ޢީމާރާތްތެރެ ބަލާލުމަށްފަހު ހަޔާން ހިނގައިގަތީ ހަޔާންއަށް ހަމަޖެހިފައިވާ ކޮޓަރިއަށެވެ. ހަޔާން ކޮޓަރިއާއި ޖެހިގެން އިންނަނީ އަޒްޔާން ކޮޓަރިއެވެ. ކޮޓަރި ތެރެއަށް ވަދެވުމާއިއެކު ހަޔާން ދެލޯ ބޮޑު ކޮށްލެވުނެވެ. ދުވަހަކުވެސް އަދި އެހާ ބޮޑު ކޮޓަރިއެއް ފެނިފައެއް ނުވެއެވެ. ކޮޓަރީގެ އެއްފަޅި ވެސް އާދައިގެ ކޮޓަރިއެއްހާ ވަރު ވެދާނެއެވެ. ކޮޓަރި އެއްފަޅީގައި ފާހަނައާއި ބޮޑު ހުދުކުލައިގެ އަލަމާރިއެއް ހުރި އިރު އަނެއްފަޅީގައި ސޯފާއެއް ހުއްޓެވެ. އަދި ސޯފައިގެ ކުރި މައްޗަށް ވާގޮތަށް ބޮޑު ފްލެޓް ސްކްރީން ޓީވީއެއް ހުއްޓެވެ. ކޮޓަރި މެދުން ފާރެއް ރާނާފައި ވީއިރު އަނެއްފަޅީގައި ބޮޑު ކިންގް ސައިޒް އެނދެއް ހުރި އިރު ހެއޮވަރެއްގެ ޑްރެސިންގް ޓޭބަލް އެއްވެސް ހުއްޓެވެ. ކޮޓަރީގައި އަޅާފައިވާ މަޑުމަޑު ކާޕެޓުން ހަޔާންގެ ފަޔަށް އަރާމު ވަމުން ދިޔައެވެ. އޭސީގެ ފިނިކަމުން ލިބުން ލޮޑުކަމާއެކު ހަޔާން ޓީޝަރޓް ބާލާފައި ގޮސް އެނދަށް ވެއްޓިގަތެވެ.
** ހަތްވަނަ ބައި **
" ނުދޭ އަޒްޔާން.. އަޒްޔާން ޕްލީޒް.. އާހްހްހް " ނިދާފައި އޮތް ލުޔޫންއަށް ސިއްސައިގެން ގޮސް ހޭލެވުނީ އަޒްޔާންގެ ހުވަފެނެއް ފެނިގެންނެވެ. އޭރު މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އަށާރައަށް ލާފަ ހުރި އޭސީ އިން އަސަރެއް ނުކުރާ ކަހަލައެވެ. ގަޑި ބަލާލިއިރު މެންދުރު 2:47 ވެއްޖެއެވެ. ބޮލުގައި ރިއްސާތީ އޮށޯވެލިތަނުން ނިދުނީއެވެ. ލުޔޫންއަށް އިޚްތިޔާރަކާއި ނުލައި ފޯނަށް ބަލައިލެވުނެވެ.
' އޭނަ އަހަންނަށް ގުޅާނެބާ؟ ' ލުޔޫންއަށް ވިސްނާލެވުނެވެ. ވިސްނި ވަރަކަށް ލުޔޫންގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ކުރިމަތިން އަލަމާރި ބޭރުގައި އަޅުވާފައި އިން ވެޑިންގް ޑްރެސް ފެނުމުން ދެލޯ މަރާލެވުނެވެ. ވިސްނުންތަކާއި ދުރަށްދަމުން ލުޔޫން ތުވާލި ހިފައިގެން ގޮސް ފާޚާނައަށް ވަނީ ފެންވަރާލައި ބޮލަށް ލުޔެއް ހޯދުމުގެ ނިޔަތުގައެވެ.
ލުޔޫން ފެންވަރައިގެން ނިކުމެ ޕީޗް ކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ލިއެވެ. އަދި ހެއާރ ޑްރަޔާއަކުން އިސްތަށިގަނޑު ހިއްކާލިއެވެ. އިރުކޮޅަކުން ފޯނަށް މެސެޖެއް އައުމުން ބަލައިލިއެވެ.
' ލުޔޫން.. މާލޭގަ ދޯ! މީ އަޝްފާ އިނގޭ. މިއަދު ހިނގާބަ މީޓްވާން. 4:00 ގަ ދާނަން ތި ގެ ކުރިމައްޗަށް. އޯކޭ؟! ' ލުޔޫން އެ މެސެޖު ކިޔާލިއެވެ. އަޝްފާއަކީ އަޒްޔާންގެ އެއްބަނޑުއެއްބަފާ ދައްތައެކެވެ. އަޝްފާ ބޮޑުވާނީ އަޒްޔާންއަށް ވުރެ ދެ އަހަރެވެ.
' އޯކޭ.. ' ލުޔޫން ރިޕްލައިއެއް ދީފަ އިރުކޮޅަކުން ރެޑީވާން ދާން ނިންމައިގެން އެނދަށް އަރާ ލެނގިލިއެވެ.
3:56 ވީއިރު ލުޔޫން ހުރީ ތައްޔާރުވެ ނިމިފައެވެ. ލާފައި ހުރި ރަތް ކުލައިގެ ޓޮޕާއި އެކު ތިރިން ލާފައި ހުރި މަޑު ނޫ ކުލައިގެ ޖިންސުގައި ލުޔޫން ފެންނަލެއް ވަރަށް ރީއްޗެވެ. އަދި މިނިވަންކަމާއެކު ދޫކޮށްލެވިފައިވީ ގަދަ މުށި ކުލައިގެ ރާޅު ބާނީ އިސްތަށިގަނޑުން ލުޔޫންގެ ރީތިކަން ފުރިހަމަ ކޮށްދެއެވެ. އެންމެ ފަހު ކަމަކަށް ރަތްކުލައިގެ ލިޕްސްޓިކަކުން ދެތުންފަތް ފަވާލުމަށްފަހު، ލުޔޫން ގަޔަށް ސެންޓުކޮޅެއް ޖަހައިލިއެވެ. ފައިވާން ހަރުގަނޑުން ކަޅު ކުލައިގެ ބޫޓެއް ނެގުމަށްފަހު އެއަށް އަރާ، ކޮޓަރިއެއްކޮށް އަނދިރި ކޮށްލުމަށްފަހު ބޭރަށް ނިކުތެވެ.
ލުޔޫން ނިކުމެ ދޮރުމަތީ ހުއްޓިލިއެވެ. އަދި އަޝްފާ އާދޭތޯ ބަލައިލަނިކޮށް އަޝްފާ އައިސް އަރާ ހަމަކުރަނީއެވެ. އަޝްފާ ލާފައި ހުރި ހުދު ކުލައިގެ ގަޔަށް ދޫ ބަޓަރފްލައި ހެދުމާއި، އައިސްބްލޫ ކުލައިގެ ޖިންސުގައި އަޝްފާ ފެންނަލެއް ވަރަށް ރީއްޗެވެ. ބޮލުގައި އޮތް މެރޫން ކުލައިގެ ޝޯލް ރީތި ގޮތަކަށް އޮޅާލާފައި ވުމުން ޒަމާނީކަމަށް ދައްކައެވެ. ކަޅު ހީލްސްއެއްގައި ފަރި ހިނގުމެއްގައި އައިއިރު މަގުމަތިން ދާ ފިރިހެން ކުދިންގެ ލޯ އަޝްފާއަށް އަމާޒުވަމުން ދިޔައެވެ. ނަމަވެސް އަޝްފާއަށް އެކަމަށް ސަމާލުކަމެއް ދޭހެނެއް ހިޔެއް ނުވެއެވެ.
" ހާއި ޔޫން.. ލޯންގް ޓައިމް ނޯ ސީ. ކިހިނެއް ހާލު؟ " އަޝްފާ ލުޔޫން ކައިރި ހުއްޓިލަމުން އަހާލިއެވެ.
" ހެއީ ދެން ރަނގަޅު ރަނގަޅެއް ނޫން ދޯ. އަޝް ކިހިނެއް؟. " ލުޔޫން އެހެން ބުނިއިރު ހީކުރެވުނީ ރޭގެ ކަންތަކާއި ހުރިހާ ކަމެއް އަޝްފާއަށް އިނގޭ ކަމަށެވެ. ނަމަވެސް ރޭގައި ކުރިއަށްދާން ހަމަޖެހިފައި އޮތް ވެޑިންގްއަކީ އަފްރާހް އިލްޔާ އަދި ލުޔޫންއަށް އެކަނި އިނގިފަ އޮތް ކަމެކެވެ.
" ރަނގަޅު.. ދެން މިތާ ނުތިބެ ހިނގާ ކެފޭއަކަށް. " އަޝްފާ ލުޔޫންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
" ހުމްމް. ދެން ކިޔައިދީބަ ވީގޮތް މި ފާއިތުވި ދެ އަހަރު.. " ދެމީހުން އައިސް ކޮފީއަކަށް އޯޑަރު ކޮށްފަ ހަމަޖެހިލިއެވެ. އަޝްފާ އިނީ ލުޔޫންގެ ވާހަކަތައް ކަނުލާ އަހަން ތައްޔާރަށެވެ.
" މްމްމް.. ބައްޕަ މަރުވެ ކުންފުނި ހުއްޓި، މަންމަ ވަރަށް ބަލިވެ.. " ލުޔޫން އިސްޖަހައިލައިގެން އިނދެ އެންމެ ކުރު ގޮތަށް ކިޔައިދިނެވެ.
" އޮހްހް ސޮރީ.. ޔޫ މަސްޓް ބީ ހޭވިންގް އަ ހާރޑް ޓައިމް. " އަޝްފާ ލުޔޫންއަށް ބަލަހައްޓައިގެން އިނެވެ. އަޝްފާ އެހެން ބުނުމުން ބާރަކާއި ނުލައި ލުޔޫންއަށް ހީނލެވުނެވެ. އޭނަ އުޅެމުން އައި ގޮތް ލޮލަށް ސިފަވުމުންނެވެ. ހަމައެކަނި ދުނިޔޭގައި ހުރި މަންމައަށްޓަކާއި،މަންމަގެ އުފާ ހޯދައިދިނުމަށް މުޅި ދިރިއުޅުން ޤުރުބާން ކުރެވުނެވެ.
" ހުމްމް.. އަޒްޔާންއާއި ގުޅުން ކެނޑުމަށްފަހު އަހަންނަށް މަންމަގެ ހިދުމަތުގައި ހުރުން ފިޔަވައި އެހެން ކަމެއް މުހިންމެއް ނުވި.. " އަޝްފާ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޝްފާ ލުޔޫންއާއި މެދު ހަމްދަރުދީ ވިއެވެ.
" އަޒްޔާންއާއި ގުޅުން ކެނޑުނީއޭ؟ " އަޝްފާ އިނީ އެސްފިޔަ ވެސް ނުޖަހާލާއި ލުޔޫންގެ މޫނަށް ބަލަން ބަލަންށެވެ.
" އާނ ނޭނގޭ ތަ އަޝްއަކަށް؟ " ލުޔޫން އަޝްފާއަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.
" އާނ.. އެއްގޮތަކަށް ވެސް ނޭނގެ.. އަޒްޔާން ވެސް ނުބުނޭ އެ ވާހަކައެއް.. އެކަމް.. މޭބީ ވެދާނެ ހީ ވޯޒް ފީލިންގް ޑައުން ކަމަށް މަންމަ މަރުވީމަ.. " އަޝްފާ ލުޔޫންއަށް ވިސްނަދޭން އުޅުނެވެ. ނަމަވެސް އަޒްޔާން ލުޔޫންއާއި ދުރުވި ކަމެއް އަޝްފާއަކަށް ވެސް ނޭނގެއެވެ.
" އިނގެއޭ.. އައިމް ޓްރައިންގް ޓު އަންޑާރ ސްޓޭންޑް ހިމް. އަހަންނަށް ވެސް އިނގޭ އޭނަ ދެރަވާނެކަން. އެހެންވެ އަންނާނެ ކަމަށް ހީކޮށް ހުރީ. އެކަމަކު އެހެނެއް ނޫން ވެގެން ދިޔައީ.. އެންޑް އައި ވޯޒް އިންފޯރމްޑް ޓު ގޯ ޓު ދަ ވެޑިންގް.. " ލުޔޫންއަށް އެހެން ބުނެވުނު ކަމެއް ނޭނގެ އަޝްފާ އަނގައިގައި ހުރި ކޮފީތައްވެސް ބުރުއްސާނުލެވުނީ ހަމަ ކިރިޔާއެވެ. ދެލޯ ހުރީ ބޮޑުވެފައެވެ. އަވަސް އަވަހަށް ޓިޝޫއެއް ނަގާ އަނގަމަތި ރީތި ކޮށްލިއެވެ.
" ވެ.. ވެޑިންގްއޭ.. ދޮގު؟ " އަޝްފާއަށް ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. ލުޔޫން މަޑުމަޑުން ބޯޖަހާލިއެވެ.
" އޭނަ އެކަމް މޫނު ވެސް އެތަނަށް ނުދައްކާލި.. އަޝްއަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭތަ؟ " ލުޔޫން އިނީ އަޖައިބުވެފައެވެ.
" ހުމްމް.. އެބަ އޮތް އެހެން ގޮތެއް.. އަޒްޔާން ވެއްޖެ ރިސޯޓަށް ގޮސް. އަހަރެން އެތަނުން ޖޮބެއް ހޯދަދެންތަ؟ އެހެންނޫނަސް އެތަން ޔޫންމެން ރަށާއި އެހާ ދުރެއް ވެސް ނުވާނެއްނުން. މަންމަގެ ކަމެއް ޖެހުނަސް ދެވޭނެއްނުން ދޭތެރެއިން.. އޭރުން ދެން އަޒްޔާން އާއި ދިމާވީމަ ތި ހިތުގަ އަހަން އޮތް އެއްޗެއް އަޒްޔާން ކުރިމަތީ ބުނާނީ.. އެއްބަސް؟! " އަޝްފާ ޚިޔާލެއް ދިނެވެ.
" އޯކޭ.. " އިރުކޮޅަކު ވިސްނާލުމަށްފަހު ލުޔޫން އެއްބަސްވިއެވެ.
( ނުނިމޭ )