" ހަޔާން. މިކަހަލަ ވަޒީފާއެއްގަ އުޅެމުން ތިގޮތަށް ކަންތައް ކުރަންޏާ އަހަރެމެންގެ އަގޭ ވެއްޓެނީ.. މިހާރު އެއޮތީ މުޅި ޚަބަރު ތަކުގަ ވެސް އެވާހަކަ. މީހަކު ބުނެލާ ބަހަކުން ރުޅި އަޔަސް މި ދެން ބޮޑު ވަރުދޯ! ތިޔަ ރުޅިއެއް ވެސް ހިފެހެއްޓޭތޯ އުޅެބަލަ... ދެން ނޭނގެ މަށަށް ހަނދާނެ ގޮތެއް ވެސް. " ގޮނޑިއަށް ވެއްޓި ގެންނަމުން އެމީހާ ހަޔާންއާއި ވާހަކަ ދެއްކިއެވެ.
" އޭނައޭ ފެށީ. އަ... " ހަޔާން ވާހަކަ ދައްކާ ނުނިމެނީސް އެމީހާ އެކަން ހުއްޓުވިއެވެ.
" ބަލަ! މަށަށް ވެސް އިނގެއޭ ތިކަން. ތި ކުޑަ ކުއްޖެއް ނޯންދޯ! ދެން އުޅެބަލަ މިކަންތައް ގަނޑު ރަނގަޅު ކުރަން. " އެމީހާ ބުނަން އެ އުޅެނީ ކީކޭކަން ހަޔާންއަށް ރަނގަޅަށް ވެސް އިނގެއެވެ. ވާހަކަ ދެއްކި ރާގުން ވެސް ހަޔާން އިތުރަށް ފޫހިވިއެވެ.
" މަ ތަ އަދިވެސް ރަނގަޅު ކުރަން ޖެހެނީ!! މަގޭ މަޤާމަށް ވުރެ ކަލޭގެ މަޤާމު މަތިވާނެ. މަ ވަޒީފާއިން ކަނޑާލިއަސް ހެވޭ. އެހެން ނުބުނެވިގެނެއްނު ތި އުޅޭ. " ހަޔާންއަކީ އަބަދުވެސް ވަރަށް މަޑުން ހުންނަ ކުއްޖެކެވެ. ނަމަވެސް މިއަދު ވާހަކަ ދައްކާ ގޮތުން ހަޔާންގެ 'ބޮސް' ވެސް ހުރީ ހައިރާންވެފައެވެ.
" އާނ! ވަޒީފާ އިން ކަނޑާނުލާ ވާކަށް ނެތް. މިއަދުން ފެށިގެން ތިހިރީ ވަޒީފާއިން ވަކިކޮށްފަ! " އެމީހާގެ އަޑާއެކު ހަޔާން އިށީނދެ އިން އޮފީސް ގޮނޑި ވެސް ދުރަށް ކޮށްޕާލަފަ ބާރު ހިނގުމެއްގައި ނިކުމެގެން ދިޔައެވެ. ހަޔާން ނިކުތުމުން އެމީހާ ފުންނޭވާއެއްލަމުން ހަމަޖެހިލިއެވެ. އަވަހަށް އޮފީހުގެ ކަންކަން ހަމައަކަށް އެޅުވޭތޯ އެމީހާއަށް އުޅެން ޖެހުނެވެ. ނަމަވެސް އެ ކަންތައްތައް ފަސޭހައަކުން ކޮށް ނިންމާލެވޭނެހެނެއް ހިޔެއް ނުވެއެވެ.
މިވާވަރު ބުނެދޭ ހިތްވޭ
ކަލާޔަށް އަންގާ ހިތްވޭ
ތި ލޯތްބަށް އެދިގެން ދާހިތްވޭ
މަގޭ ހިތް މޮޔަ ވާވަރު ވޭ
މަގޭ ހިތް ހުއްޓޭ ގޮތްވޭ
އަރާމެއް މިހިތައް ބޭނުންވޭ
ކަލާ ފެނުމުން ހީވަނީ އަހާހެންނޭ ލޯބިވޭހޭ ނިކަން
ޝަކުވާ ހިތާ ކުރެވޭ ރޮމުން
އާދޭސް ކުރާ ހިތްވޭ ރޮމުން
މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ
އިންތިޒާރުގައި ހުންނަމޭ ލޯބިން
ކަންފަތައް ހެޑްސެޓް ޖަހައިގެން އަޑު އިވުމުން ދިޔަ ލަވައިން ލުޔޫންގެ ދެލޮލުން ކަރުނަ ނިރާލިއެވެ. މީގެ ދެ އަހަރެއް ކުރިން ވީކަންތައްތައް ލޯމައްޗަށް ސިފަވެގެން އައި ހަމަ ކުއްލިއަކަށެވެ. ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން އަވަސްއަވަހަށް ކުރަން ހުރި މަސައްކަތައިގެން އުޅުނުނެވެ.
" ލުޔޫން.. ދިއުމުގެ ކުރިން ހުރިހާ ތަނެއް ސާފު ކޮށްފަ ބަހައްޓާތި. " އެއަޑާއެކު ބޯ ޖަހާލަމުން ފިހިގަނޑު ހިފައިގެން ލުޔޫން އެތަން ފޮޅަން ފެށިއެވެ.
" ލުޔޫން!؟.. ހާދަ ޚާލެއްގައި ތި އުޅެނީ. ރުފިޔާ ނެތީމަ ސުކޫލުން ކެނޑިގެން މި ރެސްޓޯރެންޓުގަ މަސައްކަތު މީހެއްތަ؟ ނޫނޭ ނޫނޭ؛ ސާބަސް ތި ކުރާ ހިތްވަރަށް. " ކުރިމަތީ ހުރީ ސްކޫލް ދައުރުގެ އެންމެ ގާތް ދެ އެކުވެރިންނެވެ. ބުނެލާ މަލާމާތުގެ ބަސްތަކުން ލުޔޫންއަށް އެތަށް އަސަރެއް ކުރިޔަސް އެކަން ނުދައްކާ ވޭތޯބެލިއެވެ.
" ކާކު މިތާގަ ޚާލުގައި އުޅެނީ؟ ކޮލެޖުން ނުނިކުމެވިގެން އުޅޭ މީހެއްތަ؟ ނޫނީ މަކަހަލަ އެއްވަނަ ހޯދި މީހެއްތަ؟ " ލުޔޫން ހީނލަމުން ހިތާ ދެކޮޅަށް ރައްދެއް ދިނެވެ.
" ދެން ކީއްވީ؟ އަހަރުން މިއުޅެނީ ބޭރަށް ފުރަން. ދޯ ނަޝޫ! " ނުލާފާ ހިނުތުންވުމަކާއެކު ރީޝާ ނަޝްވާއަށް ދޯ ދިނެވެ.
" އަހަންނަށް އިނގޭ ތި މީހުންގެ މުއްސަނދި ދިރިއުޅުން... އެއްޗަކަށް އޯޑަރު ނުކުރަންޏާ މިދަނީ. " ލުޔޫން މަސައްކަތްތައް ނިންމަން ޖެހޭ ކަން ހަނދާންކުރަމުން ދާން ހިނގައިގަތެވެ. ނަމަވެސް ދެން އިވުނު ޖުމުލައަކުން ލުޔޫން ގަނޑުވިއެވެ.
" އޭތް! މަޑުކޮށްބަލަ. މަ އަޑުއެހިން އަޒްޔާން ލުޔޫން ދޫކޮށްލާފަ ގޮއްސިއޭ. އެ ތެދެއްތަ؟ " ނަޝްވާ އިތުރަށް ލުޔޫން ދެރަކޮށްލުމުގެ ނިޔަތުގައި އެހެން ބުންޏެވެ.
" އަޒްޔާން މަ ދޫކޮށްލާފިއްޔާ އެންމެ ފުރަތަމަ ބުނެދޭނަން ނަޝްވާ ކައިރި. ނަޝްވާ އޭނަ ދެކެ ލޯބިވަންޏާ އުޅިބަލަ ފަހަތުން. އެކަމަކު އަހަންނަށް ހީވަނީ އޭނަ ނޫޅޭހެން މާ ގަޔާވެގެނެއް. " ލުޔޫން އެހެން ބުނެލީ ނަޝްވާ ކަނޑަ ކޮށްލާށެވެ. ވީ ވެސް ހަމަ އެހެނެވެ.
" ތިކަން ބަލާނަމޭ. " ލުޔޫން އެހެން ބުނުމުން އެތާ ހުންނަން ފޫހިވެގެން ނަޝްވާމެން ދާން ހިނގައިގަތެވެ.
ލުޔޫން މަސައްކަތްތައް ނިންމާލާފަ މަޑުމަޑުން ގެއާއި ދިމައަށް ހިނގައިގަތެވެ. ބަނޑުހައި ވެފައި ހުރުމުން އަވަސް އަވަހަށް ކުޑަ ގޮތަކަށް ނޫޑުލިސް ކައްކާ ނިންމާލިއެވެ. ' މަ އަޑުއެހިން އަޒްޔާން ލުޔޫން ދޫކޮށްލާފަ ގޮއްސިއޭ..' ނަޝްވާގެ ހޫނު ބަސްތައް ކުއްލިއަކަށް އިވުމުން އަނގައަށް ލާން ނެގި ސަމްސާ ވެސް ތަށި ތެރެއަށް އެއްލާލެވުނެވެ. ލުޔޫންގެ ހިތައް ތަދުވިއެވެ. އަޒްޔާންގެ ހިތައް ކަންފުޅެއްގެ އަސަރެއް ވެސް ނުކުރަނީ ބާވާހެއްޔެވެ؟ އަޒްޔާން ލުޔޫންއާއި ވަކިވެގެން ދިޔަ ފަހުން ދެ އަހަރު ވަނީއެވެ. އެހާ ދުވަސް ވުމުން ލުޔޫން މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ އެހެން ކުއްޖަކަށް އެހިތް ދެވުނީ ބާއެވެ؟ ފޯނު ނަގައި އަޒްޔާންގެ ނަންބަރަށް ލުމަށްފަހު ގުޅާލިއެވެ. ނަމަވެސް އިވެމުން ދަނީ ހަމަ އެކައްޗެވެ. ހިދުމަތް ކަނޑާލާފާއި ވާކަމެވެ. ލުޔޫންގެ ހިތް ވަނީ މާޔޫސްކަމުން ފުރިފައެވެ. އަޒްޔާންއާއި ބައްދަލު ވާނެކަމުގެ އުންމީދުގެ ހުޅުކޮޅު ދިޔައީ ނިވެމުންނެވެ. ' އައި ހޭޓް ޔޫ އަޒްޔާން! ' ވައި އަޑުން ލުޔޫންއަށް ބުނެވުނެވެ.
" އޭނ.! ބްރޯ. ކިހިނެއް؟ " ފޯނު ނެގުމާއި އެކު އަޒްޔާން ވާހަކަ ދެއްކިއެވެ.
" ދެން އިނގޭ ދޯ މަ އޯކޭއެއް ނޫންކަން. ބައްޕަ ވެސް ހުރީ މަދެކެ ނުލައިހިކު ހިތްހަމަ ނުޖެހިފަ.. " ހަޔާން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެ ސިކުނޑިއަށް ވަނީ އެތައް ބުރަތަކެއް އުފުލަން ޖެހިފައެވެ.
" ޕިސް. އެހެންވެ އެއްނުން މި އެހީ ކިހިނެއްހޭ.. މަ އެބަ ބަލަން ހަޔާއަށް މަގޭ ބައްޕަގެ ރިސޯޓުން ވަޒީފާއެއް ހަމަޖެއްސޭތޯ. މިބުނީ މަގޭ ރިސޯޓް. ހެހެ.. އޯކޭތަ؟ " އަޒްޔާން ކާމިޔާބުގެ ޖޯޝަކާއެކު ބުނެލިއެވެ. ނަމަވެސް ކަންތައް ހުރި ގޮތުން ބައްޕަ ޤަބޫލުވާނެ ކަމުގެ ޝައްކުކުރެވުނެވެ.
" މާވަރަކުން އުޅޭނި ކަމެއް ނެތް. މަށަށް އިނގޭ އަޒޭ ބައްޕަގެ ގޮތް. ނުވެއްޖެއްޔާ އެހެން ގޮތެއް ބަލާނި. " އަޒްޔާންއަކީ ހަޔާން ވަރަށް ރަނގަޅަށް ދަންނަ ކުއްޖެކެވެ. ހަޔާން އަޒްޔާންއާއި ބައްދަލުވީއްސުރެ އަޒްޔާން ވެފައިވަނީ ހަޔާންގެ އެއް އަތް ފަދަ އެކުވެރިއަކަށެވެ.
ހަޔާން ފޯނު ބޭއްވި ތަނުން އަނިއްކާ ވެސް ގުޅަން ފެށިއެވެ. ގުޅަނީ ރީޝަމްއެވެ. ނަގައިފިއްޔާ ވަނީ އުނދަގުލަކަށްކަން އިނގޭތީ އަޅާނުލާ ބޭއްވީއެވެ. ކެނޑުނު ތަނާ އަނިއްކާ ވެސް ގުޅަން ފެށިއެވެ. އެކުރާ ކަމެއް ހުއްޓާނުލާނެ ކަން އެނގުމުން އެންމެފަހުން ނެގިއެވެ.
" ހައި ބޭބީ.. ކިހިނެއް؟.. އަސްލުވެސް ވަޒީފާއިން ކަނޑާލީތަ؟ " ރީޝަމް ފޯނު ނެގުމާއެކު ހީވީ ދުނިޔެ ރަންވިހެނެވެ.
" ކިތައްފަހަރު ބުނާނީ އަހަރެންމީ ރީޝަމްގެ ބޭބީއެއް ނޫނޭ.. މަ ރައްޓެއްސެއް ނުވަމޭ ރީޝަމްއަކާ.. ހޫނ! ކަނޑާލާފި. ދެން ކިހިނެއްވީ؟ " ހަޔާން ހުރީ ހިތްހަމަނުޖެހިފައެވެ.
" އެބައޮތް ގޮތެއް.. ބުނަންވީ؟ "
" ކިޔާބަލަ "
" އާދޭ އަހަންނާއެކޮށް މާލެއަށް، އަހަންނާއެއްކޮށް ލަވައެއް ކިޔަން. ޔާން ތީ ކުޑަ އިރުވެސް އަހަރެންގެ ލަވަ ކިޔާ ޕާރޓްނާއެއްނުން. އޭރުން ދެމީހުން އެއްކޮށް ފޭމަސްވާނީ.. ނުލާހިކު ބޮޑު މުސާރައެއް ވެސް ލިބޭނެ. އެހެންނޫނަސް ދެމީހުން އޭރުން ދިމާވާނެއެއްނުން.. ލަވް " ރީޝަމްއަކީ ރާއްޖޭއަށް މަޝްހޫރު ލަވަ ކިޔުންތެރިއެކެވެ.
" އައްޗި.. މަ ނޫޅެން މޮޔަވެގެނެއް. ދެން ބާއްވަނީ ވަރަށް ބޮލުގަ ރިއްސާ. " ހަޔާން އެނދަށް އަރަމުން ބުނެލިއެވެ.
" އޯކީ.. ގުޑް ނައިޓް. ލަވް ޔޫ " ރީޝަމް ފޮނިވެލާފަ ހަޔާން ރުޅިއަރުވާލަން ބުނެލިއެވެ.
މެންދުރު ވަގުތެވެ؛ އިރު ދުނިޔެ މައްޗައް ފާޅުވެފައިވާ އިރު، ގަސްތަކާ ރުއް ތަކުގެ ހިޔަނި ވަނީ މުޅި ބިންމަތީގައި ފެތުރިފައެވެ. އުޑުމަތިން ފުސް ކޮޅެއްގެ ހިލަމެއް ވެސް ނުވެއެވެ. އެގަޑީގައި ބޭރަށް ނިކުންނަ މީހެއްގެ ގައި ހީވަނީީ ދެންމެ، ދެންމެ ރޯފިލުވާލާފާނެ ހެންނެވެ. ލުޔޫން އިނީ އޭނަ މަސައްކަތް ކުރާ ރެސްޓޯރެންޓުގައި ކައުންޓަރު ބަލަހައްޓާށެވެ. އިރުކޮޅަކުން ފޯނެއް އައިސްގެން ބަލާލިއިރު މަންމަ ގުޅަނީއެވެ.
" މަންމާ. މިރޭ އެބަދަން ރައްޓެހި ކުއްޖަކާ މީޓް ކުރަން. ތަންކޮޅެއް ލަހުން ގެއަށް އާދެވޭނީ. " ލުޔޫން ވަރަށް ނުބުނަން ހުރެފަ އެވާހަކަ ލަހުމާގާތު ބުނެލިއެވެ. ނުބުނެ ތަނަކަށް ގޮސް ލަސްވެއްޖިއްޔާ ލަހުމާ ހާސްވާނެ ވަރު އިނގޭތީ ބުނަން މަޖުބޫރެވެ. ލުޔޫންގެ އެއްބަނޑުއެއްބަފާ ބޭބެ ލަޔާން މޫދަށް އެރިއުޅުމުގެ ތެރޭގައި މަރުވި ފަހުން ލަހުމާ ލުޔޫންއަށް ވަރަށް ގާތުން ބަލަން ފެށިއެވެ. ނަމަވެސް ލަޔާންގެ ހިތާމަތަކުން އަރައި ނުގަނެވެނީސް ހާރޓް އެޓޭކްއެއް ޖެހިގެން ލުޔޫން ބައްޕަ ނިޔާވުމުން ލަހުމާ އެތައް ބަލި ތަކުގެ ޝިކާރައަކަށް ވިއެވެ. ނުވީތާކަށް ލުޔޫންގެ ބޮޑުބެ އުޅޭ ނޫޅޭތަނެއް، ކުރާ ނުކުރާ ކަމެއް އިނގެނީކީ ނޫނެވެ. ލުޔޫން އަމިއްލަ ފައި މައްޗަށް ތެދުވަން ވަޒީފާއެއް ހޯދަން ޖެހުނެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ދިރިއުޅުމުގައި ދިމާވާނީ ހުސް އުފާވެރި ހިތް އެދޭ ކަންކަމެއް ނޫން ވިއްޔާއެވެ! އެތައް އަޑި ގުޑަންތަކެއް ވެސް ހުރަސް ކުރަން ޖެހިދާނެއެވެ. ޖެހޭނީ ކެތްތެރިވާށެވެ.
" މާލަސްވަންދެން ބޭރުގަ ނޫޅޭތި. މަންމަ ދަރިފުޅަށް އިތުބާރު ކުރަން." ލަހުމާގެ އެއްބަސްވުމުން ލުޔޫން ހިތްހަމަޖެހުނެވެ.
" ތެންކްސް! މަންމާ ދެން ބޭއްވީ. ގަޑި ޖެހުނީމަ ބޭސްތައް ކާން ހަނދާން ކުރައްޗޭ! " ފޯނު ކަނޑާލުމުގެ ކުރިން ލުޔޫން މަންމައަށް ހަނދާންކޮށްދިނެވެ.
އިރުކޮޅަކުން އެތަނަށް ވަދެގެންއައި ޒައުޝާން ފެނިފަ ލުޔޫން ޖެހިލުންވިއެވެ. ނަމަވެސް މޫނު މައްޗަކުން އެކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.
" ލުޔޫން!.." ޒައުޝާންގެ ބަރު އަޑު މުޅި އެތާ ގުގުމާލާއި އެތާ ތިބި އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުވިއެވެ.
" އޭތް.! ތިޔައްވުރެ މަޑުން ވާހަކަ ނުދެއްކެނީތަ؟ މާ މޮޅެއް ނޫން މިތަނަށް އައިއްސަ ތި ގޮތަށް ކަންތައް ކުރާކަށް. މަ ގުޅާނަން ރުފިޔާ ލިބުނީމަ. " ލުޔޫން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ. ބެލީ ކަންތައް މާ ގޯސް ނުވަނީސް ޒައުޝާން އެންމެ ސިކުންތު ކޮޅެއް ވެސް މަޑު ނުކުރުވާ ފޮނުވާލެވޭތޯއެވެ.
" ތިޔަ ރުފިޔައެއް ނުއެއް ލިބެއެއްނުން. " ޒައުޝާންގެ އަޑު ދިޔައީ ބާރު ވަމުންނެވެ. އޭނަ އެހެން އެ ކަންތައް ކުރަނީ ވެސް ލުޔޫންއަށް ޖެއްސުންކޮށް ލަދުގަންނަވާލުމުގެ ނިޔަތުގައި ކަން ލުޔޫންއަށް ނަގައިގަނެވުނެވެ.
" ކިހިނެއްވެތަ މަގޭ ކައިރި ތިޔަ ރުފިޔާ ދޭން ބުނަނީ؟" ލުޔޫން ވެސް މިފަހަރު ބުނެލީ ކުޑަކޮށް ބާރަށެވެ.
" އަހަންނަކަށް ނޭނގެ ކަލޭ ބޮޑުބެ ވީތަނެއް. ދެން ކާކު ކައިރިތެ އަހާނީ؟ އަވަސް ކޮށްފަ ދަރަނިތައް ފުއްދާ! ކޮން އިރަކުން އަހަންނަށް އެ ހަވާލު ކުރާނީ؟ ނުވަންޏާ ދެން ކަލޭ މަންމަ ކައިރިއަށް ވެސް ދާނަން.. " ޒައުޝާން ރުޅިވެރިކަމާއިއެކު ބުނެލިއެވެ.
" ކޮންމެހެން މަންމަ ކައިރިއަށް ދާން ހަނދާނިކަމެއް ނެތް. މަށަށް އެއްޗެއް ލިބުނީމަ ދޭނަން. ދެން ދާން އުޅިބަލަ. " ލުޔޫން ހުރީ ނުލާހިކު ރުޅިއައިސްފައެވެ. މަންމައޭ ބުނުމުން ލުޔޫން އިތުރަށް ހިތްހަމަނުޖެހުނެވެ.
" ހުހްހް.. މަށަށް އިނގިއްޖޭ ހަދަންވީ ގޮތް. " ޒައުޝާން އެހެން ބުނި އިރު ނުލަފާ ހިނިތުންވުމެއް އެ މޫނު މަތީ ދުވެލިއެވެ. އެ ޢަމަލުން ލުޔޫންއަށް ނުބައެއް ވާން އުޅޭ ކަމުގެ ހިލަންވިއެވެ. ލުޔޫން ހާސްވިއެވެ. އެޚާލަތުގައި ލުޔޫން އަތަކު އެންމެ ރުފިޔާއެއް ވެސް އޮތީކީ ނޫނެވެ. ލިބެންޏާ ލިބޭ އެއްޗެއް ހޭދަ ކުރަން ޖެހެނީ މަންމަގެ ބޭސް ފަރުވާއަށެވެ.
( ނުނިމޭ )