އާހެނދުނަކާއިއެކު ފެށިގެންއައީ އަޟްޙާ ޢީދުގެ ދެވަނަ ދުވަހެވެ.ޢީދުގެ ފުރަތަމަ ދުވަސް ފަދައިން،މިފެށުނު ދެވަނަ ދުވަހަކީ ވެސް ވައި ބާރު،ކަނޑު ގަދަ ދުވަހެކެވެ. ބޯކޮށް ވާރޭ ނުވެހުނު ކަމުގައި ވިޔަސް ވިއްސާރައިގެ އަސަރު އިންތިހާއަށް އުޑުމަތިން ފެންނަން ހުއްޓެވެ.ކަޅު ވިލާތައް އެކުވެފައި ހުރި ގޮތުން ހީވަނީ ހަމަ ދެންމެދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ.ވައި ބާރު،އުޑުމަތި ބަނަ މި ދުވަހުގެ ހެނދުނު ހަތެއް ޖެހިއިރު މާލޭގެ ބަނދަރުން ފުރައިގެން،ކަނޑުގެ ރާޅާއި ހަނގުރާމަ ކުރަމުން އައިސް،ރަށުގެ ބަނދަރަށް ބީއްސާލި ފެރީ ލޯންޗުގައި ފަނަރަ ދަތުރުވެރިން ތިއްބެވެ.ވައި ބާރުވެފައި ކަނޑު ގަދަވުމުގެ ސަބަބުން އެންމެން ވެސް ތިބީ ހިސާބަކަށް ޖެހިލުން ވެފައެވެ.އެހެނަސް ރަށުގެ ބަނދަރަށް ލޯންޗު ބީއްސާލުމާއިއެކު އެންމެންނަށް ވެސް ހަމަޖެހުމެއް ލިބުނެވެ.އެންމެންގެ ހިތްތަކަށް ވެސް ފިނިކަން ލިބިގެންދިއެވެ.ދަތުރުގައި މާބޮޑަށް ޖެހިލުންވެ ހިތް ނުތަނަވަސްވި މީހުންވެސް މިހާރު ތިބީ ހަމައަކަށް އެޅިފައެވެ.ބަނދަރުގެ އެއްފަރާތުގައި ލޯންޗު މަޑުޖައްސާލުމާއިއެކު އެންމެންވެސް ލޯންޗުން ފައިބަން އަވަސްވެގަތެވެ.
އެދަތުރުގެ އެހެން ބައިވެރިން ފަދައިން، ނިޝާލް ވެސް ލޯންޗުން ފައިބައި،އަމިއްލަ ރަށުގެ ފަސްގަނޑުގައި ފައި ބީއްސާލިއެވެ.އެވަގުތު ނިޝާލްއަށް ކުރެވުނު އިހްސާސް ބުނެދޭންވެސް ނޭނގެއެވެ.ދިހަ އަހަރު ފަހުން އަމިއްލަ ރަށަށް،އަމިއްލަ ވަޒަނަށް އާދެވުމުން ނިޝާލްއަށް ކުރެވުނީ ވަރަށް އާދަޔާ ޚިލާފު އިހްސާސްއެކެވެ.ފުންކޮށް އެތެރެއަށް ނޭވާ ދަމާލުމަށް ފަހު،ނޭވާ ބޭރުކޮށްލި ގޮތުން ނިޝާލް ހުރީ ނުހަނު ހިތްހަމަ ޖެހިފައިކަން ހާމަވެގެންދިއެވެ.
ހަމައެހެންމެ އޭނާގެ މޫނު މައްޗަށް ވެރިވެފައި ހުރި ހިނިތުން ވުމުންވެސް އެކަން ރަނގަޅަށް ހާމަވާން ހުއްޓެވެ. "ދިހަ އަހަރު ފަހުން ރަށަށް އާދެވުނީމަ ކޮންކަހަލަ އިހްސާސެއް ކުރެވުނީ..؟" ނިޝާލްގެ ފަހަތުން ލޯންޗުން ފައިބައި،ނިޝާލްގެ ކޮނޑުގައި ހިފާލަމުން،އޭނާގެ އެންމެ ގާތް އެކުވެރިޔާ އިޔާޒް އަހާލިއެވެ. ހަމަ ތެދެއް.މިހާ ގިނަދުވަސް ކޮށްފަ ރަށަށް އާދެވުނީމަ ވަރަށް އުފާވެއްޖެ.ވަރަށް ހިތްހަމަޖެހުން ލިބިއްޖެ" އެވަގުތު ނިޝާލްގެ އިހްސާސްތައް ހުރިގޮތް އޭނާ ހާމަ ކޮށްލިއެވެ.އެއްވެސް ފޮރުވުމެއް ނެތި އެވަގުތު ހިތަށް ލިބެމުންދިއަ އުފާވެރިކަން ހާމަކޮށްލިއެވެ.މައިންބަފައިންނާއި އެކުގައި ނިޝާލް މާލެ ބަދަލުވީ އޭނާގެ އުމުރުން ބާރަ އަހަރުގައެވެ.އެއިރު ނިޝާލް ކިޔަވަމުން ދިޔައީ ގްރޭޑް ހައެއްގައެވެ.ނިޝާލްއާއި އެކީގައި އިޔާޒުވެސް މާލެ ބަދަލުވިއެވެ. ނިޝާލްއާއި އެކީގައި މާލެދާން ބޭނުންވާކަމަށް ބުނެ އާދޭސް ކުރުމުން އިޔާޒްގެ މައިންބަފައިން އޭނާ މާލެ ބަދަލު ކޮށްދިނީއެވެ.ދެ އާއިލާ އަކީ ވެސް އަވަށްޓެރިންގެ އިތުރުން ރަޙުމަތްތެރި ކަމުގެ ގާތް ގުޅުން ބަދަހިކޮށްފައިވާ ބަޔަކަށް ވުމުން ނިޝާލްގެ މައިންބަފައިން އިޔާޒް ވެސް އެ ދެމަފިރިންނާއި އެކު މާލެ ގެންގޮސް،އެ ގޭގައި ހުރެ ކިޔެވޭނެ ގޮތް ހަދައިދިނެވެ.އިޔާޒް ކިޔެވުން ފުރިހަމަ ކުރީ މާލޭގައި ހުރެއެވެ.އޭގެ ބަދަލުގައި ނިޝާލް ކިޔެވުން ނިންމީ ރާއްޖޭން ބޭރުގައި،ލަންކާގައި ހުރެއެވެ.މާލޭގައި ތިން އަހަރު ހޭދަ ކުރުމަށްފަހު،ނިޝާލް އޭނާގެ މައިންބަފައިންނާއި އެކު ލަންކާއަށް ބަދަލުވިއެވެ.
ނިޝާލްގެ މަންމަގެ ބަލިޙާލަތު ހުންނަ ގޮތުން ގިނަގިނައިން ރާއްޖޭން ބޭރަށް ދާންޖެހުމުގެ ސަބަބުން އެކަމަށް އޮތް އެންމެ ލުއިފަސޭހަ ގޮތަކީ އެއީ ކަމަށް ދެކި،ނިޝާލްގެ ބައްޕަ ހަލީލްގެ އެދުމުގެ މަތިން އެެޢާއިލާ އެއްކޮށް ލަންކާއަށް ބަދަލުވީއެވެ. އޭގެފަހުން ނިޝާލްއަށް މާލެ އަންނަން ލިބުނީ މަދު ފުރުސަތެކެވެ.މަންމަގެ ބަލިޙާލަތު ޤަބޫލުކޮށް،މާގިނަ ޝަކުވާއަކާއި ނުލައި ކިޔެވުން ނިމެންދެން ނިޝާލް ކެތްތެރިވިއެވެ.މިހާރު އުމުރުން ބާވީސް އަހަރުވެފައި ހުރިއިރު،ކިޔެވުން ނިމި،އަދާކުރާނެ ވަޒީފާއެއް ހޯދުމުގެ ތައްޔާރީތައް ނިޝާލްވަނީ ފަށައިފައެވެ. "ތި ހިތްހަމަ ޖެހުން އަދި އިތުރުވާނެ ގެއަށްގޮސް ވަނީމަ.ހިނގާ އަވަހަށް ގެއަށް ދެވޭތޯ ބަލަން.ނިޝާލްގެ ދައްތަ ހުންނާނެ މިހާރު ނިޝާލްގެ އިންތިޒާރުގަ'' އިޔާޒްގެ އެ ޖުމްލައާއި އެއްބަސްވެ،ކޮނޑުގައި އޮތް ދަބަސް ހަމައަކަށް އަޅުވާލުމަށްފަހު،ގޭދޮށަށް ދިއުމަށް، އިޔާޒް ފަދައިން ނިޝާލް ވެސް ހިނގައިގަތެވެ.
''ދައްތާ..!'' ގެއަށް ވަދެ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ނިޝާލްއަށް އޭނާގެ މަންމައާއި އެއްބަނޑުއެއްބަފާ އޭނާގެ ދައްތަ، އަޒީޒާ ފެނުމުން ގޮވާލިއެވެ.އެއިރު ނިޝާލްގެ އިންތިޒާރުގައި، ގޭތެރޭގައި ހުރި ސޯފާގައި އިށީނދެލައިގެން އަޒީޒާއާއި އޭނާގެ ފިރިމީހާ ހުސެންގެ އިތުރުން އެ ދެމަފިރިންގެ ދެ ދަރިން ވެސް ތިއްބެވެ. ''އަހަނ..! މިއޮތްއައީ ނިޝާލް.ނިޝާލް ދައްތަމެން މި ތިބީ ހަމަ ނިޝާލްގެ އިންތިޒާރުގަ.އެހާ ގިނަ ދުވަސްކޮށްފަ ނިޝާލް ރަށަށް އަންނަ ވާހަކަ ބުނީމަ ދައްތަ ވަރަށް އުފާވި.'' ސޯފާއިން ތެދުވެ ނިޝާލްއާއި ކައިރިއަށް ޖެހިލައި،ނިޝާލްގެ ކޮނޑުގައި ފިރުމާލަމުން އަޒީޒާ ބުނެލިއެވެ. ''ނިޝާލް ކިހިނެއް ޙާލުއަހުވާލު..؟ ރަނގަޅުތަ..؟'' އަޒީޒާ ފަދައިން އޭނާގެ ފިރިމީހާ ވެސް ނިޝާލްގެ ކައިރިއަށް އައިސް ސަލާން ކޮށްލަމުން ނިޝާލްގެ ޙާލުއަހުވާލު އަހާލިއެވެ. ''އަހަރެންގެ ޙާލު ރަނގަޅު..ބޭބެމެން ކިހިނެއް..؟'' ޖަވާބުގައި ނިޝާލް އޭނާގެ ޙާލު ރަނގަޅު ކަމަށް ބުނެ، އެމީހުންގެ ޙާލު ކިހިނެއްތޯ އަހާލިއެވެ. އެންމެންގެ ޙާލުވެސް ރަނގަޅު.ނިޝާލް ހިނގާ ސައިބޯން.ދައްތަ އެބަހުރި މިއަދު ނިޝާލްއަށް ކަމުދާ ހުރިހާ އެއްޗެއް ތައްޔާރުކޮށްފަ.ނިޝާލް އަންނަ ވާހަކަ ބުނީއްސުރެން ނިޝާލްގެ ދައްތަ އެހުންނަނީ އުފަލުން ފުރިފަ.އިއްޔެ އަންނަން އުޅެފަ ނާދެވުނީމަ ވެސް ވަރަށް ޝަކުވާ ކުރި'' ހުސެން ވާހަކަ ދެއްކީ ހެވިފައި ހުރެއެވެ. ''އާނ.މާބޮޑަށް ވިއްސާރަ ވީމަ އިއްޔެގެ ދަތުރު ފަސްކޮށްލީ.މިއަދުވެސް ވަރަށް ކަނޑުގަދަ.އުޑުމަތި ވެސް ވަރަށް ބަނަކޮށް އޮތީ.އެކަމަކު..ހަމަ ރަށަށް އަންނަ ހިތުން ނުހުރެވިގެން، ވިއްސާރައަށް ވެސް ނުބަލާ މިއައީ'' ދައްތައަށް ބަލާލަމުން ނިޝާލް ބުނެލިއެވެ. ''އާނ.މީ ވިއްސާރައިގެ ނަކަތެއް.މިދުވަސްކޮޅު މޫސުން އުޅޭނީ އެކަހަލަ ގޮތަކަށް.އެހެންވީމަ ދަތުރު ކުރަން އެންމެ ރަނގަޅު ވާނީ ވިއްސާރަ އަލިވެލީމަ.ނިޝާލް މިކޮޅުން ދާންވާނީ ވިއްސާރަ އަލިވެލީމަ'' ނިޝާލްއާއި އެއްބައި ވެލަމުން ހުސެން މިހެން ބުނެ ކާގެއާއި ދިމާއަށް އިޝާރާތް ކޮށްލަމުން ހިނގައިގަތެވެ.
ސޯފާގައި ދަބަސް ބަހައްޓާލުމަށްފަހު،ހުސޭނުގެ ފަހަތުން ކާގެއާއި ދިމާއަށް ނިޝާލް ހިނގައިގަތެވެ.ނިޝާލްގެ ދައްތައާއި ދެ ކޮއްކޮވެސް އެމީހުންނާއިއެކީގައި ހިނގައިގަތެވެ. ''ނިޝާލް ޖެހޭނެ ތި ހުރިހާ އެއްޗެއްގެ ވެސް ރަހަ ބަލަން.އެހެންނޫނީ މަށަށް ޖެހޭނެ ދައްތަގެ ޝަކުވާ އަޑުއަހަން'' މޭޒުމަތީގައި އަތުރާލައިފައި ހުރި ކާތަކެއްޗަށް ނަޒަރު ހިންގާލަމުން ނިޝާލްވެސް ހިނިތުން ވެލިއެވެ. ''ދައްތާ..މި ހުރިހާ އެއްޗެއް ކިހިނެއް އަހަރެން ކާނީ..؟ މިތާގަނެއް ވައްތަރެއްނެތް.ހަމަ އެންމެ ވައްތަރެއްގެ ކާއެއްޗެއް ހުރިނަމަވެސް އަހަންނަށް ރަނގަޅުވިސް'' މޭޒުދޮށުގައި ހުރި ހުސް ގޮނޑިއެއް ދަމާލާފައި،އޭގައި އިށީންނަމުން ނިޝާލް ވާހަކަ ދައްކަންފެށިއެވެ. ''މާގިނަ ބަހަނާ ނުދައްކާ އަވަހަށް ކާންފަށާ.ދައްތައަށް އެނގޭ މިހާރު ނިޝާލް ކޮއްކޮ ހުންނާނީ ވަރަށް ބަޑުހައިވެފަކަން'' ނިޝާލްގެ އެއްފަރާތުގައި ހުރި ގޮޑީގައި އިށީންނަމުން އަޒީޒާ ބުނެލިއެވެ. ދައްތަގެ ބަސް ޤަބޫލު ކުރުން ނޫންގޮތެއް ނެތޭ ހިތަށް އަރުވާލަމުން ނިޝާލް ކާންފެށިއެވެ.
ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު ނިޝާލް އޭނާގެ ކޮޓަރިއަށް އައިސް ވަދެ ދޮރުލައްޕާލިއެވެ.ކޮޓަރި ތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލުމުން މީގެ ދިހަ އަހަރު ކުރީގެ ހަނދާންތައް ނިޝާލްގެ ސިކުނޑީގައި ދައުރުވެލިއެވެ.އެންމެ ކުޑައިރުގެ އެ ހަނދާންތައް ނިޝާލްގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވިއެވެ.ނިޝާލްގެ ކޮއްކޮގެ އިތުރުން އިޔާޒް އާއިއެކު އެ ކޮޓަރިތެރޭގައި ދުވެ ސަކަރާތް ޖަހައި އެކި ކަހަލަ ކުޅިވަރު ކުޅުނު މަންޒަރު ހަނދާނަށް އައެވެ.އެއިރު މާގިނައިން ގެއިން ބޭރަށް ދިއުމުގެ ބަދަލުގައި ގޭތެރޭގައި ތިބެ އެކިކަހަލަ ކުޅިވަރު ކުޅުމަށް ނިޝާލްމެން އާދަކުރިއެވެ.އޭރުގެ ހަނދާންތަކާއިއެކު އެނދުގައި އިށީންވަގުތު ނިޝާލްގެ ފޯނު ރިންގުވާން ފެށިއެވެ.އެހެންކަމުން އަވަސްއަވަހަށް ޖީބުން ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. ''ހިނގާބަލަ ބޭރަށް ގޮސްލަން.ރަށުތެރެ ވަރަށް ފޯރިގަދައޭ ރައްޓެއްސަކު ގުޅާފަ ބުނެފި.އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ބިލަތްދަފި އެންމެ ކުރީގަ.އިއްޔެވެސް ބިލަތްދަފި ނެގުން ވަރަށް ފޯރީގަ ކުރިއަށްދިއަ ކަމަށް ވަނީ.މިއަދުވެސް މިހާރު ފަށައިގެން އުޅެނީ.އަހަރެމެން ވެސް ހިނގާ އެތަނަށް ދާން.އޭނަވެސް ވީ އެ ސަރަހައްދުގަ.އަހަރެން މިދަނީ ތި ގޭކައިރިއަށް.ނިޝާލް ވެސް ނިކުމެހުރޭ'' އިޔާޒްގެ ޖުމްލަތައް އަޑު އިވުމުން އާދައިގެ މަތިން ރަށުގައި ބާއްވާ ޢީދު ކުޅިވަރުތަކުގެ މަތިން ނިޝާލް ހަނދާންވިއެވެ.އެހެންކަމުން ނިޝާލް ވެސް ގޭގައި ހުންނަ ހިތެއް ނުވިއެވެ.ޢީދު ކުޅިވަރުތައް ކޮންމެހެން ވެސް ބަލަން ޖެހޭނެއޭ ހިތަށް އަރުވާލަމުން ފޯނު ޖީބަށް ލައިފައި ކޮޓަރިން ނިކުތެވެ.
ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓައި، މާ ލަހެއްނުވެ ނިޝާލްގެ ލޮލުގައި އިޔާޒް އަޅައިގަތެވެ. އެހެންކަމުން،އިތުރަށް ދޮރުމަތީގައި މަޑުނުކޮށް،ނިޝާލް ކުރިއަށް ހިނގައިގަތެވެ.ނިޝާލްއަށް އިޔާޒްއާއި އަރައި ހަމަކުރެވުމުން ދެމީހުން އެކުގައި ހިނގައިގަތެވެ.''އަހަރެމެން ކުޑައިރު،ޢީދުގަ ހާދަ މަޖަލެއްކޮށްލީމޭ ދޯ.އަދިވެސް އެ ދުވަސްތައް މަތިން ވަރަށް ހަނދާންވޭ.ނިޝާލްގެ ހަނދާނުގަ އެދުވަސްތައް އެބަހުރިތަ..؟" ކުރިއަށް ހިނގައި ގަންނަމުން އިޔާޒް، މީގެ އަހަރުތަކެއް ކުރީގެ ވާހަކަ ފެށިއެވެ. ''އާނ..އަހަރެންވެސް އެހަނދާން އެބަހުރި.ޢީދު ފޯރީގަ މަގުމައްޗަށް ނިކުމެ އަހަރެމެން އެކަކު އަނެކަކުގެ ގަޔަށް ފެންޖަހަން ދުވި މަންޒަރުތައް ހަނދާނުގަ އެބަހުރި.އެދުވަސްތައް ވަރަށް މަޖާ.ވަރަށް އުފާވެރި'' އިޔާޒުއަށް ޖަވާބު ދެމުން،މީގެ ދިހަ އަހަރު ކުރީގެ އެހަނދާންތައް ސިނކުޑީގައި ހަރުލައި ހުރިކަމަށް ނިޝާލް ބުނެލިއެވެ.ކުޑައިރު ޢީދު ފާހަގަ ކުރިގޮތުގެ ހަނދާންތައް އާކޮށްލަމުން، އެއިރު ކުޅުނު ކުޅިވަރާއި،މަޖަލާއި އުފާވެރިކަމުގެ ވާހަކަ ދައްކަމުން އައިސް ގޯޅިއެއްގެ ކަންމައްޗަށް އެރުވުނުތަނާހެން ކުއްލިއަކަށް ނިޝާލްގެ މޫނާއި ހަށިގަނޑު،ރަތްކުލަ އެކުވެފައިވާ ފެންއެއްޗެއްގެ ޝިކާރައަކަށް ވެގެންދިއެވެ.