ސައިކަލުގެ އަލި މަދީހުގެ މޫނަށް އެޅުނު ހިނދު، ވާތުއަތް ނަގައި މޫނު ފޮރުވަމުން އިސްޖަހާލިއެވެ. އެ ވަގުތު، ވާތު އަތުގެ ކޮނޑުގައި އޮޅާލެވިފައި އޮތް ދިގު ވާގަނޑު، ލައިގެން ހުރި ނޫ ކުލައާއި، ހުދުކުލައިގެ ގޮޅިޖެހި ގަމީހުގައި ޖެހި ހޫރެމުން ދިޔައެވެ. އަދި އެލުވާލެވިފައިވާ ކަނާތު އަތުގައި އޮތް އެޅިގަލުން ޖެހި، ލައިގެން ހުރި ކަޅު ފަޓުލޫނުގައި، ހިރަފުހުން ކުރެހެމުން ދިޔައެވެ. ބަރުހެލި ގޮތަކަށް، ދެ ފަރާތައް ހޫރެމުން، މަޑުމައިތިރި ލަސް ހިނގުމެއްގައި އޭނާ ދިޔައީ، އަރައިގެން ހުރި ފެންފައިވާނަށް ގެއްލުމެއް ނުވާ ވަރަށެވެ.
ހިނދުކޮޅަކަށް އަލި އަޅުވާލި ސައިކަލު، މަދީހުގެ ފަހަތައް ފަހަނައަޅައި އޮބާލިއެވެ. އެއިރު މުޅި ރަށުން ކަރަންޓު ކެނޑިފައިވުމުން، ކަޅުފޮއި ރޭގެ މެންދަމު ވަގުތު އަލިކަމެއް ގެނުވަމުން ދިއަ، ތަރިތަކުގެ އައްޔަށް މަދީހުގެ ލޯ ހޭނިލަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އެ ހިނދު އޭނާގެ ލޮލުން އައިސްފައި ހުރި ކަރުނައިން ކުޑަވަރެއްގެ ވިދުވަރެއް ފެނިލިއެވެ. އެއީ ފުންކަން ނޭނގޭހާ ފުން ހިޔާލުތަކެއްގެ ތެރެއަށް އޭނާ ގެނބިފައިވާ ކަމުގެ ނިޝާނެކެވެ. މޫނުމަތީގައި އެވާ ހުސްކަން ބުނެދެމުން އެދަނީ، އޭނާގެ ހަޔާތައް ކޮންމެވެސް ބޮޑު ތޫފާނެއް އައިސްފައި ވާކަމެވެ. މި ވަގުތު މަދީހު ދެކެނީ ހަޔާތުގެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ކަމުގައެވެ.
މަޑު ހިނގުމުގައި މަދީހުއަށް ބަނދަރަށް ނުކުމެވުނު އިރު، އުޑުމަތިން ކުޑަވަރެއްގެ ވާރޭ ވިލާރޮށްޖެއް، ރަށާއި ދިމާލަށް މިސްރާބު ޖަހަމުން އައެވެ. މުޅި ހިސާބުގަނޑަށް ވެރިވެފައިވާ ނާމާން ކަމުގެ ތެރެއިން، އިވެމުން ދަނީ މަދީހުގެ ނޭފަތް ދެމުމުގެ އަޑާއި، ހިނގުމުގެ އަޑުގެ އިތުރުން، ކުދި ސޫފިތައް ގޮވާ އަޑުތަކެވެ. އެ ވަގުތު އެތަނުގައި، އޭނާގެ ހަރަކާތްތައް ފެންނާނެ އެއްވެސް އިންސިއެއް، ޖިންނިއެއް، އަދި ޖަނަވާރެއް ވެސް ވާހެނެއް ހިޔެއްނުވެއެވެ. ނަމަވެސް މަދީހުގެ ހިތައް ބިރުވެރިކަން އިހުސާސު ވާކަމުގެ އެއްވެސް ކުލަވަރެއް ފެނިގެނެއް ނުދެއެވެ.
މަދީހުއަށް ޖެޓީގެ ދެކުނު ފަރާތުގައި ހަދާފައިވާ ސިޑީގެ މައްޗަށް އެރުނު ވަގުތު، ހަމަކުރަމުން ގެންދިއަ ވާރޭ ވިލާރޮދީގެ ދަށުން ފޯރިމަރަމުން އައި ފިނި ވައިރޯޅިއެއް އައިސް، ގައިގައި ބީހިލިއެވެ. އެ ވަގުތު ވައިރޯޅި އޭނާގެ ގާތުގައި އެ ކުރަން އުޅޭ ކަންތައް ނުކުރުމަށް ބުނިހެން ހީވެ، ގައިން ހީބިހި ނަގައިގެން ދިއައެވެ. ނަމަވެސް އެ ވައިރޯޅިން، އޭނާގެ އަޒުމަކަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. އަވަސް ހަރަކާތާ އެކު، ސިޑީގެ މަތީގައި އިށީނދެ، އެޅިގައު ބާއްވާ، އޭގައި ގެނައި ވާގަނޑު އަށްސަން ފެށިއެވެ.
ކައިރިވަމުން އައި ވާރޭ ވިލާރޮދީގެ އަޅުވެތިކަމުގައި އުޅުނު ވައިރޯޅިތަކުގެ އެދުމަށް ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަށަން ފެށި ވަގުތު، ފަޅުގައި އުފެދުނު ބާނިތައް، ނޫ ކުލައިން ދިއްލެން ފެށިއެވެ. ނަމަވެސް، ވާތު ފައިގައި ވާގަނޑު އަށްސަމުން ގެންދިއަ މަދީހުއަށް، އެ މަންޒަރެއް ނުފެނެއެވެ. ކުއްލިއަކަށް، ވާރޭ ވިލާރޮދިން ވެއްޓިގެން އައި ކުޑަ ފެންތިއްކެއް އަތުގައި ޖެހުނު ހިނދު، އޭނާގެ ހަރަކާތައް ހުއްޓުމެއް ގެނުވިއެވެ. ބޭއިހްތިޔާރުގައި، މަދީހު އިސްއުފުލާ އުޑުމައްޗަށް ބަލާލިއެވެ. ހަތަރު އުދަރެސް ފެނުޖެހުނެއް ކަމަކު، މަތީގެ ރިޒުގު ބަންދު ނުވާނެކަން އެ ވާރޭ ވިލާރޮދި މަދީހުގެ ގާތުގައި ބުނަމުން ދިއައެވެ. އެހެނެއް ކަމަކު، ކޯތާފަތުގައި ޖެހުނު ވާރޭފެން ތިއްކެއް ކަރުނައާއި އެކުވެގެން ދިޔަ ވަގުތު އިސްޖަހާލައި ވާތުފައިގައި ވާގަނޑު އަށްސާ ނިންމާލިއެވެ. މިއަދު އޭނާ ބޭނުންވަނީ މި ވަގުތީ އާލަމުން ވަކިވެގެން ދިއުމެވެ.
މަދީހުގެ ދެ އަތުން އެޅިގަލުގައި ހިފައި، ފުން ނޭވާއެއް ލުމަށްފަހު ތެދުވި ވަގުތު ބޮލުމަތީގައި ވީ ވާރޭ ވިލާރޮދިން، ހިމަފޮދު ވާރޭއެއް ވެހެން ފެށިއެވެ. އެ ވަގުތު ވާރޭފެންތިކި ވެއްޓި ފަޅުގެ ލޮނުގަނޑުގައި ޖެހޭ ކޮންމެ ތަނަކާއި، އުފެދޭ ކުދި ބާނިތައް ނޫކުލައިން ދިއްލެން ފެށިއެވެ. މަދީހުއަށް އެ މަންޒަރު ފެނި ހައިރާންކަން ގެނުވި ވަގުތު، އަތުގައި އޮތް އެޅިގައު، އަތުން ދޫވެގެން ސިޑީގެ މައްޗަށް ވެއްޓުނެވެ. އެ ހިނދު، ސިޑިއަށް ލިބުނު ކުޑަ ލޮޅުމުގެ ސަބަބުން، ސިޑީގެ ކައިރީގެ، ފަޅުގެ މަތީ ފެން ފަށަލާގައި އުޅުނު މަސްތައް ކުއްލިއަކަށް ދުއްވައިގަތެވެ. އެސޮރުމެން ދުވެފައި ދިޔަ ރޮނގުތައް ވެސް ނޫކުލައިން ދިއްލިގެން ދިއުމުން އެ މަންޒަރަށް އިތުރު އަޖައިބު ކަމެއް ގެނުވާލިއެވެ. އެ ވަގުތު މަދީހު ކުރަން އުޅުނު ކަންތަކުގެ މަތިން މުޅިން ހަނދާން ނެތި، އެ މަންޒަރު ބަލަން ހުރެވުނެވެ.
ރެދަނުގެ ނޫ އަލިން ފަޅުތެރެ ދިއްލެމުން ދިއަ، އަޖައިބު ކުރުވަނިވި، ހިއްގައިމު ނަމަވެސް ބިރުވެރި މަންޒަރު ބަަލަން ހުރި މަދީހުގެ ނަޒަރު ކުއްލިއަކަށް ގޮސް ހުއްޓުނީ، ރަށާއި ވީ ފަރާތު ޖެޓީ މަތީގައި ހުރި ކުޑަ ފިރެހެން ކުއްޖަކާއި ދިމާލަށެވެ. އެ ކުޑަކުއްޖާ ހުރީ ބަރު އެއްޗެއްހެން ހީވާ އެއްޗެއް، ދެ އަތުން ހިފައިގެން މެޔާލާ ބައްދާލައިގެންނެވެ. ގެނބެމުން ދިޔަ ހިޔާލުތަކުން ކުއްލިއަކަށް މިންޖުވެ، މަދީހުއަށް ހަމަހޭވެރިކަން ވިއެވެ. އަދި، އޭނާ ކުރަން އައި ކަންތައް، އެ ކުޑަކުއްޖާ ވެސް ކުރަން އުޅޭހެން ހީވެ، އެކަން ހުއްޓުވަން ދިއުމަށް އަވަސްވެ ގަތެވެ. ނަމަވެސް، މަދީހުގެ ފައިގައި އެޅިގައު އަށްސާފައި އޮތްކަން ހަނދާންނެތި، ފަޔަށް ބާރުލާ ދުއްވައިގަތް ވަގުތު ސިޑީގެ މައްޗަށް އަނގަ ވަތައް ވެއްޓުނެވެ. އަދި އޭނާގެ ބޯ، ސިޑީގައި ޖެހުނު ވަގުތު، ”ސީން“ އަޑު އިވި، ސިކުންތުކޮޅަކަށް މުޅި ދުނިޔެ ހުއްޓުން އެރިއެވެ. ވީ ތަދަށް ކެތްކޮށް މަދީހުގެ ބޮލުގައި އަތް ކާތަމުން ތެދުވެ ބަނދަރާއި ދިމާލަށް ވާގޮތައް އިށީނދެ ހަމަޖެހިލަމަށްފަހު، ފައިގައި އަށްސާފައި އޮތް ވާގަނޑު މުހާލުމަށް އަވަސްވެގަތެވެ.
މަދީހުގެ ފައިގައި އަށްސާފައިވާ ވާގަނޑު މުހާލާ، ކުޑަކުއްޖާއާއި ދިމާލަށް ބަލާލި އިރު، އެ ކުއްޖާ ހުރީ ޖެޓީއާއި ތަންކޮޅެއް ދުރުގައެވެ. އަވަސް ހަރަކާތާއި އެކު މަދީހު ކޮޅަށް ތެދުވަނިކޮށް، އެ ކުއްޖާ ހިފައިގެން ހުރި ބަރު އެތި ކޮނޑުގައި އެޅުވުމަށްފަހު، ޖެޓީއާއި ދިމާލަށް ދުއްވައި ގަތެވެ. އެ ވަގުތު ފަޅުގެ މެދާކަށްހާ ހިސާބުން ވަށްބުރަކަށް ވާގޮތައް ނޫކުލައިން ދިއްލި، ފަޅުގެ ލޮނުގަނޑުގައި އޮއިވަރެއް އުފެދި އެނބުރެން ފެށިއެވެ. އެ މަންޒަރު ފެނި ހުއްޓުން އެރި މަދީހުގެ ހިތައް ބިރުުވެރިކަން ވަދެގެން ދިޔައީ، ބާރު ދުވެލީގައި އައިސް ފަޅުގެ ތެރެއަށް ފުންމާލި ކުޑަކުއްޖާގެ ފަހަތުން އަނދިރި ދުންގަނޑެއް އުފެދެން ފެށުމުންނެވެ. އެ ދުންގަނޑުން ކަޅު ބިޔަ ދޫންޏެއް އުފެދި އެ ކުއްޖާ ޖަހައިގަނެގެން ގޮސް، ފަޅުގައިވި އޮއިވަރުގެ އެނބުރުމުގެ ތެރެއަށް ފީނައިގަތެވެ. ހަމަ އެއާއެކު ފަޅުގައިވި އޮއިވަރު ކުއްލިއަކަށް ހުއްޓި، ފަޅުގެ ހުރިހާ ހިސާބެއްގެ ލޮނުގަނޑު ރެދަނުގެ ނޫއަލިން ދިއްލާލިއެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެ ބިރުގަތްފައި ހުރި މަދީހު ހިތްވަރުކޮށް އަވަސްވެ ގަތީ އެ ކުއްޖާ ހުރި ހިސާބަށް ދިއުމަށެވެ.
މަދީހުގެ ފަޔަށް ބާރުލާ ދުވެފައި ކުޑަކުއްޖާ ހުރި ހިސާބަށް ދެވުނުއިރު، ފަޅުގައިވި ރެދަނުގެ ނޫއަލި މަޑުމަޑުން ފަނޑުވަމުން ގޮސް ނިވެނީއެވެ. އެ އިރު ހިތް އަވަސްވެ މާނޭވާ ލެވިލެވި ހުރި މަދީހު، ގުދުވެލާ، މޭފުރާ ހައެއްކަ ނޭވާލާ، ވަރުބަލި ފިލުވާލުމަށް ޖެޓީގެ މަތީގައި މަޑުކޮށްލިއެވެ. އޭނާގެ ހިތް އެދެމުން ދިއައީ، ފަޅުގެ ތެރެއަށް ފުންމާލާ، އެ ކުޑަކުއްޖާ ފެނޭތޯ ބެލުމަށެވެ. އެ އެދުމަށް ފުންމާލަން ޖެހިލުންވެ ހުރެ ނަމަވެސް، ފުން ނޭވާއެއްލައި ދުވެފައި ގޮސް ފަޅުގެ ތެރެއަށް ފުންމާލިއެވެ. ހަމަ އެވަގުތު އައި ގަދަ ވަޔާއެކު އުޑުމަތީގައި ވި ވާރޭ ވިލާރޮދިން ބޯކޮށް ވާރޭ ވެހެން ފެށިއެވެ.
ފަޅުގެ މަތީފެންފަށަލައިން ރެދަނުގެ ނޫ އަލިން ދިއްލެމުން ދިޔަ ނަމަވެސް، މަދީހުގެ ދެލޯ ނެއްތަނަށް ހުޅުވައިގެން ފަޅުގެ އަޑީގައި ފީނަމުން ދިޔައިރު ފަޅުގެ އަޑީގައި ވާ އަނދިރިކަމުގެ ތެރެއިން އެކަށްޗެއް ވެސް ނުފެނެއެވެ. މަދީހުއަށް މި ކުރެވެނީ ބޭކާރު ކަމެއްކަން ރޭކާލީ، ނޭވާ ކޮޅަށް ގޮސްގެން ދެތިން ފަހަރަކު އަރާ ފީނާފީނާ ވަރުބަލިވި ފަހުންނެވެ. އެއިރު ވެސް ބޯކޮށް ވިއްސާރަ ވެހެމުން ދާތީ، މަދީހު ހީކަރުވައި ގަނެގެން ތުރުތުރު އަޅަމުން ދިއައެވެ. އެންމެ ފަހުން އެ ކުޑަކުއްޖާ ނުފެންނާނެ ކަމަށް ނިންމާ، ޖެޓީގައި ދޯނި ގާތްކޮށް މީހުން ރަށަށް އަރުވަން ހަދާފައި ހުންނަ ސިޑިއަކުން ޖޭޓީގެ މައްޗަށް އެރިއެވެ. އެ ވަގުތު މަދީހުގެ ބޮލުގައި ވަރަށް ގަދައަށް ރިއްސައިގަނެ ހެޔަށް ގޮށްވާން ފެށުމުން، ދެއަތް ނަގާ ބޮލުގައި އަތްއަޅާ މަޑުމަޑުން ތިރިވާން ފެށިއެވެ. އެ ވަގުތު، ޖެޓީ ކައިރީގައި ޖަހާފައި ހުންނަ ބައްތިތައް މަޑުމަޑުން ދިއްލެމުން ދިއަ ނަމަވެސް މަދީހުގެ ލޯމައްޗަށް ދިއައީ އަނދިރި ވަމުންނެވެ. ކުއްލިއަކަށް، ”މަދީހު“ އޭ ކިޔާ މީހަކު ގޮވާލި އަޑު އިވިގެން ފަހެއް ބަލާލިއިރު، އޭނައާއި ދިމާލަށް މީހަކު އަންނަތަން ފެނުނު ނަމަވެސް، އަނބުރައިގަނެގެން މަދީހު ޖެޓީގެ މައްޗަށް ވެއްޓުނެވެ.
-ނުނިމޭ-