ތުރުތުރުއަޅާ ހާލުގައިހުރެ ރައްޔާން ކުޑަދޮރުން ގޭތެރެއަށް ފުންމާލިއެވެ. ވަށައިގެން ހޯދާލުމަށްފަހު މީހެއްގެ ހިލަމެއްނެތްކަން ޔަގީންވުމުން މަޑު ފިޔަވަޅު ނަގަމުންގޮސް ސިޓިންގްރޫމްގައި ބަހައްޓާފައިވާ ސޭފާއި ދިމާލަށް މިސްރާބުޖެހިއެވެ. ހިތުގައި އުފެދިފައިވާ ބިރުވެރިކަން އެއްފަރާތް ކޮށްލުމަށްފަހު ސޭފްގެ ނަމްބަރު ކޯޑު ކެޑޭތޯ މަސަތްކަތް ފެށިއެވެ. ރައްޔާންގެ އަމާޒަކަށް ވެފައިވަނީ މީހަކަށް ނުފެނި މިގެއިން ނުކުމެގެން ފިލައި ރައްކާވުމަށެވެ.
ރައްޔާން ދެލޯބޮޑުވެގެންދިޔައީ އިސާހިތަކު ބޮއްކެއް ދިއްލިގެން ދިޔުމުންނެވެ. ހަރަކާތެއްވެސް ކުރަން ނޭނގިފައި އިން ރައްޔާން ސިހިގެންދިޔައީ އަންހެން އަޑަކުން މީހެއް ހަޅޭއް ލަވައިގަތް އަޑަށެވެ. " މަންމާ..!!! ބައްޕާ..!!! ވަގެއް...!!!!"
ބަލާކަށް ނުހުރެ ޖެހިދުމެއްހެން ރައްޔާން ދުވެފައިގޮސް އެ އަންހެން ކުއްޖާގެ އަގަމަތީގައި ރުމަލެއް އަޅާލިއެވެ. ހަމައެއާއެއްކޮށް އެކުއްޖާ ހޭހުސްވެގެން ރައްޔާާންގެ އަތްމައްޗަށް ދެމުނެވެ. ހުށިޔާރުކަމާއެކު އެކުއްޖާ އުރާލައިގެންގޮސް ކުޑަދޮރުން ނުކުތެވެ. މާދުރުނޫން ހިސާބެއްގައި ޕާކުކޮށްފައި އޮތް ކާރަކަށް އަރާހަމަޖެހިލައި އެކުއްޖާ ޖެހިގެންއިން ސީޓުގައި ބޭންދިއެވެ.
"ކޮބާ...ކޭޝް އަތުޖެހުނުތަ؟" ކާރު ދުއްވަންއިން ރައްޔާނުގެ ރައްޓެއްސެއްކަމަށްވާ ފަޔާޒު އަހާލިއެވެ. ރައްޔާން ހުރީ ކަޅިޖަހާނުލައި އެއްކަލަ އަންހެންކުއްޖާއަށް ބަލަހައްޓައިގެންނެވެ. ފަޔާޒުގެ އަޑު އޭނާއަށް އިވުނުހެނެއްވެސް ހީއެއްނުވެއެވެ. ދެތިންފަހަރު ގޮވުމުންވެސް ރައްޔާނުގެ ފަރާތުން ޖަވާބެއް ނުލިބުމުން ފަޔާޒު ކުޑަކޮށް ފަހަތް އެނބުރި ބަލާލިއެވެ. "އޯ...މީ ދޯ މިވީ ގޮތަކީ...މިފަހަރު ވަގަށް ތިނެގީ އަންހެންކުއްޖެއް ދޯ؟" ފަޔާޒު ލާނެތް ފާޑަކަށް ހީގަތެވެ. " މުޅިން ކަޑައޭ ބުރޯ...ހަމަ ކޯޑު ކުރޭކްވެވެ އޮއްވާ ނޭނގޭ ކުއްލިއަކަށް ރެޑް ވީ...ދެން ޖެހޭނީ މިކަހަލަ ގޮތެއްދޯ ހަދަން ...އެހެންވެގެނޭ އަހަރުމެން ކުރިންސުރެ ޕްރީޕެއާ ވެގެންދަނީ..." އަދިވެސް އެކުއްޖާއަށް ނަޒަރު ހުއްޓާލައިގެންހުރެ ރައްޔާން ފަޔާޒުއާއި ވާހަކަ ދެއްކިއެވެ. ހަގީގަތުގައިވެސް އޭނާ މިކުއްޖާގެ ޖާދޫގައި ޖެހިއްޖެއެވެ. ދިގު އެސްފިޔަތަކާއި ޗާލު ތުންފަތެކެވެ. ރައްޔާނުގެ ހިތް އެދުނީ ތާއަބަދަށްމެ މިކުއްޖާއަށް ބަލަހައްޓައިގެން ހުރުމެވެ.
"އެންޑް ކަޓް...ވަރަށް ފުރިހަމަ...ގުޑް ވޯކް އެވްރިވަން"
ޑިރެކްޓަރު ބުނެލިއެވެ. ކާރުން ފައިބަމުން މަލަކާ ރާއިފް އަދި އަލީ ހިގައިގަތީ ޝޫޓިންގް ލޮކޭޝަންގެ ކައިރީގައިހުރި ކެފޭއަކާ ދިމާލަށެވެ. ދުވަހުގެ މަސަތްކަތް ނިންމާލުމަށްފަހު ތިންމީހުންވެސް ބޭނުންވީ ބަޑުހައިހޫނުކަން ފިލުވާލާށެވެ. ކޮފީއަށާއި ހެދިކާއަށް އޯޑަރު ދިނުމަށްފަހު ތިންމީހުންވެސް އޮލަ ވާހަކައިގަ ޖެހުނެވެ. ރާއިފް އާއި އަލީއަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. ފިލްމުގައި ރައްޔާނުގެ ރޯލު ރާއިފް ކުޅެމުން ދާއިރު ފަޔާޒުގެ ރޯލު އަދާކުރަނީ އަލީއެވެ. ލީޒާގެ ރޯލު ކުޅެމުންދާ މަލަކާއާއި ރާއިފްމެން ބައްދަލްވީ މި ފިލްމުގެ ޝޫޓިންގެ ތެރެއިންނެވެ. ލީޒާ ފެނުނު ފުރަތަމަ ދުވަހުވެސް އަލީގެ ހިތް ލީޒާއަށް ދެވުނެވެ. ނަމަވެސް ފިލްމުގައި ލީޒާ (މަލަކާ)ވެގެންދަނީ ރައްޔާނު(ރާއިފް)ގެ ލޯބިވެރިޔާއަށެވެ.
އޮލަ ވާހަކައިގަ ތިބެ ތިންމީހުންވެސް ސައިބޮއެ ނިންމާލައިފިއެވެ. " ހިނގާ އައްޔަ...މަ ކައޭއަށް ޑްރޮޕްއެއް ދޭނަން..." ޖީބުން ސައިކަލުގެ ތަޅުދަޑި ނަގަމުން ގޮޑިން ތެދުވެ ރާއިފް ބުނެލިއެވެ. ތިންމީހުންވެސް އެމީހެއްގެ މަންޒިލާ ދިމާލަށް މިސްރާބުޖެހިއެވެ.
ހަލުވިކަމާއެކު ފިލްމުގެ ޝޫޓިންގް ކުރިއަށްގޮސް ކާމިޔާބުކަމާއެކު ޝޫޓިންގް ނިންމާލެވިއްޖެއެވެ.
އޮލިމްޕަހުގައި ފިލްމު އެޅުވިދުވަހަކީ އަލީ މަލަކާއަށް އޭނާގެ ލޯބި ހުށަހެޅިދުވަހެވެ. އެދުވަހު މަލަކާ ބުނެލީ ދުވަހަކުވެސް އަލީ ހަދާންނުނެތޭނެ ޖުމްލައެކެވެ. "އަހަރެން ލޯބިވަނީ ރައްޔާންދެކެ...އައި މީން ރާއިފްދެކެ...ސޮރީ...ތީވަރަށް ސްވީޓް މީހެއް"
މިހާރަކަށް އައިސް އަލީ ހުންނަނީ ރާއިފްދެކެ ވަރަށް ރުޅިއައިސްފައެވެ. ވީނުވީއެއް ރާއިފްއަކަށް ނޭނގެއެވެ.
އެހެންހުއްޓާ އެއްދުވަހަކު މަލަކާ ރާއިފްއަށް ގުޅާ ލޯބިހުށަހެޅިއެވެ.
" މަންމާ!!!!!! ސިއްސައިގެންނޭ ދިޔައީ...ކިތައްފަހަރުތަ ބުނާނީ ވާހަކަފޮތްކިޔާއިރު އުނދަގޫނުކުރާށޭ... އަދި އޭވެސް ވާހައިގެ އެންމެ ސަޅި ތަންކޮޅުން..." ޖޫދާ ވާހަކަފޮތް ލައްޕާލަމުން ގޮޑިންތެދުވެ ކުސް ތަޅައިގަތެވެ.
ހަފީޒާ ހެވިފައިހުރެ ބޯ ހޫރަމުން ބަދިގެފަރާތައްދަމުން ހިތާހިތުން ބުނެލިއެވެ. " މިއުޅޭ ކުދިންވެސް މިހާރު ރުންކުރުކަމުން....ހައްތަހާވެސް ޑްރާމާ."
ނިމުނީ
Nice
ރީތި💗💗