ސާރާ - 2

މި ވާހަކައަކީ ހިނގާފައިވާކަމަށް ބަލައިގެން ލިޔެފައިވާ ވާހައެކެވެ. މިވާހަކައިގައި ބޭނުން ކޮށްފައިވާ ނަންތަކާއި ރަށަކީ އަސްލެއް ނޭނެވެ.

ހާރޫނު އައިސް ފެންތައްޓެއް ކިޔަވާފައި ފަރީނާގެ އަނގައަށް އެޅިތާ އިރުކޮޅެއްގެ ފަހުން ފަރީނާއަށް ވާހަކަ ދެއްކޭގޮތް ވިއެވެ. އެވަގުތު ފަރީނާގެ އަވެއްޓެރި ފަތުހިއްޔާ ސުވާލު ކުރިއެވެ. ފަރީނާ ކިހިނެތްވީ ބުނެބަލަ؟

ނަމަވެސް ހާރޫނާއި އޭނާގެ އަންހެނުން ސިއްތި އެތަނުގައި ހުރުމުގެ ސަބަބުން ފަރީނާއަކަށް އެއްވެސް ޖަވާބެއް ދޭކަށް ނުކެރުނެވެ. ކިތަންމެ ބޭނުންވިޔަސް ލޮލުން ކަރުނަ އޮހޮރާލުން ފިޔަވާ ކުރާނީ ކީއްހެއްޔެވެ؟ ހާރޫނާއި ސިއްތިއަކީ ފަރީނާގެ ދިރިއުޅުމަށް ވިހަލަމުން އަންނަ ދެ ހަރުފައެވެ. އެ ދެމީހުންގެ ސަބަބުން ފަރީނާގެ ދިރިއުޅުންވަނީ ނާމާންކަމާއި ބިރުވެރިކަމެއްގެ ތޫފާނަކަށް ވެއްޓިފައެވެ. މާގިނައިރުތަކެއް ނުވަނީސް ފަރީނާގެ ކައިރީގައި ތިބި އަވެއްޓެރިންނާއި ދާއޫދުގެ އާއިލާގެ މީހުން އެގެއިން ނިކުމެގެން ހިނގައްޖެއެވެ. ފަރީނާ އަވަސްވެ ގަތީ އަލުން ފަތިސް ނަމާދު ކުރާށެވެ.

މެންދުރުގެ ހޫނުކަން ދުނިޔެއަށް ފެތުރިގެންއައި ވަގުތު ފަރީނާ އިނީ ގޭގެ ބޮޑުއަށީގައި ދެ ކުދިންނަށް ކާންދޭށެވެ. ހާރޫނާއި ސިއްތި ބޮޑުއަށީގެ އެއްކޮޅުގައި ދުފަން ތިއްބެވެ. ހީވަނީ ވިހަލާނެ އާގޮތެއް ހޯދުމަށް މަޝްވަރާކުރާ ހެންނެވެ. ދަރިންނަށް ކާންދިނުމަށްފަހު އެކުދިން ގޮވައިގެން ގޭގެ ވަލުފަރާތަށް ފަރީނާ ނިކުތެވެ.

އަޒްލީފާއާއި އަދުހަމް ތިބީ ކުޅޭށެވެ. ފަރީނާ ބަދިގެ ދޮށަށް އެއްކޮށްފައިވާ ކާށިތައް ހެހުމުގައި އަވަދިނެތި އުޅުނެވެ. ފަރީނާގެ ފިރިމީހާ ދާއޫދު ރަށުތެރޭގައި ވައިސޫރިއެއްހެން އެނބުރިފައި އައިސް ގެއަށް ވަނެވެ.

” ފަރީނާ….ކޮންތާކުތަ؟. ވަރަށް ބަނޑުހައިވެއްޖެ.. ކާންހަދާބަލަ.” ގޭތެރެއިން ވަލުފަރާތަށް ނިކުންނަމުން ދާއޫދު ގޮވާލިއެވެ.

އާނ..މިދަނީ.. ދަރިފުޅުމެން މިތަނުން ދުރަށް ނުދާތި.. މަންމަ އެބަ އަންނަން.. މިހެން ބުނެފައި ފަރީނާ ހިނގައިގަތެވެ.

ބަދިގޭގެ މޭޒުމައްޗަށް ބަތް ތައްޓަކާ ގަރުދިޔަ ބޯތައްޓެއް ނެގިއެވެ. ދާއޫދު ބަނޑުހައިވެފައި އިންވަރުން އަވަހަށް ކާން ފެށިއެވެ.

ދާއޫދު… އަހަރެން ބޭނުން އަހަރެންގެ ރަށަށް ދިރިއުޅެން ބަދަލުވާން.. ދާއޫދުގެ ބައްޕަމެން މިޖައްސާ މުސީބާތުން އަހަރެންނަކަށް ދެން ކެތެއް ނުވާނެ… އަހަރެން މިދަނީ މި ވޭނުގައި އެއްދުވަހުން އަނެއް ދުވަހަށް ހާލު ދެރަވަމުންކަން ދާއޫދަށް އެނގޭނެ!.. އަހަރެން ދާއޫދާ ވާހަކަދައްކަންވެސް އެމީހުން ގަބޫލެއް ނުވޭ.. ދާއޫދު އަހަރެންނާ ކައިރިވެދާނެތީ ދާއޫދުގެ މަންމަ އެހުންނަނީ ފާރައަށް.. މިހެން ކިހިނެތް އުޅޭނީ.. އެތިބީ ކުޑަ ދެކުދިންވެސް.. އެ ދެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދަދޭން އަހަރުމެން ޖެހޭ މިނޫން ގޮތެއް ހޯދަން.. މިކަމާ ދާއޫދު ވިސްނަބަލަ.. ރޮއެ އާދޭސްކުރުމުގެ އަޑުން ފަރީނާ ވާހަކަ ދައްކަމުން ދިޔައެވެ.

” އަހަރެން ކީކޭ ތިކަމަށް ބުނާނީ.. އަހަރެންވެސް ބޭނުން ކޮނޑޭއަށް ބަދަލުވާން.. ބައްޕަ ގާތުގައި އަހާލާފަ ދޭ ޖަވާބަކުން އެނގޭނީ.. އަހަރެން ބައްޕައާއި އެވާހަކަ ދައްކާނަން..” ފަރުވާކުޑަ ގޮތަކަށް ދާއޫދު ފަރީނާއަށް ޖަވާބު ދިނެވެ.

” ހީވޭތަ އެމީހުން މިކަމާ ޤަބޫލުވާނެހެން؟… އެމީހުން ހަމަހޭގައި ތިއްބާ މިކަން ވިޔަދޭނެތަ؟” ދަތްދޮޅިގައި އަތް ވިއްދާލައިގެން އިނދެ އުންމީދު ގެއްލިފައިވާ މީހެއްފަދައިން ސުވާލު ކުރިއެވެ.

ކޮބާތަ އެކުދިންނަށް ކާންދިނީތަ؟ އެކުދިންނަށް ގޮވާބަލަ..!.. ވާހަކަ ބަދަލުކޮށްލުމުގެ ގޮތުން ދާއޫދު އަހާލިއެވެ.

ހިތްހަމަ ނުޖެހުމުގެ ކުރު ނޭވާއެއް ބޭރުކޮށްލުމަށްފަހު ފަރީނާ އެދެކުދިންނަށް ގޮވާލިއެވެ. އެވަގުތު އެ ދެކުދިން ދުވެފައި އައިސް ދާއޫގެ ގާތުގައި އިށީނެވެ. އިށީނުމާއެކު ދާއޫދު އެދެކުދިންނާ ވާހަކަ ދައްކަން ފެށިއެވެ.

ދަރިފުޅުމެން ބަތްކައިފިންތަ؟ ކޮންކުއްޖެއް ހަވީރު އަތިރިމައްޗަށް ދާނީ…” ދާއޫދު އެދެކުދިންނާ ސުވާލު ކުރިއެވެ.

” އަޅުގަނޑު..”.. ދެކުދިންވެސް ޖަވާބުދިނީ އެއްފަހަރާއެވެ.

ބައްޕަ އަންނާނަން ހަވީރު ދެކުދިން ބަލާ..އިނގޭ! އެދެކުދިންނަށް އުފާވެރިކަމުގެ ޖަވާބެއްދީ ދާއޫދު ކައި ނިންމާލިއެވެ.

މިހާރު އަނެއްކާ ކޮންދިމާއަކަށް ތިދަނީ.. އަޅެ ކީއްތަވާނީ އެންމެ ދުވަހަކުވެސް ގޭގައި މަޑުކޮށްލިއްޔާ..” ކައި އަވަދިގެން ގެއިން ބޭރަށް ދާން ހިނގައިގަތުމުން ފަރީނާ ދާއޫދާ ސުވާލުކުރިއެވެ.

” އެބަ އަންނަން ޒަކަރިއްޔާ އޮޑި ބަންނަ ހަރުގެއަށް ވަދެލާފަ.. ފަރީނާ އެދެކުދިން ފެންވަރުވާލާފަ ބައިތިއްބާތި.. އަހަރެން އަންނާނަން” މިހެން ބުނުމަށްފަހު ދައޫދު ހިނގައިގަތެވެ.

އަސުރުން ފަސްވެގެން ހިނގައްޖެއެވެ. ދާއޫދުވީ ދެކުދިން ގޮވައިގެން އަތިރިމައްޗަށް ގޮހެވެ. ފަރީނާގެ ހާލާމެެދު ދާއޫދު ހަމަ ވިސްނާވެސް ނުލަނީ ބާވައެވެ! އެފަކީރު އެކަނިމާ އެކަނި އެކިއްލާގެ ތެރެއަށް ދޫކޮށްލާފައި ދާއޫދު އެދިޔައީ ހާރޫނަށް އޭނާގެ ފުރުޞަތުތައް ފަހިކޮށްދީފައެވެ.

ގޭތެރޭގެ ހަމަހިމޭންކަމުން ފަރީނާގެ ހިތަށް އެކަނިވެރިކަމާ ތޫފާނުގެ ކޮޅިގަނޑު އަންނަން އުޅޭކަމުގެ އިޙްސާސް ކުރެވޭ ފަދައެވެ. ނަމަވެސް އެހާލުގައި ﷲ އަށް ވަކީލުކޮށްލައިގެން ހުރުން ނޫން ގޮތެއް ނެތުމުން ނިދާއެނދުގައި އިށީނދެ ޤުރުއާން ކިޔަވަންފެށިއެވެ. އިރުއޮއްސުމާ ގާތްވާވަރަކަށް ފަރީނާގެ ނޭވާ ދަނީ ކުރުވަމުންނެވެ. ހަށިގަނޑުދަނީ ވަރުބަލިވަމުންނެވެ. ބޮލުގައި ރިހުމާއި ގައިގެ ތަންތަނަށް ތަދުވުމާއި، ދެފައިގެ ކަކުލުންތިރި އެއްކޮށް ބަރުވެ ހަރުވާން ފަށައިފިއެވެ. ފަރީނާގެ މުޅި ހަށިގަނޑުން ދިލަ ނަގަމުން ދިޔައެވެ. ތޫފާނުގެ ކޮޅިގަނޑުއައިސް ފަރީނާ ވަށާލައިފިއެވެ. ނަމަވެސް ފަރީނާގެ ހިތްވަރަކަށް ކުޑަ ނަމަވެސް ބަލިކަމެއް ނާދެއެވެ.

ކުއްލިއަކަށް ފަރީނާގެ ލޮލަށް މީހެއްގެ ހިޔަންޏެއް ވުމުން ކުރިމައްޗަށް ބަލާލިއެވެ. ސިއްސައިގެން ގޮސް ފަރީނާ އެނދުން ތެދުވިއެވެ.

(ނުނިމޭ)

ނޯޓް: މި ސިލްސިލާ ވާހަކަ ގެނެސްދެވޭނީ ކޮންމެ ހުކުރު ދުވަހަކު އެވެ.

Please log in or register to bookmark.
5k

ޚިޔާލު

Your email address will not be published.