އިތުބާރު ގެއްލުވާ ނުލާ - 19

ސަލާމަށް އަކިލްއާއި ދިމާލަށް އަތް ދިއްކޮށްލަމުން އަހަރެން އަހައިލީމެވެ. އެއީ އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ. އަހަރެންގެ ވާހަކަ ތަކާއި އެކު އަކިލްގެ މޫނު މަތީގައި ލުއި ހިނިތުންވުމެއް ދުވެލި އިރު، އައިސް އެނދުގެ މަގަތުގައި އިށީންނަމުން އަހަރެންގެ އަތުގައި ހިފައި ސަލާމްކޮށްލަމުން އޭނާ ބޯޖަހައިލިއެވެ. ބޭއިހްތިޔާރުގައި އަހަރެންނަށް ވެސް ހިނިތުންވެވުނެވެ.

އެއްވެސް ހަމަނުޖެހުމަކާއި ނުލައި، ރިވެތި ގޮތުގައި އަކިލް މި ގުޅުން ކުރިއަށް ގެންދާނޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ. ލޯބި ނެތަސް، ދޭންޖެހޭ ޤަދަރު އޭނާ މިގުޅުމަށް ދޭނެކަމުގެ ފުރިހަމަ އިތުބާރު އަހަރެންނަށް ކުރެވުނެވެ. ނެތްހިތްވަރު ކުރަމުން އަހަރެން މިކުރި އިތުބާރު އަކިލް ދަމަހައްޓާނެ ބާއެވެ؟ އަކިލް އަހަރެންގެ އިތުބާރު ގެއްލުވައި ލައިފާނެ ބާއެވެ؟

********

އައު ދުވަހެކެވެ. ފަތިސް ނަމާދުން ފައިބައިގެން އަހަރެން ސަލާންދިން ވަގުތަކީ، އެނދުގެ ކަނާތް ފަޅީގައި ނިދާފައި އޮތް އަކިލް މޯޅިއަކަށް ދެމިލަމުން ތެދުވި ވަގުތެވެ. އާއެކެވެ. ރޭގައި އަހަރެމެން ދެމީހުންވެސް ނިދީ އެއް އެނދެގެއްގައެވެ. ނަމަވެސް އަހަރެމެން ދެމީހުންގެ ދޭތެރޭގައި ވާ ފާރު ފަދައިން އެނދުގެ
މެދުގައި ވެސް ބާލީސްތަކުން ފާރެއް އެޅީ އަހަރެންނެވެ.

‎މުސައްލަ އޮޅައިލަމުން ތެދުވެ ސޮފާ މަތީގައި ބޭއްވުމަށްފަހު އަހަރެން ތިރިއަށް ފޭބީ ކޮފީއެއް ހަދައިލުމަށެވެ. ބަދިގެއަށް ވަނުމަށް އަޅައިލި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެންނަށް ހުރިތާގައި ހުއްޓިލެވުނީ މާ ސިއްރު ސިއްރުން ތިބެ ދެމީހަކު ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުންނެވެ. އެއީ އަކިލްގެ މަންމައާއި ޝާޔާގެ މަންމަ މުޒުނާގެ އަޑެވެ.

‎"އާން ޖައިލްމްގެ މައިންބަފައިން ގުޅާފަ ބުނި ހަވީރު އަންނަ ވާހަކަ....މަށަށް ހީވަނީ އެ ވާހަކަ ދައްކަންހެން އެ އަންނަނީ..." މުޒުނާ ދައްތަ ބުންޏެވެ.

‎"ތިވީ ވަރަށް ރަނގަޅަށް! އަހަރެމެން އަމިއްލައަށް ފަށާނެ ގޮތެއް ނޭނގިފަ ތިބި ވާހަކަ އެއް ވިއްޔަ" ދެމީހުންގެ އަޑުގައިވެސް ހަމަޖެހުން ވީއިރު، އެ މާނަ ކުރީ ކޮން ވާހަކައަކަށްކަން ނޭނގުމުން އަޅައިނުލައި ކޮފީ ގިރުމަށް އަހަރެން އަވަސްވެގަތީމެވެ.

‎ތައްޔާރުވެ ނިމުމުން އަހަރެން ކުލިނިކަށްވެސް ދިއައީ އަކިލްއާއި އެކީގައެވެ. އަހަރެން ލައި ދިނުމަށްފަހު އޭނާގެ ޑިއުޓީއަށް ދިއުމަށް ކާރުގައި އަކިލް ނައްޓައިލުމާއިއެކު، ކުލިނިކުގެ އެތެރެއަށް އަހަރެން ހިނގައިގަތީމެވެ.

ކުލިނިކުގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ރިސެޕްޝަންގެ ކައިރީގައި ހުރި ޒައިކްގެ ސުވާލުން ފުރިގެންވީ ނަޒަރު އަހަރެންނަށް އަމާޒުވެގެން ދިއައިރު، އޭނާ ފެންނަކަމަށް ވެސް ނަހަދައި ކުލިނިކުގެ ތެރެއަށް އަހަރެން ހިނގައިގަތީމެވެ. ނަމަވެސް ޒައިކްގެ ސުވާލުތަކާއި ކޮންމެ ވެސް އިރަކުން ކުރިމަތިލާންޖެހޭނެކަން އަހަރެން ދެނެހުރީމެވެ.

މުޅި ދުވަސް ވެސް ދިޔައީ އެފަދަ ގޮތަކަށެވެ. ޕޭޝަންޓުން ބަލައި ނިމި މެންދުރު ކާގަޑި ޖެހުމާއިއެކު އަވަސްކޮށްލަމުން ކުލިނިކުގެ ކެންޓީނާއި ދިމާލަށް އަހަރެން މިސްރާބުޖެހީ ބަނޑުހައިހޫނުކަން އިހުސާސް ކުރެވެން ފެށުމާއިއެކީގައެވެ.

ފްރައިޑް ރައިސްއަކަށް އޯރޑާރ ކޮށްލުމަށްފަހު ގޮސް ހުސް މޭޒެއްގެ ދޮށުގައި އިށީނި އަަހަރެން ސިއްސައިގެން ދިއައީ ކުރިމަތީގައި ހުރި ހުސް ގޮނޑީގައި އައިސް އިށީނި މީހާ ފެނުމުންނެވެ. ވަގުތުން އިން ގޮނޑިން ކޮށްޅަށް ތެދުވުނު އިރު "މިތާ ކީތްތިކުރަނީ؟" އަހަރެންނަށް އަހައިލެވުނީ ތަންކޮޅެއް ބާރަށެވެ.

އޭރު ލާނެތް ހިނިތުންވުމެއް މޫނުމައްޗަށް ވެރި ކުރުވައިގެން ސިފައިންގެ ޔުނީފޯރމުގައި އަހަރެންގެ ކުރިމަތީގައި އިނީ ދެވަނަ އެހެން މީހެއް ނޫނެވެ. އަކިލްއެވެ.

އޭރު ކެންޓީން ތެރޭގައި ތިބި ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ އަހަރެމެންނާއި ދިމާލަށެވެ. ވަށައިގެން ބަލައިލުމަށްފަހު މަޑުމަޑުން ގޮނޑީގައި އަހަރެން އިށީނީ އެންމެގެ ސަމާލުކަން އަހަރެންނާއި ދިމާލަށް ހުއްޓިފައި ހުރުމާާއިއެކު ކުޑަކޮށް ލަދުން ހުރެއެވެ.

"ހާއި މަލަކް؟ މީ ބޯއިފްރެންޑް ތަ؟" ކުލިނިކުގެ ޑަކުޓަރެއް އަދި މިހާރު އަހަރެންގެ ގާތް އެކުވެރިއެއް ކަމުގައިވާ ހަނާ އައިސް އަހަރެންނާއި އަކިލް އިށީނދެގެން ތިބި މޭޒު ކައިރީ ހުރި ހުސް ގޮނޑީގައި އިށީންނަމުން އަހައިލީ ޝައުގުވެރި ކަމާއިއެކީގައެވެ.

ހަނާއަކީ މިޒާޖުގެ ގޮތުން އަނގަ ގަދަ އެންމެނާއި ގުޅޭ ޑަކުޓަރެކެވެ. "ނޫން އެއީ..." ހަނާއަށް ޖަވާބު ދިނުމަށް އަހަރެން ހުޅުވައިލި އަނގަ ލައްޕައިލަން ޖެހުނީ، އިސްވެ އަކިލް އެ ސުވާލަށް ޖަވާބު ދިނުމުންނެވެ.

"ނޯޕް! އައި އޭމް ހާރ ހަޒްބޭންޑް" ލާނެއް ހިނިތުންވުމަކާއިއެކު އަހަރެންނާއި ދިމާލަށް ބަލައިލަމުން އަކިލް ބުނެލުމާއިއެކު ހަނާގެ މޫނުމަތީގައި ވީ ޝައުގުވެރިކަން ދެގުނަ ވެގެން ދިއައިރު، ލަންޗް ގަޑި ނިމެން ދެން އޭނާ އަނގަ ހުއްޓައި ނުލައެވެ. އެންމެ ފަހުން އަކިލް ވެސް ދިއައީ އަަހަރެމެންނާއި އެކު ކައިގެނެވެ.

***********

"އާން އެކޭ ! ސިފައިންގެ ޔުނީފޯރމުގަ އެއިން ހޮޓު ސޮރު އެއީ މަލަކްގެ ފިރިމީހާއޭ! މަ ބުނީމަ ތިމީހުން ޤަބޫލު ނުކުރަނީ ހަމަ" ހުރިހައި ޕޭޝަންޓުން ބަލައި ނިމުމަށްފަހު ގެއަށް ދިއުމުގެ ކުރިން ކޮފީއެއް ބޮއެލުމުގެ ނިޔަތުގައި ކޮފީ ރޫމްއަށް ވައިން އަހަރެންގެ ކަންފަތަށް އިވުނު އަޑާއިއެކު ހިނިތުންވެލެވުނީ ބޭއިޙްތިޔާރުގައެވެ.

އެވާހަކަ ދައްކަމުން ދިޔަ މީހުން ތިބި މޭޒާއި ދިމާލަށް ބަލައިލުމާއިއެކު މޭޒު ދަށުގައި އިން ޒައިކްގެ އަހަރެންނަށް ހުއްޓިފައިވީ ނަޒަރު އޭނާ ބަދަލުކޮށްލިތަން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. މާ ބޮޑުކަމަކަށް ނަހަދައި ކޮފީ ގިރާލައިގެން މޭޒެއްގެ ދަށުގައި އިށީންނަން އުޅުނު އަހަރެން ސިއްސައިގެން ދިއައީ ކައިރިން ލާފައި ދިޔަ ނަރުސްކުއްޖާގެ އަތުން ޖެހި ކޮފީ ޖޯޑުން އެތި ފޮދެއް އަހަރެންގެ ހެދުމަށް އެޅުމުންނެވެ.

އޭނާ މަޢާފަށް އެދުމުން އެއީ މަޢާފަށް އެދޭވަރުގެ ކަމެއް ނޫންކަމަށް ބުނެ، ކޮފީ ރޫމް އިން ނިކުމެ ފާހަނައާއި ދިމާލަށް އަހަރެން މިސްރާބުޖެހީ ، ކޮފީ ވެރުނު ތަންކޮޅު ސާފުކޮށްލުމަށެވެ.

"ނަސީބެއް ފިލައިފި" އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ސިންކުގެ އިސްކުރު ބަންދުކޮށްލުމަށްފަހު، އަނެއް ފަރާތަށް އެނބުރުނު އަހަރެންނަށް ކުއްލި ސިހުމެއް ލިބުނީ އަހަރެންގެ ގަޔާ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ޒައިކް ފެނުމުންނެވެ.

"މަލަކް ކޮން މޮޔައެއް ވެގެން އޭނަޔާ އިނީ؟ އެއީ ކޮންކަހަލަ މީހެއްކަން ނޭނގެނީތަ؟" އަހަރެންނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޒައިކް އޭނާގެ ސުވާލުތައް އޮއްސާލިއެވެ.

"ޒައިކް، މަލަކްގެ ޕާރސަނަލް ކަންކަމާ ބެހުމުގެ ހައްގެއް ޒައިކް އަކަށް ނޯންނާނެ" ޒައިކްގެ އެ އަމަލުން ހިތްހަމަ ނުޖެހި ހުރެ ފާހަނާއިން ނިކުންނަން އަހަރެން އަޅައިލި ފިޔަވަޅު މަޑުޖައްސައިލަން ޖެހުނީ، އޭނާ އަހަރެންގެ ކުރި ބެއްދުމުންނެވެ.

"މަލަކްގެ މުޅި ހަޔާތުގަ ފުރަތަމަ ފަހަރަށް މީހަކު ދެކެ ލޯބިވީ މީހަކީ އަހަރެންނެއް ނޫންތަ؟ " ދެން ޒައިކް ކޮށްލީ ނުވެސް ގުޅޭ ސުވާލެކެވެ. އޭނާގެ މޫނުމަތީގައި ވީ އަސަރު ދެނެގަތުމުގައި އަހަރެން ނުކުޅަދުނު އިރު، ކައިރިއަށް އަޅަމުން ދިޔަ ފިޔަވަޅު ތަކާއި އެކު އޭނާ އަހަރެން ފާރާއިލައި ފިއްތައިލިއެވެ.

ކުޑަކޮށް ޖެހިލުންވުމާއި އެކު އަހަރެންގެ ނިއްކުރިން ދާތިކި ބަބުޅަން ފެށި އިރު، އެވަރަށް ރުޅި ވެސް އާދެވުނެވެ. "ޒައިކް ބުނަން! ތި ދައްކަނީ މީގެ އެތައް އަހަރެން ކުރިން އަހަރެމެން ސުކޫލުގަ އުޅުނު އިރުގެ ވާހަކަ. އޭރު ލޯތްބަކީ ކޯޗެއްކަންވެސް އަހަރެންނަށް ރަނގަޅަކަށް ނޭނގޭ. އާން އޭރު ޒައިކްއާ ގަޔާވެވުނު އެކަމު މިހާރު އަހަރެންގެ ހިތަކު ޒައިކް އާ ދޭތެރޭ އެކަހަލަ އެއްވެސް އިހުސާސެއް ނެތް! މިހާރު އަހަރެން މީ މީހެއްގެ އައިންބެއް! ޒައިކް ލަދުގަންނަން ޖެހޭނެ އަަހަރެންނާ ތިހެން ކައިރިވާން" އައިސްފައި ހުރި ގަދަ ރުޅި އާއި އެކު އަހަރެންނަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.

ޒައިކް އަހަރެންނާއި ވަގުތުން ދުރަށްޖެހިލި އިރު، އޭނާގެ މޫނަކަށް ބެލުމެއް ނެތި އަވަހަށް އެތަނުން ނިކުތީމެވެ.

**********************

ޑިއުޓީ ނިންމާލާފައި ގެއަށް ދެވުމާއިއެކު އަހަރެންނަށް ލިބުނީ ހީވެސް ނުކުރާ ފަދަ އުފާވެރި ހަބަރެކެވެ. އެއްކަލަ ޝާޔާއާއި ޖައިލަމްގެ ކައިވެނި އަންނަ ހަފްތާގައި ކުރުމަށް ދެއާއިލާއިން ނިންމި ހަބަރެވެ. ޝާޔާއާއި ދިމާކޮށް މަރުހަބާ ކިޔުމަށްފަހު އަހަރެން ކޮޓަރިއަށް ގޮސް ތާޒާ ވެލައިގެން ފާހަނާއިން ނިކުތީމެވެ.

ވަރުބަލިކަން އިހުސާސް ކުރެވެމުން ދިއުމާއިއެކު އެނދުގައި އޮށޯވެލިއިރަށް ނިދިޖެހިއްޖެއެވެ. ދުވަސްތައް ގުނަމުން ގޮސް މިއަދަކީ ޝާޔާއާއި ޖައިލަމްގެ ރަންކިޔުމުގެ ހަފްލާ އޮންނަ ދުވަހެވެ. ހަފްލާ އޮތީ އަކިލްމެންގެ ގޭ ބަގީޗާގައި ކަމުން އަހަރެން ކޮޓަރީގައި ހުރެ ތައްޔާރުވަމުން ދިޔައީމެވެ. އޭރު ފެންވެރުމަށްޓަކައި ފާހަނައިގައި އަކިލް އުޅެއެވެ.

ފާއިތުވެދިޔަ ދެތިން ދުވަހު ޒައިކްގެ އުނދަގުލެއް ނުވުމާއިއެކު އަހަރެން ހުރީ ހިތްހަމަޖެހިގެންނެވެ. ލައިގެން ހުރި ރަތް ކުލައިގެ ލިބާހާއި ގުޅޭނެ ހެން އަހަރެންގެ ފަން އިސްތަށިގަނޑު ހުޅިއެއް ޖަހައިލުމަށްފަހު ލުއި މޭކް އަޕެއް ކޮށްލީމެވެ. ކަރަށް ރަން ފައްޓަރުބައި މަހައިލުމަށްފަހު ކޮޓަރިން ނިކުތުމަށްޓަކައި އަނެއް ފަރާތަށް އެނބުރުނު އަހަރެންނަށް ހުރި ފިޔަވަޅު މަތީގައި މަޑު ކޮށްލެވުނީ، ހަމައެކަނި ތުވާލިކޮޅުގައި ހުރެ ފާހަނައިން ނިކުމެގެން އައި އަކިލް ފެނުމުންނެވެ.

އޭނާގެ ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑުގައި ފެން ތިކިތައް ބަބުޅަމުން ދިޔައިރު، ތެތްކޮށް އޮތް އިސްތަށިގަނޑުން ފެންތައް ދިއައީ ފައިބަމުންނެވެ. އެ ކަސްރަތީ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނުކަން ރޭކާއިލުމާއިއެކީ އަވަހަށް ނަޒަރު ބަދަލުކޮށްލަމުން އަހަރެން ކޮޓަރިން ނިކުމެގެން ދިއައީ، އަކިލްއަށް ބެލުމެއްނެތިއެވެ. އެހެންކަމުން، އޭރު އަހަރެންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލައިގެން ލާނެއް ހިނިތުންވުމެއް މޫނު މައްޗަށް ވެރިކުރުވައިގެން ހުރި އަކިލް އަހަރެންގެ ލޮލަކު އަޅައެއް ނުގަނެއެވެ.

ބަގީޗާ ތައްޔާރު ކުރެވިފައިވަނީ ދުވަހުގެ ތީމްއާއި ގުޅޭނެހެން ސަޤާފީ ސްޓައިލްއަކަށެވެ. ބޯގަންވިލާ ގަސްތަކުގެ ކައިރީގައި ހެއްލާ އުނދޯއްޔެއް ބެހެއްޓިފައި ހުރިއިރު، މޭޒުމަތީގައި ހުރީ ދިވެހި ލުއި ކާނާގެ ބާވަތްތަކެވެ. ކުޅި ރޮއްޓާއި، ތެލުލި ބަނބުކެޔޮ ފަދަ ކާނާއެވެ.

ރަންކިއުމުގެ ހަފްލާ ފެށިގެން ދިއައިރު، ދެއާއިލާގެ މީހުން ވެސް ހަމަވެއްޖެއެވެ. 1111 ރުފިޔާއަށް ޝާޔާ ރަން ކިއުމާއިއެކު އެންމެންގެ އަތްތިލަ ބަޑީގެ އަޑު އިވިގެން ދިއައެވެ. ހުދު ކުލައިގެ ލިބާހެއްގައި ޝާޔާ ހުރި އިރު، އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެކުވެރިޔާގެ އުފަލުގައި ފުރިހަމައަށް އަހަރެންވެސް ބައިވެރިވީމެވެ.

ބޮޑުބެރު ލަވަ ސްޕީކަރުންޖެހުމާއި އެކީ މުޅި މާހައުލު ފޯރި ގަދަ ވެގެން ދިއައިރު، ޝާޔާއާއިއެކީ ފޮޓޯ ނަގަން ހުރި އަކިލްގެ ދެފަޔަށް ހީވީ ހިނި އަރައިގެން އުޅުނު ހެންނެވެ. ޖައިލަމް އަކިލް އަދި ޖައިލަމްގެ ފިރިހެން ދެ ކޮއްކޮ ނަށަން ފެށި އިރު، އަކިލް ޖައްސަމުން ދިޔަ ވައްތަރު ތަކުން އަހަރެންނަށް ވެސް ނުހީ ނުހުރެވުނެވެ.

ބަބުރު ލަވައެއްކަމުން ފޯރި ދިއައީ ހައްތަހާ ގަދަވަމުންނެވެ. އެންމެ ފަހުން ސަކަރާތް ގަނޑު ނިމުނީ މަޢުރިބު ނަމާދުގެ ބަންގީގެ އަޑަށެވެ.

"އަަހަރެންނަށް މަލާމަތް ކޮށްފަ ދޯ ހޭންފެށީ ؟ އެހާވެސް ހަޑިކޮށް ތަ ނެށުނީ؟" ކޮޓަރީ ލޯގަނޑު ކުރިމަތީ ހުރެ މޭކް އަޕުތައް ފޮހެމުން ދިޔަ އަހަރެންގެ ކަންފަތުގައި ޖެހުނީ ކޮޓަރިއަށް ވައިން އަކިލްގެ އަޑެވެ.

"ނޫނޭ! އެހާ މޮޅު ނެށުންތެރިންނަށް ދެން މަލާމާތެއް ނުކުރާންނު" މަޖާ ރާގަކަށް އަހަރެން ބުނެލުމާއިއެކީ ފާޑަކަށް ދޫ ނެރެލަމުން އެހެން ހެއްޔޭ ކިޔައި އަކިލް މިސްކިތަށް ދިއުމަށް ނިކުތް އިރު، އަހަރެންގެ މޫނުމަތީގައިވީ ހިނިތުންވުން ފެނުމާއިއެކު ޤަބޫލު ނުކުރެވިފައި ހިނދުކޮޅަކު ހުރެވުނެވެ.

އަކިލްއާއި ކައިވެނި ކުރިފަހުން އަހަރެންނަށް ރީއްޗަށް ހިނިތުންވެލެވުނު މިއީ ފުރަތަމަ ފަހަރު ކަންނޭނގެއެވެ. ރަހުމަތްތެރިކަމުގެ އަތް ދިއްކޮށް އަހަރެންނަށް މި އެޅުނީ ރަނގަޅު ފިޔަވަޅެކޭ ހިތް ބުނެލިއިރު، އަހަރެންގެ ސިކުނޑި އަކިލްއަށް އިތުބާރު ނުކުރުމަށް ރަތް ސިގުނަލް ދެމުން ދިއައެވެ.

އިތުރު ކަމަކައި ނުވިސްނައި އަހަރެން ނަމާދުކުރަން އަވަސްވެގަތީމެވެ.

ދެދުވަސް ފަހެވެ. މިއަދަކީ ޝާޔާގެ ކައިވެނި ޖައިލަމްއާއި ކުރެވޭ ދުވަސްކަމުން މުޅި ގޭތެރެ އޮތީ ހަލަބޮލިވެފައެވެ. ކުލިނިކުން އޮފްއެއް އަހަރެން ވެސް ނެގީ އެކުވެރިޔާގެ ހަޔާތުގެ ބޮޑު ދުވަހެއްކަމުން އޭނާގެ ހިދުމަތުގައި ހުންނަށް ބޭނުންވާތީއެވެ.

ލޯގަނޑު ކުރިމަތީ ކައިވެނީގެ ހުދު ހެދުމުގައި ހުރި ޝާޔާގެ ރީތިކަމަށް ތަޢުރީފުކޮށްލަމުން "މާޝާﷲ" އޭ އަހަރެން ބުނެލީމެވެ. އޭނާ ނުތަނަވަސްވެފައި އިންވަރު މޫނުމަތިން ފެންނަމުން ދިޔައެވެ.

"މަލަކް ވެސް ހަމަ މިހައި ނާރވަސް ވިތަ މެރީ ކުރި ދުވަހު؟" ޝާޔާ އަހައިލުމާއިއެކީ އަަހަރެންގެ ހިޔާލު ދަތުރު ކުރީ އަހަރެންނާއި އަކިލްގެ ކައިވެނި ކުރެވުނު ދުވަހަށެވެ. އެދުވަހު ކިތަންމެ ނުތަނަވަސް ވިޔެއްކަމަކު، މިއަދު ޝާޔާގެ ހިތުގައިވާ ޝުއޫރު ތަކާއި އެދުވަހު އަހަރެންގެ ހިތުގައިވީ އިހުސާސްތައް ހާސްބައި ތަފާތުވާނެވެ. ޝާޔާގެ ކައިވެނި އެކުރެވެނީ އޭނާ ހިތް އެދޭ ބައިވެރިޔަކާއެވެ. ނަމަވެސް އޭރު އަހަރެންގެ ކައިވެންޏަކީ ދެއާއިލާގެ ދެމެދުގައި ވެވުނު އެއްބަސްވުމެކެވެ. ހިތާއި ދެކޮޅަށް އަހަރެން ނިންމި ނިންމުމެކެވެ.

"ގާޒީ އަތުވެއްޖެ! މަލަކް އަވަހަށް އާދޭ ޝާޔާ ގޮވައިގެން" އެ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ބޯ ދިއްކޮށްލި ވަޒްލިފާ ދައްތަ ބުނުމާއިއެކު އަހަރެންނަށް ހިޔާލުތަކުން މިންޖުވެވުނެވެ. "ހާން... ނާރވަސް ނުވާނީ ކާކު ދޯ!" ހިނިތުންވެލަމުން އަަހަރެން ޝާޔާ އަޅައިގެން ހުރި ހުދުކުލައިގެ ޝޯލް ރީތިކޮއްލަ ދިނީމެވެ. އަދި އޭނާ ގޮވައިގެން ކައިވެނި ކުރެވޭ މާލަމަށް ދިއުމަށްޓަކައި އަވަސްވެގަތީމެވެ.

ކަވެނީގެ މަޖިލިސް ފެށިގެން ދިއައިރު، އަހަރެންގެ ކައިރީ ކަޅު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރި އަކިލްގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓެމުން ދިއަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އިސްތަށި ގަނޑުގައި ދެތިން ފަހަރަކު އަތް ހާކައި ލެވުނީ އޭނާ އެވަރަށް އެބަލަނީ އިސްތަށިގަނޑު ހަޑިކޮށް ހުރީމައި ކަމަށް ހީކޮށެވެ.

އަހަރެން ލައިގެން ހުރީ ކަޅުކުލައިގެ މެކްސީއެކެވެ. އިސްތަށިގަނޑު މިނިވަންކަމާއިއެކު ފަހަތަށް ދޫކޮށްލީ ހެދުމާއި ގުޅޭތީއެވެ. ކައިވެނި ޕާރޓީގެ ކުލައަކީ ކަޅާއި ހުދު ކަމުން މުޅި ތަން ޒީނަތްތެރި ކުރެވިފައިވަނީ އެދެ ކުލަ ބޭނުންކޮށްގެނެވެ. ހުދު ފިނިފެންމަލާއި އަލިގަދަ ޗާންދަލިޔާތަކެވެ. ކައިވެނި ކޮށް ނިމުމާއިއެކު ޕާރޓީ ފެށިގެން ދިއައެވެ.

މާލަމަށް ވަދެގެންއައި އަހަރެންގެ މައިންބަފައިން ފެނުމާއިއެކު ހިނިތުންވެލެވުނެވެ. ހިތުގައި ކިތަންމެ ޝަކުވާއެއް ވިޔަސް ހިތް ބުރަ ކުރުމެއްނެތި އަހަރެން ގޮސް އެދެމީހުން ގައިގައި ކުޑަކޮން ބައްދައިލީމެވެ.

ފޮޓޯ ނެގުމުގެ ކަންތައް ނިމުމާއިއެކު، އަލަތު ކައިވެނި ކުރި ޖޯޑަށް ހާއްސަ ލަވަތަށް އިވެން ފެށިއެވެ. ޝާޔާއާއި ޖައިލަމްގެ އިތުރުން ހަފްލާގައި ތިބި އެހެން ޖޯޑުތައްވެސް ކަޕަލް ޑާންސްގައި ބައިވެރިވިއިރު، ރައްޓެހިންތަކެއްގެ ގާތުގައި ހުރި އަހަރެން ސިއްސައިގެން ދިއައީ އަކިލް އައިސް އަހަރެންނާއި ދިމާލަށް އަތް ދިއްކޮށްލައި ނެށުމުގައި ބައިވެރިވުމަށް އެދުމުންނެވެ.

ގިނަ މީހުންގެ ނަޒަރު އަމާޒުވާން ފެށުމާއިއެކު، އޭނާގެ އަތުގައި ހިފައި ނެށުމުގައި އަހަރެން ބައިވެރިވީ، އެންމެންގެ ތެރޭގައި ނޫނެކޭ ބުނަން ނުކެރުމުންނެވެ.

ފެނިފަ ހީލީ ލަދުރަކި ގޮތަކަށް

ފޮރުވަނީ ހޭ ތި މޫނު

ވާތީ ތިހާ ކައިރީގާ މިތުރާ

ހިތް އަވަސް ވޭ މިހާރު

ތިޔަ އަސަރުންނޭ މި ހިތް ފުރާލީ

ހީވެސް ނުވޭ މީ ލޯބި ހެއްޔޭ

ޖެހިލުންވާހާ ޔާރާ ލިބުނީމާ

ބިރުގަނޭ ހިތް އެބަ ތެޅެޔޭ

އަހަރެންގެ އަތް އަކިލްގެ ކޮނޑުމަތީގައި ވީއިރު، އޭނާގެ ދެއަތް ވަނީ އަހަރެންގެ ހިމަ އުނަގަނޑުގައި އޮޅައިލެވިފައެވެ. ރާގައި އެއްވަރަށް ހަރަކާތް ކުރަމުން ދިޔައިރު އަކިލްގެ ތޫނު ދެލޮލަށް ބަލަަހައްޓައިގެން އަހަރެންނަށް ހުރެވުނީ ބޭއިހްތިޔާރުގައެވެ. އޭނާގެ ކަތި ނަޒަރު އަހަރެން މޫނަށް ހުއްޓިފައިވީއިރު އޭނާގެ އެ ބެލުމުން އަަހަރެންނަށް ލަދުވެތިކަމުގެ އިހުސާސް ކުރެވެންވީ ކީއްވެ ބާއެވެ؟

ނުނިމޭ

    Please log in or register to bookmark.
    2k

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published.