މިޝްކާ

"އަޅުގަނޑު މިވާހަަކަ ވާނީ ކުރިން ތިން ބަޔަށް ބަހާލައިގެން ސިލްސިލާ ވާހަކައެއްގެ ގޮތުގައި ގެނަސްދީފައެވެ. އަލުން ދެވަނަ ފަހަރަށް މި ގެނެސްދެނީ ކުރުވާހަކައެއްގެ ގޮތުގައެވެ...."

ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރެވެ. ބާރަށް ވައިޖެހެމުން ދިޔައިރުގައި ފަޒާގައި ހަރުލައިފައިވަނީ ރާޅު މުގުރަމުންދާއަޑެވެ. އުނޑުމަތިން ވިއްސާރަ ވިލާ ފެންނަމުން ދިޔަނަމަވެސް އޮއްސެމުން ދިޔަ އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފައުޅުވަމުންދިޔައެވެ. މަޑު އޮރެންޖު ކުލައެއް ވިލާތަށް ފެންނަން ހުރިއިރުގައި ބަލައިލަން ވަރަށްވެސް ހިތްގައިމެވެ. އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި އިށީންދެލައިގެން އިން އަލީނާގެ ނަޒަރު ހުއްޓިފައި ހުރީ މޫދާއި ދިމާއަށެވެ. ނުވަމަހަށް އަޅައިފައިވާ ބަނޑުގައި ފިރުމައިލަމުން އަލީނާ ބަލައިލީ ރާޅުޖަހާފަށުގައި ހިނގަމުންއައި ނަވީންއަށެވެ. އަލީނާއާއި ނަވީންގެ ކައިވެންޔަށް ހަތަރު އަހަރު ފުރިފައިވާއިރުގައި މިއީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. ދިގު އިންތިޒާރެއްގެ ފޮނިމޭވާއެވެ. އެދެމަފިރިންނަށް މާތްﷲ ލެއްވި ރަޙްމަތެކެވެ. އެދެމަފިރިންނަށް މިހާރު އިންތިޒާރު ކުރެވެނީ ހެޔޮހާލުގައި އެދަރިފުޅު ދުނިޔެއަށް ނޭވާލާނެ އުފާވެރި ދުވަހަށެވެ.
''ހިނގާ އަވަހަށް ގެއަށް ދަމާ.....އަނެއްކާ ގެއާ ހަމައަށް ނުދެވެނީސް ވާރޭ ވެހެންފަށާފާނެ......''
ނަވީން އައިސް އަލީނާއާއި އަރާހަމަ ކުރަމުން ބުނެލީ އުޑުމަށްޗަށް ނަޒަރު ހިންގާލަމުންނެވެ. އަލީނާ ހިނިތުންވެލަމުން ނަވީން ދިއްކޮށްލި އަތުގައި ހިފާ މަޑުމަޑުން ތެދުވިއެވެ. އަލީނާއާއި ނަވީންގެ ދެމަފިރިންނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންއަންނަ ދެމީހުންނެވެ. ނަވީންގެ އެއްބަނޑުއެއްބަފާ ކޮއްކޮއެއް ފިޔަވާ ދެން ނަވީންގެވެސް އަލީނާގެ ވެސް އާއިލާގެ އެއްވެސް މީހެއް މިހާރު ދުނިޔޭގައި އެއްނެތެވެ. ނަވީންގެ ކޮއްކޮ ރާއިދު މީގެ ހަތްއަހަރު ކުރިން މާލެބަދަލުވިގޮތަށް އަބުރާ ރަށަށް ނާދެއެވެ. އެހެންކަމުން ނަވީންއާއި އަލީނާ ދިރިއުޅެމުންދަނީ އެކަންޔެވެ. ނަވީން ވަޒީފާ އަދާކުރަނީ ރަށުއޮފީހު ވޮޗަރެއްގެ މަގާމުގައެވެ. ރަގަނޅު ތައުލީމީ ފެންވަރެއް ނެތުމުގެ ސަބަބުން ރަގަނޅު ވަޒީފާއެއް ލިބޭގޮތްނުވީއެވެ. މަސްވެރިކަންވެސް ނަވީން ދޫކޮށްލީ މައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން އިތުރަށް އެމަސައްކަތް ކުރެވެން ނެތީމައެވެ. ޑޮކްޓަރު އިރުޝާދު ދެއްވީ މައިބަދައަށް ބުރަވާފަދަ އެއްވެސް މަސައްކަތެއް ނުކުރުމަށެވެ. އެހެންނޫނަސް ނަވީންއަކީ ކަނޑުމަށްޗަށް ވެސް ބަލިމީހެކެވެ. ކޮންމެ އަކަސް މަސްވެރިކަންވެސް ނަވީންއަށް ކުރެވޭކަށްނެތެވެ. ދުވަސްތައް ހަލުވިކަމާއިއެކު ހޭދަވަމުންދިޔައެވެ. ނަވީންއިނީ ދަންވަރު ޑިއުޓީ އަދާކުރަން އޮފީސްކައިރީގައި އިން ގޮޑިއެއްގައެވެ. ނަވީންގެ ފޯނު ރިންގުވާން ފެށީ އެހެން އިންދައެވެ.
ނަވީން.....އަލީނާ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީވެ އެބަ އުޅޭ އާދެބަލަ އަވަހަށް....''
އެކޮޅުން އެއިވިގެން ދިޔައީ ނަވީންމެންގެ އަވަށްޓެރިއެއް ކަމަށްވާ ލީނާގެ އަޑެވެ. އަލީނާގެ ބަނޑަށް ދުވަސްފުރިފައި ވުމުގެ ސަބަބުން ނަވީންގެ ދަންވަރު ޑިއުޓީ އޮންނަ ރޭރޭގައި ލީނާ ނިދަނީ އެގޭގައެވެ. ލީނާގެ އެގާތްކަމާއި ހެޔޮކަން ނަވީން އަބަދުވެސް ހަނދާނުގައި ބަހައްޓައެވެ. ނަވީން އަވަސްއަވަހަށް އަންގަންވީ ތަނަށް އެންގުމަށްފަހު މިސްރާބުޖެހީ ގެއަށްދިއުމަށެވެ. ނަވީންއަށް ގެއާއި ހަމައަށް ދެވުނު އިރުގައި ރަށު ހޮސްޕޮޓަލުގެ އެމްބިއުލާންސް އައިސްއެގޭ ކައިރީގައި އޮތެވެ. އެމަޖެންސީކޮށް އަލީނާ ހޮސްޕިޓަލަށް ގެންދެވުނުގޮތަށް ވަގުތުން ވިއްސާ ކޮޓަރިއަށް ވެއްދިއެވެ. ނަވީން ދުޢާ ކުރަމުން ދިޔައީ ލިބެން އުޅޭ ދަރިފުޅާއި އަލީނާހެޔޮ ހާލުގައި ލައްވާތޯއެވެ. ވިހެއުމަކީ ކިހާވޭނެއް އަޅާނެ ކަމެއްކަން ނަވީންއަށްވެސް އިޙްސާސް ކުރެވެއެވެ. އަލީނާއަށް ކެއްތެރިކަން ދެއްވުމަށްވެސް ނަވީން އެތައް ފަހަރަކު ދުޢާ ކުރަމުން ދިޔައެވެ. ހަތްވަރަކަށް ގަޑިއިރުގެ ދިގުއިންތިޒާރަކަށްފަހު އިވިގެން އެދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ.
''އަލްހަމްދްލިލާހި....''
ނަވީން ވަގުތުން މާތްﷲއަށް ޙަމްދް އެޅީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވިއްސާކޮޓަރިން ނިކުމެގެންއައި ނަރުސް ކުއްޖާގެ އަތުގައި ލޯބި ލޯބި ކުއްޖެއްއޮތެވެ.
''ޕޭޝެންޓް އަދި ބޭބީގެ ހާލުވެސް ރަގަނޅު.....''
ނަވީންއަށް ބަލައިލަމުން އެނަރުސް ކުއްޖާ ބުނެލިއެވެ. އަދި އަތުގައި އޮތް ތުއްތު ފުރާނަ ނަވީންގެ އަތަށް މަޑުމަޑުން ލައިދިނެވެ. ނަވީންގެ ނަޒަރު ހުއްޓުނީ ލޯބި ލޯބި ފުށްގަނޑެއްހެން އޮތް ދަރިފުޅަށެވެ. އެ މައުސޫމް ފުރާނަފެނި ނަވީންގެ ހިތް ލޯބިން ފުރިގެންއައެވެ. ނަވީން ހީލަމުން ނިކަން ލޯބިން އެލޯބި ލޯބި ދަރިފުޅުގެ ކޮލުގައި ބޮސްދިނެވެ.
''ބައްޕަގެ ދޮން ދޫނި.....ބައްޕަގެ މިޝްކާ.....''
.....................
ރެއާދުއާ ދައުރު ވަމުން ގޮސް ފަސްއަހަރު ފާއިތުވެގެން ދިޔައީ ހަލުވިކަމާއި އެކުގައެވެ. މިހާރު މިޝްކާއަށް ފަސްއަހަރު ފުރިފައިވީ ނަމަވެސް އަދިވެސް ހުންނަނީ ނިކަން ލޯބިކޮށްނެވެ. ރަގަނޅު ރޫފައަކާއި އެކު ދިގު އިސްކޮޅެއް ހުރުމުގެ ސަބަބުން ބަލާބެލުމަށް އެއުމުރުގެ ކުއްޖެއްހެން ވެސްހީނުވެއެވެ.
''ބައްޕާ.......ބައްޕާ......ދެން ކޮންދުވަހަކުންތަ މިޝްކޮމެން މާލެދަނީ......''
ނަވީން އައިސް ގެއަށް ވަނުމުން މިޝްކާ އަ ހައިލީ ފުޅާ ހިނިތުންވުމަކާއި އެކީގައެވެ. މި މަންޒަރުފެނި ނަވީންއަށް ވެސް ހިނިތުންވެ ނުލައެއް ނީންދެވުނެވެ.
''ސާބަހޭ ދަރިފުޅާ.....މިހާރު ތިހެންވެސް މިއަދު ކިތައްފަހަރު އެހިއްޖެ؟....އިންޝާﷲ މާދަމާ އެއީ ދާދުވަހޭ.....''
މިޝްކާ އައިސް ނަވީންއިން ޖޯލިފަތީގައި އިށީނުމުން ނަވީންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. މާލެ ދާން އުޅޭކަން އިނގުނު ދުވަހުން ފެށިގެން އެސުވާލު މިޝްކާ ނަވީންއާއި ތަކުރާރުކޮށް ކުރެއެވެ. ރާއިދުގެ އެދުމަށް މާލެދާން ނަވީން ނިންމީ ވަޒީފާ ގެއްލިފައި ވުމާއިއެކުގައި ދެން ރަށުގައި ކުރާނެ އިތުރު އެހެން މަސަތްކަތެއްވެސް ނެތީމައެވެ. ރަގަނޅު ވަޒީފާއަކާއި އުޅޭނެތަން ދޭނެވާހަކަ ރާއިދު ބުނުމުން ނަވީން މިރަނުގެ ފުރުސަތު ނަގާލަން ބޭނުންނުވީއެވެ. ވާނީވެސް އެހެންތާއެވެ. ނަވީންވެސް އެހެން މައިންބައިންހެން އަމިއްލަ ދަރިފުޅަށް ފަސޭހަ ރަގަނޅު ދިރިއުޅުމެއް ހޯދައިދޭން ބޭނުންވެއެވެ. ރަގަނޅު ތައުލީމީ ފެންވަރުވެސް ހުންނާނީ މާލޭގައިކަން ނަވީންއަށް އިނގެއެވެ. މާލެދާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. އެހެންކަމުން މިޝްކާ ހުރީ އުފަލުން ފޮޅިފައެވެ. މިޝްކާއެހާ އުފާވެފައި ހުއްޓާ ފެނުމުން ނަވީންއާއި އަލީނާވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހަވަރަކަށް ގަނޑިއިރުގެ ދިގު ދަތުރަކަށް ފަހު ލާންޗުގޮސް މާލެ ބަދަރާއި ކައިރިކޮށްލި އިރުގައި މިޝްކާއިނީ ވަށައިގެން ފެންނަންފެށި މަންޒަރުތައް ފެނި ހައިރާންވެފައެވެ. އެއޮށް އަނގަގަދަ ކުއްޖާ އެއްވެސް ބަހެއް ބުނެލުމެއްނެތި ވަށައިގެން ތަންތަން ހޯދާބަލަމުން ދިޔައެވެ.
''އަސްތާ ބައްޕާ.....''
.''ކިހިނެއްވީ ދަރިފުޅާ؟....''
ނަވީން ހާސްވެފައި އަހައިލިއެވެ.
''ބައްޕާ.....މީ ހާދަ އަޑުގަދަ ތަނެކޭ ދޯ......ހާދަ މީހުންވެސް ގިނައޭ.....މަގުމަތީގަ ހުސް ދުއްވާ އެއްޗެހި......ކިހިނެއްތަ މިޝްކޮ މިތާނގަ ހިނގާނީވެސް......''
ލާންޗުން ފޭބި މިޝްކާ މާލޭގެ ހަލަބޮލި މާހައުލަށް ނަޒަރު ހިންގަމުން ބުނެލީ ހައިރާންކަމާއިއެކުގައެވެ. ނަވީން ހީލަމުން މިޝްކާގެ ސުވާލުތަކަށް ޖަވާބުދެމުން ބަލައިލީ މަގުގެ އަނެއްފަރާތުން ނަވީންއަށް ހަނައަޅައިލި ރާއިދުއަށެވެ. އެތަށް އަހަރު ތަކަކަށްފަހު ލޯބިވާ ކޮއްކޮ ފެނުމުން ނަވީންހުރީ ވަރަށް އުފަލުންނެވެ. މަގުގެ ދެފަރާތް ބަލާލަމުން ރާއިދު އައިސް ނަވީންގައި ބައްދާލީ ނިކަން އުފާވެފައި ހުރެއެވެ. އަލީނާވެސް ރާއިދުއަށް ހިނިތުންވެލިއެވެ.
''އަހަށް.....މިހިރީތަ ދޮންބެގެ ކޮއްކީ.....ހާދަ ބޮޑުވެއްޖެއޭ ދޯމިހާރު......''
ރާއިދުއަށް ލޯބިލޯބިކޮށް ހުއްޓިލައިގެން ހުރި މިޝްކާފެނި ބުނެލިއެވެ.
''ލައްބަ ތީ ދޯ އަޅުގަނޑުގެ ދޮންބެއަކީ....''
މިޝްކާވެސް ހިނިތުންވެލަމުން ބުނެލިއެވެ. ރާއިދު މިޝްކާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ. އެބެލުމުވުގައި ހުރި ތަފާތުކަން ދެނެގަންނާކަށް ކުޑަކުޑަ މިޝްކާއަކަށް ނޭންގުނެވެ،
ހިނގާ އަވަހަށް ގެއަށްދަމާ ދޯ........ވަރުބަލިވެފައެއްނު ތިބޭނީވެސް މިހާރު.....''
ދެން އެންމެންގެ މިސްރާބަކަށްވީ މަގުގެ އެއްފަރާތެއްގައި ޕާކު ކޮށްލައިފައި އޮތް ރަތްކުލައިގެ ޕުރައިވެޓް ކާރަށެވެ. އެންމެން އަރާ ހަމަޖެހިލުމުން ރާއިދު ކާރު ދުއްވައިލިއެވެ. ބުރިޖް ހުރަސްކުރަމުން ރާއިދުގެ ކާރު ބާރު ސްޕީޑުގައި ގޮސް މަޑުކޮށްލީ ހުޅުމާލޭގައި ހުރި ދިގު އިމާރާތެއްގެ ކުރިމަތީގައެވެ. އެއީ ނަވީންމެން ތިބުމަށް ރާއިދު ހަމަޖެއްސި އެޕާޓްމެންޓް އިންނަ އިމާރާތެވެ. ނަވީންގެ ވަޒީފާ ހަމަޖެހުނީ ހުޅުމާލެއިންކަމުން ހުޅުމާލެއިން ނަވީންމެނަށް ތިބޭނެ ތަންވެސް ހަމަޖެއްސީ ނަވީންމެނަށް ފަސޭހައަކަށެވެ. މަހަކު ފަނަރަހާސް ރުފިޔާއާއި އުޅޭނެ އެޕާޓްމެންޓެއް ލިބުމުން އަލީނާއާއި ނަވީން ތިބީ ނިކަން ހިތްހަމަޖެހި އުފާވެފައެވެ. ވާނީވެސް އެހެންތާއެވެ. ރަށުގެ އެދަތި ދިރިއުޅުމަށްވުރެ މިތަން ނަވީންމެނަށް މާބޮޑަށްވެސް ރަނގަޅެވެ. ނަވީންމެން އެޕާޓްމެންޓާށް ލުމަށްފަހު ރާއިދު ދިޔައީ ފަހުންއަންނާނެ ކަމަށްބުނެފައެވެ. އެތަނަށް ބޭނުންވާނެހެން ހީވާ ހުރިހާ ސާމާނެއްހެން ރާއިދު ހުރީ ގެނަސްދީފައެވެ. އެހެންކަމުން ނަވީންމެނަށް ވަރަށް ފަސޭހަ ވެގެން ދިޔައެވެ. ދެން ރާއިދުއައީ ރޭގަނޑުވެސްވީ ފަހުންނެވެ.
''މިޝްކާގެ ސްކޫލުގެ ކަންތައްތައް އެއްހަފްތާއެއްހާ ދުވަސް ތެރޭގައި ނިމޭނެ......ބޭބެވެސް އެއްހަފްތާއެއްހާ ދުވަސް ފަހުން ވަޒީފާއަށް ނިކުތަސްވެސް އޯކޭއޭ އެމީހުން ބުނީ......ރެސްޓްކޮށްލާ އިހަށް.....ތަންތަން ބަލާލާ ހަދާލާ.......''
ރާއިދު އައިސް މިޝްކާ އުރާލަމުން އިށީންދެ އުނގުގައި ބެއިންދިއެވެ. އަދި މިޝްކާގެ ގައި ކުޑަކޮށް ބައްދައިލަމުން ކޮލަށް ދޮނެއްދިނެވެ. ނަމަވެސް މިޝްކާ ކުއްލިއަކަށް ރާއިދުއާއި ދުރަށްޖެހިލިއެވެ.
''ދޮންބޭ ހޯހޯ.....''
މިޝްކާގެ މިއަމަލުން ސިހިފައި ރާއިދުއަށް ނަވީންއާއި އަލީނާގެ މޫނަށް ބަލައިލެވުނީ ނަވީންމެން ހީކުރާނީ ކީކޭބާއޭ ހިތައްއަރާފައެވެ.
''ދޮންބޭ .....ބޭބީސް އޭ އުރާނީ......އުނގަށްވެސް ލާނީ......ބޭބީސްއަށޭ އުންމަވެސް ދޭނީ......އަޅުގަނޑުމެން ވަރުގެ ކުދިން އުރާކަށް ނުވާނެ އޭ....މީ މިހާރު ބޮޑު ކުއްޖެކޭ.....މިވަރުގެ ކުދިން އުރުމަކީ ހޯހޯ ކަމަކޭ ދޯމަންމާ......ދޯ ބައްޕާ.....''
ކުޑަކުޑަ މިޝްކާގެ ވާހަކައިން ނަވީންއާއި އަލީނާއަށް ހިނިތުންވެލެވުނެވެ. އަދި އެވާހަކައަށް އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލިއެވެ.
''އެކަމް ތީ މިޝްކޮގެ ދޮންބެއެއްނު......އޯކޭވާނެ އުރާލިއަސްވެސް .....އެއީ މިޝްކޮގެ ދޮންބެ ވީމައޭ އެއުރާލީ.....''
ނަވީންގެ ވާހަކަ އަޑުއިވި ރާއިދުއަށް ހިނިތުންވެލެވުނެވެ. ހަފްތާއެއް ފަހުން ނަވީން ވަޒީފާއަށް ނިކުންނަން ފެށި އިރުގައި މިޝްކާގެ ސްކޫލްގެ ކަންކަންވެސް ހަމަޖެހިގެން ދިޔައެވެ. ރާއިދު ކޮންމެ ދުވަހަކުހެން މިޝްކާގެ ގާތަށް ގޮސްހަދައެވެ. އެހެން އުޅޭ ވަގުތު ތަކުގައި ރާއިދު އެކިގޮތްގޮތުން މިޝްކާއާއި ގައިގޯޅި ވެވޭތޯ ބަލައެވެ. ރާއިދް މިޝްކާ އާއި އެކީގައި އުޅޭ ވަގުތު ތަކުގައި އެވަރަށް އަލީނާ ވެސް އަޅައިނުލަނީ އެއީ މިޝްކާގެ ދޮންބެއޭ ހިތަށްއަރާފައެވެ. ކުޑަ ކުޑަ މިޝްކާއަށް ރަގަނޅަށް ވާނުވާ ދެނެގަންނާކަށް ނޭންގެއެވެ. ރާއިދު މިޝްކާއަށް ބަލާބެލުންތަށްވެސް ތަފާތުކަން އަލިނާވެސް ގާތުން ބަލައިފިނަމަ އިނގޭނެކަން ގައިމެވެ. ނަމަވެސް ދޮންބެއޭ ހިތާ މާބޮޑަށް ދޫކޮށްލެވުނީއެވެ. މާ ބޮޑަށް އިތުބާރު ކުރެވުނީއެވެ.
''ރާއިދް.....މިރޭ އެބަޖެހޭ އަހަރުމެން އޭޑީކޭއަށް ޖައްސާލަން.....އަލީނާގެ ވަރަށް ގާތް ރަށްޓެއްސެއް ހާލު ސީރިއަސްވިމަ އެތަނަށް ވަދެލަން ވެގެން.....އަހަރުމެން އެތަނަށް ގޮސްލާފަ އަންނަންދެން މިޝްކާ ބަލާލަ ދީފާނަންތަ؟....''
ނަވީން ވާހަކަ ދެއްކީ ސޯފާގައި މިޝްކާގެ ހަރަކާތް ތަކަށް ބަލަންއިން ރާއިދުއަށެވެ. ރާއިދު މިލިބުނު ރަނުގެ ފުރުސަތު ނަގާލާކަށް އެއްވެސް ވަރަކަށް ބޭނުމެއްނޫނެވެ. އެހެންވެ އަވަސްއަވަސް އާއެކޭ ބުންޔެވެ. ރާއިދުގެ ހިތުގައިވާ އެއްޗެއް އިނގޭނަމަ ލޯބިވާ ދަރިފުޅު ރާއިދުގެ އަތްމަށްޗަށް ދޫކޮށްލައިފައި ނަވީން ނުދާނެކަން ހަމަގައިމެވެ. ނަވީންއާއި އަލީނާ ދިއުމާއި އެކުހެން ރާއިދުހުރީ ރަގަނޅު ފުރުސަތަކަށް ބަލައިލަ ބަލައިލައެވެ. އެވަގުތު ޝައިތޯނާވަނީ ރާއިދުގެ ސިކުނޑިއަށް ނިކަން ރަގަނޅަށް ވަކި ހިތްޕައިލައިފައެވެ. މިޝްކާ ނިދަން ފޮނުވައިލުމަށްފަހު ރާއިދު ހުރީ ބެލްކަނީގައި ސިގެރޭޓް ބޯށެވެ. ރާއިދް ލިބުނު ފުރުސަތުގެ ބޭނުން ހިފަން ބޭނުން ވިއަސްވެސް ނަވީންމެން މާއަވަހަށް އައިސްފާނެތީވެ ހާސްވާ ގޮތްވިއެވެ. އެހެން ހުއްޓާ ނަވީން ގުޅަންފެށިއެވެ.
"ރާއިދު....... . .ކުޑަކޮށް ލަސްވެދާން އިނގޭ އަހަރުމެންނަށް ގެއަށް ދެވޭލެއް. . . .އަހަރުމެން ދަންދެން ގޭގަ މަޑުކޮށްލަށްޗޭ. . .މިޝްކޮ އެކަނި ބާއްވާފަ ނުދަށްޗޭ. . . "
ނަވީންގެ ވާހަކަ އަޑުއެހުމަށްފަހު ފޯނު ބޭއްވި ރާއިދުގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. ވާނީވެސް އެހެންތާއެވެ. ރާއިދުއަށް ނުލިބިގެން އުޅުނު ފުރުސަތު ދާދި ފަސޭހައިން ލިބިގެން އެދިޔައީއެވެ. އަތުގައި އޮތް ސިގެރޭޓް ނިއްވައިލަމުން ރާއިދު މިސްރާބުޖެހީ މިޝްކާ ނިދަން އޮތް ކޮޓަރިއާއި ދިމާއަށެވެ. ދެން އެންމެ ހިނދުކޮޅެއްވެސް ލަސްކުރާކަށް ރާއިދު ބޭނުމެއްނޫނެވެ. ރާއިދު އެކޮޓަރިއަށް ވަތް އިރުގައި މިޝްކާ އަރާމު ނިންޖަކުން ނިދައިލައިފައި އޮތެވެ. ރާއިދުގެ ހިތުގައި ކުޑަވެސް ލޯތްބެއް ކުލުނެއް އެ ކުޑަ އަންހެން ކުއްޖާއާއި ދޭތެރޭގައި ނެތެވެ. އަމިއްލަ ބޭބެގެ ދަރިއަކަސް ވެސްހެވެވެ. ރާއިދު ބަލާކަށްނުހުރެ ނިދާފައި އޮތް މިޝްކާގެ ގައިމަށްޗަށް ޖެހިގަތީ ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިންނެވެ. ރާއިދުގެ މިއަމަލުން ސިއްސައިގެން ދިޔަ މިޝްކާ ބިރުން ރޮއިގަތެވެ. ނަމަވެސް މިޝްކާގެ މިއަމަލުންވެސް ރާއިދުގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. ރާއިދު ކުރަން މިއުޅެނީ ކިހާ ބޮޑު ކަމެއްކަންވެސް ކުޑަކުޑަ މިޝްކާއަކަށް ނޭންގެއެވެ. ރާއިދުގެ އެކި ހަމަލާތައް މިޝްކާގެ ހަށިގަނޑަށް އަރަމުން ދިޔައެވެ. ކުޑަ ކުޑަ މިޝްކާ އަޅަމުން ދިޔަވޭނަށް ކެއްނުކުރެވިގެން މަންމާއޭ ކިޔާ ރޮމުން ދިޔައެވެ. މިޝްކާގެ އަޑުމާ ގަދަވަމުން ދާތީވެ ރާއިދު އައި ރުޅީގައި މިޝްކާގެ އަނގަމަތީ ނިކަން ބާރަށް ފޮތިގަނޑެއް އެއްސިއެވެ. އަދި ހުތުރު އެތައް ބަސްތަކުން މިޝްކާއަށް ގޮވަމުން ދިޔައީ އެއްވެސް ރަހުމެއްނެތިއެވެ. އެއީ މިހާތަނަށް މިޝްކާއަށް ދުވަހަކުވެސް އަޑުއިވިފައި ނުވާފަދަ ބަސްތަކެކެވެ. ހުރިހަމައެކަނި ބޭބެގެ ހުރިހަމަ އެކަނި ދަރިފުޅުގެ ދިރިއުޅުން އެފުއް މިފުށަށް ޖަހައިލި އިރުވެސް ރާއިދުގެ ހިތައް އެއްވެސް އެއްޗެއް ނޭރިއެވެ. ރަހުމުގެ ކަންފުޅެއްވެސް ނެތެއެވެ. ރާއިދުގެ ހިތްފުރޭ ވަރުވުމުން މިޝްކާ ދޫކޮށްލި އިރުގައި މިޝްކާގެ ހެއެއްވެސް ނެތެވެ. ރާއިދު ފަރުވާކުޑަ ގޮތަކަށް މިޝްކާއާއި ދިމާއަށް ބަލައިލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީ މިޝްކާ އެއޮތް ގޮތަށް ބާއްވައިފައެވެ. ނިކަން ހަމަ ޖެހިލަމުން ދޮރުހުޅުވައިލި ރާއިދުގެ މޫނު ބަނަވެގެން ދިޔައީ ދޮރުމަތީގައި ހުރި ނަވީން ފެނިފައެވެ.
ކޮބާ މިޝްކޮ......ނިދާފަ ދޯ....."
ރާއިދުއަށް ކުޑަ ނަޒަރެއް ދެމުން މިޝްކާގެ ކޮޓަރިއަށް ވަތް ނަވީން ހުއްޓުންއެރީ މިޝްކާ ނިދަން އޮތް އެނދުފެނިފައެވެ. ނަވީންއަކީ ހިތްވަރުގަދަ ފިރިހެނެއް ނަމަވެސް ބާރަށް ރޮއިގަނެވުނީ ލޯބިވާ ދަރިފުޅު އޮތްހާލު ފެނިފައެވެ. ނަވީންގެ އަޑަށް އެކޮޓަރިއަށް ދުވެފައި އައިސް ވަތް އަލީނާވެސް "މަގޭ ދަރިފުޅާ" އޭ ކިޔާ ރޮއިގަންނަމުން ގޮސް މިޝްކާ ނަގާ އުނގަށްލިޔެވެ. އަދި އެތަނުން ބެޑްޝީޓެއްނަގާ މިޝްކާގެ ގައި އޮޅައިލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ބެޑްޝީޓުވެސް ލެއިން ކަޅިވަމުން ދިޔައެވެ. އޭރު ރާއިދު ހުރިތަނުން ގުޑިލަންވެސް ނޭންގިފައި ހުރީ ދެން ހަދާނެ ގޮތަކާއި މެދުގައި ވިސްނާށެވެ. އިރުކޮޅެއް ފަހުން ހޭވެރިކަންވީ ނަވީން ކުއްލިއަކަށް ރާއިދުއާއި ދިމާއަށް އެބުރިލިއިރުގައި ދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. ނަވީން ބަލާކަށް ނުހުރެ ގޮސް ހިފީ ރާއިދުގެ ކަރުގައެވެ.
"ރާއިދު..... މޮޔަވީތަ؟...."
"ބަލައެއީ.... ކުޑަކުޑަ.... ކުއްޖެކޭ....."
ނަވީންއަށް ވާހަކަ ދެއްކޭ ގޮތެއްވެސް ނުވިއެވެ. ނުހަނު އިތުބާރުކޮށްފައި ލޯބިވާ ދަރިފުޅު ދޫކޮށްލައިފައި މިދެވުނީ ޖަނަވާރަކަށްވުރެ ނުބައި މީހެއްއަތަށެވެ.
"ނަވީން.....ނަވީން.....އަޅެ މި މަންޖެގެ ހެއެއްވެސް ނެތޭ.....ނަވީން......އަވަސް ކޮށްބަލަ....އާދެބަލަ.....ހޮސްޕިޓަލަށް ދާން ހިނގާބަލަ....މަންމަ ދޫނީ.....މިޝްކާ..."
އަލީނާވެސް ހާސްވެގެން ގޮސް ކިޔޭ ނުކިޔޭއެއްވެސް ނޭންގެއެވެ. އަލީނާގެ އަޑަށް ނަވީން ރާއިދުގެ ގައިން ދޫކޮށްލިއެވެ. އަދި ދުވެފައި ގޮސް އަވަހަށް މިޝްކާ އުރައިލަމުން ދުއްވައިގަތީ ހޮސްޕިޓަލަށް ދިއުމަށްޓަކައެވެ. އަލީނާވެސް ނަވީންގެ ފަހަތުން ދުއްވައިގަތެވެ. އެވަގުތުގެ ބޭނުން ހިފަމުން ރާއިދު އަވަސް އަވަހަށް އެތަނުން ނިކުމެގެން ދިޔައީއެވެ. ނަވީން ދުވެފައި މަގުމަށްޗަށް ނިކުމެ ދެކޮޅު ހޯދާލީ ޓެކްސީއެއް ލިބޭތޯއެވެ. ނަމަވެސް ދަންވަރުގެ ވަގުތުކަމުން ޓެކްސީއެއް ދާތަންވެސް ނުފެނެއެވެ. ހޮސްޕިޓަލް ހުރީ އެގެއާއި ދުރުގައި ކަމުން ހިނގާފައި ދެވޭނީ ވަރަށްވެސް ލަހުންނެވެ. އެންބިއުލާންސްއަކަށް ގުޅައިލާކަށް އެވަގުތު ނަވީންވެސް އަދި އަލީނާވެސް ހަދާނެއްނުވިއެވެ. ނަވީން ބަލާކަށް ނުހުރެ އަނެއްކާވެސް މިޝްކާ ގޮވައިގެން ދުއްވައިގަތެވެ. ފައިވާނަކަށްވެސް ނާރައި ނަވީންއާއި އަލީނާ ދުވަމުން ދިޔައެވެ. ނަވީން ލޮޑުވެގެން މަޑުކޮށްލި ވަގުތަކީ އެހެން ދިޔަ ޕްރައިވެޓް ކާރެއް އައިސް އެތަނަށް މަޑުކޮށްލި ވަގުތެވެ. ނަވީން އަވަސް އަވަހަށް ގޮސް އެ ކާރު ދުއްވަން އިން ޒުވާނާގާތު އާދޭސް ކުރަންފެށީ ހޮސްޕިޓަލާއި ހަމައަށް ގެންގޮސްދޭތޯއެވެ. އެޒުވާނާ ވެގެން އުޅޭގޮތް އަހައިލަމުން އަވަހަށް އަރަން ބުންޔެވެ. ނަވީންއެ ހިތްހެޔޮ ޒުވާނާއަށް ޝުކުރު އަދާކުރިއެވެ. ބާރު ސްޕީޑުގައި ކާރު ދުއްވައިފައި ގޮސް ހޮސްޕިޓަލުގެ ކުރިމަތީގައި މަޑުކޮށްލުމުން ނަވީންމެން އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ. މިޝްކާއަށް ވަގުތުން އެމަޖެންސީބައިގައި ފަރުވާދޭން ފެށިއެވެ. ނަވީންއާއި އަލީނާ ކެއްތެރިކަން ކުޑަ ގޮތަކަށް ބޭރުގައި ހިނގާލަ ހިނގާލައި ތިބީ ޑޮކްޓަރުއައިސް ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. ޑޮކްޓަރު އައިސް ދިން ހަބަރަކުން އަދި ނަވީންމެންގެ ހިތާމައަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައެވެ. މި ހާދިސާގެ ސަބަބުން މިޝްކާއަށް ވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ބޭރުން ފެންނަން ހުރި ޒަހަމް ތަކުގެ އިތުރުން އެތެރެ ހަަށްޓަށްވެސް ވަނީ ބޮޑެތި ގެއްލުންވެފައެވެ. މިހުރިހާ ކަމަކުން ލިބުނު ޝޮކުގެ ސަބަބުން މިޝްކާވަނީ ކޯމާއަކަށް ގޮސްފައެވެ. މިޝްކާ ހޭ އަރާނެ ވަކި ދުވަހެއް ބުނަން ނޭންގޭކަަމަށާއި މިހާލަތުގައި ކެއްތެރި ވުމަށް ޑޮކްޓަރުވެސް ނަސޭހަތްތެރި ވިއެވެ. މިޝްކާދެކިލަން ވަތް ނަވީން އެބައަންނަަން ކަމަށް ބުނެފައި ދިޔައީ ކުށްލިއަކަށް ރާއިދުމަތިން ހަދާންވެގެންނެވެ.
"އަވަހަށް ރާއްޖެއިން ބޭރަށް ދާންވީ. . .މިކަންތައް އެއްކޮށް ހިނދުނީމަ ނޫނީ ދެން މާލެ ނާންނާން. . .މައްސަލަގަޑު ބޮޑު ނުވަނީސް އަވަހަށް ފިލަންވީ. . ."
ދަބަހަކަށް އެއްޗެހި އަޅަންހުރި ރާއިދުގެ ހަރަކާތްތައް އަވަހެވެ. ރާއިދު ނިކަން އަވަސްކޮށްލަމުން ގޮސް ދޮރު ހުޅުވައިލިއިރު ނަވީންހުރީ ދޮރުމަތީގައެވެ.
"ބޭ.... . .ބޭ. . ."
ރާއިދު ކުޑަކޮށް ވިސްނާލުމަށްފަހު ނަވީންގެ ފައިބުޑަށް ވެއްޓި ރޯންފެށިއެވެ.
"ބޭބޭ. . .އަހަންނަށް މާފް ކުރޭ. . .ދެން އެކަހަލަގެ ކަމެއް ނުކުރާނަމޭ ބޭބޭ. . .ބޭބޭ ޕްލީސް އަހަންނަށް މާފް ކުރޭ. . ."
ރާއިދު ވަގުތުން ވާހަކައެއް ހަދައިލިއެވެ.
"މާފް ކުރާށޭ؟. . ކިހިނެއް އެހާ ފަސޭހައިން މާފްކުރާނީ. . .ކުޑަ ކުޑަ ކުއްޖެއްގެ ދިރިއުޅުމޭތި ނަގާލީ. . .އެއީ އަދި ކުޑަ ކުޑަ ކުއްޖެކޭ. . ."
ނަވީންގެ ދެލޮލުންވެސް ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ކުއްލިއަކަށް ނަވީންގެ އުފާވެރި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. އެކަން މިކުރީ ވެސް އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
"ބޭބޭ. . .ޕޮލިހަށް އަހަރެން ހަވާލު ނުކުރަށްޗޭ. . .ދެން އެހެނެއް ނޫޅޭނަމޭ ބޭބޭ. . އަހަންނަށް މާފް ކުރޭ. . ."
ރާއިދު ފޭކް ކަރުނައަޅަމުން ޑްރާމާއެއް ކުޅެމުންދިޔައެވެ.
"ރާއިދު ޕޮލިހަށްވެސް ހަވާލު ކުރާނަން.. . . ރާއިދުކުރި ކުށުގެ އަދަބު ރާއިދުއަށް ލިބެން ޖެހޭނެ. . ."
ނަވީންގެ ވާހަކަ އަޑުއިވި ކުށްލިއަކަށް ރާއިދުތެދުވިއެވެ.
"އަހަރެން ޖަލަށް ދާން ޖެހިއްޖެއްޔާ ތި ވަޒީފާގަޑާއި އެއްޗެހިން ކަޑާލާފަ ސީދާ ރަށަށް ފޮނުވާލާނީ. . .ހީކުރީ އަހަރެން ޖަލަށް ދިޔާމަ އަރާމުގަ އުޅެވޭނެ ކަމަށްތަ؟... އޭން. . "
ރާއިދުގެ ވާހަކައާއި އަމަލުތައް ބަދަލުވި ގޮތުން ނަވީންހުރީ ހައިރާންވި ވަރުން ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ނަވީން އަދި މާ ދެރަވާ ގޮތްވިއެވެ. ވަޒީފާ ގެއްލި ރަށަށް ދާން ޖެހިދާނެތީ އެއްނޫނެވެ. ލޯބިވާ ކޮއްކޮ މިހާ ބަދަލުވެފައި ވާކަން އެނގުނީމައެވެ. މިހާރު ރާއިދުގެ މޫނުމަތިން ފެންނަނީ ނުލަފާ ހިނިތުންވުމެކެވެ.
"އަހަރެން ލަދުގަނޭ ތީ އަހަރެންގެ ކޮއްކޮ އަކަށް ވީތީވެސް. . .ވަޒީފާ ގެއްލުނަސް ރާއިދު ޕޮލިހާ ހަވާލު ކުރާނަން. . .އަދި. . ."
ނަވީންގެ ވާހަކަ ދައްކަ ދައްކާ ހުއްޓާ ރާއިދު ފޫހި ގޮތަކަށް ހޫން އަޅުވައިލިއެވެ.
"ހޫން ދެން މާ ވާހަކަ ގިނަ ނުކޮށް ދާން އުޅޭ. . ފަހަރި ކައިރިއަށްދޭ. . .މިޝްކާ ގާތަށް ދޭ. . .އެ މަންޖެ. . ."
ނަވީންއަށް އިތުރަށްް ކެއްކުރެވޭ ވަރެއް ނުވިއެވެ. ރާއިދުގެ މޫނަށް ނަވީންގެ އަތުގެ ދެ ހަމަލާއެއް އަރައިގެން ދިޔައީ އެހެންވެ އެވެ. ރާއިދުވެސް ބަލާކަށް ނުހުރެ ނަވީން ކޮށްޕާ ވައްޓައިލިއެވެ.
"ބޭބެއަކަސް ގަޔަށް އަތްނުލާ ހުރެ އިނގޭ. . ."
ރާއިދުއަކީ މިހާ އަހްލާގްދަށް މީހެއް ކަމެއް ނަވީންްއަކަށް ނޭންގެއެވެ. މީ ކުރިން ނަވީން ދަންނަ ރާއިދުއެއް ނޫނެވެ. މާ ބޮޑަށްވެސް ބަދަލު ވެއްޖެއެވެ. ކުރެވުނު ކަންތަކާއި މެދު ދެރަނުވާއިރު މާފަށް އެދެންވެސް ބޭނުން ނުވާނީ ހާދަ ދަށުދަރައިގެ މީހެކެވެ. ނަވީންއާއި ދިމާއަށް ފަރުވާކުޑަ ގޮތަކަށް ބަލައިލަމުން ރާއިދު ދާން ހިނގައިގަތީ ދަބަސް ކޮޑު އަޅުވައިލަމުންނެވެ. ނަމަވެސް ރާއިދުއަށް ދެވުނީ ވަކި ހިސާބަކަށެވެ. އެވަގުތު ޕޮލިހުންވެސް އައިސް އެގެއަށް ވަންނަނީއެވެ. ވަގުތުން ރާއިދު ހަތްޔަރު ކުރެވިގެން ގެންދެވުނެވެ. ތަހްގީގު ކުރިއަށް ދިޔަ ވަރަކަށް އަދި އިތުރު ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ރާއިދުގެ މައްޗަށް ސާބިތު ވެގެން ދިއައެވެ. އެއާއި އެކު މުޅި ސޯޝަލް މީޑިއާގަޔާއި ހަބަރު ތަކުގައިވެސް ދެކެވެމުން ދިޔައީ ރާއިދުގެ ވާހަކައެވެ. ރާއިދުއަށް ކުށުގެ އަދަބު ލިބިގެން ދިޔުން ވީ އެތައް ބަޔަކަށް އިންސާފު ލިބިގެން ދިޔަ ކަމަކަށެވެ. މިޝްކާ ކޯމާއިން ހޭއެރީ އެހެން އޮންނަތާ ހަމަސް ދުވަސް ވީފަހުންނެވެ. އޭރު އެލީނާއިނީ އަނެއްކާވެސް ބަލިވެއެވެ. ދުވަސްތައް ފާއިތުވަމުބް ދިޔައެވެ. ނަފްސާނީ ޑޮކްޓަރެއްގެ އެހީގައި މަޑުމަޑުން މިޝްކާ ހަމަ އަކަށް އެޅެމުންއައެވެ. އެހާދިސާއަށް ފަހު މިޝްކާގެ ދިރިއުޅުން މިވަނީ މުޅިން ބަދަލުވެފައެވެ. ރާއިދު ބުނިފަދައިން ނަވީންގެ ވަޒީފާއެއް ނުގެއްލެއެވެ. އެހެންކަމުން ނަވީންމެން އަދިވެސް އުޅެމުން ދިޔައީ ހުޅުމާލޭގައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއި އެކުގައެވެ. ނަވީން ޗުއްޓީއަށް ރަށަށް ދިޔައީ މިޝްކާ ހިތްހަމަ ޖައްސައިލުމަށްޓަކައެވެ. އޮއްސެމުން ދިޔަ އިރަށް ނަޒަރު ހުއްޓައިލައިގެން ހުރި ނަވީންގެ މޫނުމަތީގައި ފަޑު ހިނިތުންވުމެއް ވިއެވެ. އޭރު އަލީނާއާއި މިޝްކާ އަތިރިމަތީގައި އިށިންދެލައިގެން ތިއްބެވެ. އެވަގުތު އަލީނާގެ ހަތްމަހަށްދާ ބަނޑުން ކުޑަ ދަރިފުޅު ތޮޅިލިތަން ފެނުމުން މިޝްކާ ހިނިތުންވެލިއެވެ. އަދި މަޑުމަަަޑުން އަލީނާގެ ބަނޑުގައި އަތް ޖައްސައިލަމުން "ދޮންތިގެ ދޫނީ" އޭ ބުނެލިއެވެ. ނަވީންވެސް އައިސް މިޝްކާގެ ބޮލުގައި ނިކަން ލޯބިން ފިރުމައިލިއެވެ.
"ބައްޕަގެ މިޝްކާ.. . . "
(ނިމުނީ)

    Please log in or register to bookmark.
    2k

    3 ޚިޔާލު

    ޚިޔާލު

    Your email address will not be published.