ރަތްގެރިފުޅު - 5

އާދަނު ނިޔާވިފަހުން ގޭގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އަލީއެވެ. ގޭގެ އެންމެ ކުޑަ ކުއްޖާކަމަކު އަލީ ކުޅަދާނައެވެ. ރުއް އަރާ ރާވެރިކަމުގައި އުޅުނެވެ. އާދަނުގެ ތިން ގާތިލުން ކަމުގައިވި މަސްވެރިކަމުގެ ބޮޑެތި ތިން މީހުން, އެ މީހުން ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ދެކުނުގެ ދުރު އަތޮޅަކަށް އަރުވާ ލެވުނެވެ. އާދަނު ނިޔާވި ދުވަހު, މޫރިސާއަށް ލިބުނު ކުއްލި ނުތަނަވަސް ކަމުން މީހާ ހުއްޓުން ހެރިއެވެ. އެއަށްފަހު މޫރިސާ އުޅުނީ ވަރަށް ބަލި ކޮށެވެ. އަލީގެ އުމުރުން 17 އަހަރު ވީއިރު ލޯބިވާ މަންމަ ވެސް މި ދުނިޔެއިން ވަކިވީއެވެ. އޭނަގެ ދެ ދައްތަ މަސްވެރި އާއިލާއެއްގެ މީހުންނާއި ކައިވެނިކޮށް ފިރިމީހާގެ ގެއަށް ބަދަލުވިއެވެ. އަލީ އެއަށްފަހު އުޅުނީ ގޭގައި އެކަންޏެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ދައްތަމެންނާއި އެމީހުންގެ ކުދިން އައިސް އުޅުނެވެ.

އަލީގެ އުމުރުން 20 އަހަރު ވީއިރު ވެސް މީހަކާ ކައިވެންޏެއް ނުކުރެއެވެ. ކަމުދާ އަންހެނަކު ނުފެންނަނީކީ ނޫނެވެ. ރާވެރިއަކަށް ވުމުން ކައިވެންޏަށް އަހަން ނުކެރިފައި ހުރެވެނީއެވެ. ލިބިދާނެ ޖަވާބަކަށް ޖެހިލުން ވަނީއެވެ. މިހެން ހުއްޓާ އެއްދުވަހަކު ހަދީޖާގެ ފިރިމީހާ އަލީގާތު އެހިއެވެ.

”ބޭބެމެން މިއުޅެނީ ދެތިން ހަފްތާއަށް, ދޯނީގެ މަރާމާތަކަށް ބިލެތްފަށްސަށް ދާން. އަލީ ވެސް ވީއްނު މި ދަތުރުގައި ބައިވެރިވާން. އެކަނި ރަށުގައި ހުރުމަށްވުރެ ރަނގަޅު ވާންނު.“

ޖަވާބުގައި އަލީ ބުނެލިއެވެ.

”ދެވިދާނެ. އަކަމަކު ރާރުއްތަކުން ރާބާލާނީ ކާކު. ރުއްތައް ސާފުކޮށް ބަލަހައްޓާނީ ކާކު. އަހަރެންގެ މަސައްކަތް އޮތް ރަށަކީ މިއީ. މިރަށް ދޫކޮށްފަ ދާން ވަރަށް އުނދަގޫވާނެ.“

އަލީގެ ކުޑަޅިޔަނު ވިސްނަން ހުރެފައި ބުނެލިއެވެ.

”ތީ ރަނގަޅު ވާހަކައެއް. އެކަމަކު އަހަރެންނަށް އަލީގެ މޫނުމަތިން ތި ފެންނަ އެކަނިވެރިކަން ފެނި ކެތްނުވެގެން މިއަހާލީ. ދިރިއުޅޭ މާހައުލު ބަދަލު ކޮށްލުމުންވެސް ހިތައް ފިނިކަމެއް ލިބިދާންނު. އަހަރަމެން މަސްވެރިން ވެސް އަބަދު ރަށުގައި ނުތިބެ ކަނޑައް ނިކުންނަ ނިކުތުމަކީ ހިތައް ހާދަ އުފާވެރިކަމެއް ލިބޭ ކަމެކޭ. ރަށުގައި ދިމާވާ ކަންކަމުގެ މަތިން ހަނދާންނައްތާލާ ސިކުނޑި ހަމަ ޖައްސާލަން ލިބޭ ވަގުތުކޮޅެކޭ. ފަހަރުގަ ބިލެތްފަށްސަށް ގޮސް އެރަށުގެ ރާވެރިން އުޅޭގޮތް ފެނި, އައު ކަންކަން ދަސްކޮށްލަން ވެސް ލިބިދާންނު. އެމީހުންގެ ފަރާތުން އަލީ އަށް އައު ހުނަރެއް ވެސް ދަސްވެދާންނުދޯ. މި ވަގުތު ޖަވާބެއް ނުދިނަސް މައްސަލައެއްނެތް. ވިސްނާލާފަ މާދަމާ ޖަވާބެއް ދިނަސް އެންމެ ރަނގަޅު. ދެން މިވަގުތު ދިޔައީ އިނގޭ.“

ކުޑަޅިޔަނު އެބުނި ވާހަކަތަކަށް ވިސްނަން އަލީއަށް ހުރެވުނެވެ. އަލީ ނިންމީ މާދަމާ އެމީހުންނާއެކު ބިލެތްފަށްސަށް ދިއުމަށެވެ.

ހަވީރުގެ ވަގުތުގައި އަލީގެ ރުއްތައް ކައިރިއަށް ގޮސް ކޮންމެ ރުކެއްގައި އަތްލުމަށްފަހު ބުނެލައެވެ.

”މިވަގުތައް އަލްވަދާއު ކިޔަމެވެ. ވީހާވެސް އަވަހަކަށް އެނބުރި އަންނާނަމެވެ.“

ހުރިހާ ރުކެއްގެ ކައިރިއަށް ގޮސް އަތްލާ މިހެން ބުނުމަށްފަހު, އަލީގެ ބައްޕަގެ ފަހު ނޭވާ ދޫކުރި ހިސާބައް އައިސް ހުއްޓިލިއެވެ. އަދި ދެކަކޫމައްޗަށް ތިރިވެލިއެވެ. އަލީގެ ދެ ލޮލުން ކަރުނަ ހިރިލިއެވެ. ބުނާކަހަލައެވެ. ބައްޕާއެވެ. އަދި އެއްފަހަރު ނަމަވެސް އެނބުރި އައިސްބަލާށެވެ. ތި ބައްޕަ މަތިން ހަނދާންވާ ހާލު އެންމެ ވަގުތުކޮޅަކަށް ވެސް މިރަށް ދޫކޮށްފައި ދާން ހިތެއް ނޭދެއެވެ. އަލީ އެއިން ގޮތައް ވަގުތު ކޮޅަކަށް އެތާނގައި އިނދެފައި ތެދުވެގެން ހިނގައި ގަތެވެ.

އެރޭ, އަލީގެ ދައްތަމެންގެ ގެއަށް ގޮސް އެމީހުންނާއެކު ދަތުރުގައި ބައިވެރިވާނެ ކަމުގެ ހަބަރު ދިނެވެ. މިހެންވެ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ.

އޭގެ އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. އަލީއާއި އޭނަގެ ދައްތަމެންނާއި, ޅިޔަނުންނާއި, ދަތްތަމެންގެ ދަރިންތައް, މަރޮށީގެ އަތިރިމަތީގައި, ބިލެތްފަށްސަށް ދިއުމަށް ދަތުރު ފެށުމަށް, ދޯންޏަށް ތަކެތި އެރުވުމުގައި އުޅުނެވެ. ކުޑަޅިޔަނުގެ އެ ދޯންޏަކީ އާދައިގެ ވަރެއްގެ ރިޔާދޯންޏެކެވެ. އެ ދޯނީގައި މަހަށްގޮސް އުޅެނީ އަލީގެ ޅިޔަނުންގެ އިތުރުން މަރޮށީގެ އަދި އެހެން މީހެކެވެ. މި ދޯނި ބަނދެފައިވަނީ ނިރޮޅުންނެވެ. ދޯނީގައިވަނީ ފަންރިޔަލެކެވެ.

ދޯންޏަށް ތަކެތި އަރުވާ ނިމުމުން އެންމެން ދޯންޏަށް އެރިއެވެ. ވައި ޖެހެމުން ދިޔައީ ބިލެތްފަށްސަށް ދާން ފަސޭހަވާނެ ގޮތަކަށެވެ. ދޯނީގެ ކަންކަން ކުރުމުގައި އަލީ ވެސް އެހީތެރިވެދިނެވެ. އަލީއަށް އެކަންކަން ވީ އައު ކަންކަމަށެވެ. ނަމަވެސް އަލީގެ ޅިޔަނުންނަކީ ނުލާހިކު ހިތްހެޔޮ އަދި އެހާމެ ރަނގަޅު ބައެއްކަމުން, ހިނިތުންވެލާފައި ދޯނީގައި ކުރަން ހުރި ކަންކަން ދަސްކޮށްދެމުން ދިޔައެވެ. ރިޔާ ނަގާނެ ގޮތާއި, ވައި އަޅުވާނެ ގޮތާއި, ހުންގާނު ހިފާނެގޮތެވެ. އަދި އެނޫނަސް ދޯނި ރަމަތަ ކުރާނެ އެންމެހާ ގޮތްގޮތާއި, ދޯނީގައި ކުރަން ހުންނަ ގިނަ މަސައްކަތްތައް ވެސް ދަތުރުގެ ތެރެއިން ދިޔައީ ކިޔައިދެމުންނެވެ. އެ ދަތުރު ވެގެން ދިޔައީ އަލީއަށް ދޯނިދުއްވުމުގެ ކަންކަން ދަސްކޮށްދޭ ކުލާހެއްގައި އުޅެވުނު ކަހަލަ ކަމަކަށެވެ.

މެންދުރުން އަނބުރާލިއިރު އަލީމެން ދަތުރުކުރަމުންދިޔަ ރިޔާދޯންޏަށް ބިލެތްފަހީގެ ފަޅުތެރެއަށް ވަދެވިއްޖެއެވެ. މި ރަށަކީ ވެސް ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން ރުކާއި ގަސްގިނަ ރަށެކެވެ. މާކަށް ގިނައިރުތަކެއް ނުވެ ބިލެތްފަހީގެ ގޮނޑުދޮށަށް ދޯނި ގާތްކުރެވުނެވެ. ހަމަ އެއާއެކު އަތިރިމަތީގައި އެވަގުތު ތިބި ބައެއް މީހުން, ރަށަށް އެ ގާތްކުރި ދޯނި ކައިރިއަށް އަންނަން ހިނގައިގަތެވެ. ބިލެތްފަށްސަށް އައީ ދޯނި މަރާމާތައްކަމުން, ގޮނޑުދޮށަށް ދޯނި ބީއްސާލިއެވެ. އަލީގެ ބޮޑުޅިޔަނު ދޯނިން ފައިބައި, އަންހެންވެރިންނާއި ކުޑަކުދިންތައް ރަށަށް ފޭބުމުގައި އެހީތެރި ވާން ހުއްޓެވެ. އަދި އޭގެ އިތުރުން ގެނައި ސާމާނު ބޭލުމުގައި ވެސް އެހީތެރިވިއެވެ.

ރަށުގެ އަތިރިމަތިން އައި ބަޔަކު, އައިސް ފާތިމާގެ ފިރިމީހާއާއި ސަލާމް ކޮށް ހާލު އަހުވާލު އަހައި, ބިލެތްފަށްސަށް އައި ބޭނުން އަހާލިއެވެ. އަދި ޖަވާބުގައި, މި ރަށުގެ މޮޅު ކިއްސަރުވަޑާން ވެރިޔާ, ކަރީމްބެގެ އެހީއާއެކު ދޯނީގެ މަރާމާތަކަށް އައި ދަތުރެކޭ ބުންޏެވެ. އަދި މި ވަގުތު ރަށުގައި ކަރީމްބެ އެބަހުރިތޯ އަހާލިއެވެ. ޖަވާބުގައި އެމީހުންގެ ތެރެއިން އެކަކު ބުނީ, އެ ބޭބެ ރަށުގައި އެބަހުރި ކަމަށެވެ. އަދި މަރާމާތަކަށް ދޯނި ގެނައި ކަމުގައި ވަނީނަމަ, އަވަހަށް ދޯނި އެހެލަން އުޅެމާހޭ ބުނެލިއެވެ. މިހެންވެ ރަށުގެ އަތިރިމަތީގައި އެ ވަގުތު ތިބި ފިރެހެންވެރިންނަށް ގޮވައި ގެނެސްގެން ދޯނި އެހެލުމުގެ މަސައްކަތް ފެށުނެވެ.

ރަށުގެ ބަޔަކާއި, އަލީމެންގެ މަސައްކަތުން, ދޯނި އެހަލައި އެއްގަމަށް އެރުވިއްޖެއެވެ. މަރާމާތު ނިމުމަށް ދުވަސް ނަގާނެތީ ވަގުތީ ދޯނި ހަރުގެއެއް އަޅަންޖެހެއެވެ. ނަމަވެސް އެކަން ފެށުމުގެ ކުރިން ގެނައި އެއްޖެހި ހިފައިގެން ބިލެތްފަހީގައި ތިބުމަށް ހަމަޖެހިފައިވާ ގެއަށް ދާން ގަސްތުކޮށްގެން, އެ ގެއަށް ދިއުމަށް އަލީމެން ހިނގައި ގަތެވެ. އެ ގެއަކީ, އަލީގެ ބޮޑު ޅިޔަނުގެ ތިމާގެ މީހެއްގެ ގެއެކެވެ.

އެންމެން އެކުގައި އެގެއަށް ދިޔައެވެ. އެ ގޭގޭ މީހުން އަލީމެން ފެނި ހައިރާންވިއެވެ. ސަބަބަކީ އެމީހުން އަންނަން އުޅޭކަމުގެ ހަބަރެއް އެއްވެސް މީހެއްގެ ފަރާތުން ލިބިފައި ނެތީމައެވެ. ފާތިމާމެން ބޭނުންވީ ވެސް އެގޮތެވެ. އެމީހުން ފެނުމުން އެ ގޭގެ ދައްތަ އުފަލުން އައިސް ފާތިމާމެންނާއި ސަލާމްކޮަށް ހެދިއެވެ. އަދި އަލީގެ ބޮޑު ޅިޔަނު, އެ ދައްތައަށް އަލީ ތައާރަފު ކޮށްދިނެވެ. ހަމަ އެއާއެކު ރަށަށް އައި ބޭނުން ހިއްސާކުރިއެވެ. އޭގެ ފަހުގައި, ދައްތަގެ އެދުމުގެ މަތިން މެންދުރުގެ ކެއުމަށް އެންމެން ދިއައެވެ. އެ ދައްތައަކީ މުސްކުޅި ފުރާވަރުގެ މީހެކެވެ. ފިރިމީހާވަނީ ޖެހުނު ބައްޔެއްގައި ނިޔާވެފައެވެ. ތިން ފިރެހެން ދަރިންނާއި އަންހެން ކުއްޖަކު ހުރެއެވެ. އެތަނުން ރަށުގައި މިވަގުތު ހުރީ އަންހެން ކުއްޖަކާއި ފިރެހެން ކުއްޖެކެވެ. ހުރިހާކުދިންވެސް އުޅެނީ މީހުންނާއި އިނދެގެން އެމީހުންގެ އަމިއްލަ ގޭގައެވެ. އެ އާއިލާއަކީ މަސްވެރި އާއިލާއެއްކަމުން އަތްމަތި ތަނަވަހެވެ.

ކެއުމަށް އިންސާފުކޮށް ނިމިގެން ދަތުރު ވަރުބަލި ފިލުވާލަން އަލީ މަޑުކޮށްލިއެވެ. އޭނަގެ ދައްތަމެން ކުދިން ގޮވައިގެން އެ ކުދިން ފެންވަރުވާ ރީތި ކުރުމުގައި އުޅުނެވެ. ދެ ޅިޔަނުން އެކުގައި ކަރީމްބެގެ ގެއަށް އެ ބޭބެއާއި ބައްދަލު ކުރުމަށް ދިއައެވެ. އަލީ ވިސްނީ ވަރުބަލި ފިލުވާލައިގެން މިރަށުގެ ރުއްވާ ބަލައިލަން ދިއުމަށެވެ. މި ރަށުގެ ރާވެރިއަކާއި ދިމާވޭތޯއެވެ. ނޫނީ އަލީގެ ހަށީގައި ހިފާފައި ހުރި ކަމެއްގެ ސަބަބުން ރުކަކަށް އަރާނުލާ ހިތްހަމަ ނުޖެހެނީ ކަންނޭގެއެވެ.

ހަވީރު ވިއިރު ދެ ޅިޔަނުން ވަރަށް އުފަލުން ގެއަށް އައިސް ވަނެވެ. ދޯނީގެ މަރާމާތު ކޮށްދޭން ކަރީމްބެ އެއްބަސް ވީމައެވެ. މިހެންވެ ދެ ޅިޔަނުން އެކުގައި ދޯނި ހަރުގެ އެޅުމުގެ މަސައްކަތް ފަށަން އަތިރިމައްޗަށް ދިއައެވެ. ނަމަވެސް އަލީގެ މިސްރާބު ހުރީ ރުއްވަލާ ދިމާލަށެވެ. އެއްވެސް ޅިޔަނަކު އެކަމާ ދެކޮޅެއްނޫނެވެ. އަލީ މިރަށަށް ގެނައީ ވެސް ރާވެރިކަމުގެ ކަންކަން ދަސްކުރުމަށާއި, ބޯ ހަމަޖައްސާލަން ކަމުން, އެއްވެސް މީހަކު އެކަމާ ހިތްހަމަ ނުޖެހިގެން އެއްޗެކޭ ނުބުނެއެވެ.

ފެންނަމުންދަނީ, ށ. ބިލެތްފަހީގެ ވަލުގައި ރުއްގިނަ ހިސާބު ގަނޑެވެ. އެވަގުތު މަޑުމައިތިރި ހިނގުމެއްގައި ވަލުގެ ތެރެއިން އެހެރަދަނީ ރާވެރި މަރޮށީ އަލީއެވެ. އަލީގެ ނަޒަރު ހުއްޓިފައި ހުރީ އެ ރަށުގެ ވަލުގައި ހުރި އެކި އުސްމިނުގެ ރުއްތަކަށެވެ. ރާކުރުމަށް އެތް ބަނދެފައި ހުރި ރުއްތަކާއި, ހަރު ބަނދެފައި ހުރި ރުއްތަކަށެވެ. ނަމަވެސް ރާވެރިއެއްގެ ހިލަމެއް އަލީއަށް ނުވެގެން އުޅެނީސް, އަންހެން ވެރިއެއްގެ ހަޅޭކުގެ އަޑު އައިސް އަލީގެ ކަންފަތުގައި ޖެހުނެވެ. މިހެންވެ އަލީ އަވެސްވެގަތީ އެ އަޑު އައި ދިމާލަށް މިސްރާބު ޖެހުމަށެވެ. ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް އަލީ ދިއައެވެ.

ކުއްލިއަކަށް އަލީގެ ދުވުން ހުއްޓުނީ, ފިރެހެން މީހުންތަކެއްގެ ހެއުމުގެ އަޑު އިވިގެނެވެ. މަޑުމަޑުން ގަސްތަކުގެ ތެރެއިން ބޯދީ ބަލާލިއިރު, ކަމަކުދާކަށް ނެތެވެ. ފަތްމިންޏެއްފަދަ ރީތި ޒުވާން އަންހެނެއްގެ އިއްފަތްތެރިކަން ނަގާލުމަށް ތިން ފިރެހެން ވެރިން ތައްޔާރުވަނީއެވެ. ބަލާކަށް ނުހުރެ ފިލާހުރި ތަނުން އަލީ ނިކުމެ އެމީހުންނާ ދިމާކޮށްލިއެވެ. އެ ޒުވާން އަންހެނާގެ އެ ފުރިހަމަ ހަށިގަނޑުގެ މަތީގައި, އެއިރު އޮތް ފިރެހެނާ, އަލީގެ އެއްއަތުން ހިފައި ހޫރުވާލިއެވެ. އެމީހަކު ގޮސް ގުޅައަކަށް ބިންމަށްޗައް ޖެހުނެވެ. އެ އެންމެނަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

މަސްތުވެފައިވާ ހާލު ތިބި އަނެއް ދެ ފިރެހެންވެރިން, ފަރާތް ފަރާތައްވާ ގޮތައް ހިނގަމުން އައިސް އަލީއާ ދިމާލަށް އިނގިލި ދިއްކޮށް ބުނެލިއެވެ.

”ކައޭ… ތީ ކާކު… އެން… މާ ގަދަ ނާއުވާ… މިތާނުން… ދާންއުއޭ… އަހަޔެމެން… އާދުން ބޮނޑިއެއް ނުބޮއެ… ދާންއުޔޭ… ”

އެ މީހާގެ އަޑުގައިހުރީ ވާގިގޮސްސައެވެ. އަނގައިގައި ވަރެއްނެތެވެ. ތިބީ ރުކުރަލުން ތައްޔާރު ކޮށްފައިހުރި ބަނގުރާ ބައްޖެއް ހިފައިގެނެވެ. ނޭވާގައި ހުރީ ބަނގުރަލުގެ ވަހެވެ. އަލީ އެމީހުން ބުނަމުން ދިޔަ އެއްޗަކަށް އަޅާވެސްނުލާ ގޮސް, އެ ހަނދުފަދަ ރީތި މޫނުގެ ވެރި އަންހެނާއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ނަަމަވެސް އަލީގެ އަތުގައި ހިފުމެއްނެތި, ކުއްލިއަކަށް ތެދުވެގެން ދުވެފައި ވަލުތެރެއަށް ވަދެގެން ހިނގައްޖެވެ. އެހިނދު އަލީ ވެސް ބޭނުންވީ އެ ރަތްލިބާހާއި, ކަޅު ފޭލިލައިގެން ހުރި ހޫރުޕަރީގެ ފަހަތުން ދުއްވައިގަންނާށެވެ. ނަމަވެސް, އަލީ ހުއްޓުން އެރީ އެއްކަލަ ތިން ފިރެހެންވެރިންގެ ތެރެއިން މީހަކު އައިސް އަލީގެ ކޮނޑުގައި އަތްލުމުންނެވެ. އެއިރު ބިންމަތީގައި އޮތް މީހާ ވެސް ފިރުކެމުން ކަހަލަ ގޮތަކަށް ތެދުވަނީއެވެ.

މަސްތުގެ ހާލުގައި ތިބި އެ ތިން ފިރެހެންވެރިން އަލީގެ ހަށިގަނޑުގައި ޖެހުމަށް އަތްމަޅާލި ވަގުތެވެ. އަލީ އެމީހުންގެ ހަމަލާއިން ރެކި ގަތެވެ. ނޫނީ އެމީހުންގެ އަމާޒު ކައްސާލީއެވެ. ކޮންމެ އަކަސް އަލީ ވެސް އެމީހުންގެ ގައިގައި އަޅާ ކޮށްޕާލިއެވެ. ފަހަރަކު މީހަކުވާ ގޮތައް ބިންމައްޗަށް ގުޅަކޮށްލިއެވެ. އިރުކޮޅަކުން އެތަނުން އެންމެ ބޮޑަށް ހަމަހޭގައި ހުރި މީހާގެ އުނަގަނޑުގައި އޮތް ފިޔޮހި ނަގައިގެން ތެދުވެ, އަލީއަށް ހަމަލާދޭން އުޅުނެވެ. އެމީހުންނަކީ ރާވެރިންކަން އެނގި, އަލީ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެހިނދު އަލީ ވެސް އޭނަގެ އުނަގަނޑުގައި އޮތް ކޮވެލި ކުރަހާފައި އިން ފިޔޮހި ނެގިއެވެ. އެއްކަލަ މީހާ އަލީއާއި ދިމާކޮށްލުމުން އަނެއްކާ ވެސް ބިންމައްޗަށް ވައްޓާލަން އަލީއަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އަދި އެއަށްފަހު އެމީހުންނާއި މުހާތަބުކޮށް އަލީ ބުނެލިއެވެ.

”ކަލޭމެން ކަހަލަ މީހުންނާއި ހެދިއޭ މުޖްތަމައުގަ އަހަރަމެންގެ އަގު އެހާ ބޮޑަށް ވެއްޓިފަ މި އޮންނަނީ. ރަލުން ބަނގުރާ ހަދައިގެން ބޮއެ, މަސްތުވެ ތިބެ, އިއްފަތްތެރި އަންހެނުންގެ އިއްފަތްތެރިކަން ނަގާލާ, އެހެން މީހުންގެ ގެ ދޮރަށާއި, މުދަލަށް ގެއްލުންދިނުން އެއީ ދޯ ކަލޭމެންގެ އުފަލަކީ. ކަލޭމެންގެ އަގު ވެއްޔާ މޮޑެވޭއިރު ވެސް ތި އުޅުން ދޫކޮށްލަން ބޭނުމެއް ނުވޭތަ؟ ރުކުރަލަކީ އެއިން އަހަރަމެންނަށް އެތައް ފައިދާތަކެއް ލިބޭ ބުއިމަކަށް ވާއިރު, އެއިން ވެސް ކަލޭމެން ތި ވިސްނީ އަމިއްލަ ހަށިތަކަށް ގެއްލުން ދޭނެ ގޮތެއް ހޯދުމަށް. އަހަރެން މީ ރާވެރިއަކަށް ވެ ހުރެ މިއަދު ލަދުވެސް ގަނެއްޖެ. އަހަރެން ހިޔެއްނުކުރަން މި ފެންވަރުގެ ރާވެރިން އުޅޭ ރަށެއްކަމަށް މިއައީ.“

އަލީގެ ވާހަކަ ނިންމާލިއިރު އެމީހުން ތިބީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަށަށް އައި ބީރަށްޓެއްސެއް އެމީހުންގެ ލޯ ހުޅުވައި ދިން ކަހަލައެވެ. އެ މީހުން އަލީގާތުން މާފަށްއެދުމުން މަޑުމަޑުން ވަލުން ނިކުތުމަށް މިސްރާބު ޖެހިއެވެ. އަލީ ވެސް އެދުވަހު އިތުރަށް ރުއްވަލުގައި އުޅޭހިތް ކެނޑި ގެއާދިމާލަށް މިސްރާބު ޖެހިއެވެ. އަދި އެ ޒުވާން އަންހެނާއާއި ބައްދަލު ކޮށްލުމަށް އަލީގެ ހިތް ބުނަމުން ގެންދިއައެވެ.

-ނުނިމޭ-

    Please log in or register to bookmark.
    1k

    ޚިޔާލު

    Your email address will not be published.