ ބަދަލުވެފައެވެ. މިއަދު އަހަރެންގެ ހިތުގައި އަކިލްއާއި މެދު ވަނީ ލޯތްބެވެ. ހަމަ އެކަނި ލޯތްބެވެ.
އެއްޗެހި ބަދަލުކޮށް ރީތިވެލައިގެން އަހަރެން ނިކުތް އިރު އަކިލް ފެންނާކަށް ނެތެވެ. ތިރިއަށް ފޭބިއިރު ސޯފާގައި އިން އަކިލް ވަށައިލައިގެން ގޭ އެންމެން ތިއްބެވެ. އެންމެންގެ މޫނުމަތީގައި ވެސް ވަނީ ހިނިތުންވުމެވެ. އުފާވެރިކަމެވެ. އެތައް ދުވަހަކަށް ފަހު ގޭގެ ބޮޑު ފިރިހެން ދަރި އެނބުރި އައުމުން ވާނީ އެހެންތާއެވެ.
އަހަރެން ގޮސް ބަދިގެ އަށް ވަނީ ސައިހެދުމުގައި އެހީތެރިވެ ދިނުމަށެވެ. ނަމަވެސް، ކުރަމުން ދިޔަ މަސައްކަތައް އަހަރެންނަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އިރުއިރުކޮޅާ ސޯފާގައި ސަމާސާކުރަމުން އެންމެނާއި ވާހަކަދައްކަމުން ދިޔަ އަކިލްއަށް އަހަރެންގެ ނަޒަރު ދަތުރު ކުރަމުން ދިޔައީ އިހްތިޔާރަކާއި ނުލައެވެ.
އަމިއްލަ ނަފްސަށާއި އިހުސާސްތަކަށް އައިސްފައިވީ ބަދަލު އަހަރެންނަށް ފާހަގަކުރެވުނެވެ. އަހަރެންގެ ހިތް ބަދަލު ވެއްޖެއެވެ.
ސޯފާގައި އިން އިރު އެންމެ ފަހަރަކު ވެސް އަހަރެން ހުރި ދިމާލަށް އަކިލް ބަލައިވެސް ނުލައެވެ. އެއީ އެހެންޏާ އަހަރެން ފެންނަން ހުންނަ ނަމަ އަހަރެންގެ ހުރިހާ ހަރަކާތަކަށް ނަޒަރު ދީގެން ހުންނަ މީހެކެވެ.
މިއީ އަަހަރެންނަށް ހީވާ ހީވުމެއް ބާއެވެ. ނޫނީ އަކިލްގެ މިޒާޖު ބަދަލުވީބާ އެވެ. އަކިލްގެ އުޅުމަށް މި އައި ތަފާތުގެ ސިއްރަކީ ކޮބައި ބާއެވެ. ނޫނީ އަހަރަންނަށް މާ ބޮޑަށް ވިސްނެނީ ބާއެވެ.
ނުނިމޭ
ނޯޓް: މި ވާހަކަ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު މި ސައިޓަށް ސަބްމިޓް ކުރެވޭނެ އެވެ. ސައިޓުން އަޕްލޯޑް ކުރުމާއިއެކު ކިޔުންތެރިންނަށް ކިޔާލެވޭނެ އެވެ. އަޅުގަނޑުގެ އަމިއްލަ ފޭސްބުކް ޕޭޖެއް ހަދައި ވާހަކަތައް ހިއްސާ ކުރަން ވަރަށް އަވަހަށް ފަށާނަމެވެ.
ޥަރަށް އިންތިޒާރުކޮށްފިން އައިއެމް ސޯ ހެޕީ
އަކިލް އެންޑް މަލަކް 🥺❤️