" އޭނަ އެބަ ހުރިހޭ ތިތާ؟! " ލުޔޫން ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރު ކޮށްލިއެވެ. މިފަހަރު ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
" ހޫނ.. ކޮން ނަމެއް ކިޔަނީ؟ " އަޒްޔާން ކޮޓަރިއަށް ވަދެގެން އައި ތަން ފެނުމުން ހަޔާން މަޑުކުރަން ބުނެފަ ފޯނުގައި އަތް އެޅިއެވެ.
" އަޒޭ.. އިނގޭތަ ލުޔޫން؟ " ހަޔާން އަހާލިއެވެ. އެވަގުތު އަޒްޔާން މޫނަށް އަރާ ފޭބި ކުލަތަކުން ހަޔާން ސިކުނޑީގައި ސުވާލު އުފެދުނެވެ.
** ފަސްވަނަ ބައި **
އިލްޔާއަށް ކުއްލިއަކަށް ފެނުނީ ލުޔޫން ދުއްވައިގެން މަންޒަރެވެ. އިލްޔާ ހާސްވިއެވެ. ލުޔޫންއަށް ގޮވަގޮވާ ވެސް ނައެވެ. އިލްޔާއަށް މަގުމައްޗަށް ނިކުމެވުނު އިރު ލުޔޫން ގެއްލިއްޖެއެވެ. އިލްޔާ އިތުރަށް ބިރުގަތެވެ. އަލުން އެތެރެއަށް ވަދެ ފޯނު ނަގައި އަފްރާހް ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ. އިމްޝާންގެ ނަންބަރަށް ގުޅައިގެން ވެސް ފޯނެއް ނުނަގައެވެ. އިލްޔާ ހުރީ ގޮތް ހުސްވެފައެވެ.
ލުޔޫން އެއޮށް ބޮޑު ހެދުމުގައި ދުވެފައި ދިޔައިރު މަގުމަތިން ދިޔަ މީހެއްގެ ލޮލުގައި އަޅައިގަންނަމުން ދިޔައެވެ. ނަމަވެސް ލުޔޫންއަށް އެކަމަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ހިތަށް ލިބިފައިވާ ޒަޚަމް ބޮޑެވެ. ލޮލުން އެތަށް އަގުހުރި ކަރުނައެއް ކޯތާފަތް މައްޗަށް އޮހޮރެމުން ދިޔައެވެ. ލުޔޫން ވަކި ހިސާބަކަށް ގޮސް އެތާއި ހުރި ތިރި ފާރެއް ކައިރި ހުއްޓިލިއެވެ. އޭރު މީހާއަށް ގިސްލެވެއެވެ. މަޑުމަޑުން މީހާ ހަމައަކަށް އަޅުވަމުން އެތާއި އިށީނދެލިއެވެ. އޭރު މަގުމަތިން ކިރިޔާ އިންސާނެއްގެ ހިލަމެއްވެއެވެ. އިރުކޮޅަކުން މީހަކު އައިސް ލުޔޫން ކައިރި ހުއްޓިލުމުން ކަރުނަތަށް ފޮހެލަމުން އެމީހެއްގެ މޫނަށް އިސްއުފުލާލާއި ބަލައިލިއެވެ. ލުޔޫން ތެދުވެ އެމީހާ އަތަށް ފޯނު ދިއްކޮށްލިއެވެ.
" ޕިސް.. ވެޑިންގްގަ ހުރެފަ ތަ ތި އައީ؟.. ކިހިނެއްވެ ކުރިން މައެ ކައިރި ނުބުނީ؟ ފަހުން ގެނެވުނީސް ދޯ! " ހަޔާން ހުރީ ފާޑަކަށް ހައިރާންވެފައެވެ. ލުޔޫން އިސްޖަހައިލައިގެން ހުރި ގޮތަށް ހުރީއެވެ.
" ކޮބާ އަޒްޔާން؟ " ލުޔޫން ދެލޯ މަރާ ބާރުކޮށްލަމުން އަހާލިއެވެ.
" ކީއްކުރަން އޭނަ ތި ހޯދަނީ؟ "
" އޭނައޭ އަހަންނާ މެރީ ކުރަނީ.. އެކަމަކު އޭނައެއް ނައި. " ލުޔޫން ހަޔާންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ހަޔާންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
" ތިޔަ ކިޔާ އަޒްޔާންއަކީ ބޮޑު މޮޔައެއް.. އަހަންނަށް އިނގޭ އަޒްޔާންއަކަށް ނޭނގެއޭ ލުޔޫންއެއް. " ހަޔާން އަޒްޔާން އެހެން ކަންތައް ކޮށްފާނެކަމަކަށް ޤަބޫލެއް ނުކުރެއެވެ. އެހެންވެ ލުޔޫން އެ ދައްކަނީ އެހެން އަޒްޔާންއެއްގެ ވާހަކަ ކަމަށް ނިންމިއެވެ.
" އޯކޭ. ފޯނު ލިބިއްޖެ އެއްނުން.. ބާއި " ލުޔޫން އިތުރަށް އެއްޗެކޭ ނުބުނެ ހުރުމުން ހަޔާން ހިނގައިގަތެވެ.
ހަޔާންއަށް އެޅުނީ ދެފިޔަވަޅެވެ. ފަހަތުން ލުޔޫން މަޑު އާހް އަކާއިއެކު ބޮލުގައި އަތް އަޅައިގެން ބިންމައްޗަށް ތިރިވިއެވެ. ހަޔާން ބަލަން ނުހުރެ ލުޔޫން ގައިގާ ހިފެހެއްޓިއެވެ.
ފަސް ވަރަކަށް މިނެޓު ފަހުން ހަޔާން އައި އިރު އަތުގައި ކުޑަ ފެންފުޅިއެއް އޮތެވެ. އޭރު ވެސް ލުޔޫން އެތާއި ފާރުމަތީ އިން ގޮތަށް އިނެވެ. ހަޔާން އައިސް ލުޔޫން ކައިރިން މީހެއްގެ އެއްޖާގައިގެހާއި ތަން ބައިންދަމުން އިށީނދެލިއެވެ. ހަޔާން ލުޔޫން އެއްޗެކޭ ނުބުނުމުން ފެންފުޅި ލުޔޫން ކައިރި ބައިންދާފަ ދާން ތެދުވިއެވެ.
" ދަނީ. "
" މިދަނީ އިނގޭ.. " ލުޔޫންގެ ފަރާތުން ޖަވާބެއް ނުލިބުމުން ހަޔާންއަށް އިޚްތިޔާރުން ބޭރުގައި ބުނެވުނެވެ.
" އާހް.. އަޒްޔާން، އެ ކާކު؟ " ލުޔޫން މާމަޑުން އިނުމުން ހަޔާންއަށް އުނދަގޫވިއެވެ.
" ހުމްމް އޯކޭ ދިޔަޔަސް. " ލުޔޫން ބުންޏެވެ.
" އަހަންނަށް އިނގޭ އަހަރެންގެ އެކުވެރި އަޒްޔާން.. އޭނަ ނުކުރާނެ މިކަހަލަ ކަމެއް. އޭނަ ނުވެސް ބުނޭ އޭނަ މީހަކާ އިންނަން އުޅޭ ވާހަކައެއް. އަ... "
" ވެއްޖޭ.. މަށަށް އެކަނި ވަގުތުކޮޅެއް ދީބަލަ! " ލުޔޫން އިތުރަށް ދެރަވާ ގޮތްވުމުން ބުންޏެވެ.
ހަޔާން ވެސް އެއީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނަމުން ހިނގައިގަތެވެ. ހަޔާން އެކަމާމެދު ވިސްނަމުން ދަނިކޮށް އަޒްޔާން ކުރިމައްޗަށް ކާރު މަޑު ކޮށްލަމުން އަރަން ބުންޏެވެ.
" ކޮބާ ފޯނު ލިބިއްޖެ؟ " އަޒްޔާން ކާރުގެ އޭސީ މަޑުކޮށްލަމުން އަހާލިއެވެ.
" ހުމްމް.. އެކަމަކު އޭނަ ވަރަށް ދެރަވާނެ ދޯ! މަ ބޭނުން އެހީ ވާން.. ޝީޒް ގޮނަ ބްރޭކް ޑައުން.. " ހަޔާން ނޭވާއެއްލަމުން ބުނެލިއެވެ. ހަޔާން ހުރީ އަޒްޔާން މޫނަށް އަރާފައިބާ ކުލަވަރަށް ސަމާލުވެގެންނެވެ.
" ބްރޯ.. ޔަޤީންތަ އަނިއްކަ ކައެއަށް އޭނަ ނޭނގޭކަން؟ " އަޒްޔާން އެއްޗެކޭ ނުބުނުމުން އަހާލިއެވެ.
" އޭއި؟ ކަމް އޯން މޭން! ބުނެބަ. " އަޒްޔާން އުޅޭ ގޮތުން ހީވަނީ ލުޔޫންގެ ވާހަކަތަކުން ސަލާމަތްވާން އުޅޭހެންނެވެ. އަޒްޔާން ކާރު ޕާކު ކޮށްފަ ރެސްޓޯރެންޓަކާއި ދިމާލަށް ހިނގައިގަތެވެ. ހަޔާން ވެސް އަޒްޔާންއާއި އެއްކޮށް އެތާއި އެތެރެއަށް ވަދެގެން ދިޔައެވެ.
" ކީއްކުރަން މިތަނަށް ތި އައީ؟ " ހަޔާން އަޒްޔާން އެއްޗެކޭ ނުބުނުމުން މަޢުލޫ ބަދަލްކޮށްލިއެވެ.
" ދެން ހަމަ ޖައްސާލީ. " އަޒްޔާން ގޮސް އެރީ ދެވަނަ ބުރިއަށެވެ. އަދި ބެލްކަންޏާ ކައިރިއަށް އިން މޭޒެއް ދޮށުގައި ހަމަޖެހިލިއެވެ. ހަޔާން ވެސް ގޮސް އަޒްޔާން ކުރިމައްޗަށް ވާގޮތަށް އިން ގޮނޑީގައި އިށީނނެވެ.
" މާދަން ރިސޯޓަށް ދާންވީނުން. ހުރިހާ ކަމެއް ނިމިފަ ހުރީ. " އަޒްޔާން ފެން ކޯވަރެއް ބޯލަމުން ބުންޏެވެ.
" ހުމްމް. އޯކޭ.. ދެން ކައެ އޯ؟ " ހަޔާން އިސްޖަހައިލައިގެން އިނދެފައި އަޒްޔާންއަށް ބަލައިލިއެވެ.
" މަ ވެސް ދާން ކަމަށް މި ވިސްނަނީ.. މި ކޮޅުގައި ދެން ނެތް ވަކި ކުރާނެ ކަމެއް. " އަޒްޔާން އިނީ ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ގެއްލިފައެވެ. ނަމަވެސް އެހެން ކަމެއް ވެސް ދިޔައީ ބޮލަށް އުނދަގޫ ކުރަމުންނެވެ.
" ކޮބާ ތަ ރީޝަމް؟ ދިމާ ވެއްޖެތަ މިހާރު؟ " ހަޔާން އެއްޗެކޭ ނުބުނުމުން އަޒްޔާން ވާހަކައެއް ފެށިއެވެ.
" ނުވޭ! ނުވެސް އުޅެން! " ހަޔާން ފާޑަކަށް އަނގަ ހަދާލިއެވެ.
" ހަހަހަ. ނަފްރަތަކީ ލޯބީގެ ފެށުން. " އަޒްޔާން ދިމާ ކުރާ ކަހަލަ ގޮތަކަށް ބުންޏެވެ.
" އޭ.. ސްޕީކިން އޮފް ދަ ޑެވިލް، މިއޮށް އާ އެ މަންޖެ.. ހަހަހަ " އަޒްޔާންއަށް ވަދެގެން އައި ރީޝަމް ފެނުމުން ހަޔާން ގައިގައި ކޮށްޓާލާފައި ދެއްކިއެވެ. އަދި ހަޔާން ބަލައިލި ގަޑީ ވަގުވަގަށް އަޒްޔާން ރީޝަމްއަށް ހަނައަޅާ ހަޔާން ދެއްކިއެވެ.
ރީޝަމްއަށް ހަޔާން ފެނުމާއެކު ކުޑަ ކުއްޖެއްހެން ދުވެލަފައި އައިސް ހަޔާން ކައިރި އިން ގޮނޑީގައި އިށީންނަމުން ކަރުގައި ބައްދާލިއެވެ. ރީޝަމް އެހެން ހެދިއިރު ރެސްޓޯރެންޓެއްގައި ތިބިކަން ވެސް ހަނދާނެއް ނެތެވެ.
" ސާބަސް ކަލެއަށް. ރެސްޓޯރެންޓެއްގައޭ މިތިބީ.. އެވަރު އިނގިގެން އުޅިބަލަ. އެހެންނޫނަސް ނުޖެހޭ އަންނަ ގޮތަށް އައިސް މަގޭ ގަޔަށް އަތްލާކަށް. " ހަޔާން ރީޝަމް އަތް ނައްޓުވާލާފައި ގަޔާއި ދުރު ކޮށްލިއެވެ. އޭރު އަޒްޔާން އިނީ އަނގަ މަތީ އަތް އަޅައިން ހިނިގަނޑު ހިފަހައްޓަލައިގެން އިނެވެ.
" އަޅެ ޔާނޫ.... ނުވެސް ބުނެ އައިސް ތި އުޅެނީ؟ " ރީޝަމް ތުން އޫކޮށްލަމުން ހަޔާން އަތުގައި އޮޅިގަނެފައި ކޮނޑުގައި ބޯ އަޅާލިއެވެ. ހަޔާން ހީވަނީ ގަޔަށް ހިނި އަރައިގެން އުޅޭ ހެންނެވެ. ރީޝަމް ކުޑަކޮށް ކޮށްޕާލާފައި ހަޔާން ގޮނޑި ކުޑަކޮށް ދުރަށް ޖައްސާލިއެވެ. އެދެމީހުން އުޅުނު ގޮތުން އަޒްޔާންއަށް ވެސް ނުހީނުހުރެވުނެވެ.
" އަހްހްމް.. މަ މި ދަނީ ކައެމެންނަށް ވަގުތު ކޮޅު ދީފަ. " އަޒްޔާން ކަރުކެހިލަމުން ތެދުވިއެވެ.
" އޭއި މަ ގޮވައިން ދޭ.. އޭނަ އެކަނި ބައިންދާ ވަގުތު ކޮޅު ދީފަ. އަހަންނަކަށް ނެތް ހުރެވޭކަށް.. ގުޑް ނައިޓް ރީޝަމް. " ހަޔާން ރީޝަމްއަށް ބަލައިލާފަ ލާނެތް ގޮތަކަށް ހީނލިއެވެ.
" ޔާން ވެއިޓް އެބަ އޮތް ވާހަކަ އެއް ބުނަން ވެފަ. " ރީޝަމް ފަހަތުން ގޮސް ހަޔާން އަތުގައި ހިފާފަ އެނބުރުވިއެވެ. ނަމަވެސް މިފަހަރު ރީޝަމް މޫނު މަތިން ފެންނަނީ ސީރިއަސްކަމެވެ.
" އެހެން ފަހަރަކުން ދޯ! " ހަޔާން ހުރީ ރީޝަމް ކުއްލިއަކަށް ސީރިއަސްވެލުމުން އަޖައިބުވެފައެވެ. ރީޝަމް މޫނުން މަތިން ވެސް ހިތް ހަމަނުޖެހުމުގެ ކުލަވަރެއް ހަޔާންއަށް ފާހަގަވިއެވެ.
" ޕްލީޒް. ސީރިއަސް ކޮށްށޭ.. " ރީޝަމް އާދޭހުން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ. މިފަހަރު ހަޔާންއަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެވަގުތު އަޒްޔާން ބޭރުގައި މަޑު ކުރަނީ ކަމަށް ބުނެ ހިނގައިގަތެވެ. ހަޔާން ރީޝަމް ފަހަތުން ގޮސް ކުރިން ތިބި ދިމައިގައި ހުއްޓިލިއެވެ.
" އަމްމް ޔާން.. އަހަރެންނަކަށް ދެން ކެތެއް ނުވާނެ މި ވާހަކަ ނުބުނެއެއް. މިހާރު ބުނަން ވީމަ ބިރުވެސް ގަނޭ އެބަ.. ތި ސޫރަ ކުރިމައްޗަށް އަރާފައި ބުނާނެހާ ހިތްވަރެއް އަހަރެންގެ ނެތް ކަންނޭނގެ.. ޔާން. އަހަރެން ވަރަށް ލޯބިވޭ ޔާން ދެކެ. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. ތީ އަހަރެންގެ ފުރަތަމަ ލޯބި. އަދި އެންމެ ފަހުގެވެސް ލޯބި.. ތި ލޯތްބާ ދުރަށް ދާކަށް އަހަރެންގެ ހިތް އެއްވެސް ޙާލެއްގައި ނޭދެ. ތި ލޯތްބާ ދުރުގަ ހުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން.. ޔާންއަށް ހަމަ ނޭނގެނީތަ އަހަރެން ލޯބިވާވަރު؟ ޔާންއަށް އަހަރެންގެ ކޮން ސިފައެއް ކަމުނުދަނީ؟ އަހަރެން ހުތުރީ ތަ؟ ނޫނީ އަހަރެންގެ އުޅުން ކަމުނުދަނީތަ؟ ބުނެބަލަ. އަހަރެން އެކަމެއް ރަނގަޅު ކުރާނަމޭ.. ޔާންއަކަށް ނޭނގޭނެ އަހަރެން ޔާންއަށްޓަކައި އަޅާހައި ކަރުނައެއް. ޔާން އެހެން އަންހެން ކުދިންނާ އެއްކޮށް ހުންނަ ތަން ފެނުމުން އަހަރެންގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެހެން.. އަހަންނަކަށް ނޭނގެ ދެން މިހުރިހާ ކަމެއް ފޮރުވައިގެން އުޅޭނެ ގޮތެއް.. ޔާން.. އަހަންނަކަށް ނޭނގެ ޔާން ދެކެ ލޯބިވެވުނު އިރެއް. އަހަންކަށް ނޭނގެ މީ ކޮން އިރަކު ކޮންތާކު ކިހިނެތް އުފެދިގެން އައި އިހުސާސެއް ކަމެއްވެސް.. އިނގެނީ އަހަންނަށް ހަޔާން ދެކެ ލޯބިވެވިއްޖެކަން. އަހަރެން އަބަދުވެސް ޔާން މަތިން ވަރަށް ހަނދާންވޭ. އަހަންނަކަށް ނޭނގެ ޔާން ފެނުނީމަ އަހަންނަށް ވާ ގޮތެއްވެސް. މި ހިތް ތެޅެގަންނަނީ އެހެންނެއް ނޫން.. އަބަދުވެސް ބޭނުންވަނީ ފެންނަ ހިސާބުގަ ހުންނަން. ތި ރީތި ސޫރަ ދެކެން ބޭނުންނުވާ ދުވަހެއް ނުދޭ.. ޔާން އަހަންނާ ދިމާލަށް ބަލައިލާ، ހިނިތުންވުމެއް ހަދިޔާ ކޮށްލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އުފާވޭ. ޔާން ވާހަކަ ދައްކާ ކޮންމެ ފަހަރަކު ހިތް އަވަސްވޭ.. ޔާން މަތިން ހަނދާންވެ އެއްވެސް ކަމެއް ކުރެވޭވަރު ނުވެ، ޔާން އާއި ނުލާ ނޫޅެވޭނެއޭ ހިތް އަބަދު ބުނޭ. މުޅި ރެޔާ ދުވާލު އަހަންނަށް ހޭދަވަނީ ހަޔާންގެ ހަނދާނުގަ.. ތި ޚިޔާލުގަ.. ހުވާ ކޮށްފަ މި ބުނަނީ.. އަހަރެން ޔާން ދެކެ ވަރަށް ބޮޑަށް ލޯބިވޭ.. މި ހިތުން ޖާގަ ދެވުނު ހަމައެކަނި ކުއްޖަކީ ތީ.. މި ހިތުގައި ލިޔެވުނު ހަމައެކަނި ނަމަކީ ތީ.. ރެޔާ ދުވާލު މި ދެލޯ އެދި ހޯދާ ހަމައެކަނި ސޫރައަކީ ތީ.. އަހަރެން ހިތާ ފުރާނައިން ހަޔާން ދެެކެ ލޯބިވަން.. ހަޔާން.. އަހަންނަށް ތި ހިތުން ކުޑަ ނަމަވެސް ޖާގައެއް ދީ. އަހަރެންގެ މި ހިތަށް ފަރުވާއެއް ދީ.. ތި ހަޔާތުން އަހަންނަށް ހަމަ އެއްވެސް ފުރުޞަތެއް ނެތްތަ؟ އަހަރެންގެ އެންމެ ފަހު ނޭވާއާއި ޖެހެންދެން ވެސް ހަޔާންގެ ހައްޤަކަށް އަހަރެން ހަދާ ދީފާނަންތަ؟ " ރީޝަމް އާދޭހުގެ ރާގެއްގައި ހަޔާންއާއި ސުވާލު ކޮށްލިއެވެ. ރީޝަމް އޭނަ ހަޔާންއާއި ދޭތެރޭ ވާ އިޙްސާސްތައް ކިޔައިދީ ނިމުނު އިރު ހުރީ ފެންކަޅިވެފައެވެ. ކަރުނަތައް ފޮހެލަމުން އިސްއުފުލާލައި ހަޔާން މޫނަށް ބަލައިލިއިރު ހަޔާން ވެސް ރީޝަމްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ރީޝަމް ހިތް އަވަސްވާން ފެށިއެވެ. ހަޔާން ދޭނެ ޖަވާބެއް ނޭނގޭތީއެވެ. މިއީ ރީޝަމް ހަޔާންއަށް ލޯބި ހުށަހެޅި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ލޯބިވާ ކަން ބުނުމުން ވެސް ހަޔާންގެ ޖަވާބަކަށްވީ އަދި ކުއްޖަކާ ރައްޓެހިވާން މާ އަވަސްކަމަށެވެ. ހަޔާންގެ ފަރާތުން ޖަވާބަކަށް އުއްމީދުކޮށްގެން ހުރި ރީޝަމްގެ ހިތް އެކީ މާޔޫސްވީ އެއްވެސް ޖަވާބެއް ނުލިބުމުންނެވެ. އިސްދަށަށް ޖެހުނު އިރު، އެ ދެލޮލުގައި ވަނީ ކަރުނަތައް ގިނަވެފައެވެ.
އާދޭހުގެ ރާގެއްގައި ރީޝަމް ކޮށްލި ސުވާލުން ހަޔާން ދެލޯ ބޮޑުވިއެވެ. ހަޔާންއަށް ހިންދިރުވާލެވުނެވެ. ބުނާނެ އެއްޗެއް ދޭނެ ޖަވާބެއް ދުލު ކުރިއަކަށް ނާދެއެވެ. ރީޝަމް ބުނި އެއްޗަކާ މެދު ހަޔާންއަށް ފުންކޮށް ވިސްނާލެވުނެވެ. ހަޔާން ހީކުރީ ކުރިން ރީޝަމް ލޯބިވެއޭ ބުނަނީ މަޖަލަކަށް ހަދާފަ ކަމަށެވެ. ' ބޭބީ ' ކަހަލަ ބަސްތަކުން ގޮވިޔަސް އެއީ ހަޔާން ރުޅިއަރުވަން ކުރާ ކަމެއް ގޮތުގައެވެ. ނަމަވެސް މިއަދު ޙަޤީޤަތް އިނގިއްޖެއެވެ. މައްސަލައަކީ ހަޔާންގެ ހިތުގައި ރީޝަމްއާއި ދޭތެރޭ އެއްވެސް އިހުސާސެއް ނެތުމެވެ. ހަޔާން ދެކެނީ ރީޝަމް ގާތް ރައްޓެއްސެއް ގޮތަށެވެ. ރީޝަމް ދެކެ ލޯބީގެ ގޮތުން ގުޅުމަކީ ހަޔާން ހިތަށްއަރުވާލި ކަމެއް ވެސް ނޫނެވެ. ހަޔާން ގަނޑުވިއެވެ.
( ނުނިމޭ )
ކޮބާ 6 ވަނަ ޕާރޓް...
މިހާރު ޕަބްލިޝް ވެފަ އިނީ..