Views: 6525 231

މި ވާހަކައަކީ ހިނގާފައިވާކަމަށް ބަލައިގެން ލިޔެފައިވާ ވާހައެކެވެ. މިވާހަކައިގައި ބޭނުން ކޮށްފައިވާ ނަންތަކާއި ރަށަކީ އަސްލެއް ނޭނެވެ.

ފަރީނާއަށް ހާސްކަމާއިއެކު ކުއްލިއަކަށް ހޭލެވުނީ ކޮންމެވެސް މީހަކު ފަރީނާގެ ބޮލުގައި އަތްލައިގެން ހުންނަހެން ހީވެގެންނެވެ. ފަރީނާ ދެލޯބޮޑުކޮށްލާފައި ބަލާލިއިރު ފަރީނާގެ ފިރިމީހާގެ ބައްޕަ ފަރީނާގެ ނިތްކުރީގައި އަތްލައިގެން ކޮންމެވެސް އެއްޗެއް ކިޔަވަން ހުއްޓެވެ. ފަރީނާ މިކަމާ ރޮއިގަތުމުން ” އަހަރެން ކުރާކަމެއްކޮށް ނިމެންދެން މަޑުން އޮންނާށޭ” އޭނާ ބުންޏެެވެ. ހާރޫނާއި އޭނާގެ އާއިލާއަކީ ސިހުރު ހާހޫރަ ހެދުމަށް ހުވަދުއަތޮޅުގައި މަޝްހޫރު އާއިލާއެކެވެ. މިގޮތުން އެމީހުންގެ ރަށްކަމުގައިވާ ގެމަނަފުށްޓާއި އެހިސާބުގެ އެކިއެކި ރަށްރަށުގެ މީހުންނަށް ދިމާވާ ޖިންނީގެ އުނދަގޫ ތަކާއި ސިހުރުގެ އުނދަގޫ ތަކުން ސަލާމަތްކޮށްދޭ ބައެއްކަމުގައި ހާރޫނުގެ އާއިލާ ވަނީވެފައެވެ.

ފަރީިނާގެ ފިރިމިހާ ދާއޫދަކީވެސް ތަވީދު އަޅައިދިނުމާއި ފެންކިޔަވާދިގެންނާ އަދި ސިހުރު ހަދައިގެން ފައިސާ ހޯދާ މީހެކެވެ. ދާއޫދުގެ ބައްޕަ ހާރޫނަކީ ސިހުރު ހެދުމާއި ޖިންނި ޝައިތާނުންނާއި ވާހަކަ ދައްކާ އެސޮރުމެންގެ ވާގި ހޯދާ ނުބައި މީހެކެވެ. ހާރޫނު އިތުރަށް ސިހުރު އުނގެނުމަށާއި ސިހުރު ޓެސްޓު ކުރަމުން އަންނަނީ ފަރީނާއަށެވެ. ދުވަހަކަށްވުރެ ދުވަހެއް ސިހުރުގެ ވޭނުގައި ފަރީނާ ދަނީ މަރާހަނގުރާމަ ކުރަމުންނެވެ.

ފަތިހުގެ ފިނިކަމުގެ ވަގުތު މުޅި ދުނިޔެއަށް ވެރިވެގަނތް ވަގުތު މަޑުމޮޅިކަމާއި ކަންނެތްގޮތަކަށް ފަރީނާ އެނދުން ތެދުވިއެވެ. ބޮލުގަޔާއި މުޅި ހަށިގަނޑުގައި ރިއްސުމުގެ ސަބަބުން އެޒުވާން ދެލޯ ހުޅުވާލުމަކީ ފަރީނާއަކަށް ފަސޭހަކަމަކަށް ނުވިއެވެ. ބަލާބެލުމަށް ފަރީނާއަކީ އަދިވެސް 25 އަހަރުގެ ޒުވާން އަންހެންކުއްޖެއް ފަދައެވެ. ހުުުނުމުގައި ލަދުވެތިކަމާއި ވާހަަަކަ ދެއްކުމުގައި މާތް އަޙްލާގެއްގެ ވެރިއެކެވެ. ސާދާ މިޒާޖެއްގެ ދީންވެރި އަންހެނެކެވެ. ނަމަވެސް ސިހްރުގެ ވޭން ތަހައްމަލް ކުރަމުން އައިސް މިހާރު އެފަކީރުގެ ދެފައިގެ ކަކުލުންތިރި ބަރުވެގެން ގޮސް ހީވަނީ ހިލަގަނޑެެއްހެންނެވެ. ގައިގެ އެކި ތަންތަނަށް ތަދުވުމާއި އައްސިވެފައި ހުރުމުން އެނދުގައި އިށީނދެގެން އިނެވެ.

މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާ ދާއޫދު ފެނޭތޯ ބަލާލިއެވެ. ކޮޓަރީގެ ހުޅަނގު ފަރާތު ކަނުގައި ހުރި ކުޑަ މޭޒުމަތީގައި އޮންނަ ބައްތި ނެތުމުން ދާއޫދުވީ ވަލަށް ގޮސްކަން ފަރީނާއަށް ޔަގީންވިއެވެ. ދާއޫދު ނެތުމުން ހާރޫނު ފަރީނާގެ ގާތަށް ވަދެފާނެކަމުގެ ބިރަށް ފަރީނާ ބަލަބަލަ އިނެވެ. ފަރީނާއަށް ހާރޫނު ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެއެވެ. ރޭގައިވެސް ހާރޫނު ހެދިއެތިފަހަރަކުން ވީގޮތެއްވެސް ފަރީނާއަކަށް ނޭނގުނެވެ. އެހެންކަމުން މިއަދު ހަށިގަނޑު ބަލިވަމުން އަންނަ ފަރީނާގެ ހަށިގަނޑަށް އަރާމުކޮށްލުމުގެ ގޮތުން އޮށޯވެލާކަށް ނުކެރުނެވެ.

ފަރީނާއަކީ 3 ކުދިންގެ މަންމައެކެވެ. ކުރިން ކޮށްފައިވާ ކައިވެންޏަކާ ގުޅިގެން އެހެން މީހަށް ލިބިފައިވާ އަންހެން ދަރިޔަކު ހުރެއެވެ. އެއީ ޒާހިދާއެވެ. ޒާހިދާ ވަނީ އޭނާގެ ބައްޕަ ގެންގޮސްފައެވެ. އެހެންކަމުން ފަރީނާގެ ގާތުގައި ތިބީ ދާއޫދުގެ ދެކުދިންކަމަށްވާ އަދުހަމްއާއި އަޒްލީފާއެވެ. ފަތިސްނަމާދު ކޮށްލުމުގެ ގޮތުން ގިފިއްޔަށްވަދެ ވުޟޫކޮށްގެން އައިސް ނަމާދުކުރަންފެށިއެވެ.

ފަތިސް ނަމާދުގެ ފަހުރަކުޢަތުގެ ރުކޫއިން ތެދުވި ތަނާ ފަރީނާގެ މޫނު މައްޗަށް އަނދިވާގޮތްވިއެވެ. މުޅި މީހާގެ ގައިން އެއްކޮށް ބާރުގޮސް ފަރީނާ ވެއްޓިއްޖެއެވެ.

ފަރީނާއަށް ލޯހުޅުވާލެވުނު އިރު ދާއޫދުގެ އާއިލާ މީހުންނާއި ގެކައިރީގައި ފަރީނާއަށް ހެޔޮއެދޭ ދެތިން މީހަކު ފަރީނާ ވަށާލައިގެން ތިއްބެވެ. އެއްބަޔަކު ފެން އުނގުޅަނީއެވެ. އަނެއްބަޔަކު ފައިތިލައާއި އަތްތިލައަށް ހޫނު ކުރަނީއެެވެ. އަދި އަނެއްބަޔަކު ރޮނީއެވެ. ފަރީނާގެ ދެކުދިންވެސް މަންމާއޭ ކިޔާ ގޮވަމުންދެއެވެ. ނަމަވެސް ފަރީނާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ފަރީނާގެ ދޫވަނީ ބަންދުވެފައެވެ. މީހުންދައްކާ ވާހަކަ އަޑުއިވެއެވެ. އެމީހުން ކުރާ ކަންކަންވެސް ފެނެއެވެ. ނަމަވެސް ފަރީނާއަކަށް އެއްޗެއް ބުނެވޭނެ ގޮތެއް ނުވިއެވެ. ފަރީނާ ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. އޭރު ފަރީނާގެ ލޮލުން ކަރުނަ ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ.

ދާއޫދު އައިސް ގޭތެރެއަށް ވަނުމާއެކު ފަރީނާގެ ހާލު ދާއޫދަށް ފެނުނެވެ. ދާއޫދު ބަލާކަށް ނުހުރެ އޭނާގެ ބައްޕަ ހާރޫނު ހޯދަން ދިޔައެވެ. އޭރު އެރަށުގައި ފަންޑިތަ ހަދާ ދެމީހަކު ގެނެސް ތަށިލިޔެ ފަރީނާ އަށް ބޯންދީފިއެވެ. ނަމަވެސް އެއްވެސް މީހަކަށް ފަރީނާ ރަނގަޅެއް ނުކުރެވުނެވެ.

ހާރޫނު އައިސް ފެންތައްޓެއް ކިޔަވާފައި އަނގައަށް އެޅިތާ އިރުކޮޅެއްގެ ފަހުން ފަރީނާއަށް ވާހަކަ ދެއްކޭގޮތް ވިއެވެ. އެވަގުތު ފަރީނާގެ އަވެއްޓެރި ފަތުހިއްޔާ ސުވާލު ކުރިއެވެ. ފަރީނާ ކިހިނެތްވީ ބުނެބެލަ؟

(ނުނިމޭ)

ނޯޓް: މި ސިލްސިލާ ވާހަކަ ގެނެސްދެވޭނީ ކޮންމެ ހުކުރު ދުވަހަކު އެވެ.

  1. Avatar
    moderated

    ހާދަ ލަހޭ އަޕް ކުރަން.. ކޮބާތަ 2ވަނަ ބައި؟؟ މި ހުކުރުގަ އަޕް ކުރޭތޯ ހާދަ ބަލައިފީމޭ

  2. Avatar
    moderated

    މަގޭ ވަރަށް ފޫހި ވާ ކަމެއް މިކަހަލަ ސިލްސިލާ ވާހަކަތަކަށް ދިގު ދިގު އިންތިޒާރެއް ކުރުން…ކިޔާހިތް ވެސް ކެނޑިގެންދޭ..!

    14
  3. Avatar
    moderated

    kithah page mi? adhi kon nameh Kiyany? full name

ޚިޔާލު ފޮނުއްވާ