ހަޔާން ހުރީ ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް ދޭނެ ޖަވާބެއް ދުލު ކުރިއަކަށް ނާދެއެވެ. ހަޔާން ހީކުރީ ކުރިން ރީޝަމް ލޯބިވެއޭ ބުނަނީ މަޖަލަކަށް ހަދާފަ ކަމަށެވެ. ' ބޭބީ ' ކަހަލަ ބަސްތަކުން ގޮވިޔަސް އެއީ ހަޔާން ރުޅިއަރުވަން ކުރާ ކަމެއް ގޮތުގައެވެ. ނަމަވެސް މިއަދު ޙަޤީޤަތް އިނގިއްޖެއެވެ. މައްސަލައަކީ ހަޔާންގެ ހިތުގައި ރީޝަމްއާއި ދޭތެރޭ އެއްވެސް އިހުސާސެއް ނެތުމެވެ. ހަޔާން ދެކެނީ ރީޝަމް ގާތް ރައްޓެއްސެއް ގޮތަށެވެ. ރީޝަމް ދެކެ ލޯބީގެ ގޮތުން ގުޅުމަކީ ހަޔާން ހިތަށްއަރުވާލި ކަމެއް ވެސް ނޫނެވެ. ހަޔާން ގަނޑުވިއެވެ.
** ހަވަނަ ބައި **
" ލުކް ރީޝް.. ރީޝް ތީ ވަރަށް ރަނގަޅު ކުއްޖެއް. ރީޝްއާއި ގުޅޭނެ ބައިވަރު ކުދިން ވާނެ. ރީޝަމް އަހަރެން... އަހަރެންގެ ހިތުގަ ނެތް ރީޝްއަކަށް ޖާގައެއް. އައިމް ސޮރީ. އަހަންނަށް ރީޝް ހަޑިއެއް ނޫން. އުޅުން ކަމުނުދަނީއެއް ވެސް ނޫން. އެކަމް ރީޝް.. ރީޝްއަކީ ވެސް މިހާރު އަހަރެންގެ ލައިފްގަ ވަރަށް އިމްޕޯރޓޭންޓް މީހެއް.. ތީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް.. އަހަރެން ބޭނުމެއް ނޫން ރީޝަމް އަހަންނަށް ގެއްލޭކަށް. އަދި ވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ، އެންޑް އޯލްސޯ ތެންކިއު ފޯރ ލައިކިން މީ.. " ހަޔާން ރީޝަމްގެ ހިތަށް ތަދުވާނެ ވަރު އެނގި ހުރެ ވެސް ތެދަށް ބުންޏެވެ.
ރީޝަމްއަށް ރޮވުނެވެ. ނުރޮވި ނުހުންނާނެ ނޫން ހެއްޔެވެ؟ ހަޔާންގެ ބަސްތަކުން ރީޝަމްގެ ހިތަށް ލިބެމުންދާ ވޭނާއި، އަނިޔާ ހަޔާންއަށް ރޭކާވެސް ނުލަނީ ހެއްޔެވެ؟ އެ ހިތުގައި ހީވަނީ މީހަކު ވަޅިއަޅައި، ކޮށަމުންދާ ހެނެވެ. ރީޝަމްގެ ދެލޮލުން ދިޔައީ ތާޒާ ކަރުނަ ފައިބަމުން ނެވެ. ރީޝަމްއަށް ހީވީ އޭނާގެ މުޅި ދިރިއުޅުން ވެސް ފުނޑު ފުނޑުވި ހެންނެވެ. ހަޔާން އެއީ މުޅި އުމުރު ހުސްކޮށްގެން ނަމަވެސް ހޯދަން އަޒުމު ކަނޑައަޅައިގެން އުޅުނު ކުއްޖާއެވެ. ހަޔާންއަކީ، ރީޝަމް އެ ލޯބި ލިބޭތޯ މުޅި ދިރިއުޅުމުގެ މިސްރާބު ބަދަލް ކޮށްލި ޒުވާނާއެވެ. ރީޝަމްގެ ހިތުގައި އެންމެ ފުރަތަމަ އަދި އެންމެ ފަހަށްވެސް ބިންވަޅު ނެގި ހިތުގެ ރަސްގެފާނެވެ. ނަމަވެސް މިއަދު އެ ހުރިހާ ފޮނި އުންމީދުތައް ގެއްލި ފެނަށްވެ ހިނދިއްޖެއެވެ. ދެކެވުނީ ޙަޤީޤަތެއް ނެތް ހުވަފެންތަކެކެވެ. އެ ނޫން ލޯތްބެއް ހޯދަން ބޭނުން ނުވާ އިރު، ރީޝަމްގެ އެންމެ ފަހު ނޭވާވެސް ބޭރުވާނީ ހަޔާންގެ ލޯބީގައި ދީވާނާވެފައިވާ ޙާލުގައި ހެއްޔެވެ؟ އެ ލޯބި ލިބުމުގެ އެއްވެސް ނަސީބެއް ރީޝަމްއަށް ހަމަ ނެތީބާވައެވެ؟
" ހަ.. ޔާ.. ން.. " މަޑުމަޑު ކުރަކި އަޑަކުން ރީޝަމްގެ އަނގައިން ނިކުތީ އެ ރީތިކަން ހުސްކުރި ވެރިޔާގެ ނަމެވެ. ލަސްލަހުން ރީޝަމްއަށް ހަޔާންގެ މޭގައި ބޯ ޖައްސާލެވުނެވެ. އަތް މުށް ކަވާލާފައި ދެތިން ފަހަރަކު ހަޔާން ގައިގައި ޖެހެންވެސް ޖެހުނެވެ. ހަޔާންއަށް ވެސް އިޚްތިޔާރަކާއި ނުލައި ރީޝަމްގެ އުނަގަނޑުގައި އަތް ވަށާލެވުނެވެ.
" ދެން ދަނީ... ބާއި. " ހަޔާން ރީޝަމްގެ ބޯހިތްލައިލަމުން ބުނެލިއެވެ. އޭރު ރީޝަމް ލޯ ވަނީ ރޮއެރޮއެ ރަތްވެފައެވެ. ހަޔާންގެ ހިތަށް ވެސް ތަދުވިއެވެ. ރީޝަމްގެ ދެލޮލުން ހަޔާން ކައިރި ނުދާން ބުނާ ކަހަލައެވެ.
ރީޝަމް ހަޔާން ބޭރަށް ނިކުތްތަން ބާލާފައި ބިން މައްޗަށް ތިރިވިއެވެ. އެވަގުތު އެތާނގައި ދެ ވެއިޓަރުން ފިޔަވައި އިތުރު މީހެއް ނެތްކަން ވެސް ނަސީބެކެވެ. ރީޝަމްއަށް ގިސްލެވިއްޖިއެވެ. ލޯބިވެރިޔާ އަތުން ބީވެގެންދިޔަ އިރު ހިތަށް ކެތްވާނެ ހެއްޔެވެ؟ ރީޝަމްގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟
ހަޔާން ހިނގައިގަން އިރު ބޮލަށް އެހެން ކަހަލަ އުނދަގުލެއް ވެފަ ހުރިއެވެ. ރީޝަމް އެގޮތަށް ލޯބިވާކަން ބުނާނެ ކަމަކަށް ހަޔާން ހިއެއްނުކުރިއެވެ. ކުއްލިއަކަށް ދެލޯ މަރާލެވުނު ތަނުން ސިފަވި ސޫރައަކުން ހަޔާން ސިއްސައިގެން ދިޔައެވެ. އެގަޑީ ބޮލަށް އެނބުރުމެއް ވެސް އެރިއެވެ. ނޫނެކެވެ. ލުޔޫންއެވެ. ހަޔާން ދެލޯ މަރާ ބާރުކޮށްލަމުން ބޮލުގައި ހިފަހައްޓައިލިއެވެ. ހިނގުން ބާރުކޮށްލާފައި ގޮސް ކާރަށް އެރިއެވެ.
" ކިހިނެއްވެފަ ތިހިރީ؟ މުޅިން މޫޑް ކަޓާފަ.. އޭނަ ކީކޭ ބުނީ؟ " އަޒްޔާން ހަޔާން ފާޑަކަށް އިނުމުން އަހާލިއެވެ. ހަޔާން އިނީ އެއްއަތުން ބޮލުގައި ހިފަހައްޓައިލައިގެންނެވެ.
" އެއްޗެއް ނޫން. ދެން އަޅާނުލާ ހިނގާ މަ ގެއަށް ލައިދެން.. ވަރަށް ބޮލުގަ ރިއްސާ އެބަ. " ހަޔާން ފުންނޭވާއެއް ލިއެވެ. އަޒްޔާން އޯކޭ އޭ ކިޔާފަ ދުއްވާލިއެވެ.
ރީޝަމް ގެއަށް އައި ގޮތަށް އައިސް އެނދަށް ވެއްޓިގަތެވެ. އަދި ބާލީސް މޫނުގައި އަޅައިގެން އެތަށް އިރަކު ރުއެވެ. ހަޔާންއަށް ހަމަ އެ ހިތުގެ ހާލަތު ނޭނގެނީ ހެއްޔެވެ. ލޯބިވާ ވާހަކަ ބުނުމުން އޭގަ ކޮޅުފައިން ޖަހަންވީ ކީއްވެ ހެއްޔެވެ؟ ރީޝަމްއަށް ހަޔާންގެ ލޯބި ޙައްޤު ނުވަނީ ބާއެވެ؟ ނަމަވެސް ހަޔާން އެހެން އަންހެން ކުއްޖެއްގެ އަތަށް ވީއްލިގެންދާކަށް ރީޝަމް ނޭދެއެވެ. އެއަށްވުރެ އޭނަ ހަޔާންދެކެ މާ ބޮޑަށް ލޯބިވެއެވެ.
އިރު އޭގެ ރަން ދަޅަތައް ދުނިޔެއަށް ދައްކާލި ވަގުތެވެ. މޫދު ލޮނުގަނޑުން މައްޗަށް އަރައިގެން އައި އިރުގެ ރަން އަލި ވަނީ އުޑުމަތި މަޑު އޮރެންޖު ކުލައަކުން ފާއްދާލާފައެވެ. ނޫ ކުލައިގެ ސާފު ވިދާ ބަބުޅާ ލޮނުގަނޑަށް އެކީހެން އިރުގެ ރަން އަލި އެޅިފައިވާ އިރު ބަލައިލަން ނުހަނު ހިތްގައިމެވެ.
ލޯންޗު ފަޅުން ނިކުތް މަންޒަރު ބަލަން ދުރުގައި ހުރި ރީޝަމް ލޯ ކަރުނައިން ފުސްވިއެވެ. މިއީ ހަޔާން ފެންނަ ފަހު ފަހަރު ބާއޭ ހިތަށް އެރިއެވެ. ރީޝަމް ސިހުނީ ކޮނޑުގައި އޮތް އަތްދަބަހުން ފޯނު ރިންގްވާ އަޑަށެވެ.
" ރީޝް ޓިކެޓް ގަނެފިން.. މާދަމާ ހެނދުނުގެ ފްލައިޓް.. އެއަށްވުރެ އަވަސް ކުރެވެން ނެތް ސޮރީ.. މިދަނީ ޓިކެޓް ހިފައިގެން. " ޝާމިން މަޢާފަށް އެދުނެވެ. ޝާމިންއަކީ ރީޝަމްގެ ކަޒިންއެކެވެ.
" އިޓްސް އޯކޭ.. ތެންކްސް. " ރީޝަމް ޝުކުރު އަދާ ކޮށްފައި ގެއަށްދާން ހިނގައިގަތެވެ.
ރީޝަމްއަށް ގެއަށް ވަދެވުމާއި އެކު ފޮށި ނަގާ ހެދުންތަކާއި ރީތިވާ ސާމާނާއި އެހެނިހެން ތަކެތި ވެސް ފޮށްޓަށް އަޅާ ޕެކް ކުރިއެވެ. ރީޝަމް ބޭނުންވީ ހަމަ އެކަކަށް ނޭނގި ދާންށެވެ. މިއީ އެންމެ ރަނގަޅު ނިންމުންކަން ހިތް ބުނާތީއެވެ. ހަޔާން ނުފެންނަ ހިސާބަށް ދާން ޖެހޭތީ ރީޝަމް ހިތަށް ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ ތަދުވަމުންނެވެ. އަނެއްކާ ވެސް މި ކުރެވެނީ ބޭކާރު ކަމެކޭ ވެސް ހިތް ބުނަން ފެށިއެވެ.
" އޭއި.. ފައްކާ ތަނެއް.. ހަމައެކަނި ޖޮބަށް މިތަނަށް އައީމަ ކަޑައީ. " ހަޔާން އަޒްޔާންއަށް އަޑު އިވޭ ވަރަށް ގޮވާލިއެވެ. ދެމީހުން ދެ ސައިކަލުގައި ދިޔައިރު އެ ދިގު މަގުތަކުގައި ދުއްވާ ދުއްވާ ފޫހި ނުވާނެއެވެ.
" ދެން ފޫހިވަންޏާ ކުރާނެ އެހެން ކަންތައްތައް ހޯދަބަލަ. މަށެއް ނުހުއްޓުވާނަން.. " އަޒްޔާން ބުނެލިއެވެ.
" ދެން ފޫއްސެއް ނުވާނެ ދޯ. " ހަޔާން އެހެން ބުނަމުން އަޒްޔާންގެ ކުރިއަށް އަރާ ދުވެލި ބާރު ކޮށްލިއެވެ. ނަަމަވެސް ދެވަނަ ސިކުންތެއްގައި ރުއްތަކުގެ ތެރެއިން ބޮޑު އިމާރާތެއް ފެނުނެވެ. ގޯޅިއަކަށް އަޅައިގެން އެތާއި ކުރިމައްޗަށް އެރުނު އިރު މީހަކު އަޖައިބުވާނެއެވެ. ދެ ފްލޯރއަށް ނަގާފަ ހުއްޓަސް އެތަނުގެ ފުޅާ ރަށުން ހަތަރު ބައި ކުޅަ އެއްބައިހާ ބޮޑެވެ. އެތަން ހުރީ ރަށުގެ މެދެއްހާ ހިސާބުގައެވެ.
" ގްރޭޓް ސާރވިސް މޭން.. " ހަޔާންމެން ބޮޑު ކަޅު ކުލައިގެ ގޭޓަކުން ވަން ތަނުން ދެ އަންހެން ކުދިން އައިސް ދެ ކުރުނބާ އެމީހުންގެ އަތަށް ދިއްކޮށްލިއެވެ. އެތާއި އެތެރެ ވަނީ އެކި ފަރުނީޗަރު ތަކުން ޒީނަތްތެރި ކުރެވިފައެވެ. ފާރުގައި ކަނޑު އަޑީގެ މަންޒަރުތައް ކުރަހާލެވިފައި ވާއިރު މުޅި މާހައުލު ވަނީ ބަލާ ހިތްނުފުރޭ ކަހަލަ ގޮތަކަށެވެ.
" އަދި ތިހެން ބުނާކަށް ނުވެއެއް ނުން. ރީއްޗަށް ބަލާވެސް ނުލަ ތި އުޅެނީ.. " އަޒްޔާން ހަޔާން ގޮވައިގެން ރިސެޕްޝަން ބައި ދައްކާލުމަށްފަހު ދެވަނަ ފްލޯރއަށް އަރަން ދިޔައެވެ.
" އޭއި.. މަށަށް ބިޓެއް ލިބުނީމަ އަޒޭ ޖެހޭނެ މިތަނުން ރޫމްއެއް ސެޓްކޮށްދެން.. ހެހެހެ " ހަޔާން އެއް ލޯ މަރާލަމުން ބުންޏެވެ.
" ގާރލްފްރެންޑް؟!.. ރީޝަމް؟ " އަޒްޔާން ބުމަ އަރުވާލަމުން ހަޔާން ކޮނޑުގައި ޖަހާލިއެވެ. ރީޝަމް އޭ ބުނުމުން ހަޔާން ރޭ މަތިން ހަނދާންވިއެވެ. އަޒްޔާން އެހެން ބުނުމުން ހަޔާން މޫނަށް އަރާ ފޭބި ކުލަތައް ރަނގަޅަށް ވެސް އަޅައިގަތެވެ.
" ހަހަހަ ގެރޭ އެއްނުން.. ޕިސް ކިހިނެއްވެފަ ތި ހުންނަނީ؟ ރީޝަމް އޭ ބުނީމަތަ؟ ސޮރީ. " އަޒްޔާން މަޢާފަށް އެދުނެވެ.
" އަސްލު ރޭގަ ވީ ގޮތަކީ... އޭނަ ވަރަށް ސީރިއަސްވެފަ އޭނާގެ ފީލިންގްސްތައް މަށާ ދޭތެރޭ ކިޔައިދިނީ. އެންޑް އޭނަ އެހާ ބައިވަރު އެއްޗިސް ކީމަ ނުކެރުނު ނޫނެކޭ ބުނަން ވެސް ބަޓް ތެދަށް ބުނިން. އޭނަ ވަރަށް ރުއި.. މަ އެއްވަރަކަށް ވެސް ހިއެއްނުކުރަން އޭނަ އަސްލު ވެސް މަދެކެ ލޯބި ވާނެ ކަމަކަށް. ދެން އެހާ ޗޭންޖް ވެފަ ހުރި ވަރުން އަހަންނަށް ހަމަ ޤަބޫލު ކުރަން މަޖުބޫރުވި.. ދެން ނޭނގެ އަހަންނަކަށް. ބޯ ގޮވާވަރު ވޭ. " ހަޔާން އަޒްޔާންއަށް ފޮރުވަން ނުހަދާ ކިޔައިދިނެވެ.
" އެހެންދޯ!.. އަހަންނަކަށް ނޭނގެ ދެން ތިޔާ ދޭތެރޭ ބުނާނެ އެއްޗެއް. ހަޔާ ނިންމުމެއް ވެސް ގޯހެއް ނޫން. "
" އޭ ހިނގާ.. މިތާ މެނޭޖަރއާއި މީޓްކޮށްދޭނަން. " އަޒްޔާން އެހެން ބުނެފަ ހަޔާންއާއިއެކު އެންމެ މަތީ ބުރިއަށް އެރުމަށްފަހު، ގޮސް ވަނީ އިމާރާތުގެ މައި އޮފީހަށެވެ. އެ އޮފީހަށް ވަދެވުމާއި އެކު ޖައްސާފައި ހުރި އޭސީގެ ފިނިން ހަޔަންމެން ހީކަރުވައިގަތެވެ. އެ ބޮޑު، ތަނަވަސް އޮފީހުގެ ހުރިހާ ފާރުތަކެއްގައިވެސް ހުރީ ހުދާއި އަޅި ކުލަ ލާފައެވެ. އޮފީހުގެ އެއްކައިރީގައި އަޅިކުލައިގެ ސޯފާއެއް ބަހައްޓާލެވިފައިވީ އިރު، އެ ސޯފާގެ ދެފަރާތުގައި ކުޑަ ދެ ގަސްވެސް ހުއްޓެވެ. ސޯފާގެ ކުރިމަތިން އޮފީހުގެ އަނެއް ފަރާތުގައި އަޅި ކުލައިގެ ބޮޑު މޭޒެއް ހުރި އިރު އެ މޭޒުމަތީގައި ކޮމްޕިޔުޓަރަކާއި، ފައިލްތަކެއްގެ އިތުރުން މަސައްކަތަށް ބޭނުންވާނެ ސްޓޭޝަނަރީސްއާއި، ޑެކަރޭޝަންސްވެސް ބޭނުންކޮށްފައި ހުއްޓެވެ. އޭގެ އިތުރުން ފަންސޫރުން ކުރަހާފައިވާ ކުރެހުންތަކެއްވެސް ތަރުތީބުކަމާއި އެކީ މޭޒުގެ ކަނެއްގައި ބަހައްޓާފައި ހުއްޓެވެ. މޭޒުގެ ކަނާތް ފަރާތުގައި ކުޑަ ވަރެއްގެ އެހެން ކޮޓަރިއެއް ހުރި އިރު، އެތަން ވަނީ ކަރުދާސް ރީމްތަކުންނާއި، އިލެކްޓްރޯނިކް އެހެން ސާމާނުތަކުން ފުރިފައެވެ.
" ހަޔާން މީޓް އަހުމަދު އަޒާމް.. އަޒާމް މީ ހަޔާން. " އަޒްޔާން އެ ދެމީހުން އެކަކު އަނެކަކަށް ކުޑަ ގޮތަކަށް ތަޢާރަފު ކޮށްދިނެވެ.
" ތީ ދޯ ހަޔާން.. މަރުޚަބާ. " އަޒާމް ކޮޅަށް ތެދުވެ ހަޔާންއާއި ސަލާމް ކޮށްލިއެވެ. ހަޔާން ވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން ޝުކުރު އަދާކުރިއެވެ.
" މިހާރު ހުރިހާ ތަނެއް ބަލައިލެވިއްޖެ ތަ؟ ކިހިނެއް؟ " އަޒާމް ހަޔާންމެނަށް އިށީންނަން އިށާރަތް ކުރަމުން އަހާލިއެވެ.
" އެއްކޮށެއް ނޫން އެކަމް ރަނގަޅު.. " ހަޔާން ބޯޖަހާލަމުން ބުނެލިއެވެ.
ޢީމާރާތްތެރެ ބަލާލުމަށްފަހު ހަޔާން ހިނގައިގަތީ ހަޔާންއަށް ހަމަޖެހިފައިވާ ކޮޓަރިއަށެވެ. ހަޔާން ކޮޓަރިއާއި ޖެހިގެން އިންނަނީ އަޒްޔާން ކޮޓަރިއެވެ. ކޮޓަރި ތެރެއަށް ވަދެވުމާއިއެކު ހަޔާން ދެލޯ ބޮޑު ކޮށްލެވުނެވެ. ދުވަހަކުވެސް އަދި އެހާ ބޮޑު ކޮޓަރިއެއް ފެނިފައެއް ނުވެއެވެ. ކޮޓަރީގެ އެއްފަޅި ވެސް އާދައިގެ ކޮޓަރިއެއްހާ ވަރު ވެދާނެއެވެ. ކޮޓަރި އެއްފަޅީގައި ފާހަނައާއި ބޮޑު ހުދުކުލައިގެ އަލަމާރިއެއް ހުރި އިރު އަނެއްފަޅީގައި ސޯފާއެއް ހުއްޓެވެ. އަދި ސޯފައިގެ ކުރި މައްޗަށް ވާގޮތަށް ބޮޑު ފްލެޓް ސްކްރީން ޓީވީއެއް ހުއްޓެވެ. ކޮޓަރި މެދުން ފާރެއް ރާނާފައި ވީއިރު އަނެއްފަޅީގައި ބޮޑު ކިންގް ސައިޒް އެނދެއް ހުރި އިރު ހެއޮވަރެއްގެ ޑްރެސިންގް ޓޭބަލްއެއް ހުރި އިރު ދެން ނުކުމެވެން ހުރީ ބޮޑު ބެލްކަންޏަކަށެވެ. އެ ބެލްކަނީގައި ތަފާތު ވައްތަރުގެ ގަސްތައް އިންދާފައިވާ އިރު، އިށީންނާނެ ބޮޑު އުނދޯއްޔެއްވެސް ހުއްޓެވެ. ކޮޓަރީގައި އަޅާފައިވާ މަޑުމަޑު ކާޕެޓުން ހަޔާންގެ ފަޔަށް އަރާމު ވަމުން ދިޔައެވެ. އޭސީގެ ފިނިކަމުން ލިބުން ލޮޑުކަމާއެކު ހަޔާން ޓީޝަރޓް ބާލާފައި ގޮސް އެނދަށް ވެއްޓިގަތެވެ.
( ނުނިމޭ )
ނައިސް ސްޓޯރީ