އަހަރެންނަށް އެއެއްޗެއް ފެންނަތަން މިހާރު މަހެއްހާ ދުވަސް ވަނީއެވެ. ފުރަތަމަ ފަހަރަށް އަހަރެންނަށް އެއެތި ފެނުނު ދުވަހެވެ. އެއީ އަހަރެން ބަލިވެއިނދެ، ބަނޑަށް 2 މަސްވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެވެ. ޑޮކްޓަރަށް ދައްކައި ނިމިގެން ހޮސްޕިޓަލުން ބޭރަށް ނުކުމެފައި ކާރަށް އަރަން އުޅުނު ވަގުތެވެ. އަހަރެންނަށް އެއެތި އަލަށް ފެނުނީ އެކާރުގެ ބިއްލޫރިގަނޑުންނެވެ. އެއެތި ފެނުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ ކުޑަ އަންހެން ކުއްޖެއްގެ ސިފައިގައި ހުރިއެއްޗެކެވެ. ފަލަފަލަކޮށް ހުރި ލޯބި ފުއްގަނޑެއް ކަހަލަ އަންހެން ކުއްޖެކެވެ. މޫނުމަތީގައި ދެއަތް އަޅައިގެން ހުރުމުން މޫނު ފެންނަ ގޮތެއްނުވިއެވެ. ނަމަވެސް ބަލާ ބެލުމަށް އެކުއްޖާ ހީވަނީ 13، 14 އަހަރުގެ ކުއްޖެއްހެނެވެ. އަހަރެން ފަސް އެނބުރި ބަލައިލީމެވެ. އެއީ އަހަރެންގެ ފަހަތުގައި ހުރި ކުއްޖެއްގެ ސޫރަކަމަށް ހީކޮށެވެ. ނަމަވެސް އެވަގުތު އެތާނގައި އަހަރެންނާއި އަހަރެންގެ ފިރިމީހާ، ޒައީމް ފިޔަވާ އެކަކުވެސް ފެންނަން ނެތުމުން އަހަރެން ޤަބޫލުކުރީ އެއީ އަހަރެންނަށް ހީވި ހީވުމެއް ކަމަށެވެ. އެހެންކަމުން އަހަރެން އެކަމަކާ މާ ބޮޑަށް އަޅައެއްވެސް ނުލަމެވެ. ޒައީމް ކައިރީ އެވަގުތު އެވާހަކަ ނުދެއްކީވެސް އެހެންވެއެވެ.
އެދުވަހު ގެއަށް ދާން ކާރަށް އަރައި އިން އިރު އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. ހިތް ބިރުގަނެ ހާސްވެ ދާހިއްލަން ފެށިއެވެ. މަގުމަތިން ހިނގާފައި ދާ މީހުންވެސް އަހަރެންގެ ގަޔަށް ބަލާހެން އަހަރެންނަށް ހީވިއެވެ. ކަޅު ބިއްލޫރި ޖެހި އެކާރުގެ އެތެރެއެއް ބޭރުން ދާ މީހުންނަށް ނުފެންނާނެކަން އަހަރެންނަށް އެނގޭއިރުވެސް ހިތުގައި ވަހުމުތަކާއި ޝައްކުތައް އުފެދެމުން ދިޔައެވެ. އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވަމުން ދިޔައީ އޭގެ ކުޑަ އިރުކޮޅެއް ކުރިން ބަރުދަން ބެލުމަށްޓަކައި އަހަރެން ހޮސްޕިޓަލުގެ ކައްޓާ މައްޗަށް އަރާ ހުރި މަންޒަރެވެ. ހިތަށް އެރިއެވެ. އެންމެ 2 މަހުން އަހަރެން ހާދަހާ ބަރެއް ވެއްޖެއެވެ. އަދި ވިހަން ވާއިރަށް މިއަށް ވުރެވެސް ފަލަވާނެތާއެވެ. އަހަރެން އިތުރަށް ފަލަވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ހިތަށް އެރުމާއެކު އިތުރު ޚިޔާލުތަކެއްވެސް އަހަރެންގެ ހިތަށް ވެރިވިއެވެ.
އަހަރެންނަކީ ފެޝަން މޮޑެލްއެކެވެ. އެއީ ކުޑައިރުއްސުރެ އަހަރެން ކުރިއަށް ދާން އެންމެ ބޭނުންވި ދާއިރާއެވެ. ކުޑައިރުގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރީމެވެ. އަހަރެންނަކީ މާރީތި ހަށިގަނޑެއް ލިބިފައި ހުރި ކުއްޖެއް ނޫނެވެ. އެއީ އަހަރެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. އަހަރެންގެ ބަދުނަސީބެވެ. ހަށިގަނޑުގެ ބައްޓަން ރީތި ކުރުމަށްޓަކައި އަހަރެން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނުވަނީ ކޮން ޤުރުބާނީއެއް ހެއްޔެވެ؟ އެކަމަށްޓަކައި ތަފާތު އެކި މީހުންގެ އިރުޝާދު އަހަރެން ހޯދީމެވެ. މީހަކު ބުނިހާ ބުނި ޑައިޓެއް އަހަރެން ޖެއްސީމެވެ. ކެއުން ބުއިމަށް ބޮޑެތި ބަދަލުތަކެއް ގެނައީމެވެ. ކެއުން ބުއިން ވަރަށް މަދު ކޮށްލީމެވެ. އަހަރެންގެ މަޤުޞަދަކަށްވީ ކޮންމެ ގޮތެއް ހަދައިގެންނަމަވެސް ބަރުދަން ލުއިކުރުމެވެ. "މަޑު ޗަކުން ޗައްޕާސްކަން" ކެނޑުވުމެވެ. އެކަމަށްޓަކައި ހައިހޫނުކަންވެސް ތަހަންމަލްކުރަން އަހަރެން ހުރީ ތައްޔާރަށެވެ. އަހަރެންނަށް ތަހަންމަލްކުރަން ދަތިވީ މީހުންގެ ފާޑު ކިޔުންތަކެވެ. ހަނގާކުރުމާއި ފުރައްސާރަކުރުންތަކެވެ. ފަލަކޮށް ހުރުމުން އެންމެންވެސް އަހަރެންނަށް ވަރަށް މަލާމާތްކުރިއެވެ. ކުލާސް ކުދިންނާއި މުދައްރިސުންނެވެ. ގާތް ރައްޓެހިންނާއި ތިމާގެ މީހުންނެވެ. އަހަރެން ހީކުރީ އަހަރެން ހިކެން މަސައްކަތްކުރުމުން އެންމެންވެސް އަހަރެންނަށް ވަރަށް ހިތްވަރުދީ އެހީ ވާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ. އަހަރެން ކުރި ބުރަ މަސައްކަތް ބަލައިގަތުމުގެ ބަދަލުގައި އަނެއްކާވެސް އަހަރެން ކުރިމަތިލާން ޖެހުނީ އެމީހުންގެ ޖޯކުތަކާއެވެ. މިއަދު އެހެނަސް އަހަރެންގެ އުއްމީދުތައް ޙާސިލް ވެއްޖެއެވެ. ރީތި ހަށިގަނޑަކާއެކު މީހުންގެ ލޯތްބާއި އިޙްތިރާމްވެސް ލިބިއްޖެއެވެ. އެހެންކަމުން ދެން ދުވަހަކުވެސް މި ރީތިކަން ގެއްލޭކަށް އަހަރެން ނޭދެމެވެ.
އެޚިޔާލުތަކަށް ގެއްލިފާ އިން އަހަރެންނަށް ހޭވެރިކަންވީ ކާރު އައިސް ގޭދޮށަށް މަޑުކުރުމުންނެވެ. އެރޭ ނިދަން އޮއްވާ ކުއްލިއަކަށް އަހަރެން ހަނދާންވީ އެއްކަލަ ކުއްޖާ މަތިންނެވެ. އެކުއްޖާ ލައިގެން ހުރި ހެދުން ހުރީ ތެމިފައެވެ. އޭގެ ފަސްބައިން ފެންތިކި ޖެހޭ ތަން އަހަރެން ދުށީމެވެ. އެކުއްޖައާމެދު އަހަރެންނަށް ވިސްނެން ފެށުނީ އެކަންތައް ހަނދާންވުމުންވެ. އޭނާ ތެމިފަ ހުރީ ކީއްވެގެން ހެއްޔެވެ؟ ޔަޤީނުންވެސް އެވަގުތު ވާރޭއެއްވެސް ނުވެހެއެވެ. އެކުއްޖާ މޫނުމަތީގައި އަތް އަޅައިގެން ހުރީ ކީއްވެގެން ހެއްޔެވެ؟ އޭނަ ހުރީ ރޯންބާވައެވެ؟ އޭނަގެ މަންމަ ކޮބައިހެއްޔެވެ؟ އެކަނިމާއެކަނި ހޮސްޕިޓަލު ދޮރުމަތީގައި އޭނާ އެވަގުތު ކުރީ ކީއްހެއްޔެވެ؟ މިސުވާލުތައް ހިތުތެރޭގައި އުފެދެން ފެށުމުން އަހަރެން ޒައީމް ކައިރީ އެވާހަކަ ދައްކަން ގަސްތުކުރީމެވެ.
"ޒައީމް! މިއަދު ހޮސްޕިޓަލުން ނުކުމެފަ ކާރަށް އަރަން އުޅުނު ވަގުތު އަހަރެމެން ގައި ފަހަތު ހުރި ކުޑަ އަންހެން ކުއްޖެއް ޒައީމް ދުށިންތަ؟" ފޯނާ ކުޅެން އޮތް ޒައީމް ފޯނު ބޭއްވުމަށް ފަހު އަހަރެންގެ މޫނަށް ބަލާލިއެވެ. "ކޮން ކުއްޖެއްގެ ވާހަކަ ތިދައްކަނީ؟" ޒައީމްގެ މޫނުމަތީގައި ހުރީ ސުވާލު މާކެކެވެ. "ކާރަށް އަރަން އުޅުނު ވަގުތު ކާރުގެ ބިއްލޫރިގަނޑުން އަހަރެންނަށް ވެސް އެކުއްޖާ ފެނުނީ. އެކުއްޖާގެ ހެދުން ހުރީ ތެމިފަ. މޫނު މަތީގައި އަތްވެސް އަޅައިގެން ހުރީ. ޒައީމަކަށް ނުފެނޭތަ އެ ކުއްޖާ؟" އަހަރެން އެކުއްޖާ ހުރި ގޮތްވެސް ޒައީމަށް ކިޔައިދިނީމެވެ. ޒައީމް ހަނދާންވޭތޯއެވެ. ނަމަވެސް ޒައީމްގެ ހަނދާނަށް އެކުއްޖާގެ ސޫރަ އަންނަ ގޮތެއް ނުވިއެވެ. "ތިބުނާ ކުއްޖެއް މަށަކަށް ނުފެނޭ. ތި ވެދާނެ އެންނު ނިހާއަށް ހީވި ގޮތެއް ކަމަށް. އަހަރެމެން ނޫން މީހެއް އެވަގުތު އެތަނުގައެއް ނެތެންނު." "ތިހެންނޭ އަހަރެންވެސް ފުރަތަމަ ހިތަށް އެރީ. އެކަމަކު އަހަރެންނަށް އެ ކުއްޖާ ފެނުނޭ. އެކުއްޖާ ހުރީ ރޯން ހެން މަށަށް ހީވަނީ." އަހަރެން އެކުއްޖައާމެދު ވިސްނަމުންދާވަރު ޒައީމަށް ފާހަގަކުރެވުނެވެ. "އެތަނުގައި އަދި އެކުއްޖާ ހުއްޓަސް ނިހާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެންނު. އަހަރެންނަށް އެނގޭ ބަނޑުބޮޑުވީމަ ތިކިހަލަ ކުދި ކުދި ކަންތައްތަކާވެސް ވަރަށް ފިކުރު ބޮޑުވާނެކަން. އެކަމަކު ދެން އެކަމާ އެހާވަރަށް ނުވިސްނަބަލަ." ޒައީމް އެބުނީވެސް ރަނގަޅު ވާހަކައެކެވެ. އެކުއްޖާ އެތަނުގައި ހުރެ ރުޔަސް އަހަރެންނަށް މިވަގުތު ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަހަރެން ފާޚަނައަށް ވަނީ ކުޑަކޮށް ތާޒާ ވެލާށެވެ. މޫނު ދޮވެ ނިމިގެން މޫނު ފޮހަމުން ލޯގަނޑަށް ނަޒަރު ހިންގާލި ވަގުތެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ އެއްކަލަ ކުއްޖާއެވެ. މިފަހަރުވެސް އެކުއްޖާ ހުރީ ހަމަ ކުރިން ފަހަރު ފެނުނުއިރު ހުރި ގޮތަށެވެ. އެތެމިފަ ހުރި ހެދުން ލައިގެން މޫނު މަތީ އަތް އަޅައި ނިވާކޮށްގެނެވެ. މިފަހަރު އަހަރެންނަށް ސިހިގެން ހަޅޭއްވެސް ލަވައިގަނެވުނެވެ. ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އަހަރެން ފާޚަނައިން ނުކުތްއިރު ޒައީމް އެނދުމަތީގައި އޮވެފައި ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވިއެވެ. "ކިހިނެއްވީ؟" ޒައީމް ވަރަށް ހާސްވެފައި އަހާލިއެވެ. "އަނެއްކާވެސް އަހަރެންނަށް އެކުއްޖާ ފެނުނީ. ޒައީމް ޤަބޫލުކޮށްބަލަ. އަހަރެން ދޮގެއް ނޫނޭ މިހަދަނީ. ދެންމެ ލޯގަނޑުންވެސް އަހަރެންނަށް އެކުއްޖާ ފެނުނޭ." އަހަރެން ހުރީ ބިރުން ތުރުތުރު އަޅާ ވަރު ވެފައެވެ. ރޮމުން ކަހަލަ ގޮތަކަށް އަހަރެން އެހެން ބުނުމުން ޒައީމް އައިސް އަހަރެންގެ ގައިގައި ބައްދާލަމުން ގެންގޮސް އަހަރެން އެނދުމަތީގައި ބޭނދިއެވެ. އަދި އެނދުން ތިރީގައި، ދެކަކޫ މައްޗަށް އިށީންނަމުން ޒައީމް ވަރަށް ލޯބިން ވާހަކަ ދައްކަން ފެށިއެވެ. "ދޫންޏާ! އަހަރެން ޤަބޫލުކުރަމޭ ނިހާ ދޮގެން ނަހަދާނެކަން. އެކަމަކު ނިހާ ވެސް ވިސްނާލީމަ އެނގޭނެ ހޮސްޕިޓަލުން ފެނުނު ކުއްޖަކު މިގެއަށް އަންނާނެ ގޮތެއް ނެތްކަން. މިކޮޓަރި މިހުރީ ރޭއްސުރެން ތަޅުލާފަ. މިތަނުގަ ރޭގަވެސް ތިބީ އަހަރެމެން ދެމީހުން. ދެން އަނެއްކާ ނިހާ ފާޚަނައަށް ވަދެފަ ފާޚަނަ ދޮރުވެސް ތަޅުލީމެންނު. ދެން ކިހިނެއް އެ ކުއްޖާ މި ފާޚަނައަށް ވަންނާނީ؟ ތިއީ ހަމަ މިހާރު ނިހާ މާބޮޑަށް ކަންކަމާމެދު ވިސްނާތީ ވާގޮތެއް." ޒައީމް ދެއްކި ވާހަކަތައް އަހަރެންނަށް ޤަބޫލުކުރެވުނެވެ. ނަމަވެސް އެއީ އަހަރެންނަށް ހީވާ ހީވުމެއް ކަމަށް އަހަރެން ޤަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންނަށް އެކުއްޖާ ފެންނަނީ ހާދަހާ އަސްލާ އެއްގޮތަށެވެ.
އޭގެ ފަހުން އަހަރެންނަށް އެކުއްޖާ ފެނުން ޢާއްމު ކަމަކަށް ވިއެވެ. އަހަރެންނަށް އެ ކުއްޖާ ފެންނަނީ މުޅިންވެސް ލޯގަނޑުތަކުންނެވެ. ފަސްއެނބުރި ބަލާއިރު ފެންނާކަށެއް ނުހުރެއެވެ. އެހެންކަމުން އަހަރެން ޒައީމާ ވާހަކަ ދައްކައިގެން ގޭގެ ހުރިހާ ލޯގަނޑެއްގައި ފޮތިއަޅާ ފޮރުވީމެވެ. ޒައީމަށް އަހަރެން ކިޔާ އެއްޗެއް ޤަބޫލުނުކުރެވުނަސް އަހަރެންގެ އުފަލަށްޓަކައި އެކަންތައް ކޮށްދޭން އޭނަ އެއްބަސްވިއެވެ. ލޯގަނޑުތައް ފޮރުވި ހިސާބުން އެކުއްޖާ ފެނުން މެދުކެނޑުނެވެ. އެހެން ހުއްޓާ އަނެއްކާވެސް އަހަރެންނަށް އެކުއްޖާ އެކުއްޖާ ފެނުނެވެ.
ކޮޓަރިތެރަށް ފެންތަށްޓެއް ތަޅައިގެންދިޔަ ދުވަހެކެވެ. އަހަރެން ފޮތިގަނޑެއް ހިފައިގެން އައިސް ތަށިމުށިގަނޑު މައްޗަށް އެޅިފަ ހުރި ފެންތައް ފޮހަން ގުދުވި ވަގުތެވެ. އަހަރެންނަށް މިފަހަރު އެ ކުއްޖާ ފެނުނީ އެ ފެންގަނޑުގެ ތެރަށް އެޅިފައި ހުރި ހިޔަންޏެއްގެ ސިފައިގައެވެ. ސިއްސައިގެން ގޮސް އަހަރެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ވަރަށް ބިރުން ހުރެ އަހަރެން އަނެއްކާވެސް އެ ފެންގަނޑަށް ބަލައިލީމެވެ. އެކުއްޖާ ހުރީ ހަމަ ހުރި ގޮތަށެވެ. އެންމެ ފުރަތަމަ ދުވަހު ފެނުނު އިރުވެސް ހުރި ގޮތަށެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފައި ފޮތިގަނޑުން ފެންތައް ފޮހެލީމެވެ. އެދުވަހު އަހަރެންނަށް އެނގުނު ކަމަކީ އަހަރެންނަށް އެކުއްޖާ ފެންނަނީ އަހަރެންގެ ސޫރަ އަހަރެންނަށް ފެންނަން ހުންނަ އެއްޗެހިން ކަމެވެ. އެހެންކަމުން އެބާވަތުގެ އެއްޗެއްސަށް ބެލުން އަހަރެން އެއްކޮށް ހުއްޓާލީމެވެ. އެހިސާބުން އަނެއްކާ އަނެއް ކަންތަކާ ކުރިމަތިލާން ޖެހުނީއެވެ. ބިރުވެރި ހުވަފެންތައް ފެންނަން ފެށިއެވެ. އަހަރެންނަށް ފެންނަނީ އަހަރެން މޫދަށް ގެނބޭތަނެވެ. އަހަރެން ސަލާމަތްކުރަން އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ. އެބިރުވެރި ހުވަފެންތަކުގެ ވާހަކަ އަހަރެން އެކަކަށްވެސް ނުކިޔައިދެމެވެ. އެކަކުވެސް ޤަބޫލުނުކުރާނެކަން އެނގޭތީއެވެ. އަހަރެންނަކީ މޮޔައެއްކަމަށް އެންމެން ދެކޭނެކަން އެނގޭތީއެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް އެބިރުވެރި ހުވަފެންތައް ވެސް ތަކުރާރުވަމުން ދިޔައެވެ. އަނެއްކޮޅުން ބަނޑު އިތުރަށް ބޮޑުވާ ވަރަކަށް އަހަރެން ބަރުހެލި ވާކަން އަހަރެންނަށް އިޙްސާސްކުރެވެމުން ދިޔައެވެ. އަހަރެންގެ ހަށިގަނޑު ހުތުރުވަމުން ދިޔައެވެ. ހަންގަނޑަށް ދެމި ވާންވުމުގެ ސަބަބުން ލަމުންދާ ނިޝާންތައް އަހަރެންގެ މި ދޮން ހަންގަނޑުގެ އޮމާންކަން ކަނޑުވަމުންދިޔައެވެ. އަނެއްކޮޅުން ގޭގެ އެއްވެސް މަސައްކަތެއް އަހަރެން ކުރުން ޒައީމާ އޭނަގެ މަންމަ ވަނީ މަނާކޮށްފައެވެ. މިހެން އެނދުމަތީ އޮވެ އޮވެ އަހަރެން ފޫހިވެސް ވާން ފަށައިފިއެވެ. މޮޑެލްކުރަން ފެށިފަހުން އަހަރެން މީ ނުލާހިކު ރަނގަޅަށް ކަސްރަތުކޮށް، ކެއުމަށްވެސް ބަލައިގެން އުޅުނު މީހަކީމެވެ. ނަމަވެސް މިހާރު ކަސްރަތުވެސް ނުކުރެވެއެވެ. މަންމަމެން ގެންނަހާ ކާއެއްޗެއް ކާން ޖެހެއެވެ. އަހަރެންނަށް ދެން އިތުރަށް މިގޮތަށް ކެތެއް ނުވާނެއެވެ. އަހަރެންގެ ބަނޑަށް މިހާރު 3 މަސް ފުރެނީއެވެ. އެހެންކަމުން އަހަރެން އިތުރަށް ފަލަވެއްޖެނަމަ ދަރިފުޅަށްވެސް ގެއްލުންތަކެއް ވެދާނެކަމަށް ބުނެ އަހަރެން ޒައީމްގެ ހުއްދަ ހޯދައިގެން ކޮޓަރިތެރޭގައި ކަސްރަތު ކުރަން ފެށީމެވެ. ޖިމް ސާމާނު އަހަރެމެންގެ ކޮޓަރިތެރޭގައި ހުންނާނެއެވެ. ބަރު އުފުލައި ވަރަށް ބަރު ކަސްރަތުވެސް އަހަރެން ކުރަން ފެށީމެވެ. މައިދައިތަ އެކަމާ ވަރަށް އެއްޗެހިވެސް ކިޔެވެ. ކާން ގެންނަ އެއްޗެހިތައް ހުސްނުކުރާ މައްސަލަވެސް ޒައީމާ ހަމައަށް މަންމަ ގެންދިޔައެވެ. އެކަމަކުވެސް އަހަރެން އަހަރެންގެ ގޮތުގައި ހިފެހެއްޓީމެވެ.
އާދައިގެ މަތިން ހެނދުނު ހޭލިގޮތަށް ހާބަނޑާ ހުރެ އަހަރެން ފެށީ ކަސްރަތު ކުރާށެވެ. ކުއްލިއަކަށް އަހަރެންގެ ބަނޑަށް ތޫނު ތަދެއް އިޙްސާސްކުރެވުނެވެ. އެޔާއެކު އަހަރެން ތިރި ބަލާލި ވަގުތު އަހަރެންނަށް ފެނުނީ އަހަރެންގެ ފައިންލާފައި ތިރިއަށް ފައިބަމުން ދިޔަ ލޭތަކެވެ. "ޒައީމް" އަހަރެން ބިރުން ރޮއި ހަޅޭއް ލަވަން ފެށީމެވެ. ވަގުތުން ޒައީމް އަހަރެން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ކުރާނޭ ކަމެއް ނެތެވެ. އަހަރެންގެ އަލަތު ދަރިފުޅު އަހަރެންގެ އަތުން ބީވީއެވެ. އަހަރެން ބައިގެންދިޔައީއެވެ. ލިބުނު ކުއްލި ޝޮކުގައި ޒައީމްވެސް ގިސްލާ ރޮމުން ދިޔައެވެ. މައިދައިތަ ހުރީ ވީ ދެރައަށް ވުރެ ބޮޑަށް ރުޅިއައިސްފައެވެ. "އަހަރެން ކިހާ ވަރަކަށް ބުނިން އެ ބަރުތައް ނޫފުއްލާށޭ. އެހާ ބަރު ކަސްރަތު ނުކުރާށޭ. އެކަމަކުވެސް އަހަރެންގެ ބަސް ކަލޭމެންނަށް އެކެއްޗަކަށް ވެސް ނުވިއެންނު." މައިދަތަގެ އެ ރުޅިވެރި ބަސްތައް އިވެން ފެށުމާއެކު އަހަރެންނަށް އެބަސްތަކުގެ ތެރެއިން ފަނޑު ފަނޑުކޮށް އަހަރެންގެ މަންމަގެ އަޑުވެސް އިވޭހެން ހީވިއެވެ. އިރުކޮޅަކުން މައިދައިތަގެ އަޑު ފަނޑުވެ އަހަރެންގެ މަންމަގެ އަޑު ބާރުވާން ފެށިއެވެ.
"ކިހާ ވަރަކަށް ބުނާނީ ސައި ނުބޮއި ސްކޫލަށް ނުދާށޭ. މަންމަ ބުނަމެންނު ތިހެން ނުކައި ހުރެގެން ވާނޭ އެއްވެސް ފައިދާއެއް ނޯންނާނޭ. މިއަދުވެސް އެސެމްބްލީ ގަޑީގައި އެ އެންމެން ކުރިމައްޗަށް ވެއްޓުމުން އަހަރެން ހާދަހާ ލަދެއް ގަތޭ. ތިން ހަތަރު ފިރިހެނުންނަށްވެސް ނިހާ ހިއްލާލެވުނީ ކިރިޔާ. އެހެން މީހުންނަށް އުނދަގޫ ޖައްސަން ކޮންމެހެން ތި ޑައިޓުތަކެއް ކުރާނެކަމެއް ނެތް." އެއީ އަހަރެންގެ ސިކުނޑީގައި އެތައް ޒަމާނެއް ކުރިން ހަރުލާފައި ހުރި ބަސްތަކެކެވެ. އެ އަޑުތައް އިވެން ފެށުމާއެކު އަހަރެން އެޚިޔާލުތަކުގެ ތެރެއަށް އެއްކޮށް ޣަރަޤުވެއްޖެއެވެ.
އެއީ ސްކޫލު ދައުރުގެ ދުވަހެކެވެ. އަހަރެންނަށް އެންމެން ކުރަމުން ދިޔަ މަލާމާތާއި ފުރައްސާރައަށް ކެތް ނުވެގެން އަހަރެން ހިކެން އެންމެ ގަދަޔަށް މަސައްކަތް ކުރި ދުވަސްވަރެވެ. އެއްދުވަހުގެ އެސެމްބްލީއަށް ތިބި ވަގުތެވެ. ކުއްލިއަކަށް އަހަރެންގެ މޫނު މައްޗަށް އަނދިރިވާން ފެށިއެވެ. މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. ދެން ވީއެއް ނުވީއެއް ނޭނގުނެވެ. އަހަރެން ހެއި އެރިއިރު އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި މަންމަ ހުއްޓެވެ. އަހަރެންނަށް ފުރަތަމަވެސް ފެނުނީ މަންމަގެ ރުޅިވެރި މޫނެވެ. މަންމަގެ ޒީލަގަދަ ބަސްތައް އަހަރެންނަށް އަމާޒުވަމުން ދިޔައިރު ހޮސްޕިޓަލުގައި އެވަގުތު އުޅުނު އެންމެން އެމަންޒަރު ބަލަމުން ދިޔައެވެ. އަހަރެން ގަތް ލަދެއް ބުނެދޭން ވެސް ނޭނގެއެވެ.
ހަމަ އެފަދަ އެހެން ދުވަހެކެވެ. އަހަރެންގެ އުމުރުން އެއިރު ވާނީ 13 ވަރަކަށް އަހަރެވެ. އަހަރެމެންގެ އާއިލާ އެންމެން އުޅުނީ މޫދަށް އެރެން ގޮހެވެ. އަހަރެންނަށް އޭރު ފަތާކަށް ނޭނގެއެވެ. އިސްކޮޅު ނުޖެހޭ ހިސާބަށް އަހަރެން ދިޔައީ ގަސްތުގައެއް ނޫނެވެ. އޮޔާ ގެންދިޔައީއެވެ. އަހަރެން ގެނބެން ފެށުމުން އަހަރެން ސަލާމަތްކުރަން އައީ އަހަރެންގެ ދޮންބެއެވެ. ދޮންބެއަށް ވަރަށް މަސައްކަތުން އަހަރެން ސަލާމަތްކުރެވުނެވެ. ނަމަވެސް ދޮންބެގެ ފުރާނަ ސަލާމަތެއް ނުވިއެވެ. ދޮންބެ ނިޔާވުމުން އެންމެން ވެސް ކުށްވެރިކުރީ އަހަރެންނެވެ. ދޮންބެއަކީ އަހަރެންނަށް ވުރެ ދޮށީ ކުއްޖަކަސް ދޮންބެ ހުންނާނީ އަހަރެންނަށް ވުރެ ހަށިގަނޑުގެ ގޮތުން ނިކަމެތިކޮށެވެ. އެ ހިމަތޮޅި ކުއްޖާއަށް އަހަރެން އުފުލައިގެން އިސްކޮޅު ޖެހޭ ހިސާބަށް ގެނެވިދާނެކަމަށް ޚުދު އަހަރެންވެސް ޤަބޫލެއް ނުކުރަމެވެ. މަންމަމެންވެސް ބުނީ އަހަރެން ފަލަކަމުން އަހަރެން އެއްގަމަށް ގެންނަން ވީއިރަށް ދޮންބެ ވަރުބަލިވީ ކަމަށެވެ. އަހަރެން ވަރަށް ދެރަވިއެވެ. ލަދުވެސް ގަތެވެ. އަހަރެންގެ ހުރި ހަމަ އެކަނި ބޭބެގެ މަރުގެ ޒިންމާ އަހަރެން ނަގަން ޖެހުމުންނެވެ. ދޮންބެގެ މޫނު ބަލާލަން ވެސް އަހަރެން ނުދަމެވެ. އަހަރެންގެ މުޅި ދުވަސް އަހަރެން ހޭދަކުރީ ކޮޓަރި ތެރޭގައެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ރުއިމުގައެވެ. މޫނު މަތީގައި ދެއަތް އަޅައި ފިއްތައި ބާރުކޮށްގެން ހުރެ އަހަރެން ރޮމުން ދިޔައިރު ދޮންބެ އަހަރެން ސަލާމަތްކުރަން އުޅުނު މަންޒަރު އަހަރެންނަށް ސިފަވަމުންދިޔައެވެ.
މާޒީގެ އެ ފުން ޚިޔާލުތަކުން ނުކުމެވުނު އިރު އަހަރެންގެ ކައިރީގައި އެކަކުވެސް ނެތެވެ. ތެދެކެވެ. އަހަރެންނަށް މިވީހާ ދުވަހު އެ ފެނުނު ގޮތް ނޭނގޭ ކުއްޖަކީ ޚުދު އަހަރެންނެވެ. ބަލިވެއިނުމާއެކު ފަލަވާން ފެށުމުން އަހަރެން އެ ގަތް ބިރުގެ ސަބަބުން، އަހަރެންގެ ސިކުނޑި އަހަރެންނަށް އެހިތި މާޒީ ހަނދާންކޮށްދޭން މަސައްކަތް ކުރީއެވެ. ނަމަވެސް އެމަންޒަރުތަކަކީ އަހަރެންގެ ސިކުނޑިން އަހަރެން ގަސްދުގާ ފޮހެލި މަންޒަރުތަކެކެވެ. އިތުރަށް އެހާދިސާތަކާމެދު ވިސަނަން އަހަރެން ބޭނުން ނުވާތީއެވެ. އަހަރެން މޫދަށް ގެނބި މަރުވާތަން ހުވަފެނުން ފެނުނީވެސް ދޮންބެ މަރުވި ދުވަސް ހަނދާންކުރަން ސިކުނޑި މަސައްކަތް ކުރުމުންކަން މިއަދު އަހަރެންނަށް ފަހުމުވެއްޖެވެ. ނަމަވެސް ހުރިހާކަމެއް އެނގި އޮޅުން ފިލައި، އަހަރެންގެ ބިރާ ކުރިމަތިލާން އަހަރެންނަށް ދަސްވިއިރު އަހަރެން މިވަނީ ހުރިހާ އުފާތަކުން މަޙުރޫމުވެފައެވެ. އެދުވަހު ދޮންބެ މަރުވީ އަހަރެން ފަލަކަމުން ކަމަށް އެންމެން ބުނި ފަދައިން މިއަދު އަހަރެންގެ އަލަތު ދަރިފުޅު އަހަރެންނަށް ގެއްލިގެން އެދިޔައީ އަހަރެން ހިކެން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް އެމީހުން ބުނެއެވެ. ފަލަވުމަކީ ބިރުވެރިކަމެއް ކަމަށް ބުނެ އަހަރެންގެ ހިތުގައި އެބިރު އުފެއްދި މީހުން މިއަދު ބުނަނީ ހިކެން މަސައްކަތް ކުރުމަކީވެސް ކުށެކެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީ މިދެކޮޅުނުޖެހޭ ދުނިޔޭގެ ހަޤީޤަތެވެ.
ޔާހ ތެދެއްތީ
އައި ވަރަށް ފަލަ އެކަމު މަންމަ މެންގެ ސަބަބުން ި އައި އަކައް ޑައިޓްއެއް ނުކުރެވެ.
މަދުން ކެޔަސް ބުނާނެ ގޭސް އުފެދޭނޭ
ވަރަށް ރީތި ވާހަކައެއް 🤓
ވަރަށް ހިތްހަމަޖެހޭ
ވަރަށް ވަރަށް ރީތި މި ވާހަކަ މާށާﷲ ❤️🔥
ވަރަށް ފުރިހަމަ😃
ވަރަށް ވަރަށް ރީތި މި ވާހަކަ މާށާﷲ ❤️🔥
ވ.ސަޅި😃
ވާހަކަ ވަރަށް ރީތި...